މަރްޔަމް ނަހްދާ ވަޙީދު   11 އޮކްޓޯބަރު 2024 - 8:17
ދަރިފުޅު ދޮގުހަދާތީ އެކަމާ ކަންބޮޑުވާނަމަ އެކަމުގެ ސަބަބުތައް ދެނެގަންނަން ޖެހޭ- ގޫގުލް އިމޭޖެސް
ދަރިފުޅު ދޮގުހަދާތީ އެކަމާ ކަންބޮޑުވާނަމަ އެކަމުގެ ސަބަބުތައް ދެނެގަންނަން ޖެހޭ- ގޫގުލް އިމޭޖެސް
ކޮންމެ އުމުރުފުރައެއްގެ މީހަކު ކުރިނަމަވެސް ދޮގުހަދައި މީހުންނަށް އޮޅުވާލުމަކީ ވަރަށް ނޭދެވޭ ސިފައެކެވެ. މިއީ ބޮޑުވަމުން އަންނަ ކުދިންގެ މެދުގައި ވަރަށް އާންމު ކަމަކަށް މިހާރު ވެފައިވީނަމަވެސް، މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ދަރިންގެ ކިބައިން މި އާދަ ފެންނަ ނަމަ އެކަން ހުއްޓުވަން ކޮންމެ ބެލެނިވެރިއަކުވެސް ބޭނުންވެއެވެ. ނަމަވެސް މި އާދަ އެކުދިންގެ ކިބައިން ހުއްޓުވޭނީ އެކުދިން ދޮގުހަދާ ސަބަބުތައް ދެނެގަނެވިގެންނެވެ.

އާންމު ގޮތެއްގައި ކުޑަކުދިން ދޮގުހަދަނީ އެކުދިން ކުރަން ނުޖެހޭ ކަމެއް ކޮށް، ތެދު ބުނެފިނަމަ އެކުދިންނަށް އަދަބު ލިބިދާނެ ކަމުގެ ބިރު ހީވާތީއެވެ. މިސާލަކަށް ގޭތެރޭގައި ގެންގުޅޭ އަގުބޮޑު މުދަލެއް ހަލާކު ކުރުމަށްފަހު، އެކަމުގެ ސަބަބުން އަދަބެއް ލިބިދާނެ ކަމުގެ ބިރު ހީވާނަމަ އެކުދިން ދޮގުހަދައި، އެކަން އޮއްބާލަން މަސައްކަތް ކުރެއެވެ. ދޮގުހެދުމަކީ ނުބައި ކަމެއްކަން އެނގޭ ނަމަވެސް އެކުދިން މިހެން ކަންތައް ކުރަނީ މާ ބޮޑަށް ހިތް ބިރުގެންފައިވާތީއެވެ. އެހެން ކަމުން ކުދިންނަށް ކުރެވޭ ކަންކަމުގައި އަދަބު ދިނުނުގެ ބަދަލުގައި އެކުދިންނަށް ވިސްނަދޭނަމަ، އެކުދިން ކުށެއް ކުރެވުމުން އެކަމާމެދު ތެދުވެރިވާނެއެވެ.

އަދި ބައެއް ކުދިން ދޮގު ހަދަނީ އެކުދިންގެ ވަށައިގެން އުޅޭ މީހުން ނަކަލު ކުރުމަށް ކަމަށްވެސް ވެދާނެއެވެ. ކުޑަކުދިންނަކީ އެކުދިންނަށް ފެންނަ މަންޒަރުތައް ވަރަށް އަވަހަށް ނަކަލުކޮށް ދަސްކުރާ ކުދިންނެވެ. އެހެންކަމުން ގޭތެރޭގެ މާހައުލުގައި އުޅޭއިރު، ނުުވަތަ ސްކޫލުގައި އުޅޭ އުޅުމުގައި އެކުދިންނަށް އެހެން މީހުންގެ ފަރާތުން މި ނޭދެވޭ ސިފަ ފެންނަ ނަމަ އެމީހުން ނަކަލުކޮށް، އެކުދިންވެސް ދޮގު ހަދަން ފަށައެވެ. އެހެންކަމުން އެކުދިންނަށް ދޮގު ހެދުމަކީ ގޯސް ކަމެއްކަން ކިޔައިދީ ވިސްނައި ދިނުމަކީ ވަރަަށް މުހިންމު ކަމެކެވެ.

މީގެ އިތުރުން އެހެން މީހަކު ހިމާޔަތް ކުރުމަށްވެސް ކުޑަކުދިން ދޮގުހަދާފާނެއެވެ. މިސާލަކަށް ރައްޓެއްސެއް ނުވަތަ އާއިލާ މީހެއް ގޯސް ކަމެއް ކުރުމުން އެމީހުންނަށް އަދަބު ލިބިދާނެތީ، އެކަމުން އެބަޔަކު ހިމާޔަށް ކުރުމަށްޓަކައި ކުއްޖާ ދޮގު ހަދާފާނެއެވެ. އެހެންކަމުން އެންމެ ކުޑައިރުއްސުރެވެސް ދޮގުހެދުމުގެ ނުބައިކަން ކުދިންނަށް ކިޔައިދީ، ކޮންމެ ހާލެއްގައިވެސް ތެދުވެރިވާން ޖެހޭކަން ބުނެދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދަރިންގެ ކިބައިން ދޮގުހެދުމުގެ ނުބައި އާދަ ފެންނަ ނަމަ ކޮންމެ ބެލެނިވެރިއަކުވެސް އެކަމާ ކަންބޮޑުވާނެއެވެ. މިކަން ހުއްޓުވަން ބޭނުންވާނަމަ އެކުދިން ދޮގުހަދަން މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެކުދިންނަށް ލޯތްބާއި އޯގާތެރިކަމާއެކު ވިސްނައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން