މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޮލީވުޑްގެ ބައެއް މަޝްހޫރު ފަރާތްތަކާއެކު.
މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވަރކިންގ އީވްނިންގ" ގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބޮލީވުޑްގެ ބައެއް މަޝްހޫރު ފަރާތްތަކާއެކު.
ރާއްޖޭގެ ރީތިކަން ދެކި، އެކަންތައް ތަޖުރިބާ ކުރަން އައުމަށް ކެތްމަދުވެފައިވާ ކަމަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ބުނެފިއެވެ.

އިންޑިއާ ސަރުކާރުގެ ހާއްސަ ދައުވަތަކަށް ރައީސް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޓޫރިޒަމް ޕްރޮމޯޓު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެއްގައި ބޮލީވުޑްގެ ނަން މަޝްހޫރު އެތައް ފިލްމީ ތަރިންނެއް ބައިވެރިވެފައިވާއިރު، ރައީސް ވަނީ މި ތަރިންނާއެކު ހާއްސަ ވަގުތުކޮޅެއް ހޭދަކޮށްފައެވެ. އަދި މި ހަރަކާތުގައި ބައިވެރިވި ބޮލީވުޑްގެ ތަރިން ވަނީ ރާއްޖެ އައިސް ރާއްޖޭގެ ރީތިކަން ތަޖުރިބާ ކުރަން ކެތްމަދުވެފައިވާ ކަމަށް ބުނެފައެވެ.

މި ހަރަކާތުގައި ބައިވެރިވި ތަރިންގެ ތެރެއިން މަޝްހޫރު ފިލްމީ ތަރި ޝިލްޕާ ޝެޓީ ބުނެފައިވަނީ އެތައް ފަހަރެއްގެ މަތިން ރާއްޖޭގެ ތަފާތު އެކި ރިސޯޓުތަކަށް ދެވިފައިވާ ކަމަށާއި، ރާއްޖެ ނުދާންވީ ސަބަބެއް ނެތް ކަމަށެވެ. އަދި ރާއްޖެއަކީ އޭނާއަށާއި އޭނާގެ ދަރިންނަށް ވަރަށް ކަމުދާ ތަނެއް ކަމަށް ބުނެ، ޝިލްޕާ ވަނީ މިއީ ޗުއްޓީ ހޭދަކުރަން އަންނަން ވަރަށް ރަނގަޅު ތަނެއް ކަމަށް ބުނެފައެވެ.

މި ހަރަކާތުގައި ބައިވެރިވި ބޮލީވުޑްގް މަޝްހޫރު ތަރި ކަރިޝްމާ ކަޕޫރުވެސް ވަނީ ރާއްޖޭގެ ރީތިކަމަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ރާއްޖޭގެ ރީތި ހުދުފަސްގަނޑު ތަކާއި ރީތި ނަލަ މޫދުތައް ދެކިލަން ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމަށެވެ. އަދި ރާއްޖޭގެ ރީތިކަން އިހުސާސްކޮށްލަން ވަރަށް އަވަހަށް ދާން ބޭނުންވާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބޮލީވުޑްގެ ތަރިންނަކީ އާންމު ގޮތެއްގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަ ބައެކެވެ. ދާދި ފަހުންވެސް ބޮލީވުޑްގެ މަޝްހޫރު ތަރި ސޯނަމް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަ ކޮށްފައެވެ.

މީގެއިތުރުން، ރާއްޖޭގައި ފިލްމު ކުޅުމަށް ބޮލީވުޑްގެ ތަރިންނަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ދައުވަތެއްވެސް ދެއްވައިފައެވެ. ރައީސް ބޮލީވުޑުގެ ތަރިންނަށް މި ދައުވަތު ދެއްވާފައިވަނީ ރައީސް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ މުމްބާއީގެ ތާޖު މަހަލް ޕެލެސްގައި ދެއްކެވި ވާހަކަފުޅުގައެވެ.

"ބޮލީވުޑް އިންޑަސްޓްރީގެ ފިލްމްތަކުގެ ސެޓްއަޕް ރާއްޖޭގައި ހަދައި، ފިލްމް އުފެއްދުމުގައި ރާއްޖޭގެ ރީތިކަން ބޭނުން ކުރެވިދާނެ. އެހެންވީމަ ފިލްމް ޓޫރިޒަމްގައި ރާއްޖެ އިހުތިޔާރު ކުރުމަށް ބޮލީވުޑް އިންޑަސްޓްރީއަށް މަރުހަބާ ކިޔާނަން،" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން