ނިރުބަވެރި އިސްރާއީލުން ލުބުނާނުގެ އުތުރުގައި ނަސާރާއިންގެ އަޣުލަބިއްޔަތު އޮންނަ އައިޠޫ އަވަށަށް ދިން ހަމަލާއެއްގައި 21 މީހުން މަރުވެއްޖެއެވެ.

ހޯމަ ދުވަހު ނިރުބަވެރިން މި ހަމަލާ ދީފައި ވަނީ ގެދޮރު ގެއްލިފައިވާ އާއިލާތަކުން ކުއްޔަށް ދިރިއުޅޭ ގެއަކަށް ކަމަށް އެ އަވަށުގެ މޭޔަރު ޖޯސެފް ޓްރަޑް ވިދާޅުވިއެވެ. މި ހަމަލާގައި މަދުވެގެން އަށް މީހަކަށް އަނިޔާވެފައިވާ ކަމަށް ލުބްނާނުގެ ޕަބްލިކް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ޒަޔަނިސްޓް އިސްރާއީލުން ލުބުނާނުގައި ހިޒްބުاللهއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ހަމަލާތައް ފުޅާކޮށްފައިވާއިރު، މިހާރު މި ހަމަލާގެ މައިގަނޑު ސަމާލުކަން ދީފައިވަނީ ދެކުނާއި އިރުމަތީގައި އޮންނަ ބަޤާޢު ވާދީއާއި ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ އެކި ހިސާބުތަކަށެވެ.

މި ހަމަލާތަކާއެކު އިސްރާއީލުން ދަނީ ލުބުނާނުގެ ރައްޔިތުން އެމީހުންގެ ގެދޮރު ދޫކޮށް ހިޖުރަކުރުމަށް ވެސް މަޖުބޫރު ކުރަމުންނެވެ. އެގޮތުން ލުބްނާނުގެ ދެކުނުގެ 25 ރަށެއްގެ ރައްޔިތުން އިސްރާއީލުގެ ފްރޮންޓިއާގެ އުތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރު (35 މޭލު) ދުރުގައި އޮންނަ އަވާލީ ކޯރުގެ އުތުރުން އޮންނަ ސަރަހައްދުތަކަށް ދިއުމަށް ނިރުބަވެރިން ވަނީ އަމުރުކޮށްފައެވެ.

އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް ލުބުނާނުގެ 2،309 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ދުވަހުން ދުވަހަށް ނެރޭ އަޕްޑޭޓްގައި ބުނެއެވެ. އަދި މީގެ ތެރެއިން ގިނަ ބަޔަކު މަރުވެފައި ވަނީ ސެޕްޓެންބަރު މަހުގެ ފަހުކޮޅު އިސްރާއީލުން ހަމަލާ ފުޅާކުރުމުން ކަމަށާއި އެ ހަމަލާތަކުގައި ނިރުބަވެރިން ވަނީ ލުބްނާނުގައި ސުލްހަ ބަލަހައްޓަމުންދާ އދ. ގެ ފައުޖުތަކަށްވެސް ހަމަލާދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން