ރޭގަނޑުގެ ހިމޭންކަން މުޅި ހިސާބަށް ވެރިވެފައި އޮތެވެ.
ޖަލާލީ މަލުން ފުރިފައިވާ ލޯނުގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އޭނާގެ ވިސްނުންތައް އެއްދިމާއަކަށް އައިސް ހުއްޓިއެޖެއެވެ. އެންމެ މަގެއް ފެނިއްޖެއެވެ. މިހާރު އޭނާ އެމަގުން ހިނގައިގަތުމަށް މުޅިން ނިންމައިފިއެވެ.
މިސިޒް ހެރަލްޑް އޭނާގެ ކޮޓަރިއަށް ހިނގައްޖެއެވެ. ގޭގައި ޖަލާލީއާ ޖަޔާ ފިޔަވައި އެހެން އެކަކުވެސް ނޫޅެއެވެ. މިއީ ކޮންމެވެސް ވަރަކަށް އޭނާއަށް ހަމަޖެހުމެއް ލިބުނު ކަމަކަށް ވިއެވެ.
އޭނާ ބެޑްރޫމުގެ ދޮރު ކައިރީގައި އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ. މެންދުރުއްސުރެ ބެޑްރޫމަށް ހިމޭންކަން ވެރިވެފައިއޮތެވެ. އެއްވެސް ކަލަލަ އަޑެއް ބަޑެއް އަދި ގިސްލުމެއްގެ އަޑެއްވެސް ނީވެއެވެ. ރުޅިވެރިކަމުގެ ޙައްދު ފަހަނަޅައި ފިއެވެ. އަދި މިހާރު ހަމަ ޔަޤީންނުންވެސް އޭނާގެ ވިސްނުމުގެ ބައި މަސައްކަތް ކުރާނެއެވެ.
އެކަމަކު..........
ޖަވާބުދޭނީ ކާކުތޯއެވެ. އެނދުގައި އިށީނުމުގެ ޙަރަކާތުން ހިމޭން އަޑެއް ފަޟާއަށް ވެރިވެއްޖެއެވެ.
ޖަލާލީ އެތެރެއަށް ވަދެއްޖެއެވެ.
ޖަޔާ އެނދުގައި ކޮޅަށް އިނެވެ. އިސްތަށިގަނޑު ހާވާލެވިފައިއޮތެވެ. ލޯހީވަނީ ދެމަދޮށި ހެންނެވެ. ކެނޑިނޭޅި ރުއިމުގެ ސަބަބުން ނޭފަތްވެސް ރަތްވެފައިވެއެވެ. ހެދުންވެސް އޮތީ ރޫޖެހިފައެވެ.
އޭނާ ޖަލާލީއާ ދިމާއަށްއެއްފަހަރު ބަލާލިއެވެ. ދެން ރުޅިވެރި ކަމާއެކު އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.
[ނާޖިޔާއެވެ!] ޖަޔާގެ މިޙަރަކާތާމެދު އޭނާ އަޅައެއް ނުލައެވެ. އަދި ގޮނޑީގެ ލެނގޭބައިގައި އަތް އަޅުވާލަމުން އެނދާ ތަންކޮޅެއް ދުރުގައި ހުއްޓިއްޖެއެވެ.
[ނާޖިޔާއެވެ!] އޭނާ އަނެއްކާވެސް ވަރަށް އުނދަގުލުން ބުންޏެވެ. [އަހަރެން ދައްކަންވެފައި ބައެއް ވާހަކަ އެބަހުއްޓެވެ.]
ނާޖިޔާ ހަމައެއިން ގޮތަށް އިނެވެ. ޖަލާލީގެ ވާހަކައަށް އެއްވެސް ޖަވާބެއް ނުދެއެވެ. ޖަލާލީ ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުއްޓެވެ. ދެން އެނބުރިލާފައި އައިސް ގޮނޑީގައި އިށީނދެ ހަމަޖެހިލައިފިއެވެ.
[ނާޖިޔާއެވެ.!] އަނެއްކާވެސް ޖަލާލީ ގޮވާލައިފިއެވެ.
މިހާރު މިތާނގައި ހިލޭ ފިރިހެނަކު އިންކަމުގެ އިޙްސާސް ނާޖިޔާއަށް ކުރެވިއްޖެއެވެ. އަދި އަވަސް އަވަހަށް ރަޖާގަނޑު ނަގާ ހަށިގަނޑުގައި އޮޅާލައިފިއެވެ. އެވަގުތު އޭނާ އިނީ ތުނި ނިދާ ހެދުމެއްގައެވެ.
[ޖަޔާއަށް ހިތާމަތަކެއް ދެވުމުގެ ސަބަބުން އަހަރެން ލަދުވެތިވަމެވެ.] ޖަލާލީ ހުއްޓަ ހުއްޓާފައި ވަރަށްބަރު އަޑަކުން ބުންޏެވެ.
[ހިތާމައެކޭ ނުބުނުއްވާށެވެ. ކެއްސެކޭ ބުނުއްވާށެވެ.] ނާޖިޔާ ރުޅިއައިސްފައި ބުންޏެވެ. އަދި އަލިފާން އޮހެމުންދާ ނަޒަރަކުން ޖަލާލީއާ ދިމާއަށް ބަލާލިއެވެ. ދެން ހަމައަވަހަށް އަނެއްކާވެސް އަނެއްފަރާތަށް މޫނު އަނބުރާލައިފިއެވެ.
[ފާއިތުވި ދެދުވަހުގެ ތެރޭގައިވެސް އަހަރެން އަހަމުން އައީ ތިޔަ ލަފްޒެވެ.] ޖަލާލީ އިރުކޮޅަކު ހިމޭނުން އިނދެފައި ބުންޏެވެ.] އަހަރެން އަމިއްލަ ޟަމީރާމެދު ވިސްނާލުމުން ތިޔަކަމާމެދު ޙައިރާންވަމެވެ. އަހަރެން ޖަޔާއަކަށް ކެއްސެއް ނުދެމެވެ. ނާޖިޔާއެވެ. އަހަރެން ތިޔަފަދަ ކަމެއް ނުކުރަމެވެ.]
[ޖަޔާ ތިޔަފަދަ އިލްޒާމެއް އަހަރެންގެ ބޮލުގައި ތިޔައަޅުވަނީ ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟ އަހަރެން ތަކުރާރުކޮށް އެތައް ފަހަރަކު މިސިޒް ރަފީޤު ގާތުގައި އަހަންނާ ބެހޭގޮތުން........] އޭނާ ކުޑަކޮށް މަޑުކޮށްލާފައި ފުންނޭވާއެއް ލައިފިއެވެ. ދެން އަނެއްވާސް ބުންޏެވެ. [އޭނާ ފޯނުކުރި ކޮންމެ ދުވަހަކު އަހަރެންގެ އުނިކަމާ ބެހޭގޮތުން ޖަޔާ މެންނަށް ރަނގަޅަށް ސާފުކޮށް ކިޔާދިނުމަށް އެދި ބުނީމެވެ. އަހަރެންގެ އުނިކަމަކީ އަހަރެންގެ އިޚްތިޔާރުގެ ދާއިރާއިން ބޭރުގައިވާ ކަމެކެވެ. އޭނާވެސް އަހަރެންގާތު ބުނެފައިއޮތީ ހުރިހާ ވާހަކައެއް ސާފުކޮށް ކިޔައިދިން ކަމުގައެވެ. އަހަންނަކީ ހުތުރު ސިފައިގެ ވެރިޔާކަމުގައި ނާޖިޔާގެ ޢާއިލާއަށް ތަފްސީލާއެކު ކިޔައި ދިންކަމަށް އޭނާ އަހަރެން ގާތުގައި ބުންޏެވެ..... އެކަމަކު އަހަންނަކީ ނުބައި މީހެއް ނޫނީމެވެ.]
ޖަޔާ ހަމަ އެރުޅިވެރި ބެލުމުން ބަލާލިއެވެ. އޭނާގެ ނޭވާ އަވަސްވަމުން ދިޔައެވެ. ތުންފަތް ހަފަމުން ދިޔައެވެ.
[އޭނާ ނާޖިޔާމެން ގާތު އަހަންނާ ބެހޭގޮތުން ހުރިހާ ވާހަކައެއް ދެއްކިކަމެއް އަދި ނުދައްކާ ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އެކަމަކު.......]
[މިސިޒް ރަފީޤު ހުރިހާ ވާހަކައެއް ދެއްކިއެވެ.....] ޖަޔާ މަލާމާތުގެ ރާގުގައި ދަތްކުނޑި ވިކާލަމުން ބުންޏެވެ. ޖަލާލީ ހާސްކަމާއެކު އަނެއްކާވެސް އިންތަނުން ފޫހަލުވާލިއެވެ.
[ފޮޓޯވެސް ދެއްކެވިއެވެ.]
[ފޮޓޯ....؟]
[އެހެންވީރު..... އެހެންވީއިރު ފޮޓޯގަނޑުން އަހަންނަކީ ކޮންފަދަ މީހެއްކަން ރަނގަޅަށް ނޭނގުނީ ހެއްޔެވެ؟]
[އެނގޭނީ ކިހިނެއްތޯއެވެ؟]
[ޖަލާލީގެ އަމިއްލަ ފޮޓޯއެއް ފޮނުއްވިނަމަ އެނގުނީހެވެ.]
[މަޠްލަބަކީ ކޮބައި ހެއްޔެވެ؟]
[މަޠްލަބަކީ ކޮބައިތޯ ތިޔަ އައްސަވަނީ މިހާރުތޯއެވެ.]
[ނާޖިޔާއެވެ. އަހަންނަކަށް އެކައްޗެއްވެސް ނުވިސްނުނެވެ.]
[އެއްފަހަރު ކެހި ލިބިއްޖެއެވެ. އެކަމަކު ދެވަނަ ފަހަރަށް ޖަލާލީގެ ވާހަކައަކު ނުޖެހޭނަމެވެ. ތިޔަ ބުނުއްވާހާ ތެދު ނިޔަތެއްގައި ހުންނެވިނަމަ އަމިއްލަ ފޮޓޯ ފޮނުވީހެވެ. މީހަކަށް މަކަރެއް ހީލަތެއް ހެދުމުގެ ބޭނުމަކީ ކޮބައިތޯއެވެ. އަޅުގަނޑުގެ މައިން ބަފައިންނަކީ ގޮތްހުސްވެފައިވާ ބައެކެވެ. ޣަރީބު ބައެކެވެ. އެތައް އަންހެން ކުދިންގެ ޒިންމާ ދާރުންނެވެ. މިހުރިހާކަމެއް މިހެންއޮތުމުން ޖަލާލީގެ އަސްލު ފޮޓޯއެއް ފޮނުވި ކަމުގައިވިޔަސް ދަރިފުޅު ޤުރްބާން ކުރީސް ކަންނޭނގެއެވެ!]
ޖަޔާގެ އަޑުގައި ތޫނު ކަނޑިއެއް ފަދަ ތޫނުކަން އެކުލެވިފައިވެއެވެ. މަލާމާތުގެ ރާގު އެކުލެވިފައިވެއެވެ........ މައިންބަފައިންގެ މަޖްބޫރީ ޙާލަތާ ބެހޭގޮތުން ވާހަކަދައްކަން ފެށުމުން އޭނާގެ ލޯ ކަރުނައިން ފުރިއްޖެއެވެ. އަދި ލަފްޒުތައް ކަރުތެރޭގައި ތާށިވެއްޖެއެވެ.
ޖަލާލީ ހާސްކަމުގެ މައްޗަށް ހާސްކަން ވެރިވެފައި އިނެވެ.
[ނާޖިޔާއެވެ. ތިޔަ ދައްކާވާހަކައެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން އެއްވެސް ކަހަލަ ފޮޓޯއެއް ނުފޮނުވަމެވެ. އެކަމަކު މިސިޒް ރަފީޤު އަތުގައި އަހަރެންގެ ފޮޓޯއެއް އޮވެދާނެ ކަންނޭނގެއެވެ.... އަދި އޭނާ އެފޮޓޯގަނޑު ދިނީކަމުގައި ވެދާނެއެވެ.]
[އިތުރަށް ހުޝިޔާރު ވެލައްވަން ނޫޅުއްވާށެވެ.]
[އެއްގޮތަކަށްވެސް އަހަންނަކަށް ނޭނގެއެވެ. ކޮންފޮޓޯއެއް ހެއްޔެވެ؟] ޖަލާލީ އެކިލަފުޒަށް ބާރުލަމުން ބުންޏެވެ.
[ހަމަ ނޭނގޭތޯއެވެ.] ޖަޔާ ރަޖާގަނޑު އެއްލާފައިފިއެވެ. އަދި ރުޅިވެރި ކަމާއެކު އެނދުން ފުއްމާލައިފިއެވެ. ދެވަނަ ހިނދުކޮޅުގެ ތެރޭގައި އޭނާ ދަބަސް ހިފައިގެން އަތުވެއްޖެއެވެ. އަދި އޭނާ ރައްކާތެރި ކަމާއެކު ގެންގުޅެމުން އައި ފޮޓޯގަނޑު ދަބަހުން ނަގައިފިއެވެ.
އޭނާ ރުޅިއައިސްފައި ޖަލާލީއާ ދިމާއަށް ފޮޓޯގަނޑު އެއްލާލައިފިއެވެ. އަދި ދެލޯ ރަތްކޮށްލާފައި ޖަލާލީއާ ދިމާއަށް ބަލަން ފަށައިފިއެވެ. ފޮޓޯގަނޑު ޖަލާލީގެ ފައިކައިރިއަށް ވެއްޓިއްޖެއެވެ. އެއާއެކު އޭނާ އަވަހަށް ގުދުވެފައި ފޮޓޯގަނޑު ނަގައިފިއެވެ. ފުރަތަމަ ބަލާލިއިރު އޭނާގެ ފޮޓޯ ކަމުގައި ހީކުރެވުނެވެ. އެކަމަކު އެއީ އޭނާގެ ފޮޓޯއެއް ނޫނެވެ. ހަމައެކަނި އޭނާއާ ވައްތަރީ އިސްތަށިގަނޑުގެ ސްޓައިލެވެ.
މިއީވެސް ރީތި މީހެއްގެ ފޮޓޯއެއް ނޫނެވެ. ހުތުރުމީހެކެވެ. އެކަމަކުއެއީ ޖަލާލީއެއް ނޫނެވެ.
ޖަލާލީ އެތައް ފަހަރަކު ފޮޓޯގަނޑަށް ބެލިއެވެ. އަދި ޙައިރާން ކަމާއެކު ޖަޔާއަށް ބަލަމުން ގެންދިޔައެވެ.
ޖަޔާ.... އަގުބޮޑު ނިދާހެދުމުގައި ހުރި ޖަޔާއެވެ. އެހެދުމުގެ ތެރޭން އޭނާގެ ހަށިގަނޑު ފުރޭނިގެން ފެންނަން ހުއްޓެވެ. އެކަމަކު ޖަޔާއަކަށް މިކަމެއް އިޙްސާސެއް ނުކުރެވެއެވެ.
[މިއީ އަހަރެންގެ ފޮޓޯއެއް ނޫނެވެ.] ޖަލާލީ ޙައިރާން ކަމާއެކު ބުންޏެވެ.
[ލައްބައެވެ......] އޭނާ ބާރަށް ބުންޏެވެ.
[މިއީ އަހަރެން ފޮނުވި ފޮޓޯއެއް ނޫނެވެ. އަހަރެން މިސިޒް ރަފީޤުއަތަށް އެއްވެސް ކަހަލަ ފޮޓޯއެއް ނުދެމެވެ.] ޖަލާލީ ހަމައަވަހަށް ބުންޏެވެ.
ޖަޔާ މަލާމާތުގެ ގޮތުގައި ހީނލިއެވެ.
[ނާޖިޔާއެވެ. އަހަރެންގެ ވާހަކަ ޤަބޫލުކޮށްބަލާށެވެ. އަހަރެންފޮޓޯއެއް ނުފޮނުވަމެވެ. މިސިޒް ރަފީޤު ޕާކިސްތާނަށް ދިޔައިރު އެހާ ސީރިއަސް ގޮތެއްގައި އަހަރެންގެ ކައިވެނީގެ ވާހަކަ ދެކެވިފައެއް ނެތެވެ. އެއީ ކުޑަގޮތަކަށް ދެކެވުނު ވާހަކައެކެވެ. މި ޕްރޮގްރާމް ރޭވީވެސް ހުރިހާ ރަޙްމަތްތެރިންނެވެ. އެހެން ނޫންނަމަ އަހަ...... އަހަރެން......އޭނާ އަޅައި ގެންފިއެވެ.
ޖަޔާ ޗަކެއް ކަނޑާލާފައި އެނދާ ދިމާއަށް ހިނގައި ގަތެވެ.
ނާޖިޔާއެވެ. ފައުޒިއްޔާއާ ސުވާލުކުރާށެވެ. މިކަމުގައި އަހަންނަކަށް އެކައްޗެއްވެސް ނޭނގެއެވެ. މިފޮޓޯގަނޑު އޭނާ ޖަޔާއަށް ދިނީ ކީއްވެގެންކަމެއް ނޭނގުނެވެ.
ދިނީ އޭނާއެއް ނޫނެވެ. ޖަލާލީއެވެ. މަކަރު ހެދުމުގެ ގޮތުންނެވެ. ތިމާ ފޮރުވިގެން ހުރުމަށްޓަކައެވެ. އަމިއްލަ ފޮޓޯ ފޮނުވި ކަމުގައިވިޔަސް އަޅުގަނޑުމެން ކަހަލަ ނިކަމެތިން ތިބޭނީ ވިކިގެންނެވެ.
ޖަލާލީ ހާސްވެފައި އިނެވެ. ޖަޔާ މަލާމާތުގެ ރާގުގައި ވާހަކަ ދައްކަމުން ދިޔައެވެ.
[ފައުޒިއްޔާއާ މި މައްސަލާގައި ވާހަކަ ދެއްކުން ރަނގަޅުވާނެ ކަމުގައި އަހަންނަށް ފެނެއެވެ. އަހަރެންގެ އެއްވެސް ކުށެއްނެތެވެ. ދިފާޢުގައި އަހަންނަށް ބުނެވޭނީ މިވަރަށެވެ.]
[މިހާރު ދެން އެއްވެސް މީހަކާ ސުވާލުކުރާކަށް އަޅުގަނޑު ބޭނުމެއްނޫނެވެ.] އޭނާ ގޮތަކަށް ނިންމާފައިވާ ރާގެއްގައި ބުންޏެވެ......... [އަޅުގަނޑު އެނބުރި ރަށަށް ދާނީއެވެ........]
ޖަލާލީ އިސް ޖަހާލައިގެން އިރުކޮޅަކު އިނެވެ. ދެން އަނެއްކާވެސް ބުންޏެވެ.
[އެންމެ ރަނގަޅެވެ. އަހަރެންވެސް މިތަނަށް މިއައީ ތިޔަ މައްސަލާގައި ޖަޔާއާ ވާހަކަ ދައްކަން ވެގެންނެވެ.]
އޭނާ ޖަޔާގެ ޖަވާބެއްގެ އިންތިޒާރުގައި އިނެވެ. އެކަމަކު އެކައްޗެއްވެސް ނުބުންޏެވެ. އޭނާ އެނދުމަތީގައި އޮތް ދަބަސް ނަގާ މޭޒުމައްޗަށް އެއްލާލާފައި އެއްބާލީސް މަތީގައި އަނެއް ބާލީސް ބާއްވާލިއެވެ. ދެން ބުންޏެވެ. [އަޅުގަނޑަށް ދެވޭނެގޮތެއް ހައްދަވައި ދެއްވާށެވެ.]
[އާއެކެވެ......] ޖަލާލީ ފުން އާހެއް ދޫކޮށްލި ކަހަލަ ގޮތަކަށް ބުންޏެވެ. ޖަޔާ ބޭއިޚްތިޔާރުގައި އެނބުރިލާފައި ބަލާލިއެވެ. އެކަމަކު ހަމައަވަހަށް އަނެއްކާވެސް އަނެއް ފަރާތަށް އެނބުރިއްޖެއެވެ. އަދި އެނދުމަތީގައި އޮތް ރަޖާގަނޑު ރަނގަޅުކުރަން ފަށައިފިއެވެ.
[ޖަޔާއެވެ. ފުރުމުގެ ކަންތައް އިންތިޒާމު ކުރުމުގައި ކުޑަ ދުވަސްކޮޅެއް ވާނެއެވެ.] އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ކުރެހިފައިވާ އަޑަކުން ޖަލާލީ ބުންޏެވެ. [އެހާ ދުވަސް ވަންދެން ޖަޔާ........]
[ލައްބައެވެ. އަޅުގަނޑު އިންތިޒާރު ކުރަން ޖެހެއެވެ.] އޭނާ ހަރުކަށި ގޮތަކަށް ބުންޏެވެ.
[ޖަޔާ ހިތްހަމަ ޖެހިގެން މިގޭގައި އިންނާށެވެ. އެއްވެސް އުނދަގުލެއް ދަތިކަމެއް ޖަޔާއަށް ނުލިބޭނެކަމުގެ ޔަޤީންކަން އަހަރެން ޖަޔާއަށް ދެމެވެ. އަދި....... އަދި.......]
އޭނާ ހިމޭން ވެއްޖެއެވެ.
ޖަޔާ މަލާމާތުގެ ގޮތުގައި ޝުކުރިއްޔާއޭ ބުނެލިއެވެ.
[ފިކުރު ނުކުރާށެވެ. އަހަރެން ގޭގައި ހުރުމާ ނުހުރުން ހަމަހަމަ ވާނެއެވެ.] ޖަލާލީ ބުންޏެވެ. މިސިޒް ހެރަލްޑް ހުރިހާގޮތަކުން ޖަޔާއަށް އެހީވާނެއެވެ.] އޭނާ ގޮނޑިން ތެދުވެއްޖެއެވެ.
ޖަޔާ އެއްވެސް ޖަވާބެއް ނުދެއެވެ.
ޖަލާލީ ހިމޭނުން ކޮޅަށް ހުރެފައި މަޑުމަޑުން ބުންޏެވެ. [ޖަޔާއެވެ!]
[ބޭނުން ދުވަހަކު އެއްވެސް ދައްޗެއްނެތި މިގޭގައި އިނދެވި ދާނެއެވެ.] ޖަލާލީ އިންތިހާ ދަރަޖައަށް ދެރަވެފައި ބުނެލިއެވެ.
[ޝުކުރިއްޔާއެވެ!] ޖަޔާ ހަމަ އެރުޅިވެރި އަޑުން ބުންޏެވެ. [ވެލެއްވިހާ އަވަހަކަށް އަޅުގަނޑު ރަށަށް ދިއުމުގެ ކަންތައް ހަމަޖައްސަވާ ދެއްވާށެވެ.]
[ތިޔަކަން ހަމަޖެހޭނެއެވެ...... އަހަރެމެން ދެމީހުން ވަކިވުމުގެ މުޢާހަދާ ނިމިއްޖެއެވެ..... ފުރިހަމަ އީމާން ތެރިކަމާއެކު އަހަރެންގެ ފަރާތުން އެކަންތައް ހަމަޖެހޭނެއެވެ.]
ޖަޔާ މަލާމާތުގެ އަޑެއް އިއްވާލިއެވެ.
އެހެނަސް ޖަލާލީ އެކަމަކަށް ފަރުވާލެއް ނުބަހައްޓާ ސީރިއަސް ކަމާއެކު ބުންޏެވެ. އަހަރެމެން ދެމީހުންގެ ކާވެނީގެ ގުޅުން ނުކެނޑޭހާ ހިނދަކު މިގެއާމެދު ޖަޔާގެ ފުރިހަމަ ބާރުހިނގާނެއެވެ. ބޭނުންވަރަކަށް މިސިޒް ހެރަލްޑް ގާތުގައި ބުނެގެން ފައިސާ ޚަރަދު ކުރެވިދާނެއެވެ.]
ޖަޔާގެ ހުޅުގަނޑު ފަޅައިފިއެވެ. ފުންމައިގެންގޮސް ޖަލާލީގެ ކަރުގައި ހިފުމަށް އޭނާގެ ހިތަށްއެރިއެވެ. [އަޅުގަނޑު އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ.] އޭނާ ކުރުކޮށް ޖަވާބު ދިނެވެ.
ޖަލާލީ ހިމޭން ވެއްޖެއެވެ.
އިރުކޮޅަކު އެހެން ހުރުމަށްފަހު އަނެއްކާވެސް ބުންޏެވެ. [ނާޖިޔާއެވެ!]
[ކިހިނެއްވީ ތޯއެވެ؟] ނާޖިޔާ ޒީލައަޑަކުން ބުންޏެވެ.
[ނާޖިޔާ އެއްވެސް އެއްޗެއް ނުކައި އޮންނަތާ ދެދުވަސްވެއްޖެ ނޫން ހެއްޔެވެ؟]
[އެއީ ޖަލާލީއާ ބެހޭކަމެއް ނޫނެވެ.]
[ރަށަށް އެނބުރި ދެވެންދެން މިތާނގައި އިންނަން ޖެހޭނީ ކިހާ ދުވަހަކު ކަމެއްނޭނގެއެވެ. އަހަންނަށް އެނގޭކަމަކީ އެހާގިނަ ދުވަސްތަކެއް ވަންދެން ނުކައި ނުބޮއި ނުހުރެވޭނެކަމެވެ. އަހަރެން މިގޭގައި އުޅޭނެ ދާއިރާ މިހާރު ކިޔައިދީފީމެވެ. ވީމާ މިގޭތެރޭގައި އަހަރެން އުޅުނަސް އެއީ މާބޮޑުކަމަކަށް ނުހެދުން އަހަރެން އެދެމެވެ. ބަދިގޭގައި ކާއެއްޗެހި ހުންނާނެއެވެ. އަވަނުގައިވެސް ކާއްޗެހި ހުންނާނެއެވެ. ކާންދާށެވެ. އަހަރެން ކޮންމެވެސް ވަގުތަކުން ކާނަމެވެ. ކެއުން ބުއިމާ ނުލައި ގިނަދުވަހަކު ދިރިއެއް ނުހުރެވޭނެއެވެ.]
އޭނާ ޖަޔާގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާނުލައި ކޮޓަރިން ނުކުމެއްޖެއެވެ.
އަދި މަޑުމަޑުން ހިނގާފައި ނިދާކޮޓަރިއަށް އަތުވެއްޖެއެވެ. އޭނާގެ ހިތާ ސިކުނޑި އަޖައިބެއްފަދަ ގޮތަކަށް މަސައްކަތް ކުރަމުން ދިޔައެވެ. ލޯ މައްޗަށް ފެނި މިލްކުވުމުގެ ކުރީގައި ގެއްލިގެން ދިޔަނަމަ މިހާވަރަށް އަސަރުނުކުރީސް ކަންނޭނގެއެވެ. އޭނާ ޖަޔާ ދެކެފިއެވެ. އަތްލައިފިއެވެ. އަދި ޖަޔާގެ ހަށިގަނޑުގެ މީރުވަހާ ހޫނުކަން އިޙްސާސް ކުރިއެވެ. މިއީ ފެންބޮވައި ގެންފައިހުރި މީހެއްގެ އަނގައިން ފިނި ފެންތައްޓެއް ޖަހައިގަތުން ކަހަލަ ކަމެކެވެ..... ވަރަށް ބޮޑަށް ފެންބޮވައި ގެންފައިވެއެވެ. އިންތިހާއަށް ފެނަށް ބޭނުންވެފައިވެއެވެ..... އެކަމަކު.........
އެކަމަކު އެފެންތަށިން އަތްދޫކޮށްލުމަށް އޭނާ ނިންމައިފިއެވެ. އެވާހަކަ ޖަޔާ ގާތުބުނެފިއެވެ. އަދި ޖަޔާ އެނބުރި ދިއުމުގެ އެދުން ފުރިހަމަ ކޮށްދިނުމަށް ފިސާރި ތެދުވެރި ކަމާއެކު އޭނާ ވަޢުދުވެސް ވެއްޖެއެވެ.
ބޮޑު ބޭގަރާރު ކަމެކެވެ. ހަމަނުޖެހުމެކެވެ. ހާސް ކަމެކެވެ. އޭނާ ހެނދުން ބަދަލުކޮށްލައިގެން އައިސް އެނދު މައްޗަށް ވެއްޓިގަތެވެ. އެކަމަކު ނިދި އަންނާނީ ކިހިނެއްތޯއެވެ. ފުރޮޅި ފުރޮޅި އޮންނަތާ ވަރަށް ގިނައިރު ވެއްޖެއެވެ.
އެންމެ ފަހުން ބަނޑުހައިކަމުގެ އިޙްސާސްކުރެވެން ފަށައިފިއެވެ. ނުނިދިގެން އުޅެނީ ބަނޑުހައިކަމުގެ ސަބަބުން ނޫންކަމެއްވެސް ނޭނގެއެވެ. ދެވައްތަރެއްގެ ބަނޑުހައި ކަމެކެވެ. ބަނޑުގެ ހައިކަން ފިލުވާ ލެވިދާނެއެވެ. ބަނޑުފުރާ ކާލުމުން ފަހަރެއްގައި ހަމަޖެހުމެއް ލިބިދާނެއެވެ. މިގޮތަށް ވިސްނާލާފައި އޭނާ އެދުން ތެދުވެއްޖެއެވެ...... ކޮޓަރިން ނުކުމެއްޖެއެވެ...... މަޑުމަޑުން ހިނގާފައި ބަދިގެއަށް އަތުވެއްޖެއެވެ...... ބޮކި ދިއްލާލިއެވެ. އަވަން ހުޅުވާލިއެވެ. އެތިކޮޅެއް ނަގާފައި ހިތާދެކޮޅަށް ކާލިއެވެ..... ކައިނިމިގެން އޭނާ ތައްޓާއި އޫ ސިންކުގައި ބެހެއްޓިއިރު އޭގެ ތެރޭގައި އިތުރު ތައްޓެއްވެސް ހުއްޓެވެ. އޭނާ ތަށި ތެރޭގައި އިނގިލިޖައްސާ ބަލާލިއެވެ. އޭގައި ތާޒާކޮށް ހުރި ކާއެއްޗެހި ހިސާބަކަށް ހުއްޓެވެ.
ހަމަ ޔަޤީނުންވެސް ޖަޔާ ކެއީއެވެ.
ޖަލާލީ ހިތްހަމަ ޖެހުމުގެ ނޭވާއެއްލިއެވެ. އަދި ފުރިޖުން ފެންފުޅިއެއް ނަގާފައި ތައްޓަށް އަޅަން ފަށައިފިއެވެ....
އޭނާ އެނބުރި ނިދާ ކޮޓަރިއަށް އައިއިރު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވެއެވެ. ކުޑަ މަސައްކަތަކަށްފަހު އޭނާގެ ލޮލަށް ނިދި އަތުވެއްޖެއެވެ. އަދި ހަމަޖެހިލައިގެން ނިދައިފިއެވެ.
**********************
މިސިޒް ހެރަލްޑް ހެނދުނު މަސައްކަތަށް އައިއިރު ޖަލާލީ ހޭލައިފިއެވެ. ނާޖިޔާ ގަދަނިދީގައި އޮތެވެ. އޭނާ ޖަލާލީއަށް އެނދުމަތީ ސައި ތައްޔާރު ކުރިއެވެ. އަދި ހޫނު ސައިތަށި އޭނާ ޖަލާލީއަށް ގެންގޮސްދިނެވެ.
ދެމީހުން ދެކޮޓަރީގައި ނިދާފައި ތިބި މަންޒަރު ފެނުމުން މައްސަލަ ހިނގާފައިވާވަރު އޭނާއަށް އަންދާޒާ ކުރެވިއްޖެއެވެ. އޭނާ ފިކުރު ބޮޑުވިއެވެ..... ޖަލާލީގެ ކައިރީގައި އޭނާ އުޅޭތާ ވަރަށްގިނަ ދުވަސް ވެއްޖެއެވެ. ޖަލާލީގެ ރީތި ހިތާއި ސިކުނޑި އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޖަލާލީއާމެދު ލޯބި ޖެހިފައިވެއެވެ. ބައެއް ފަހަރު ޖަލާލީއަކީ އޭނާގެ މަރްޙޫމް ދަރިފުޅު ކަމުގައި ހީކުރެވެއެވެ. ޖަލާލީވެސް ހަމަ އެހާވަރަށް އޭނާއަށް މާތްކޮށް ހިތައެވެ.
އެހެންކަމުން ޖަލާލީގެ ޙާލަތު މިފަދަ ގޮތަކަށް ދިމާވުމުން އޭނާ ދެރަވެ ފިކުރު ބޮޑުވީއެވެ.
ހެރަލްޑް ބަދިގެއަށް އަތުވެއްޖެއެވެ.
ތަށިތައް ނަގައިފިއެވެ. އަދި އަވަނުން އެއްޗެހި ނަގާފައި ފްރިޖްގައި ބަހައްޓައިފިއެވެ. އެއަށްފަހު ކާޕެޓް ސާފު ކޮށްލާފައި ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ފަށައިފިއެވެ.
މިއަދު އޭނާ ޖަލާލީއަށް އެންމެ މީރުކެއުން ތައްޔާރުކުރުމަށް ގަސްތުކުރިއެވެ. އޭނާ ފުރިޖުން ބިހާ ގިތެޔޮ އަދި ޕާނާއި ޗީޒް ބޮޑު މިރުހާއި އަލުވި ނެގިއެވެ. ހުރިހާ އެއްޗެހި ނަގާ ކައުންޓަރު މަތީގައި ބެހެއްޓުމަށްފަހު ތެލިނެގިއެވެ. އަދި ބިސްގިރާ މެޝިން ނެގިއެވެ.
ނާސްތާ ތައްޔާރު ކުރުމުގެ ކުރީގައި އޭނާ ޖަޔާގެ ކޮޓަރި ބަލާލިއެވެ. ޖަޔާވެސް ހޭލައިފިއެވެ. ޖަޔާ ނިކުތީ ފެންވަރާ ކޮޓަރިން ކަންނޭގެއެވެ.
[ހަލޯ......! ދޮރުހުޅުވާލަމުން އޭނާ ބުންޏެވެ.
ޖަޔާގެ ބޮލުގެ އިޝާރާތުން ޖަވާބުދިނެވެ.
[ސައި ގެންނަން ތޯއެވެ؟]
[އެންމެ ރަނގަޅެވެ.]
[ހަމަ މިހާރު މިގެންނަނީއެވެ.]
[ޝުކުރިއްޔާއެވެ!]
މިސިޒް ހެރަލްޑް ފަރުވާތެރި ކަމާއެކު ޖަޔާގެ މޫނަށް ބަލާލިއެވެ. އަދިވެސް އޭނާގެ ލޮލުން ރަތްކަމެއް ކަނޑައިގެނެއް ނުދެއެވެ. މޫނުމަތީގައި ހުރީ ލޮޑުކަމުގެ އަސަރެވެ. ވަރުބަލިވެފައި ހުރިކަހަލައެވެ. ތުންފަތުގެ ކުލަ ތަޣައްޔަރު ވެފައިވެއެވެ. އެހާވަރަށް ނިދުމަށް ފަހުގައިވެސް ފެންނަނީ ވަރަށް ވަރުބަލި ގޮތަކަށެވެ.
[މިސިޒް ހެރަލްޑެވެ! އަހަރެންގެ ބޮލުގައި އެބަރިއްސައެވެ. ސަޔާއެކު ކާލާނެ ބޭސްގުޅައެއް ލިބިދާނެހެއްޔެވެ.] އޭނާ އުނދަގޫ ގޮތަކަށް މޯޅިއަކަށް ދެމިލަމުން ބުންޏެވެ.
[ލިބިދާނެއެވެ. މިހާރު މިގެންނަނީއެވެ.] ސަމައްތަރު ހެޔޮ ހެރަލްޑްގެ ކުލަޖައްސާފައިވާ ތުންފަތުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ފެތުރިގެން ހިނގައްޖެއެވެ. އޭނާގެ ހަށިގަނޑު އެހާ ފަލަކޮށް ހުރިކަމުގައި ވިޔަސް ވަރަށް ހުޝިޔާރެވެ. މޭކަޕްނުކޮށް އަދި ބޯއޮމާންނުކޮށް ފަހަރެއްގައިވެސް އޭނާ މަސައްކަތަކަށް ނާދެއެވެ. ސާދާ ހެދުމެކެވެ. އެހެނަސް ވަރަށް ސާފު ތާހިރެވެ.
އޭނާ ސައި ހިފައިގެން އަންނަން ހިނގައްޖެއެވެ.
ޖަޔާ އާފުރެން ފަށައިފިއެވެ. އެއާއެކު އޭނާގެ ބަލި ލޮލުން ވަށައިގެން ހޯދާ ބަލާލިއެވެ. އޭނާއަށް އެކައްޗެއްވެސް ނުވިސްނެއެވެ. ދެން އެތާނގައި ހުރި މަޚްމާޖެހި ވަރަށްބޮޑު ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އޭނާ ލޯމަރާލައިގެން އިނދެ އަތުގެ އިނގިލިތަކުން ނިތްކުރި މާލިސްކުރަން ފަށައިފިއެވެ. ދެދުވަހުގެ މޮޔަކަމާ ކަރުނަ އޮހޮރުވުމުގެ ސަބަބުން އޭނާގެ ޙާލު ވަރަށްބޮޑަށް ދަށަށް ހިނގައްޖެއެވެ.
މިސިޒް ހެރަލްޑް ސަޔާއެކު ބޭސް ހިފައިގެން އަތުވެއްޖެއެވެ.
[މިސިޒް ޖަލާލީއެވެ! އޭނާ މަޑުމަޑުން ޖަޔާއަށް ގޮވާލިއެވެ.
[އޯހ..... މިސިޒް ހެރަލްޑެވެ! ޖަޔާ ގޮނޑީގެ އަތްގަނޑުގައި ވަރަށް ބާރަށް އަތުން ޖަހައިފިއެވެ.
މިސިޒް ހެރަލްޑް ބިރުގެންފިއެވެ. [ކިހިނެއްވީ ތޯއެވެ؟!] އޭނާ ހާސްކަމުގެ ޢާލަމެއްގައި ސުވާލުކުރިއެވެ.
[މިސިޒް ޖަލާލީއެވެ. ނޫނެކެވެ.] ޖަޔާ ދަތްކުނޑި ވިކައިގަތުމާއެކު އަނެއްކާވެސް ގޮށްމުށުން ގޮނޑީގެ އަތްގަނޑުގައި ޖަހައިފިއެވެ. އަހަންނަކީ ނާޖިޔާއެވެ. ޖަލާލީގެ ނަން އަހަރެންގެ ނަމަކާގުޅުވާކަށް ގަސްތެއް ނުކުރަމެވެ.]
[އަސްތާއެވެ!] މިސިޒް ހެރަލްޑް ހިތާދެކޮޅަށް ހިނިތުންވަމުން ބުންޏެވެ. [ސޮރީއެވެ.]
[ދެން އަހަންނަށް ގޮވާނަމަ ހަމައެކަނި ނާޖިޔާގެ ނަމުން ގޮވާށެވެ.]
[ލައްބައެވެ.]
ޖަޔާ ސައިތައްޓާއި ބޭސްގުޅަ އަތުލައިފިއެވެ. އަދި ބޭސްގުޅަ އެފުށް މިފުށަށް ޖަހާ ބަލާލިއެވެ.
[ތިޔައީ ވަރަށް ރަނގަޅު ބޭހެކެވެ. ވަގުތުން ތަދު ކަނޑުވާލާނެއެވެ.] ހެރަލްޑް ބުންޏެވެ. އަދި ވަރަށް އޯގާތެރި ކަމާއެކު ޖަޔާގެ ކޮނޑުގައި ފިރުމާލިއެވެ.] މާތްރަސްކަލާނގެ ޖަޔާއަށް ހަމަޖެހުން ދެއްވާށިއެވެ.]
އޭނާގެ އަތުގެ ޙަރަކާތުގައި ވަނީ ކޮންކަހަލަ ޖާދޫއެއް ކަމެއްވެސް ނޭނގެއެވެ. މަންމައެއްގެ ލޯތްބެވެ. ނުވަތަ ކޮންމެވެސް އެހެން ކަމެކެވެ. އޭނާގެ ދުޢާގެ ރާގު ހިތްކަތިލާ ފަދަ ސަބަބަކަށް ވެއްޖެއެވެ. ޖަޔާ ސައިކޯވަރެއް އެތެރެކޮށްލިއެވެ. އެއާއެކު ލޮލުން ކަރުނަ އަތުވެއްޖެއެވެ.
ދެދުވަސް ވަންދެން ލޮލުގައިވާ ހުރިހާކަރުނައެއް ހިކޭވަރަށް އޭނާ ރޮއިފިއެވެ. ހީވަނީ އެންމެފަހުގެ ފެންފޮދުވެސް ލޮލުން ފައިބައިގެން ހިނގައްޖެ ހެންނެވެ. އެހެން ނަމަވެސް ލޯބީގެ އިޙްސާސް އަނެއްކާވެސް އޭނާގެ ލޯތެންމާ ލައިފިއެވެ.
[ގޯސް ކަމެކެވެ..... ނާޖިޔާއެވެ. ރޯކަށް ނުވާނެއެވެ.] ނާޖިޔާ ކަރުނަ އޮހޮރަމުންދާ މަންޒަރު ދެކެފައި ހެރަލްޑް ލޯތްބާއެކު ބުންޏެވެ.
ޖަޔާ ކަރުނަ ފޮހެލާކަށް ގަސްތެއް ނުކުރިއެވެ. މުޅި ކޯތާފަތް ތެމެން ފަށައިފިއެވެ. ސައިބުމަށް ދަތިވެއްޖެއެވެ. ހެރަލްޑް ލޯތްބާއެކު މަސަލަސް ކުރެވޭތޯ ބެލިއެވެ. އެކިއެކި ވާހަކަދައްކަން ފަށައިފިއެވެ. [ނާޖިޔާއެވެ. ހުރިހާ ބުރައެއް ސިކުނޑިން ނެރެލައްވާށެވެ. ކޮންމެވެސް ކަމަކާ މަޝްޣޫލު ވެލައްވާށެވެ..... ސިކުނޑި ހުސްކޮށް އޮތުމަކީ ކަންކަމާމެދު ފިކުރު ކުރުމަށް ދެވޭ ބާރެކެވެ. ނާޖިޔާއަށް ވަރަށްގިނަ ކަންތައް ކުރެވިދާނެއެވެ.]
[މިސިޒް ހެރަލްޑެވެ. އަހަރެން މިއުޅެނީ އެނބުރިދާށެވެ. އަމިއްލަ ވަޒަނަށެވެ. މައިންބަފައިން ކައިރިއަށެވެ. ތިމާގެ މީހުން ކައިރިއަށެވެ.] ނާޖިޔާ ފުން ނޭވާއެއް ލަމުން ބުންޏެވެ.
[އަޅުގަނޑަށް ހީވާގޮތުގައި ޖަލާލީ ޖަޔާގެ މަގަށް ހުރަހެއް ނާޅުއްވާނެއެވެ.] މިސިޒް ހެރަލްޑް ބޭއިޚްތިޔާރުގައި ބުންޏެވެ. [އޭނާއަކީ ވަރަށް މާތް ހިތްހެޔޮ އިންސާނެކެވެ.]
މިވާހަކައާމެދު ޖަޔާ ބޭޤަރާރު ކަމާއެކު ގޮނޑީގައި އިނދެ ހަށިގަނޑު ގޮތްގޮތަށް ޙަރަކާތް ކޮށްލިއެވެ. ސައިތަށި ދަމާލިއެވެ. ދެން ހުސްތަށި ދިއްކޮލަމުން ބުންޏެވެ. [ޖަލާލީއާބެހޭ އެއްވެސް ވާހަކައެއް އަހަރެން އަހާކަށް ބޭނުމެއް ނޫނެވެ.] މިސިޒް ހެރަލްޑް އަނެއްކާވެސް ހިތާދެކޮޅަށް ހިނިތުންވެލިއެވެ.
[ނާސްތާކުރައްވާނީ ކިހާއިރަކުން ތޯއެވެ؟] އޭނާ ވާހަކަ ބަދަލުކޮށްލިއެވެ.
[ތައްޔާރުވުމުން އަންގާލާށެވެ.] ޖަޔާ ގޮނޑިން ތެދުވަމުން ބުންޏެވެ.
މިސިޒް ހެރަލްޑް ތަށިހިފައިގެން އަތުވެއްޖެއެވެ. ޖަޔާ ޑްރެސިންގރޫމަށް ހިނގައްޖެއެވެ. އޭނާ އަދިވެސް ހުރީ ނިދާ ހެދުމުގައެވެ. އޭނާގެ ކާވެނި ހެދުން އެއްވެސް ތަރުތީބެއްނެތި މޭޒު މަތީގައި އޮތެވެ.
ޖަޔާ ރުޅިއައިސްގެން ކޮނޑުގައި އަޅުވާލާފައި އޮތް ހެދުން ނަގާ ގުޅައަކަށް ޖަހައިފިއެވެ. ދެން އޭނާގެ ދަބަހުންް ހެދުމެއް ނަގައިފިއެވެ.
ދަބަހުގައި ސާޅިއާއި އެހެނިހެން ވައްތަރުގެ ހެދުންތައް ހުއްޓެވެ. އާދައިގެ ހެދުމެއްނެތެވެ. އޭނާ ރުޅިއައިސްފައި ހެދުންތައް ނަގަން ފަށައިފިއެވެ. މިތަކެތި ދެކެ އޭނާ ރުޅިއާދެއެވެ. ފޫހިވެއެވެ. ނަފްރަތު ކުރެއެވެ. މިހުރިހާ އެއްޗެހި އެނާއަށް މަލާމާތްކުރާ ކަމުގައި އޭނާ ދެކެއެވެ.
އެންމެފަހުން ވަރަށް އާދައިގެ ނޫކުލައިގެ ހެދުމެއް ނަގައިފިއެވެ. އޭގެ ދޯޕައްޓާގެ ކޮޅުގައި ރަންކުލައިގެ ގޮތެއް ހަދާފައި ހުއްޓެވެ. އޭނާ އެބައި ވީދާލިއެވެ. އަދި މުޅިން އާދައިގެ ދޯޕައްޓާއަކަށް ހަދާލިއެވެ. ދެން މިހެދުން އެންމެ ރަނގަޅު ކަމުގައި ނިންމާފައި ބާކީހުރި ހެދުންތައް ގުޅައަކަށް ޖަހާފައި ދަބަހަށްް ލައިފިއެވެ. މިހާ އަގުބޮޑު ހެދުންތަކެއް މިގޮތަށް ބޮނޑި ބޮނޑި ކޮށްލުމުގައި އޭނާގެ ހިތަށް އެކައްޗެއްވެސް ނޭރިއެވެ. އެއްވެސް ފަރުވާލެއް ނުބެހެއްޓިއެވެ.
އޭނާ ފެންވަރާ ކޮޓަރިއަށް ހިނގައްޖެއެވެ. ހޫނުފެނުގެ ޝަވަރު ދަށުގައި ހުރެގެން ފެންވަރަން ފަށައިފިއެވެ. އެގޮތަށް އޭނާހުރީ ކިހާއިރެއް ވަންދެންކަމެއް ނޭނގެއެވެ. އޭނާގެ ވަރުބަލިވެފައިވާ ހަށިގަނޑަށް ހަމަޖެހުމެއްވެސް ލިބިއްޖެއެވެ.
ހެނދުން އަޅާލައިގެން ބޮލުގައި ބުރުސް އަޅާލިއެވެ. އަދި އިސްތަށިގަނޑު ފުރަގަހަށް ދޫކޮށްލިއެވެ. އޭނާ މޭކަޕްގެ އެއްވެސް އެއްޗެއްގައި އަތެއް ނުލައެވެ. ހުރިހާ އެއްޗެއް ދެކެ އޭނާ ފޫހިވެފައިވާ ކަހަލައެވެ.
ގާތްގަނޑަކަށް ބައިގަނޑިއެއްހާއިރު ފަހުން މިސިޒް ހެރަލްޑް ފައިވާނުން އަޑުގޮއްވަމުން އައިސް ބެޑްރޫމަށް ވަދެއްޖެއެވެ.
[ނާސްތާ ތައްޔާރު ވެއްޖެއެވެ. ދުރުވަންވީ ނޫންތޯއެވެ؟]
[ބަދިގެއަށް ހެއްޔެވެ؟]
[ލައްބައެވެ!]
[ހިނގާށެވެ.]
އޭނާ މިސިޒް ހެރަލްޑާއެކު ބެޑްރޫމުން ނުކުމެއްޖެއެވެ.
[ނާޖިޔާއެވެ. މިއަދަކީ އުޑުމަތި ވަރަށް ސާފު ދުވަހެކެވެ. މިއަދު ނާޖިޔާ ގޮވައިގެން އަޅުގަނޑު ހިނގާލަން ދާނަމެވެ. އޭރުން ހިތްހަމަޖެހި އުފާވެރިކަން އިޙްސާސް ކުރެވިދާނެއެވެ.
[އަަރެން އެއްތާކަށްވެސް ނުދާނަމެވެ.]
[ގޯސް ޚިޔާލެކެވެ. މިތާނގައި ނާޖިޔާ ހުންނެވިހާ ދުވަހަކު އަޅުގަނޑު އެކިއެކި ތަންތަން ދައްކާލަން ނާޖިޔާ ގޮވައިގެން ދާނަމެވެ. ދުރުހިލޭގޮތް އެއްގޮތަކަށްވެސް ޚިޔާލު ނުކުރައްވާށެވެ. ތެދެކެވެ. ނާޖިޔާއާމެދު ކެހިވެރި ގޮތަކަށް ޢަމަލު ކުރެވިއްޖެއެވެ. އެކަމަކު އަމިއްލަ ހަށިގަނޑަށް އަނިޔާ ނުދެއްވާށެވެ. ނާޖިޔާއަކީ އަމިއްލަ އިޚްތިޔާރުގެ ވެރިއެކެވެ. ނާޖިޔާ ޖަލާލީއާ ވަކިވުމަށް ނިންމަވައި ފީމުއެވެ. އެންމެ ރަނގަޅެވެ. އެހެން ނަމަވެސް ޙަޔާތުގެ ހުރިހާ ކަންތައްތަކަކާ ވަކިވެ ލައްވައިގެން ނުވާނެއެވެ....... ކޮންމެގޮތެއް ވީކަމުގައި ވިޔަސް މިހާރު މިއޮތީ މިތަނަށް ދުރުވެވިފައެވެ. ރަނގަޅަށް ތަންތަން ބައްލަވާ ލައްވާށެވެ. އަޅުގަނޑު ވަރަށް ރީތި ތަންތަން ދައްކާލާނަމެވެ.]
ޖަޔާ ހިމޭން ކަމާއެކު އޭނާގެ ފަހަތުން ހިނގަމުން ދިޔައެވެ. ބަދިގެއާ ހަމައަށް ދިޔައިރު މިސިޒް ހެރަލްޑް އޭނާއަށް ވަރަށް ފުރިހަމަ ތަޤްރީރެއް ދީފިއެވެ.
ޖަޔާވެސް ވިސްނާލިއެވެ. މިއޮތީ މިތަނަށް އާދެވިފައެވެ. އެހެންވީމާ ދިއުމުގެ ކުރީގައި މިސިޒް ހެރަލްޑްގެ ބަހަށް ޢަމަލުނުކުރާނެ ކަމެއްނެތެވެ. އެހާދުވަސް ވަންދެން ގޭތެރޭގައި އެކަނި ހާސްކަންމަތީގައި އިނުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަމިއްލަ ގޮތުގައި ހައްޔަރުވެގެން އިންނަންވީ ކީއްކުރަން ހެއްޔެވެ؟
މިސިޒް ހެރަލްޑް ބަދިގޭގެ ދޮރުހުޅުވާލިއެވެ. ދުރުވާށެވެ!]
ޖަޔާ ބަދިގޭގައި ފައި އަޅާލިއެވެ.
އޭނާގެ ނަޒަރު ކަނާތް ފަރާތުގައި ހުރި ހަތަރެސްކަން މޭޒުގެ މައްޗަށް ހުއްޓިއްޖެއެވެ. މޭޒު މަތީގައި ވަރަށްރީތި ބޮޑު ރުމާލެއް އަޅާފައި އޮތެވެ. ނާސްތާގެ ތަށިތައް އަތުރާލާފައިވެއެވެ. ހަތަރު ފަރާތުގައި ގޮނޑި އަތުރާލާފައިވެއެވެ.
އެއްގޮނޑީގައި ޖަލާލީ އިނެވެ.
ޖަލާލީގެ މޫނަށް ނަޒަރު ހުއްޓުމާއެކު ޖަޔާގެ ފިޔަވަޅު ހުއްޓިއްޖެއެވެ. އޭނާގެ ހަށިގަނޑުގައި އަލިފާން ރޯވެއްޖެއެވެ. ރުޅިއައިސްފައި ހެރަލްޑާ ދިމާއަށް ބުންޏެވެ. [އަހަރެން މިތަނަށް ގެނައީ ކީއްކުރަން ހެއްޔެވެ؟]
[ނާސްތާ ކުރާށެވެ.] އޭނާ ޓްރޭ ނަގަމުން ބުންޏެވެ.
[އަހަރެންގެ ނާސްތާ ކޮޓަރިއަށް ގެންގޮސް ދޭށެވެ.] އޭނާ ރުޅިއައިސް ރަތްވެފައި އެނބުރި ހިނގައި ގަތެވެ. އަދި ބާރު ފިޔަވަޅު އަޅަމުންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
ކޮޓަރިއަށް ވަދެފައި އޭނާ ރުޅިވެރި ކަމާއެކު ދެކޮޅަށް ހިނގަން ފަށައިފިއެވެ. ބައެއް ފަހަރު ހުއްޓި ހުރެގެން ވިސްނައެވެ. ބައެއް ފަހަރު ގޮށްމުށް ކަވާލައެވެ. ދަތްކުނޑި ވިކާލައެވެ. ފުންކޮށް ނޭވާލާން ފަށައެވެ.
މިސިޒް ހެރަލްޑް ނާސްތާ ހިފައިގެން އަތުވެއްޖެއެވެ. އޭނާ އައިސް ވަނުމާއެކު ޖަޔާ ތުންތަޅުވައި ގަތެވެ.
[އެމީހާއާއި ކުރިމަތިލާކަށް އަހަރެން ޤަބޫލެއްނޫނެވެ. މިގޭގައި މިގޮތަށް ހުރެގެން އަހަރެންގެ ނިންމުމަށް ބަދަލު ގެނެސްފާނެ ކަމުގައި އޭނާ ހީކޮށްފާނެ ކަންނޭގެއެވެ. އެއީ ކުށް ހީއެކެވެ. އެކަށީގެންނުވާ ކަމެކެވެ..... އެއީ ކެހިވެރިއެކެވެ. ފަހަރެއްގައިވެސް އޭނާއަކީ ތެދުވެރިއެއް ކަމުގައި ނުދެކޭނަމެވެ.
މިސިޒް ހެރަލްޑް ހިމޭނުން ހުއްޓެވެ. ޖަޔާ ވާހަކަ ދައްކަމުން ދިޔައެވެ. ބައެއް ފަހަރު މަޑުންނެވެ. ބައެއް ފަހަރު ބާރަށެވެ. ބާރަށް ވާހަކަ ދައްކަމުން ދާއިރު ބަދިގޭގެ ދޮރުކައިރީގައި ހުރި ޖަލާލީއަށްވެސް އަޑު އިވެއެވެ. މިސިޒް ހެރަލްޑް މޭޒުމަތީގައި ނާސްތާ ތަބައް ބަހައްޓާފައި އެނބުރި އަތުވެއްޖެއެވެ.
[ވަރަށް ގޯހެވެ.] އޭނާ ބަދިގެއަށް ވަދެފައި ބުންޏެވެ. [ޖަލީލާއާމެދު އަޅުގަނޑު ހަމްދަރުދީވަމެވެ.]
ޖަލާލީ އައިސް ގޮނޑީގައި އިށީނދެއްޖެއެވެ. އަދި މޭޒުގައި ދެއުޅަބޮށި ވިއްދާލާފައި ބޮލުގައި ހިފަހައްޓާލިއެވެ. އޭނާ ވަރަށް ކަންބޮޑު ވެއްޖެއެވެ.
ޖަޔާއާ ގުޅުން ކަނޑާލަން ވަޢުދުވުމަށް ފަހުގައިވެސް އޭނާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ދެކޭކަށްވެސް ޖަޔާގެ ހިތެއް ނުރުހެއެވެ.
ބާކީ އޮތް ދުވަސްތައް ހޭދަކުރާނީ ކިހިނެއް ބާވައެވެ؟!
އޭނާ މިގެ ދޫކޮށްދާންވީ ހެއްޔެވެ؟!
ހިތިއަސަރުތައް ޖަލާލީގެ މޭ ފޫއަޅުވަމުން ދިޔައެވެ. މިޖެހުނީ ކިހާބޮޑު ބައްޔެއް ހެއްޔެވެ. އޭނާގެ އިޚްލާޞްތެރި ރަޙްމަތްތެރިން ދެކެވެސް މިހާރު ރުޅިއަންނަން ފަށައިފިއެވެ. މިހާ ދަތި އުނދަގޫ މަޅިއެއްގައި އޭނާ ޖެއްސީތީއެވެ. އޭނާގެ އަނބުރާ ޤަދަރުވެސް ވެއްޔާ މޮޑެވިއްޖެއެވެ.
[މިސްޓަރ ޖަލާލީއެވެ. ސައިބައްލަވަން ފައްޓަވާށެވެ.] މިސިޒް ހެރަލްޑްގެ އަޑަށް އޭނާ ބޮލުން އަތް ނައްޓާލިއެވެ.
[ހެރަލްޑެވެ!] އޭނާ ބަރުއަޑަކުން ބުންޏެވެ.
[ކީކޭތޯއެވެ؟] ހެރަލްޑް ބުންޏެވެ.
[ކުރިއަށް އޮތްތާނގައި ރައްކާތެރި ވާށެވެ. ނާޖިޔާއަށް ނާސްތާ ގެންދާނީ ކޮޓަރިއަށެވެ.]
[ލައްބައެވެ!]
[ޚުދު އަހަރެންވެސް އޭނާ މިތާނގައި އިންހާ ދުވަހަކު އޭނާގެ ކުރިމައްޗަށް އަރާކަށް ބޭނުމެއްނޫނެވެ.]
[ރަނގަޅެވެ.....]
[ހެރަލްޑް ހުރިހާ ގޮތަކުން އޭނާއާމެދު ޚިޔާލު ބަހައްޓާށެވެ. އަހަރެން ބުނެފައިވާ ގޮތަށެވެ.]
[ހުރިހާކަމެއް ބުނުއްވި ގޮތަށް ކުރެވޭތޯ ބަލާނަމެވެ.]
[ކޮންމެވެސް ގޮތަކުން މިއަދު އޭނާ ބޭރަށް ގެންދެވޭތޯ ބަލާށެވެ. އޭނާ މިރަށަށް އައިފަހުން އެއިންނަނީ ގޭގައި ހައްޔަރުވެފައެވެ.]
[ލައްބައެވެ. ޚުދް އަޅުގަނޑުވެސް މިވިސްނަނީ ތިޔަކަމާ މެދުގައެވެ.]
[ކޮންމެ ގޮތަކުން ނަމަވެސް ވަގުތު ހޭދަކުރަން ބޭނުމެވެ. އޭނާ އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ބަރު އަދި ކުރަކި އަޑަކުން ބުންޏެވެ. [ވަރީގެ ކަރުދާސްތައްވެސް ފުރިހަމަކުރަން އެބަޖެހެއެވެ. މިހުރިހާކަމެއް ކުރުމުގައި ދުވަސްކޮޅެއް ވާނެއެވެ.
[ލައްބައެވެ. ވަގުތު ބޭނުންވާނެއެވެ. އެކަމަކު މިދުވަސްކޮޅުގެ ތެރޭގައި އޭނާ........]
[ބޭކާރު ވާހަކަ ނުދައްކާށެވެ. ވަރީގެ ފޯމުތަކާ ލިޔުންތައް ފުރިހަމަކުރަން ކޮންމެހެންވެސް ޖެހޭނެއެވެ. ގޮތަކަށް މިހާރުވެސް މިތިބީ ވަކިވެފައެވެ.]
[މިސްޓަރ ޖަލާލީއެވެ!]
[ވިސްނައިދޭން މަސައްކަތް ނުކުރާށެވެ. އަހަރެން މިކަމުގައި ބަލިވެއްޖެއެވެ.]
މިސިޒް ލެރަލްޑް ހިމޭން ވެއްޖެއެވެ. އޭނާ އެއްޗެކޭ ބުނެގެންވެސް ނުވާނެއެވެ. މިއީ އޭނާއާ ބެހޭކަމެއްވެސް ނޫނެވެ. ޖަލާލީގެ ޒާތީ މައްސަލައެކެވެ. ޖަޔާގެ އަމިއްލަ މައްސަލައެކެވެ. ރުހުމާއި ނުރުހުމުގެ މުޢާމަލާގައި ދެމީހުންނަށްމެ މިނިވަން ޚިޔާލު ލިބިގެންވެއެވެ. އެއްވެސް މީހަކާމެދު މަޖުބޫރު ކުރުމަކީ ތަހްޒީބާ ޚިލާފު ކަމެކެވެ. މުޖްތަމަޢުގައި ނެތްކަމެކެވެ. އޭނާ މިކަމާ ބެހޭގޮތުން ޚިޔާލެއް ދިނީވެސް ހަމައެކަނި އިންސާނީ އާދަކާދައިގެ މަތިންނެވެ. ޖަލާލީއާމެދު ހަމްދަރުދީވުމުގެ ގޮތުންނެވެ.
[ބްރީފް ކޭހުގައި ފައިސާ ހުންނާނެއެވެ. ނާޖިޔާއަށް ބޭނުންވެދާނެ ކަންނޭގެއެވެ. އޭނާއަށް ދޭށެވެ.]
މިސިޒް ހެރަލްޑް މަޑުމަޑުން ބޯހަލުވާލިއެވެ. ދެން މޭޒުމަތީގައި ހުރި ތަށިތައް ޖަލާލީއާ ކައިރިކޮށްލިއެވެ. ޖަލާލީ ހިތްވަރު ކޮށްލާފައި ކޮންމެވެސް ވަރަކަށް ކައިފިއެވެ. ޓޯސްޓް ކަރުތެރޭގައި ތާށިވެއްޖެއެވެ.
މަސައްކަތު ދިއުމުގެ ކުރީގައި އޭނާ ވަރަށް ރަނގަޅަށް ނާޖިޔާއާމެދު ހުރިހާގޮތަކުން އެހީތެރިވެދިނުމަށް ހެރަލްޑް ގާތު ބުންޏެވެ. ހިތްއުފާ ކޮށްދިނުމަށްޓަކައި ބުރުޖަހާލަން ގެންދިޔުމަށް ބުންޏެވެ. އަދި ޖަޔާ ބޭނުންވަރަކަށް ފައިސާ ދޭންވެސް ބުންޏެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު