ޞާދިރު ޢަލީދީދީ   26 އޯގަސްޓު 2020 - 10:38
ސަންޑޭ
ސަންޑޭ
އެޕިސޯޑް 03

...............

[އޭނާދެކެ އަހަރެންނަށް ލޯބިވެވިއްޖެ.] ގެއަށް އައިސް ނަދުހާއަށް ބޭއިޚްތިޔާރުގައި ދަލޭކަ ގާތު ބުނެވުނެވެ.

ދަލޭކަގެ ތުންފަތުގައި ކުޅެލީ ހިނިތުންވުމެކެވެ. ހީވީ އޭނާއަށް މާކުރިން އެނގިފައިވާ ކަމެއްގެ ވާހަކަ ނަދުހާ ބުނިހެންނެވެ.

ނިހެންނެވެ.

[ކާކުދެކެ؟] ހިނިއައިސްފައިހުރެ ދަލޭކަ އެއްސެވެ.

[ދަލޭކަދައްތައަށް އެނގޭނެ، މުނާޒް އެއީ ވަރަށް ރީތި ޒުވާނެއް.] ނަދުހާ ބުންޏެވެ.

[އާނ ދަންނަން. އެއީ ވަރަށް ރަނގަޅު ކުއްޖެއް.....ދަރިފުޅުގެ މަންމަމެން ގުޅި، ދަރިފުޅު ވިލިނގިއްޔަށް ދާން ނުކުތްތަނާހެން.] ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ދަލޭކަ ބުންޏެވެ.

[ކޮންދުވަހަކުން އަންނަނީ؟] ނަދުހާ އެހިއެވެ.

[މާދަމާ ހެނދުނު އެބައަންނަމޭ ބުނީ. ކޮންތާކުން ދަރިފުޅަށް މުނާޒް ފެނުނީ؟] ނަދުހާގެ ސުވާލަށް ޖަވާބުދެމުން ދަލޭކަ އެއްސެވެ. އެއަށްފަހު ނަދުހާ، މުނާޒް ފެނުނުގޮތާއި ދެއްކި ވާހަކަތައް ތަފްޞީލުކޮށް ދަލޭކައަށް ކިޔައިދިނެވެ.

އެރެއަށްފަހު ޖެހިގެން އައި ދުވަސް ފާއިތުވެދިޔައީ، ނަދުހާއާއި މުނާޒްގެ ޙަޔާތުގައި ލޯބީގެ ކުލަޖެހި، ދެހިތް ގުޅިގެންނެވެ. އެކަން އެނގޭ ބަޔަކަށް މުޅި ރަށުންވެސް ތިބެނީ ނަދުހާގެ ރަޙްމަތްތެރިޔާގެ އިތުރުން ދަލޭކައެވެ. އެހެންކަމުން، ނަދުހާ ސްކޫލް ނިމެންވާއިރަށް ނަދުހާގެ މަންމައާއި ބައްޕަވެސް އައީ ފޮނި އުއްމީދީ ބިނާއެއް ފަރުމާ ކުރަމުންނެވެ. ނަދުހާއަށް ނޭނގިއެވެ. އެމީހުން އުއްމީދު ކުރެއެވެ. ނަދުހާގެ ކުރިމަތީގައި ދާއިމަށް އެމީހުންގެ ބަސްވިކޭނެއެވެ. ނަދުހާ، އެމީހުން އެދޭ ގޮތަށް ނޫނީ އެންމެ ފިޔަވަޅެއްވެސް ނާޅާނެއެވެ.

[މުނާޒް] އެންމެ ފެނިލުމަކުންވެސް، މުނާޒްގެ ކިބައިގައިވާ ހުރިހާ ސިފަތަކެއް ނަގައިގަނެވި، އަހަންނަށް ކަމުދިޔައީ ކީއްވެބާ. ހިތަށްއަރާ ކޮންފަދަ ޖާދޫއެއްބާއޭ.] ނަދުހާއާއި މުނާޒް ވާހަކަ ދައްކަން ތިބީ ލޮނުޒިޔާރަތްކޮޅުގައެވެ. އެދެލޯބިވެރިންގެ ލޯބި ފެށުނުފަހުން އެއީ އެދެލޯބިވެރިންގެ މަންޒިލް ކަމުގައި ވަނީ ވެފައެވެ.

[ތީ އަހަރެންގެ ހިތުގައިވެސް އުތުރިއަރާ ސުވާލެއް. އަހަންނަށްވެސް ތަފާތު ނަސްލުތަކުން އެތައް އަންހެން ކުދިންނެއް ފެނުނުއިރުވެސް ނަދޫވަރެއްނެތީ ކީއްވެބާއޭ.] މުނާޒް ނަދުހާ ގެނެސް، އޭނާގެ މޭގެތެރެއަށް ބޮނޑިކޮށްލިއެވެ. ނަދުހާ ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު މުނާޒްގެ ހަށިގަނޑުގައި ރަނގަޅަށް އޮޅުލައިގަތެވެ.

[ނަދޫ.....ހިތަށްއަރާ އަހަރުމެންގެ މިގުޅުމަށް ނަދޫގެ ޢާއިލާއިން ރުހޭނެބާއޭ.] މުނާޒް ބޯކަހާލިއެވެ.

[ކީއްވެ ނުރުހެންވީ؟ މުނާޒް ބުނީމެއްނު، އަހަރެންގެ މަންމައާއި ބައްޕަ ދަންނަ ވާހަކަ.] ނަދުހާގެ ހަނދާނުގެ ސްކްރީންގައި އިއްޔެ މެންދުރު ދެއްކި ވާހަކައެއް ފަދައިން، ކުރީ ދުވަހެއްގައި (ފުރަތަމަ މުނާޒާ ބައްދަލުވިރޭ) ވިލނގިލީ ފެރީ ގިމަތަތެރޭގައި ދެކެވުނު ވާހަކަތައްވެއެވެ.

[އަހަންނޭ އެމީހުން ދަންނަނީ. އެކަމަކު އެމީހުންނަކަށް އެއްވެސްވަރަކަށް އަހަންނެއް ނޭނގޭނެ.] މުނާޒް މިހެން ބުނެފައި މާނައިން ފުރިފައިވާ ގޮތަކަށް ހިނިތުންވެލިއެވެ.

[އެހެންތަ؟ ތިހެންވީއިރު މަންމަމެންގެ ޚިޔާލު ހޯދަންވީދޯ؟] ނަދުހާ ބުންޏެވެ.

[ފަހަރެއްގައި މަންމަމެން ނުރުހިދާނެ. އެކަމަކު ދަލޭކަދައްތަ ވަރަށް ރުހޭނެ.] މުނާޒް ބުންޏެވެ.

[ތެދެއް ތިބުނީ، ދަލޭކަދައްތަ ވަރަށް ޤަބޫލު ކަމެއް. އެކަމަކު އޭނާ ރުހޭތޯއެއް ނޫންކަންނޭނގެ ބަލަންވީ؟ އެކުން އަހަރެންގެ އުފަލަކަށް އަހަރެންގެ މައިންބަފައިން ހުރަސްނާޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަހަންނަށް އެބައޮތް.] ނަދުހާ ވަރަށް ޔަޤީންކަމާއެކު ބުންޏެވެ.

އެރޭ ނަދުހާ ގެއަށް އައިސް މުނާޒާއި އޭނާގެ ގުޅުމުގެ ވާހަކަ މަންމަމެން ގާތު ބުނަން ޤަޞްދު ކުރިއެވެ. މިހާރު އޭނާ ބޭނުންވަނީ އެގުޅުން މަންމަމެނަށްވެސް އެނގިގެން ކުރިއަށް ގެންދާށެވެ. އޭނާއަށް މަންމަމެނަށް ކުރެވޭ އިތުބާރެއްގެވެސް ބޮޑުކަމުންނެވެ. އޭނާއާއި މުނާޒްގެ ގުޅުމަށް ހިތުގެ އެންމެ އަޑިން މަންމައާއި ބައްޕަ ރުހި ޤަބޫލުވާނެއެވެ. ނަމަވެސް، އެކަމާ މަންމަމެންގެ ޚިޔާލެއްވެސް އެނގޭނީ ނަދުހާއަށް މަންމައާއި ބައްޕަ ގާތު އެވާހަކަ ދައްކަން ހިތްވަރު ލިބިގެން ނޫންހެއްޔެވެ. އެފަދަ ވާހަކަތައް މައިންބަފައިން ގާތު ދައްކަން އޭނާ ލަދުގަނެއެވެ.

[ކީއްވެ ލަދުގަންނަންވީ؟ މަންމަ ގާތު ބުނެބަލަ، ވެގެން އުޅޭ ގޮތެއް.] މަރީނާ ވާހަކަ ދެއްކީ ނަވާލާއެވެ. މިހާރަކަށްއައިސް ނަވާލަށް އަންނަމުންދާ ބަދަލާއި މޮޅިވެރިކަމުގެ ސަބަބުން މަރީނާގެ ހިތުގައި ސުވާލު އުފެދުނީއެވެ.

[އަހަރެން ބުންޏަސް މަންމައަށް ކުރެވޭނެ އެއްވެސް ކަމެއްވެސް ނޯންނާނެ.] ނަވާލް ބޯކަހާލިއެވެ.

[ދަރިފުޅުގެ ބައްޕަ ގާތު ބުނެވިދާނެއެއްނު. މިރޭ ބައްޕަ މާލެ އަންނާނެ.] މަރީނާ ބުންޏެވެ.

[ބުނަންވީތަ؟ އެކަމަކު ބައްޕަގާތު ބުނެގެން ނުވާނެ.] ނަވާލް ނަދުހާގެ ވާހަކަ މަންމައަށް ކިޔައިދޭން ނިންމިއެވެ.

[އާނ ނުބުނާނަން....އަވަހަށް ބުނެބަލަ، ދަރިފުޅުގެ ޙާލަތާ ދޭތެރޭ ފިކުރުކޮށްކޮށް މަންމަގެ ސިކުނޑި ސުމަކަށް ގޮއްސިވިއްޔަ.] މަރީނާ ނަވާލްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

[އަހަރެން މީހަކާ އިންނަން ބޭނުންވަނީ.....] މިހެން ބުނެވުމާއެކު ނަވާލް ލަދުން އިސްޖަހާލިއެވެ.

[ދަރިފުޅުގެ ކައިވެނީގެ ކަންތައްތައް ކުރިއަށް އެބަދެޔޭ. ދަރިފުޅުގެ ބައްޕަވަނީ ކުއްޖަކުވެސް ކަނޑައަޅައި ނިންމާފައި. އެ އަންހެން ކުއްޖާގެ މައިންބަފައިންވެސް ދަރިފުޅާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ.] މަރީން ހިނިތުންވެލަމުން ބުންޏެވެ.

[މަންމާ....އަހަރެން ބުނަން އުޅުނީ އަޞްލު މީހަކާ އިންނަން ބޭނުންވާ ވާހަކައެއް ނޫން. އަހަރެންނަށް ކުއްޖަކުދެކެ މާބޮޑަށް ލޯބިވެވުނީ. އެކަމަކު އެކުއްޖާ އަހަރެންދެކެ ވަރަށް ފޫހިވޭ.] ނަވާލް ބުނަން ބޭނުންވި ވާހަކަ ބުނެވުނީ މާފަހުންނެވެ. ގޯހެއް ނެތެވެ. އޭނާގެ ކައިވެންޏާ ދޭތެރޭ މައިންބަފައިންގެ ޚިޔާލުވެސް ލިބުނީއެވެ.

[ތިބުނީ އެކުއްޖާ ދަރިފުޅުދެކެ ފޫހިވާ ވާހަކަ. ޙަޔާތަށް އެފަދަ ބައިވެރިޔަކު ގެނައުމަކީ ބުއްދިވެރިކަމެެއް ނޫން. މަންމަ ބުނީތީ ތިޚިޔާލު ދޫކޮށްލާ. ދަރިފުޅުގެ ބައްޕަ ހަމަޖައްސާފައިވާ އަންހެން ކުއްޖާއަކީ ދެވަނައެއް ނެތްފަދަ ރީތި ކުއްޖެއް.] މަރީނާ ނަވާލަށް ވިސްނައިދިނެވެ. އެވަގުތު ފޯނު ރިންގްވާން ފެށުމުން މަރީނާ ގޮސް ފޯނު ނެގިއެވެ.

ގުޅީ ފާއިޒެވެ. އޭނާވެސް ދެއްކީ ނަވާލްގެ ކައިވެނީގެ ވާހަކައެވެ. އޭނާގެ ދުވަސްވީ ރަޙްމަތްތެރިޔާގެ އަންހެން ދަރިފުޅާއެވެ.

[މާދަމާރޭ އަހަރެން ދާނަން އެމަންޖެވެސް ގޮވައިގެން. ރަނގަޅަށް ކައްކާތި. ނަވާލް ގާތުވެސް ބުނާތި، ގޭގައި މަޑުކުރާށޭ.] ފާއިޒު ފޯން ބޭއްވިއެވެ. މަރީނާ އައިސް އެވާހަކަ ނަވާލް ގާތުގައި ބުންޏެވެ. ނަވާލް ހިތާދެކޮޅަށް ނަމަވެސް ގޭގައި މަޑުކުރަން ނިންމިއެވެ.

[ބައްޕަވެސް ދެން ހާދަ ހެއްވައޭ. އަހަންނަކީ އަންހެން ކުއްޖެއްތަ؟ ބައްޕައާއި މަންމަ ދައްކާހާ މީހަކާ އިންނަން.....] ނަވާލް ކުޑަކުއްޖަކު ފަދައިން ކުސްތަޅައިގަތެވެ. ނަމަވެސް، އެކައިވެންޏާ ދެކޮޅަށް މާގިނަ ވާހަކަތަކެއް އޭނާއެއް ނުދައްކައެވެ. ވެދާނެއެވެ. ބައްޕަގެ ހޮވުން ބަލައިލާން އޭނާ ފުރަތަމަ ބޭނުންވަނީއެވެ.

ދަންވަރެވެ. ނިދާފައި އޮތް ނަދުހާއަށް ހޭލެވުނީ އޭނާއާ ދާދި ގާތުގައި (އެނދުގައި) މީހަކު އިންކަމުގެ އިޙްސާސް ކުރެވިގެންނެވެ. އޭނާއަށް އިޙްސާސް ކުރެވުނީ ހަމަ ރަނގަޅަށެވެ. އެނދުގެ މަގަތުގައި އިށީނދެގެން އިނީ މުނާޒެވެ.

[މުނާޒް! ކިހިނެއްވަނީ؟] ނަދުހާ ތެދުވިއެވެ. މުނާޒް އިޝާރާތްކުރީ ފެންލައިޓަށެވެ.

[ނުނިދިގެންތަ ތިއުޅެނީ؟] ނަދުހާ އެހިއެވެ. އޭރު ނަދުހާގެ ލޮލުގައިވާ ނިދީގެ އަސަރުތައް އައީ ފިލަމުންނެވެ.

[މިހާރު ދެން ދަންވަރަކަސް ދުވާލަކަސް ނަދޫއާ ދުރުގައި އުޅެން ވަރަށް އުނދަގޫވެޔޭ.] މުނާޒް ނަދުހާގެ އަތުގައި ހިފެހެއްޓިއެވެ.

[އަނެއްކާވެސް މަންމަމެން ރިސޯޓަށްގޮސްދޯވީ. މަންމަމެން ނޫޅޭކަން އެނގިގެން މިއައީވެސް. އަޅެ އަހަރެން ނަދޫ ގާތު އޮށޯންނަންތަ؟] މުނާޒް ނަދުހާގެ ގާތުގައި އޮށޯވެއްޖެއެވެ.

[މިއަދު މަންމަމެން އުޅުނު އަހަރެން ގެންދަންވެސް. މުނާޒާ ވަކިން ދާންޖެހޭތީ ނުދިޔައީ....މާދަމާރޭ މިކޮޓަރިއަށް ނުވަންނައްޗޭ. މަންމައާއި ބައްޕަ މާދަމާރޭ އުޅޭނެ.] ނަދުހާ ބުންޏެވެ. އެރޭ އިރުއަރަންދެން މުނާޒް އޮތީ ނަދުހާގެ ގާތުގައެވެ. އެކަކު އަނެކަކުގެ ފަރާތުން އުފަލާއި ހިތްހަމަޖެހުން ލިބިގަތުމުގައެވެ.

ޖެހިގެން އައި ރެއެވެ. މަރީނާ އޭނާއަށް އަލަށް ލިބެން އުޅޭ ދަރިފުޅުގެ ޝަރަފުގައި ގޭތެރެ ޒީނަތްތެރިކޮށް، ކައްކަން އެނގޭހާ މީރު ކާއެއްޗެތިތަކުން ކާމޭޒުމަތިވެސް ފަޅުފިލުވައިލިއެވެ. މިހާރު އެގޭ ސުފުރާމަތި ހީވަނީ ކުޑަވަރެއްގެ ޕާޓީއަކަށް ތައްޔާރު ވެފައިވާހެންނެވެ. ބައްޕަގެ އެދުމުގެ މަތިން، ނަވާލްވެސް ގޭގައި މަޑުކޮށްގެން ހުއްޓެވެ.

[އަހަރެން ބޭރަށް ދިޔަޔަަސް އެންމެ ރަނގަޅުދޯ؟] ނަވާލް ގަޑިއަށް ބަލައިލުމަށްފަހު އެއްސެވެ.

[ނޫން....ދަރިފުޅާ.....އެމީހުން އަންނަނީކީ މަންމައާއި ބައްޕައާ ބައްދަލުކުރާކަށް ނޫނޭ.] މަރީނާ ބުންޏެވެ. އެވަގުތު ނަވާލްގެ މޯބައިލް ފޯނު ރިންގްވިއެވެ. ނަވާލް ފޯނު ނެގިއެވެ. ގުޅީ އޭނާގެ ބައްޕަ ފާއިޒެވެ.

[ދަރިފުޅާ، ބައްޕަމެން މިއަންނަނީއޭ، ގޭގައި ހުންނާތި.....] ހަމައެކަނި މިހެން ބުނެފައި ފާއިޒު ފޯނު ބޭއްވިއެވެ. ކިތަންމެ ހިތްހަމަނުޖެހުނަސް ބައްޕައާ ދެކޮޅަށް އަނގަހުޅުވާނެ ހިތްވަރެއް، އޭނާއަކަށް ލިބިގެނެއް ނުވެއެވެ. އޭނާ ހަނދާން އެބަހުއްޓެވެ. އޭނާ ވަރަށް ކުޑައިރު ބައްޕަގާތު ވަޢުދުވެފައިވެއެވެ. ދިރިއުޅުމުގެ މައިދާނުގައި ބައްޕައާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށެވެ. ބައްޕައަށް ފެންނަ ގޮތަކަށް އޭނާގެ ދިރިއުޅުން ބައްޓަން ކުރުމުގެ ބާރު ބައްޕައަށް ދިނުމަށެވެ. އެބައްޕަ އޭނާގެ ކައިވެންޏަށް މީހަކު ޢައްޔަންކުރިއިރު، އޭނާ ގާތު އަހާނުލީ އެހެންވެގެންކަން ކަށަވަރެވެ.

އަށެއްޖަހަންވާއިރަށް މަރީނާވެސް ނަލަހެދިލާ ތައްޔާރުވެލިއެވެ. މެހްމާނުންނަށް މަރްޙަބާ ކިޔުމުގެ ގޮތުންނެވެ. ނަވާލްވެސް ސޯފާގައި އިށީނދެގެން ދެފިކުރެއްގައި އިނެވެ.

ގަޑީގެ ކަށި އެނބުރެމުންގޮސް ކުޑަކަށި އަށަކަށް ހުއްޓުނު ވަގުތު ދޮރާށި ކުރިމައްޗަށް ކާރެއް މަޑުކޮށްލިއަޑު އިވުނެވެ. ނަވާލް ފިނިވިއެވެ. އެހެންކަމުން، އެބަ އަންނަމޭ ބުނެފައި ކޮޓަރިއަށް ވަދެއްޖެއެވެ. މަރީނާ ދޮރާއްޓާ ދިމާއަށް އެނބުރި ބަލައިލިއެވެ. އޭރު ދޮރާށި ހުޅުވާފައި، އެމީހުނާއެކު ފާއިޒު އެތެރެއަށް ވަދެގެން އާދެއެވެ. މަރީނާ ހުރީ އޭނާގެ ވާންއުޅޭ ދަރިފުޅުގެ ރީތިކަމާއި ނަލަކަން ފެނިފައި ޝޯޚުވެ ބަސް ހުއްޓިފައެވެ.

[އެސޮރު ކޮބައިތަ؟ އަވަހަށް ގޮވާބަލަ.] ފާއިޒު ބުންޏެވެ. އެއަޑަށް ނަވާލް ކޮޓަރި ދޮރު ހުޅުވާފައި ބޭރަށް ބޯދިއްކޮށްލިއެވެ. ހަމައެއާއެކު، އޭނާގެ ދެލޯދިޔައީ ތަރަތަރަ ޖަހައިގެންނެވެ. ސިޓިންގރޫމްގެ ސޯފާގައި ތިބީ އޭނާ އެކުއްޖެއްގެ ލޯތްބަށް ފެންބޮވައިގެންފައިވާ ނަދުހާއާއި އޭނާގެ ބައްޕައާއި މަންމައެވެ.

ނަވާލް ފެނުމުން ނަދުހާގެވެސް ދެލޯ ބޮޑުވިއެވެ. ނަވާލަކީ އޭނާގެ ބައްޕަގެ ރައްޓެއްސެއްގެ ދަރިއެއް ކަމެއް ކުރިން އޭނާ ނުދެނަހުއްޓެވެ. ނަވާލް ހިނިއައިސްފައި ހުރެ ކޮޓަރިން ނުކުތެވެ. [ދަރިފުޅާ އާދޭ މިތަނަށް.] ނަވާލް ކޮޓަރިން ނުކުތުމުން ފާއިޒު އެދުނެވެ. ނަވާލް އައިސް ފާއިޒާޖެހި ފިތިގެން އިށީނެވެ.

[ނަދުހާ....] އިށީންނަމުން ނަވާލް ނަދުހާއަށް ގޮވާލިއެވެ. މިހާރު ނަވާލަށް ލިބިފައިވަނީ ބަޔާން ނުކުރެވޭނޭފަދަ އުފާވެރި ކަމެކެވެ. [ހިނގާ އިހަށް ކާން ފަށަމާ.] ފާއިޒު ބުންޏެވެ. ޝަކީބް އެންމެ ރަނގަޅޭ ބުނެފައި ތެދުވެއްޖެއެވެ.

[ނަވާލް ނަދުހާ ދަންނަންދޯ؟] ކާމޭޒާ ދިމާއަށް ހިނގައިގަންނަމުން ފާއިޒު ނަވާލްގާތު އެއްސެވެ. ނަވާލް ބޯޖަހާލިއެވެ. އެރޭ ނަވާލާއި ނަދުހާގެ ކައިވެނި އިޢްލާނު ނުކުރި ކަމުގައިވިޔަސް، އެދެކުދިންގެ ކައިވެނި، އެދެޢާއިލާއިން ވަނީ ވަރަށް އަވަސް މުސްތަޤްބަލެއްގައި ކުރުމަށް ނިންމާފައެވެ. އެކަން ނަވާލަށް އެނގިފައިވިޔަސް، ނަދުހާއަކަށް ބައްޕައާއި މަންމަގެ ނިންމުން ރޭކާވެސްނުލައެވެ.

[މަންމާ....އެއީ އަހަރެން ބުނި އަހަރެން އެންމެ ލޯބިވާ ކުއްޖަކީ. ކިހާ ނަޞީބުވެރި އިއްތިފާޤެއް.] ނަވާލްހުރީ ނަދުހާމެން ނުނިކުމެގެންނެވެ. އޭނާ އުފާވެރިކަން ފާޅުކުރިއެވެ.

[ފިސާރި ތެދެއް؟ މާރަނގަޅެއްނު. ދަރިފުޅު ވަރަށް ކުޑައިރުވެސް ދަރިފުޅުގެ ބައްޕައާއި ނަދުހާގެ ބައްޕަވަނީ މިކައިވެނި ރާވާފައި.] މަރީނާވެސް ހުރީ ލިބެން އުޅޭ ދަރިފުޅާމެދު އުފާވެފައެވެ.

[މަންމަ މިރޭ ވަރަށް އުފާވެއްޖެ ދަރިފުޅުގެ ނަޞީބާ ދޭތެރޭ.] މަރީނާ ނުހަނު އުފަލާއެކު ނަވާލުގެ ކޮނޑަށް އަތް ވައްޓާލިއެވެ.

[މަންމަ ތިބުނީ ރަނގަޅަށް. އަހަރެންގެ ޙަޔާތަށް ނަދުހާ އަތުވެއްޖެއްޔާ އެއީ ވަރަށްބޮޑު ނަޞީބެއް. އެފަދަ ހިތްގައިމު ސިފައެއްވެސް މަދު ކުއްޖަކަށް ނޫނީ ނުލިބޭނެ.] ނަވާލް ހީވަނީ އުފަލުންގޮސް މޮޔަވެދާނެހެންނެވެ.

[ދަރިފުޅަށް އެނގުނުތަ މިރޭ ދެވުނީ ކޮން ގެއަކަށްކަން....] ނަދުހާގެ ބައްޕަ ޝަކީބް ވާހަކަ ދެއްކީ ނަދުހާއާއެވެ.

[އާނ އެއީ ބައްޕަގެ ރައްޓެއްސެއްގެ ގެއެއްނު.] ނަދުހާއަކަށް ޝަކީބްގެ ޙަޤީޤީ މަޥްޟޫޢެއް ނުވިސްނުނެވެ.

[އެއީ ހަމައެކަނި ބައްޕަގެ ރައްޓެއްސެއްގެ ގެއެއްވެސް ނޫން. އެއީ ދަރިފުޅުގެ ވާންއުޅޭ ފިރިމީހާގެ ގެ.]

ފުރަތަމަފަހަރަށް ޝަކީބް، އޭނާގެ މަޤްޞަދު ހާމަކުރިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅެއް ވަންދެން ނަދުހާއަށް ހުރެވުނެވެ.

[ބައްޕާ.....އަދި އަހަރެން މީހަކާ އިންނާކަށް ނުވެއެއްނު.] ނަދުހާ އިސްޖަހާލިއެވެ.

[ރަނގަޅޭ އަދި ދުވަސް އެބައޮތޭ ކައިވެންޏަށް. ބައްޕަމެން ޤަޞްދުކުރަނީ މަދަރުސާ ނިމުނުހާ އަވަހަކަށް ކައިވެނީގެ ކަންތައްތައް ނިންމަން.] ޝަކީބް، އޭނާގެ ވިސްނުން، ދަރިފުޅަށް ހާމަކުރިއެވެ.

ބައްޕަގެ އެވާހަކައާ ކިތަންމެ ހިތްހަމަނުޖެހުނު ކަމުގައިވިޔަސް، ބައްޕައާ ދެކޮޅަށް އެއްޗެކޭ ބުނާކަށް ނަދުހާއަކަށް ހިތްވަރެއް ނުލިބުނެވެ. ނަދުހާ ގޮސްވަނީ ކޮޓަރިއަށެވެ. އޭނާ މިހާރު އެވަނީ ބައްޕަގެ ރޭވުމާއި ނިންމުން އޮތްގޮތް، ލޯބިވެރިޔާއަށް ކިޔައިދިނުމަށް ކެތްމަދުވެފައެވެ. އެހެންކަމުން، މިހާރު އޭނާއަށް އިންތިޒާރު ކުރެވެނީ މުނާޒަށެވެ. މުނާޒް އައިހާ އަވަހަކަށް އޭނާ އެވާހަކަ ކިޔައިދޭނެއެވެ.

އެރޭ އޭނާ ކޮޓަރީގައި އިންތިޒާރުގައި އޮންނަތާ މާގިނައިރުތަކެއް ނުވަނީސް މުނާޒް އައިސް ކޮޓަރިއަށް ވަނެވެ. [ނަދޫ.....ރޮއިފަތަ؟] މުނާޒް އައިސް ނަދުހާ އޮތް އެނދުގެ މަގަތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

އޭނާގެ ދެލޮލުން ކަރުނަ ހިލެން ފެށީ މުނާޒް އައިސް އެގޮތަށް ވާހަކަ ދައްކަން ފެށުމުންނެވެ.

[މުނާޒް....އަހަރެންގެ ބައްޕަ.....] ނަދުހާއަށް ރަނގަޅަށް ރޮއިގަނެވުމާއެކު މުނާޒްގެ މޭގައި ބޯއަޅާލެވުނެވެ.

[އަހަންނަށް އެނގޭ، އެމީހުން ރާވަނީ ނަދުހާއާއި ނަވާލް ދެވާކަށްނު. އެކަމެއް ނުވާނެ. ކުރިޔަކަސް އެނަވާލަކަށް ލިބޭނެ އެއްވެސް އުފަލެއް ނެތް.] މުނާޒް ނަދުހާއަށް ހިތްވަރުދިނެވެ. އޭރުވެސް ނަދުހާއަށް ރޮވެނީއެވެ.

[މުނާޒް، އަހަރެން މުނާޒްދެކެ ކިތަންމެ ލޯބިވިޔަސް، ބައްޕައާ ދެކޮޅުހަދާކަށް އަހަންނަކަށް ލާހިކެއް ނޫން. އެމީހުން އަހަރެން ބަލާބޮޑުކުރީ ނުހަނު ފޮނި ހުވަފެންތަކެއް ދެކި، ވަރަށް ފޮނި އުންމީދުތަކެއް ކޮށްފަ.] ނަދުހާ ރޮއިރޮއިފައި ކިޔައިދިނެވެ.

[ތިހެން ނުބުނޭ ނަދޫ.....ބައްޕަ ގާތު ބުނޭ، ނަވާލާ ނީންނާނަމޭ....] މުނާޒްގެ ދެލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވަމުންދިޔައެވެ.

[މީގެ އެތައް އަހަރުތަކެއް ކުރިން ބައްޕައާއި މަންމަ ވަނީ މިކައިވެނި ރާވާފައި....އަޅެ އަހަރެން ކިހިނެއް ހަދާނީ.] ނަދުހާ ރޮމުން މުނާޒްގެ މޭގައި ބޯއަޅާލިއެވެ.

[ނަދޫ...ނަދޫގެ ނުޤަބޫލުގައި ވަރަށް ހީނުވޭ، ތިކައިވެނި ނަދޫގެ ބައްޕަމެން ކުރާނެހެން. އެއަށްވުރެން މާބޮޑަށް އެމީހުން ނަދޫދެކެ ލޯބިވާނެ.] މުނާޒް ނަދުހާގެ ހަށިގަނޑުގައި ރަނގަޅަށް ބައްދާލިއިރު ހީވަނީ އެދެމެދަށް އެހެން މީހަކު ވަންނަން އުޅުމުން، ވަނަނުދިނުމަށްޓަކައި ގާތްވެލީހެންނެވެ.

[ދެން މިދޭތެރެއަކަށް އެކަކަށްވެސް ނުވަދެވޭނެ. އެއަށްވުރެން އަހަރުމެން މިތިބީ މާގާތްވެ ބަދަހިވެފައި. އަހަރުމެންގެ ގުޅުމުގައި ރެނދުލައްވަން މަސައްކަތްކުރާ ބަޔަކަށް ކޮންމެވެސް ދުވަހަކުން ނުރައްކަލާ ކުރިމަތިވާނެ.] މުނާޒް ނަދުހާގެ ނިތްކުރީގައި ނުހަނު ލޯތްބާއެކު އޭނާގެ ހޫނު ތުންފަތް ޖައްސާލިއެވެ. އުފާވެރި އިޙްސާސަކާއެކު ލޯމަރާލައި، ނަދުހާއަށް މުނާޒްގެ އަތުގެ ތެރެއަށް ބޮނޑިވެލެވުނެވެ.

[ކޮންގްރާ....ނަވާލް.] އަފްޒަލް ހުރީ ނަވާލް ނުފެނިފައެވެ.

[ކިހިނެއްވީ؟.....] ނަވާލަށް އަފްޒަލްގެ މަޥްޟޫއެއް ނުވިސްނުނެވެ.

[އޭތް މާނޫން ކަމަށް ހެދޭނެ ކަމެއް ނެތް. އަހަންނަށް އެނގިފައޭ އޮތީ ނަދުހާއާއި ނަވާލްގެ ކައިވެނި ހަމަޖެހިފައިވާކަން.] އަފްޒަލް ހީގަތެވެ.

[ކާކު ބުނީ؟] ނަވާލްހުރީ އިންތިހާއަށް އުފާވެފައެވެ.

[ކީއްކުރަން ބުނި މީހަކު ބަލަނީ. ނަވާލް އަހަންނަށް ސިއްރުކޮށްގެން ތިހުންނަނީ އަހަންނަށް ނޭނގޭނެ ކަމަށްދޯ.] އަފްޒަލް ބުންޏެވެ.

[އަހަންނަށްވެސް އެއީ ރޭވިފައި އޮތް ކަމެއްކަން އެނގުނީ ރޭގައޭ. ސަމާސާނުކޮށް ބުނެބަލަ. ކިހިނެއްތަ އަފޫއަށް އެނގުނީ؟] ނަވާލް ބުންޏެވެ.

[މިއަދު ހެނދުނު ތިގެއަށް ގުޅީމަ މަރީނާއްތަ ބުނީ. ހިނގާ އަވަހަށް އުފަލުގައި ސައިދޭން.] އަފްޒަލް ތެދުވިއެވެ. ނަވާލް އަފްޒަލްގެ ފަހަތުން ހިނގައިގެންފިއެވެ.

[ސައިދީފާނަން. ހިނގާ އަވަހަށް.] ނަވާލް އޮފީހުން ނުކުމެގެންގޮސް ސައިކަލަށް އެރިއެވެ. ފަހަތުން އަފްޒަލް އެރުމާއެކު ނަވާލް ސައިކަލް ދުއްވާލިއެވެ.

[ނަވާލްތީ ވަރަށްބޮޑު ނަޞީބުވެރިއެއް.] ނަވާލް ސައިކަލް ދުއްވާލުމުން އަފްޒަލް ބުންޏެވެ. އެމީހުން އެހެން އެބުނަނީ ނަދުހާގެ ޙަޤީޤަތް ނޭނގޭތީކަން ޔަޤީނެވެ. ގައިމެވެ. ނަދުހާއާއި މުނާޒްގެ ލޯބީގެ ކުޅިގަނޑުގެ އެއްވެސް އިޝާރާތެއް ލިބިފައިވާނަމަ، އަފްޒަލްވެސް އެހެން ނުބުނާނެއެވެ.

[ނަދުހާގެ ގަބޫލުގައިތަ، ތިކައިވެނި ރޭވިފައިވަނީ. އެހެން ކަމަށް ވެއްޖިއްޔާ، ތީ ވަރަށްބޮޑު އިއްތިފާޤެއް.] އަފްޒަލް ބުންޏެވެ.

[އޭނާ ނުގަބޫލުހެނެއް ހިއެއްނުވޭ. ހަމަގައިމުވެސް ނުޤަބޫލުނަމަ އިޝާރާތުން އެނގޭވަރަށް ޙަރަކާތްތައް ބަދަލުވާނެ. އެކަހަލަ އެއްވެސް ބަދަލެއް ނާދޭ. އޭނާ ހުރީވެސް ހިނިއައިސްފައި. ހީވަނީ ކައިވެންޏާމެދު އުފާވެ ހިތްހަމަޖެހިފައި ހުރިހެން.] އެއީ ނަވާލް ހީކުރިގޮތެވެ.

[ނަވާލްގެ ނަޞީބު ރަނގަޅުކަމުގެ ކޮޅެއްނެތް. މިއޮއްބޮޑު މާލޭގައިވެސް ނަދުހާހާ ރީތި ކުއްޖަކު ނުހުންނާނެ. ފުރަތަމަ އެއިސްތަށިގަނޑާ ހެދިވެސް ކިތައް ފިރިހެނުން މޮޔަވޭ.] އަފްޒަލް ތަޢްރީފް ކުރިއެވެ.

[އަހަރެންގެ ކުރިމަތީ ނަދޫއަށް ތިވަރަށް ތަޢްރީފް ނުކުރޭ. އަހަރެން އަފްޒަލަށް ޝައްކު ކުރަން ފަށާފާނަން.] ނަވާލް ހީނގަންނަމުން ކެފެޓޭރިއާއެއްގެ ކުރިމައްޗަށް ސައިކަލް މަޑުކުރިއެވެ.

[ޝައްކުކުރަންޏާ ކުރަންވީ. ރީތި ކުދިންނަށް މީހުން ތަޢްރީފް ކުރާނެ. ހިތްވެސް ކިޔާނެ. ފަހަތުންވެސްދާނެ. ހުވަފެނުންވެސް ދެކޭނެ.] އަފްޒަލް ބާރަށް ހީނގަންނަމުން ނަވާލްގެ ފަހަތުންގޮސް ކެފޭއަށް ވަނެވެ.

ދަލޭކަ އަންނަނީ ދުރާއި ގާތުން ނަދުހާއަށް އަންނަމުންދާ ބަދަލުތަކަށް ބަލައި، އެކަމާ ދޭތެރޭ ވިސްނަމުންނެވެ. ނަދުހާ ނަވާލްގެ ކައިވެންޏާ ނުރުހޭކަމާއި، ނަމަވެސް ބައްޕައާ ދެކޮޅަށް އެއްޗެކޭ ބުނަން ނުކެރިގެން އުޅޭކަންވެސް އޭނާއަށް އެނގެއެވެ. އެހެންކަމުން، ޒުހުރާ ގާތު އެވާހަކަ ދެއްކުމަށްވެސް އޭނާ ވިސްނައެވެ. ނަމަވެސް، އެގޭގައި ގެންގުޅޭ މީހެއްގެ ޙައިޘިއްޔަތުން ހުރި މީހަކު އެފަދަ ކަންތައްތަކުގެ ތެރެއަށް ވަދެ، ބަސް ބުނަން އުޅުމުން، ޒުހުރާގެ ދެމަފިރިން ހިތްހަމަނުޖެހިދާނެތީވެސް އޭނާ ޖެހިލުންވެއެވެ. އެހެން ނަމަވެސްަ ނަދުހާ ހިތާމަކޮށް ރޮއިހަދާތަން ދެކޭކަށް އޭނާއަކަށް ކުޅަދާނައެއް ނޫނެވެ.

[މިހާރަކަށްއައިސް ވަރަށް ގިނައިން ފެނޭ، އެމަންޖެ ރޮއި ހިތާމަ ކުރަނިކޮށް....އަހަންނަށް ހީވަނީ ކައިވެންޏާ ދޭތެރޭ ހިތްހަމަނުޖެހެނީހެން.] ދަލޭކަ ވާހަކަ ދެއްކީ ޒުހުރާއާއެވެ.

[އެކަމަކު އެކަހަލަ އެއްވެސް އިޝާރާތެއް ނުކުރޭ. އެއުޅެނީ އެސޮރާ ދޭތެރޭ ހިތްހަމަނުޖެހޭތީއެއް ނޫން. މިހާރު ޢުމުރުން އެހެރީ ވިހިއަހަރު ފުރިފައި. އެކަމަކު އަދިވެސް އޭނާ ފިރިހެން ކުއްޖަކާ އަނގަޔަކުން ބުނަނީކީ ނޫން.] ޒުހުރާ ބުންޏެވެ. އެއީ ތެދެކެވެ. ޒުހުރާއާއި ޝަކީބްވެސް ދަރިފުޅުގެ އެއާދައާ ދޭތެރޭ ވަރަށްގިނަ ދުވަހު މަޝްވަރާ ކުރިއެވެ. އެމީހުން ނަވާލާ ކައިވެނި ހަމަޖެއްސީވެސް އެހެންވެގެންނެވެ. އެމީހުންނަށް އެނގިގެންވެސް ތަފާތު އެތައް ފިރިހެން ކުދިންނެއް ނަދުހާއަށް ގުޅައި، ގުޅުން ބަދަހިކުރަން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް، އެއިން އެއްވެސް ކުއްޖަކަށް ނަދުހާވަނީ އާނބަސް ނުބުނެފައެވެ. އޭގެބަދަލުގައި އެކަމާ ރުޅިއައިސް ޒުހުރާމެން ގާތު ޝަކުވާކޮށް، އެފިރިހެން ކުދިންތައް ކުށްވެރިވެސް ކުރެއެވެ.

[ކައިވެންޏަށްފަހު ދުވަސްކޮޅެއްވެލީމަ ހަމައަކަށް އެޅިދާނެ. އެކަމާ ދަލޭކަ މާބޮޑަށް ނުވިސްނާ.] ޒުހުރާ ބުންޏެވެ.

[އެކަމަކު އަހަންނަށް ހީވަނީ އެކުއްޖަކު އިންނަންވާނީ އެކުއްޖަކު ބޭނުން މީހަކާހެން.] އެހެންނޫނީ މާރަނގަޅު ދިރިއުޅުމެއް ނުލިބޭނެ.] ދަލޭކަ ބުންޏެވެ.

[އޭނާ ބޭނުން މީހަކުވެސް މިދުނިޔެމައްޗަކު ނޫޅެޔޭ. އެއްވެސް ފިރިހެން ކުއްޖަކާ އަނގައިން ބުނަނީކީނޫން. ކުރިން ލޯބިނުވިޔަސް ކައިވެނި ކުރީމާ ލޯބިވާނެ.] ޒުހުރާ ބުންޏެވެ.

[އެމަންޖެގާތު އެހިންތަ؟ އޭނާ ލޯބިވާ މީހަކު ހުރިތޯއާއި، ތި ކައިވެންޏާ ދޭތެރޭ އޭނާ ދެކޭގޮތް.] ދަލޭކަ ހީވަނީ އެކައިވެނިވިޔަނުދޭން އުޅޭހެންނެވެ.

[އަހައިފިއްޔާ ބުނާނެ ނޫނެކޭ. ދެން ކީއްކުރަން އަހަނީ....އޭނަ މީހަކާ އިންނަން މިހާރުވެސް މާލަސްވެއްޖެ.] ޒުހުރާ ބުންޏެވެ. ދަލޭކަ ކިތަންމެ ގޮތްގޮތަކަށް ވާހަކަ ދެއްކި ކަމުގައިވިޔަސް، ޒުހުރާގެ ޚިޔާލެއް ބަދަލެއްނުވިއެވެ.

އޭރު ދަލޭކަ ދެއްކި ހުރިހާ ވާހަކައެއް ޒުހުރާ، ޝަކީބް ގެއަށް އައުމުން ދެއްކިއެވެ. ޝަކީބްގެ ޚިޔާލުވެސް ހުރީ ޒުހުރާގެ ޚިޔާލާ އެއްގޮތަށެވެ.

[ކައިވެންޏަށްފަހު ހަމަޔަކަށް އެޅިދާނެ އަޅާނުލާ.] ޝަކީބް ބުންޏެވެ.

[އެކަމަކު ނަދުހާ ގާތު އަހާލަންވާނެ.] ޒުހުރާގެ ޚިޔާލު ތަފާތުވިއެވެ. ހީވާގޮތުން ދަލޭކަގެ ވާހަކަތަކުން އޭނާގެ ޚިޔާލު ބަދަލުވީއެވެ.

[ހީވަނީ މަންމަގެ ޚިޔާލު ބަދަލުވެއްޖެހެން. ދަލޭކަދައްތަ ހާދަވަރަކަށް ވިސްނައިދީފީމޭ....] ދަލޭކައާއި ނަދުހާ ވާހަކަ ދައްކަން ތިބީ ނަދުހާގެ ކޮޓަރިތެރޭގައެވެ.

[ބައްޕަގެ ޚިޔާލުވެސް އަދި ބަދަލުވާނެ.] ނަދުހާ ބުނެލިއެވެ. ނަމަވެސް އެމީހުން ހީކުރިގޮތަކަށް ޝަކީބްގެ ޚިޔާލެއް ބަދަލެއްނުވިއެވެ. ޝަކީބް ބުނާގޮތުން އެކައިވެނީގެ ހުރިހާ އުފަލެއް އޮތީ ނަދުހާއަށެވެ. އެކައިވެނީގެ ސަބަބުން އުޖާލާވާނީ ނަދުހާގެ ކުރިމަގެވެ. އެމީހުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ އެދަރިފުޅަށްޓަކައެވެ. ދަރިފުޅުގެ ކުރިމަގު ބައްޓަން ކުރުމަށްޓަކައި ކިތަންމެބޮޑު ހޭދައެއް ކުރަން ޖެހުނު ކަމުގައިވިޔަސްވެހެވެ.

މިހާރުވެސް ޝަކީބާއި ޒުހުރާގެ ހުރިހާ މުދަލަކާއި ފައިސާއަކީ ނަދުހާއަށްޓަކައި އެއްކުރެވިފައިވާ ނަދުހާގެ މިލްކެވެ. އެމީހުން ނެތް ދުނިޔެއެއްގައި އެއެއްޗެއްސަށް ބާރު ހިންގާކަށް އިތުރު އެހެން ފަރާތެއް ނާންނާނެއެވެ. ނަމަވެސް އެއީ ނަދުހާ ފަޚްރުވެރިވާ ކަމެއް ނޫނެވެ. އޭނާއަކަށް މުދަލާއި ފައިސާއެއް މުހިންމެއް ނޫނެވެ. އޭނާ ލޯބިކުރަނީވެސް އާދައިގެ ދިރިއުޅުމަށެވެ. މަންމައާއި ބައްޕަ ޗުއްޓީ ދުވަސްދުވަހު ރިސޯޓަށްގޮސް ރިސޯޓުގައި ވަގުތު ހޭދަކުރިޔަސް އޭނާ ރިސޯޓަށްދާހިތެއް ނުވެއެވެ. މިހާރު އޭނާ ބޭނުންވަނީ މުނާޒާ ކައިވެނިކޮށްގެން އެކަހެރި (މީހުންމަދު މާޙައުލެއްގައި) ދިރިއުޅުމެއް އުޅޭށެވެ. އެއީ މުނާޒްވެސް އެދޭގޮތެވެ. ނަމަވެސް، ނަދުހާގެ މައިންބަފައިންނާ ދެކޮޅުހަދައި އެކަނިވެރިވިޔަ ނުދިނުމަކަށް އޭނާ ބާރެއް ނާޅައެވެ. ހީވާކަހަލައެވެ. ނަދުހާ ނަވާލާ އިނަސް އޭނާއަށް ވަރިހަމައެވެ. އޭނާއަށް އެޅޭނެ ހުރަހެއްނެތެވެ. ކޮންމެ މީހަކާ ނަދުހާ ކައިވެނިކުރި ކަމުގައިވިޔަސް، އޭނާ ބޭނުން ހިނދެއްގައި ނަދުހާއާ ބައްދަލުކުރާނެއެވެ.

[ނަދޫ އޭނަޔާ އިނދޭ.....އޭނަޔާ ކައިވެނިކުރާނީ. ކައިވެނީގެ އުފާ ލިބޭނީ އަހަންނަށް.] މުނާޒާ ނޫން މީހަކާ އިންނާކަށް.....] ނަދުހާގެ ލޮލަށް ކަރުނައިގެ އަސަރު ފާޅުވިއެވެ.

[ދެރަނުވޭ ނަދޫ އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫން...ނަދޫ އޭނައަކާ ނީންނާނެ....] މުނާޒް ނަދުހާ އޭނާއާ ކައިރިކޮށްލިއެވެ.

[މުނާޒް ތިހެން ތިބުނަނީ އަހަންނަށް ހިތްވަރުދޭންވެގެން. މިކައިވެންޏާ ދެކޮޅަށް މުނާޒަށް ކުރެވޭނީ ވަކި ކޮންކަމެއް؟] ނަދުހާ ރޮމުން މުނާޒްގެ ކޮނޑުގައި ބޯއަޅާލިއެވެ.

[ވަގުތުންވެސް އަހަންނަށް ހުއްޓުވިދާނެ. އެކަމަކު އެހާ އަވަސްވެގަނެގެން އުޅޭކަށް އަހަރެން ބޭނުމެއް ނޫން.] ޔަޤީންކަމާއެކު މުނާޒް ބުންޏެވެ.

އެއީ ތެދެކެވެ. އޭނާ ބޭނުންވެއްޖެއްޔާ ހަމަ މިހާރުވެސް އެކައިވެނި ހުއްޓުވިދާނެއެވެ. އޭނާއަށް އެ ބާރު ލިބިގެންވެއެވެ. ނަމަވެސް، އެހެން ބުނާ ބުނުމަކަށް ނަދުހާ އިތުބާރެއް ނުކުރެއެވެ. ނަދުހާ ޔަޤީން ކުރަނީ މުނާޒް އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް މުނާޒަކީ ކާކުކަން އެނގޭނަމަ އޭނާވެސް ޤަބޫލުކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން