ސްޓްރޯކު ޖެހުމަކީ ފުރާނައަށް ނުރައްކާ ވާކަމެއް- ގޫގުލް އިމޭޖެސް
ސްޓްރޯކު ޖެހުމަކީ ފުރާނައަށް ނުރައްކާ ވާކަމެއް- ގޫގުލް އިމޭޖެސް
ސްޓްރޯކަކީ ސިކުނޑިއަށް ލޭ ފޯރު ކޮށްދޭ ނިޒާމަށް ދިމާވާ މައްސަލައެއްގެ ސަބަބުން، ސިކުނޑިއަށް ލޭ ފޯރުވާން ޖެހޭ މިންވަރަށް ނުވުމުން ދިމާވާ ކަމެކެވެ. މިއީ މީހާގެ ފުރާނައަށް ވަރަށް ނުރައްކާތެރި ހާލަތަކަށްވީއިރު، ސްޓްރޯކު ޖެހުމުގެ ސަބަބުން ސިކުނޑީގެ މަސައްކަތްތަކަށް ބުރޫ އަރައި، މީހާގެ ފުރާނައަށް ގެއްލުން ކުރިމަތިވާފަހަރުވެސް އާދެއެވެ. އެހެންކަމުން ސްޓްރޯކު ޖެހުމުން ރައްކާތެރި ވުމަށްޓަކައި މި ހާލަތު ކުރިމަތިވުމަށް މެދުވެރިވެދާނެ ކަންކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ.

ސްޓްރޯކު ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ލޭގެ ޕްރެޝަރު ހުންނަން ޖެހޭ ވަރަށްވުރެ މަތިވުމެވެ. ލޭގެ ޕްރެޝަރު މަރިވުމުގެ ސަބަބުން ލޭނާރުތަކަށް ބާރު ބޮޑުވެ، އޭގެ ސަބަބުން ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. އެހެންކަމުން މިކަމުން ދުރުވުމަށްޓަކައި ލޭގެ ޕްރެޝަރު އެއް ހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކެމެކެވެ. އެގޮތުން ލޭގެ ޕްރެޝަރު މަތި ވުން ހުއްޓުވުމަށް ކުރެވޭނެ ބައެއް ކަންކަމުގެ ތެރޭގައި ކޮންމެ ދުވަހަކު ކަސްރަތު ކުރުމާއި، ލޮނު ބޭނުން ކުރާވަރު މަދު ކުރުން ހިމެނެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީވެސް ސްޓްރޯކު ޖެހުމަށް މަގުފަހިވާ ކަންކަމުގެ ތެރެއިން ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ހަށިގަނޑުގައި ހުންނަ ލޭނާރުތައް ހަލާކުވެ، އޭގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވާ ނިޒާމުގެ މަސައްކަތްތަކަށް ބުރޫ އަރައެވެ. އަދި އޭގެ ސަބަބުން ސްޓްރޯކު ޖެހި މީހާގެ ފުރާނައަށް ނުރައްކާވެއެވެ. އެހެންކަމުން ސްޓްރޯކު ޖެހުމުން ދުރުހެލިވާން ބޭނުންނަމަ ސިނގިރޭޓު އަދި ވޭޕު ފަދަ އެއްޗެހި ބޭނުން ކުރުން ހުއްޓާލުމަކީ ވަރަށް މުހިންމު ކެމެކެވެ.

މީގެ އިތުރުން މީހާ މާ ބޮޑަށް ފަލަވެ އޮބީސް ވުމަކީވެސް ސްޓްރޯކު ޖެހުމަށް ހުށަހެޅިދާނެ ހާލަތެކެވެ. މާ ބޮޑަށް ފަލަ ވުމަކީ އޭގެ ސަބަބުން ލޭގެ ޕްރެޝަރު މަތިކޮށް، ހަށިގަނޑުގައި ކޮލެސްޓްރޯލް އަދި ހަކުރު ހުންނަ މިންވަރު އިތުރު ކޮށްދޭ ކަމެކެވެ. އެހެންކަމުން ސްޓްރޯކު ފަދަ ނުރައްކާތެރި ހާލަތްތަކުން ދުރުހެލިވާން ބޭނުންވާ ނަމަ ކަސްރަތުކޮށް ބަރުދަން ލުއިކުރަން މަސައްކަތް ކުރުމަކީ ވަރަށްވެސް މުހިންމު ކެމެކެވެ.

ސްޓްރޯކަކީ މީހާގެ ފުރާނައަށް ނުރައްކާތެރި ހާލަތަކަށް ވީއިރު، މިކަމުން ދުރުވެ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެ މީހަކުވެސް ސަމާލުކަން ދޭން ވަރަށް މުހިންމެވެ. އަދި މާ ލަސްނުވަނީސް މިކަންކަމަށް ފިޔަވަޅުވެސް އަޅަންވެސް މުހިންމު ކަމެއް ދޭން ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން