މަރްޔަމް ނަހްދާ ވަޙީދު   8 އޮކްޓޯބަރު 2024 - 6:6
ރަނގަޅު ނޫން ރައްޓެހިންނާ ވީހާވެސް ދުރުވުމަކީ ވަރަށް މުހިންމު ކަމެއް- ގޫގުލް އިމޭޖެސް
ރަނގަޅު ނޫން ރައްޓެހިންނާ ވީހާވެސް ދުރުވުމަކީ ވަރަށް މުހިންމު ކަމެއް- ގޫގުލް އިމޭޖެސް
އަޅުގަނޑުމެންގެ ދިރިއުޅުމުގައި އާއިލާއަށްފަހު އެންމެ ހާއްސަކަން ދެވިފައިވާ ބަޔަކީ ގާތް ރަހްމަތްތެރިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ބައެއް ހާލަތްތަކުގައި އެ ރައްޓެހިންނަކީ އާއިލާ މެމްބަރުންނާ އެއްފަދަ ބައެއް ކަމުގައިވެސް ވެދާނެއެވެ.

ހަޔާތުގައި ދިމާވާ އުސްމިންތަކުގައި އާއި އަޑިގުޑަންތައް އެކުގައި ގިރާ ކުރާނެ ގާތް އެކުވެރިއަކު ހުރުމަކީ ދިރިއުޅުން ބާއްޖަވެރިވާ ކަމެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި އަޅުގަނޑުމެންނަށް ހިޔާރު ކުރެވޭ ރައްޓެހިންނަކީ އަޑި ނުބައި، އަދި "ޓޮކްސިކު" ބަޔަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ބޭނުންވާނަމަ މިފަދަ މީހުންނާ ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިފަދަ މީހުންނާ ދުރުހެލިވެ، ގުޅުން ކަނޑާލަން ބޭނުންވާނަމަ ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އެމީހުންނާ ރަނގަޅަށް ވާހަކަ ދައްކައި މުހާތަބުކޮށް، އަޅުގަނޑުމެންގެ އިހުސާސްތައް އެމީހުންނާ ހިއްސާ ކުރުމެވެ. އަދި އެމީހުންނާ އެ އޮތް ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ކުރިއަށް ގެންދާން ބޭނުންނުވާ ސަބަބު ރަނގަޅަށް ކިޔައިދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މިހެން ކަންތައް ކުރުމުން އިތުރަށް މައްސަލަތަކެއް ނުޖެހި، އިތުރު ޑްރާމާ ތަކެއްގެ ތެރެއަށް ނުވަދެ، ރަނގަޅު ގޮތުގައި އެ ގުޅުން ނިންމާލެވޭނެއެވެ.



"ޓޮކްސިކު" ރައްޓެހިންނާ އެއޮއްނަ ގުޅުން ނިންމާލައި ދުރުވާން ބޭނުންނަމަ ދެން ކުރަންޖެހޭ ކަމަކީ އެމީހުންނާ މަޑުމަޑުން ދުރުވެލުމެވެ. މިހެން ކަންތައް ކުރުމުން އެމީހުންނަށް އަޅުގަނޑުމެން ދުރުވާން އުޅޭކަން އިހުސާސް ކުރެވި، އެ ރަހްމަތްތެރިކަމުގެ ގުޅުން އިތުރަށް ދަމަހައްޓަން ބޭނުން ނުވާ ކަންވެސް އެނގޭނެއެވެ. މިއީ ކުރަން ކިތައްމެ އުނދަގޫ ކަމަކަށްވިޔަސް މިކަން މިހެން ކުރުމުން އަޅުގަނޑުމެންގެ ނަފްސާނީ ސިއްހަތު ރަނގަޅުވެ، ބޭކާރު ކަންކަމާ ވިސްނައި ފިކުރު ކުރާކަަށް ނުޖެހޭނެއެވެ.

މީގެ އިތުރުން މިފަދަ އެކުވެރިންނާ އަޅުގަނޑުމެންނާ ދެމެދު ވަކިކަހަލަ ހައްދު ތަކެއް ކަނޑައެޅުމަކީވެސް އެމީހުންނާ ދުރުހެލިވާން ބޭނުންނަމަ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. މިހެން ކަންތައް ކުރުމުން އަޅުގަނޑުމެން އަންގަން ބޭނުންވާ ކަމެއް ނޫނީ އެމީހުންނަކަށް ނޭނގޭނެއެވެ. އަދި އޭގެ ސަބަބުން އެފަދަ "ޓޮކްސިކު" ރައްޓެހިންގެ ހަސަދަވެރި ލޯތަކުންވެސް ކޮންމެވެސް ވަރަކަށް ރައްކާތެރިކަން ލިބޭނެއެވެ. އަދި އަޅުގަނޑުމެންނާ އެހާ ބޮޑަށް ގާތް ނުވެވޭތީ އެމީހުން އަމިއްލައަށް އެ ގުޅުން ނިންމާލަން ބޭނުންވާނެ ވެސްމެއެވެ.

ދިރިއުޅުމުގައި ހެޔޮލަފާ ރައްޓެހިން ތިބުމަކީ އެކަމުގެ ސަބަބުން ދިރިއުޅުން އިތުރަށް ފުރިހަމަ ވެގެން ދާ ކެމެކެވެ. ނަމަވެސް އަޑި ނުބައި ރައްޓެހިންތިބޭނަމަ އެކަމުގެ ސަބަބުން ދިރިއުޅުން ހަލާކުވެ، އަޅުގަނޑުމެންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ. ވީމާ މިފަދަ އަޑިނުބައި ރައްޓެހިން ހަޔާތުގައި ތިބޭނަމަ، އެމީހުން ދުރުކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން