މަރްޔަމް ނަހްދާ ވަޙީދު   22 އޮކްޓޯބަރު 2024 - 5:46
ޑައިޓު ކުރާއިރު ހެދޭ ބައެއް ގޯސްތަކުގެ ސަބަބުން ސަރުބީ ޖަހާ: ގޫގުލް އިމޭޖެސް
ޑައިޓު ކުރާއިރު ހެދޭ ބައެއް ގޯސްތަކުގެ ސަބަބުން ސަރުބީ ޖަހާ: ގޫގުލް އިމޭޖެސް
ބަނޑުގައި ސަރުބީ ޖެހުމަކީ ހަމަ ކޮންމެ މީހަކަށްވެސް ދިމާވެދާނެ ކަމަކަށް ވީއިރު މިކަން އާންމު ގޮތެއްގައި ދިމާވަނީ ކެއުމުގެ އުސޫލުތައް ގެންގުޅޭ ގޮތުގެ ސަބަބުންނެވެ. އެހެންކަމުން މިކަމުން ދުރުވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެ ގިނަ މީހުން ހިޔާރު ކުރާ މަގަކީ ޑައިޓު ކުރުމެވެ. ނަމަވެސް ޑައިޓު ކުރާއިރު ހެދޭ ބައެއް ގޯސްތަކުގެ ސަބަބުން ދައް ބަނޑުގައި ސަރުބީ ޖެހުން އިތުރުވާ ފަހަރުވެސް އާދެއެވެ.

އެގޮތުން ބަލާއިރު ޑައިޓު ކުރުމުގައި ހެދޭ އެންމެ ބޮޑު އެއް ގޯހަކީ ކެއުމުގައި މޭވާ އާއި ތަރުކާރީ ބޭނުން ކުރާ މިންވަރު މަދުވުމެވެ. މޭވާ އާއި ތަރުކާރީގެ ބާވަތްތަކަކީ އޭގައި ގިނަ އަދަދަކަށް ފައިބާ އަދި ނިއުޓްރިއެންޓުތައް ހިމެނޭ އެއްޗެހި ކަމަށް ވުމުން، މި ކެއުމުން ބަނޑުހައިވުން ކުޑަކޮށްދީ ހަމަޖުގެ ނިޒާމުގެ މަސައްކަތްތައް އިތުރަށް ފުރިހަމަ ކޮށްދެއެެވެ. ނަމަވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް މި ބޭނުން ނުކުރާނަމަ ކާއެއްޗެހި ކެވޭ ވަރު އިތުރުވެ، ހަމަޖުގެ މައްސަލަތައް ޖެހި އޭގެ ސަބަބުން ބަނޑުގައި ސަރުބީ ޖެހުންވެސް އިތުރުވެއެވެ.

އަދި ޑައިޓު ކުރާއިރު އެ ކާ ވަގުތެއްގައި މާ ގިނައިން ކެއުމަކީވެސް ޑައިޓް ކުރާ މީހުން ވަރަށް ގިނައިން ހަދާ ގޯހެކެވެ. ސިއްހަތަށް ފައިދާހުރި މާއްދާތައް އެކުލެވޭ ކެއުންތައް ކެއި ކަމުގައި ވީނަމަވެސް، އެއްފަހަރާ މާ ގިނައިން ކާނަމަ އޭގެ ސަބަބުން ބަރުދަން އިތުރުވެއެވެ. އަދި ހަށިގަނޑުން އަންދާލާވަރަށްވުރެ އިތުރަށް ހަށިގަނޑަށް ކެލޮރީތައް އެތެރެވާނަމަ އޭގެ ސަބަބުން ހަށިގަނޑުގައި ސަރުބީ ޖެހުމަށް މެދުވެރިވެއެވެ.

މީގެ އިތުރުން ކާއެއްޗެހި ތައްޔާރު ކުރާއިރު ހެދޭ ބައެއް ގޯސްތަކުގެ ސަބަބުންވެސް މީހާގެ ބަރުދަން އިތުރުވެދާނެއެވެ. ޑައިޓު ކުރުމަށްޓަކައި ތަފާތު އެކިކަހަލަ ހާއްސަ ކާނާ ތައްޔާރު ކުރާއިރު، އެއްވެސް ސަމާލުކަމެއް ނުދީ މާ ގިނައިން ތެލާއި ބަޓަރު އަޅާފައި ކައްކާނަމަ އޭގެ ސަބަބުން ހަށިގަނޑަށް ކެލޮރީ އެތެރެވާ މިންވަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގައި ސަރުބީ ޖަހާވަރުވެސް އިތުރުވެއެވެ.

އެހެންކަމުން ބަނޑުގައި ސަރުބީ ޖެހުން ހުއްޓުވައި ބަނޑު ހިންދަން ބޭނުންވާނަމަ، ހަށިގަނޑަށް ބޭނުންވާ ވަރަށް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބޭނުންކޮށް، ކާއެއްޗެހި ތައްޔާރު ކުރާއިރު ކެލޮރީ އަށް ވިސްނައި ސަމާލުވެ ތައްޔާރު ކުރުމަކީ ވަރަށް މުހިންމު ކެމެކެވެ. އަދި ކާއިރު، މަދުމިން ހިޔާރު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން