ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ތަރައްގީ 69 އަހަރު ފަހަތަށް ޖެހިފައިވާ ކަމަށް އދ އިން ބުނެފިއެވެ.

އދ. އިން ނެރުނު ރިޕޯޓެއްގައި ބުނީ ހަނގުރާމައިގެ ސަބަބުން ސިއްހަތާއި ތައުލީމު ފަދަ ތަރައްގީގެ އެކި ކަންކަން ގާތްގަނޑަކަށް 70 އަހަރު ފަހަތަށް ޖެހިފައިވާ ކަމަށެވެ.

އަންގާރަ ދުވަހު ޝާއިއުކުރި އދގެ ޔޫއެންޑީޕީން ނެރުނު މި ދިރާސާ ރިޕޯޓުން ދައްކާ ގޮތުގައި ޣައްޒާގެ އިގްތިސާދު މިހާރު ވަނީ ފާއިތުވި އަހަރާއި އަޅައި ބަލާއިރު 38 އިންސައްތަ ފަހަތަށް ގޮސްފައެވެ. އަދި ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ 49.9 އިންސައްތަ އަށް އަރާފައި ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ނިރުބަވެރިންގެ ހަމަލާތަކުގައި ޣައްޒާގެ އިގްތިސާދުގެ ބޮޑުބައެއް ހަލާކުވެފައިވާއިރު އެގައުމުގައި ފަގީރުކަމުގެ ނިސްބަތް މިއަހަރު ގާތްގަނޑަކަށް ދެގުނައަށް އިތުރުވެ 74.3 އިންސައްތަ އަށް އަރާނެ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޖުމްލަކޮށް ބަލާއިރު ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރި ހިމެނޭ ގޮތަށް ފަލަސްތީނުގެ މުޅި ސަރަހައްދުގައި މިހާރު 4.1 މިލިއަން މީހުންނަކީ ފަގީރުން ކަމަށް ބެލެވޭއިރު، މިދިޔަ އަހަރު އެކަނިވެސް 2.61 މިލިއަން މީހުން އިތުރުވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 42،718 މީހުން މަރުވެ 100،282 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން