މަރްޔަމް ނަހްދާ ވަޙީދު   12 އޮކްޓޯބަރު 2024 - 5:13
ބަރަބޯ އޮށަކީ ސިއްހަތަށް ފައިދާހުރި އެއްޗެއް
ބަރަބޯ އޮށަކީ ސިއްހަތަށް ފައިދާހުރި އެއްޗެއް
ބަރަބޯ އޮށަކީ ވަރަށް ގިނަ މީހުން އޯޓްސް އާއި ޗިއާ ފަދަ އެއްޗިސް ކައޮ އުޅޭއިރު ބޭނުން ކުރާ އެއްޗަކަށް ވީއިރު، ބައެއް މީހުން މި ލުއިކާނާ އެއްގެ ގޮތުގައިވެސް ކައި އުޅެއެވެ. މިއީ ތަފާތު އެކިކަހަލަ މިނަރަލްތަކާއި ވިޓަމިންތައް އެކުލެވޭ އެއްޗެކެވެ. ކޮންމެ ދުވަހަކު ކެއުމުގައި ބަރަބޯ އޮށް ހިމަނާނަމަ އޭގެ ސަބަބުން ހަށިގަނޑަށް ގިނަގުނަ ފައިދާތައް ލިބެއެވެ.

އެގޮތުން ބަލާއިރު ކޮންމެ ދުވަހަކު ބަރަބޯ އޮށް ކާނަމަ ހަންގަނޑު ރީތިވެ، އިސްތަށިގަނޑުވެސް ރީތިވެއެވެ. ބަރަބޯ އޮށަކީ އޭގައި ގިނަ އަދަދަކަށް ޒިންކް އާއި ވިޓަމިން އީ ހިމެނޭ އެއްޗަކަށްވީއިރު، މި މާއްދާތަކަކީ ހަންގަނޑު ރީތި ކުރުމުގައި އެހީވެދޭ މާއްދާތަކެކެވެ. މީގެ އިތުރުން މީގައި އެކުލެވޭ އޮމެގާ 3 ފެޓީ އެސިޑު ތަކަކީ ހަންގަނޑު ހައިޑްރޭޓު ކޮށްދޭ އަދި އިސްތަށިގަނޑު އޮމާންކޮށް ވަރުގަދަ ކުރުމުގައިވެސް އެހީވެދޭ މާއްދާއެކެވެ.

އަދި ކޮންމެ ދުވަހަކު މި ކާނަމަ މީހާގެ ކަށިތައް ފީވުން ހުއްޓުވައިދީ ކަށިތައްވެސް ވަރުގަދަ ކޮށްދެއެވެ. މިއީ ގިނަ އަދަދަކަށް މެގްނީޒިއަމް އެކުލެވޭ އެއްޗަކަށްވީއިރު، މެގްނީޒިއަމް އަކީ ކަށި ބަރު ކޮށް، ވަރުގަދަ ކުރުމުގައި އެހީވެދޭ މާއްދާއެކެވެ. އެހެންކަމުން ގަވާއިދުން މި ބޭނުން ކުރާނަމަ ކަަށީގެ މައްސަލަތަކުން މީހާ ދުރުކޮށްދީ، ކަށިތައް ވަރުގަދަ ކޮށްދެއެވެ.

މީގެ އިތުރުން މިއީ ހަޖަމުގެ މައްސަލަތަކުންވެސް މީހާ ދުރުކޮށްދޭ އެއްޗެކެވެ. ކޮންމެ ދުވަހަކު ބަރަބޯ އޮށް ކާނަމަ ކާއެއްޗެހި ފަސޭހަކަމާއެކު ހަޖަމުވެ، ބަނޑު ހަރުވުން ހުއްޓުވައިދީ، ހަޖަމުގެ އެކި މައްސަލަތަކުން މީހާ ދުރުކޮށްދެއެވެ. އަދި މިއީ ޕްރިބައޮޓިކް އެއްގެ ގޮތުގައި މަސައްކަތް ކުރާ އެއްޗެއް ކަމުން މި ކެއުމުން ގޮހޮރުގައި ފައިދާހުރި ޖަރާސީމު އުފެދި އޭގެ ސަބަބުންވެސް ހަޖަމުގެ މައްސަލަތަކުން މީހާ ދުރުކޮށްދެއެވެ.

ބަރަބޯ އޮށަކީ މިނޫނަސް ގިނަ ފައިދާތަކެއް އެކުލެވޭ އެއްޗެކެވެ. ކޮންމެ ދުވަހަކު މި ކާނަމަ ލޭގައި ހަކުރާއި ކޮލެސްޓްރޮލް ހުންނަ ވަރު އެއް ހަމައެއްގައި ހިފަހައްޓައިދިނުމަށް އެހީތެރި ވެއެވެ. އަދި މީހާގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްވެސް އެހީވެއެވެ. އެހެންކަމުން ލުއި ކާނާ އެއްގެ ގޮތުގައި މި ކެއުމަކީ ހަށިގަނޑަށް ވަރަށްވެސް ފައިދާ ހުރި ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން