ޞާދިރު ޢަލީދީދީ   27 އޯގަސްޓު 2020 - 13:30
ސަންޑޭ
ސަންޑޭ
އެޕިސޯޑް 04

...............

[މުނާޒް ތިހެން ތިބުނަނީ އަހަންނަށް ހިތްވަރުދޭންވެގެން. މިކައިވެންޏާ ދެކޮޅަށް މުނާޒަށް ކުރެވޭނީ ވަކި ކޮންކަމެއް؟] ނަދުހާ ރޮމުން މުނާޒްގެ ކޮނޑުގައި ބޯއަޅާލިއެވެ.

[ވަގުތުންވެސް އަހަންނަށް ހުއްޓުވިދާނެ. އެކަމަކު އެހާ އަވަސްވެގަނެގެން އުޅޭކަށް އަހަރެން ބޭނުމެއް ނޫން.] ޔަޤީންކަމާއެކު މުނާޒް ބުންޏެވެ.

އެއީ ތެދެކެވެ. އޭނާ ބޭނުންވެއްޖެއްޔާ ހަމަ މިހާރުވެސް އެކައިވެނި ހުއްޓުވިދާނެއެވެ. އޭނާއަށް އެ ބާރު ލިބިގެންވެއެވެ. ނަމަވެސް، އެހެން ބުނާ ބުނުމަކަށް ނަދުހާ އިތުބާރެއް ނުކުރެއެވެ. ނަދުހާ ޔަޤީން ކުރަނީ މުނާޒް އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް މުނާޒަކީ ކާކުކަން އެނގޭނަމަ އޭނާވެސް ޤަބޫލުކުރާނެއެވެ.

ދަންވަރުގެ ހިމޭން ވަގުތަށްވިޔަސް، ނަވާލްގެ ސިކުނޑި ހިމޭނެއް ނޫނެވެ. އޭނާގެ ވިސްނުމާއި ފިކުރުތަކުގައިވަނީ ނަދުހާގެ ޚިޔާލުތަކެވެ. ކައިވެންޏަށްފަހު އޭނާ އުޅޭނެ އުފާވެރި ދިރިއުޅުމެވެ. ނަދުހާގެ ރީތިކަމާއި ފަރިކަމުގެ ހިޔަލުގައި އުޅޭނެ އުފާވެރިގޮތެވެ. އެއީ ފޮނި އުންމީދުތަކެވެ. އޭނާގެ އެ ފޮނި އުންމީދުތައް ފުރިހަމަވާކަށް ދެން މާގިނަ ދުވަހެއް ނެތެވެ. މިހާރު ކައިވެންޏަށް ވަނީ ތާރީޚާއި ވަގުތުވެސް ކަނޑައެޅިފައެވެ. އެއީ އަވަސް މުސްތަޤްބަލެއްގެ ދުވަހެކެވެ. މިހާރު އޭނާ ގުނަމުން އެދަނީ އިންތިޒާރުގެ ވަގުތުތަކެވެ.

[ނަވާލް، ނަވާލް.....ކޮޓަރީގެ ބޭރުން އިވުނު ނަދުހާގެ އަޑަށް ނަވާލަށް ފުންމައިގެން ތެދުވެވުނެވެ. ނަމަވެސް، އެއަޑު ދެވަނަފަހަރަށް އިވެންދެން އޭނާއަށް އޮވެވުނެވެ.

[ނަވާލް ދޮރު ހުޅުވަބަލަ....] މިފަހަރު ނަދުހާގެ އަޑު އިވުނީ ސީދާ ކޮޓަރި ދޮރުމަތިންނެވެ. ނަވާލަށް ފުރަތަމަ ބަލައިލެވުނީ ގަޑިއަށެވެ. އޭރު ގަޑިން މެންދަމުން އަނބުރައި ދޭއްޖަހާ ބޮޑުވެއްޖެއެވެ. ނަވާލް އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލައިފިއެވެ.

[ނަދޫ....] ދޮރުމަތީގައި ހުރީ ނަދުހާއެވެ. ހިނިއައިސްފައެވެ. އެ ހިނިތުންވުމުގައި ފޮރުވިފައިވާ މާނަ ނޭނގޭތީ، ނަވާލުގެ ހިތް އުފަލުން ފޮޅުނު ކަހަލައެވެ.

[އަވަހަށް އެތެރެއަށް ވަދޭ.] ނަވާލް ދަޢުވަތު ދިނެވެ. ނަދުހާ ލުއި ހިނިތުންވުމަކާއެކު އެތެރެއަށް ވަނެވެ.

[އިށީނދޭ....މާ ދަންވަރެއްގައި އަނެއްކާ ކިހިނެއްވީބާ؟] ނަވާލް ބޯކަހާލިއެވެ. ހީވާކަހަލައެވެ. ނަދުހާ އައިސް އޭނާގެ ކޮޓަރިއަށް ވަދެފާނެކަމުގެ ޔަޤީންކަން އޭނާއަށް ނުލިބެނީއެވެ. ހިތަށްއަރައެވެ. މިފެންނަނީ ޙަޤީޤަތެއްބާވައެވެ؟ މިއީހަމަ ނަދުހާ ހެއްޔެވެ؟

[އާނ ނަދުހާ، އަހަންނަށް އެނގޭ ނަވާލަށް ޤަބޫލު ނުކުރެވޭނެކަންވެސް.] ލުއި އަޑަކުން ނަދުހާ ހީގަތެވެ.

[މިއޮއް ދަންވަރު ކީއްކުރަން. އަބަދުވެސް ހަނދާންވޭ.] ނަދުހާ ގޮނޑިއެއްގައި އިށީނެވެ.

[ނަދޫ ތިވަރަށް އަހަރެން މަތިން ހަނދާން ކުރާކަށް އެނގުމުން ވަރަށް ވަރަށް އުފާވެއްޖެ.] ނަވާލް ނަދުހާއާ ޖެހިގެންހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ. ނަވާލް މިހާރު އެވަނީ އުފަލުން ކުރާނެ ނުކުރާނެ ކަމެއް ނޭނގޭ ޙާލުގައެވެ. އެހާވެސް އޭނާއަށް ލިބިފައިވާ އުފާވެރިކަން ބޮޑެވެ.

[އަޅެ ނަދޫ މިކޮޓަރިއަށް ވަނުމުން، މިތަނަށް ވެރިވެފައިވަނީ ކޮންފަދަ އުފަލެއްކަން ބަޔާންކުރަންވެސް ދަތި. ޓީ.ވީ މަތީގައި އެހުރި ގަސްވެސް ހީވަނީ އުފަލުން ނަށާހެން. ނަދޫ....އަހަރެން ނަދޫގެ އަތުގައި ހިފާލަންތަ؟] ނަވާލް އޭނާއިން ގޮނޑި ކުރިއަށްވުރެން ކައިރިއަށް ޖައްސާލިއެވެ. ނަދުހާ އިސްއުފުލައިލުމަށްފަހު އޭނާގެ ތުނިތުނި އަތްތިލަ ނަވާލާ ދިމާއަށް ދިއްކުރިއެވެ. ނަވާލަށް ފުރަތަމަ، ދެލޯ މަރާލެވުނެވެ. އެއަށްފަހު، އޭނާ ނަދުހާ ދިއްކުރި އަތުގައި މަޑުމަޑުން ހިފެހެއްޓިއެވެ. ހަމައެއާއެކު، އޭނާއަށް އިޙްސާސް ކުރެވުނީ އަލިފާނެއްގައި އަތްލެވުނުހެންނެވެ. އޭނާ ތެޅިގެންފައި އަތްފޮޅުވާލިއެވެ. އެއީ މީގެކުރިން ދުވަހަކުވެސް ނުކުރެވޭފަދަ ތޫނު އިޙްސާސެކެވެ.

[ކިހިނެއްވީ؟] ނަދުހާ އެއްމިޔަކަނުން ހީލަމުން ބުންޏެވެ. ނަވާލަށް މާނޭވާލެވެން ފެށުނެވެ.

[ކަމެއްނުވޭ....] ހީވަނީ އަދިވެސް އެދިލަ ހޫނު، އޭނާގެ ހަށިގަނޑުގައި ދައުރުކުރާހެންނެވެ.

[އުނހު، ކޮންމެވެސް ކަމެއްވެއްޖެ. އަހަރެން ދާންވީތަ؟.....] ނަދުހާ ތެދުވެއްޖެއެވެ.

[ނޫން...ނޫން...އަދި މަޑުކުރޭ....] ނަވާލް ނަދުހާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ނަދުހާ އަނެއްކާވެސް އިށީނދެއްޖެއެވެ.

[ނަވާލް....ނަވާލް....] މަސްތީ އަޑަކުން ނަދުހާ ނަވާލަށް ގޮވާލުމަށްފަހު، އަތް ނަވާލާ ދިމާއަށް ދިއްކުރިއެވެ. ނަމަވެސް، އެއަތްތިލައަށް ބަލަހައްޓައިގެން ނަވާލަށް ހުރެވުނީއެވެ. ހީވަނީ ހަދާނެ ގޮތް ހުސްވެފައި ހުރިހެންނެވެ.

[ނަވާލް ބުނީމެއްނު، އަހަރެންގެ އަތުގައި ހިފާލަން ބޭނުމޭ. ނިކަން ލޯބިން މިއަތުގައި ފިރުމާލަބަލަ.] ނަދުހާ ކުރިއަށްވުރެ ނަވާލާ ގާތަށް ޖެހިލިއެވެ.

[ނޫން...މިހާރަކު ނޫން....އަހަރެން ވަރަށް ހާސްވެއްޖެ. މިވަގުތު ނަދޫ މިތަނުންދޭ.] ނަވާލް ގޮނޑިން ތެދުވެގެން ގޮސް އެނދުގައި އިށީނެވެ. ހީލުމަށްފަހު ނަދުހާ ގޮސް ކޮޓަރިން ނުކުމެއްޖެއެވެ.

ނަދުހާ ނުކުތުމާއެކު، ނަވާލް އޭނާގެ އަތަށް ބަލައިލިއެވެ. އޭނާގެ އަތުން ނަދުހާގެ އަތުގައި ޖެހުނު ހިސާބުހުރީ ރަތްވެފައެވެ. ހީވަނީ ފިހިފައި ހުރިހެންނެވެ. އަދިވެސް އެތެރެހަށީގައިވެސް އެވަގުތު ކުރެވުނު ހޫނުގެ އަސަރު އެބަހުއްޓެވެ. ހީވަނީ ހަށިގަނޑުގެ އެކިދިމަދިމާއަށް އެ ހޫނުކަން ދައުރުވަމުންދާހެނެވެ. އެހެންކަމުން، އިސާހިތަކު (އުދުރަކަށް) އޭނާ ދާހިއްލާ ފޯވެއްޖެއެވެ.

އެރޭ ނަވާލްގެ ލޮލަކަށް ހިނދުކޮޅަކަށްވެސް ނިންޖެއް ނާދެއެވެ. ހީވާކަހަލައެވެ. ނަދުހާ ދިޔައީ އޭނާގެ ލޮލުގައިވި ނިދީގެ އަސަރުތައް ހިފައިގެންނެވެ. އޭނާގެ ލޯމަތިން ސިފަވަމުންދަނީ ނަދުހާގެ އަތުގައި ހިފި ވަގުތު އޭނާއަށްވީ ގޮތެވެ. އެހިނދު ނަދުހާގެ މޫނުމަތިން ފާޅުވި ކުލަވަރެވެ. އެހެންކަމުން، އެރޭ އިރުގެ އަލިކަން ދުނިޔެމައްޗަށް ފާޅުވަންދެން އޭނާ އޮތީ އެހާލެއްގައެވެ.

އޮފީސް ގަޑި ޖެހުމުން މަންމަ ގޮވިއިރުވެސް އޭނާ އޮތީ އެވިސްނުމުގައެވެ.

[ދަރިފުޅާ މިއަދު އޮފީހަށް ނުދާ ދުވަހަކީތަ؟] މަންމަ ދޮރުގައި ޓަކިޖެހިއަޑުވެސް އިވުނެވެ. ނަވާލް ގޮސް ދޮރު ހުޅުވިއެވެ.

[މިއަދު އޮފީހަކަށް ނުދެވޭނެ. ކުޑަކޮށް ބޮލުގައި ރިއްސާތީ މިއުޅެނީ.] ނަވާލް ދޮރު ހުޅުވާލުމަށްފަހު، އަނެއްކާވެސް އޮށޯވެއްޖެއެވެ.

[ބޭސް ގުޅައެއް ގެނެސްދެންތަ؟] މަރީނާ އެއްސެވެ. ނަވާލް ބޯޖަހާލިއެވެ. މަރީނާ ކޮޓަރިން ނުކުތެވެ. އޭނާ މަންމަ ގާތު ދޮގުހެދީ ޙަޤީޤަތް މަންމައަށް ހާމަކުރަން (ރޭގައި އެކޮޓަރިއަށް ނަދުހާ އައި ވާހަކަ) ލަދުގަންނާތީއެވެ. އިސާހިތަކު މަރީނާ ޕެނަޑޯލް ދެގުޅަޔާއި ފެން ގެނެސްދިނެވެ.

[އަހަރެން ފާޚާނާއިން ނުކުމެ ބޭސް ކައިފާނަން، މަންމަދޭ.] ނަވާލް ގޮސް ފާޚާނާއަށް ވަނީ މަންމަ ކޮޓަރިން ނެރުމުގެ މަޤްޞަދުގައެވެ. މަރީނާ ކޮޓަރިން ނުކުތީ ބޭސްކައިގެން ނާސްތާ ކުރަން އަންނާށޭ ބުނެފައެވެ.

މަންމަ ނުކުތުމާއެކު، ނަވާލް މަންމަ ގެނައި ބޭސްތައް އުކާލިއެވެ. އެދުވަހު އޭނާ އޮފީހަށް ނުދާތީވެ، ވީގޮތެއް ބަލައިލަން އަފްޒަލް ސައިގަޑީގައި އެގެއަށް އައެވެ.

[ހިތްއެދޭ މީހާ ލިބުމުން މާގޯހެއްނު. ފުރަތަމަ ދުވަހުވެސް ވަޒީފާއަށް ފަރުވާކުޑަކުރީވިއްޔަ.] ކޮޓަރިއަށް ވަންނަމުން އަފްޒަލް ވާހަކަ ދެއްކިއެވެ. އޭރުވެސް ނަވާލް އޮތީ އޮށޯވެގެންނެވެ.

[އަސްތާ ބަލިވީތަ.] އަފްޒަލް ވަދެ ނަވާލް އޮތް އެނދުގެ މަގަތުގައި އިށީނެވެ.

[ބަލީކީ ނޫން...ބޮލުގައި ރިއްސާތީ މިއުޅެނީ. މިހާރު ބޭސް ކައިފިން.] ނަވާލް ތެދުވެ، އެނދުގެ ފަޑީގައި ބުރަކަށި ޖައްސާލިއެވެ.

[މިހާރު ދެން ބަލިވާކަށް ނުވާނެ. ކޮބާ އަދިވެސް ކައިވެންޏަށް ތާރީޚު ކަނޑަނޭޅޭތަ؟] އަފްޒަލް އެހިއެވެ.

[އަދި މުޅިއަކުން ކޮންފަރމެއްނުވޭ. އަދި އަހަރެމެން އެކަކު އަނެކަކަށް ދަހެއްވެސްނުވޭ. ޙަޤީޤަތުގައި ކައިވެންޏާ ހަމައަށް ދާންވާނީ، އެކަކު އަނެކަކު ރަނގަޅަށް ދަސްވުމަށްފަހު. އެހެން ނޫނީ ބަދަހި ޒަވާޖަކަށް ނުވާނެ.] އެއީ ނަވާލްގެ ވިސްނުމެވެ. ނަމަވެސް، އޭނާ ވިސްނާގޮތާއި އަފްޒަލްގެ ވިސްނުން ތަފާތެވެ.

[ނޫނޭ އެއްގޮތަކަށްވެސް ތިހެން ކަމަކުނުދާނެ. އެހާ ރީތި ކުއްޖަކު އަތްމަތިވީމާ، ދަސްނުވާތީއޭ ކިޔާފައި، ކައިވެނި ލަސްކުރާނެ ކަމެއްނެތް. ތިހެން ހުއްޓާ ތެޔޮނާށި ކާޅު ޖަހައިގެންފާނެ.] އަފްޒަލް ބުންޏެވެ.

[ކާޅު ޖަހައިގެންވިޔަސް، ދަސްނުކޮށް އަހަރެން އެއްވެސް މީހަކާ ނީންނާނަން.] ނަވާލްގެ ޚިޔާލު މުޅިންވެސް އަފްޒަލާ ތަފާތެވެ.

[އަހަންނަކަށް ނޭނގުނު، ނަވާލް ތި ދަސްކުރަން އުޅެނީ ކޮންކަމެއްކަން. އެއީ ރީތި ހުސްކޮށްފައިވާ ޙޫރަލްޢީނެއްފަދަ ކުއްޖެއް. ޢާއިލާގައި ފައިސާއާއި ތަނަވަސްކަން އިންތިހާ.] އަފްޒަލް ބުންޏެވެ.

[ބުނަން އަފޫ، ވިދާހާ އެއްޗަކީ ރަނެއް ނޫނޭ ބުނާތީ ނާހަންތަ؟ އަހަރެން މިހާރު މިދަނީ ނަދުހާ ދަސްކުރަމުން. ހުރިހާ ވާހަކައެއް ދައްކާއިރުވެސް، ރޭގެ ޙާދިޘާގެ ވާހަކަ، އެއްވެސް މީހަކަށް ކިޔައިދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެވަގުތު އޭނާއަށް އޭނާގެ އަތްތިލަ ހުޅުވައި ބަލައިލެވުނެވެ. ހަމައެއާއެކު އޭނާއަށް ޙައިރާންކަން ލިބުނެވެ. ހެނދުނު ހުރި ރަތްކަމެއް، އެއަތަކު މިހާރަކު ނެތެވެ. ދިލައެއްވެސް ނުނަގައެވެ. އެހެންކަމުން، ރޭގައި ނަދުހާ ކޮޓަރިއަށް އައުން އެއީ ޙަޤީޤަތެއްބާއޭ ހިތަށްއެރިއެވެ.

[ހުވަފެނެއްބާ އެފެނުނީ؟] ނަވާލަށް ހިތާހިތާ ދުޢާ ކުރެވުނެވެ. އެދުވަހު ފަހުން ވިސްނުމަށްފަހު، އޭނާ ނިންމީ، އެއީ ފެނުނު ހުވަފެނެއް ކަމަށެވެ. އެހެންކަމުން، އަފްޒަލްގެ ޚިޔާލާ އެއްގޮތަށް ކައިވެނި އަވަސް ކުރުމަށް އޭނާ ޤަޞްދު ކުރިއެވެ.

[ރޭގައި ހުވަފެނުން ދުށިން، ނަދުހާ މިގެއަށް އައިސް އުޅެނިކޮށް.] މެންދުރު ކާން އިނދެ، ނަވާލް ވާހަކަ ދެއްކީ އޭނާގެ ބައްޕައާއެވެ.

[ދެން ނެތެއްނު މާގިނަ ދުވަހެއް. ބައްޕަމެން މިހާރު ނިންމައިފިން، ވީހާވެސް އަވަހަކަށް ދެކުދިންގެ ކައިވެނީގެ ކަންތައް ނިންމަން. މިހާރު އެމަންޖެވެސް ނިކަން ފޮނި ހުވަފެންތަކެއް ދެކޭ ކަމަށްވަނީ.] ފާއިޒު ބުންޏެވެ.

ކުރީރޭ ފެނުނީ ހުވަފެނެއް ނޫންކަން ނަވާލަށް ޔަޤީން ކުރެވުނީ ޖެހިގެން އައި ރެއެވެ. ނަވާލް އޮތީ ހޭލައެވެ. ނަދުހާ ކޮޓަރިއަށް އައިސްވަނީ ޓަކިޖަހާލުމެއް، ހުއްދަ ހޯދުމެއްނެތިއެވެ.

[ނަދޫ....ރޭގައިވެސް ނަދޫ އައިންތަ މިގެއަށް؟] ނަވާލް ތެދުވެލިއެވެ. ނަދުހާ ހިނިތުންވެލިއެވެ.

[ރެއަކު ނާންނަން....ކިހިނެއްވީ؟ ރޭގައި ހުވަފެނެއް ފެނުނީދޯ.] ނަދުހާ ހީގަތެވެ. ނަވާލް ވިސްނާލިއެވެ. ރޭގައި ފެނުނު ހުވަފެން ނޫނީ ޙަޤީޤަތާ ދޭތެރޭގައެވެ.

[އަހަރެން ނަދޫގެ ތި ރީތި އަތުގައި ހިފާލަންތަ؟] ނަވާލް ޢިޝްޤީ ޒާތަކަށް ނަދުހާގެ ލޮލަށް ބަލައިލުމަށްފަހު، ނަދުހާއާ ދިމާއަށް އަތް ދިއްކުރިއެވެ. އެއަތުގައި ހިފުމަށްޓަކައި ނަދުހާވެސް އަތް އުފުލާލިއެވެ. އެހިނދު ރޭގެ ހަނދާންތައް އާވިނަމަވެސް، އަތް ތިރިކޮށްލާކަށް ނަވާލް ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވަނީ ހުވަފެން ތަޢުބީރު ކުރާށެވެ. އޭނާ ނަދުހާ ދިއްކުރި އަތުގައި ހިފިއެވެ. ހަމައެއާއެކު، ކުރީރޭވީހެން އޭނާއަށް އަތް ފޮޅުވާލުމާއެކު ހަޅޭއްވެސްލެވުނެވެ. ކުރީ ރެއަށްވުރެން އެވަގުތު އިޙްސާސް ކުރެވުނު ހޫނުދިލަ ގަދައެވެ.

[ނަދޫ ކިހިނެއް ތިހެދީ؟ ނަދޫގެ އަތުގައި ކޮންމެވެސް އެއްޗެއް އެބައޮތް.] ނަވާލް ހުރީ ނޭވާ ކުރުވެފައެވެ.

[އަހަރެން އަތުގައި އެކައްޗެއްވެސް ނެތް.] ނަދުހާ އަތް ހުޅުވާލިއެވެ.

ތެދެކެވެ. އޭނާގެ މުށުތެރެއަކު އެކައްޗެއްވެސް ނެތެވެ. އެހެން އަންހެން ކުދިންގެ އަތްތިލަތަކާ އެއްވެސް ތަފާތެއް ހުރި ކަމަކަށް ނުފެނެއެވެ. ދެން ނަވާލަށް ބަލައިލެވުނީ، އޭނާގެ އަތްތިލައަށެވެ. ކުރީރޭހެން އެރޭވެސް އޭނާގެ އަތްތިލަ ހީވަނީ އަލިފާނުގެ ހޫނުން ފިހިފިހި ހުރިހެންނެވެ. އެހާމެ ދިލަވެސް ނަގައެވެ.

ނަވާލް ބިރުގަތެވެ. ނަމަވެސް، އެކަމެއް ނަދުހާއަށް އަންގާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް، ނަދުހާ އެކަން ދެނެގަތެވެ. ނަދުހާ އިތުރަށް ނަވާލާ ގާތަށް ޖެހެން ފެށިއެވެ. ނަވާލް ފަހަތަށް ޖެހެންފެށީ ގެންފައިވާ ބިރެއްގެ ސަބަބުން ބޭއިޚްތިޔާރުގައެވެ.

[ނަވާލް، އަހަންނަށް ފުރަގަސްނުދީ ނަވާލް....ފަހަތަށްނުޖެހޭ ނަވާލް....] ނަދުހާ އެއްލި އަތުން ހިފުނީ، ނަވާލް ލައިގެން ހުރި ޓީޝާޓްގައެވެ. ނަވާލަށް ނަދުހާއާ ދިމާއަށް އެނބުރިލެވުނެވެ. އޭރު ނަވާލަށް ހުރެވުނީ، ނަދުހާގެ މޫނުގައި އޭނާގެ މޫނު ކިރިޔާޖެހޭ ނުޖެހޭހާ ގާތުގައެވެ. މިހާރުވެސް އޭނާއަށް ނަދުހާގެ ނޭވާގެ ހޫނު އިޙްސާސްވާނެއެވެ. އިންޗިއެއްވަރު ކުރިއަށް ޖެހިލިޔަސް، ދެމީހުންގެ ހަށިގަނޑުޖެހި ފިތޭނެއެވެ. ނަމަވެސް، އެއީ ނަވާލް މިހާރު ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ އެވަނީ އިންތިހާއަށް ބިރުގަނެ ހާސްވެފައެވެ.

[ހާސްނުވޭ ނަވާލް......] ކުއްލިއަކަށް ނަދުހާގެ ދެއަތް ނަވާލް ވަށާލިއެވެ.

[ނޫން ނަދުހާ އަހަރެންގެ ގައިން ދޫކުރޭ....] ނަވާލް މަސައްކަތް ކުރަމުން ދިޔައީ ނަދުހާ ފޮޅުވާލާށެވެ.

ނަމަވެސް ނަދުހާ، އޭނާގެ ހަށިގަނޑުގައި ހިފަހައްޓާފައިވަނީ މާބާރަށެވެ. ހަމައެއާއެކު، ވަރުގަދަ އަޑުފައްގަނޑަކާއި ވިދުވަރުގެ އައްޔެއްފަދަ ގަދަ އައްޔަކާއެކު ނަދުހާ ނަވާލްގެ ހަށިގަނޑުގެ ތެރެއަށް ފޭދުނެވެ. ހީވީ ފެންގަނޑެއްގެ ތެރެއަށް ފީނައިގަތްހެންނެވެ. އެއާއެކު، ނަވާލް ބާރަށް ހީގަތީ އޭނާގެ އަމިއްލަ ބާރެއްގައި ނޫންކަން ކަށަވަރެވެ. އެގޮތުގައި މާގިނައިރުތަކެއްނުވެ، އޭނާ ހަބަރު ހުސްވެގެން އެނދުމައްޗަށް ދެމުނެވެ.

ހެނދުނު ނާސްތާއަށް އިންޞާފު ކުރަމުންދިޔައިރު، ނަދުހާ އިނީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. ހީވާކަހަލައެވެ. އޭނާގެ އުއްމީދެއް ޙާޞިލްވަނީއެވެ. އޭނާއަށް ބޮޑު ކާމިޔާބެއް ލިބުނީއެވެ. އޭރު އޭނައާއެކު ނާސްތާ ކުރަން ތިބީ މަންމައާއި ދަލޭކައެވެ. ދަލޭކަވެސް އިނީ އެހެން ދުވަސްތަކާ ޚިލާފަށް މާއުފާވެފައެވެ.

އެދުވަހުވެސް ނަވާލް އޮފީހަށް ނައިސްގެން އަފްޒަލް އައިއިރުވެސް ނަވާލް އަދި ކޮޓަރިން ނުނިކުމެއެވެ. މަންމަ މަރީނާ ދެތިންފަހަރު ދޮރުގައި ޓަކިޖަހައިވެސްފިއެވެ. އެތައްފަހަރަކު ގޮވަންވެސް ގޮވައިފިއެވެ. ނަމަވެސް، ހަމައެކަނި [ހޫނ]އެއް ލެއްވުމަށްފަހު، އޭނާގެ ޚަބަރެއްނުވިއެވެ. އަފްޒަލް އެގެއަށް އައިސްވަނީ އޭނާ އެކަމާ ވަރަށް ކަންބޮޑުވެފައި ހުއްޓައެވެ.

[ނަވާލް ދޮރު ހުޅުވަބަލަ.] ޓަކިޖަހާލުމަށްފަހު އަފްޒަލް ގޮވާލިއެވެ.

[އާނ....މިހުޅުވަނީ....] އެތެރޭން އަޑުއިވުނެވެ. މާގިނައިރުތަކެއްނުވެ ނަވާލް ދޮރުވެސް ހުޅުވައިފިއެވެ. ދޮރު ހުޅުވުމަށްފަހު، އޭނާ އަނެއްކާވެސް ގޮސް އެނދުމައްޗަށް ވެއްޓިގެންފިއެވެ. ހީވީ ކަނޑާލި ރުކެއް ވެއްޓުނުހެނެވެ.

[ނަވާލް....ކިހިނެއްވެފައިތަ ތިއޮތީ؟] އަފްޒަލްގެ ފަހަތުން ނަވާލްގެ މަންމަވެސް އެތަނަށް ވަދެއްޖެއެވެ.

[އެކަކުވެސް ނުޖެހޭނެ އަހަންނަށްވީގޮތް ބަލާކަށް. ކާކު ކަލޭ މިތަނަށް ވެއްދީ. ކަލޭވެސް އަދި އަހަރެންގެ ނަދުހާއަށް ގުޅައިފިޔޭ.....] ނަވާލް ހަޅޭއްލަވައިގަތެވެ. ނަވާލްގެ ދެލޯވެސް ހީވަނީ އަނގުރު އަލިފާންކޮޅެއްހެންނެވެ.

[ދަރިފުޅާ!؟.......] މަރީނާ ނަވާލް އޮތް އެނދުގެ މަގަތުގައި އިށީނެވެ.

[އެކަކުވެސް އަހަންނަށް ގޮވާނެ ކަމެއްނެތް. އަހަރެން ނަދުހާއަކާ ނީންނާނަން. އަހަރެން އިންނާނީ އޭނަޔާ.....]

ނަވާލް އެނބުރެމުންދާ ސީލިންގ ފަންކާއާ ދިމާއަށް އިޝާރާތްކޮށްފައި ބުންޏެވެ. އަފްޒަލް ނަވާލްގެ އަތުގައި ހިފެހެއްޓިއެވެ. [އަހަރެންގެ އަތުން ދޫކުރޭ، އޭނަ ކައިރީ ބުނާނަން. އޭރުން އޭނަ ކަލޭވެސް ފިހެލާނެޔޯ ހެއް ހެއް.....ހޭ....] ނަވާލް މޮޔައަކު ފަދައިން ހަޅޭއްލަވައިގަތެވެ. މަރީނާއަށް ރޮވުނީ ދަރިފުޅުގެ ސިކުނޑިއަށް މައްސަލައެއް ދިމާވެއްޖެކަން ޔަޤީންވީމައެވެ. ވީވެސް އެހެންނެވެ. ޙަޤީޤަތުގައިވެސް ނަވާލްގެ ސިކުނޑީގައި އެވަނީ ބުއްދިވެރި ޚިޔާލުތަކެއް ނޫނެވެ. އޭނާގެ ޙަރަކާތްތައްވަނީ ބަދަލުވެފައެވެ.

[އޭނާޔާ އިންނަންވާނީ ކަލޭ، އަހަރެން ނީންނާނަން.] އެވަގުތު ކޮޓަރިއަށް އައިސް ވަން އޭނާގެ ބައްޕައާ ދިމާއަށް އިޝާރާތްކޮށްފައި ނަވާލް ބުންޏެވެ. އެއަށްފަހު އޭނާ ބާރުބާރަށް ރޮއިގެންފިއެވެ. ހީވީ ސިކުނޑި ހަމައިން ނެއްޓުނު ވަގުތު އުޅެވުނު ގޮތުން ދެރަވީހެނެވެ. އޭނާއަށް ހަމަވިސްނުން ހިނދުކޮޅަކަށްނަމަވެސް ލިބުނެވެ.

[މަންމާ...ބައްޕާ....އަފޫ....އަހަރެން ނަދުހާއަކާ ނީންނާނަން.] ނަވާލް ރޮއިގެންފައި ބައްޕަގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭރުވެސް މަރީނާއަށް ރޮވެނީއެވެ.

[ދަރިފުޅާ ހިނގާ އަވަހަށް ޑޮކްޓަރަށް ދައްކަން.] ފާއިޒުގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ.

[ނޫން...ބައްޕާ މިހާރު އަހަރެން ރަނގަޅުވެއްޖެ. އަހަރެން ހޮސްޕިޓަލަކަށް ނުދާނަން.] އަދިވެސް ނަވާލަށް ރޮވެނީއެވެ.

[ތިހެން ކަމަކުނުދާނެ ދަރިފުޅާ، އަވަހަށް ހިނގާ ހޮސްޕިޓަލަށް ދާން.....] ފާއިޒު ނަވާލްގެ ބޮލުގައި ފިރުމަން ފެށިއެވެ.

ޓެރަސްމަތީގައި ނަދުހާހުރީ މުނާޒްގެ އިންތިޒާރުގައެވެ. މިހާރު އޭނާ އެގޮތަށް އިންތިޒާރުގައި ހުންނަތާ ބައިގަޑިއެއްހާއިރުވީއެވެ. އަދިވެސް މުނާޒެއް ނާދެއެވެ.

[ވަރަށް ގިނައިރުވެއްޖެތަ ހުންނަތާ؟] ނަދުހާ ސިއްސައިގެން ދިޔައީ އޭނާއާ ދާދިގާތުން އިވުނު މުނާޒުގެ އަޑުންނެވެ. ނަދުހާ އެއަޑު އިވުނު ދިމާއަށް އެނބުރުނެވެ. ހިނިއައިސްފައި ހުރީ މުނާޒެވެ.

[ނަވާލެއް ދެން ނަދުހާއާ ހެދިއެއް ނޫޅޭނެ.] މުނާޒް އައިސް ނަދުހާއާ އަރާހަމަކުރަމުން ބުންޏެވެ.

[އެއީ ކީއްވެ؟ އޭނާގެ ޚިޔާލު މިހާރު ބަދަލުވީތަ؟] ނަދުހާ މުނާޒްގެ އަތުގައި ހިފެހެއްޓިއެވެ. މުނާޒް ހިތްހަމަޖެހުމުގެ ނޭވަޔަކާއެކު ބޯޖަހާލިއެވެ.

[ކިހިނެއް މުނާޒަށް އެނގުނީ؟] ނަދުހާއަށް އެހުނެވެ.

[އަހަރެންނަށް މިދުނިޔޭގައި ހިނގާ ހުރިހާ ކަމެއްވެސް އެނގޭ. ހޯދަން އުޅެފިއްޔާ، އަހަންނަށް އެއްކަމެއްވެސް ސިއްރެއް ނުކުރެވޭނެ.] ސާބިތުކަމާއެކު މުނާޒް ބުންޏެވެ. ނަދުހާގެ ގާތަށް ހިނިވެސްއައެވެ.

[ތިހެންވީއިރު ހިނގާ ދެން ދެމީހުންގެ ކައިވެނި ރާވަމާ. މިހާރު ދެން އެ ނަވާލެއްގެ ކިބައިން ސަލާމަތްވީއެއްނު.] ނަދުހާ ބުންޏެވެ. އޭނާ މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް މުނާޒާއެކު ދިރިއުޅުމެއް ފަށާށެވެ.

[މައްސަލައެއް ނެތް، ނަދުހާއަށް ފެންނަ ގޮތެއް އޮތީ. އެކަމަކު ހިތަށްއަރާ ނަދޫގެ މައިންބަފައިން އަހަންނާ ދޭތެރޭ ހިތްހަމަޖެހޭނެބާއޭ؟] މުނާޒް ނަދުހާ ގެނެސް، އޭނާގެ ހަށިގަނޑާ ކައިރިކޮށްލިއެވެ.

[ނަވާލް ޚިޔާލު ބަދަލުވެއްޖެއްޔާ، ދެން ހިއެއްނުވޭ މަންމަމެން އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނާނެހެނެއް.] އެއީ ނަދުހާ އުއްމީދުކުރާ ގޮތެވެ.

[ކީއްވެ ނަވާލްގެ ޚިޔާލު ކުއްލިއަކަށް ބަދަލުވާންވީ....ޤަބޫލެއް ނުކުރެވޭ އެސޮރެއް ނުބުނާނެ ނީންނާނަމެކޭ.] ނަދުހާގެ ބައްޕަ ޝަކީބް ވާހަކަ ދެއްކީ ނަދުހާގެ މަންމަ ޒުހުރާއާއެވެ.

[މަރީނާއޭ ގުޅާފައި ބުނީ! ޝަކީބް ނިކަން އެގެއަށް ގޮސް އަހާބަލަ.] ޒުހުރާ ތަފްޞީލް ދެމުން ބުންޏެވެ.

[ޝަކީބް މިދަނީއޭ ބުނެފައި، އެގެއަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.

[ކޮންތާކަށް މާބާރަކަށް ތިދަނީ؟] މަރީނާ ވާހަކަ ދެއްކީ އޭނާގެ ދަރިފުޅު ނަވާލާއެވެ. އޭރު ނަވާލްގެ މިޞްރާބު ހުރީ ގެއިން ނުކުންނާށެވެ.

[އޮފީހަށް....] ނަވާލް ހުއްޓި މަންމައާ ދިމާއަށް އެނބުރުނެވެ.

[އޮފީހަށޭ! ނާސްތާވެސް ނުކޮށް. ނާސްތާ ކޮށްގެންދާން އާދޭ.] މަރީނާ ބުންޏެވެ. ނަވާލް އެނބުރި އެތެރެއަށް ވަނެވެ. ޝަކީބް އެގެއަށް އައިސްވަނީ އެވަގުތުއެވެ. ބޭރުން އައިސް ނަވާލްގެ ބައްޕަ ފާއިޒުވެސް ގެއަށްވަނީ ޝަކީބްގެ ފަހަތުންކަހަލަ ގޮތަކަށެވެ.

[އަނހަ ޝަކީބް! މާހެނދުނަކާ ކޮންވަޑާމެއް؟] ޝަކީބް ފެނުމުން ކުޑަކޮށް ޙައިރާންވާފަދަ ގޮތަކަށް ފާއިޒު އެއްސެވެ.

[މިއައީ ޤަބޫލު ނުކުރެވޭ ޒާތެއްގެ ވާހަކައެއް ޒުހުރާ ބުނެގެން. ތެދެއްތަ، ނަވާލް ނަދުހާއާ ދޭތެރޭ ހިތްހަމަނުޖެހުނީތަ؟] ޝަކީބް ބުންޏެވެ. ހިތްހަމަނުޖެހިފައިވާ ރާގެއްގައެވެ.

[ކާކު ދެއްކި ވާހަކައެއް؟ ނަވާލް އެމަންޖެދެކެ ނުލާހިކު ލޯބިވޭދޯ ދަރިފުޅާ.] މަރީނާ ޙައިރާންވިއެވެ.

[މަރީނާ ގުޅާފައި ބުންޏޯ ޒުހުރާ ބުނީ. އެހެންވެ މިއައީ.....] ޝަކީބް ނަވާލްގެ ކޮނޑަށް އަތް ވައްޓާލިއެވެ.

[ނުވާނެ ތިހެނެއް. އަހަންނެއް ނުގުޅަން. ތީ މިކައިވެންޏަށް ހުރަސްއަޅާ އެހެންބަޔަކު އުޅެނީ ކަމަށްވާނީ. އެކަމަކު ކާކުބާ އަހަރެންނޭ ކިޔައިގެން ގުޅައިގެން ތިއުޅެނީ؟] މަރީނާ ވިސްނާލިއެވެ.

[އަހަރެން ނަދުހާއާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ކާކުތަ ދޮގު ވާހަކަތަކެއް ފަތުރައިގެން އުޅެނީ.] ނަވާލް އޭނާގެ މަންމައާއި ބައްޕަގެ ދިފާޢުގައި ބުންޏެވެ. ޝަކީބްގެ ތުންފަތުގައި ލުއި އެހެނަސް އުފާވެރި ހިނިތުންވުމެއް ކުޅެލިއެވެ.

[އަހަރެންނަށް ފެންނަނީ ކައިވެނި، ކުރިއަށްވުރެން އަވަސްކޮށްލަން. މިހާރު މި ކައިވެންޏަށް ހުރަސްއަޅާ ބަޔަކުވެސް މިރަށުގައި އުޅޭކަން ސާބިތުވީތާ. އަހަރެން މިއަދު ގެއަށް ގޮސް ނަދުހާއާ ވާހަކަ ދައްކާނަން.] ޝަކީބް ހިނގައިގަންނަމުން ބުންޏެވެ.

[މާއަވަހަށް ދަނީތަ؟ އާދެވުނުފަހަރު ކޮންމެވެސް އެއްޗެއް ބޯލައިގެންނު ދާންވާނީ.] ފާއިޒު ޝަކީބް ހުއްޓުވިއެވެ.

[ނޫނޭ، މިހާރަކު ނޫން، އެހެން ފަހަރަކުން.] ޝަކީބް ނުކުތެވެ. ނަވާލް ތެދުވެގެން މަންމައާއެކު ކާގެއާ ދިމާއަށް ހިނގައިގެންފިއެވެ.

އެދުވަހު ގެއަށްގޮސް ޝަކީބް އަނެއްކާވެސް އާކޮށްފައި ނަވާލާއި ނަދުހާގެ ކައިވެނީގެ ވާހަކަ ފެށިއެވެ.

އެއަޑު އަހަން ނަދުހާގެ ކޮޓަރީގައި މުނާޒްވެސް ހުއްޓެވެ. ނަމަވެސް، އޭނާގެ މޫނުމައްޗަކުން ކަންބޮޑުވުމުގެ ކުޑަވެސް އަސަރެއް ފާޅެއްނުވެއެވެ. ވެދާނެއެވެ. ނަދުހާއާ ދޭތެރޭ އޭނާއަށް ލިބިފައިވާ ޔަޤީންކަން ބޮޑީއެވެ. ނޫނީ އޭނާއަށް ލިބިފައިވާ ބާރެއްގެ ސަބަބުން ލިބިފައިވާ ޔަޤީންކަން ބޮޑީއެވެ.

[ނަވާލަށް ނަދުހާއަކާ ނީނދެވޭނެ. ނަދުހާއަކީ އަހަރެންގެ ބައިވެރިޔާ. އެއީ އަހަރެންގެ ލޯބި. އަހަރެމެންގެ ލޯތްބަށް ހުރަސް އެޅޭނެ މީހަކު މިދުނިޔޭގައި ހުރެގެން ނުވާނެ.] މުނާޒް ދޮރުފޮތިގަނޑު ހިއްލާލުމަށްފަހު، ސިޓިންގރޫމްގައި ވާހަކަ ދައްކަން ތިބި ނަދުހާގެ މައިންބަފައިންނާ ދިމާއަށް ބަލައިލިއެވެ.

[ބައްޕާ އަހަރެން އަދި މީހަކާ އިންނަހިތެއްނުވޭ.....] ފުރަތަމަފަހަރަށް ނަދުހާ ބައްޕަގެ ކުރިމަތީގައި ކައިވެންޏާ ދެކޮޅުހެދިއެވެ.

[އޭނ....މީހަކާ އިންނާކަށް ނުވެޔޭ. ދަރިފުޅަށް ދުވަހަކުވެސް ތިނޫންވަރެއް ނުވާނެ. ވަރިހަމަ، ބައްޕަ ބޭނުމީ ދަރިފުޅުގެ ކައިވެނި އަވަސްކުރަން.] ޝަކީބް، އޭނާގެ އެންމެފަހުގެ ނިންމުން ނިންމިއެވެ. ނަދުހާ މާޔޫސްކޮށްލާފައެވެ. ނަދުހާ މާޔޫސްވި ކަމުގައިވިޔަސް، މުނާޒް ހުރީ ހަމަޖެހިފައެވެ.

ޙަޤީޤަތުގައި އެވަގުތު މުނާޒް ކޮޓަރިތެރޭގައި ހުރިކަމެއް ނަދުހާ ނުދެނަހުއްޓެވެ. އެހެންމެ އޭނާ ކޮޓަރިއަށް އައިސް ވަނީ މުނާޒް އެތާނގައި ހުންނަތާ ބައިގަޑިއެއްހާއިރުވި ފަހުންނެވެ. އޭނާއަށް އެނދުގައި ދެފައި ދަމާލައިގެން އޮށޯވެގެން އޮތް މުނާޒް ފެނުމުން ޙައިރާންވެސްވިއެވެ.

[މުނާޒް!؟ ކޮންއިރަކު ކިހިނެއްތަ މިތަނަށްވަނީ؟] ނަދުހާ މުނާޒްގެ ގާތުގައި އިށީނެވެ.

[އަހަންނަށް އުޅެވިދާނެ މަގުމަތީގައިވެސް މީހަކަށް ނުފެނި.] މުނާޒް ހީގަތެވެ.

[ދެން ސަމާސާނުކޮށް ބުނެބަލަ. ކިހިނެއްތަ މިތަނަށް ވަނީ އަޅެ ހާދަމޮޅޭ.] ނަދުހާ މުނާޒްގެ މޭގައި ބޯއަޅާލިއެވެ.

[އަހަރެން ވަންއިރު ނަދުހާއާއި ބައްޕަމެން މާ ވަރުގަދަ ބަޙުޘެއްގައި ތިބީމާ، އަހަރެން ވަންތަން ނުފެނުނީ. ނަދޫ ހާސްނުވާތި....ނަވާލެއް ނަދުހާއަކާ ނީންނާނެ.] މުނާޒް އަނެއްކާވެސް ނަދުހާގެ ހިތްހަމަޖައްސާލަދިނެވެ.

[ކޮންމެފަހަރަކުވެސް މުނާޒް ތިހެން އެބަބުނޭ. އެކަމަކު ނަވާލް ބުނެގެން ބައްޕަ ކައިވެނި އަވަސްކުރަން ނިންމީވެސް. މުނާޒް ބުނާހެނެއް އޭނާގެ ޚިޔާލު ބަދަލެއް ނުކުރެވޭނެ. އޭނާ އެހުންނަނީ އަހަންނާހެދި މޮޔަވެފައި. އަރާ ހިކިފައި. ވަރަށް ފޫހިވޭ.] ނަދުހާ މޫނު ކުނިކޮށްލިއެވެ.

[ވަރިހަމަ ކިތަންމެ ހިކުނަސް. އޭނަގެ ޚިޔާލު ބަދަލުކޮށްލުމަކީ އަހަންނަށް އެއްވެސް ކަމެއް ނޫން.] މުނާޒް އަމިއްލަ އިތުބާރާއެކު ބުންޏެވެ.

[އަހަންނަށް ހީވަނީ ބައްޕަމެން ގާތު އަހަންނާއި މުނާޒްގެ ލޯބީގެ ގުޅުމުގެ ވާހަކަ ބުނަންވީހެން....އޭރުން ހަމަގައިމުވެސް އެމީހުން އެކަމަކާ ނޫޅޭނެއެއްނު.] ނަދުހާ އިރުކޮޅެއްވަންދެން ވިސްނަން ހުރެފައި ބުނެލިއެވެ. މުނާޒަށް ހީގަނެވުނެވެ.

[އަދި މިގުޅުން އެމީހުންނަށް ހާމަކުރަން މާއަވަސް. ހިއެއްނުވެސްވޭ އަހަންނާ ކައިވެނިކުރަން އެމީހުން ރުހޭނެހެނެއް. ކާކު ބޭނުންވާނީ ހުރި ހަމައެކަނި ދަރިފުޅު އެމީހުންނަށް ނުފެންނަފަށަށްދާން....] މުނާޒް ބުންޏެވެ. މުނާޒް އެބުނި އެއްޗަކާ ދޭތެރޭ ނަދުހާ ވިސްނާލިއެވެ.

[ތިބުނީ!؟ މުނާޒާ އިނަސް، އަހަންނަށް މިގޭގައި އުޅެވިދާނެއެއްނު. އަދި މުނާޒްމެން ގޭގައި އުޅުނަސް، އަހަންނަށް މަންމަމެނާ ބައްދަލުކުރެވޭނެއެއްނު.] ނަދުހާ ބުންޏެވެ.

[ތިހެން ތިބުނަނީ ނަދޫއަށް އަހަރެންގެ އަޞްލު ނޭނގޭތީ. އަހަރެމެންގެ ކައިވެންޏަށްފަހު، ނަދޫގެ މައިންބަފައިންގެ ތެރޭގައި އަހަރުމެންނަށް ނުވެސް އުޅެވޭނެ.] ނަދުހާ ދެއްކި ވާހަކައާހެދި މުނާޒަށް ޙަޤީޤަތް ފާޅުކުރަން ބޭނުންނުވާވަރަށް ފާޅުކުރެވުނެވެ. އެހެން ނަމަވެސް،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން