ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމުގައި އިއްޔެ އެކަނިވެސް ޣައްޒާގެ 77 މީހުން ޝަހީދުކުރި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ހަމަލާތައް ދެމުންދާތާ އަހަރެއްހާ ދުވަސް ވެފައިވާއިރު ހޯމަ ދުވަހު އެކަނިވެސް އިސްރާއީލުން ވަނީ ޣައްޒާގެ 77 މީހުން ޝަހީދުކޮށްލާފައެވެ. މިފަދަ ހަމަލާތަކުގައި އިސްރާއީލުން ދަނީ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންވެސް މަރަމުންކަން ފާހަގަ ކުރެވެއެވެ.

ޣައްޒާއަށް އިސްރާއީލުން ހަމަލާތައް ދެމުންދާއިރު ލުބުނާނުގެ ހިޒްބުالله އިން ދަނީ އިސްރާއީލުގެ އެކި ހިސާބުތަކަށްވެސް ހަމަލާތައް އަމާޒުކުރަމުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން ހިޒްބުالله އިން ވަނީ އިސްރާއީލުގެ ބަނދަރު ސިޓީ ހައިފާ އާއި މެދުތެރޭގެ ސިޓީއެއް ކަމަށްވާ ޓެލް އަވީވް ކައިރީގައި އޮންނަ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ.

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ބެއިރޫތުގައި ހުންނަ ހިޒްބުاللهގެ ޖާސޫސީ މައި މަރުކަޒަކަށް ހަމަލާދީފައެވެ. އިސްރާއީލުން މި ހަމަލާތައް ދެމުން ދަނީ ލުބުނާނުގެ ދެކުނުގެ އެކި ހިސާބުތަކުން މީހުން ބޭރުކުރުމަށް އަމުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 41،909 މީހުން މަރުވެ 97،303 މީހުން ވަނީ ޒަޚަމްވެފައެވެ. އިސްރާއީލުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި 1،139 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ރަހީނުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން