ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުން ނިރުބަވެރި އިސްރާއީލަށް ޑްރޯން އިން ދިން ހަމަލާއެއްގައި އިސްރާއީލްގެ 67 މީހުން ޒަހަމްވެއްޖެއެވެ.

ރޭގެ ވަގުތެއްގައި ހިޒްބުﷲ އިން މި ޑްރޯން ފޮނުވާލީ އިސްރާއީލްގެ މެދުތެރެއާ ވަރަށް ކައިރީގައި އޮންނަ އަވަށެއް ކަމަށްވާ ބިންޔަމީނާއަށެވެ. ހިޒްބުﷲ އިން އެ ސަރަހައްދަށް ޖުމްލަ ތިން ޑްރޯން ފޮނުވާލިއެވެ. ނަމަވެސް އިސްރާއީލުން ވަނީ އެގައުމުގެ އެއާ ޑިފެންސް ސިސްޓަމް ބޭނުންކޮށްގެން އެ ތަނުން ދެ ޑްރޯން ކަނޑަށް ވައްޓާލާފައެވެ.

ހިޒްބުﷲ އިން ފޮނުވާލި ޑްރޯން ވެއްޓުނީ ބިންޔަމީނާ އަވަށަށެވެ. ގޮވާތަކެތި ހަރުކޮށްގެން ދިޔަ ޑްރޯން ގޮވުމާއެކު، އިސްރާއީލަށް ލިބިފައި ވަނީ ކުއްލި ސިހުމެއްކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ހާދިސާގައި ޑްރޯން ވެއްޓުނު ސަރަހައްދަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި އެގައުމުން ހާމައެއްނުކުރެއެވެ.

ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހިޒްބުލްاللهގެ މި ހަމަލާގައި ޒަހަމްވި މީހުންގެ ތެރެއިން އެންމެ ހާލު ބޮޑީ ހަތަރު މީހުންގެއެވެ. އަދި ފަސް މީހެއްގެ ހާލު ވަރަށް ސީރިއަސްއިރު، 14 މީހަކަށް މެދުމިނުގެ އަނިޔާތައް ވެފައިވާ ކަމަށް ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

މި ހަމަލާގައި އަނިޔާވި ގިނަ މީހުންނަށް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ އިސްރާއީލުގެ ހިލެލް ޔަފޭ މެޑިކަލް ސެންޓަރަށެވެ. އެހެން ބައެއް މީހުން ޝެބާ ހޮސްޕިޓަލާއި ރަމްބަމް ހޮސްޕިޓަލް އަދި ރަބިން މެޑިކަލް ސެންޓަރަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.

ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި 42،227 މީހުން މަރުވެ 98،464 މީހުން ވަނީ ޒަޚަމްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން