ޞާދިރު ޢަލީދީދީ   24 އޯގަސްޓު 2020 - 13:11
ސަންޑޭ
ސަންޑޭ
އެޕިސޯޑް 01

...............

ނިދާ ބޮކީގެ ފަނޑުއަލީގެ ތެރޭގައި ނަވާލް ދެލޯ މަރާލިއެވެ. ނަމަވެސް، އޭނާގެ ލޮލަކު ނިދީގެ ކަންފުޅެއްވެސް ނެތްކަހަލައެވެ. ލޯމަތިން ސިފަވަމުންދާ މަންޒަރުތަކެއްގެ ސަބަބުން، ލޮލާއި ނިންޖާ ދެމެދު ހުރަސްއަޅަނީ ފިކުރުތަކެވެ. ނަވާލްގެ ހިތަށް އެއީ ހިތްގައިމު މަންޒަރެކެވެ. އެބިޔަ ބަގީޗާގައި ފޮޅިފައިވަނީ އެންމެ މަލެކެވެ. އެމަލުގައި ތާޒާކަމާއެކު ހިތްގައިމު ވަހެއްވެސް ހުންނާނެއެވެ. ޢާންމު ބަގީޗާތަކުން އޭނާ ދުށް މާމެލާމެއްޔަށްވުރެން އެ މާ ފުރިހަމައެވެ. ކޮންމެއިރެއްގައިވެސް، އެމަލުން ފެންނަނީ ތާޒާކަމެވެ. ހީކުރެވުނެވެ. އެމަލުގެ މީރުކަމާއި ލައްޒަތު ލިބިގަތުމަށް މިހާރުވެސް އެތައް މާބުރުތަކެއް، އެމަލުގެ ވަށައިގެން ޠަވާފު ކުރާނެއެވެ. ނަމަވެސް، ބަގީޗާ ބަލަހައްޓާ މީހުންގެ ހުޝިޔާރު ލޯ ހުޅުވެނީއެވެ.

އަންހެން ކުއްޖަކަށް މާބޮޑަށް މިނިވަންކަން ދިނުމަކީ، އެކުއްޖަކު ހަލާކުގެތެރެއަށް ދޫކޮށްލުންފަދަ މޮޔަ ކަމެއްކަން ނަދުހާގެ މައިންބަފައިން ދަނެއެވެ. ނަދުހާއަކީ އެޢާއިލާގައި ހުރި ހަމައެކަނި ކުއްޖާ ކަމުގައިވިޔަސް، އޭނާއަށް ދެވިފައިވާ މިނިވަންކަންވެސް އޮންނަނީ މިންގަނޑެއްގައެވެ. ނަދުހާވެސް އެކަމާ ޝަކުވާއެއް ނުކުރެއެވެ. ނަދުހާގެ މަންމަ ޒުހުރާއާއި ބައްޕަ ޝަކީބު ނަދުހާ އަޅާ ކޮންމެ ފިޔަވަޅެއްވެސް، ފިސާރި ފަރުވާތެރިކަމާއެކު ބަލައެވެ. ނުހަނު ގާތުންނެވެ.

ނަވާލަށް ނަދުހާ ފެނުނީ، އޭނާގެ މަންމަ ޒުހުރާއާއެކު ބާޒާރުކުރަން ނުކުމެ އުޅެނިކޮށެވެ. ނަދުހާގެ ފުރަތަމަ ފެނިލުމާއެކުވެސް، ނަވާލުގެ ހިތަށް އާދަޔާ ޚިލާފު އިޙްސާސްތަކެއް ކުރެވުނެވެ. [ހާދަ ރީއްޗޭ] ނަވާލަށް ހިތާހިތާ ކިޔުނެވެ. ނަދުހާގެ ނަލަކަމާއި ފަރިކަން ފެނި ނަވާލް ޝޯޚްވި ކަހަލައެވެ. ގައިމެވެ. މީގެކުރިން އަންހެން ކުއްޖަކު ފެނި ދުވަހަކުވެސް އޭނާއަށް މިފަދަ ގޮތްތަކެއް ނުވެއެވެ. އޭނާގެ ޢުމުރުން ފާއިތުވެދިޔަ ދުވަސްތަކުގައި ކުއްޖަކާ ދިމާއަށް އެފަދަ ނަޒަރަކުން ބަލައިލާންވެސް އޭނާއަކަށް ނުކެރޭނެއެވެ. ނަމަވެސް، އޭނާއަށް މިއަދު އެވަނީ ހިތަށް ބާރު ނުފޯރުވޭވަރުވެފައެވެ. އިޚްތިޔާރަކާނުލާ އޭނާގެ ހިތްވަނީ އެރީތި ޖާދުވީ އަންހެން ކުއްޖާގެ ފަހަތުން ދަތުރު ފަށާފައެވެ. ލޯބީގެ މަންޒިލަކަށް ދިޔުމަށެވެ. [ހާދަ ލޯތްބޭ] ނަދުހާގެ ތިންވަނަ ފެނިލުމާއެކު ނަވާލަށް ހިތާހިތާ ބުނެވުނެވެ. ނަމަވެސް، އެއަށްވުރެ ބޭރަކަށް އެ އަޑު ނެރޭކަށް އޭނާއަކަށް ކުޅަދާނައެއް ނުވިއެވެ.

[ޙަޤީޤަތުގައިވެސް ހާދަ ފަރިއޭ....ހީވަނީ ސާދަ ފަނަރައިގެ ހަނދެއް ފަލަކުން ނައްޓާލިހެން.] ނަދުހާގެ ހަތަރުވަނަ ފެނިލުމަށްފަހު ނަދުހާއަށް އިވޭވަރަށް ނަވާލު ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ އަފްޒަލާއެވެ. ޙަޤީޤަތުގައި އަފްޒަލްވެސް ހުރީ ނަދުހާގެ ރީތިކަމާއި ހިތްގައިމު ކަމަށް ތަޢުރީފު ކުރަން ބޭނުންވެފައެވެ. އެކަން އޭނާގެ ވާހަކައިން ކޮންމެވެސްވަރަކަށް ދޭހަވިއެވެ.

[ތެދެއް ތިބުނީ ވަރަށް ފުރިހަމަ. ސާދަ ފަނަރައިގެ ހަނދަށްވުރެންވެސް ފުރިހަމައޭ ބުނާހިތްވަނީ....އެމަލުގެ ބަގީޗާއިން ފުރްޞަތު ލިބޭ މީހަކުވާނެ ނިކަން ނަޞީބުވެރިއަކަށް.] އަފްޒަލްވެސް ވާހަކަ ދެއްކީ ނަދުހާއަށް އިވޭވަރަށެވެ.

ނަމަވެސް، ނަދުހާ އެ އަޑަކަށް ސަމާލުކަމެއް ދިންހެނެއް ހިއެއްނުވެއެވެ. ނޫނީ ނަދުހާ އެދެމީހުންކުރެން އެކެއްގެ އަޑެއްވެސް ނާހައެވެ. ނަދުހާއަކީ މަގުމަތިން ހިނގާއިރު، ދިމަދިމާއަށް ކަޅިއުކަމުން، ފަރާތްފަރާތަށް ކަންފަތް ދިއްކުރަމުންދާ ކުއްޖެއް ނޫނެވެ. ޢާންމު ދިރިއުޅުމުގައިވެސް އޭނާއަކީ ވަރަށް ލަދުރަކި މަޑުމައިތިރި މިޒާޖެއްގެ އަންހެން ކުއްޖެކެވެ. ދުވަހަކުވެސް އޭނާ އިސްވެ، ފިރިހެން ކުއްޖަކާ ވާހަކައެއް ނުދައްކައެވެ. ގިނަފަހަރަށް ފިރިހެން ކުއްޖަކު ވާހަކަ ދެއްކިޔަސް، އޭނާ ވާހަކައެއް ނުދައްކައެވެ. އެއީ އެއް މަދަރުސާއެއްގައި އެއްކްލާހެއްގައި ކިޔަވާ ކުއްޖެއް ކަމުގައިވިޔަސްމެއެވެ. އަންހެން ކުދިންތަކުގެ ތެރެއިންވެސް އޭނާ ޢާންމުކޮށް ވާހަކަ ދައްކައި އުޅެނީ ދެތިން ކުއްޖަކާއެވެ. އޭގެތެރެއިން އެކަކީ އޭނާގެ ހުރިހާ ސިއްރުތަކެއްވެސް، އެކުއްޖަކާއެކު ޙިއްޞާކުރާ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ފާތިނާއެވެ.

ފާތިނާއަކީވެސް އޭނާ ފަދައިން ލަދުރަކި އަންހެން ކުއްޖެކެވެ. ތަފާތަކީ ޢުމުރުން ސަތާރަ އަހަރުން ފެށިގެން ފާތިނާ ލޯބީގެ ޙަޔާތް ފަށާފައިވާކަމެވެ. އެކަމާ ފުރަތަމަ ނަދުހާ ނުރުހުން ފާޅުކުރިވެސްމެއެވެ. ނަދުހާ ބުނެފައިވަނީ، އެފަދަ ގުޅުމަކަށް [އަދި މާއަވަސް] ކަމުގައެވެ. [ނަދޫވެސް ކުއްޖަކާ ރައްޓެހިވީމަ އެނގޭނީ، ލިބޭ ހިތްހަމަޖެހުން.] ލޯބީގެ ގުޅުމުން ލިބޭ ހިތްހަމަޖެހުމާ ބެހޭގޮތުން ވާހަކަ ދައްކަމުން ފާތިނާ ބުންޏެވެ.

[ކޮން ހިތްހަމަޖެހުމެއް ލިބޭނީ. ތިބުނާފަދަ ނަޒަރަކުން ކުއްޖަކު އަހަންނާ ދިމާއަށް ބެލިޔަސް، އަހަރެން ފޫހިވޭ.] ނަދުހާ ބުންޏެވެ.

[ނަދޫގެ ހިތް އެދޭކަހަލަ ކުއްޖެއްގެ އިޝާރާތް ނުލިބޭތީ ތިހެން ތިވަނީ. އަހަރެން ބަލާނަމޭ، ތިހެން ހުރެވޭނީ ކިހާ ދުވަހެއް ވަންދެންތޯ.] ފާތިނާ ހީގަތެވެ.

[އަހަރެން ސްކޫލް ނިމުނީމާ ނޫނީ ތިކަހަލަ ކަމަކަށް ނުވެސް ވިސްނާނަން....މިހާރު ތިކަހަލަ ކަންތަކާ ވިސްނަން ވެއްޖެއްޔާ، ކިޔެވުމާ ދޭތެރޭ ވިސްނާނެ ވަގުތެއް ނުވާނެ.] ނަދުހާ ބުންޏެވެ. އެއީ ނަދުހާގެ ވިސްނުމެވެ. އެ ވިސްނުން ބަދަލުކުރާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ.

[އަހަރެންވެސް ފާސްވޭ. އަހަރެން ސުހޭލާ ރައްޓެހިވިތާ މިހާރު ކޮން ދުވަހެއް.] ދިފާޢުގައި ފާތިނާ ބުންޏެވެ. ހެއްކާ އެކުގައެވެ. ލޯބީގެ ގުޅުން ކުރިއަށް ގެންދިޔަ ކަމުގައިވިޔަސް، ކޮންމެ ފަހަރަކުވެސް އޭނާ ފާސްވެއެވެ. A ނުވަތަ B ރިޕޯޓެއް ނޫނީ ނުލިބެއެވެ. އެހެންކަމުން މިއަދު އޭނާއަށް އެހެން ބުނެވެން އެބައޮތެވެ.

[ވަރިހަމަ، އަހަރެން ބޭނުމެއް ނޫން. ތިއިން އެއްވެސް ފިރިހެނެއްގެ މަޅިފައްޗަކު އަހަންނެއް ނުޖެހޭނެ.] ސާބިތުކަމާއެކު ނަދުހާ މިހެން ބުނެފައި، ދޮރާށި ހުޅުވާފައި އެތެރެއަށް ވަނެވެ. އޭރު އޭނާގެ މަންމަ ޒުހުރާ އިންތިޒާރުގައި އިނެވެ.

[ދަރިފުޅާ ކޮންތާކުން؟] ނަދުހާ ވަނުމާއެކު ޒުހުރާ އެއްސެވެ. އެއީ އޭނާގެ އާދައެކެވެ. ދަރިފުޅުދާ ތަންތަނާއި، އުޅޭނޫޅޭ ގޮތް އެނގެންޖެހޭނެ ކަމަށް އޭނާ ގަބޫލު ކުރެއެވެ. ޤަބޫލުކުރެވޭ ގޮތުގައި، ނަދުހާ، އެ ޢުމުރުގެ އެހެން ކުދިންނާ އެއްގޮތަށް، ޒުވާން ފިރިހެން ކުދިންގެ ދަޅަތަކަށް ނުހެއްލި ހުރުމުގެ ސަބަބަކީ، އޭނާގެ މައިންބަފައިންގެ ބެލުންތެރިކަމެވެ. ނަދުހާގެ ބައްޕަ ޝަކީބާއި، މަންމަ ޒުހުރާ ނަދުހާދެކެ އިންތިހާއަށް ލޯބިވެއެވެ. އެހެންކަމުން، އެދަރިފުޅާ ދޭތެރޭ އެމީހުން ދެކޭ ހުވަފެންތައްވެސް ފިސާރި ފޮންޏެވެ.

[ފާތިނާއާއެކު ފިހާރައަކަށް ގޮސްލީ. މިހާ އަވަހަށް މިއައީ މަންމަ ގާތު އަހާނުލެވި ދެވުނީމާ....ސޮރީ މަންމާ.] ނަދުހާ ވަރަށް މަޑުމައިތިރިކަމާއެކު މަޢާފަށްވެސް އެދުނެވެ. އެއީ ނަދުހާއަށް ލިބިފައިވާ ރަނގަޅު ސިފަތަކުގެ ތެރެއިން އެއްސިފައެވެ.

[މަންމަ ގާތު ނުބުނެ ދިޔައީމަ މަންމަ މިހުރީ ވަރަށް ކަންބޮޑުވެފައި.] ޒުހުރާ ނަދުހާގެ ބޮލުގައި ނުހަނު ލޯތްބާއެކު ފިރުމާލިއެވެ.

މުސްކުޅިފުރައިގެ އަންހެނަކާއެކު ޝަކީބު ގެއަށް އައިސްވަނީ އެވަގުތުއެވެ. ޒުހުރުއާއާއި ނަދުހާއަށް ބަލައިލެވުނީ، ޝަކީބުގެ ފަހަތުގައި ހުރި މުސްކުޅި މީހާއަށެވެ. އެއަށްފަހު، ޝަކީބުގެ އަތުގައި އޮތް ފޮށްޓަށެވެ. އެއީ މުސްކުޅި މީހާގެ ފޮށްޓެވެ. އެހެންކަމުން، އެއީ ޝަކީބު، ކުރީ ދުވަހެއްގައި އެގެއަށް ގެންނަން ބުނި ގެންގުޅޭ މީހާކަން ޒުހުރާއަށް ވިސްނުމުން، އޭނާގެ މޫނުމަތި އުޖާލާވެގެންދިޔަ ކަހަލައެވެ.

[މީ އަހަރެން ބުނި މީހަކީ. ދަލޭކަ ދޯ ކިޔަނީ؟] ޝަކީބު، އެ މުސްކުޅި މީހާ، ޒުހުރާއަށް ތަޢާރަފްކޮށްދިނުމަށްފަހު، ދަލޭކައާ ދިމާއަށް ބުންޏެވެ.

ދަލޭކަ ބޯޖަހާލިއެވެ. އޭރު ދަލޭކަގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައިވަނީ ނަދުހާއަށެވެ. ހީވަނީ އޭނާ މާކުރިން ދަންނަ ކުއްޖަކާ ދިމާއަށް ބަލަމުންދާހެނެވެ. އެހިނދު ނަދުހާވެސް ދަލޭކައަށް ބަލަމުންދިޔައީ މާ ގާތް ނަޒަރަކުންނެވެ. ހީވާކަހަލައެވެ. އޭނާ މާކުރިއްސުރެވެސް ދަލޭކަ ދަނެއެވެ.

[މަންމާ، މިއަދު ކޮންދުވަހެއްތަ، ހޯމަތަ ނޫނީ އަންގާރަތަ؟] ނަދުހާ ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް އެއްސެވެ.

[އާދީއްތަ] ޖަވާބު ދިނީ ދަލޭކައެވެ. ދަލޭކަ ޖަވާބުދިންލެއް އަވަސްކަމުން، ހީވީ ނަދުހާ މުޚާޠަބުކުރީ ސީދާ ދަލޭކައާހެނެވެ.

[އާދީއްތައޭ؟] ޒުހުރާއާއި ޝަކީބް، އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.

[މިއަދު މާބޮޑު ކަމެއް އޮތީތަ؟] ޝަކީބު ހިނިތުންވެލަމުން ނަދުހާގެ މޫނަށް ބަލައިލިއެވެ.

[އުނހު، މާބޮޑު ކަމެއް އޮތީކީ ނޫން. ކުރީ ދުވަހެއްގައި މަންމަ ބުނީމެއްނު، ނަދޫ އުފަންވީ ކޮންމެވެސް އާދީއްތަ ދުވަހެއްގައޭ. މަންމައާއި ބައްޕަ ވާނެއެއްނު ނަދޫއަށް ވިޝްކުރަން.] ތިންދުވަސް ކުރީގެ ހަނދާންތަކެއް އައުކޮށްފައި ނަދުހާ ބުންޏެވެ. ހީގަންނަމުންނެވެ.

[އުފާވެރި އުފަން ދުވަހަކަށް އެދެން.] އެންމެ ފުރަތަމަ މަރްޙަބާކީ ދަލޭކައެވެ. ދަލޭކަ އިނީ ވަރަށް އުފާވެފައެވެ.

[ޝުކުރިއްޔާ.....] ނަދުހާ ޝުކުރު އަދާކުރިއެވެ.

އެދުވަސްވީ އެގެއަށް އައި ވަރަށް އުފާވެރި ދުވަހަކަށެވެ. ނަދުހާގެ ހިތްހަމަޖެއްސުމަށްޓަކައި އެދުވަހުވެސް އެގޭގައި ކުޑަވަރެއްގެ ޙަފްލާއެއް ބޭއްވިއެވެ. އޭނާގެ ކްލާސް ކުދިން ބައިވެރިކޮށްގެނެވެ. އެދުވަހުވެސް އެތައް ފިރިހެން ކުދިންނެއް، ތަފާތު މާނައިގައި އޭނާއަށް ބެއްޔެވެ. ނަމަވެސް އެއިން އެއްވެސް ބެލުމަކަށް އޭނާ ޝައުޤެއް ނެތެވެ. އެބެލުންތަކުން އޭނާގެ ހިތަށްވެރިވީ ފޫހިކަމެވެ. އެކަން އޭނާގެ ޙަރަކާތުން ދޭހަވުމުން، ބައެއް ކުދިން ހޯހޯ ގޮވަމުން ދުވެފިލައެވެ.

[ކީއްކުރަންތަ އަހަންނާ ދިމާއަށް ބަލަންވީކީ.....؟ ވަރަށް ފޫހިވޭ.] ނަދުހާ، އޭނާގެ ރަޙްމަތްތެރިޔާއާ ވާހަކަ ދެއްކީ، ޖެހިގެން އައި ދުވަހުގެ މެންދުރެއްހާއިރުއެވެ.

[އެއީ އެހާވަރު ކަމެއްތަ، ނަދޫ އަޅާނުލާބަލަ.] ހިނިތުންވެލަމުން ފާތިނާ ބުންޏެވެ.

[އަހަރެން ވަރަށް ފޫހިވޭ. ފާތިނާ ބުނާހެން އަހަރެން ހިތްއެދޭ ކުއްޖަކު ފެނުނީމަ އަހަންނަށް އެނގޭނެ. އެފަދަ މީހަކު ފެނިއްޖެއްޔާ އަހަރެން އަމިއްލައަށްވެސް އެދޭނަން.] ނަދުހާ ބުންޏެވެ. ސަބަބެއް ނޭނގެއެވެ. ނަދުހާ ފިރިހެނުން މަތިން މާވަރަކަށް ފޫހިވަނީއެވެ. ޚާއްޞަކޮށް، އޭނާގެ ލޯތްބަށް އެދޭ ފަރާތްތައް ދެކެއެވެ.

މިހާރުވެސް އޭނާގެ ލޯތްބަށް އެދި ހުށަހެޅި ކުދިންގެ ޢަދަދު، ގުނާ ޢަދަދު ނުކުރެވޭ ކަމަށްވެއެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. އޭނާއަކީ ޤުދްރަތުން ރިވެތި ހުރިހާ ސިފަތަކެއް ލިބިފައިވާ ކުއްޖެކެވެ. ދިވެހި އެހެން އަންހެން ކުދިންނާ ޚިލާފަށް، އޭނާއަށް ފަން ރަން ކުލައިގެ އިސްތަށިގަނޑެއް ލިބިފައިވާއިރު، ހަށިގަނޑުގެ ރޫފަ ރަނގަޅުވެފައި، ކުލަ ދޮންވުމުން، އޭނާ ބޮޑަށް ވައްތަރީ ހުޅަނގުގެ ރީތީގެ ރާނީއަކާއެވެ.

[ޙަޤީޤަތުގައިވެސް ހީވަނީ މިސް އިޓަލީހެން.] ނަވާލް، ނަދުހާއަށް އިވޭވަރަށް ނަދުހާއަށް ތަޢްރީފު ކުރިއެވެ.

[އޫނ......] ނަދުހާ ފޫހިވައްތަރެއް މޫނުމައްޗަށް ޖެއްސުމަށްފަހު، ހިނގުން ބާރުކުރިއެވެ.

[އަހަންނަށް ވައްތަރީ ފަރަންސޭސިވިލާތުގެ ރީތީގެ ރާނީއާ.] އަފްޒަލް ހީނގަންނަމުން، މިހެން ބުނެފައި ނަވާލްގެ ކޮނޑަށް އަތް ވައްޓާލިއެވެ. ނަމަވެސް، ނަދުހާ ފަސްއެނބުރި ބަލައިވެސްނުލިއެވެ. އޭނާ އެދިޔަގޮތަށް ގޮސް ކުރިމަތީގައި ހުރި ގެއަކަށް ވަދެއްޖެއެވެ.

[ދިވެހި މުޑުވަކެއްހެން ހިއެއްވެސްނުވޭ.] ނަވާލް ހުރީ ނަދުހާ ވަން ގެއާ ދިމާއަށް ބަލަހައްޓައިގެން ގަނޑުވެފައެވެ.

[ތިހެން ނުބުނޭ ނަވާލް. ޔޫރަޕަށްވުރެން މާރީތި ކުދިން ރާއްޖޭގައި އުޅޭ. އެއްފަހަރުނަމަވެސް، ނަވާލް މި މާލެ ނޫން ރަށަކަށްދޭބަލަ. މޮޔަވާވަރުވާނެ.] އަފްޒަލް ބުންޏެވެ.

[ތިބުނީ ރަނގަޅަށް. ނަދުހާހާ ރީތި ކުއްޖަކު ހިއެއްނުވޭ ޔޫރަޕުންވެސް ފެނިދާނެހެން.] ނަދުހާއާއި ފާތިނާ، ކުރިމަތީގައި ހުރި ގެއިން ނުކުތީ ނަވާލަށް މިހެން ބުނެވުނު ވަގުތެވެ.

[ވާހް........ހިތްގައިމު ލުކެއް އެބަހުރި.] ނަދުހާ ފެނުމުން ބޭއިޚްތިޔާރުގައި އަފްޒަލަށް ބުނެވުނެވެ. ހަމައެކަނި ނަވާލަށް އިވޭވަރަށެވެ.

ނަވާލް ނަދުހާމެންގެ ފަހަތުން ހިނގައިގެންފިއެވެ. އެކަން ނަދުހާމެންނަށް އެނގުނީ ކަމަށްވެސް ވެދާނެއެވެ. ނަދުހާމެންގެ ހިނގުން ބާރުކޮށްލިއެވެ. ނަވާލާއި އަފްޒަލްވެސް ހިނގުން ބާރުކޮށްލިއެވެ. ނަމަވެސް، އެއިން އެކަކަށްވެސް އިސްވެ ނަދުހާމެންނަށް ގޮވާކަށް ނުކެރުނެވެ. ބޮޑަށް އެމީހުންނަށް ނަދުހާމެންގެ ނަންވެސް ނޭނގޭތީއެވެ.

[ބްރައުން އިސްތަށިގަނޑުލީ ކުއްޖާއަށް އަހަރެންގެ ސަލާމް.] ނަވާލް ނަދުހާމެންނާ ދިހަވަރަކަށް ފޫޓަށް ކައިރިވުމަށްފަހު، މަޑުމަޑުން ބުނެލިއެވެ. ފާތިނާ ކުޑަކޮށް ފަސްއެނބުރި ބަލައިލިއެވެ. އެހެން ނަމަވެސް، ނަދުހާ އަޅާވެސްނުލިއެވެ. ހީލިއެވެ. އެއަޑު އިވި އިތުރަށް އޭނާ ފޫހިވީއެވެ. އެދުވަހު ނަދުހާމެންނަށް ގެއަށް ދެވެންދެން އެވެރިންގެ ފަހަތުން ނަވާލް ގޯޅިއެޅިއެވެ. އެކަމަކުވެސް ނަދުހާމެންގެ އެއްވެސް އިޝާރާތެއް ނުލިބޭމެއެވެ.

[އެއްވެސް މީހަކު އަހަރެންގެ ފަހަތުން ކޯރިއަޅާނެ ކަމެއްނެތް. ވަރަށް ފޫހިވޭ.] ނަދުހާ ހުރީ ގެއަށް ނުވަދެވިގެންނެވެ. އެއީ އޭނާގެ އާދައެކެވެ. މަގުމަތިން ކުއްޖަކު ދިމާކޮށްފިއްޔާ އަބަދުވެސް އޭނާ ގެއަށް ވަދެ މަންމަ ގާތު ޝަކުވާ ކުރެއެވެ. ބައެއްފަހަރު އެކަންތަކާ ޒުހުރާ ގާތަށް ހިނިވެސް އާދެއެވެ. [ފިރިހެން ކުދިން އެހެން އުޅޭނެ. ދަރިފުޅު އަޅާނުލީމަވީނު.] ޒުހުރާ ނަދުހާގެ ބޮލުގައި ފިރުމާލިއެވެ.

[އެކަމަކު....މިހާރު މަގުމައްޗަށް ނުކުމެ އުޅެންވެސް އުނދަގޫވޭ. އަހަރެން ނޫނަސް އަންހެން ކުދިން މިދުނިޔޭގައި އެބައުޅެއެއްނު.] ނަދުހާ މަންމައިން ސޯފާގައި މަންމައާޖެހި ފިތިގެން އިށީނެވެ.

[ދަރިފުޅުހާ ރީތި ކުދިން މިރަށުގައި ނޫޅެންޏާ ވާނީ އެހެންނު.] ޒުހުރާ ހުންނަނީ އޭނާގެ ދަރިފުޅުގެ ރީތިކަމާ ދޭތެރޭ ފަޚުރުވެރިވެފައެވެ. އެއީ ދުނިޔޭގެ އާދައެވެ. ރީތި ދަރިއެއްގެ ނަޞީބު ލިބިފައިވާ ކޮންމެ މަޔަކާއި ބަފަޔަކުވެސް ވަރަށް ފަޚްރުވެރިވެ، އިންތިހާއަށް އުފާވެރިކަން ޙިއްޞާ ކުރާނެއެވެ. ޒުހުރާއާއި ޝަކީބުގެ ހުރިހާ ފަޚްރަކީވެސް، އެދެމަފިރިންގެ ދަރިފުޅު ނަދުހާއެވެ. އެދަރިފުޅުގެ ނަލަކަމާއި ޗާލުކަމުގެ ވާހަކައަކީ، އެމީހުންނަށް އާ ވާހަކައެއް ނޫނެވެ. އެއީ އަބަދުވެސް އިވޭ އަޑެކެވެ.

ގެންގުޅޭ މީހެއްގެ ގޮތުގައި ދަލޭކަ އެގެއަށް އައިފަހުން، ނަދުހާގެ ހުރިހާ ކަމެއްވެސް ބެލެހެއްޓުމާ، އަމިއްލައަށް އެދިގެން ދަލޭކަ ޙަވާލުވިއެވެ. ޙަޤީޤަތުގައި ދަލޭކަ އެގެއަށް ގެނައި މަޤްޞަދަކީވެސް އެއީއެވެ.

[މީގެފަހުން ނަދުހާގެ އަންނައުނު ދޮވެ އިސްތިރި ކުރުމާއި، އެހެން ކަންތައްތަކުގައިވެސް ނަދުހާއަށް އެހީތެރިވާނީ އަހަރެން.] ދަލޭކަ ނަދުހާގެ ބޮލުގައި ލޯތްބާއެކު ފިރުމާލިއެވެ. ނަދުހާ ލުއި ހިނިތުންވެލުމަކާއެކު ބޯޖަހާލިއެވެ.

ނަވާލް މިހާރު ވިސްނަމުން އެދަނީ، ނަދުހާ އޭނާއާ ގުޅުމަށް އެދި ހުށަހަޅާނެ ގޮތަކާ ދޭތެރޭގައެވެ. އޭނާ ބޭނުންވާ ހުރިހާ ސިފަތަކެއްވެސް ނަދުހާގެ ކިބައިގައި އެބަހުއްޓެވެ. ނަދުހާ ރީއްޗެވެ. އަޚްލާޤު ރަނގަޅުވެފައި، ޢާންމު ނޫން ފުރިހަމަ ކިތަންމެ ކަމެއް، އޭނާގެ ކިބައިގައިވެއެވެ. އެހެންކަމުން ކަމަށްވެސް ވެދާނެއެވެ. މިހާރު ނަވާލްގެ ހިތް ނަދުހާއަށް އެދި ގޮވަނީއެވެ.

[އަހަރެން ނަދުހާ ބޭނުން. މަސައްކަތް ކުރެވިއްޖެއްޔާ ކާމިޔާބު ލިބުމަކީވެސް ދުރުކަމެއް ނޫން.] ނަވާލް ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ އަފްޒަލާއެވެ. އެދެމީހުން ތިބީ މާފަންނުކޮޅުގައި އަލަށް ހަދާފައި ހުރި އޯޕަން އެއަރ ރެސްޓޯރެންޓެއްގައެވެ.

އެއީ ފަހަކަށްއައިސް ވަރަށްގިނަ ބަޔަކު ސައްލާކުރަންދާ މަންޒިލަކަށްވެފައިވާ ތަނެކެވެ. ފާހަގަކުރެވިފައިވާ ގޮތުގައި، އެތަނުން އެންމެ ބާރަށް ވިކޭ އެއްޗަކީ ދެވައްތަރުގެ ކޮފީއެވެ. ގިނަ ޒުވާނުން، އެތަނަށް ވަދެ ބޭނުންކޮށްލަނީ ކޮފީއެއް ނޫނީ ސިނގިރެޓެކެވެ.

[ނަވާލް، އަހަރެންގެ ހިތަށްއަރާ، ބޮޑުކުލީގައި މިތަންތަން ހިފައިގެން މިހިންގަނީ ފައިދާވާތީބާއޭ. ގައިމު މިގޮތަށް ހަމައެކަނި ބްލެކް ކޮފީއެއް ބޯލުމަށް ކިތައް މީހުން ވަދެފައި އެދަނީ.] އަފްޒަލް ނަވާލުގެ މަޥްޟޫޢު ބަދަލުކުރުމުގެ ޤަޞްދުގައި ބުންޏެވެ. އޭނާގެ މަޤްޞަދު ޙާޞިލުވެސްވިއެވެ.

[ތިބުނީ ތެދެއް. އެންމެ ކޮފީއެއް ބޯލުމަށް ވަންނަ މީހާވެސް ދޮޅުގަޑި ނޫނީ ދެގަޑިއެއްހާއިރު، ބޮޑު މޭޒެއް ހިފައިގެން އިނދެފައި އެދަނީ.] ނަވާލްގެ މަޥްޟޫޢު އޮޅުނެވެ. އަފްޒަލް އެ މަޥްޟޫޢާ އެހާ ގަޔާނުވަނީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ.

[ހިނގާ ބިލް ދައްކާފައި ދަމާ.] ތަބައްތެރޭގައި އޮތް ބިލަށް ބަލައިލަމުން ނަވާލް ބުންޏެވެ.

[އަފޫ ބުނާނެ ފައިދާ ނުވާނެ ވާހަކަ. ކީއްވެތަ ފައިދާ ނުވާންވީ. އެންމެ ދެކޮފީ ބުއީމަވެސް މިއޮތީވިއްޔަ އެރިވަރު.] ނަވާލް ވެއިޓަރުގެ އަތަށް ފައިސާއާއި ބިލް ޙަވާލު ކުރުމަށްފަހު ބުންޏެވެ. އެއީ ތަނަކަށް ވަދެ ސައިބޮއިފިއްޔާ، އޭނާގެ އާދައެކެވެ. އެއްވެސްތާކުން އެތަނެއްގެ އަގާ ދޭތެރޭ ހިތްހަމަޖެހިގެނެއް އޭނާއެއް ނުދެއެވެ.

ވެއިޓަރު ބިލާއި ފައިސާ ހިފައިގެން ހިނގައިގަތުމުން، ނަވާލްމެން އެތަނުން ނުކުތެވެ. އަނެއްކާވެސް ނަދުހާގެ މަތިން ހަނދާންވެ، ނަވާލް ނަދުހާގެ ރީތިކަމާއި ފަރިކަމުގެ ވާހަކަ ފެށީ، ގެއަށްދާން ސައިކަލަށް އަރައި ސްޓާޓް ކޮށްލަމުންނެވެ.

[ނަދުހާ ފެނޭތޯ އެގޭ ދޮރުމަތިން ބުރެއް ޖަހާލާފަ ދާނީ. ފެނިލިޔަސް އަހަރެންގެ ހިތަށް ހަމަޖެހުން ލިބޭ.] ނަވާލް ސައިކަލް ދުއްވާލިއެވެ. ނަދުހާގެ ގެއާ ދިމާއަށެވެ. ނަމަވެސް، ފަހަތުގައި ހުރި އަފްޒަލް އަނގަޔަކުންވެސް ނުބުނެއެވެ. ހީވަނީ އޭނާއަށް އަޑުވެސް ނީވެނީހެންނެވެ. ނޫނީ އެވާހަކަ އޭނާ އަޑުއަހަން ބޭނުން ނުވަނީއެވެ. ނަމަވެސް، ނަވާލްގެ ފަރުވާލެއްނެތްކަހަލައެވެ. އޭނާ އެދިޔަގޮތަށްގޮސް ސައިކަލް ހުއްޓީ، ނަދުހާމެން ގޭގެ ދޮރުމައްޗަށް ކަހަލަ ގޮތަކަށެވެ. އެއީ ނަދުހާ ޓިއުޝަން ނިންމާފައި އައިސް ގެއަށް ވަންނަން ދިމާކުރި ވަގުތެވެ.

[ނަދޫ މަޑުކޮށްފާނަންތަ؟] ނަވާލް ގާތް ރައްޓެއްސަކަށް ގޮވާލާފަދަ ގޮތަކަށް ނަދުހާއާ މުޚާޠަބު ކުރުމުން، ނަދުހާ ސިހިފައި ހުއްޓުނެވެ.

[ކާކު!؟] ނަދުހާއަކަށް ނަވާލެއް ނޭނގުނެވެ. ނުވެސް ދަންނަ ބަޔަކު އެގޮތަށް ގޮވުމުން، އޭނާގެ މޫނުމައްޗަށް ހިތްހަމަނުޖެހުމުގެ ކުލަވަރު ވެރިވެގަތެވެ.

[އަހަރެން، އަހަންނަށް ކިޔަނީ ނަވާލް. ދެން، ފަހަތުގައި މިއިނީ އަހަރެންގެ ބެސްޓް ފްރެންޑް އަފްޒަލް.] އޭރު ސައިކަލް ފަހަތުގައި އިން އަފްޒަލްގެވެސް ހުރިހާ ނަޒަރެއް ހުއްޓިފައިވަނީ ނަދުހާއަށެވެ. އޭނާ އައީ ސައިކަލް ފަހަތުގައި އިނދެގެންވެސް ތަފާތު މާނަ އެކުލެވޭފަދަ ގޮތްގޮތަށް އިޝާރާތް ކުރަމުންނެވެ.

[ނުދަންނަން.] ފޫހި ފަރުވާކުޑަ ރާގެއްގައި ނަދުހާ ބުނެލިއެވެ. ނަވާލް ސައިކަލް ކުޑަކޮށް ކުރިއަށް ޖައްސާލިއެވެ.

[މިހާރު މިއެނގި ދަސްވީއެއްނު.] ނަވާލް ބޭނުންވަނީ ނަދުހާ ލައްވާ ވާހަކަ ދައްކުވާށެވެ. ބޯޖަހާލުމަށްފަހު، ނަދުހާ ދޮރާށި ހުޅުވާފައި އެތެރެއަށް ވަނެވެ. ލިބުނު ހިތްހަމަޖެހުމާއެކު ނަވާލް ސައިކަލް ދުއްވާލިއެވެ.

[އެމަންޖެ އަޞްލު ހާދަ ރީއްޗޭ.] ނަވާލް ސައިކަލް ދުއްވާލުމާއެކު، ތަޢްރީފު ނުކޮށް އަފްޒަލަކަށްވެސް ނީނދެވުނެވެ. ޙަޤީޤަތުގައި ނަދުހާއަކީ އަފްޒަލްވެސް ދުށް އެންމެ ހިތްގައިމު ކުއްޖާއެވެ. އޭނާ، އޭނާގެ އެހެން ރައްޓެހިން ގާތު ނަދުހާގެ ނަލަކަމާއި ފަރިކަމުގެ ވާހަކަ ވަރަށް ދައްކައެވެ. ބައެއް މީހުން ގޮވައިގެން އެގޭދޮށަށް އައިސް އޭނާވަނީ ނަދުހާ ދައްކާވެސްފައެވެ. ނަދުހާގެ ރީތިކަމާއި ނަލަކަމުގެ ވާހަކަ ދައްކަނީ، އެދެމީހުން އެކަންޏެއް ނޫނެވެ. ނަދުހާ ފެނުނު ކޮންމެ މީހަކުވެސް ނަދުހާގެ ރީތިކަމުގެ ވާހަކަ ދައްކައެވެ.

[ކާމިޔާބުވާނެހެން ހީވަނީ. ހަމަގައިމުވެސް އަނގައިން ބުނެލުމަކީ ކާމިޔާބުގެ އިޝާރާތެއް.] އަފްޒަލްގެ ގޭދޮށަށް ސައިކަލް މަޑުކުރަމުން ނަވާލް އުއްމީދު ފާޅުކުރިއެވެ.

[ލަދުންވެސް ވާހަކަ ދައްކަފާނެއެއްނު.....ކުއްޖަކު ހަމަ ހެޔޮހިތުން އަނގައިން ބުނެލާއިރަށް ތިޔަހުރީވާވަރު. އެކަހަލަ ރީތި ކުއްޖަކު އަހަރުމެންނާ ހަމައަށް ވައިވެސް ނޭޅޭނެ.] ރަޙްމަތްތެރިއަކަށްވާއިރުވެސް، ހިތްވަރު ދިނުމުގެ ބަދަލުގައި، އަފްޒަލް ދިމާކުރިއެވެ. އަފްޒަލް ސައިކަލުން ފޭބިއެވެ.

[ރީއްޗަކަށްވެސް ހެވޭ. އަހަންނަކީވެސް ހުތުރު ފިރިހެނެކޭ އަންހެން ކުއްޖަކު ބުނެފާނެހެން ހިއެއްނުވޭ.] ނަވާލް ހިތްހަމަނުޖެހިފައި ސައިކަލް ދުއްވާލިއެވެ. ހިނިގަނޑެއް ޖަހާލުމަށްފަހު އަފްޒަލް ގެއަށް ވަނެވެ. އަފްޒަލް ފުރަތަމަވެސް ކުރިކަމަކީ، ގެއަށްވަދެ ދިރާގަށް ގުޅައިގެން ނަދުހާގެ ނަމްބަރު ހޯދުމެވެ. އޭނާ ބޭނުންވަނީ ނަވާލަށްވުރެ ކުރިން ނަދުހާއަށް ގުޅާށެވެ. އޭނާގެ ހިތުގައި ނަދުހާއަށްޓަކައި އުފެދިފައިވާ ލޯބި ހާމަކޮށް، ނަދުހާގެ ހިތުން ޖާގައެއް ހޯދުމަކީ އޭނާގެ އުއްމީދެކެވެ. ނަވާލަށްވުރެން ކުރިން އޭނާގެ ހިތުގައިވަނީ ނަދުހާގެ ތަޞްވީރު ކުރެހިފައެވެ.

[އައްސަލާމް ޢަލައިކުމް. ނަދުހާއަށް ގުޅިދާނެތަ؟] އަފްޒަލް ގުޅިއެވެ. އެކޮޅުން ވާހަކަ ދެއްކީ ދަލޭކައެވެ.

[ނަދުހާއޭ! ކީއްކުރަން ނަދުހާ ހޯދަނީ، ކާކުތީ؟] ދަލޭކަ ކުރީ ސުވާލުތަކެކެވެ.

[އާނ ނަދުހާގެ ކްލޭސްމޭޓެއްމީ، ގޮވާލަދެއްވަފާނަންތޯ؟] އަފްޒަލް ހީކުރީ އޭނާ ދޮގުހެދުމުން ދަލޭކަ ނަދުހާއަށް ގޮވާނެ ކަމަށެވެ.

[އަފޫ އޭ؟ ކްލާސްމޭޓެކޭ. ފުރަތަމަވެސް ދޮގެއްނު ތިހެދީ.......އަމީނިއްޔާގައި ފިރިހެން ކުދިންނެއް ނޫޅޭނެޔޭ. ގަމާރު ކުއްޖާގަނޑު.....ފޯނު ބާއްވާލާ. ތިކަހަލަ ގަމާރު ކުއްޖަކު ނަދުހާއަށް ގުޅާކަށް ޝަރުޠު ފުރިހަމައެއްނުވޭ.] ދަލޭކަ ފޯނު ބޭއްވިއެވެ. އަފްޒަލް ރަކިވިއެވެ. އަމިއްލައަށް ހެދުނު ގޯސް ހިތަށް އެރީމައެވެ.

އެއީ އޭނާއަށް ނަވާލަށް ކިޔައިދޭން ކެރޭވަރުގެ ވާހަކައެއްވެސް ނޫނެވެ. ކިޔައިދީފިއްޔާ އޭނާގެ ހިތް ނަވާލަށް އެނގި، ދެމީހުންގެ ދޭތެރޭ މައްސަލަތައް ޖެހެން ފަށާނެއެވެ. އޭނާ ގެއަށް (ނަދުހާމެންގެއަށް) ގުޅުމުން ލިބުނުފަދަ ޖަވާބެއް ނަވާލަށްވެސް ދޭން ބޭނުންވާތީ، އޭނާ ނަދުހާގެ ނަމްބަރު ނަވާލަށްދިނެވެ. ނަމަވެސް، އޭނާ އެގެއަށް ގުޅި ވާހަކައެއް ނުބުނެއެވެ.

[ނަވާލް މާވަރަކުން އުޅޭތީ، އަހަރެން މިއޮތީ ނަދުހާގެ ނަމްބަރު ހޯދާފައި. އަވަހަށް ގުޅައިގެން ސެޓްކުރޭ.] އަފްޒަލް ނަމްބަރު ދިނެވެ. އޭނާގެ ރާގު، ޖެއްސުމުގެ ފާޑަށް ހުއްޓަސް، ނަވާލަކަށް އެކަމެއް ނުވިސްނެއެވެ.

[އަހަރެން އެކަނި ހުންނަ ވަގުތެއްގައި ގުޅާނީ. އޮފީސް ގަޑީގައި މިކަހަލަ ކޯލްތައް ކުރުން ރަނގަޅެއް ނުވާނެ. އަހަރުމެންނަށް މުހިންމު ކޯލަކަށްވިޔަސް، އޮފީހަށް މުހިންމު ނޫނިއްޔާވާނީ ބޭކާރު ކޯލަކަށް.] ނަވާލް ނަމްބަރު، އޭނާގެ މޯބައިލަށްލިއެވެ. އޭނާ ނަދުހާއަށް ގުޅަން ބޭނުންވަނީ ވަރަށް އެކަނިހުރެ ހިމޭން މާޙައުލެއްގައެވެ. ނަދުހާ ކޮންމެ ޖަވާބެއްދިނަސް، އޭނާގެ މޫނުމައްޗަށް ވެރިވާ އަސަރުތައް، އެހެން ފަރާތަކަށް ދައްކަން އޭނާ ބޭނުން ނުވަނީއެވެ.

[މިތާނގަ ގުޅާލަބަލަ. އަހަރެންވެސް ބޭނުމޭ ނަވާލްގެ ތިހުރިވަރެއްވެސް ބަލައިލަން.] އަފްޒަލް ބުންޏެވެ.

[ވަރިހަމަ މިވަގުތު އަހަންނެއް ނުގުޅާނަން. އަހަރެން ގުޅާނީ ގެއަށްގޮސް.] ނަވާލް ބުންޏެވެ. އޭރު އޮފީސް ނިމެން ބައިގަޑިއެއްހާއިރަށް ވެއްޖެއެވެ. ވުމާއެކު އޮފީހުގެ ހުރިހާ މުވައްޒަފުންވެސް އަތްމަތިވަނީ އަވަސްވެފައެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ، އެމީހެއްގެ މަސައްކަތް، ވީހާވެސް އަވަހަކަށް ނިންމާލުމަށްފަހު ގެއަށްދާށެވެ. ގަޑިއަށް ބަލައިލުމަށްފަހު، މަސައްކަތްތައް ނިންމުމަށްޓަކައި ނަވާލްވެސް ތެޅިގެންފިއެވެ. އޭރު އެމަންޒަރު ބަލަން އަފްޒަލް ހިނިއައިސްފައި އިނެވެ.

[ތިވަރު ނުވިޔަސް، އޮފީސް ނިމުނީމަ ގެއަށް ދެވޭނެ.] އަފްޒަލް ނަވާލާ ދިމާކޮށްލިއެވެ.

[އަހަރެން ވަރެއް އެބަވަންތަ. މީ އަބަދުވެސް މަސައްކަތްތައް ހުންނަ ގޮތެއްނު. އަފްޒަލް ތިހީކުރަނީ އަހަރެން ނަދުހާއަށް ގުޅަން ހިތް އަވަސްވަނީ ކަމަށްދޯ؟] ނަވާލް މަސައްކަތް ނިންމާލަމުން އަފްޒަލާ ދިމާއަށް އެނބުރުނެވެ. އޭރު ދެގަޑިބައިވާން ހުރީ މަދު މިނެޓްކޮޅެކެވެ. އެހެންކަމުން، އޭނާ ސޮއިކޮށްލާފައި ގެޔަށް ދިޔުމަށްޓަކައި ނުކުމެއްޖެއެވެ.

[އަފްޒަލް ނުދާނަންތަ؟] އެނބުރި އައިސް އެތެރެއަށް ބޯދިއްކޮށްލަމުން ނަވާލް އެހިއެވެ.

[އާނ، ލަސްވެގެން އުޅޭ މީހާދޭ. އަހަރެން ދާނަން ތަންކޮޅެއްފަހުން.] އަފްޒަލް އެހެން ބޭނުމެއްވެސް އޮތުމާއެކު، އޭނާ މަޑުކޮށްލިއެވެ. ނަވާލް ދިޔައީ ގެއަށެވެ.

ގެއަށް ވަދެ ހެދުން ބަދަލުކޮށްލުމަށްފަހު، މަންމަ ކާންހަދާފައި ހުރުމުން ކާގެއަށް ވަދެ ކާން ފެށިއެވެ. އެވަގުތު އޭނާގެ މޯބައިލް ރިންގްވާން ފެށިއެވެ. ބަލައިލިއިރު ގުޅީ އޮފީހުންނެވެ. ވަގުތުން އެއީ އަފްޒަލްގެ ކަމެއްކަން ނަވާލަށް އެނގުނެވެ.

[ހޫނ ކިހިނެއް ހަދަންވީ؟] ނަވާލް ވާހަކަ ދެއްކީ އަފްޒަލްކަން އެނގިގެންނެވެ.

[ކޮބާ ގުޅައިފިންތަ؟] އަފްޒަލް ހުރީ ހިތް އަވަސްވެފައެވެ.

[ސާބަސް އަދި ކިރިޔާ ގެއަށް ވަދެވުނީއޭ، މިހާރު މިކަނީ. ކައި ނިމިގެން ކޮޓަރިއަށްވަދެ ހަމަޖެހިލައިގެން ގުޅާނީ.] ނަވާލް ގާތަށް ހިނިއައެވެ.

[އޯކޭ. ތިހެންވީއިރު ބާއްވަނީ.] އަފްޒަލް ފޯނު ބާއްވާލިއެވެ. ނަވާލްގެ މަންމަ އެތަނަށް އައިސްވަނީ އެވަގުތެވެ.

[ރަނގަޅަށް ކާތި....މީހާއަށް މިހާރު ތިހިރަވާގޮތެއް ނިކަން ބަލާބަލަ. ހަތަރުގަނޑު ކަށްޓަށް ވެފައެއްނު ތިހިރީ......ކިތަންމެ ރަނގަޅު އެއްޗެއް ތައްޔާރު ކުރިޔަސް، ވަސް ބަލާނީވިއްޔަ.] މަންމަ މަރީނާ އައިސް ނަވާލުގެ ބޮލުގައި އަތް ކާއްތާލިއެވެ. އެއަށްފަހު ނަވާލްގެ ތަށްޓަށް އިތުރު ރޮށްޓެއް ކޮށާލަދިނެވެ.

[މަންމަ ދެން ތިވަރަކަށް ނުކެވޭނެ. މިހާރުވެސް ތިންރޮށި ކެވިއްޖެ.] ނަވާލް ބުންޏެވެ. އެއީ އަބަދުވެސް އޭނާގެ މަންމަގެ އާދައެކެވެ. ކާން ފަށައިފިއްޔާ ގިނައިން ކެއުމަށް ބާރުއަޅާނެއެވެ. [ވަރިހަމައޭ ދަރިފުޅު ތިގޮތަށް ހޮޅިދަނޑިއެއްހެން ހުރީމާ، މަންމަގެ ލޮލަށް އުނދަގޫވެޔޭ.] ތަށްޓަށް ތެއްލި މަސްކޮޅެއްލައިދެމުން މަރީނާ ވާހަކަ ދެއްކިއެވެ.

[ފަލަވެއްޖެއްޔާ، މަންމަ ބުނާނެ ފީފާއެއްހެން ހުރީމަ ލޮލަށް އުނދަގޫވެޔޭ، އޭރުންނޯ.] ނަވާލް މަންމައާ ސަމާސާކޮށްލިއެވެ. ނަވާލްގެ ސަމާސާއިން މަރީނާގެ ގާތަށްވެސް ހިނިއައެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޒީނަ

24-Aug-2020

ވަރަށް ރީތި ޝައުގުވެރި ވާހަކައެއް އެއްވެސް ފޫހިކަމެއް ކޮރު ކަމެއް ނެތި ކިޔާލެވޭ ގޮތަށް ލިޔެފައިވާ މޮޅު ވާހަކައެއް


-2

ޒީނަ

24-Aug-2020

ވަރަށް ރީތި ޝައުގުވެރި ވާހަކައެއް އެއްވެސް ފޫހިކަމެއް ކޮރު ކަމެއް ނެތި ކިޔާލެވޭ ގޮތަށް ލިޔެފައިވާ މޮޅު ވާހަކައެއް



ޓްރެންޑިން