ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އުތުރު ސަރަހައްދު ހަލާކުކޮށް ސުންނާފަތި ކުރަމުންދާ ކަމަށާއި ލުބުނާނުގެ ވެރިރަށް ބެއިރޫތަށް މިސައިލްތަކުން ހަމަލާދެމުންދާ ކަމަށް އދ. އިން ބުނެފިއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އިދާރާގެ އޮފީހުން ބުނީ އިސްރާއީލުން ޣައްޒާގެ އުތުތު ސަރަހައްދުތަކަށް ދެމުންދާ ވަރުގަދަ ހަމަލާތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި އެ ސަރަހައްދުގެ ރައްޔިތުންގެ ދިރިއުޅުން މިހާރުވެސް ހަލާކުކޮށްލާފައިވާ ކަމަށެވެ.

ޖަބާލިޔާ، ބެއިތު ހަނޫން އަދި ބެއިތު ލަހިޔާގެ ރައްޔިތުންނާމެދު އިސްރާއީލުން ކަންކަން ކުރަމުންދާ ގޮތާމެދުވެސް އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ޖަމިއްޔާ އިން ބުނީ އިސްރާއީލުން މި ސަރަހައްދުގެ ބޮޑު ބްލަކަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 87 މީހުން މަރުވެފައިވާ ކަމަށެވެ. މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން ދަނީ އިމާރާތްތަކުގެ ދަށުވެފައިވާ މީހުންވެސް ދިރިތިއްބާ ސަލާމަތް ކުރެވޭތީ ހުއްޓުމެއް ނެތް ގޮތުގައި މަސައްކަތް ކުރަމުންނެވެ.

ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނީ ހޮނިހިރު ދުވަހު އިސްރާއީލުން ފޮނުވި 12 މިސައިލްގެ ސަބަބުން ވެސް ލުބުނާނުގެ 16 މީހުން މަރުވެފައިވާ ކަމަށެވެ.

ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި 42،603 މީހުން މަރުވެ 99،795 މީހުން ޒަޚަމްވެފައިވާއިރު، ހަމާސްއިން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާގައި 1،139 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން