image ގައްދޫ ރަޝީދު   26 އޯގަސްޓު 2020 - 5:37
މިސިޒް ހެރަލްޑް ޖަޔާ ގޮވައިގެން ގެއިން ބޭރަށްވެސް ނުކުމެއްޖެއެވެ. ގަރާޖުގައި ހުރި ކާރުތައް ދެއްކިއެވެ.

[މިއީ ޖަލާލީގެ ކާރެވެ. އަމިއްލައަށް ދުއްވާ ކާރެވެ.]

[މިއީ އަހަރެން ދުއްވަން ދެއްވާފައި އޮންނަ ކާރެވެ.]

[މިއޮތީ ސްޕޯޓްސް ކާރެވެ.]

[ދެން މިއޮތް ނޫކުލައިގެ ކާރަކީ ޖަޔާއަށް ޖަލާލީ ގަނެދެއްވާފައި އޮތް ކާރެވެ. މިއީ ޖަޔާގެ އަމިއްލަ ކާރެވެ.]

ޖަޔާ ޝައުޤުވެރި ކަމާއިއެކު ކާރުތަކަށް ބަލާލިއެވެ. ކާރުތައް އޭނާއަށް ރީތިވެއްޖެކަމުގެ އަސަރުތައް މޫނުމަތިން ފެނިގެން ދިޔައެވެ. އޭނާ ވަރަށް ފަޚުރުވެރި ކަމާއިއެކު ކާރުތަކާއި ބެހޭގޮތުން ވާހަކަ ދައްކަން ފަށައިފިއެވެ.

މިސިޒް ހެރަލްޑް ޖަޔާއަށް ފެންގަނޑުވެސް ދައްކައިފިއެވެ. އެފެންގަނޑުގެ ވަށައިގެންވާ ކޮޓަރިތަކަށްވެސް ޖަޔާ ގޮވައިގެން ދިޔައެވެ. އަދި އަވަށްޓެރިންނާ ބެހޭގޮތުންވެސް ވަރަށްގިނަ ވާހަކަ ހެރަލްޑް ދެއްކިއެވެ. އެކިމީހުން ވަކިވަކިން ތަޢާރަފް ކުރިއެވެ..... މިހިސާބަށް ދިޔައިރު ޖަޔާ ކޮޑަކޮށް ވަރުބަލިވާގޮތް ވެއްޖެއެވެ. އެހެންކަމުން ހެރަލްޑް ދައްކާ ވާހަކަވެސް މާ ރަނގަޅަކަށް އިވޭކަމަކަށް ނުވެއެވެ.

[މިސިޒް ހެރަލްޑެވެ. ދެން ދަމާ ހިނގާށެވެ.]

[އެންމެ ރަނގަޅެވެ. ހަމަ މިހާރު ދާންވީއެވެ.]

[ދެން ހިނގާށެވެ.]

ދެމީހުން އެކުގައި ހިނގާފައި އެނބުރި ގެއަށް އަތުވެއްޖެއެވެ.

ޖަޔާ ކޮޓަރިއަށް ވަދެފައި ގޮނޑިއެއްގައި އޮށޯވެލިއެވެ. ދެން ލޯމަރާލިއެވެ. އޭނާގެ ސިކުނޑި އޮތީކަންނެތް ވެފައެވެ. ޙަޔާތަށް ކުއްލިއަކަށް މިހާބޮޑު ބަދަލެއް އައުމުން އެކަމަށް ހޭނުމަށް ވަގުތު ބޭނުންވެއެވެ.

މިސިޒް ހެރަލްޑް މަސައްކަތުގައި މަޝްޣޫލު ވެއްޖެއެވެ. އޭނާ މުޅިގެ ފޮޅާ ސާފުކުރިއެވެ. ދެން ބަދިގެއަށް ހިނގައްޖެއެވެ.

ޖަޔާ ފަސޭހަކަމާއިއެކު ލޯމަރާލައިގެން ގޮނޑީގައި އޮތެވެ. އެގޮތަށް އޮތީ ކިހާއިރެއް ވަންދެން ކަމެއް ނޭނގެއެވެ. ދެން ކޮންމެވެސް ކަހަލަ ޖަޒްބާތެއް އޭނާ ސިއްސުވާލިއެވެ. އަދި ތެދުވެގެން ޑްރެސިންގރޫމަށް އަތުވެއްޖެއެވެ. އޭނާ އަލަމާރީގެ ދޮރު ހުޅުވާލިއެވެ. ކޮނޑުތަކުގައި އަޅުވާފައިވާ ތަފާތު ވައްތަރު ވައްތަރުގެ ހެދުންތަކަށް ބަލަން ފަށައިފިއެވެ.

[މިހެދުންތައް ހެޔޮވަރުތޯ ބަލާލުން ކިހިނެއްވާނެ ހެއްޔެވެ. ވަގުތު ހޭދަކޮށްލުމަށް މިއަށްވުރެ ރަނގަޅުގޮތެއް ކޮބައި ހެއްޔެވެ.] އޭނާ ވިސްނާލިއެވެ.

ދެން...........

އަލަމާރިން އަގުބޮޑު މެކްސީއެއް ނަގައިފިއެވެ. ކަރުބޮޑު މެކްސީއެކެވެ. ހިމަހިމަ ރިބަން ފަށްތަކަކުން ކޮނޑު މައްޗަށް ވާގޮތަށް ގޮށެއް ޖަހާފައިވެއެވެ. އޭނާ މެކްސީލާފައި ބަލާލިއެވެ.

ހަށިގަނޑުގެ ހާމަކަން ބޮޑުކަމުން އޭނާ ލަދުން ހަލާކުވާ ވަރުވެއްޖެއެވެ. ކޮޓަރިއަކު އެއްވެސް މީހަކު ނެތެވެ. އެކަމަކުވެސް އޭނާހުރީ ހާސްވެފައެވެ.

ޖަޔާ ލޯގަނޑުން ބަލަމުން ގެންދިޔައެވެ. މިއަދު އޭނާ ކަނދުރާޔާ މޭމަތިން ފެންނަން ހުރި ހިސާބަކީ ރީތި އަސަރު ކުރުވާފަދަ ގުނަވަންތަކެއްކަން ފުރަތަމަ ފަހަރަށް އިޙްސާސް ކުރެވުނެވެ.

މެކްސީ ބާލާފައި އޭނާ ޖިންސެއް ލައިފިއެވެ. ރަތްކުލައިގެ ބްލައުޒަކާއެކު ފެނުމުން އޭނާގެ ހަށިގަނޑުގެ ރީތިކަން އެނގުނެވެ.

ލޯގަނޑުގެ ކުރިމަތީގައި ހުރެގެން ތަފާތު ގޮތްގޮތަށް ބަލަމުން ގެންދިޔައެވެ. އަދި ތަފާތު ހެދުންތައް އަޅަމުން ފަރިބަލަމުން ދިޔައެވެ.

ކޮންމެއަކަސް މިކުޅިގަނޑުންވެސް އޭނާގެ ހިތް ފުރިއްޖެއެވެ. ސޫޓްކޭހުން އޭނާގެ ހެދުން ނަގައިގެން ގަޔަށް ހެއުވަރު ކޮށްލިއެވެ.

އަދި ބޮލުގައި ގޮށެއް ޖަހާލުމާއެކު އެނދުމައްޗަށް ވެއްޓިގަތެވެ.

އޭނާގެ ހިތް ފުރިގެން އަތުވެއްޖެއެވެ.

ދެން ބާލީހުގައި މޫނުފޮރުވައިގެން ރޯންފަށައިފިއެވެ. މަންމަގެ މަތިން ހަނދާންވީއެވެ. ބައްޕަގެ މޫނު ލޯމައްޗަށް ސިފަކުރެވުނީއެވެ. އެއްބަނޑު އެއްބަފާ ކުދިންގެ ހަނދާންތައް ސިކުނޑީގައި ހަލަބޮލިކަން އުފެއްދިއެވެ.

އޭނާ އެންމެނާ ގުޅުން ކަނޑާލާފައި މިތަނަށް އައީއެވެ.

އެތައްހާސް މޭލު ދުރަށެވެ.

ބީރައްޓެހި ރަށަކަށެވެ.

މިތަނުން މަންމަގެ ސިފައެއް ނުފެންނާނެއެވެ.

ބައްޕަގެ އަޑެއްބަޑެއް ނީވޭނެއެވެ. ކޮއްކޮމެންނާ ސަމާސާވެސް ކޮށްނުލެވޭނެއެވެ. ބޭބެމެންނަށް ލޯތްބެއް ނުދެވޭނެއެވެ.

އޭނާ ވިސްނަމުން ދިޔަވަރަކަށް ހިތްފުރި އަރަމުން ދިޔައެވެ. އަދި ސިއްރުން ކަރުނަ އޮހޮރުވަމުން ދިޔައެވެ.

އެކަނިވެރިކަމާއި ރައްކާތެރިކަން ކުޑަކަމުގެ މައްޗަށް ގަންނަބިރުވެސް އެކަރުނައިގައި ޝާމިލުވެއެވެ. ރޮމުން ރޮމުންގޮސް އޭނާއަށް ނިދުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ.

ކުއްލިއަކަށް ލޯހުޅުވިއްޖެއެވެ. ހޭލެވުނު ސަބަބެއް ނޭނގުނެވެ. އެއްވެސް މީހަކު ނުގޮވައެވެ. ހަމަ ކުއްލިއަކަށް ހޭލެވުނީއެވެ. ރަނގަޅަށް ނުނިދެނީ ކަމުގައިވެސް ވެދާނެއެވެ. ފުރިހަމައަށް ނިދުނުނަމަ ދޮރުގައި ކިތަންމެ ވަރަކަށް ޓަކިޖެހި ކަމުގައި ވިޔަސް އޭނާއަކަށް ނުހޭލެވޭނެއެވެ.

އޭނާއަށް މަންމަގެ ބަސް ހަނދާން ވެއްޖެއެވެ. ޖަޔާއެވެ. ކަލޭ ނިދާލާފައި އޮންނައިރު ހީވަނީ އެއްވެސް ފިކުރެއްނެތި އޮންނަހެންނެވެ.

ކައިރީގައި ބެރުދުންމާރި ތާޅަފިލި ފުމުނަސް ހޭލެވޭގޮތެއް ނުހުރެއެވެ. ނިންޖަކަށް އެއްވެސް ދަތިކަމެއް ނުލިބެއެވެ.

ޖަޔާ ފުންނޭވާއެއް ދޫކޮށްލަމުން ވަރަށް ދިގުކޮށް މޯޅިއަކަށް ދެމިލިއެވެ. އޭނާގެ ކަށިތަކުގައި ރިހުމެއް އެކުލެވިފައިވެއެވެ. އެނދުގައި އޮވެ ކަނާތް ފަރާތަށް ފަރޮޅިލިއެވެ. އަދި ވަޔާ ހެލިލަ ހެލިލާހުރި ފަށުވި ފަރުދާއަށް އެއްވެސް މާނައަކާނުލައި ބަލަން ފަށައިފިއެވެ.

ކުއްލިއަކަށް އޭނާގެ ކަންފަތުގައި ކޮންމެވެސް މީހަކު ވާހަކަދައްކާ އަޑު އިވިއްޖެއެވެ. ވަރަށް ރީތި އަޑެކެވެ.....

އޭނާ ބާލީހުން ބޯއުފުލާލާފައި އަޑު އަންނަ ފަރާތެއް ދެނެގަތުމަށްޓަކައި ހިނދުކޮޅަކު ހިމޭންވެލިއެވެ.

އަޑު އަންނަނީ ޖެހިގެންހުރި ކޮޓަރިންނެވެ.

ކޮންމެވެސް މީހަކު ފޯނުކުރަނީއެވެ. ވާހަކަދައްކަނީ އުރުދޫ ބަހުންނެވެ. ބަރު އަދި އަސަރުގަދަ އަޑު މިއުޒިކަކަށް ވެގެން ޖަޔާގެ ކަންފަތަށް ވަންނަން ފަށައިފިއެވެ. އެއަޑުގައި ފޮނިކަން އެކުލެވެއެވެ. ރިހުން އެކުލެވެއެވެ. ދިލަ އެކުލެވެއެވެ. މިކަހަލަ އަޑެއް އަބަދުވެސް އޭނާގެ ސިކުނޑީގައި ގުގުމައެވެ. ޒުވާން ކޮންމެ އަންހެން ކުއްޖަކު ފަދައިން އޭނާވެސް ވަރަށް ގިނައިން ސިކުނޑިއާ ވާހަކަ ދައްކައެވެ. މިގޮތަށް ވާހަކަ ދައްކާ ކޮންމެ ފަހަރަކު މިކަހަލަ މިއުޒިކެއްގެ އަޑު ކަންފަތަށް ވަންނަމުން ދެއެވެ.

އޭނާ އެއިނީ އެއަޑުގެ ސިހުރުގައި ޖެހިފައި ނޫންކަމެއް ނޭނގެއެވެ. ކުއްލިއަކަށް ހިތް ތެޅިގަތެވެ. މިގޭގައި އުރުދޫ ބަހުން ވާހަކަ ދައްކާނީ ކާކު ހެއްޔެވެ........؟!

އަނެއްކާ.......

އެއީ ޖަލާލީ ހެއްޔެވެ؟

ހަމަ ދުރުވީ ބާވައެވެ......؟!

އޭނާގެ ހިތް ހަޅޭލަވައި ގަތެވެ. ބިރުވެރިކަމާއި ހާސްކަން އޭނާގެ މުޅި ހަށިގަނޑަށް ވެރިވެގަތެވެ. ގެނބުރަށް ދިއުމުގެ އިޙްސާސަކާއި އައްސޭރި އަތުލެވުމުގެ އިޙްސާސް ލާމެހިފައިވެއެވެ. އޭނާ ހިނދުކޮޅަކު ލޯމަރާލައިގެން އިނެވެ.

ދެން ރަޖާގަނޑުން މޫނު ފޮރުވައިފިއެވެ. އަދި މުޅި ހަށިގަނޑުވެސް ފޮރުވައިފިއެވެ. ލަދުވެތިކަމުގެ ސަބަބުން އޭނާގެ މޫނު ރަތްވާން ފަށައިފިއެވެ. ހިތް ހަމައިން ނެއްޓިގެން ތެޅެން ފަށައިފިއެވެ. އަތްފައިން ލޮނުދާ ހިއްލަން ފެށިއެވެ.

މިގޮތުގައި އެތައް އިރެއްވޭތުވެ ހިނގައްޖެއެވެ.

ފޯނުން ވާހަކަ ދައްކާ އަޑު ކެނޑިއްޖެއެވެ.

ޖަޔާވެސް ތެދުވެ އިށީނދެއްޖެއެވެ. މިހާރު ޖެހިގެންހުރި ކޮޓަރީގައި އެއްވެސް މީހަކު ނެތީ ކަންނޭގެއެވެ. އެހެންކަމުން ހިތްހަމަޖެހުމުގެ ނޭވާއެއް ލުމާއެކު އޭނާއަށް ކުޑަކޮށް ހިނިތުން ވެވިއްޖެއެވެ.

[މާތް ކަލާކޯއެވެ.] އެނާ ދެއަތުން މޫނުފޮރުވަމުން ފޮނިކަން އެކުލެވޭ ހާސްކަމާއެކު ވިސްނާލިއެވެ. [އަހަރެން... އަހަރެން އޭނާގެ ކުރިމައްޗަށް ދާނީ ކިހިނެއް ހުރެގެން ހެއްޔެވެ........ އެކަންޏެވެ...... އަސްތާއެވެ..... އަހަރެން އެކަންޏެވެ. އަދި ........ އަދި......... އޭނާ........]

ބޭއިޚްތިޔާރުގައި ޖަޔާ ހީނގަތެވެ. އަމިއްލަ މޮޔަކާއިމެދު އޭނާއަށް ހެވުނީއެވެ.

[ކޮންމެ އަންބަކު ތިމާގެ ފިރިމީހާއާއި ބައްދަލުކުރަނީ ހަމަ އެކަންޏެވެ. ގޭގައި ކިތަންމެ ބަޔަކު ތިއްބަސް ވަރިހަމައެވެ....... އެކަމަކު ކޮންމެ އަންބަކަށްވެސް މި މަރްޙަލާ އަންނާނެއެވެ.]

އެކަނިވެރިކަމުގެ އިޙްސާސްތައް ސިކުނޑިން ނުރެލުމަށްފަހު އޭނާ އެނދުން ތެދުވެއްޖެއެވެ. މިހާރު ކޮރިޑޯ ތެރޭން ވާހަކަ ދައްކާ އަޑުއިވެއެވެ.

އެއީ މިސިޒް ހެރަލްޑް ކަންނޭގެއެވެ.

އެކަމަކު އޭނާއާއި އެމުޚާޠަބު ކުރަނީ ކާކު ހެއްޔެވެ؟

އޮޅުން ފިލުވުމުގެ ހިއްސުތައް އޭނާއާ އެހީވެދީފިއެވެ. އަދި ކޮރިޑޯއަށް ދާންހުރި ދޮރުކަރިއަށް އޭނާ ހިނގައްޖެއެވެ.

[މިސްޓަރ ޖަލާލީއެވެ....] އޭނާއަށް އިވުނީ ހެރަލްޑް ހަމައެކަނި މިހެން ބުނެލި އަޑެވެ. ކުރީގައިވެސް އޭނާއަށް އޮތީ ޔަޤީން ކުރެވިފައެވެ. މިހާރު ދެން ފުރިހަމަ ވީއެވެ. އެއީ ހަމަ ޖަލާލީކަމާއި މެދަކު ޝައްކެއްވެސް ނެތެވެ.

އެރީތި އަޑުގެ ވެރިޔަކީ ހަމަ ޖަލާލީއެވެ.

މިޔުޒިކީ އަޑެވެ...... ރިހުން އެކުލެވޭ ރާގެވެ......

މިސިޒް ހެރަލްޑް ދައްކަނީ ކޮންވާހަކައެއް ކަމެއްނޭނގެއެވެ. ދެނީ ކޮންކަހަލަ ޖަވާބެއް ކަމެއްވެސް ނޭނެގެއެވެ. ޖަޔާއަކަށް އަޑެއް ނީވެއެވެ..... އެދެމީހުން މަޑުމަޑުން ބޭރަށް ނުކުންނަން ދަނީއެވެ.

ޖަޔާގެ ހިތުގައި ޝައުގުވެރިކަމުގެ ޠޫފާނެއް އުފެދިގަތެވެ. ފައިގައި ލަދުވެރިކަމުގެ ހިލިހިލާ އެޅިފައިވެއެވެ.

އެކަމަކު.........

ޖަލާލީ ހަމައެންމެ ފަހަރަކު ނަމަވެސް ދުށުމުގެ އެދުން އޭނާގެ ހިތުގައި ވަރަށްބޮޑަށް އެކުލެވިފައިވެއެވެ.

އޭނާ ސިހުނެވެ.....

އެކަމަކު......

އެންމެފަހުން ހިތްވަރު ކޮށްލުމާއިއެކު ކުރިއަށް ޖެހިލާފައި މަޑުމަޑުން ދޮރުފަތް ހުޅުވާލިއެވެ. އަޑެއް ބަޑެއް ނީވި ދޮރުފަތް ކުޑަކުޑަކޮށް ހުޅުވިއްޖެއެވެ......... ޖަޔާ ދޮރުކަނީގެ ނިވަލުގައި ހުރެފައި ކުޑަކޮށް ބޯގުދުކޮށްލިއެވެ.

އަދި މަޑުމަޑުން ކޮރިޑޯއަށް ބަލާލިއެވެ.

ދެން އަނެއްކާވެސް ކުއްލިއަކަށް ފަހަތަށް ޖެހިލިއެވެ.

އޭނާގެ މޫނުމަތިން އެތައް ކުލައެއް ފެނިގެން ދިޔައެވެ.

ހިތްތެޅެން ފަށައިފިއެވެ. ހީވަނީ ހަމަދެންމެ ދެންމެ ހިތުގެ ވިންދު ހުއްޓިދާނެ ހެންނެވެ.

އޭނާ ދުވެފައި ޑްރޯއިންގރޫމަށް އަތުވެއްޖެއެވެ. އަދި ކޮނޑުތަކުގައި އެލުވާފައި ހުރި ހެދުންތަކުގެ ނިވަލުގައި ފިލަން މަސައްކަތް ކުރަން ފަށައިފިއެވެ. ހިނދުކޮޅެއް ވަންދެން ހިތުގެ ވިންދު ހަމައަކަށް އެޅުވޭތޯ އޭނާ ހިތްވަރު ކުރަމުން ދިޔައެވެ.

އެންމެފަހުން އޭނާ އެކަން ކޮންޓްރޯލް ކޮށްފިއެވެ.

އޭނާ ކިހާ މޮޔަހެއްޔެވެ..... ކިހާ ނުވިސްނޭ ހެއްޔެވެ....... އޭނާ ހެދުންތަކުގެ ތެރެއިން ނުކުމެއްޖެއެވެ...... އެވަގުތު އޭނާގެ ލޮލުގައި އުންމީދުގެ އަސަރުތަކެއް އެކުލެވިފައިހުއްޓެވެ. ތުންފަތުގައި ހިނިތުންވުމެއް ކުޅެލަކުޅެލާ ހުއްޓެވެ.

އިސްކޮޅުން ދިގު ސްމާރޓް ޖަލާލީ އޭނާއަށް ފެނުނީ ފުރަގަހުންނެވެ. އޭނާ މިސިޓް ހެރަލްޑާ ވާހަކަ ދައްކަމުން ބޭރަށް ނުކުންނަން ދިޔައީއެވެ.

**********************

[މިސްޓަރ ޖަލާލީއެވެ. ތިޔައީ ވަރަށް ރަނގަޅު ބޭކަލެކެވެ.] މިސިޒް ހެރަލްޑް ނިތްކުރީގައި އަތުން ޖަހާލާފައި ބުންޏެވެ.

[މިސިޒް ހެރަލްޑެވެ. ނާކާމިޔާބުގެ ބިރަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ.] ޖަލާލީ މަޑުމަޑުން ބުންޏެވެ.

[ނާކާމިޔާބު ވެދާނެކަމުގައި ޤަބޫލުކުރައްވަނީ ކީއްވެގެން ތޯއެވެ.]

[ތިޔަކަމުގެ ޗާންސްތައް ވަރަށް ގިނައެވެ.]

[ހުރިހާ ވަހުމެއް ހިތުން ފޮހެލައްވާފައި ޖަލާލީގެ މިސިޒްގެ ގާތަށް ދުރުވާށެވެ. އޭނާ ކަލާއަށް އިންތިޒާރު ކުރައްވަނީއެވެ.]

ޖަލާލީ ފުން ނަޒަރަކުން ހެރަލްޑަށް ބަލާލިއެވެ. އަދި މަޑުމަޑުން ބުންޏެވެ.

[ހެރަލްޑަށް ހީވަނީ އޭނާ އަހަންނަށް އިންތިޒާރު ކުރަނީ ކަމުގައި ހެއްޔެވެ؟]

[މިކަމުގައި ހީއެއްވެސް ކުރެވޭނެ ތަނެއްނެތެވެ. ޖަލާލީ ދުރުވެއްޖެއޭ އޭނާ ގާތުގައި އަޅުގަނޑު ބުނި ވަގުތު އުފަލުންގޮސްއޭނާގެ މޫނުފޮޅިގެން ދިޔަތަން އަޅުގަނޑު ދުށީމެވެ.]

[ހަމަ ރަނގަޅަށް ހެއްޔެވެ؟] ޖަލާލީ ބޭއިޚްތިޔާރުގައި ގޮނޑިން ތެދުވެއްޖެއެވެ.

[ލައްބައެވެ. ޖަލާލީއެވެ. އޭނާ އެއިންނަނީ ވަރަށް އުފާވެފައެވެ. ހުރިހާ ހެދުމެއްވެސް މިހާރު ގަޔަށް ހެޔޮވަރު ކޮށްފިއެވެ. އަބަދުވެސް ހުންނަނީ ގަހަނާ އަޅާ ޒީނަތްތެރި ވެގެންނެވެ.]

މިސިޒް ހެރަލްޑް ތަމްސީލު ދައްކަމުން ބުންޏެވެ.

ޖަލާލީ ހިނި އަތުވެއްޖެއެވެ.

[ޖަލާލީއެވެ. ހިތްވަރާއެކު ކުރިއަށް ހިންގަވާށެވެ. ހުރިހާކަމެއް ހަމަޖެހިދާނެއެވެ.]

[ހެރަލްޑް ތިޔަބުނަނީ ހަމަ ރަނގަޅަށް ހެއްޔެވެ.]

[ލައްބައެވެ. މިއީ ހަމަ ރަނގަޅު ވާހަކައެކެވެ. ހިންގަވާށެވެ.]

[އޭނާ މިހާރުވީ ކޮންތާކު ހެއްޔެވެ؟]

[ޑްރޯއިންގރޫމްގައި މިހާރު އެބައިނެވެ.]

ޖަލާލީގެ ޙާލަތު މިވަގުތު އެންމެ ރަނގަޅު ކަމުގައި ފެނެއެވެ. ޝައުޤުވެރިކަމާ ބިރުވެރިކަމުގެ ގުޅުމަކީ ވަރަށް އަޖައިބު ކުރުވަނިވި އެއްޗެކެވެ.

އެކަމަކު......

އޭނާ ހުރީ މިފިޔަވަޅު އަޅަން ތައްޔާރަށެވެ.

އޭނާ ހެނދުނު ކޮޓަރިއަށް ވަންނަނިކޮށް ފެނިފައި ޖަޔާ ދުވެފިލީއެވެ. އޭނާ މިހާދިސާ އިޙްސާސްކުރީ ނުލާހިކު ހިތިކަމާ އެކުގައެވެ. އެމަކްރޫހަ މޫނު އެވަގުތުން ފެށިގެން އޭނާ ބިރުގަންނަވަމުން ދިޔައެވެ. ގެނބެމުން ދިޔައެވެ. ހަމަ އެވަގުތު ފައުޒިއްޔާއަށް ފޯނުކޮށް އޭނާގެ ހުތުރުސިފަ ޖަޔާގެ ޢާއިލާއަށް ސިއްރުކުރީތޯ ނުވަތަ ނޫންތޯ އޮޅުން ފިލުވިއެވެ.

ފައުޒިއްޔާ އޭނާއަށް ހިތްވަރު ދިނެވެ. އަނެއްކާވެސް ޖަޔާގެ ގޭގެ ޙަލަތާ މައިންބަފައިންގެ މަޖުބޫރީތައް ހާމަ ކޮށްދިނެވެ. އެމީހުން އުފާކުރާ ވަރުވެސް ބަޔާން ކޮށްދިނެވެ.

[ހުތުރު ސިފަލިބުމަކީ ކުށެއްނޫނެވެ. ލަދުގަންނަންވީ ކަމެއްނޫނެވެ. އަދި އެއީ ޖަލާލީގެ އެއްވެސްކަމަކަށް ހުރަސް އަޅާނެ ކަމެއްވެސް ނޫނެވެ. އެއްގޮތަކަށްވެސް އެހާބޮޑަށް ތިޔަކަންތަކާ ބެހޭގޮތުން ފިކުރު ނުކުރާށެވެ. [ފައުޒިއްޔާ ބުންޏެވެ.] މިހާރު ވާންވީގޮތެއް ވެނިމިއްޖެއެވެ. ޖަޔާއަކީ ޖަލާލީގެ އަނބިމީހާއެވެ. އޭނާއަކީވެސް ކުޑަކުއްޖެއް ނޫނެވެ. ވިސްނުން ރަނގަޅު އަންހެން ކުއްޖެކެވެ. ޖަލާލީ އޭނާއަށް ވިސްނާދެވޭތޯ މަސައްކަތް ކުރާށެވެ. އޭނާއަށް ވިސްނާދެވޭނީ ޖަލާލީއަށެވެ.... ކޮންމެ ގޮތެއްވިޔަސް ތިޔަދެކުދިން މިހާރު ހަމައަކަށް އެޅެން ޖެހިއްޖެއެވެ. ދެމީހުންގެ މަސައްކަތުން އެކަން ކުރެވޭނެއެވެ. އިރާދަ ކުރެއްވިއްޔާ ގުޅޭނެއެވެ. އެއްގަލަކަށް އަރާނެއެވެ.]

ފައުޒިއްޔާ ހުރިހާގޮތަކުން އޭނާގެ ހިތްވަރު އާކޮށްދިނެވެ. [ޖަލާލީ އެއަރޕޯޓަށް ދިއުން ކޮންމެހެން ބޭނުމެވެ. ހަމައެއްވެސް ކަމަކާނުލައި އޭނާގެ މޫޑު ގޯސްކުރީއެވެ. ކޮންމެއަކަސް އެއްވެސްކަމެއް ގޯހެއްނުވެއެވެ. މިއަދު ފިލައިގެން އުޅުމަށް ގަސްތުނުކުރާށެވެ. ޖަޔާއަކީ ވަރަށް ސީރިއަސް ކުއްޖެކެވެ.]

ޙަޤީޤަތުގައިވެސް ޖަލާލީގެ ހިތްވަރު އާވެފައިވެއެވެ. އިރުއޮއްސުމާއެކު މިސިޒް ހެރަލްޑްގެ މަސައްކަތާއެކު އޭނާ ގެއަށް ވަދެއްޖެއެވެ. ހެރަލްޑްވެސް އޭނާއަށް ވިސްނައިދިނެވެ.

[ތިޔަގޮތަށް ފިއްލަވައިގެން އުޅުއްވަން ވެއްޖެއްޔާ އިތުރު މައްސަލަތައް ނުކުންނާނެއެވެ. ކާވަންޏަށްފަހު ފިރިމީހާ ނުފެނި ވަގުތުތަކެއް ހޭދަވުމަކީ އެއްވެސް އަންހެނަކު ހިތްހަމަޖެހޭނެ ކަމެއްނޫނެވެ. އެއީ ވަރަށް ދެރަކަމެކެވެ. ގޯސް ކަމެކެވެ.]

އެތައް އިރެއްވަންދެން އޭނާ ޖަލާލީއަށް ވިސްނައިދިނެވެ. ޖަލާލީ ޖެހި ބުދެއްހެން ހުރީއެވެ. އޭނާގެ ޖެހިލުންވުން ފެނިފައި ހެރަލްޑް ހަރުކަށި މަންމައެއްގެ ރޯލުކުޅެލިއެވެ. އަދި ޖަލާލީގެ އަތުގައި ހިފައިގެން ރުޅިއައިސްފައި ދަމަމުން ކަހަލަ ގޮތަކަށް ޑްރޯއިންގރޫމަށް އަތުވެއްޖެއެވެ.

[މިސްޓަރ ޖަލާލީއެވެ. ޖަލާލީގެ އަލަތު އަނބި މިއިނީއެވެ.] އޭނާ ޖަޔާއާ ދިމާއަށް ޖަލާލީ ކޮއްޕާލިއެވެ. ޖަޔާ އެވަގުތު އިނީ ފިސާރިއަކަށް ނަލަ ހެދިލައިގެންނެވެ. އާދަކާދައިގެ މަތިން ބުރުގާ އަޅައިގެންނެވެ.

މިސިޒް ހެރަލްޑްގެ އަޑު އޭނާއަށް އިވުނީ ފުރަގަހުންނެވެ..... ޖަލާލީގެ ނަންއިވުމާއެކު ޖަޔާގެ ހިތް އޮބިނޯންނަ ވަރަށް ތެޅިގަތެވެ. ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ބޭއިޚްތިޔާރުގައި ހެރަލްޑްގެ ގައިގައި ބައްދައި ގަތުމަށް އޭނާގެ ހިތަށް އެރިއެވެ.

މާތް ކަލާކޯއެވެ. ކޮންފަދަ ޙިޖާބެއް ހެއްޔެވެ. ކޮންފަދަ ލަދުވެތިކަމެއް ހެއްޔެވެ.

[ޚުދާ ޙާފިޡް އެވެ.] މިސިޒް ހެރަލްޑް ބުންޏެވެ. އަދި ދޮރުލައްޕާލާފައި ބޭރަށް ނުކުމެއްޖެއެވެ.

ޖަލާލީ އެހުރިތާނގައި ގާވެފައި ހުރީއެވެ. އޭނާހުރީ ނޫކުލައިގެ ވަރަށްރީތި ހެދުމެއްގައެވެ. ޓައީވެސް އެހާމެ އަގު ބޮޑެވެ. އަދި ޖަހާފައި ހުރި ސެންޓްގެ ވަހުން މުޅި މާޙައުލު އެއްވަސް ކޮށްފާވެއެވެ. އެސެންޓްގެ ވަސް ޖަޔާއާ ހަމައަށްވެސް ފޯރާފައިވެއެވެ. މިފިރިހެން ސެންޓްގައި ފިރިހެން ވަންތަކަމުގެ ޖަޒުބާތު އެކުލެވިފާވެއެވެ.

ޖަޔާ ޖަޒުބާތަކާއެކު އިންތަނުން ކުޑަކޮށް ހެލިލައިފިއެވެ.

އޭނާގެ މިޙަރަކާތުގައި ވަނީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ.

ކަމަކަށް ތައްޔާރުވުން ބާވައެވެ.

ދަޢުވަތު ދިނުމެއް ބާވައެވެ.

ނުވަތަ ދަމައިގަތުމެއް ބާވައެވެ.

ޖަލާލީ ޖެހިލުންވުމާ ބިރުވެރިކަމުގެ ހުރިހާ ރޮނގެއް ހުރަސްކޮށްފިއެވެ. ވިސްނުމުގެ ވައްތަރު ބަދަލުކޮށްލުމުން ހުރިހާ ވަސްވާހެއް ފިލާ ހިނގައްޖެއެވެ.

އޭނާއަކީ ހަމަ އިންސާނެކެވެ. އޭނާގެ ހިތަކީވެސް އެހެންމީހުންގެ އޮންނަ ކަހަލަ ހިތެކެވެ. އެކަހަލަ އެދުން ތަކެކެވެ. އުންމީދު ތަކެކެވެ. އެހެނިހެން ފިރިހެނުންނެކޭ އެއްފަދައިން ޖިންސީ ބައިވެސް އޭނާއަށް ލިބިފައިވެއެވެ. މިކަން އޭނާއަށް އިޙްސާސް ކުރެވުނީ މިހާރުއެވެ. އޭނާގެ ޚިޔާލުތައް މުޅިން ބަދަލުވެއްޖެއެވެ.

އަދި........ ވަރަށް ހިތްވަރާއެކު ކުރިއަށް ފިޔަވަޅު އަޅާލިއެވެ.

[ނާޖިޔާއެވެ!] އޭނާ ސޯފާގެ ފުރަގަހުން ޖަޔާގެ ކައިރިއަށް އައިސް ހުއްޓިފައި ބުންޏެވެ.

ޖަޔާ އަދިވަކިން ބޮޑަށް އިސް އޮބާލިއެވެ.

ޖަލާލީ ފިސާރި ތަހްޒީބާއެކު ސަލާން ކުރިއެވެ. [އިއްޔެ ނާޖިޔާގެ ކައިރިއަށް ނާދެވުނީތީ ވަރަށް ދެރަވަމެވެ.]

ޖަޔާ ލަދުން ބޮނޑިވަމުން ދިޔައެވެ. ބޯތިރިވަމުން ދިޔައެވެ.

[އަހަރެން އިށީންނަން ހެއްޔެވެ؟] ޖަލާލީ އަނެއް ފަރާތަށް އަތުވެއްޖެއެވެ.

ޖަޔާ އެކައްޗެކޭވެސް ނުބުންޏެވެ. އޭނާ މިހާރު އިނީ ގުޅަވަރަކަށް ވެފައެވެ.

ޖަލާލީ ނާޖިޔާއާ ހަމަކައިރީގައި، ސޯފާގައި އިށީނދެއްޖެއެވެ.

[ނާޖިޔާއެވެ!] އޭނާ ޖަޒްބާތުން ފުރިފައިވާ އަޑަކުން ގޮވާލިއެވެ.

ނާޖިޔާ ކޮނޑަށް ޙަރަކާތެއް ގެނައުމާއެކު އަދިވަކިން ބޮޑަށް ބޮނޑިވެގަތެވެ.

ޖަލާލީގެ ހިތުގައި ހަލަބޮލިކަމެއް އުފެދެން ފަށައިފިއެވެ. ޝައުޤުވެރިކަން ހޭލަންފަށައިފިއެވެ. އަމިއްލަ ނަފްސުގެ މަތިން ހަނދާން ނެތިއްޖެއެވެ. އޭނާއަށް މިހާރު ފެންނަނީ ހަމައެކަނި ޖަޔާއެވެ.

އާދެ، އެޖަޔާ ދެކެ އޭނާގެ ހިތާއި ރޫޙުން ލޯބިވާން ފަށައިފިއެވެ.

މިލޯތްބަކީ އާ އެއްޗެއްނޫނެވެ. ވަރަށް ޒަމާންވީ އެއްޗެކެވެ. އޭނާގެ ވުޖޫދަށްވުރެވެސް ދުވަސްވީ ލޯތްބެކެވެ. މިލޯބި ދުނިޔެއަށް އައީ އޭނާ ދުނިޔެއަށް އައުމުގެ މާކުރީގައެވެ. އޭނާގެ ރޫޙު މާތްރަސްކަލާނގެ އުފެއްދެވީ އޭރު ނޫންކަމެއް ނޭނގެއެވެ.

ރޫޙަކީ އަދި މާކުރީގެ އެއްޗެއް ނޫންތޯއެވެ.

އޭނާގެ ލޯތްބަކީވެސް އޭގެ ގޮތުގައި ޒަމާންވީ އެއްޗެކެވެ.

ވަރަށްފުން އަދި ވަރަށް އަޖައިބު ލޯތްބެކެވެ. ވަރަށް ސާފު ލޯތްބެކެވެ. ޖަޔާ ނުފެންނަ އިރުވެސް އޭނާހުރީ ޖަޔާ މޭގައި ޖައްސާލުމަށް އެދިގެންނެވެ. ކެތްމަދުވެފައެވެ.

އޭނާގެ ރަޙްމަތްތެރިންވެސް ބުނެފައިވަނީ ޖަޔާ ވަރަށް ރީތި ކަމުގައެވެ. ވަރަށް ލޯބި ކަމުގައެވެ. ވަރަށް ސްމާޓް ކަމުގައެވެ. ހިތްތައް ލަންބުވާލާފަދަ ގޮތެއް ހުންނަ ކަމުގައެވެ.

މިކަމަކީ ކުޑަކޮށްވެސް އޭނާ އަޖައިބުވާ ކަމެއްނޫނެވެ. ތިމާގެ ހުތުރުކަން އެއްފަރާތެއްގައި ބާއްވާފައި ރީތި ދޮން ކުދިންނަކީވެސް އޭނާގެ ޚިޔާލުގެ ބައެއް ކަމުގައި ވެފައިވެއެވެ. އޭނާ އެކަމާމެދު ކުޑަކޮށްވެސް ލަދެއް ނުގަނެއެވެ. ޖިންނިއާ ޕަރީންގެ ވާހަކައަކީވެސް ކޮންމެވެސް އިންސާނެއްގެ ޚިޔާލެކެވެ.

މީގެ އެތައްޤަރުނެއްގެ ކުރީގެ އިންސާނަކު ޖިންނިއާ ޕަރީގެ ލޯބީގެ ވާހަކަ އުފައްދާފައިވެއެވެ. އެކުލަވާފައި ވެއެވެ. ވީއިރު މިއަދުގެ އިންސާނުން އެވާހަކަތައް ޙަޤީޤީ ވާހަކަތަކަށް ހަދަން ނޫޅެނީ ކީއްވެގެން ހެއްޔެވެ. މިއަދުގެ އިންސާނުންނަކީ ކުރީގެ މީހުންފަދަ މަޢުލޫމާތު މަދު ބައެއްނޫނެވެ. ޕަރީންގެ ހިތްތައް ދަމައިގަތުމުގެ ކިތަންމެ އުކުޅެއް އެމީހުންނަށް އެނގެއެވެ. އެމީހުންގެ ސިކުނޑިއަކީ ތަރުބިއްޔަތު ކުރެވިފައިވާ މޮޅު ސިކުނޑި ތަކެކެވެ.

ޖަޔާ ހަމަ އިސްޖަހާލައިގެން އިނެވެ. ޖަލާލީ އޭނާއާ ހަމަކައިރީގައި އިނެވެ. އޭނާ ވަރަށް މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައެވެ.

ބައެއް ވާހަކަ ޖަޔާގެ ސިކުނޑިއަށްވެސް ވަދެއެވެ. އަދި ބައެއް ވާހަކަ އެއްގޮތަކަށްވެސް އޭނާއަކަށް ނުވިސްނެއެވެ. އޭނާގެ ހަށިގަނޑު ފަދައިން ސިކުނޑިވެސް މިހާރު އޮތީ ހިމޭންވެފައެވެ. އާކޮންމެ އަންހެން ކުއްޖެއް ފަދައިން އަލަތުކާވެނީގެ އަލަތު މަރުޙަލާގެ ނިމުމާމެދު ބިރުވެތިވެފައެވެ. ވާން މިއުޅެނީ ކިހިނެއްބާވައޭ ހިތައް އެރުމާއެކު ހާސްވެފައެވެ... މިއަންހެން ކުއްޖާވެސް ހަމައެފަދަ ބިރެއްގެ ސަބަބުން ތުރުތުރު އަޅައެވެ.

އެކަމަކު މިބިރުވެރި ކަމުގައި އުފާވެރި ކަމެއްވެސްވެއެވެ. ލައްޒަތެއްވެސް ވެއެވެ.

އެކަމަކުވެސް..........

އޭނާގެ އަތްފައިން ލޮނުދާ ހިއްލަން ފަށައިފިއެވެ. އޭނާއަށް އެކައްޗެއްވެސް ނުވިސްނެއެވެ.

[ޖަޔާ ވަރަށްރީތި ވާހަކަ އަހަރެން އެހީމެވެ.] ޖަލާލީ އޭނާގެ ކޮނޑުމައްޗަށް ގުދުވެލަމުން ކަންފަތް ކައިރީގައި ވަރަށް ރީތި ރާގަކަށް ބުނެލިއެވެ.

ޖަލާލީގެ ނޭވާގެ ހޫނުކަން އިޙްސާސް ކުރެވުމާއެކު، ޖަޔާ ރޫރޫ އަޅައިގަތެވެ. އޭނާގެ ނޭވާ ހީވަނީ އުނދުނަށް ފުމޭ އޮނުގަނޑަކުން ވައިއަންނަ ހެންނެވެ. ހިތްތެޅެން ފެށިލެއް ބާރުކަމުން ހީވަނީ ހަމަ މިހާރުވެސް އެހިތުގެ ހިނގުން މުޅިން ހުއްޓިދާނެ ހެންނެވެ.

[ޖަޔާއެވެ......!] އޭނާ އެތައް އިރަކަށްފަހު އަނެއްކާވެސް ބުންޏެވެ. އޭނާ އެއިންނަނީ ޖަވާބެއްގެ އިންތިޒާރު ގައެވެ. އެތައް ފަހަރަކު އޭނާ މިގޮތަށް ގޮވިއެވެ.

[ލަ......... ލައްބައެވެ!] ޖަޔާ ވަރަށް އުނދަގުލުން ބުންޏެވެ.

[ޖަޔާގެ އަޑުއިވުނުކަމަށްޓަކައި ޝުކުރު ހުއްޓެވެ.] އޭނާ ޖަޔާގެ އުނގަނޑުގައި އަތްއަޅުވާލަމުން ބުންޏެވެ.

އަސްތާއެވެ....

މިބީހުމުގެ ސަބަބުން ޖަޔާ ސިހިއްޖެއެވެ. އޭނާ އެއްފަރާތަކަށް ޖެހިލާފައި ޖަލާލީގެ އަތުގެ ތެރޭން ދެމިގަތުމަށް ހީކުރިއެވެ.

[ޖަޔާ ވަރަށް ރީއްޗެވެ. އަދި އަހަންނަކީ ވަރަށް ހުތުރު މީހަކީމެވެ. އެކަމަކު އަހަރެންގެ މޭގައިއޮތީ ވަރަށްރީތި ހިތެކެވެ. ޖަޔާއެވެ. އަހަރެންގެ ސިކުނޑީގައިވާ މާތްކަން ޖަޔާއަށް އެނގޭނީ ޖަޔާގެ ލޯބި އަހަންނަށް ލިބުމަށް ފަހުގައެވެ. އަހަރެން އަޅުކަން ކުރަމުން މިގެންދަނީ އެލޯތްބަށެވެ. ޖަޔާއަކީ އަހަރެންގެ ލޯބީގެ ކަލާނގެއެވެ. އެލޯތްބަށް އަޅުކަންކުރުމަކީ އަހަރެންގެ ފަރްޟެކެވެ. އަހަރެން......... އަހަންނަކީ އެކައްޗެއްވެސް ނޫނެވެ. ޖަޔާއެވެ. އަހަރެން މީހަކަށް ވަންޏާވެސް ވާނީ ހަމަ ޖަޔާގެ ސަބަބުންނެވެ. އަހަރެންގެ ޢިއްޒަތް އޮތީ ޖަޔާގެ އަތްމަތީގައެވެ. ޖަޔާ ބޭނުންނަމަ އަހަރެންގެ ޤަދަރު ޤާއިމުވެ އޮވެދާނެއެވެ.

ޖަލާލީ ހުއްޓަ ހުއްޓާފައި ބުނަމުން ދިޔައެވެ. އޭނާގެ އަޑުގައި އަސަރުކުރުވާފަދަ ރިހުމެއް އެކުލެވިފައިވެއެވެ. އަދި އެއަޑާ ދިމާއަށް ޖަޔާގެ ހިތް ދެމިގެންދާކަން ޖަޔާއަށް އިޙްސާސް ކުރެވެމުން ދިޔައެވެ........ ޖަލާލީ ޖަޒްބާތުގައި ވާހަކަ ދައްކަމުން ޖަޔާ ގަޔާ ކައިރި ކޮށްލިއެވެ. ޖަޔާއަކަށް ދެކޮޅެއް ނެހެދުނެވެ. ޖަލާލީގެ މޭގައި ޖެހިއްޖެއެވެ.

ޖަލާލީގެ އެއްއަތް ޖަޔާގެ އުނަގަނޑުގައި އަޅުވާލާފައި އަނެއް އަތުން ބުރުގާ ނަގައިފިއެވެ. ޖަޔާ ދެއަތުން މޫނު ފޮރުވައިފިއެވެ. ޖަލާލީ ފުރިހަމައަށް ޖަޒުބާތުގައި ޖެހިއްޖެއެވެ. އޭނާއަށް ހީވީ އަނދިރި ރެއެއްގައި ސާދަވިލޭރޭގެ ހަނދު ދަޅައެއް ދައްކާލާފައި ވިލާތަކުގެ ނިވަލަށް ވަދެ ފިލީ ކަމުގައެވެ.

ޖަލާލީގެ އެތެރެހަށީގެ ޒުވާނާ މޮޔަވަމުން ދާކަހަލައެވެ.

އޭނާ ޖަޔާގެ ދެއަތުގައި ހިފަހައްޓައިފިއެވެ.

ޖަޔާ ދެކޮޅުހެދިއެވެ. އެކަމަކު ބާރަށް ހިފަހައްޓާފައިވާ އަތަކަށް ދުލެއް ނުލިބުނެވެ. އޭނާ އިސްދަށަށް ޖެހުމާއެކު މޫނުފޮރުވަން މަސައްކަތް ކުރިއެވެ. ހަމައާއެކު ޖަލާލީގެ ތަނަވަސް މޭގައި އޭނާގެ ބޯޖެހިއްޖެއެވެ. ޖަލާލީ ބާރަށް ހިފަހައްޓައި ފިއެވެ.

ޖަޔާގެ މުޅިހަށިގަނޑުގައި ކަރަންޓް އުފެދުނު ކަހަލައެވެ. ލަދުވެތިކަމުގެ ސަބަބުން މޫނު ރަތްވާން ފަށައިފިއެވެ. ލޯހުޅުވާލަން ހިތަށްވެސް ނާރައެވެ.

[ޖަޔާއެވެ.... ނާޖިޔާއެވެ....] ޖަލާލީގެ ނޭވާ އަވަސްވާން ފަށައިފިއެވެ. އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ޖަޔާގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލިއެވެ..... އެވަގުތު އޭނާގެ ހޫނު ތުންފަތް ޖަޔާގެ މޫނާ ކައިރިކޮށްލަން އުޅުނު ވަގުތު ޖަޔާ ސަލާމަތްވުމުގެ ގޮތުން ދެފަރާތަށް ބޯހޫރަން ފަށައިފިއެވެ.

އަދި މިކަމުގެ ތެރޭގައި އޭނާގެ ލޯވެސް ކުޑަކޮށް ހުޅުވިއްޖެއެވެ. ޖަލާލީގެ މޫނަށް ބަލާލެވިއްޖެއެވެ.

އަދި..... ދެން..... ލޯމަރާލާކަށް ހަނދާނެއްނުވިއެވެ. ލޯބޮޑުވަމުން ދިޔައެވެ. ފަޅައިގެން ދާވަރަށް ބޮޑުވެއްޖެއެވެ.

އޭނާގެ މޫނު ހުދުވެއްޖެއެވެ. އަވަސް އަވަހަށް އަނގަމަތީގައި އަތް އަޅައިފިއެވެ.

އެކަމަކު..... އިޙްތިޔާރަކާނުލައި..... ބިރުން ފުރިފައިވާ..... ހަޅޭކެއްގެ އަޑު އޭނާގެ އަނގައިން ނިކުމެއްޖެއެވެ.

މިއީ ކޮންކަހަލަ ހަޅޭކެއްކަމެއް ޖަލާލީއަކަށް ނުވިސްނުނެވެ. ކީއްވެގެންކަމެއް ނޭގުނެވެ.

އެކަމަކު ޖަޔާ ތުރުތުރު އަޅަންފެށުމާ، މޫނުގައި ދެއަތް އަޅައިގެން ތެޅިފޮޅެން ފެށުމުން މުޢާމަލާގެ ވައްތަރު އޭނާއަށް އިޙްސާސް ކުރެވިއްޖެއެވެ.... ބޭއިޚްތިޔާރުގައި ޖަޔާއަށްވުރެ ބާރަށް ހަޅޭލަވައި ގަތުމަށް އޭނާގެ ހިތަށް އެވަގުތު އެރިއެވެ. ގޭގެ ފާރުތައް ރޫރޫ އަޅައިގަންނަ ވަރަށެވެ. އުޑުފަޅައިގެން ދާވަރަށެވެ. ބިންގަނޑު ކުދިކުދިވެގެން ދާވަރަށެވެ. ޖަޔާ ހަޅޭލަވަމުންގޮސް ވަރުބަލި ވެއްޖެއެވެ. ލޯމެރިއްޖެއެވެ. އަނގަ ލެއްޕިއްޖެއެވެ.

ޖަޔާ ހޭނެތިއްޖެއެވެ.

ޖަލާލީގެ ހިއްސުތައް ޖަވާބުދީފިއެވެ. ކުރައްވީ ކީއްކަމެއް އޭނާއަކަށް ނުވިސްނުނެވެ. އޭނާއަށް ހީވީ ތޫނު ވަޅިއަކުން ޤަތުލުކޮށްލެވުނު ހެންނެވެ. އެކި ގުނަވަންތައް ވަކިވަކި ކޮށްލެވުނު ހެންނެވެ.

އެތައް އިރެއް ވަންދެން ޖަލާލީގެ މޫނު މައްޗަށް އަނދިރިވެފައި އިނެވެ. ގަދަ އަލީގެ ތެރެއިންވެސް އޭނާއަކަށް އެކައްޗެއްވެސް ނުފެނެއެވެ.

އެކަމަކު ބުއްދީގެ މަސައްކަތުން ކުޑަކޮށް ހަމައަކަށް އެޅުމާއެކު ޖަޔާގެ އަރޫސީ ހެދުމާ ވިދާ ބަބުޅާ ގަހަނާތަކުގެ ތެރެއިން ޖަޔާގެ ހަށިގަނޑު ފެނިއްޖެއެވެ. ޖަޔާގެ ބޯއޮތީ ސޯފާގެ އަތްގަނޑު މަތީގައެވެ. އެއްއަތް އޮތީ އެލިފައެވެ. އަނެއްއަތް އޮތީ ބަނޑުމަތީގައެވެ. ދޯޕައްޓާ ބިންމައްޗަށް ވެއްޓިފައި އޮތެވެ. ޖަޔާގެ ދިގު އިސްތަށިގަނޑު އޮތީ ތަރުތީބު ގެއްލިފައެވެ.

އޭނާ ޖަޔާއަށް ބަލަމުން ދިޔައެވެ. ފުރިހަމައަށް ބަލަމުން ގެންދިޔައެވެ.

އެތައް އިރެއް ފާއިތުވެ ހިނގައްޖެއެވެ.

ޖަލާލީގެ އެތެރެހަށީގެ އިންސާނާ ލަދުން ފިލާރައްކާވީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. މިހާރު އެއީ ކުރީގެ ޖަލާލީއެވެ. ބިރުންހުރި ޖަލާލީއެވެ. ނާކާމިޔާބުގެ ބިރުވެރިކަން ލިބެމުން އައި ޖަލާލީއެވެ. އުފާވެރިކަމުގެ އެންމެ ހިނދުކޮޅެއްވެސް ލިބިދާނެކަމުގެ ކުޑަވެސް އުއްމީދެއް އޭނާގެ ނެތެވެ.

އޭނާ މަޑުމަޑުން ސޯފާއިން ތެދުވެއްޖެއެވެ. ހޭނެތިފައި އޮތް ޖަޔާ އަތްދަނޑި މައްޗަށް ނަގައިފިއެވެ.

ޖަޒްބާތުގެ ކުޑަވެސް ކަންފުޅެއްނެތެވެ. އެއްވެސް ހޫނުކަމެއް އިޙްސާސެއް ނުކުރެވެއެވެ. ޖަޒްބާތުތައް އުސް ފަރުބަދަތަކުގެ މަތީގައި ޖަމާވެފައިވާ ޒަމާންވީ ގަނޑުފެންތަކެއް ފަދައިން ހަރުހިލައަށް ވެއްޖެއެވެ..... އޭނާ ޖަޔާ ގޮވައިގެން އައިސް އެނދުމަތީގައި ބާއްވައިފިއެވެ.

އަދި......... ޑޮކްޓަރަށް ފޯނުކޮށްލުމަށް އެނބުރި ލުމާއެކު ލޮލުން އައިސް އައިސްހުރި ކަރުނަތައް ފޮހެލިއެވެ.

ދެދުވަސް ވަންދެން އެއްކަމެއް ތަކުރާރުވަމުން ދިޔައެވެ. ހަމައެއްކަލަ ޑްރާމާއެވެ. ޖަޔާއަށް އިންޖެކްޝަން ދެވުމުން ދިޔައެވެ. ރޭގަނޑު ހަތަރުދަމު އޮންނަނީ ނިދިފައެވެ. އެކަމަކު ހެނދުނު ހޭލެވުމާއެކު އެބިރުވެރި ޙާދިސާގެ ހަނދާން ސިކުނޑީގައި ތާޒާވާން ފަށައެވެ. އަދި ހަމައެއާއެކު ސިކުނޑި ހަމައިން ނައްޓާލައެވެ.

ރޭ ހަތަރުދަމު ޖަލާލީ ހޭދަކުރީ ޖެހިގެންހުރި ކޮޓަރީގައެވެ. އޭނާ އޮތީ ނިދާ ބޭސްވެސް ކައިގެންނެވެ. އެކަމަކު އެއަކުން ކުރި އަސަރެއްނެތެވެ. އެތައް ފަހަރަކު ތެދުވެގެން އޭނާ ބެޑްރޫމަށް އައެވެ. ޖަޔާގެ ނޭވާގެ ހިނގުމާ ވިންދު ހުރިގޮތް ބެލިއެވެ. މަޢުސޫމު އަންހެން ކުއްޖެއްގެ ހުވަފެންތައް ހަލާކު ކޮށްލުމަކީ އޭނާއަށް ކުރެވުނު ބޮޑުކުށެއް ކަމުގައި ދެކެއެވެ. އަމިއްލަ ނަފްސުދެކެ ރުޅިވެސް އައެވެ. ދެރަވެސް ވިއެވެ.

ޖަޔާގެ މިކުއްލި ޢަމަލުން އޭނާގެ ހިތްހަލާކުވެފައި ވެއެވެ. އޭނާ ދެކެމުން އައި ޙަޔާތަކީ ތަނަވަސް ޞަޙަރާއެއް ފަދަ ތަނަވަސް މައިދާނެއް ކަމުގައެވެ. އެމައިދާނަށް ކުއްލިއަކަށް ހޮނުއަޅާފައި އަނދާ އަޅިއަށްވީއެވެ...... އެކަމަކު.....

ޖަޔާ ދުށުމަށްފަހު މިގޮތަށް ހަތިޔާރު ބެހެއްޓުމަކީ މާކަ ހަމަޖެހޭކަމެއް ކަމުގައެއް ނުފެނެއެވެ. ލޯތްބަކީ އަމިއްލަ އެއްޗެއްނޫނެވެ. އާފާޤީ ޤަދަރެކެވެ. ޖަޒްބާތެކެވެ. ލޯތްބަކީ އެތައް ޤަރުނެއް ވަންދެން ދެމިހުންނަ އެއްޗެކެވެ. ބަޔާންކުރަން ދަތި އަސަރެކެވެ.

ޚަބަރު ހުސްވެފައި އޮތް ޖަޔާގެ މޫނަށް ޖަލާލީ ބަލަމުން ގެންދިޔައެވެ. ޖަޔާގެ ސިފައާ ވުޖޫދަކީ އޭނާއަށް ބީރައްޓެހި އެއްޗަކަށް ނުވާ ވަރަށެވެ. ލޯބީގެ ޠޫފާނެއް އުފެދިފައިވެއެވެ. އަދި އެޠޫފާން އޭނާގެ މޭގެ ޖާގައަށްވުރެވެސް ބޮޑަށް ފެތުރިފައިވެއެވެ. އެސާފު ޖަޒްބާތުގެ ލައްޒަތުން ހިތް ކަތިލެވިފައިވެއެވެ. އެއަށް މިކިޔަނީ ޢިޝްޤެވެ.

ހިތަކީ...... ހަމަ ހިތެވެ.

ކަޅެއްނޫނެވެ. ދޮނެއްވެސް ނޫނެވެ. ހުތުރެއްވެސް ނޫނެވެ. އެހިތް މަސައްކަތް ކުރަނީވެސް ހަމަކޮންމެ ރީތި އިންސާނެއްގެ އެތެރެހަށީގައިވާ ހިތް ޙަރަކާތްކުރާ ގޮތަށެވެ.

އެކަމަކު އޭނާއަށް އަނިޔާ ލިބެމުންދަނީ އެއްވެސް ރަޙްމެއްނެތް ގޮތެއްގައެވެ. ހީކުރި ވަރަށްވުރެވެސް ބޮޑަށެވެ. އޭނާގެ ޖަޒްބާތުތައް ވެއްޔާ މޮޑެވިފައިވަނީ ފިސާރި އަނިޔާވެރި ގޮތަކަށެވެ. އުއްމީދުގެ ކުޑަވެސް އަސަރެއް އަދި އަލިކަމުގެ ކަންފުޅެއްވެސް ނެތެވެ. ހުރިހާ އަލިކަމެއް ދިޔައީއެވެ. އަނދިރިވީއެވެ.

އޭނާ ޖަޔާގެ ކޮޓަރިއަށް ދިޔައީ ރޭގަނޑު ހަތަރުދަމުގެ ހާސްކަމާ އެކުގައެވެ. ރޭހަތަރުދަމު ހޭލާހުރި ކަހަލައެވެ.

އެވަގުތު ޖަޔާ އޮތީ ހޭލައެވެ. ވޭތުވެދިޔަ ހާދިސާގެ ހަނދާނެއްވެސް މިހާރު ނެތްކަހަލައެވެ.

އެކަމަކު ޖަލާލީ ފެނުމާއެކު ކުއްލިއަކަށް ބިރުވެރިކަން އޭނާއާ ޙަމަލާދީފިއެވެ. ހަމައިން ނައްޓާލައިފިއެވެ.

[ކެހިވެރިޔާއެވެ......... ކެހިވެރިޔާއެވެ......... ކެހިވެރިޔާއެވެ.........]

އޭނާ މާނޭވާލަމުން ދެލޯރަތްކޮށްފައި ހަމައެކަނި މިހެން ބުނަމުން ދިޔައެވެ. ދެން ހައްދުން ނައްޓާލަމުން ބާލީސް ނަގާފައި ޖަލާލީގެ ގައިގައި ޖަހައިފިއެވެ.

ޖަލާލީ ހިލަ ބުދެއްހެން ހުއްޓެވެ.

އަދި ހިލައިގެ މިބުދު ޙަރަކާތެއްނުކޮށް އަޑެއްވެސް ލައްވާނުލުމުން ޖަޔާގެ ކެތްތެރިކަމުގެ މިންގަނޑު ފަޅައިގެން ހިނގައްޖެއެވެ. އަޑުން އަޑުނަގާ ރޯންފަށައިފިއެވެ.

[އަހަރެން އަބުރާ ފޮނުވައިދޭށެވެ. އަހަރެން ދާނީއެވެ.] އޭނާ ބުނަމުން ދިޔައެވެ.

ޖަލާލީއަށް އެކައްޗެކޭވެސް ބުނުމުގެ ހިތްވަރެއް ނުލިބުނެވެ.

މަޑުމަޑުން އެނބުރިލާފައި ކޮޓަރިން ނުކުމެއްޖެއެވެ.

ދެން އެދުވަހު ހަތަރުދަމު އިރުއިރުކޮޅުން މިޑްރާމާ ކުރިމަތިވަމުން އައެވެ. ޖަލާލީ އެކޮޓަރިއަށްގޮސް އެއްޗެކޭ ބުނަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ޖަޔާ ބޭއިޚްތިޔާރުގައި ރޮމުން އެނބުރި ރަށަށް ދިއުމުގެ ގަދަދައްކަމުން ދިޔައެވެ.

އޭނާގެ ތުންފަތުގައި ވަނީ އެންމެ ޖުމްލައެކެވެ. [ކަލޭ ކެހިދީފީމުއެވެ. ކެހިދީފީމުއެވެ.]

ޖަލާލީ އޭނާގެ މޮޔަ ޙާލަތާމެދު ކަންބޮޑުވެފައި ހުއްޓެވެ. ޖަލާލީގެ ތުންފަތުގައި ހިމޭންކަމުގެ ތައްގަނޑު ޖެހިފައި ވެއެވެ. އެއްޗެކޭ ބުނަން ހިތަށްއެރިއަސް ބުނެވޭގޮތެއް ނުވެއެވެ.

ދުވާލުގެ ހަތަރުދަން ދިޔައީ މިކަހަލަ ގޮތަކަށެވެ. ޖަޔާގެ ޙާލު ހަމައެފަދައެވެ. ބައެއްފަހަރު މުޅިން ހިމޭންވެއެވެ. އެސްފިޔަވެސް ޖަހާނުލާ އެއްދިމާއަކަށް ބަލަހައްޓައިގެން އޮވެއެވެ. ހީވަނީ ޙަޤީޤީ ބުދެއް ހެންނެވެ.

ބައެއް ފަހަރު ބޭއިޚްތިޔާރުގައި ރޯންފަށައެވެ. [މަންމާއެވެ.... މަންމާއެވެ....] އޭނާ ދެރަވެފައި މިހެން ބުނާއިރު އަޑުއަހަން ހިންނަ މީހެއްގެ މޭގަނޑު އަނގައަށް އަންނަ ކަހަލައެވެ.

ގިސްލުމުގެ އަޑުއިވިއިވި ޖަލާލީ ހާސްވެއްޖެއެވެ. އޭނާގެ މޭގައި ކުށްވެރިކަމުގެ އިޙްސާސް ހޭލައިފިއެވެ. ހަމަ ގަސްދުގައި ޖަޔާގެ ޙަޔާތް ބަރުބާދު ކޮށްލެވުނު ކަމުގައި ހީވާން ފަށައިފިއެވެ. ބޭއިޚްތިޔާރުގައި ދަންޖައްސާ މަޅިގަނޑަށް ބޯ މަހާލުމަށް ހިތަށް އެރިއެވެ. އަދި ނިދާބޭސް ފުޅިއެއް ހުރިގޮތަށް ކަރުތެރެއަށް އަޅާލުމަށް ގަސްތުކުރިއެވެ. އިއްޔެގެ ހަތަރުދަން ދިޔައީވެސް މިކަހަލަ ގޮތަކަށެވެ........ ރޭވުމުން ޑޮކްޓަރ ގެނެސް ޖަޔާގެ ގަޔަށް އިންޖެކްޝަން ޖަހަން ޖެހުނެވެ.

މުޅި ރޭގަނޑުގެ ހިމޭންކަމަށްފަހު އިރުއަރައިފިއެވެ. މިއަދު ޖަޔާގެ ރުޅިވެރިގޮތް ތަންކޮޅެއް ކުޑައެވެ. އެކަމަކު ބެލުމުގައި ތޫނުކަން އަދި އަޑުގައި ހަރުކަށިގޮތް ވަރަށްބޮޑަށް އެކުލެވިފައިވެއެވެ.

ދެފަހަރެއްގެ މަތިން ޖަލާލީއާ ކުރިމަތިވިއެވެ. ކޮންމެ ފަހަރަކުވެސް ޖަޔާގެ ޝަކްވާއަކީ އޭނާ އެނބުރި ރަށަށް ފޮނުވައި ދިނުމުގެ ޝަކްވާއެވެ. [އަހަރެން ރަށަށް ފޮނުވާދޭށެވެ. ކަލޭ ކަހަލަ ކެހިވެރިއަކާއެކު އެންމެ ދުވަހަކުވެސް އުޅޭކަށް ބޭނުމެއްނޫނެވެ. އެންމެ މިނެޓެއްވެސް ހޭދަކުރާކަށް ބޭނުމެއްނޫނެވެ. ކަލޭ އަހަންނަށް ކެހިދީފީމުއެވެ. އަހަރެމެންގެ ޣަރީބުކަމުން ނާޖާއިޒު ފައިދާ ނަގައިފީމުއެވެ. އަހަރެމެންގެ މަޖްބޫރީ ގަނެލުމަށް މަސައްކަތް ކޮށްފީމުއެވެ. އަހަންނަކަށް މިތާކު ނުހުރެވޭނެއެވެ. އަހަރެން ފޮނުވާ ދޭށެވެ. އަހަންނަކީ ކަލެއާ އެއްވެސް ގުޅުމެއްހުރި މީހެއްނޫނެވެ. ކަލެއަކީ ކެހިވެރިއެކެވެ. މަކަރުވެރިއެކެވެ. ދޮގުވެރިއެކެވެ.

ޖަޔާ އެއްޗެއް ނުކައި އޮންނަތާ ދެދުވަސްވީއެވެ. ވަރަށް އުނދަގުލުން އެތައް އާދޭހެއް ކޮށްގެން މެންދުރު އޭނާގެ އަރުތެރެއަށް ކިރުތައްޓެއް ދިޔައެވެ.

ރޮމުން ގިސްލަމުން ކިރުތަށި ބުއިއިރު ހީވަނީ ޒަހަރުގެ ކޯވަރުތަކެއް ދިރުވަމުން ދިޔަހެންނެވެ.

[މިސިޒް ހެރަލްޑެވެ.] ޖަޔާ ރޮމުން އޭނާ ގާތުގައިވެސް ބުންޏެވެ. [ޖަލާލީއަކީ ގޮތްކުޑަ މީހެކެވެ. އޭނާ އަހަރެމެން ކެހިވެރިކަމުގެ ދަލުގައި ޖައްސައިފިއެވެ.]

މިސިޒް ހެރަލްޑް އެކައްޗެއްވެސް ނުބުނެއެވެ.

[އޭނާއާއެކު އެންމެ ދުވަހަކުވެސް އަހަންނަކަށް ނޫޅެވޭނެއެވެ. އަހަރެން ދާނީއެވެ.]

މިސިޒް ހެރަލްޑަކީ ތަޖްރިބާހުރި އަންހެނެކެވެ. އޭނާއަށް ޖަޔާގެ ހިތާއި ސިކުނޑީގެ ޙާލަތު ރަނގަޅަށް ވަޒަން ކުރެވެއެވެ. އެހެންކަމުން ޖަލާލީގެ ޙައްޤުގައި އެންމެ ލަފްޒެއްވެސް ނުބުންޏެވެ. އަދި ޚިޔާލެއްވެސް ނުދިނެވެ.

[އިހަށް ކޮންމެވެސް އެއްޗެއް ކޭން ބައްލަވާށެވެ.] އޭނާ ފުރަތަމަ ފަހަރަށް ޖަޔާއާއި މާތްބަހުރުވައިން މުޚާޠަބު ކުރިއެވެ. އަދި ލޯތްބާއެކު ޖަޔާގެ ބޮލުގައި ފިރުމާލިއެވެ.

މިގޮތަށް ފިރުމަމުން ލޮއްސަމުން ގޮސް ކިރުތަށި ހުސްކޮށް ބޯންދީފިއެވެ. ސޭންޑްވިޗްވެސް އެތާނގައި އޮތެވެ. އެކަމަކު ޖަޔާ އޭގައި އަތްވެސް ނުލައެވެ. މިއީވެސް ލައްކަބޮޑު ވަރުކަމުގައި ހެރަލްޑް ހީކުރިއެވެ. ހަވީރު މަސައްކަތް ކޮށްލަނިކޮށް ކޮންމެވެސް ވަރަކަށް އެތިކޮޅެއް ކައިފާނެ ކަންނޭގެއެވެ.

ޖަލާލީވެސް ހަމަ އެކައްޗެއްވެސް ނުކައެވެ. އެނާ ސިގިރެޓަކަށް ފަހު ސިގިރެޓެއް ހުލިކުރަމުން ދިޔައެވެ. އޭނާގެ ދަނބުކުލައިގެ ތުންފަތް ސިގިރޭޓްގެ ދިލައިން ކަޅިވަމުން ދިޔައެވެ. ހުދު ދަތްތަކުގައިވެސް ދުމުގެ ކުލަޖެހިފައި ވެއެވެ. ދޫ ކަޅުވަމުން ދިޔައެވެ. ކަރުތެރެ ހިކިފައިވެއެވެ. އެތެރެހައްޓަށް ދުމުގެ އަސަރުކުރި ވަރަކަށް ހިތް އަނދަމުން ދިޔައެވެ. މޭ ތެޅެމުން ދިޔައެވެ.

ހިތާމައަކީ ހަމައެކަނި ޖަޔާ އޭނާ ޤަބޫލު ނުކުރުމެއްނޫނެވެ. ނިކަމެތި ކޮށްލުމުގެ ހިތާމަވެސް އޭނާ ވަރަށްބޮޑަށް ކުރެއެވެ. ރަޙްމަތްތެރިންގެ ނަޒަރުގައި ނިކަމެތި ވެދާނެތީ އަދި ވަކިންބޮޑަށް އޭނާ ވިސްނައެވެ.

ލަދުން ސަލާމަތްވުމުގެ ގޮތުން އިއްޔެ އޭނާ މަންސޫރާއި ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ.

[ހުރިހާކަމެއް ރަނގަޅެވެ......]

މަންސޫރު އުފަލުން ހަޅޭއްލަވައި ގަތެވެ. [އެހެންވިއްޔާ އަހަރެމެން މިއަދު ހަވީރު ދާނަމެވެ.]

ޖަލާލީ ރޫރޫއަޅައިގަތެވެ. އަދި ހަމައަވަހަށް ބުންޏެވެ. ނޫނެކެވެ. [އަހަންނާ ބައްދަލުވާނީ ދެހަފްތާ ފަހުންނެވެ.]

[ކީއްވެގެން ހެއްޔެވެ؟]

[މިއަދު އަހަރެމެން ދަނީއެވެ.]

]ކޮންތާކަށް ހެއްޔެވެ؟]

[ކޮންމެވެސް ރައްކާތެރި ޖަގަހައަކަށެވެ.]

މިވާހަކައާމެދު މަންސޫރު ބާރަށް ހެމުން ބުންޏެވެ. [ވަރަށް އުފާވެރި ވާހަކައެކެވެ. ޖަލާލީއެވެ. އަހަރެމެން އެންމެންވެސް މިތިބީ ވަރަށް އުފަލުންނެވެ. މާތްރަސްކަލާނގެ ޖަލާލީ އުފަލުގައި ލަހައްޓަވާށިއެވެ. ތިޔަދާތަނަކަށް ގޮސްފައި އެނބުރި އައުމުން ޕާޓީއެއް ބާއްވަން ޖެހޭނެއެވެ.]

[ތިޔަކަން ހަމަޖެހޭނެއެވެ.]

ޖަލާލީ ހިތްހަމަ ޖެހުމުގެ ފޫންނޭވާއެއް ލާފައި ފޯނުގެ ގުޅުންކަނޑާލިއެވެ. ދެހަފްތާގެ މުހުލަތު ލިބުނީއެވެ. އޭގެ ފަހުގައި ނޫނީ އެމީހުންގެ ފަރާތުން ބިރެއްނެތެވެ. މިދެހަފްތާގެ ތެރޭގައި އޭނާގެ ދުނިޔެ މުޅިން ބަރުބާދު ވުމަކީވެސް ވެދާނެ ކަމެކެވެ. އޭނާގެ ނިކަމެތި ޙާލު އެހެން މީހުންނަށް ކިޔާދެވޭނީ ޖަޔާއަށް ފަހުގައެވެ.

މަޑުމަޑުން ހަވީރުވަމުން ދިޔައެވެ. އުޑުގެ އެއްފަރާތުން ރަތްވަމުން ދިޔައެވެ. އަނެއްފަރާތަށް ކަޅު އަނދިރިކަން ފެތުރިފައިވެއެވެ. ބައެއް ދިމަދިމާއިން ތަރިވެސް ފެންނަމުން ދިޔައެވެ. އޭގެ އަލިން އަނދިރިކަމުގެ ވުޖޫދަށް ކޮންމެވެސް ވަރެއްގެ އަލިކަމެއް ގެނެސް ދީފައިވެއެވެ.

ޖަލާލީ ސޯފާގައި އޮންނަތާ ކިތަންމެ އިރެކެވެ. ވިސްނުމުގެ ތޫނު ހަތިޔާރުތައް އޭނާއަށް އުނދަގޫ ކުރަމުން ދިޔައެވެ. އެއްގޮތަކަށްވެސް ޖަޔާގެ ގޮތެއް ދުލެއް ނުކުރެއެވެ.

ކެތްކުރުމަށްވެސް ހައްދެއް އޮންނާނެއެވެ. އެހިސާބު ހުރަސްކުރެވޭއިރު ހިތްވަރެއް ނުހުންނާނެއެވެ. ކެތްތެރިކަން ފެނަށްވެގެން ހިނގައި ދާނެއެވެ...... އިއްޔެއާ މިއަދު ހިނގި ކަންތައްތަކާމެދު އޭނާ ކެތްތެރިވިއެވެ. އެކަމަކު މިހާރު ކެތްތެރިކަން ކޮޅުންލައިފިއެވެ.

ޖަޔާ އެނބުރި ދިއުމަށް ގަދަހަދަނީއެވެ. އޭނާ ޖަލާލީއާ ހެރަލްޑް ގާތުގައި ތަކުރާރުކޮށް އެތައް ފަހަރަކު އެވާހަކަ ދައްކައިފިއެވެ..... އަމިއްލަ ޖަޒުބާތާ އަމިއްލަ ލޯބި އަދި ޢިޝްޤާއި ވަކިވެގެން ޖަލާލީ ސީރިއަސް ކަމާއެކު އެކި ފަރާތް ފަރާތަށް ވިސްނުމުގެ ވަކިތައް އުކަމުން ދިޔައެވެ.

މިސިޒް އެރަލްޑް ކޮޓަރިއަށް އަތުވެއްޖެއެވެ. އޭނާ ހުރީ ޖަލާލީގެ ޙާލާމެދު ވަރަށް ދެރަވެފައެވެ. ޖަލާލީގެ ހިތާމައިގެ ސަބަބުން އޭނާގެ ހިތް ކުދިކުދިވަމުން ދިޔައެވެ. އޭނާއަށް ޖަޔާ ހަމައަކަށް އަޅުވާލާނެ މަގެއް ނުފެނުނެވެ. މިވަގުތު ޖަޔާ ޠޫފާނުގެ ތެރޭގައި އޮޔާ ބެހިގެން ދަނީއެވެ. އެހެންކަމުން އޭނާ ޖަލާލީއާމެދު އިންތިހާއަށް ހަމްދަރުދީވެއެވެ.

[މިސްޓަރ ޖަލާލީއެވެ![ އޭނާ ސޯފާގެ ކައިރިއަށް އައިސް ހުއްޓިފައި ބުންޏެވެ.

ޖަލާލީ ލޯހުޅުވާލައިފިއެވެ. މިސިޒް ހެރަލްޑަށް ބަލާލިއެވެ. ދެން ތެދުވެ އިށީނދެއްޖެއެވެ. ސޯފާގައި ހަމަޖެހި ލައިގެން އިށީނުމާއެކު އޭނާ އިސްތަށިގަނޑުގެ ތެރެއަށް ދެއަތުގެ އިނގިލިތައް ވައްދާލުމާއެކު ދެއަތުން ބޮލުގައި ހިފަހައްޓާ ލިއެވެ. ހަމަ ޙަޤީޤަތުގައިވެސް އޭނާގެ ބޮލުގައި މިހާރު އެބަރިއްސައެވެ. ބޮލަށް އެނބުރުން އަރާފައިވެއެވެ.

މިސިޒް ހެރަލްޑް ސޯފާގައި އިށީނދެއްޖެއެވެ.

[އެއްވެސް އެއްޗެއް ކޭން ބޭއްލެވުމުގެ ޚިޔާލެއް ނެތްތޯއެވެ؟] އޭނާ ބުންޏެވެ.

[މިސިޒް ހެރަލްޑެވެ. އަހަރެން މިއިނީ ވަރަށްބޮޑަށް ހާސްވެފައެވެ.] ޖަލާލީ އެއިންގޮތަށް އިނދެފައި ބުންޏެވެ.

[ހާސްވާނެއެވެ. އެކަމަކު އަޅުގަނޑުމެން ޖެހޭނީ ރަނގަޅު ދަނޑިވަޅަކަށް އިންތިޒާރު ކުރާށެވެ.]

[އުފާވެރި ވަގުތަކަށް އިންތިޒާރު ކުރުމުގެ ހިތްވަރެއް މިހާރަކު ނެތެވެ.]

[ނިކަން ވިސްނަވަ ބައްލަވާށެވެ.]

[އަހަރެންގެ ވިސްނުން ކޮޅުން ލައިފިއެވެ.]

[އެހާބޮޑަށް ތިޔަކަމާމެދު އުއްމީދު ކުޑަނުކުރައްވާށެވެ. ޖަޔާ މިހާރު އެއުޅެނީ ޖަޒުބާތުގައި ޖެހިގެންނެވެ. އެކަމަކު ޖަލާލީ ހިތްވަރު ދެރަނުކުރައްވާށެވެ.]

ޖަލާލީ އިސްއުފުލާފައި ހުރެލްޑާއި ދިމާއަށް ބަލާލިއެވެ. އަދި އޭނާގެ ބޯތުންފަތުގައި ވިހަ ހިނިތުންވެލުމެއް ދުވެލިއެވެ.

[ހެރަލްޑް އަދިވެސް އުއްމީދު ކުރަނީ ހެއްޔެވެ؟]

[ލައްބައެވެ. މިއީ ހައްތާވެސް ވަގުތީ ކަންތަކެވެ. ވަގުތު ފާއިތުވަމުން ދިޔަވަރަކަށް ކޮންމެވެސް ވަރަކަށް ހަމައަކަށް އުޅޭނެއެވެ. އަދި މަޑުމަޑުންގޮސް ހުރިހާކަމެއް ހަމަޖެހިދާނެއެވެ.]

[އޭނާ އެހާލުގައި އޮންނަން ވެއްޖެއްޔާ މަރުވެސް ވެދާނެއެވެ. އޭނާއާ ކާވަނިކުރުމުގެ ކުށް މިހާރު އަހަންނަށް ކުރެވިއްޖެއެވެ. ހެރަލްޑް ބޭނުންވަނީ އޭނާގެ މަރުގެ ޒިންމާވެސް އަހަރެންގެ ބޮލުގައި އެޅުވުން ހެއްޔެވެ.]

[އެހެންވީއިރު ދެން ހަދާނީ ކިހިނެއްތޯއެވެ؟]

[ނާޖިޔާ ބޭނުންވާ ގޮތެވެ.]

[ރަށަށް ފޮނުވާލާނީ ތޯއެވެ؟]

[އެގޮތަށް ބުނާކަމުގައި ވަންޏާ ރަށަށް ފޮނުވާލަން ޖެހޭނެއެވެ.]

[ވަރަށް ގޯސްކަމެކެވެ.]

[އެހެން ގޮތެއްވެސް ނެތެއްނޫން ހެއްޔެވެ؟]

[އޭނާއަށް ވިސްނާ ދެވިދާނެއެވެ.]

[ޖަޔާ ވިސްނާކަށް ބޭނުމެއް ނުވެއެވެ.] ޖަލާލީ ބުންޏެވެ.

[ޖަލާލީ ހުރިހާ އުއްމީދެއް ކަނޑުއްވާ ލެއްވީތޯއެވެ. އަޅުގަނޑު ކުޑަކޮށް މަސައްކަތް ކޮށްލާނަމެވެ.]

[ކޮންގޮތަކަށް ހެއްޔެވެ.]

[އޭނާއަށް ވިސްނާ ދެވޭތޯއެވެ.]

[އިތުރަށް ވިސްނާނީ ކޮން އެއްޗެއް ހެއްޔެވެ.]

[ޖަލާލީއަކީ ވަރަށް ރަނގަޅު މީހެއްކަމާ އަމިއްލަ ގޮތްދޫކޮށްލާފައި ވިސްނުމުގެ ބޭނުން ހިފަން ވެއްޖެކަން އޭނާއަށް ކިޔައިދޭނީއެވެ.]

[އެއްވެސް މީހަކަށް އެމީހެއްގެ ރުހުމާ އަދި އުފަލާ ދެކޮޅަށް ހިނގުމުގެ ނަސޭހަތް ދިނުމަކީ އޭގެ ޒާތުގައި ވަރަށް ނުބައި ކަމެކެވެ.]

[ތިޔަބުނުއްވީ ރަނގަޅު ވާހަކައެކެވެ.]

[އަހަންނާއެކު ދިރިއުޅުމަކަށް ޖަޔާ ނޭދެއެވެ. ވީއިރު އޭނާއަށް މަޖުބޫރު ކޮށްގެންވެސް ނުވާނެނޫން ހެއްޔެވެ. އެހެން ނޫނަސް ކޮންމެ މީހަކީ އެމީހެއްގެ އަމިއްލަ ވެރިއެކެވެ.]

[ޖަލާލީއަށް ފެނިލައްވާ ގޮތެކެވެ. ކޮންމެއަކަސް މިވަގުތު އޭނާގެ ސިކުނޑި ފުރިހަމައަކަށް މަސައްކަތެއް ނުކުރެއެވެ. ދައްކަނީ ހައްތާވެސް މޮޔަ ވާހަކައެވެ. އޭނާގެ ޙާލަށް އޭނާ ދޫކޮށްލައްވާށެވެ.]

[އަހަރެންވެސް ޚިޔާލުކުރީ ތިޔަގޮތަށެވެ.]

މިސިޒް ހެރަލްޑް އިރުކޮޅަކު އެތާނގައި އިނެވެ. ދެން ތެދުވަމުން ބުންޏެވެ. [އަޅުގަނޑު ކާންހަދާފައި އަވަނަށް ލާފައި ހުންނާނެއެވެ. ކޭން ބައްލަވަން ބޭނުންވެ ލައްވައިފިއްޔާ އަޅުގަނޑަށް އަންގަވާ ލެއްވުމަކީ އެދޭކަމެކެވެ.]

[ޝުކުރިއްޔާއެވެ. ދެން ދިޔަޔަސް އެންމެ ރަނގަޅެވެ.] ޖަލާލީ ތެދުވަމުން ބުންޏެވެ.

މިސިޒް ހެރަލްޑް ކޮޓަރިން ނުކުމެއްޖެއެވެ. އަދި ކޮންމެ ދުވަހެއްގެ އާދަފަދައިން މިއަދުވެސް މަސައްކަތް ނިންމާލާފައި އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ.

އޭނާ ޖަލާލީއާ ޖަޔާއާ ބެހޭގޮތުން ވިސްނަމުން ދިޔައެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން