ގުޅިގެން މަސައްކަތްކުރަން ހޮންކޮންގެ އިންޑިޕެންޑެންޓް ކޮމިޝަން އަގެއިންސްޓް ކޮރަޕްޝަން (އައިސީއޭސީ) ރާއްޖޭގެ އެންޓި ކޮރަޕްޝަން (އޭސީސީ)އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

އޭސީސީން މިއަދު ބުނީ އެ އެމްއޯޔޫގައި ސޮއިކުރީ އައިސީއޭސީގެ ކޮމިޝަނަރ ޑެނީ ޔެންގ މިންގ ވޫގެ ރަސްމީ ދަޢުވަތަކަށް، އޭސީސީގެ ރައީސް އާދަމް ޝާމިލް ހޮންގްކޮންގްއަށް މިދިޔަ މަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށެވެ.

އެ އެމްއޯޔޫގައި އޭސީސީގެ ފަރާތުން ރައީސް ޝާމިލު ސޮއިކުރެއްވި އިރު އައިސީއޭސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ކޮމިޝަނަރ، ޑެނީ ޔެންގ މިންގ ވޫއެވެ.

ހޮންގްކޮންގްގެ އައިސީއޭސީއަކީ، ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަޙުޤީޤުކުރުމާއި ކޮރަޕްޝަން ވިޔަނުދިނުމުގެ (ޕްރިވެންޝަން) އިތުރުން ކޮރަޕްޝަނާއި ދެކޮޅަށް މުވައްޒަފުން ބިނާކުރުމުގައި ސަރަޙައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރެވޭ މުއައްސަސާއެކެވެ.

އެ އެމްއޯޔޫގައި ހިމެނޭ ކަންކަމުގެ ތެރޭގައި ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ތަހުގީގުތަކާއި ގުޅޭ މައުލޫމާތު ބަދަލު ކުރުމާއި ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށުގެ ސަބަބުން ގެއްލޭ މުދަލާއި ފައިސާ ހޯދައި އިޢާދަ ކުރުމުގައި އެކުގައި މަސައްކަތް ކުރުން ހިމެނެ އެވެ.

އޭގެ އިތުރުން ކޮރަޕްޝަނާއި މަނީ ލޯންޑްރިންގެ ކުށްކުރާ ގޮތާ ގުޅޭ ކަންކަން ދެނެގަތުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި އެކަންތައްތައް ވިޔަނުދިނުމަށް (ޕްރިވެންޝަން) އެހީތެރިކަން ފޯރުކޮށްދިނުމާއެކު ކޮރަޕްޝަންގެ ކުށް ހުއްޓުވުމާއި ތަޙުގީޤު ކުރުމާ ގުޅުންހުރި މުވައްޒަފުން ތަމްރީނުކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން