ޞާދިރު ޢަލީދީދީ   25 އޯގަސްޓު 2020 - 14:30
ސަންޑޭ
ސަންޑޭ
އެޕިސޯޑް 02

...............

[ފަލަވެއްޖެއްޔާ، މަންމަ ބުނާނެ ފީފާއެއްހެން ހުރީމަ ލޮލަށް އުނދަގޫވެޔޭ، އޭރުންނޯ.] ނަވާލް މަންމައާ ސަމާސާކޮށްލިއެވެ. ނަވާލްގެ ސަމާސާއިން މަރީނާގެ ގާތަށްވެސް ހިނިއައެވެ.

[ފީފާއެއްހެންވާށެކޭ މަންމައެއް ނުބުނަމޭ.] މަރީނާ ނަވާލް އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. އޭރު ނަދުހާއަށް ގުޅާހިތުން ނަވާލްގެ ކެތްތެރިކަން މަދުވަނީއެވެ. އޭނާ ހުރީ ވީހާވެސް އަވަހަށް މަންމަގެ ކިބައިން ސަލާމަތްވާން ބޭނުންވެފައެވެ. އޭނާ ކައިނިމިގެން ކޮޓަރިއަށް ވަދެ ތަޅުލައިފިއެވެ. އެއަށްފަހު، ޖީބުގައި އޮތް ފޯނު ނަގައިގެން ނަދުހާމެންގެ ގެއަށް ގުޅިއެވެ. އޭނާގެ ނަޞީބު ވަރަށްވެސް ރަނގަޅެވެ. ފޯނު ނެގީ ސީދާ ނަދުހާއެވެ.

[ހަލޯ.......ހަލޯ.......] ދެންވެސް އެކޮޅުން ނަދުހާގެ އަޑު އިވުނެވެ. ނަވާލަށް ކޮންމެވެސްވަރަކަށް ހިތްވަރު ލިބުނުކަހަލައެވެ.

[ހަލޯ......ނަދުހާތަ؟] ހިތްވަރުކޮށްފައި ނަވާލް އެއްސެވެ. ނަދުހާކަން ރަނގަޅަށް އެނގިހުރެއެވެ.

[އާނ، ވާހަކަ ދައްކަނީ ނަދުހާ. ކާކުތީ؟] ނަވާލަށް ޖަވާބު ދިނުމަށްފަހު ނަދުހާ އެއްސެވެ.

[ނަވާލް.....ކުރީ ދުވަހެއްގައި މަގުމަތިން ދިމާވެގެން ތަޢާރަފްވީމެއްނު. އަދިވެސް ނޭނގޭތަ؟] މިހާރު ނަވާލް ހީވަނީ ވަރަށް ގާތް މީހަކާ ވާހަކަ ދައްކާހެންނެވެ.

[ނަވާލޭ؟ އަހަންނަށް ނުވިސްނޭ. އަހަރެން މަގުމަތިން ފޮށޭހާ މީހުނާ ދޭތެރެއަކު ނުވިސްނަން. އެއީ އަހަރެން ވަރަށް ފޫހިވާ ކަމެއް.] ނަދުހާ ނަވާލްގެ ވާހަކައަށް މާބޮޑު ޝައުޤުވެރިކަމެއް ހުރިހެނެއް ހިއެއްނުވެއެވެ.

[މިހެން ވާހަކަ ދައްކާކަށް ފޫއްސެއް ނުވެއެއްނުދޯ؟ ނަދޫއާ ވާހަކަ ދައްކަން އަހަރެން ތިގެއަށް ހިނގައިދާނަމޭ.] ނަވާލް ބުންޏެވެ.

[ނޫނޭ. ކޮންމެހެން މިގެއަށް އަންނަން ހަދާނެ ކަމެއްނެތް. ފުރަތަމަ އަހަރެން ކުރާ ސުވާލަކަށް ޖަވާބުދީފާނަންތަ؟] ނަދުހާ ވާހަކަ ދެއްކީ ހިތްހަމަނުޖެހިފައި ހުރި ރާގެއްގައެވެ.

[އާނ، އަވަހަށް ތިބުނާ ސުވާލެއްކުރޭ، ޖަވާބުދޭން ތައްޔާރު.] ނަވާލްގެ ހިތް އަވަސްވިއެވެ.

[އަހަންނަށް ތިގުޅި މަޤްޞަދު ބުނެފާނަންތަ؟] މިފަހަރު ނަދުހާ ވާހަކަ ދެއްކީ ތަންކޮޅެއް ގަޔާވެހުރެއެވެ. އެހެންކަމުން، ނަވާލަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.

[މަގުމަތިން ނަދުހާ ފެނި ވާހަކަ ދައްކާހިތުން.] ނަވާލަށް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރި ކަމެކެވެ.

[މަގުމަތިން އަންހެން ކުއްޖަކު ފެންނައިރަށް ގުޅަންޖެހޭތަ؟] އަނެއްކާވެސް ނަދުހާގެ ރާގު ބަދަލުވިއެވެ. ނަވާލު ރަކިވިއެވެ. ނަމަވެސް، ފުރްޞަތު ލިބުނު ވަގުތު، އެހާފަސޭހައިން ހަތިޔާރު ބަހައްޓާކަށް އޭނާ ބޭނުމެއް ނުވިއެވެ.

[ފެންނަ ކޮންމެ ކުއްޖަކަށް ނުގުޅަމޭ. ނަދޫއަށް މިގުޅީ. އަހަރެންގެ ހިތް ނަދޫއާ ވާހަކަ ދައްކާލުމަށް އެދި ގޮވާތީ.....އަހަރެން ވަރަށްގިނަ ޤައުމުތަކަށްވެސް ދަތުރުކޮށްފިން. އެކަމަކު ނަދުހާވަރުގެ ޖާދުވީ ކުއްޖަކު ނުދެކެން. ނަވާލް، އޭނާގެ ޙަޤީޤީ މަޥްޟޫޢަށް ދިޔުމަށް މަގު ހުޅުވިއެވެ. ނަމަވެސް، އެމަގުން އޭނާއަށް ކުރިއަށްދިޔަދޭކަށް ނަދުހާ ބޭނުމެއްނުވިއެވެ.

[ތީ އިންސާނީ ޠަބީޢަތް. ކަމެއް ޙާޞިލް ކުރަން ބޭނުންވާހިނދު، އެވަރެއް ނޯންނާނެ.] ނަދުހާ ވަރަށް ބާރަށް ހީގަތެވެ. މަލާމާތުގެ ރާގެއްގައެވެ.

[ތިހެން ނުބުނޭ ނަދޫ......އަހަންނަކީ ނަދޫ ތިހީކުރާކަހަލަ މީހެއް ނޫން.] ނަވާލް ހިތްވަރު އެލުވައެއްނުލައެވެ.

[ތީ އެންމެންގެވެސް ފާޑު. މަގުމަތިން އަންހެން ކުއްޖަކު ފެންނައިރަށް ދިމާކޮށް ފޮށިހެދުން އެއީ ތިކަހަލަ ފިރިހެނުން ވަރަށް ކުރާކަމެއް.] ދެންވެސް ނަދުހާ ވާހަކަ ދެއްކީ ނަވާލާ އިދިކޮޅަށެވެ.

[ނަދޫ ތިހެން ތިބުނަނީ އަހަރެން ނޭނގޭތީ. ކުޑަކޮށްވެސް އަހަރެން އެނގޭނަމަ، ނަދޫ ތިހެން ނުބުނާނެ.] ނަވާލް ބުންޏެވެ.

[އަހަރެން ބޭނުމެއް ނޫން ދަސްކުރާކަށް. ތިގޮތަށް އަހަންނަށް ނުގުޅާތި. ނަވާލް އެހެން ކޮންމެވެސް ކުއްޖަކަށް ގުޅާ. ބާއްވަނީ.] ނަދުހާ ފޯނު ބޭއްވިއެވެ. ނަވާލް މާޔޫސްވެ ކަރުއެލުނެވެ.

[އަހަރެން ނަދުހާ ކާމިޔާބުކުރާނަން. ލޯތްބެއްގެ ފެށުމަކީ ނަފްރަތު. މިއަދު އޭނާ އަހަންނަށް ނަފްރަތު ކުރިޔަސް ފަހުން ލޯބިވާނެ.] ނަވާލް އަދިވެސް އުއްމީދު ގެއްލުވައެއްނުލައެވެ. އޭނާ އުއްމީދު ފާޅުކޮށް ވާހަކަ ދެއްކީ އަފްޒަލާއެވެ.

[އޭނާ މީހަކާ ރައްޓެހިވެގެންކަންނޭނގެ އުޅެނީ.] އަފްޒަލް ހަނދާންކޮށްލަދިނެވެ.

[އެހާ ރީތި ކުދިންނާ ރައްޓެހިވާނެ މީހަކު ނުވެފައި އޮންނާނީ. އެންމެނަށްވެސް ހީވެފައި އޮންނާނީ، އޭނާ އުޅޭނީ މީހަކާ ރައްޓެހިވެގެންނޭ.] ނަވާލް އެބުނީ ތެދެކެވެ. ރީތި ސިފަތަކުގެ ވެރި އަންހެން ކުދިންގެ ޙާލަކީ، ގިނަފަހަރަށް އެއީއެވެ. މާބޮޑަށް ރީތިވީމަ ގިނަފަހަރަށް ފިރިހެން ކުދިންނަށް ކުރިމަތިލާންވެސް ނުކެރެނީއެވެ. ލަދުގަންނަން ޖެހިދާނެތީ ކަމަށްވެސް ވެދާނެއެވެ. ޙަޤީޤަތަކީ އެއީއެވެ. ނަދުހާގެ ރީތިކަމުގެ ވާހަކަ، ވަރަށްގިނަ ފިރިހެން ކުދިން ދައްކައެވެ. ނަމަވެސް، ގިނަކުދިންނަށް އެދޫނި ހިފޭތޯ މަޅިފަތިޖަހާކަށް ނުކެރެއެވެ.

[އެހެން މީހުންނަށް ނުކެރުނަސް ވަރިހަމަ. އަހަރެން މަޅިފަތި ޖަހާނަން. އަހަރެންގެ މަޅިފަތީގައި އޭނާ ޖެހޭނެވެސްމެ.] ނަވާލް އުންމީދު ފާޅުކުރިއެވެ.

[އަހަރެން ބަލަން ހުންނާނަން.] އަފްޒަލް ބުންޏެވެ.

އާދައިގެ މަތިން އެދުވަސްވެސް ފާއިތުވެ ދިޔައީއެވެ. ޖެހިގެން އައި ދުވަހުވެސް ނަވާލް ނަދުހާއަށް ގުޅިއެވެ. ނަމަވެސް އެފަހަރު ކުރީދުވަހު ވީވަރެއްވެސް ނުވިއެވެ. އަމުދުން ނަދުހާ ވާހަކަވެސް ނުދެއްކިއެވެ. ނަމަވެސް، ދެންވެސް އޭނާ އުންމީދު ކަނޑައެއްނުލައެވެ. އޭނާ ބޭނުންވަނީ ކާމިޔާބު ވަންދެން މަސައްކަތް ކުރާށެވެ. އޭނާއަކީ އެހާފަސޭހައިން ހަތިޔާރު ބަހައްޓާ ފާޑުގެ މީހެއް ނޫނެވެ. ކޮންމެ ކަމަކަށް ކުރިމަތިލިޔަސް، ކާމިޔާބަށް ވާސިލްވަންދެން މަސައްކަތް ކުރުމަކީ، އޭނާގެ ޠަބީޢަތެވެ.

ދަންވަރުގެ ހިމޭން ވަގުތެކެވެ. ނަދުހާ އޮތީ ނިދިފައެވެ. ނަދުހާ އެކަންޏެއް ނޫނެވެ. މުޅިގެވެސް ވަނީ ނިދި ސާލުލައިގެންނެވެ. ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވުމުން، މުޅި ކާއިނާތަށްވެސް ވިއްސާރައިގެ އަސަރުވެރިވެފައިވެއެވެ. ނަދުހާއޮތީ ވަރަށް ބޮޑަށް ފިނިވެފައެވެ. ކުއްލިއަކަށް ނަދުހާ އޮތް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. އަނދިރީގެ ތެރެއިން މީހަކު އެތެރެއަށް ވަނެވެ. އެއީ އަންހެނެކެވެ. އެމީހާގެ މިޞްރާބު ހުރީ ސީދާ ނަދުހާ އޮތް އެނދާ ދިމާއަށެވެ. އޭރުވެސް ނަދުހާ އޮތީ ހީކަރުވައިގެން ތުރުތުރުއަޅައަޅައެވެ. އެމީހާ އައިގޮތަށް އައިސް ނަދުހާ އޮތް އެނދުގެ މަގަތުގައި އިށީނދެއްޖެއެވެ. މަޑުމަޑުން އެމީހާ ނަދުހާގެ ބޮލުގައި ފިރުމާލައި، އެނދުގެ އެއްފަރާތެއްގައި އޮތް ރަޖާގަނޑު ނަގައި ނަދުހާގެ ހަށިގަނޑުގައި އަޅާލިއެވެ. ނަދުހާ ނިދީގައި އޮވެ ރަޖާގަނޑުގެތެރެއަށް ބޮނޑިވެލިއެވެ. އެމީހާ ނުކުތެވެ.

އެއީ ކާކުހެއްޔެވެ؟ އެއީ މިހާރަކަށް އައިސް ކޮންމެ ރެއަކުވެސް އެކޮޓަރިއަށް ވަންނަ މީހެކެވެ. އެއީ ދުރާއި ގާތުން ނަދުހާގެ ކަންތައްތައް ބަލަމުންދާ މީހެކެވެ. އެއީ ނަދުހާއަށްޓަކައި އޯގާތެރިއެކެވެ.

[ކީއްވެތަ ދަލޭކަދައްތަ އަހަންނާ ދޭތެރޭ ތިވަރަށް ވިސްނަނީ....ބައެއްފަހަރަށް މަންމައަށްވުރެވެސް ރަނގަޅު ކަމަށް އިޙްސާސްވޭ.] ނަދުހާ އެނދުން ތެދވެ ދަލޭކައާ ވާހަކަ ދެއްކިއެވެ. ތެދެކެވެ. ދަލޭކަ ހުރިހާ ގޮތަކުންވެސް ރަނގަޅެވެ. އޭނާ އުޅޭ ނޫޅޭގޮތް ބަލައެވެ. ނަދުހާ ހޯދަން ނަވާލް ގުޅާކަންވެސް ދަލޭއަށް އެނގުނެވެ.

[ކާކުތަ ދަރިފުޅު ހޯދަން ގުޅަނީ. އެއްދުވަހު ނިކަން ދައްތަގެ އަތަށް ފޯނުދީބަލަ. އެއްވެސް މީހަކު އަދި ދަރިފުޅަށް ގުޅާނެ ކަމެއްނެތް.] ދަލޭކަ ވާހަކަ ދެއްކީ ނަދުހާއާއެވެ. އޭރު ނަދުހާގެ މަންމައާއި ބައްޕަ ރަށަކު ނޫޅެއެވެ. އެމީހުންވީ އެމީހުން ހިންގާ ރިސޯޓްގެ ކޮންމެވެސް ބައްދަލުވުމަކަށް ގޮހެވެ.

[އަހަރެން ވަރަށް ފޫހިވޭ.] ކީއްކުރަންތަ އަހަންނަށް ގުޅަންވީ. އެއްވެސް މީހަކު އަހަންނަށް ގުޅާނެ ކަމެއް ނެތް.] ނަދުހާވެސް ވާހަކަ ދެއްކީ ދަލޭކައާ އެއްކޮޅަށެވެ.

[ދެން ގުޅައިފިއްޔާ ބުނޭ، މިގެއަށް ނުގުޅާށޭ. އެހެންނޫނީ ދައްތަގެ އަތަށްދޭތި.] ދަލޭކަ ބުންޏެވެ.

[އަހަރެން ބުނަމޭ ނުގުޅާށޭ. އަހަންނަށް އެމީހުން ހފެހެއްޓޭތަ. ކުރީ ދުވަހެއްގައި ކޮންމެވެސް އަފްޒަލެއް ކިޔާ މީހަކު ގުޅައިގެން ވާހަކަ ދައްކަން އުޅުނު. އަހަރެން ރުޅިއައިސްގެން ބޭއްވީ.] ނަދުހާ ބުންޏެވެ. އޭނާގެ ރަޙްމަތްތެރިޔާ ފާތިނާ އެގެއަށް އައިސް ވަނީ އެވަގުތެވެ.

[އައްސަލާމް ޢަލައިކުމް.] ފާތިނާ އެތެރެއަށް ވަނުމުގެ ކުރިން އިސްލާމީ އާދަކާދައިގެ މަތިން ސަލާމް ގޮވާލިއެވެ.

[ވަޢަލައިކުމުއްސަލާމް، ވަދޭ.....] ސަލާމް ބަލައިގަތީ ދަލޭކައެވެ. ފާތިނާ އެތެރެއަށް ވަނެވެ.

[ހާދަ ފަޅޭ، ކޮބާ ޒުހުރާއްތަމެން.....] އެތެރެއަށް ވަންނަމުން ފާތިނާ އެއްސެވެ. ދަލޭކަ ބަދިގެފަރާތާ ދިމާއަށް ހިނގައިގަތެވެ.

[މަންމައާއި ބައްޕަވީ ރިސޯޓްގެ ކޮންމެވެސް ބައްދަލުވުމަކަށް ގޮސް.] ނަދުހާ ޖަވާބުދިނެވެ.

[އެހެންތަ؟ ކޮބާ އަދިވެސް ނަވާލަކަށް އާނ ބަހެއް ނުބުނަންތަ؟ ނަވާލް ނުލާހިކު ރީއްޗެއްނު.] ފާތިނާ ނަދުހާގެ ކޮލުގައި ހިފާލިއެވެ.

[އަހަންނަކަށް ރީއްޗެއް ނޫން. މިރަށުން އަދި އަހަންނަކަށް ރީތި މީހަކު ނުވެސް ފެނޭ.] ނަދުހާ ބުންޏެވެ.

ތެދެކެވެ. ނަދުހާއަށް އަދި އެއްވެސް ފިރިހެނަކު ރީއްޗެއް ނުވެއެވެ. އޭނާއަށް ކަމުދާ ސިފަތަކެއްހުރި އެއްވެސް ފިރިހެނަކު އަދި އޭނާއަކަށް ނުފެނެއެވެ.

[ނަވާލްގެ ނެތީ ކޮން ސިފައެއް. ރީތި ހުރިހާ ސިފަތައް ހުސްކޮށްފައިވާ މީހެއް އެއީ....އަހަރެންގެ ހިތަށްއަރާ، އަހަރެންގެ ސުހޭލުވެސް ނަވާލްހާ ރީތިނަމައޭ.] ނަވާލްގެ ރީތިކަމަށް ތަޢްރީފު ކުރަމުން ފާތިނާ ބުންޏެވެ.

[ހެވޭ އަހަންނަކަށް ރީއްޗެއް ނޫން. ފާތިނާއަށް މާރީތިއްޔާ، ފާތިނާ ހޯދީމަވީއެއްނޫން.] ނަދުހާ ހިތްހަމަނުޖެހުނެވެ.

[އޭނަވެސް އަހަންނަކާ އަނގައިންނެއް ނުބުނާނެ. އަހަރެން ނަދޫހާ ރީއްޗެއް ނޫނިއްޔަ.] ފާތިނާ ބުނީ ތެދެކެވެ. ނަދުހާއަށް ލިބިފައިވާފަދަ ރީތި ސިފަތަކެއް އޭނާގެ ކިބައަކު ނެތެވެ. އޭނާއަށް ލިބިފައިވަނީ ހަމައެކަނި ރީތި ދޮން ކުލައެކެވެ.

[އާނ ކޮންމެހެން އަހަންނަށް މަލާމާތް ކުރާނެ ކަމެއް ނެތް. ފާތިނާއަށް ލިބިފައި ތިވަނީ ނިކަން ޗާލު ދޮންކުލައެއް. ފޭސް ކަޓްވެސް އިންތިހާއަށް ނަލަ.] ނަދުހާ ފާތިނާގެ ރީތި ސިފަތައް ފާހަގަކޮށްލިއެވެ.

[މައްސަލައަކީ އަހަރެންގެ ތިބުނާ ފޭސްކަޓާއި ކުލަ ރީތިވާ ފިރިހެން ކުދިން ނޫޅޭކަން.] ފާތިނާ ސަމާސާ ރާގެއްގައި މިހެން ބުނެފައި ނިކަން ބާރަށް ހީގަތެވެ.

[ނަޞީބު ރަނގަޅީނުން. ފިރިހެންވެރިންގެ ނަޒަރުން ސަލާމަތް ނުވެވިގެން އުޅޭކަށް ނުޖެހޭނެނުން.] ނަދުހާ ހީގަތެވެ. އޭރު އަފްޒަލްވެސް ނަދުހާ ހޯދަން އެގެއަށް ގުޅިއެވެ. ނަވާލްވެސް ގުޅިއެވެ. އެދެފަހަރުވެސް ފޯނުނެގީ ދަލޭކަ ކަމުން، އެއްވެސް ފޯނެއް ނަދުހާއާ ހަމައަކަށް ނުފޯރައެވެ. ފޯންކޯލްތަކުން ކޮންމެ ފަހަރަކުވެސް ނަދުހާ ސަލާމަތްކޮށްދެނީ ދަލޭކައެވެ. ބައެއްފަހަރަށް ނަދުހާ ހޯދަން ގުޅާ ކުދިންނަށް އޭނާ އެއްޗެތިވެސް ކިޔައެވެ.

[ކަލޭމެން އެކަކުވެސް ނަދުހާއަށް ގުޅާނެ ކަމެއް ނެތް. ނަދުހާގެ ކައިވެންޏަށް އަހަރެންވަނީ މީހަކު ހޮވާފަ.] އެތަނުން އެކަކާ ދިމާއަށް ދަލޭކަ ބުންޏެވެ. އެއީ ނަވާލް ވަރަށްދެރަވި ޖުމްލައެކެވެ. ނަވާލަށް ހީވީ އޭނާގެ ހިތަށް މީހަކު ވިހަ ޚަންޖަރެއް ހަރާލިހެންނެވެ. އެފޯންކޯލަށްފަހު، އޭނާއަށް ވަނީ ވަރަށްބޮޑު އަސަރެއް ކޮށްފައެވެ. މިހާރު އޭނާގެ ކިބައިން ފެންނަމުންދަނީ، ދިރިއުޅުން މަތިން ފޫހިވެފައިވާ މީހެއްގެ ޙަރަކާތްތަކެކެވެ. އޭނާގެ އެއްވެސް ޚިޔާލެއް ފިކުރެއް ހުރިހެނެއް ހިއެއްނުވެއެވެ. އޮފީސް ގަޑީގައިވެސް ހުރެވެނީ ގަނޑުވެފައެވެ. އެއްވެސް ކަމަކަށް މާބޮޑު ޝައުޤެއް ނުހުރެއެވެ. އެކަމާ ބައެއްފަހަރަށް އަފްޒަލް ގާތަށް ހިނިއައި ނަމަވެސް، އޭނާގެ ހިތުގައި އޮތް އެއްޗެއް ފޮރުވުމުގެ ގޮތުން ނަވާލަށް ހިތްވަރުދީ ހަދައެވެ. ނަމަވެސް އެއްފަހަރުވެސް އަދިވެސް ނަދުހާއަށް ގުޅުމަކަށް އޭނާ އެއްބާރެއްނުލައެވެ.

[އޭނާއަށް ނޭނގި އޭނަދެކެ ލޯބިވެވުނީމަ އަހަރެން ދެރަވަނީ. އޭނަ ކީއްތަވާނީ އެންމެފަހަރަކު އަހަންނާ ހެޔޮހިތުން އަނގައިން ބުނެލިއްޔާ.] ނަވާލްގެ ދެލޯ ފެންކަޅިވެއްޖެއެވެ.

[ތީ ދެރަވާވަރުގެ މައްސަލައެއް ނޫން. އަހަންނަށްވެސް ކުއްޖަކުދެކެ ލޯބިވެވުނު. އަހަންނަށް ދިމާވިގޮތާ ތިކަންތަކާ އެއްވެސް ތަފާތެއް ނެތް. އެކަމަކު އަހަރެންގެ ހިތްވަރެއް ނެއެލެއެއްނު.] އަފްޒަލް ފަޚްރުވެރިވެލިއެވެ.

[ދޮގެއްތީ. އަހަރެން ނަދުހާދެކެ ލޯބިވާވަރަށް، ތިބުނާ ކުއްޖަކުދެކެ އަފޫ ލޯބިވާނަމަ، އަފޫއަށް ތިހެނެއް ނުހުރެވޭނެ. އަހަރެން ނަދުހާދެކެ ހާދަ ލޯބިވެޔޭ.] ނަވާލް އަތުގެ ނުފުށުން ދެލޯ ފޮހެލިއެވެ.

[ނަވާލް ތި މާނަކުރާ ލޯތްބެއް އަހަންނަކަށް ނުވިސްނޭ. ހަމަގައިމުވެސް އެއްވެސް ތަފާތެއް ނެތް. އަހަރެންވެސް ގުޅީ. އިތުރުވަރެއް އަހަންނަކަށްނުވޭ. އެމަންޖެ ކާމިޔާބު ނުވީމާ، އަހަރެން ދެން މަޅިފަތި ޖަހާނީ އެހެން ދޫންޏެއް ހިފަން. ނުހިފިއްޖެއްޔާ އަނެއްކާވެސް އެހެން ދިމާއަކަށް.] އަފްޒަލް ނަވާލަށް ހިތްވަރުދިނެވެ.

[އަފޫ ތީ ފެންނަ ކޮންމެ ބަގީޗާއަކަށް ތިރިކޮށް މާތަކުން ފޮނި ބޮމުންދާ މާބުރެއް. އަފޫހެނެއް އަހަރެންނެއް ނުވާނެއެއްނު.] ތެދެކެވެ. އަފްޒަލް ހުންނާނީ އަންހެން ކުއްޖަކު ނުފެނިފައެވެ. އެއާ ޚިލާފަށް ނަވާލަކީ މީގެކުރިން ދުވަހަކުވެސް އަންހެން ކުއްޖެއްގެ ވާހަކައެއްވެސް ދައްކާފައިވާ މީހެއް ނޫނެވެ. ގައިމެވެ. އޭނާގެ ލަކުނެއްނުވާ ހިތް އޮޅުވާލީ ނަދުހާއެވެ. ނޫނީ ނަދުހާއަށް ލިބިފައިވާ ޖާދުވީ ސިފަތަކެވެ.

ނަވާލްގެ ވާހަކައިން އަފްޒަލްގެ އަނގަ ބަންދުވިއެވެ. އެހެންމެ އޭނާ އެދުވަހު އިތުރަކަށް އެ މަޥްޟޫޢަކަށް ވާހަކައެއް ނުދައްކައެވެ.

[އަހަރެން ކޮންމެވެސް ދުވަހަކުން ނަދުހާ ކާމިޔާބުކުރާނަން....] ނަވާލް މިހެން ބުނެފައި އޮފީހުން ނުކުތެވެ.

[ނުވާނެ، އެއިން އެކަކަށްވެސް އަހަރެންގެ ހިތް އަނބުރައެއްނުލެވޭނެ.] ނަދުހާ ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ފާތިނާއާއެވެ.

[ނަދޫ ނާހަންތަ، ލޯބީގެ ފެށުމަކީ ނަފްރަތޭ ބުނާއަޑު. އެގޮތް މިހާރު ތިވަނީ.] ފާތިނާ ނަދުހާއާ ދިމާކުރިއެވެ.

[ޙައްޤު ތެދެއް މިބުނީ. މި މާލެއަކުން އަހަންނަކަށް ނުފެނޭ، އަހަރެންގެ ހިތްކިޔާކަހަލަ ކުއްޖެއް.] ނަދުހާ ބުންޏެވެ.

[ނަދޫ ހިނގާބަލަ، މިރޭ އަހަންނާއެކު ވިލިނގިއްޔަށް ދާން. ދައްތަ އަންނާށޭ ކިޔާތާ ވަރަށް ދުވަސް ވެއްޖެ. ކޮންމެ ރެއަކުވެސް އެކަނިވީމާ ނުދެވެނީ.] ފާތިނާ އެދުނެވެ.

[އާނ ދެވިދާނެ. ދަލޭކަދައްތަ ގާތު އަހާލާފަދޯ؟] ދަލޭކަ އެތަނަށް އައިސް ހުއްޓުނީ ނަދުހާއަށް އެހެން ބުނެވުނު ވަގުތެވެ.

[އަދިވެސް ޒުހުރާއްތަމެން ރިސޯޓުން ނާންނަނީތަ.] ފާތިނާ އެއްސެވެ.

[މާދަމާރޭ މަންމަމެން އަންނާނީ. ދަލޭކަދައްތާ، އަހަރެން ފާތިނާއާއެކު މިރޭ ވިލިނގިއްޔަށް ދަންތަ؟] ނަދުހާ ފާތިނާއަށް ޖަވާބުދެމުން ދަލޭކަގެ އިޢްތިރާޒެއް އޮތްތޯ އަހާލިއެވެ.

[އާނ އެކަމަކު މާލަސްނުވެ އަންނަންވާނެ.] ދަލޭކަ ބުންޏެވެ. ނަދުހާ ކޮޓަރިއަށް ވަދެ ނަލަހެދިލާ ތައްޔާރުވެލިއެވެ.

[ނަދޫ ތިވަރަށް ނަލަނުހެދުނަސް ރީއްޗޭ. ޙަޤީޤަތުގައި ނުޖެހޭނެ ނަލަހެދޭކަށް. ޤުދްރަތުން މާފުރިހަމަ ރީތިކަމެއް ނަދޫއަށް ލިބިފައިވޭ.] އެއީ ފާތިނާގެ އާދައެކެވެ. އޭނާ އަބަދުވެސް ނަދުހާގެ ރީތިކަމަށް ތަޢްރީފު ކުރެއެވެ.

[އަހަރެން ހެއްދުންތީ އަބަދުވެސް ފާތިނާގެ އާދައެއް. ހިނގާ ދާން.] ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން ނަދުހާ ބުންޏެވެ. ނަދުހާމެން ކޮޓަރިން ނުކުތްއިރު، މެދުގޭތެރޭގައި ދަލޭކައިނެވެ.

[ދަރިފުޅާ އަވަހަށް އަންނާތި. ދަރިފުޅުގެ މަންމަވެސް ހުރީކީ ނޫން.] ނަދުހާމެން ނުކުތުމުގެ ކުރިން ދަލޭކަ ހަނދާންކޮށްލަދިނެވެ. އާއެކޭ ބުނެފައި ނަދުހާމެން ނުކުމެ، ވިލިނގިލީ ފެރީ ގިމަތައާ ދިމާއަށް މިޞްރާބު ޖަހައިފިއެވެ.

އެމީހުންނަށް ގެޔާ މާދުރަކަށް ނުދެވެއެވެ. އެވެރިންނާ ދާދި ކައިރިއަށް އައިސް ސައިކަލެއް މަޑުކޮށްލިއެވެ. ނަދުހާމެން ސިހިފައި ހުއްޓުނެވެ.

[ކާކު!؟] ނަދުހާ ސައިކަލާ ދިމާއަށް އެނބުރުނެވެ. ސައިކަލްމަތީގައި ޢިޝްޤީ ނަޒަރަކުން ނަދުހާއަށް ބަލަހައްޓައިގެން އިނީ ނަވާލެވެ.

[ނަދުހާ މަޑުކޮށްފާނަންތަ؟ އަހަރެން ވާހަކައެއް ދައްކާލަން.] ނަވާލް ހުރީ ހަމަ ރަނގަޅަށްވެސް ޢިޝްޤުގައި ޖެހިފައެވެ.

[ކީއްކުރަން!؟] ފޫހި ރާގެއްގައި ނަދުހާ އެހިއެވެ.

[ކީއްވެތަ އަހަރެންގެ ހިތް ނަދުހާއަށް އެދި ގޮވަނީ. ނަދޫ އަހަރެން ބޭނުން ނަދޫއާ އެކަނި ބައްދަލުކޮށް، އަހަރެންގެ ހިތް ނަދުހާއަށް އެދޭވަރު ހާމަކުރަން.] ނަވާލްގެ ރާގުގައިވެސް ވަނީ ޢިޝްޤީ އަސަރެކެވެ.

[އެއްވެސް ހިތެއްގެ އަޑު އަހާކަށް އަހަރެން ބޭނުމެއް ނޫން.] ކުރިންވެސް ވާހަކަ ދެއްކި ރާގުގައި މިހެން ބުނެފައި ނަދުހާ ފާތިނާގެ އަތުގައި ހިފައި ދަމަމުންކަހަލަ ގޮތަކަށް ކުރިއަށް ހިނގައިގެންފިއެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް ނަވާލްގެ ނަޒަރުން ސަލާމަތްވާންކަމުން، އޭނާ އަތްހޫރާ އެހެންދިޔަ ޓެކްސީއެއް ހުއްޓުވިއެވެ. ނަވާލް ރަކިވެފައި ބަލަންހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޓެކްސީ ގޮސް ނަވާލްގެ ލޯމަތިން ގެއްލެންދެންވެސް ނަވާލަށް ހުރެވުނީއެވެ. އޭނާ ދެރަވީ ޓެކްސީ ލޯމަތީން ގެއްލުމުންނެވެ.

އެރެއާ ހަމައަށް އެއް ޢަޒުމެއްގައި ހުރި ނަދުހާގެ ޢަޒުމް ގުޑުވާލީ، އެރޭ ފެރީއިންނެވެ. އެޒުވާނާގެ ފުރަތަމަ ފެނިލުމާއެކު، އޭނާގެ ޢަޒުމް ހަމަރަނގަޅަށްވެސް ގުޑުވާލައިފިއެވެ. އެޒުވާނާގެ ކަތި ނަޒަރުން އޭނާ މަސްތު ކުރުވައިފިއެވެ.

[ފާތިނާ އަހަރެންގެ ހުވަފެނީ ބައިވެރިޔާ އަހަންނަށް ފެނިއްޖެ.] ފެރީގައި އިންއިރު ނަދުހާ ފާތިނާގެ ގައިގައި ކޮށްޓާލަމުން ބުންޏެވެ. އޭރު އެބުނާ ހުވަފެނީ ބައިވެރިޔާ ދިރުނބާކޮޅުގައި އިނެވެ. އެޒުވާނާގެ ހުރިހާ ނަޒަރެއްވެސް ހުއްޓިފައިވަނީ ސީދާ ނަދުހާއަށެވެ.

[ކޮބައިތަ ނަދޫގެ ހުވަފެނީ ބައިވެރިއަކީ؟] ފާތިނާ ހޯދަން ފެށިއެވެ. ނަދުހާ އެޒުވާނާއާ ދިމާއަށް އިޝާރާތް ކުރިއެވެ. އެއިނީއޭ ބުނާފަދަ ގޮތަކަށެވެ.

އެޒުވާނާ ފެނި ތަރަތަރަޖަހައިގެން ދިޔައީ ހަމައެކަނި ނަދުހާއެއް ނޫނެވެ. ފާތިނާގެ ދެލޯވެސް ދިޔައީ ތަރަތަރަޖަހައިގެންނެވެ.

[އަޅެ....ސްމާޓް ދޯ؟ ވަރަށް ވަރަށް ހިތްގައިމު.] ފާތިނާއަށް ބޭއިޚްތިޔާރުގައި އެޒުވާނާގެ ރީތިކަމަށް ތަޢްރީފު ކުރެވުނެވެ.

[އަހަރެންގެ ހިތްއެދޭ ސިފަތައް މިހާރު ފާތިނާއަށް އެނގިއްޖެއެއްނު.] ނަދުހާ ހަމައެކަނި ފާތިނާއަށް އިވޭވަރަށް ވައިއަޑުން ބުންޏެވެ.

[އާނ، އެޒުވާނާއާޖެހި ނަވާލްމެން ނުވާނެ އެކައްޗަކަށްވެސް. އަލަށްތަ ނަދޫއަށް އޭނަ ފެނުނީ؟] ފާތިނާ ބުންޏެވެ.

[ނޫނޭ ހުވަފެނުން ބައްދަލުކޮށް، ގުޅުން ބަދަހިވެފައިވާތާ ލައްކަ ގިނަ ދުވަސް ވެއްޖެ. މިހާރުވެސް ބަލާބަލަ، އޭނާގެ ނަޒަރަށް.] ނަދުހާގެ އަޑަށް ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އަސަރުވެރިވެއްޖެއެވެ.

ތެދެކެވެ. އޭރުވެސް އެޒުވާނާ ކަޅިވެސްޖަހާނުލާ ބަލަމުންދަނީ ނަދުހާއަށެވެ. ބައެއްފަހަރު އޭނާ ނަދުހާއާ މުޚާޠަބުކުރާހެންވެސް ހީވެއެވެ.

ވިލިނގިލީ ޖެޓީއަށް ފެރީ ލެފިއިރުވެސް، އެދެމީހުން ތިބީ ނަޒަރު ގުޅާލައިގެން ކަމުން، އެވެރިންނަށް މޭރުންކޮށްލީ ފާތިނާއެވެ. ފާތިނާ ނަދުހާގެ ދެކޮނޑުގައި ހިފައި ތަޅުވާލިއެވެ. ނަދުހާއަށް ސިހުން އައިއިރު، އެޒުވާނާ ގެއްލިއްޖެއެވެ. އޭރު ފެރީގައި ތިބީ ފަޅުވެރިންގެ އިތުރަށް އޭނާއާއި ފާތިނާއެވެ.

އެހެންކަމުން، އޭނާ ލަދުވެސްގަތެވެ. ތެޅިގެންފައި ފާތިނާގެ އަތުގައި ހިފައިގެން ފެރީއިން ފޭބިއިރު، އޭނާހުރީ ލަދުން ހަލާކުވާވަރު ވެފައެވެ.

[ކަންތަކާ ޖެހުނީތާދޯ؟ އަހަރެންވާ ތިވަރެއް ނުވަން.] ފާތިނާ ނަދުހާއާ ދިމާކުރާފަދަ ގޮތަކަށް ހީގަތެވެ.

[ކޮންމެހެން ދިމާކުރާނެ ކަމެއްނެތޭ. އަހަރެން އަބަދުވެސް ބުނީމެއްނު. ހިތްއެދޭ މީހާ ފެންނައިރަށް އަހަންނަށް ގޮތްގޮތްވާނެޔޭ.] ނަދުހާ ޙަވާލުނުވާކަށް ނޫޅުނެވެ.

[އަހަރެން ކުއްޖަކާ ރައްޓެހިވި ދުވަހު، ކިހާވަރަކަށް ނަދޫ އަހަންނާ ދިމާކުރިން. އޭރަކު ހިތަކަށްނާރާދޯ އަހަރެން ދިމާކުރާނެވަރެއް.] ފާތިނާ، އޭނާގެ ދައްތަގެ ގެޔާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ. ނިކަން ބާރަށް ހީގަންނަމުންނެވެ.

[އަހަރެން އަދި ރައްޓެއްސެއް ނުވަމެއްނު. ކިރިޔާ ހިތުއެޅީ.] ނަދުހާވެސް ނިކަން ބާރަށް ހީގެންފިއެވެ. އެރޭ ފާތިނާގެ ދައްތަ ގެއަށް ގޮސްފައި، ފާތިނާމެން މާލެދާން ނުކުތީ ނުވަގަޑި ބައިގެ ފެރީއިން މާލެދެވޭ ގޮތަށެވެ. ދެވަނަ ފަހަރަށް ނަދުހާގެ ހުވަފެނީ ބައިވެރިޔާ ނަދުހާއަށް ފެނުނީ ފެރީ ގިމަތައިގެ ގޮނޑިއެއްގައި އިންދައެވެ. މިފަހަރުވެސް އެޒުވާނާ ހުރީ ނަދުހާއަށް ކަޅި ހުއްޓައިގެނެވެ.

[ފާތިނާ ބަލާބަލަ އެހުރީނު.] ނަދުހާ ފާތިނާގެ ކޮނޑުގައި ޖެހިގަތެވެ. ނަމަވެސް، ފާތިނާއަކަށް އެހިނދު އެޒުވާނާއެއް ނުފެނުނެވެ.

[ކޮންތާކު ކޮބައިތަ؟] ފާތިނާ ހޯދަން ފެށިއެވެ. އެންމެފަހުން ނަދުހާއަށް މަޖުބޫރުވީ އެދިމާއަށް، އެންމެންގެ ތެރޭގައި އިނގިލި ދިއްކުރާށެވެ. އެވަގުތު ފާތިނާއަށްވެސް އޭނާ ފެނުނެވެ. އެޒުވާނާ އިންތަނުން ތެދުވެގެން ނަދޫމެންނާ ދިމާއަށް އަންނަން ފެށިއެވެ. ހިނިއައިސްފައި ހުރެއެވެ. ނަދުހާއާއި ފާތިނާ ނޫން ކަމަށް ހަދާފައި އިށީނދެ، މުޅިން އެހެން ވާހަކައެއް ފެށިއެވެ.

[އެސްކިއުޒް މީ....އަހަންނަށް ގޮވިންތަ؟] އެޒުވާނާ ނަދުހާމެންނާ އަރާހަމަކޮށް އެއްސެވެ. ނަދުހާ ގަތީ އަމަށަކު ލަދެއް ނޫނެވެ. ނަމަވެސް ފާތިނާ ހުރީ ހިނިއައިސްފައެވެ.

[ނުގޮވަން....] ނަދުހާ ކަތި ނަޒަރަކުން ލަދުރަކި ގޮތަކަށް އެޒުވާނާއާ ދިމާއަށް ބަލައިލަމުން ބުންޏެވެ. އެޒުވާނާގެ ތުންފަތުގައި ކުޅެލީ ލުއި ހިނިތުންވުމެކެވެ.

[ދޮގު ނުހަދާ. ނަދުހާ އިޝާރާތްކުރީ ސީދާ އަހަންނަށްކަން އެނގިގެން އަހަރެން މިއައީ.] އެޒުވާނާ ނަދުހާ ދަނެއެވެ. ނަދުހާގެ ހިތުގައި ސުވާލު އުފެދުނެވެ. އެސުވާލުގެ ޖަވާބުވެސް، ސުވާލު ކުރުމުގެ ކުރިން އެޒުވާނާ ދިނެވެ.

[އަހަންނަށް ވަރަށް ރަނގަޅަށް ނަދުހާ އެނގޭ. އަހަރެން ނަދުހާގެ މަންމައާއި ބައްޕަވެސް ދަންނަން. އަދި ތިގޭގައި ގެންގުޅޭ މީހާ ދަލޭކަ މާރަނގަޅަށް ދަންނަން.] އެޒުވާނާގެ ވާހަކައިން ނަދުހާ ވަރަށް ބޮޑަށް ޙައިރާން ވެއްޖެއެވެ.

[އެހެންތަ؟ ކާކުތީ؟] ނަދުހާއަށް އެހުނީ ބޭއިޚްތިޔާރުގައެވެ.

[މުނާޒް އަހަންނަށް ކިޔަނީ. ނަދުހާ ޙައިރާންވާނެ ކަމެއްނެތް. ނަދުހާ ކަހަލަ ރީތި ކުދިންގެ މަޢްލޫމާތު، ވަރަށްގިނަ ފިރިހެނުން ހޯދާނެ. ތީ ވަރަށްގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ ކުއްޖެއް.] މުނާޒް މިހެން ބުނެފައި ނަދުހާއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ނަދުހާ ކުޑަކޮށް ދުރަށްޖެހިލީ މަންޒަރު ރީތިކޮށްލުމުގެ ގޮތުން ހިތާދެކޮޅަށެވެ. ޙަޤީޤަތުގައި އޭނާ ބޭނުންވީ މުނާޒާ އެއަށްވުރެވެސް ގާތުގައި އިށީންނާށެވެ.

[ނަދުހާ އަނެއްކާ އަހަރެން މިތާ އިނުމުން ހިތްހަމަނުޖެހެންޏާވެސް ބުނައްޗޭ.] މުނާޒް ވަށައިގެންވާ ލޯތަކާ ދިމާއަށް ބަލައިލަމުން ބުންޏެވެ.

[އެންމެ ރަނގަޅު މިތާ އިނަސް. އެކަމަކު ތިހާ ގާތުގައި އިނީމާ އަހަރެން ލަދުގަނޭ.] ނަދުހާ އިސްޖަހައިގެންހުރެ ހަމައެކަނި މުނާޒަށް އިވޭވަރަށް ބުންޏެވެ. އޭރު ފެރީއަށް މީހުން އަރަން ފަށައިފިއެވެ. ފެރީ ނައްޓާލަންވެސް އޮތީ އެންމެ ދެމިނެޓަށްވެފައެވެ.

[ހިނގާ އަހަރުމެންވެސް އަރަމާ.] މުނާޒް ތެދުވެގެން ހިނގައިގެންފިއެވެ. އޭނާގެ ފަހަތުންކަހަލަ ގޮތަކަށް ނަދުހާއާއި ފާތިނާވެސް ގޮސް ފެރީއަށް އަރައިފިއެވެ.

އެރޭވީ ނަދުހާގެ ޙަޔާތުގެ ކަލަންޑަރުން ފާހަގަކުރެވި ފަވާލެވުނު ތާރީޚީ ރެއަކަށެވެ. އެރެއާ ހަމައަށް ފިރިހެން ކުދިންގެ ތަފާތު އިޝާރާތްތަކަށް ފޫހިވާ ނަދުހާގެ ހިތުން މުނާޒަށް ޖާގައެއް ދެވުނީ، ޚުދު ނަދުހާވެސް ހީކުރިވަރަށްވުރެ މާފަސޭހައިންނެވެ.

[އޭނާދެކެ އަހަރެންނަށް ލޯބިވެވިއްޖެ.] ގެއަށް އައިސް ނަދުހާއަށް ބޭއިޚްތިޔާރުގައި ދަލޭކަ ގާތު ބުނެވުނެވެ.

ދަލޭކަގެ ތުންފަތުގައި ކުޅެލީ ހިނިތުންވުމެކެވެ. ހީވީ އޭނާއަށް މާކުރިން އެނގިފައިވާ ކަމެއްގެ ވާހަކަ ނަދުހާ ބުނިހެންނެވެ.

[ކާކުދެކެ؟] ހިނިއައިސްފައިހުރެ ދަލޭކަ އެއްސެވެ.

[ދަލޭކަދައްތައަށް އެނގޭނެ، މުނާޒް އެއީ ވަރަށް ރީތި ޒުވާނެއް.] ނަދުހާ ބުންޏެވެ.

[އާނ ދަންނަން. އެއީ ވަރަށް ރަނގަޅު ކުއްޖެއް.....ދަރިފުޅުގެ މަންމަމެން ގުޅި، ދަރިފުޅު ވިލިނގިއްޔަށް ދާން ނުކުތްތަނާހެން.] ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ދަލޭކަ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން