ހުޅުމާލޭގެ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލު ދުއްވަން ދިން މީހާގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ފިޔަވަޅު އަޅަން ފޮނުވާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމްތުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ މީހާ ޓްރެފިކް ގާނޫނާ ޚިލާފުވި މައްސަލައިގައި ފިޔަވަޅު އެޅުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއަށް ފޮނުވާފައިވާ ކަމަށެވެ.

މި ހާދިސާގެ ވީޑިއޯއެއް މީސް މީޑިއާގައި އާންމުވެފައިވާއިރު އެ ވީޑިއޯއިން ފެންނަނީ ސްކޫލް ޔުނީފޯމް ލައިގެން ހުރި ކުޑަ ފިރިހެން ކުއްޖަކު ސައިކަލެއްގެ ކުރިއަށް ލައިގެން ފިރިހެނަކު ހައިވޭގައި ދުއްވާ މަންޒަރެވެ. އެ ވީޑިއޯގައި އެ ފިރިހެން މީހާ ކުއްޖާގެ އަތަށް ސައިކަލުގެ ހުންގާނު ދޫކޮށްލައިގެން އިންނަ މަންޒަރު ފެނެއެވެ.

ކުއްޖާ ކުރިޔަށް އަރުވައިގެން ސައިކަލު ދުއްވަމުން ދިޔަ ފިރިހެން މީހާ އޭނާގެ އެއް އަތް ހުންގާނުން ދޫކޮށްލާފައިވާއިރު ވައަތު ހުންގާނުގައި އަނެއް އަތުން ކުޑަކޮށް ހިފަހަށްޓާލައިގެން އިންނަ މަންޒަރު ފެނެއެވެ.

އާންމުވެފައިވާ ވީޑިއޯގައި ފިރިހެން މީހާ ކުއްޖާ ގޮވައިގެން ބާރު ސްޕީޑްގައި ސައިކަލު ދުއްވަމުންދިޔަ މަންޒަރު ފެނުނެވެ. މި ވީޑިއޯ ކޮށްފައިވަނީ ކޮން އިރަކު ކަމެއް ނޭނގޭއިރު ވީޑިއޯ ކޮށްފައިވަނީ ކާރެއް ތެރޭގައި އިން މީހެއްކަން އެނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން