ޣައްޒާގެ ކުޑަކުދިންތައް ބިކަ ހާލުގައި- ގޫގުލް އިމޭޖެސަ
ޣައްޒާގެ ކުޑަކުދިންތައް ބިކަ ހާލުގައި- ގޫގުލް އިމޭޖެސަ
އިސްރާއީލުންން ފަލަސްތީނާ ދެކޮޅަށް ކުރިއަށްގެންދާ އަނިޔާވެރި އަދި ފަނާކުރަނިވި ހަނގުރާމައަކީ ކައިރި މުސްތަގުބަލެއްގައި ދުނިޔެ ދެކެފައިވާ އެންމެ ނުރައްކާތެރި އަދި އެންމެ އަނިޔާވެރި ހަނގުރާމައެވެ. އަނިޔާވެރިކަމާއެކު އިޒްރޭލުން ފަލަސްތީނަށް މެދު ނުކެނޑި ހަމަލާ ދެމުންދާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް ވޭތުވެފައިވީއިރު، އަދިވެސް މި ހަނގުރާމައަކަށް ނިމުމެއް އައިސްފައެއް ނުވެއެވެ. އަދި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް މި ކުރަމުންދާ ހަނގުރާމައަކީ ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން މި ދުނިޔެމަތިން ފޮހެލުމަށް ކުރަމުން އަންނަ ހަނގުރާމައެކެވެ.

މިދިޔަ އަހަރު އޮކްޓޯބަރު 7 ގައި ފެށި މި ހަނގުރާމައިގައި ފަލަސްތީނުގެ އެތައް ބަޔަކު މި ދުނިޔެއާ އަލްވަދާއު ކިޔާފައިވާއިރު އޭގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ވާގޮތުގައި، އަނިޔާވެރި އިސްރާއީލުގެ އަނިޔާވެރި ފައުޖުތަކުން ވަނީ މި ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި 16920 އަށްވުރެ ގިނަ ކުޑަކުދިން ގަތުލު ކޮށްފައެވެ. އަދި އެމީހުން ވަނީ ޣައްޒާގައި ދިރިއުޅެމުންދިޔަ ފަލަސްތީނުގެ އެތައް ހާސް ކުދިންނަކަށް ހަމަލާދީ، މުޅި އުމުރުދުވަހުު ނުކުޅުދުންތެރިކަން ތަހައްމަލު ކުރަންޖެހޭ ފަދަ ކުދިބަޔަކަށް ހަދާފައެވެ.

އަނިޔާވެރި އިޒްރޭލުގެ އަސްކަރިއްޔާއިން ކެނޑިނޭޅި ޣައްޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކުން ސަލާމަތްވެފައިވާ ކުޑަކުދިން މިހާރު ދިރިއުޅެމުން ދަނީ ވަރަށް ދަތި ހާލުގައެވެ. މި މުސީބާތްތައް ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު އެ ތުއްތު ތުއްތު ކުދިންނަށް ފެނިފައިވާ މަންޒަރުތަކާއި، ތަހައްމަލު ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން އެކުދިންވަނީ ނަފްސާނީ އަދި ޖަޒުބާތީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

މި އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންގެ މައިންބަފައިން އެކުދިންނާ ވަކިވެފައިވާއިރު، އެކުދިން ވަނީ ހާލުގައި ޖެހި ބިކަވެފައެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާއިން ބުނާ ގޮތުގައި މި ހަނގުރާމައިގައި މިހާތަނަށް 25،000 އަށްވުރެ ގިނަ ކުދިން ވަނީ އެކުދިންގެ މަންމަ ނުވަތަ ބައްޕައާއި ވަކިވެފައެވެ. އަދި މީގެ ތެރޭގައި ގިނަ ކުދިންގެ މަންމަ އާއި ބައްޕަ ވެސް މިދުނިޔެއާ އަލްވަދާއު ކިޔާފައި ވާކަމަށް ފަލަސްތީނުގެ ސަރުކާރުން ބުނެއެވެ. އަދި އެއިން ގިނަ މީހުންގެ ހަށިތައްވެސް އަދި ފެނިފައިނުވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ނިރުބަވެރި އިސްރާއީލުން ދަނީ އެކުދިންނަށް އެހީވުމުގައި އުޅޭ ފަރާތްތަކަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތި ކުރުވާފައެވެ. އަދި އެމީހުންނަށް އަމާޒުކޮށް ހަމަލާދީ ގިނަ ބަޔަކު މަރާފައި ވެސް ވެއެވެ. އެގޮތުން އެމީހުން ވަނީ ޣައްޒާގެ ޗެކްޕޮއިންޓުތައް ބަންދުކޮށް، ކަރަންޓުގެ ހިދުމަތް ކަނޑައި، މުއާސަލާތީ ވަސީލަތްތައްވެސް ނައްތާލާފައެވެ. އޭގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުޑަ ކުދިންގެ ޒަރޫރީ ބޭނުންތައްވެސް ފުއްދައިދިނުން ވަނީ އުނދަގޫ ކަމަކަށް ވެފައެވެ. އަދި އެކުދިންނަށް އަމާޒުކޮށް ހަމަލާދީ ގެތަކާއި، އެކުދިން ދިރިއުޅެމުންދާ ތަންތަން ހަލާކު ކުރަމުން ދާއިރު، އެކުދިން ވަނީ ސާފު ފެނާއި ކާބޯތަކެތިން މަހުރޫމު ކޮށްފައެވެ.

މި ހާލަތުގެ ސަބަބުން ވަރަށް ގިނަ ކުޑަކުދިން ބަނޑަށް ޖެހފައިވާއިރު އެކުދިންނަށް ލިބެންޖެހޭ ނިއުޓްރިއެންޓުތައް ނުލިބުމުގެ ސަބަބުން އެކުދިންނަށް ދަނީ ސިއްހީ އެތައް މައްސަލުތަކެއް ކުރިމަތިވަމުންނެވެ. އަދި މިކަމުގެ ސަބަބުން ޣައްޒާގެ ތުއްތު ކުދިން މަރުވާ އަދަދުވެސް މިވަނީ އިތުރު ވެފައެވެ. އެއްވެސް އިންސާނިއްޔަތު ކަމެއް ނެތި ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ކުރަމުން މިދާ ހަނގުރާމައިގެ އެންމެ ބޮޑު އަސަރެއް ކުރަނީ މައުސޫމު ތުއްތު ކުދިންނަށެވެ.

ހިތާމަވެރި ހިތްދަތި އަނެއް ކަމަކީ ޣައްޒާގެ ހޮސްޕިޓަލުތަކުގެ ހާލަތު ދަށްވެ ރަނގަޅު ސިއްހީ ވަސީލަތްތައް ނެތި އޭގެ ސަބަބުން މާބަނޑު އަންހެނުންނާއި، އަލަށް އުފަންވާ ތުއްތު ކުދިންނަށް ފަރުވާ ނުދެވި މަރުވާން ދޫކޮށްލަން ޖެހޭ ކަމެވެ. މި ހަނގުރާމައިގައި އިސްރާއީލުގެ އަސްކަރިއްޔާގެ ހަރަކާތްތަކުގެ ސަބަބުން ފަލަސްތީނަށް އުފަންވީ އެތައް ކުދިންނެއް ވަނީ ޝަހީދުވެފައެވެ. މި ދުނިޔެއަށް އުފަންވާތާ މާ ގިނަ ދުވަހެއް ނުވެ އެކުދިންގެ ކިބައިން ދިރިހުރުމުގެ ހައްގުވެސް ނިގުޅައިގެންފައި މިވަނީ ހަމަ ނިރުބަވެރި އިސްރާއީލުންނެވެ.

މި ހަނގުރާމައިގެ ސަބަބުން ޣައްޒާގައި ތަފާތު އެކިކަހަލަ ގައިން ގަޔަށް އަރާ ބަލިތައް ފެތުރެން ފަށާފައިވާ ކަމީވެސް ވަރަށް ހިތާމަވެރި ކަމެކެވެ. އެގޮތުން ޗިކެން ޕޮކްސް އާއި ޕޯލިއޯ ފަދަ ބަލިތައް ފެތުރެމުން ދާއިރު، އެތައް ބަޔަކު އެއް ތަނެއްގައި ދިރިއުޅެން ޖެހުމުގެ ސަބަބުން މި ބަލިތައް ދަނީ ވަރަށް ފަސޭހަކަމާއެކު ފެތުރެމުންނެވެ. އަދި މި ބަލިތަކުގެ އަސަރު އެތައް ކުދިންނަކަށް ކޮށްފައިވާއިރު، ބަލިތަކަށް ފަރުވާ ދޭނެ ގޮތެއް ނެތުމުން އެކުދިން އުޅެން ޖެހިފައިވަނީ ވަރަށް ދަތި ހާލުގައެވެ. މިއީ ހަމަ އަނިޔާވެރިކަމުގެ އެންމެ އިންތިހާ ދަރަޖައިގެ ހަނގުރާމައެއް ކަން މިކަމުންވެސް އެނގެއެވެ.

މީގެ އިތުރުން އިސްރާއީލުގެ ބާރުތަކުން ދަނީ ފަލަސްތީނުގެ ކުޑަކުދިން އެކުދިންގެ އާއިލާތަކާ ވަކިކޮށް، ހައްޔަރު ކުރަމުންނެވެ. އެގޮތުން އެކުދިން އެކަނި މާއެކަނި ގޮޅިތަކެއްގައި ބަންދު ކުރަމުންދާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން އެކުދިންނަށް ކާން ބޯން ދެނީވެސް ހަލާކުވެފައިވާ ކާއެއްޗެހި ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި އެކުދިންގެ އާއިލާގެ އެއްވެސް މެމްބަރަކާ އެކުދިންނާއި ބައްދަލު ކުރުމުގެ ހުއްދަ ދީފައި ނުވާއިރު، އެއްވެސް ގާނޫނީ ވަކީލެއް ނެތި އެކުދިންގެ މައްޗަށް ތަފާތު އެކިކަހަލަ ތުހުމަތުތައް ކޮށް، ސުވާލު ކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އިސްރާއީލުން މިހާ އަނިޔާވެރި ކޮށް މިކުދިންނާ ދޭތެރޭ އަމަލު މިކުރަނީ އެކުދިންނާއި އެކުދިންގެ އާއިލާތައް ނަފްސާނީ ގޮތުން ބަލިކަށި ކޮށްލުމުގެ ނިޔަތުގައި ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާވެރި ވަމުން އަންނަތާ އަހަރެއް ވެފައިވާއިރު، އިސްރާއީލުން އަދިވެސް ދަނީ ޣައްޒާއަށް ދެމުންދާ ހަމަލާތަށް އިތުރަށް ވަރުގަދަ ކުރަމުންނެވެ. މީގެ އިތުރުން އިސްރާއީލުން މިހާރު ވަނީ ލުބުނާނަށްވެސް ހަމަަލާތައް ދޭން ފަށާފައެވެ. އަދި ފާއިތުވެ ދިޔަ ހަފްތާތަކުގެ ތެރޭގައި ލުބުނާނަށް ދިން ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ވަނީ މަރުވެފައެވެ. އިސްރާއީލުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާއިރު، ސުވާލު އުފެދޭ ކަމަކީ މި ހަނގުރާމައަށް ނިމުމެއް އަންނާނެ ދުވަހަކާއި މެދު އުފެދޭ ސުވާލެވެ. އިސްރާއީލުގެ އަނިޔާވެރިކަން ތަހައްމަލު ކުރަމުންދާ މީހުންނަށް އިންސާފު ލިބޭނީ ކޮން ދުވަހަކުން ކަމާއިމެދު އުފެދޭ ސުވާލެވެ.

މި ގައުމުތަކަށް އެހީވުމުގެ ގޮތުން އަޅުގަނޑުމެންނަށް ފަރުދީ ގޮތުން ކުރެވެން އޮތީ އެންމެ ކަމެކެވެ. އެއީ މި އަނިޔާވެރިކަމުން އެ ގައުމުތައް ސަލާމަތް ކުރުމަށް އެދި، ދުއާކުރުމެވެ. ހަމަ ޔަގީނުންވެސް އެންމެންވެސް މިހާރު އެންމެ އަވަހަށް ދެކެން ބޭނުންވާނެ ދުވަހަކީ އިސްރާއީލުގެ އަނިޔާވެރިކަމުން ގައުމުތައް ސަލާމަތްވެ، މިނިވަންކަމާއި އުފާވެރިކަންމަތީ އުޅެމުންދާތަނެވެ. އަބަދުވެސް ދުއާ ކުރެވެނީ އަދަށްވުރެ ފަހި މާދަމައެއް އެ ގައުމުތަކަށް ދެއްކެވުން އެދިއެވެ.

މަސްދަރު: އަލްޖަޒީރާ، ޑިފެންސް ފޯ ޗިލްޑްރެން ޕެލެސްޓައިން


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން