ލ. ގަމު މަތިމަރަދޫ ފެނަކަ ބްރާންޗުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން އެންޓިކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ބުނީ 2019 ވަނަ އަހަރު ލ. ގަމު މަތިމަރަދޫ ފެނަކަ ބްރާންޗު ހިންގުމާ އެދުވަސްވަރު ހަވާލުވެހުރި، އެ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގައި ކޮރަޕްޝަނުގެ ދަޢުވާކޮށްދިނުމަށް އެދި 29 ސެޕްޓެމްބަރ 2024 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާކަމަށެވެ.

މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ލ. ގަމު މަތިމަރަދޫ ބްރާންޗުގެ އޭރުގެ އެސިސްޓެންޓް މެނޭޖަރ ނަޞްރުﷲ ޢަބްދުﷲ (ތަރިވިދާގެ، ލ.ގަން) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

އޭސީސީން ބުނީ 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ލ. ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރީ ލ. ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ހަވާލުވެހުރި، ނަޞްރުﷲ ޢަބްދުﷲ ގެ އާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.

އަދި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުގެ މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކުރާ ގަވާއިދު 2019 އާ ހިލާފަށް، އާއިލީ މަސްލަހަތު އޮތްކަން ފެނަކަ ކޯޕަރޭޝަނަށް އެންގުމެއް ނެތި ކަމަށާއި މަސައްކަތް ނިންމިކަން ކަށަވަރުނުކޮށް، މަސައްކަތް ފުރިހަމަކުރިކަމުގެ ލިޔުންތައް ފުރިހަމަ ކުރުމަކާނުލައި، އެ މަސައްކަތުގެ އަގު ދިނުމަށް ފެނަކަ ކޯޕަރޭޝަނުގެ ހެޑް އޮފީހުގައި އެދިފައިވާކަމަށް ވެސް އޭސީސީން ވަނީ ބުނެފައެވެ.

އެހެންކަމުން، ނަސްރުﷲ އަބްދުﷲ އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އޭނާ މަގާމުގެ ނުފޫޒު ބޭނުންކޮށް، އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާކަން ތަހުގީގުން ހޯދާފައިވާ ހޯދުންތަކުން އެނގޭތީ ދައުވާކުރަން ފޮނުވަން ނިންމީކަމަށް އޭސީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން