އިސްރާއީލުން ވައިގެ މަގުންނާއި އެއްގަމު މަގުން ދޭ ހަމަލާތައް ނިމުމަކަށް ނުގެނެސްފި ނަމަ އިތުރު ރޮކެޓްތަކެއް އެމީހުންނާ ދިމާލަށް ފޮނުވާލާނެކަމުގެ އިންޒާރު ހިޒްބުالله އިން ދީފިއެވެ.

ފަލަސްތީނުގެ ބިންތަނަކަށް އަތްގަދަކޮށްގެން އުޅޭ ނިރުބަވެރި އިސްރާއީލުން ދަނީ މެދުއިރުމަތީގެ ގައުމުތަކުގެ ސުލްހަ ނަގާލުމަށް އެކި ގައުމުތަކާ ހަނގުރާމަ ކުރަމުންނެވެ. އެގޮތުން ދާދިފަހުން ލުބުނާނަށް ދޭން ފެށި ހަމަލާތައް އިސްރާއީލުން އިތުރުކުރަމުންދާއިރު އެގައުމުން ދަނީ ހިޒްބުالله ޖަމާއަތް މެދުވެރިކޮށް ދިފާއުވުމަށް އިސްރާއީރަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ހިޒްބުاللهގެ އެކްޓިން ޗީފް ވަނީ ނަތަންޔާހޫ ސަރުކާރުން ވައިގެ ހަމަލާތައް ހުއްޓާލައި ލުބުނާނަށް ބިމުން އަރައިގަތުން ނިމުމަކަށް އަންނަންދެން އިސްރާއީލުގެ އިތުރު ސަރަހައްދުތަކަށް ރޮކެޓް ހަމަލާތަކެއް ދޭން ރާވާފައިވާ ކަމަށް އިންޒާރު ދެއްވާފައެވެ.

"އަޅުގަނޑު މި ބުނަނީ އިސްރާއީލުގެ ހޯމް ފްރަންޓަށް: ހައްލަކީ ހަނގުރާމަ ހުއްޓާލުން،" އަންގާރަ ދުވަހު ލައިވްކޮށް ދެއްކެވި ވާހަކަފުޅުގައި ނާއިމް ޤާސިމް ވިދާޅުވި އެވެ.

ޤާސިމް ވިދާޅުވީ ހިޒްބުالله އިން ފޯކަސް ކުރަނީ "ދުޝްމަނުންނަށް އަނިޔާ ދިނުމަށް" ކަމަށާއި އެއީ އިސްރާއީލުގެ ދެކުނަށް ހަމަލާތައް އިތުރުކުރާނެ ކަމުގެ އިޝާރާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހު ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެ ޖަމާއަތުގެ ލީޑަރު ޙަސަން ނަޞްރުالله އަވަހާރަކޮށްލި ފަހުން ޤާސިމް ވަނީ އެ ޖަމާއަތުގެ އިސްވެރިއަކަށް ވެފައެވެ.

އޭނާ އިތުރަށް ވިދާޅުވީ ޣައްޒާ ވަށާލައި ބޮން އަޅާފައިވާ ސަރަހައްދުގައި ހަނގުރާމަ ހުއްޓާލުމަކީ އިތުރަށް ގޯސްވަމުން އަންނަ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އޮތް "ހައްލު" ކަމަށެވެ.

"އަޅުގަނޑުމެންނަށް ލުބުނާނާއި ފަލަސްތީނާއި، ނުވަތަ ފަލަސްތީނާއި ދުނިޔެ ވަކި ނުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ފެށި ފަހުން ހިޒްބުالله އާއި އިސްރާއީލުން އަންނަނީ ގާތްގަނޑަކަށް ކޮންމެ ދުވަހަކުހެން ބޯޑަރު ހުރަސްކޮށް ހަމަލާތައް ބަދަލުކުރަމުންނެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނީ އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 2350 މީހުން މަރުވެފައިވާ ކަމަށެވެ. މި ހަނގުރާމައިގެ ސަބަބުން ސެޕްޓެންބަރު މަހުގެ މެދުތެރެއިން ފެށިގެން ލުބުނާނުގެ ދެކުނާއި އިރުމަތީގެ ބައެއް ހިސާބުތަކުގައި އެއް މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން