މަރްޔަމް ނަހްދާ ވަޙީދު   8 އޮކްޓޯބަރު 2024 - 5:47
މާ ބޮޑަށް ރުޅި އައިސް ރަތްވާނަމަ ހަމަޖުގެ މައްސަލަތައް ޖެހޭ- ގޫގުލް އިމޭޖެސް
މާ ބޮޑަށް ރުޅި އައިސް ރަތްވާނަމަ ހަމަޖުގެ މައްސަލަތައް ޖެހޭ- ގޫގުލް އިމޭޖެސް
ރުޅި އަކީ އިންސާނާގެ ކިބައިގައި ލައްވާފައިވާ އެންމެ ބޮޑު ނޭދެވޭ ސިފައޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. މާ ބޮޑަށް މީހާ ރުޅި އައުމަކީ އެކަމުގެ ސަބަބުން މީހާގެ ލޭ ކެކި، ތަފާތު އެކި މައްސަލަތައް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން ދިރިއުޅުމުގައި ތަފާތު އެކިކަހަލަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭއިރު، މިއީ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށްވެސް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ.

އެގޮތުން ބަލާއިރު މާ ބޮޑަށް ރުޅި ގަދަ ވާނަމަ އެކަމުގެ ސަބަބުން ހަޖަމުގެ މައްސަލަތައް ދިމާވެއެވެ. ރުޅި ގަދަވުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ މަސްތަކަށް ބާރު އަރާ ކަމަކަށްވީއިރު، މިކަމުގެ ސަބަބުން ހަޖަމުގެ ނިޒާމުގައި ލޭ ދައުރުވާ ގޮތަށް ބުރޫ އަރައެވެ. އަދި ހަޖަމުގެ ނިޒާމަށް ބޭނުންވާ ވަރަށް ލޭ ދައުރު ނުވުމުގެ ސަބަބުން ކާއެއްޗެހި ހަމަޖުވުން އުނދަގޫވެ، ބަނޑުގައި ވައި ހެދި، ބަނޑު ފުއްޕުން ފަދަ މައްސަލަތައް ދިމާވެއެވެ.

އަދި މާ ބޮޑަށް ރުޅި އައުމަކީ އޭގެ ސަބަބުން ލޭގެ ޕްރެޝަރުވެސް މަތިވާ ކަމެކެވެ. މިކަން މިހެން ވަނީ ރުޅި އައުމުގެ ސަބަބުން ސިކުނޑީގައި ސިގްނަލެއް އުފެދި އޭގެ ސަބަބުން ސްޓްރެސް ހޯމޯނުތަކެއް ކަމަށްވާ އެޑްރިނަލިން އާއި ކޯޓިސޮލް ފަދަ ހޯމޯނުތައް އުފައްދާ ވަރު އިތުރުވާތީއެވެ. މި ހޯމޯނުތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ، އޭގެ ސަބަބުން ހަށިގަނޑަށް އޮކްސިޖަން ބޭނުންވާ ވަރު އިތުރުވެއެވެ. އަދި މިކަމުގެ ސަަބަބުން ހަށިގަނޑަށް އިތުރު ހަކަތަ ބޭނުންވާތީ ލޭގައި ހަކުރު ހުންނަ މިންވަރުވެސް އިތުރުވެއެވެ.

މީގެ އިތުރުން މާ އަވަހަށް ރުޅި އައުމުގެ ސަބަބުން މީހާގެ ދިފާއީ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކޮށް، ދިފާއީ ނިޒާމުވެސް ބަލިކަށިވެއެވެ. ރުޅި ގަދަވުމުގެ ސަބަބުން މީހާ ކޮންމެ ފަހަރަކުވެސް ތަފާތު އެކިކަހަލަ އިހުސާސްތަކާ ކުރިމަތިލާން ޖެހެއެވެ. އެގޮތުން ބަލާއިރު ރުޅި ގަދަވާ ކޮންމެ ވަގުތެއްގައި މާބޮޑަށް ވިސްނުމާއި، ދެރަވުމާއި، އަމިއްލަ ނަފްސާމެދު ދެކޭ ގޮތް ބަދަލުވުން ފަދަ ކަންކަން ދިމާވެއެވެ. އަދި އޭގެ ސަބަބުން މީހާގެ ދިފާއީ ނިޒާމު ބަލިކަށިވެ ނަފްސާނީ ސިއްހަތަށް އަސަރު ކޮށް، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ވީމާ ރުޅި އަންނަ ކަހަލަ ކަމެއް ދިމާވާ ކޮންމެ ގަޑިއެއްގައި އެކަމުން ފަސޭހަކަމާއެކު އަރައިގަނެވޭނެ ގޮތްތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އެންމެ ފަސޭހަކަމާއެކު ކުރެވޭނެ އެއް ކަމަކީ ނޭވާލުމުގެ އުކުޅުތައް ދަސްކޮށް، ރުޅި ގަދަވާ ގަޑީގައި އެފަދަ ބްރީތިން އެކްސަސައިޒުތައް ކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން