image ގައްދޫ ރަޝީދު   24 އޯގަސްޓު 2020 - 3:25
ފައުޒިއްޔާ ޣައިރު ޙާޟިރުގައި އެންމެންގެ ތަޢާރަފް ކޮށްދިނެވެ. ހުރިހާ މީހުންގެ އާދަކާދައާ ސިފައާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ. އެހެންކަމުން ޖަޔާ އެއަރޕޯޓަށް ފައިބާފައި ފަހަރެއްގައިވެސް މިހުރެވެނީ ބޭރު ހިލޭ ބައެއްގެ ތެރޭގައި ކަމެއް އިޙްސާސެއް ނުކުރެވުނެވެ. ކޮންމެ މޫނަކީ ދެކެފަރިތަ މޫނެއްކަހަލައެވެ. އޭނާހުރީ ވަރަށްބޮޑަށް ލަދުންނެވެ. އިސްތިޤްބާލު ކުރަމުންދާ މީހުންގެ މޫނަށް ސިއްރުން ބަލަމުން ގެންދިއެވެ. އޭނާގެ ލޯ އެހޯދަނީ ޖަލާލީ ނޫންކަމެއްވެސް ނޭނގެއެވެ.

ޖަލާލީ......... އެމޫނެވެ. ފޮޓޯގެ އެހީގައި އޭނާގެ ސިކުނޑި ހަލުވާލާފައިވާ މޫނެވެ.

އޭނާއަށް އެމޫނު ވަތްކެއްނުކުރެވުނެވެ. އެއަރޕޯޓަށް އޭނާބަލާ އައިސްތިބި މީހުންގެ ތެރެއިން އެއްވެސް މީހެއްގެ މޫނު އެމޫނަކާ ނުގުޅެއެވެ. އެކަމަކު އެއްވެސް މީހަކާ މިކަމާބެހޭގޮތުން ސުވާލެއް ކުރާކަށްވެސް ނުކެރުނެއެވެ.

[ޖަލާލީ ކޮބައި ހެއްޔެވެ.] ފައުޒިއްޔާ އޭނާގެ ކުދިންގެ ގައިގައި ފިރުމަމުން މިސިޒް ތާބުޝްއާ ސުވާލުކުރިއެވެ.

[މުހިންމު ކަމެއްގައި ތާށިވީއެވެ. އޭނާއަށް އާދެވޭގޮތެއް ނުވިއެވެ.] މިސިޒް ތާބުޝް އެއްޗެކޭ ބުނުމުގެ ކުރީގައި ޝަވާލީ ބުންޏެވެ. އެއާއެކު ޖަޔާގެ ލޮލުގައި ޙައިރާންކަމެއް އުފެދުނެވެ. ފައުޒިއްޔާވެސް ސިހިއްޖެއެވެ. އޭނާ ލޮލުގެ އިޝާރާތުން މިސިޒް ތާބުޝްއާ ސުވާލުކުރިއެވެ.

[ހުރިހާ ކަމެއްވެސް ރަނގަޅެވެ.] އަތުގެ އިޝާރާތުން ތާބުޝް ބުންޏެވެ.

[އޭނާ ނައީ ކީއްވެގެން ހެއްޔެވެ؟] ފައުޒިއްޔާ އެއްފަރާތަކަށް ޖެހިލާފައި ވައިއަޑުން ބުންޏެވެ.

ތާބުޝް އަވަސް އަވަހަށް ހުރިހާ ވާހަކައެއް ކިޔާދީފިއެވެ.

[ޖަލާލީ އެކުރީ ކުށެކެވެ.] ފައުޒިއްޔާ ވިސްނުމުގެ ތެރޭގައި ހުރެގެން ބުންޏެވެ.

[ފައުޒިއްޔާ ނާޖިޔާ ރުއްސަން ހެދީ ކިހިނެއް ހެއްޔެވެ.]

[ހުރިހާކަމެއްވެސް އޮތީ ރަނގަޅަށެވެ. އެކަހަލަ އަންހެން ކުއްޖަކު ގޭގެ ޙާލަތު އިޙްސާސްކުރާނަމަ އަމިއްލައަށް އެޖެސްޓް ވާންޖެހޭނެއެވެ. އަނެއްކޮޅުން ބަލާއިރު އެފަކީރު މިހާރު އެހެރީ ޖަލާލީގެ އިޙްސާންތެރިކަމުގެ ދަށުގައެވެ. އޭނާ ޖަޔާގެ މުޅި ޢާއިލާ އުފާ ކޮށްދީފިއެވެ.]

[ހަމަ ރަނގަޅަށް ހެއްޔެވެ؟]

[އާނއެކެވެ.]

[ޝުކުރުހުރި ކަމެކެވެ. އަހަރެން މިހުންނަނީ ތިޔަކަމާމެދު ވަރަށް ފިކުރު ބޮޑުވެފައެވެ.]

[ދެންވާނީ ކޮންކަމެއް ހެއްޔެވެ. އަންހެން ކުއްޖާއަކީ ވިސްނުންތޫނު ކުއްޖެކެވެ. ދުނިޔޭގައިވާ އެންމެނަކީ ރީތި މީހުނެއްނޫނެވެ. ދުނިޔޭގައި ހިތްއެދޭ އެހެނިހެން ކަންތައްތައްވެސް އެބަހުއްޓެވެ.]

[އާއެކެވެ. ތިޔައީ ތެދެކެވެ.]

[ޖަލާލީ ހަމައެއްވެސް ކަމަކާނުލާ މޮޔަގޮވަނީއެވެ.]

[ދެންއެންމެ ރަނގަޅެވެ. އޭނާވެސް އޭނާގެ މަޤާމުގައި، ރަނގަޅުގޮތް ވިސްނާނެ ކަންނޭގެއެވެ. އަހަރެމެން ޖަޔާ ގޮވައިގެން ގެއަށް ދާންވީއެވެ. ކުރިއަށް އޮތްތަން ދެނެވޮޑިގެންވާނީ މާތްރަސްކަލާނގެއެވެ.]

[އަހަރެން މިހުންނަކީ ދެފަރާތުގެ ޒިންމާ ބޮލުގައި އަޅައިގެންނެވެ.]

[ޖަޔާ ގެއަށް ގެންދިއުމުން ފައުޒިއްޔާގެ ޒިންމާ ދެފަރާތުންވެސް ނިމުނީއެވެ.]

އެދެމީހުން އެއްފަރާތެއްގައި ސިއްރު ވާހަކައިގައި ޖެހިފާ ތިއްބެވެ. ޝަވާލީ، ޖަގޫ، ޕްރާން، ރަފީޤާއި އެހެން މީހުން ޖަޔާ ވަށާލާފައި ތިއްބެވެ. އެންމެނަށްވެސް ޖަޔާ ވަރަށް ރީއްޗެވެ. އެވަގުތު އޭނާ ހުރީވެސް ވަރަށް އާދައިގެ ސާޅީއެއްގައެވެ. ހަމަ އާދައިގެ މޭކަޕެކެވެ. ހުރިހާ ގަހަނާ އެއްވެސް ނާޅައެވެ. އެކަމަކުވެސް ވަރަށް ރީއްޗެވެ. އަލަތު އަނބިންގައި ހުންނަ ތަބަޢީ ލަދުވެތިކަން އޭނާގެ މޫނު މައްޗަށްވެސް ވެރިވެފައިވެއެވެ. އޭނާ އެހުންނަނީ ލަދުންކުރާނެ ކަމެއް ނޭގިފައެވެ. އިސްއުފުލާލުމާއެކު އިސްޖަހާލައެވެ. އެކިއެކި ވާހަކައިން މޫނު ރަތްވެގެންދެއެވެ. ލޮލުގައި މަސްތުކަން ނަށަމުން ދެއެވެ.

އެންމެން އެކިގޮތްގޮތަށް އޭނާއާ ސަމާސާކުރަމުން ދަނީއެވެ. އެކަމަކު ކޮންމެ މީހަކުވެސް ތިބީ ބިރުން ވިރިވިރިއެވެ. ޖަލާލީފަދަ އިންސާނަކާ ޖަޔާފަދަ ރީތި އަންހެން ކުއްޖަކު ގުޅޭނެ ބާވައެވެ. ނުވަތަ ނުގުޅޭނެ ބާވައެވެ.

އެކަމަކު............

މިއީ އެއްގޮތަކަށްވެސް މިހާ ދިގުކޮށް އެމީހުން ވިސްނަންވީ މައްސަލައެއް ނޫނެވެ. މިކަމަކީ މިހާރު ޖަޔާއާ ޖަލާލީގެ އަތުގައި އޮތް ކަމެކެވެ. ނުވަތަ ތަޤްދީރާ ޙަވާލުކުރެވިފައިވާ ކަމެކެވެ........ އެންމެން ހުނުމާ މަޖަލުގައި މަޝްޣޫލު ވެގެން ތިއްބެވެ........ އާ އެކުވެރިއަކު ލިބުނީތީއެވެ. އެނާ އައުމަކީ އުފާކުރަންޖެހޭ ސަބަބެކެވެ.

[އަސްތާއެވެ! ދެން ތިޔަގޮތަށް ލަދު ނުގަންނާށެވެ. މިތާކު ޖަލާލީއެއް ނެތެވެ.] ޝަވާލީ ހީނލާފައި ބުންޏެވެ.

ޖަޔާގެ މޫނުކުޑަކޮށް މިލައިގެން ހިނގައްޖެއެވެ. އުދާސް ނަޒަރަކުން އޭނާ ވަށައިގެން ތިބި މީހުންނަށް ބަލާލިއެވެ. މިހުރިހާ މީހުން ވަށާލާފައިވާ އިރުވެސް އޭނާއަށް އިޙްސާސް ކުރެވެމުން ދަނީ އެކަނިވެރި ކަމެވެ. ހުރިހާ ހިތްވަރެއްގައި ފިނި ހިފާފައިވެއެވެ. އެއްބަނޑު ތިމާގެ މީހުން ދޫކޮށްލާފައި އެތައް މޭލެއް ކަޑައްތުކޮށްފައި އޭނާ މިހިސާބަށް މިއައީ ޖަލާލީ އަށްޓަކައެވެ. އޭނާ މިތާގައި ނެތުމުން ޖަޔާގެ ހިތުގައި ކޮންމެވެސް ވަރަކަށް ކޫރުން އެޅިއްޖެއެވެ.

ވާހަކަ ދެކެވެމުން ދިޔައެވެ. ޖަޔާހުރީ ހަމަހިމޭނުންނެވެ. މިސިޒް ރަފީޤު އޭނާގެ ކައިރިއަށް އައިސް ބުންޏެވެ. [ނާޖިޔާއެވެ. ކަންބޮޑުނުވާށެވެ. ވިޔަފާރީގެ ކަންތައްތަކުގައި ޖަލާލީ އަބަދުވެސް އުޅެނީ އެކަހަލަ ގޮތަކަށެވެ. މިއަދު މާމުހިންމު މަސައްކަތަކާ ކުރިމަތިވީއެވެ. ތާބުޝް އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދީފިއެވެ. ކަންބޮޑު ނުވާށެވެ. އެއީ އެއްވެސް ކަމެއް ނޫނެވެ. އަހަރެމެން މިތިބީ ނޫން ހެއްޔެވެ.]

ޖަޔާ ބިރުވެރި ނަޒަރަކުން އޭނާއާ ދިމާއަށް ބަލާލިއެވެ.

ޕްރާނާއި ރަފީޤު އެއްޗެހި ގެންދަނީއެވެ. ޖަޔާ ގެނައީ ދަބަހަކާއި ސޫޓްކޭހެކެވެ. ކުޑަކުޑަ ދެފޮއްޓަކީ މިސިޒް ރަފީޤުގެ ދެފޮއްޓެވެ.

[ހުރި އެއްޗަކީ މިއީ ދޯއެވެ.] ޕްރާން ފައުޒިއްޔާއާއި ސުވާލުކުރިއެވެ.

[އާނއެކެވެ.] އޭނާ ބުންޏެވެ.

[އެހެންވިއްޔާ ގެއަށްދަމާ ބަހީއެވެ. މިތަން ދޫކޮށްލާފައި ދަމާ ހިނގާށެވެ.]

[ހިނގާށެވެ.]

ޝަވާލީ ހިނިތުންވަމުން ޖަޔާގެ އުނަގަނޑުގައި އަތްއަޅުވާލިއެވެ. އަދި އޭނާއަށް އެހީތެރިވަމުން ބުންޏެވެ. [އަވަހަށް ހިނގާށެވެ. ކުޑައިރުކޮޅަކަށް އަހަންނަކީ ޖަލާލީކަމުގައި ހީކޮށްލާށެވެ.]

ޖަޔާ ލަދުގެންފިއެވެ.

ހުނުމާ މަޖާކުރަމުން އެންމެން ކާރުތަކާ ދިމާއަށް އަތުވެއްޖެއެވެ. ޖަލާލީގެ ކާރަށް ޖަޔާ އަރުވާފައި ޖަގޫއާއި ޝަވާލީވެސް އަރައިފިއެވެ. ޑްރައިވިންގ ސީޓްގައި މަންސޫރު އިށީނދެއްޖެއެވެ. ރަފީޤު އަނެއް ފަރާތުގައި އިށީނދެއްޖެއެވެ.

[ރަފީޤު ފައުޒިއްޔާގެ ކާރަށް އަރަންވީ ނޫން ހެއްޔެވެެ. އޭނާ އެއައީ ތިންމަސް ކޮށްލާފައި ވިއްޔާއެވެ.] މަންސޫރު ސަމާސާ ކޮށްލިއެވެ.

[އޭނާ އަހަންނާމެދު ފިކުރެއް ނުކުރެއެވެ. އަހަންނަކަށް ލިފްޓެއް ނުދިނެވެ. ކުދިންނޫން އެހެންމީހެއް އޭނާއަކަށް ނުފެނުނެވެ.]

[އެކަމަކު ތިޔައައީވެސް ވަރަށްބޮޑަށް ތައްޔާރުވެގެން ނޫން ހެއްޔެވެ.]

[ކީއްކުރާނީ ހެއްޔެވެ. ތައްޔާރުވުމުގައި ފުރިހަމަ އެއްގަޑިއިރު ދިޔައެވެ. އެހެންނަމަވެސް ބޭގަމް ސާހިބާ ރުހޭގޮތެއް ނުވިއެވެ.]

އެންމެން ހޭންފަށައިފިއެވެ. ޖަޔާގެ ތުންފަތުގައިވެސް ހިނިތުންވުމެއް ކުޅެލައިފިއެވެ.

ހެމުން މަޖާކުރަމުން އެންމެން ގެއަށް ހިނގައްޖެއެވެ......... ޝަވާލީއާ ޖަގޫ ޖަޔާއަށް އެހީތެރިވަމުން ކާރުން ފައިބައިފިއެވެ.

ގެއަށް ވަންނަން ތައްޔާރުވީ ވަގުތު ޖަޔާ ކުޑަކޮށް ޖެހިލުންވިއެވެ.

[އަސްތާއެވެ. ޖެހިލުންވާނެ ކަމެއްނެތެވެ. މިގޭގައި އެއްވެސް މީހަކު ނުޅޭއެވެ.] މިސިޒް ތާބުޝް ބުންޏެވެ.

[އޭނާ ޖެހިލުންވަނީ ގެއަށް ވަނުމާއެކު ޖަލާލީ އޭނާ ޖަހައިގަނެގެން ހިނގައިދާނެ ކަމުގައި ހީކޮށްފައެވެ.] ޖަގޫ ހީނލާފައި ބުންޏެވެ.

[މިއަދު ނޫނީ މަދާމާ........ ތިޔައީ ހަމަގައިމުވެސް ވާންއޮތް ކަމެކެވެ. ޖަޔާ ޖަހައި ގަންނާނެއެވެ.] ޝަވާލީ ޖަޔާގެ ކަންފަތް ދޮށުގައި ސިއްރުން ބުންޏެވެ. ޖަޔާގެ މޫނު ރަތްވެއްޖެއެވެ.

ފުރިހަމަ އެއްގަޑިއިރު ވަންދެން ކެއުމާ މަޖާނެގުމުގައި ސިލްސިލާ ހިނގަމުން ދިޔައެވެ. ޖަޔާގެ ސިހުން ކުޑަކޮށް ދުރުވެއްޖެއެވެ........ އަދި މިމަޖާ އެކުވެރިންގެ ވާހަކަތަކާމެދު ކޮންމެވެސް ވަރަކަށް ހިނިތުންވާން ފަށައިފިއެވެ.

[ޖަޔާ މިހާރު ވަރުބަލިވެދާނެ ކަންނޭގެއެވެ.] މިސިޒް ތާބުޝް ބުންޏެވެ. [ފުދޭވަރެއްގެ ދިގުދަތުރެއް ވިއްޔާއެވެ.]

[ފެންވަރައިގެން ހެދުން ބަދަލުކޮށްލާށެވެ. އަދި އަރާމުގައި ނިދާލާށެވެ.] މިސިޒް ހެރަލްޑް އޭނާގެ ކައިރިއަށް އައިސް ބުންޏެވެ.

[އެބުނީ ރަނގަޅު ވާހަކައެކެވެ.] މަންސޫރު ބުންޏެވެ. [މިހާރު ދެން އަހަރެމެންވެސް ދާންވީއެވެ.]

[އާއެކެވެ. ކުދިވެރިން ދޫކޮށްލާފައި މިހެން ތިބޭތާ ކިހާއިރެއް ހެއްޔެވެ.] މިސްޓަރ ތާބުޝް ތެދުވަމުން ބުންޏެވެ.

އެކަކަށްފަހު އަނެކަކު ތެދުވަން ފަށައިފިއެވެ.

ޖަޔާ ހާސްވެފައި އެންމެނަށް ބަލާލިއެވެ. [އެންމެންވެސް ދުރުވަނީ ތޯއެވެ؟]

[ދެން ކީއްކުރާނީ ހެއްޔެވެ؟.........] ޕްރާން ބުންޏެވެ.

[އަޅުގަނޑު......... އަޅުގަނޑު ހުންނާނީ ކޮންތާކުތޯއެވެ.......] ޖަޔާ ސުވާލުކުރިއެވެ.

[ކޮއިފުޅާއެވެ. މިއީ ކަލޭގެ ގެއެވެ.] ފައުޒިއްޔާ ބުންޏެވެ. [މިސިޒް ހެރަލްޑް ޖަޔާ ކައިރީގައި އުޅޭނެއެވެ. ދެން އޭނާ ކުޑަކޮށް ފަޚުރުވެލާފައި ބުންޏެވެ. [މިއީ ޖަޔާގެ ޚާދިމާއެވެ.......... ހުރިހާ ކަމެއްގައިވެސް ޖަޔާއާ އެހީވެދޭނެއެވެ.]

[ފައުޒިއްޔާ ދައްތާއެވެ. އަޅުގަނޑު ބިރުގަނެއެވެ.] ޖަޔާ ބިރުންހުރެ ބުންޏެވެ.

[މިތާނގައި ބިރުގަންނަންވީ އެއްވެސްކަމެއް ނެތެވެ.] މަންސޫރު ބުންޏެވެ. [މިސިޒް ހެރަލްޑް ފަހަރީގެ ކައިރީގައި ނެތަސް ބިރުގަންނާނެ އެއްވެސްކަމެއް ނޯންނާނެއެވެ.]

ޖަޔާ އެއްޗެކޭ ބުނަން އުޅުނެވެ. އެވަގުތު މިސިޒް ހެރަލްޑް އޭނާގެ ކައިރިއަށް ޖެހިލާފައި ނުހަނު ލޯތްބާއެކު ބުންޏެވެ. [މިސިޒް ޖަލާލީއެވެ. ފިކުރު ނުކުރާށެވެ. މިއީ ހަމަ އަމިއްލަ ގެއެވެ.]

އެންމެން ޖަޔާއަށް ހިތްވަރުދެމުން ދިޔައެވެ. މިސިޒް ހެރަލްޑާ ބެހޭގޮތުން ފައުޒިއްޔާ އާއި މިސިޒް ތާބުޝް ހުރިހާ ވާހަކައެއް ސާފުކޮށް ކިޔާދިނެވެ. އޭނާއަކީ ކުޅަދާނަ ވިސްނުންތޫނު އަންހެނެކެވެ..... ހުރިހާ ގޮތަކުން ޖަޔާއާމެދު ޚިޔާލު ބެހެއްޓުމަކީ އޭނާގެ ފަރްޟެކެވެ.

އެކަކަށްފަހު އަނެކަކުގޮސް ނިމިއްޖެއެވެ. ގޭގައި މިހާރު ތިބީ ހަމައެކަނި ޖަޔާއާއި މިސިޒް ހެރަލްޑެވެ. ޖަޔާގެ ހިތުގައި ވަސްވާސްތައް އެނބުރެން ފަށައިފިއެވެ. ބިރުވެސް ގަނެއެވެ. އެކަމަކު މިސިޒް ހެރަލްޑަކީ ވާހަކައިގެ މާބޮޑު މީހެކެވެ. އުފާވެރި މިޒާޖެއްގެ އަންހެނެކެވެ. ހުޝިޔާރުވެސް އަންހެނެކެވެ. ޖަޔާގެ އަސަރުތައް އޭނާއަށް ފޮރުވިފައެއް ނެތެވެ. އެހެންކަމުން އޭނާ ވަރަށް ވިސްނައިގެން ރައްކާތެރި ކަމާއެކު ވާހަކަ ދައްކަމުން ދިޔައެވެ.

[ޖަޔާގެ ގެ ބަލާލަން ދާންވީ ނޫންހެއްޔެވެ.] އޭނާ ޖަޔާއާ ސުވާލުކުރިއެވެ.

ޖަޔާވެސް ބޭނުންވަނީ ވަގުތު ހޭދަކޮށްލުމެވެ. ފުދޭވަރަކަށް ވަރުބަލިކަންވެސް ހަށިގަނޑަށް ވެރިވެފާވެއެވެ. އެހެން ނަމަވެސް ނިދީގެ ކުޑަކޮށްވެސް އަސަރެއް އޭނާގެ ލޮލަކުނެތެވެ.

[އެންމެ ފުރަތަމަ ފެންވަރައިގެން ހެދުން ބަދަލު ކޮއްލާށެވެ. އޭގެ ފަހުގައި ޖަޔާގެ މިރީތި ގެ ދައްކާލަން ދާނަމެވެ.]

ޖަޔާ އިންތިހާދަރަޖައިގެ ރީތި ސިޓިންގރޫމަށް ބަލާލަމުން މިސިޒް ހެރަލްޑާއެކު އަނެއްކޮޓަރިއަށް އަތުވެއްޖެއެވެ.

ރިމޯޓް ކޮންޓްރޯލުން ހުޅުވޭ ދޮރާ އަދި ކެހިގެންދިޔަ ފަރުދާއަކީ ޖަޔާ ޙައިރާން ކުރުވި އެއްޗަކަށްވިއެވެ. އެންމެ ފުރަތަމަ އޭނާ ހީކުރީ އެއީ ޖާދޫގެ ކަމެއް ކަމުގައެވެ. ކުޑަކޮށް ބިރުވެސްގަތެވެ. ލޮލުގައި ބިރުވެރިކަމުގެ ވިދުވަރު އުފެދުނެވެ. އޭނާގެ ކާވެންޏާއި އަދި މިގެއަކީ މަކަރުވެރި ދަލެއްކަމުގައި ހީކުރެވެން ފަށައިފިއެވެ. ވަސްވާސްތަކުން ހިތްފުރުނެވެ. ހިތްބާރަށް ތެޅެން ފަށައިފިއެވެ.

އެކަމަކު.......... މިސިޒް ހެރަލްޑް އިޚްލާޞްތެރި ކަމާއެކު ލޯތްބާއެކު ހުރިހާކަމެއް ވިސްނާދެމުން ގެންދިޔައެވެ. ބުނެދެމުން ދިޔައެވެ. ޖަޔާގެ ހިތްވަރު އާކޮށްދިނެވެ. ވަރަށް ޞަރީޙަކޮށް ގޭގައި ކޮމްޕިއުޓަރ ސިސްޓަމް ހަރުކުރެވިފައިވާ ވާހަކަ ކިޔައިދިނެވެ. ކޮޓަރިތައް ހުންނަނީ ބޭރަށް އަޑުނީވޭ ގޮތަށެވެ. ލިވިނގްރޫމާ ބެހޭގޮތުންވެސް އޭނާ ޖަޔާއަށް އޮޅުން ފިލުވައިދިނެވެ.

[މާދަމާ ހެނދުނު ހުރިހާ އެއްޗެއް ރަނގަޅަށް ފެނިދާނެއެވެ. ހަމަގައިމުވެސް މިރީތިގެއާއި އަދި ގޭގެ ވަށައިގެންވާ މަންޒަރުތައް ޖަޔާއަށް ރީތިވާނެއެވެ.]

މިސިޒް ހެރަލްޑް އޭނާ ގޮވައިގެން ނިދާކޮޓަރިއަށް އަތުވެއްޖެއެވެ.

ޖަޔާ ސިހުނެވެ. މިހާރީތި ނިދާ ކޮޓަރިއެއް ދުވަހަކުވެސް ފެނިދާނެ ކަމުގައި އޭނާއަށް ހީކުރެވިފައެއް ނެތެވެ. އަދި ތަޞައްވުރުވެސް ނުކުރެވޭމެއެވެ. އޭނާހުރީ ޙައިރާން ވެފައެވެ.

މިސިޒް ހެރަލްޑް ފެންވަރާ ކޮޓަރިއާ ދިމާއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. [ފެންވަރައިގެން ހެދުން ބަދަލުކޮއްލާށެވެ.]

ޖަޔާ އެތެރެއަށް އަތުވެއްޖެއެވެ. އޭނާގެ ޙިއްސުތައް ހަމައަށް ހުރިކަމުގައި ހީނުކުރެވޭ ކަހަލައެވެ. އޭނާއަށް ހީވަނީ ހުވަފެނުގެ ވާދީއަކަށް ގެއްލިފައިވާ ހެންނެވެ.

އެކަމަކު...........

އޭނާގެ ހުވެފެނުގެ ވާދީވެސް މިހާ ރީއްޗެއް ނުވާނެއެވެ.

ޖަޔާ ފެންވެރިއެވެ. ޑްރެސިންގ ރޫމްގައި ތައްޔާރު ކުރެވިފައިވާ ނިދާހެދުން ލިއެވެ. ލޯގަނޑުން އަމިއްލަ ހިޔަނި ބެލިއެވެ. އެހެން ނަމަވެސް މިފެންނަ ހިޔަންޏަކީ އޭނާގެ ހިޔަނިކަމުގައި ޔަޤީނެއް ނުކުރެވެއެވެ.....

މިހުރިހާ އުފާތަކާ ޙައިރާން ކުރުވަނިވި ކަންތައްތަކުގެ އިތުރުން ކޮންމެވެސް ވަރެއްގެ ހާސްކަމެއްވެސް ޖަޔާގެ ހިތަށްވެރި ވެފައިވެއެވެ. ކިތަންމެ މުހިންމު މަސައްކަތެއް އޮތްކަމުގައި ވިޔަސް މިއަދު ޖަލާލީ އެކަމެއް ފަސްކޮށްލަން ޖެހޭނެއެވެ.

މިފަހަރު އޭނާގެ ހިތްބިރުން ތުރުތުރު އަޅައިގަތެވެ. އަނެއްކާ މިއީ މަކަރުވެރިކަމެއް ނޫންބާވައެވެ. އޭނާ މިގެންގުޅެނީ ކެހިވެރިކަމުގެ ދަލެއްގައި ޖައްސައިގެން ނޫން ބާވައެވެ.]

އޭނާ އެނދުގައި އޮށޯތުމުން މިސިޒް ހެރަލްޑް ސްވިޗް އޮން ކޮށްލިއެވެ. [އެނދު މަޑުމަޑުން ހެލުވޭނެއެވެ. މިއުޒިކްގެ އަޑު އިވޭނެއެވެ. އޭރުން ވަރަށް އަވަހަށް ނިދިދާނެއެވެ.] މިސިޒް ހެރަލްޑް ހިނިތުވެލަމުން ލޯތްބާއެކު ބުންޏެވެ.

ޖަޔާއަށް ވަރަށް މަޖާވެއްޖެއެވެ. އޭނާއަށް ހީވީ ޕަރީންތަކެއް އައިސް އޭނާ ނަގާ އުނގައްލައިގެން ލަވަކިޔަނީ ކަމުގައެވެ. ކޮޓަރީގެ ފަޟާ ރީތިއަލިތަކުން ޒީނަތްތެރި ކުރެވިފައިވެއެވެ. އޮފްއަރާ އެނދެކެވެ. މަޑުމަޑުން ޙަރަކާތް ކުރަމުންދާ މަޑު ތަންމައްޗެކެވެ. ދޫނިފަތުގެ ހޫނު އަދި މަޑު ރަޖާއެކެވެ. އޭނާ އެނދަށް ފެތިފާއޮތެވެ. އަގުބޮޑު ފަށުއި ނިދާ ހެދުމުގައި އޭނާ ފެންނަނީ ވިދާބަބުޅާ ތަރިއެއްގެ ގޮތުގައެވެ. ފާރުގައި ހުރި ލޯގަނޑުން އޭނާ ބަލާލިއެވެ. އެތައްއިރަކު މިގޮތަށް ބަލަން އޮތެވެ. ޔަޤީން ނުކުރެވޭ ކަހަލަ ގޮތަކަށް ދެތިން ފަހަރަކު ހަތަރުކަޅި ހަމަކުރިއެވެ. ޔަޤީންކަމުގެ މަންޒިލާ ހަމައަށް ދެވިދެވި ހުއްޓާ އެތައް ފަހަރަކު ވަހުމުތައް އައިސް އޭނާ ހާސްކުރުވިއެވެ.

[މިސިޒް ހެރަލްޑެވެ.]

[ކީކޭ.....؟]

[ހެރަލްޑް ނިދަނީ ކޮންތާކުހެއްޔެވެ؟]

[އަހަރެންގެ ކޮޓަރީގައެވެ.]

[އަހަރެންގެ ކައިރީގައި ހުންނަނީ ކާކުހެއްޔެވެ؟]

[މިއަދު އެއްވެސް މީހަކުނެތެވެ. އެކަމަކު ހަމަގައިމުވެސް މާދަމާ ޖަލާލީ ސާހަބް ހުންނަވާނެއެވެ.]

މިސިޓް ހެރަލްޑްގެ މޫނުމަތީގައި ހުރީ ދެއްކުމުގެ ހިނިތުންވުމެކެވެ. ސަމާސާ ގޮތެއްވެސް ހުއްޓެވެ. އަދި އުފާވެރި ގޮތެއްވެސް ހުއްޓެވެ.

[ފިކުރު ނުކުރާށެވެ. އަވަހަށް ނިދާލާށެވެ.] އެތައް ފަހަރަކު ހިތްހަމަޖައްސާ ދިނުމަށްފަހު އޭނާ އަނެއްކާވެސް ބުންޏެވެ. ދެން އޭނާ ތަފާތު ބަޓަންތައް ދައްކަމުން އެބަޓަނެއްގެ ބޭނުން ކިޔާދޭން ފަށައިފިއެވެ. [މި ކޯލް ބެލް ޖެހެނީ އަހަރެންގެ ކޮޓަރިންނެވެ. ބޭނުމެއް ޖެހިއްޖެއްޔާ މިބަޓަނަށް އޮބާލާށެވެ. އަހަރެން ދެމިނެޓްއިރު ތެރޭގައި އަންނާނަމެވެ. ނާޖިޔާ ބުނެފިއްޔާ ޖެހިގެންހުރި ކޮޓަރީގެ ސޯފާގައި މިރޭ އޮވެދާނަމެވެ.]

[ތިޔައީ ވަރަށް ރަނގަޅު ގޮތެކެވެ. މިސިޒް ހެރަލްޑެވެ. މިއީ މުޅިން އާތަނެކެވެ. އަހަރެން ބިރުގަނެއެވެ. މިއަދާ ހަމައަށް ދުވަހަކުވެސް އަހަރެން އެކަނި ކޮޓަރިއަކު ނުނިދަމެވެ. އަހަރެންގެ އަންހެން ދެކޮއްކޮ އަބަދުވެސް ކޮޓަރީގައި ނިދައެވެ.]

[ވަރަށް ރަނގަޅެވެ.] މިސިޒް ހެރަލްޑް ބުންޏެވެ. [އަހަރެން ބަދިގޭގެ ކަންތައްތަކުން ނިމިގެން ޖެހިގެންހުރި ކޮޓަރިއަށް އަތުވެދާނަމެވެ. ބޭނުމެއް ޖެހިއްޖެއްޔާ މިބަޓަނަށް އޮބާލާށެވެ.]

ޖަޔާ ހިތްހަމަ ޖައްސާލައިގެން ބާލީހުގައި ބޯއަޅާލިއެވެ. ހެރަލްޑް އިރުކޮޅަކު އިނެވެ. ދެން ސަލާންކޮށްފައި ކޮޓަރިން ނުކުމެއްޖެއެވެ.

ޖަޔާގެ ސިކުނޑީގައި ޚިޔާލުތައް އެނބުރެން ފަށައިފިއެވެ. ބައެއް ފަހަރު އޭނާގެ ނަސީބާމެދު ފަޚުރުވެރިވެއެވެ. މިހުރިހާކަމަކީ އޭނާ ހުވަފެނެއްގައިވެސް ދެކެފައިވާ ކަމެއްނޫނެވެ. އަދި ޚިޔާލުވެސް ކުރެވިފައިވާ ކަމެއްނޫނެވެ. އެކަމަކު މި ފެންނަނީ ހަމަ ޙަޤީޤަތެވެ. މިއީ ފަޚުރުވެރިވާންވީ ކަމެކެވެ.

އެކަމަކު........

ސިކުނޑީގެ ބައެއް މަޤާމުތަކުގައި ވަސްވާސްތަކުގެ ހަރުފަވެސް އެބަދުވެއެވެ. އަޑުއިވެމުންދާ ވާހަކަތަކުގެ ހަނދާންތައް ސިކުނޑައަށް ވަންނަން ފަށައިފިއެވެ. ބޭރު ޤައުމުތަކުގެ ކާވެންޏާއި ކެހިވެރިކަމުގެ ވާހަކަތައް އޭނާ އަޑުއަހާފައި ވެއެވެ. އޭނާގެ ހިތް ބާރުބާރަށް ތެޅެން ފަށައިފިއެވެ. އެއާއެކު ބާރަށް ލޯމަރާލައިފިއެވެ. ބާރަށް ހަޅޭއްލަވައި ގަންނަން އޭނާގެ ހިތަށް އެރިއެވެ. ކަރުނަތައް ހުސްވަންދެން ރޯން ހިތަށް އެރިއެވެ.

އޭނާގެ ލޮލުގެ ބޮނޑިވެސް ތެމިއްޖެއެވެ.

ތުންފަތް ތުރުތުރު އަޅަން ފަށައިފިއެވެ.

[މަންމާއެވެ.] އޭނާ ބާލީހުގައި މޫނު ފޮރުވައިފިއެވެ. ދެން މައިންބަފައިންނާ ތިމާގެ މީހުން އޭނާއަށް ހަނދާންވާން ފަށައިފިއެވެ. އެމީހުންނާ ވަކިވެވުނުކަމުގެ މައްޗަށް ހިތާމަކުރަން ފަށައިފިއެވެ.

ދެން............ އޭނާގެ ލޯމެރުނީ ކިހާއިރަކު ކަމެއް ނޭގެއެވެ.

**********************

އެއްވެސް އަޑެއް ނީވެއެވެ.

އޭނާގެ ލޯހުޅުވުނީ ކިހިމެއްކަމެއް ނޭގުނެވެ. އޭނާއަށް މިއޮއެޅުނީ ކޮންތަނެއްގައިކަން ހިނދުކޮޅަކަށް ހަނދާން ނެތުނެވެ. މަސްތުވެފައިވާ ބެލުމަކުން ވަށައިގެން ހޯދާބަލާލިއެވެ. ބާލީސް ރަނގަޅު ކޮށްލާފައި ބޯ އަޅާލަމުން އަނެއްކާވެސް ލޯ މެރެން އުޅުނެވެ. އެވަގުތު ކުރިމަތީގައި ހުރި ފަރުދާ ކުޑަކޮށް ހެލިލައިފިއެވެ.......... އަދި

ދިގު ހަޅޭކެއްގެ އަޑު ކަރުބުޑުގައި ތާށިވެއްޖެއެވެ.

އަދި...........

އޭނާ ހަޅޭއްލަވައި ގަތުމުގެ ކުރީގައި ފަރުދާ އެހުރިގޮތަށް އޭގެ މަގާމަށް އަތުވެއްޖެއެވެ. އަދި ފަރުދާ ކެހިގެން ދިޔަ ވަގުތު ފެންނަން އުޅުނު ބިރުވެރި ފުރޭތައިގެ މޫނު ލޯމަތިން ގެއްލިއްޖެއެވެ.

އޭނާ ނޭވާ ހިފަހައްޓާ ލައިގެން އޮތެވެ. ދެލޯ ބޮޑުކޮށްގެން އޮވެ ފަރުދާއަށް ބަލަމުން ގެންދިޔައެވެ.

މިގޮތުގައި އެތައް އިރެއް ވޭތުވެ ހިނގައްޖެއެވެ.

އޭގެ ފަހަކުން ފަރުދާއެއް ނުހެލުނެވެ.

ތެދުވެގެންގޮސް ފަރުދާ ހިއްލާފައި ބަލާލުމަށް އޭނާގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް ހިތްވަރެއް ނުލިބުނެވެ.

މިހާރު އޭނާއޮތީ ރަނގަޅަށް ހޭލެވިފައެވެ. ހުރިހާ ހިއްސުތައް ޖަމާކޮށްގެން ވިސްނަމުން ދަނީއެވެ.

އަނެއްކާ ފަރުދާގެ ނިވަލުގައި މީހަކު ހުރީ ނޫންބާވައެވެ.

އޭނާ ބޯހޫރާލިއެވެ....... ގޭގައި އޭނާއާއި މިސިޒް ހެރަލްޑް ފިޔަވާ ތިންވަނަ މީހަކު ނޫޅެއެވެ.

ޖިންނި......... ފުރޭތަ............؟!

މިބިރުވެރިކަން ނިދުމުގެ ކުރީގައިވެސް އޭނާގެ ސިކުނޑިއަށް ވެރިވެފައިވެއެވެ. މިއީ ހައްތާވެސް އޭނާގެ ވަހުމެވެ. ޒާތްޒާތުގެ ޙަރަކާތްތައް އެކުރަނީ ހަމަ އެބިރުވެރިކަމެވެ. މިތާނގައި އުޅެންވީ ކޮންފުރޭތައެއް ހެއްޔެވެ.

ހިތްހަމަ ޖައްސާލައިގެން އޭނާ ލޯމަރާލައިފިއެވެ.

އެކަނިވެރިކަމުގެ ބިރު އަދިވެސް އޭނާގެ ހިތަކުން ފިލާ ނުދެއެވެ. އޭނާ ޖަލާލީ ދެކެ ރުޅިއައެވެ.

އެންމެ ފުރަތަމަ ދުވަހު ކުރަން ޖެހުނު ތަޖުރިބާއަކީ މިއެވެ. ކުރިއަށް އޮތްތާނގައި ކިހިނެއްވާނެ ބާވައެވެ.

އޭނާ ޚިޔާލުތަކުގެ ތެރޭގައި އޮވެގެން ވިސްނާލިއެވެ.

ދެން ބޯލާކޮޅުގައި ބާއްވާފައި އޮތް ދަބަހުން ފޮޓޯގަނޑު ނަގައިގެން ބަލަން ފަށައިފިއެވެ. އޭނާ ފޮޓޯގަނޑާ މުޚާޠަބުކޮށް އެތައް ޝަކްވާއަކާ ސުވާލުތަކެއް ކުރިއެވެ. އޭނާ ރުޅި އަތުވެއްޖެއެވެ.

ދެން އޭނާއަށް ނަވީދުގެ މަތިން ހަނދާން ކޮށްލެވުނީ ކިހިނެއްކަމެއް ނޭގުނެވެ.

ޙާލަތު މިގޮތަށް އެފުށް މިފުށަށް ނުޖެހުނުނަމަ ކޮންފަދަ ހެއްޔެވެ.

އެކަމަކު މިގޮތަށް އޭނާ ވިސްނުމަކުން ވާނީ ކޮންކަމެއް ހެއްޔެވެ. އޭނާ ގަދަކަމުން ކަހަލަގޮތަކަށް އެޖަޒްބާތުތައް ނިންދަވައިފިއެވެ. އެކަނިވެރިކަމުގެ އިޙްސާސް ތީރެއް ފަދައިން ގޮސް އޭނާގެ ހިތަށް ހެރިއްޖެއެވެ. އަދި ހަމަ ކުއްލިއަކަށް ނަވީދު އަންނާނެ ނަމައޭ ހިތަށް އަރައިފިއެވެ.

ނަވީދުގެ ލޮލުން އޭނާގެ ފުވަފެނުގެ ކުލަތަކުން ޢިމާރާތް ކުރެވިފައިވާ ގެ ދުށުމަށެވެ. އޭނާ ވިސްނަމުން ދިޔައެވެ............ ޕާކިސްތަނަށް ގެންދެވޭނެ ނަމައެވެ. އަދި ބޮޑުބޭބެގެ ގޭގެ ކުރިމަތީގައި މިގަނޑުވަރު ބެހެއްޓޭނެ ނަމައެވެ.

އޭރުން އެމީހުންގެ ދޫތައް ބަންދުވާނެއެވެ. ހިތާމައިން ކަރުނައަޅަން ފަށާނެއެވެ. ކަރުބުޑުގައި އަޑުހަރުލާފާނެއެވެ. އޭރުން އޭނާ ހިތްހަމަ ޖެހިލައިގެން ހުރެ ބާރަށް ހޭނެއެވެ.

އޭނާ ފޮޓޯގަނޑުގެ ތެރެއަށް ގެއްލިފާ އޮތްއިރު ހީވަނީ ޙަޤީޤަތް ސާފުކޮށް އެނގިފައިވާ ހެންނެވެ. އޭނާގެ ތުންފަތުގައި ފޮނި ހިނިތުންވުމެއް އެކުލެވިފާވެއެވެ. ދެން ފޮޓޯގަނޑު ދަބަހަށް ލާފައި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. މިކޮޓަރި ހީވަނީ މަލުގެ ގުޅަވަރެއް ހެންނެވެ. ފަޟާގައި މީރުވަސް ހިފާލާފައި ވެއެވެ.

އޭނާ ހިތްހަމަ ޖެހިލައިގެން ނޭވާލަމުން ގެންދިޔައެވެ. ދެން އަނެއް ފަރާތަށް ފުރޮޅިލައިފިއެވެ.

ދެން ކުޑައިރުކޮޅަކުން އޭނާ ނިދައިފިއެވެ.

އޭނާ ނިދައިފިއެވެ.

އެކަމަކު........

ޖަލާލީގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ.

އޭނާ ރޭގަނޑުގެ އެތައްދަމެއް ވަންދެން އިނީ ގޭން ބޭރުގައެވެ. ފެންގަނޑު ކައިރީގައެވެ. ގެއާމެދު އޭނާއަށް ހީކުރެވެނީ ބީރައްޓެހި ތަނެއް ކަމުގައެވެ. މީސްތަކުންގެ ނަޒަރުން ޣާއިބުވެގެން މިގޮތަށް އިންނައިރު ކުށްވެރިއެއްކަމުގެ އިޙްސާސްތައް ކުރެވެއެވެ. ބޭރަށް ނުކުމެއްޖެއްޔާ ކޮންމެވެސް ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވިދާނެއެވެ.

ހުރިހާ ރަޙްމަތްތެރިން އެމީހެއްގެ ގެއަށް އެމީހަކު ދިޔަވާހަކަ މިސިޒް ހެރަލްޑް އޭނާއަށް އެންގިއެވެ.

[ޖަޔާއަކީ ވަރަށް ރީތި ކުއްޖެކެވެ.] އޭނާ ޖަލާލީ ގާތު ބުންޏެވެ.

ޖަލާލީގެ ހިތް ތެޅިގެން ދިޔައެވެ.

[ނާޖިޔާ އިންނަނީ ބިރުންނެވެ. އެކަނިވީމައެވެ.......] މިސިޒް ހެރަލްޑް ބުންޏެވެ.

އަދި..........

ޖަލާލީ އެއްޗެކޭ ނުބުނުމުން އޭނާ މަޑުމަޑުން ބުންޏެވެ. [ޖަލާލީ ހުންނަވަން ޖެހޭނީ ގޭގައެވެ. ތިޔަގޮތަށް އުޅުއްވާނީ ކިހާ ދުވަހަކުތޯއެވެ. ނާޖިޔާ ހަމައަކަށް އަޅުވަން އެންމެ ރަނގަޅީ މިއަދެވެ.]

ޖަލާލީ ދަތްދޮޅީގައި އަތް ވިދެލައިގެން ވިސްނުމުގެ ތެރެއަށް ގެނބިފާ އިނެވެ.

[ކޭން ނުބައްލަވާނަން ތޯއެވެ؟[ މިސިޒް ހެރަލްޑް ހިނދުކޮޅަކު ހިމޭނުން ހުރުމަށްފަހު ބުންޏެވެ.

[އޭނާ ކައިފި ހެއްޔެވެ؟] ޖަލާލީ މަޑުމަޑުން އިސްއުފުލާލާފައި މިސިޒް ހެރަލްޑްގެ މޫނަށް ބަލާލިއެވެ.

[ނާޖިޔާތޯއެވެ.]

[އާނއެކެވެ.]

[ސޭންޑްވިޗެއް ކައިފިއެވެ. އޭނާހުރީ ވަރަށްބޮޑަށް ވަރުބަލި ވެފައެވެ. ވަރަށް ދެރަވެސް ވެފައެވެ.]

]ކީއްވެގެން ހެއްޔެވެ؟]

[އޭނާ ޖަލަލީއަށް އެދެނީކަން ހަމަގައިމެވެ. ޖަލާލީއެވެ. މިއީ ޙަޔާތުގައި އަންނަ އެންމެ މުހިންމު ރެއެވެ. ތިޔަ ހުންނެވީ މިރޭގެ އުފާވެރިކަން ބޭކާރު ކޮށްލައްވަން ނިންމަވައި ގެންނެވެ.]

[މުޅި ޙަޔާތް މިގޮތަށް ވޭތުވެގެން ނުދާނޭކަމެއް އެބަ އެނގޭ ހެއްޔެވެ. މިސިޒް ހެރަލްޑެވެ. ނާޖިޔާ ވަރަށް ރީއްޗޭ ބުނީމެއްނޫން ހެއްޔެވެ؟]

[ލައްބައެވެ.]

އޭނާ ހިމޭން ވެއްޖެއެވެ. މިސިޒް ހެރަލްޑް ހިނގައްޖެއެވެ. އޭނާ ދިޔައީ ޖަލާލީގެ ކެއުން މިތަނަށް ގެނެސް ދިނުމަށް ނިންމައި ގެންނެވެ.

ޖަލާލީ ކެއީ ގަދަކަމުންނެވެ. އެތެރެހައްޓަށް އެތިކޮޅެއް ވާސިލުވަނީ ސުވަލެއް އަނގައަށްލާތާ އެތައް އިރެއްގެ ފަހުންނެވެ. ފުރާނަ ނުކުމެދާން އުޅޭ ކަހަލައެވެ...... ކުރިއަށް އޮތް ފިޔަވަޅު، އަޅަންވީ ކިހިނެއް ކަމެއްވެސް އެއްގޮތަކަށްވެސް ނޭނގެއެވެ.

އޭނާ ކޮޓަރި ތެރޭގައި ހިނގާލަ ހިނގާލަ ހުއްޓެވެ. އެތައް ސިގިރޭޓެއް ހުލިކޮށްލައި ފިއެވެ. އޭނާގެ ކަރު ތެރޭގައި ހިތިރަހަލާން ފަށައިފިއެވެ. އިނގިލިތަކުގެ ނިޔަރޮދިތައް ސިގިރޭޓްގެ ދިލައިން އަނދަން ފަށައިފިއެވެ.

އޭނާ ސިގިރޭޓް ފޮށި ނަގާފައި އެއްލާލައިފިއެވެ.

ދެންއޭނާގެ ވިސްނުން ބަދަލުވާން ފަށައިފިއެވެ.

ގޭގައި އޭނާގެ އަލަތު އަނބިމީހާ އެބައިނެވެ........ އެރީތި އަނބިމީހާ އިނީހަމަ މިގޭގައެވެ.

އޭނާގެ އެތެރަހަށީގައި ޢާންމު އިންސާނެއްގެ ޖަޒުބާތު ހޭލައިފިއެވެ. ރީތި މީހެއްވެސް ނޫނެވެ. އަދި ހުތުރު މީހެއްވެސް ނޫނެވެ. މާޒީ އެއްވެސް ނެތެވެ. މުސްތަޤްބަލެއްވެސް ނެތެވެ. އޭނާގެ އެތެރެހަށީގައި މިހާރުވަނީ އަނދައަނދާހުރި ބޭނުންތެރި ކަމެކެވެ. އަންހެނެއްގެ ބީހުމުގެ ބަނޑުހައިކަމެވެ. ލޯބީގެ ހޯދުމެކެވެ. ތަފާތު ޖިއްސެއްގެ އެދުމެވެ. ތިމާގެ އަމިއްލަ ޖަޒުބާތުތަކުގެ ކުރިމަތީގައި ތެދުވެރި ކަމާއެކު އިސްޖަހާލަން އެދޭ ބޭނުންތެރި ކަމެކެވެ.

އޭނާ ޖަޔާ ބޭނުމެވެ.

އަންހެނަކު ބޭނުމެވެ.

އަންބަކު ބޭނުމެވެ.

އަދި އެއަންހެންމީހާ މުށުތެރެއަށް އައުމުން އޭނާ ހިމޭނަކުން ނުހުންނާނެއެވެ.

ޖަލާލީގެ ހުރިހާ މަސައްކަތެއް އޭނާގެ އެތެރެހަށީގެ އިންސާނާގެ ކުރިމަތީގައި ބޭކާރުވެއްޖެއެވެ. އެމީހާ ޖަލާލީގެ މިފާޅުވެގެންވާ ވުޖޫދު ދަމާފައި އެތެރެއަށް އަތުވެއްޖެއެވެ.

އޭނާ ބެޑްރޫމަށް ދިޔައީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ބިރުގަތުމުގެ ކަންފުޅެއްވެސް އޭނާގެ ކިބައަކު ނެތެވެ. އެހެން ނަމަވެސް.......

ބެޑްރޫމްގެ ފަރުދާ ކުޑަކޮށް ކަހާލާފައި ސިއްރުން އޭނާ އެތެރެ ބަލާލިއެވެ.

އެވަގުތު އޭނާއަށް ހީވީ ސުވަރުގޭގެ ޙޫރަކު ނިދާފައި އޮތްކަމުގައެވެ. ޖަލާލީ އޭނާގެ އެތެރެހަށީގެ އިންސާނާގެ ކުރިމަތީގައި ހަތިޔާރު ބަހައްޓައިފިއެވެ. އަދި ވަރަށް ލޯތްބާ ޝައުޤުވެރިކަމާއެކު ޖަޔާއަށް ބަލަން ފަށައިފިއެވެ.

މިފަދަ ބައިވެރިއަކު ޙަޔާތަށް އަންނާނެނަމައޭ އޭނާގެ ހިތަށް އަބަދުވެސް އަރައެވެ. މިފަދަ ކުއްޖެއްގެ ތަޞައްވުރު އަބަދުމެ އޭނާގެ ސިކުނޑީގައި އާލާވަމުންދެއެވެ. މިއީ އޭނާގެ ހުތުރުކަމުގެ ރައްދު ޢަމަލުތަކުގައިވެސް ވެދާނެއެވެ. އެހެނީ އޭނާއަކީ ރީތިކަމާމެދު މޮޔަވަމުންދާ މީހެކެވެ.

ނުވަތަ ކުޑައިރު އަހާފައިވާ ވާހަކަތައް އޭނާ މޮޔަކުރުވާފައި ވެއެވެ. ދެޔޯގެ ޤައިދުގައި ރީތި އަންހެން ކުއްޖަކު ޖެހިފައިވާ މަންޒަރު ދުށުމަކީ އަބަދުވެސް އޭނާ އެދޭ އެދުމެކެވެ.

އުފާވެރިކަމުގެ އެތައް ހިނދުކޮޅެއް އޭނާއަށް ގެއްލިފައިވެއެވެ. އެއީ ހަމަ ތަޤްދީރުގެ ރޭއްވެވުމެވެ. ނިދާފައި އޮތް ޖަޔާއަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ. ކޮޓަރިއަށް ވަނުމަށް ބޭއިޚްތިޔާރުގައި އޭނާގެ ހިތް އެދުނެވެ. ޖަޔާ އަތްދަނޑި މައްޗަށް ލުމާއެކު މޭގައި ޖައްސާލާފައި ލޯބިކޮށްލުމަށް އެދުނެވެ.

މި ޖަޒްބާތީ އެދުން ވަރަށް ބޮޑުވިއެވެ. ޖަލާލީގެ ލޭހޫނުވަމުން ދަނީއެވެ. ނާރުތަކުގައި މަސްތުކަން އުފެދެން ފަށައިފިއެވެ.

[އަހަރެން ހުތުރެއްކަމަކު ވާނީ ކީއްހެއްޔެވެ. އަހަންނަކީ އިންސާނަކީމެވެ. ޒުވާން ފިރިހެނަކީމެވެ. އަންހެނަކަށް ފުރިހަމަ ލޯބި ދެވޭފަދަ ޤާބިލިއްޔަތުކަން ލިބިހުރި އިންސާނަކީމެވެ. އޭނާއަށް ޤަދަރު ކުރެވިދާނެއެވެ. ބޭނުންތައް ފުއްދާ ދެވިދާނެއެވެ.]

އޭނާ ހިތްވަރު ކުރަމުން ދިޔައެވެ. ޖޯޝް އުފައްދަމުން ދިޔައެވެ. ސިފަތަކުގެ ސަރަޙައްދު ހުރަސްކުރުމަށް މަސައްކަތް ކުރިއެވެ...... އޭނާ ކޮޓިރައަށް އައީވެސް ޖަޒްބާތުގެ މިއޮއިވަރުގައި ޖެހިގެން ނޫންކަމެއް ނޭނގެއެވެ.

އެކަމަކު...............

ކުއްލިއަކަށް ޖަޔާގެ ލޯހުޅުވިއްޖެއެވެ.

އޭނާ ލޯއުނގުޅަމުން ފަރުދާއާ ދިމާއަށް ބަލާލިއެވެ.

ޖަލާލީގެ ހުރިހާ ހިތްވަރަކާ ޖޯޝެއް އަދި ހުރިހާ ޖަޒްބާތެއް ފެނަށްވެއްޖެއެވެ. އޭނާ ފޮތިގަނޑުން ދޫކޮށްލައިފިއެވެ. އަދި ބާރު ވައިރޯޅިއެއް ފަދައިން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

އޭނާ ބޭރަށް ނުކުތްއިރު މަތި ނޭވާލަވެމުން ދިޔައެވެ. ހިތުގެ ވިންދު އެއްވެސް ތަރުތީބެއްނެތި އެގޮތް މިގޮތަށް ޖަހަމުން ދިޔައެވެ. އަތްފައިން ލޮނުދާ ހިއްލައިފިއެވެ.

ކުޑަކޮށް ހަމައަކަށް އެޅިލުމުން އަމިއްލަ ހިތްވަރު ދެރަކަމާ ފިނޑިކަމުގެ މައްޗަށް ވަރަށްބޮޑަށް ރުޅި އަތުވެއްޖެއެވެ. އެއީ އޭނާއަށް ލިބުނު ރަން ދަނޑިވަޅެކެވެ.

މިހާރު..............

އަނެއްކާވެސް އޭނާ މާޔޫސް ވެއްޖެއެވެ.

އޭނާ މަޑުމަޑުން ހިނގާފައި ބޭރުގައި ހަދާފައިވާ ކުޑަކުޑަ ކޮޓަރިއާ ދިމާއަށް ދިޔައެވެ. ބޭރުގެ ވައި ވަރަށް ފިންޏެވެ. ސާފު ނޫކުލައިގެ އުޑުގައި ހަނދާ ތަރިތައް ވިދާ ބަބުޅަމުން ދެއެވެ. ސާފު ހަނދުވަރު މުޅި ދުނިޔެއަށް ފެތުރިފައި ވެއެވެ. ގަސްތަކުގެ ގޮފިތައް މަޑުވައިރޯޅީގެ އެހީގައި މަޑުމަޑުން ހެލިލަ ހެލިލާ ހުއްޓެވެ.

ރޭގަނޑު ވޭތުވަމުން ދިޔައެވެ.

ޖަލާލީ ކޮޓަރިއަށް އައިސް އޮށޯވެއްޖެއެވެ. ކޮޓަރި ވަރަށް ހޫނެވެ. އޭނާ ބޯދަށަށް ދެއަތްތިލަ ލައްވާލައިގެން އޮވެ ވިސްނަމުން ދިޔައެވެ.

މިހާރު އޭނާއަކީ އެކަނިވެރިއެއް ނޫނެވެ. ޖަޔާގެ ރީތި ހަށިގަނޑު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.

ޖަޔާ............

ޒުވާން ކުއްޖެކެވެ. އޭނާގެ އަމިއްލަ ހަށިގަނޑެކެވެ. ޤާނޫނީ ގޮތުންނާއި މަޒްހަބީ ގޮތުންނެވެ.

އެކަމަކު......... ހިތްހަމަ ޖެހިލާވަރަށް ބަލާވެސް ނުލެވުނެވެ.

އަތްދަނޑި މައްޗަށް ލައިގެން ލޯބިކޮށްލުމުގެ ފުރުޞަތެއްވެސް ނުލިބުނެވެ.

ހިތުގެ ދުނިޔެ ވަރަށް ރަޙުމް ކުޑަކަމާއެކު އެފުށް މިފުށަށް ޖެހެމުން ދިޔައެވެ.

ދެން..........

ޖަލާލީ އަނެއްކާވެސް ހިތްވަރު ކޮށްލާފައި ދިއުމަށް ނިންމައިފިއެވެ. މިފަހަރު ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ. އެކަމަކު........ އޭނާ ދާނެކަން ހަމަގައިމެވެ. ދިމާވާ ކޮންމެ ހުރަހެއް އޭނާ ފުނޑުފުނޑު ކޮށްލާނެއެވެ. އެއްވެސް ބިރެއްނެތި އޭނާ ދިމާކުރާނެއެވެ. މުޅިން ބިރު ކަނޑާލާނެއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން