ދިވެހިރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅާ އާ ސަފީރުގެކަމުގެ މަގާމަށް އާއިޝަތު އަޒީމާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އާއިޝަތު އަޒީމާ މި މަގާމަށް އައްޔަން ކުރަން މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު އޭނަ އެ މަގާމަށް އައްޔަން ކުރުމާ މެދު ގޮތެއް ނިންމަން މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ އިއްޔެއެވެ.

މިއަދު އެ މައްސަލަ ދިރާސާ ކުރަން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، އަޒީމާއާ އިންޓަވިއު ކުރުމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހުށަހަޅުއްވައި ތާއީދު ވެސް ލިބިފައިވެ އެވެ.

ރައީސް އިންޑިއާ ސަފީރަކަށް އަޒީމާ އައްޔަން ކުރަން ނިންމެވީ މިހާރު އެ މަގާމުގައި ހުންނެވި އިބްރާހިމް ޝަހީބުގެ ބަދަލުގަ އެވެ. އޭނަ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ނޮވެމްބަރު 2022 ގައެވެ.

މީގެ ކުރިންވެސް އަޒީމާ ވަނީ ސަފީރުކަމުގެ މަގާމު ކުރައްވާފައެވެ. އެގޮތުން އޭނާ ވަނީ ރާއްޖެ އިން ޗައިނާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ވެސް އަދާ ކުރެއްވާފައެވެ. އަދި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމު ވެސް އޭނަ އަދާކުރެއްވިއެވެ.

އާޒިމާ ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ 1988 އިން ފެށިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން