ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރު- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރު- ގޫގުލް އިމޭޖެސް
ބޮލީވުޑްގެ ނަން މަޝްހޫރު ތަރި އަނިލް ކަޕޫރުގެ ދަރިއަކަށް ވުމުގެ ސަބަބުން މި ދާއިރާގައި ވަރަށް ގިނަ ފުރުސަތުތައް ގެއްލިފައިވާ ކަމަށް ފިލްމީ ތަރި ސޯނަމް ކަޕޫރު ބުނެފިއެވެ.

ދާދި ފަހުން ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ސޯނަމް ބުނެފައިވަނީ ސަލްމާން އާއެކު ކުޅުނު ފިލްމު "ޕްރޭމް ރަތަން ދަން ޕާޔޯ" ގައި އެކްޓު ކުރުމުގެ ފުރުސަތުވެސް އަތުން ދޫނުވީ ކިރިޔާކަމަށެވެ. އެއީވެސް އޭނާގެ ބައްޕަ އަނިލް ކަޕޫރުގެ ސަބަބުން ކަމަށް ސޯނަމް ބުންޏެވެ. އެގޮތުން އަނިލް އަކީ ސަލްމާނުގެ ގާތް އެކުވެރިއަކަަށް ވުމުގެ ސަބަބުން ސޯނަމް އާއެކު އެ ރޯލު ކުޅެން ބޭނުން ނުވާ ކަމަށް ސަލްމާނު ބުނެފައިވާ ކަމަށްވެސް ސޯނަމް ވަނީ ބުނެފައެވެ.

"އަނިލް އަކީ އަހަރެންގެ ގާތް އެކުވެރިއެއް، އަހަރެން ކިހިނެއް އޭނާގެ ދަރިފުޅާއެކު ލޯބީގެ މަންޒަރުތައް ޝޫޓު ކުރާނީ" ސަލްމާން ވަނީ ސޯނަމް އާއެކު ޕްރޭމް ރަތަން ދަން ޕާޔޯ ގައި މަސައްކަތް ކުރަން އިންކާރު ކުރަމުން ބުނެފައެވެ.

ނަމަވެސް 2015 ވަނަ އަހަރު ރިލީޒް ކުރި ހިންދީ ފިލްމު ޕްރޭމް ރަތަން ދަން ޕާޔޯ ގެ ލީޑް ރޯލުން ސަލްމާން އާއެކު ސޯނަމް ފެނިގެންދެއެވެ.

މީގެއިތުރުން، ފިލްމު އުފެއްދުންތެރިޔާ ފަރާހް ޚާން އަކީ ސޯނަމްގެ މަންމަގެ ވަރަށް ގާތް އެކުވެރިއެއް ކަމުގައި ވީނަމަވެސް ފަރާހުގެ އެއްވެސް ފިލްމަކުން މިހާތަނަށް އޭނާ ފެނިފައި ނުވާނެކަމަށް ސޯނަމް ވަނީ ބުނެފައެވެ. އަދި ފަރާހު އާއި އޭނާއާ މެދު އޮތް ގުޅުމަކީ އާއިލީ ރަހްމަތްތެރިކަމުގެ ގުޅުން ކަމަށާއި، އެކްޓަރެއްގެ ހައިސިއްޔަތުން ފަރާހު އޭނާއަށް ބަލާފައި ނުވާކަމަށް ސޯނަމް ވަނީ މި އިންޓަވިއުގައި ބުނެފައެވެ.

ސޯނަމް އިތުރަށް ބުނެފައިވަނީ އެކްޓަރެއްގެ ތަރިއަކަށް ވުމަކީ ފިލްމީ ދާއިރާގައި ކުރިއަރައި ދިއުމަށް ފުރުސަތުތަކެއް ހުޅުވޭ ކަމެއް ނޫން ކަމަށާއި، ޕްރިޔަންކާ އާއި ދިޕިކާ ފަދަ މަޝްހޫރު ތަރިންނަކީ އާއިލީ އެއްވެސް ގުޅުމެއް ނެތި މި ދާއިރާގައި ކުރިއަރާފައިވާ ތަރިން ކަމަށެވެ. އަދި އެކްޓަރެއްގެ ދަރިއަކަށް ވުމުން ވަކި ފަސޭހަތަކެއް ލިބިގެން ނުދާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަދި އޭނާގެ ބައްޕަ އަކީ މަޝްހޫރު ތަރިއަކަށްވީނަމަވެސް މި ދާއިރާގައި އޭނާ ކުރިއަރައި ދާން ބޭނުން ވަނީ ބައްޕަގެ އެހީގައި ނޫން ކަމަށާއި، އަމިއްލަ ބުރަ މަސައްކަތުން ކަމަށްވެސް ސޯނަމް ވަނީ މި އިންޓަވިއުގައި ބުނެފައެވެ. ސޯނަމް ދެން އެންމެ އަވަހަށް ފެންނާނީ "ބެޓުލް އޮފް ބިއްޓޯރާ" އިންނެވެ. މި ފިލްމަކީ 2010 ގައި އަނޫޖާ ޗޯހަން ލިޔެފައިވާ ފޮތަކަށް ބިނާކޮށް ހަދާ ފިލްމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން