ޕްރޮޓީން ހިމެނޭ ކާނާ- ގޫގުލް އިމޭޖެސް
ޕްރޮޓީން ހިމެނޭ ކާނާ- ގޫގުލް އިމޭޖެސް
ޕްރޮޓީން އަކީ އިންސާނާ ހެދިބޮޑުވުމަށްޓަކައި ހަށިގަނޑަށް ވަރަށް ބޭނުންތެރި މާއްދާއެކެވެ. ކެއުމުގައި ޕްރޮޓީން އެކުލެވޭ މާއްދާތައް ނުހިމަނާނަމަ އޭގެ ސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ދިމާވެއެވެ.

އަދި މިއީ އަޅުގަނޑުމެންގެ މަސްތަކަށް ލިބޭ ގެއްލުންތައް ހައްލު ކޮށް، ހޯމޯނު އަދި ހަކަތަ އުފައްދައިދިނުމުގައި އެހީވެދޭ މާއްދާއެވެ. އެހެންކަމަށްވީއިރު ހިތުގައި އެންމެ ބޮޑަށް އުފެދޭ އެއް ސުވާލަކީ ޕްރޮޓީން ހިމެނޭ ބާވަތްތައް ކެއުން އެންމެ ރަނގަޅީ ދުވަހުގެ ކޮން ވަގުތެއްގައި ތޯއެވެ.

ޕްރޮޓީން ކެއުން އެންމެ ރަނގަޅު ވަގުތެއް ކަނޑައެޅޭނީ އެމީހެއްގެ ލަނޑުދަނޑިތަކަށް ރަނގަޅަށް ވިސްނާލުމުންނެވެ. އެކި މީހުންގެ ސިއްހީ ލަނޑުދަނޑިތައް ތަފާތުވެ، އެކި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ވަރަށް ތަފާތުވެއެވެ. އެހެންކަމުން ތިރީގައި މި ހިމަނާލަނީ އެމީހެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބިނާކޮށް ޕްރޮޓީން ކެއުން އެންމެ ރަނގަޅު ވަގުތުތަކެވެ.

ހެނދުނު

ސްކޫލުގައި އުޅޭ ކިޔަވާ ކުދިން ނުވަތަ ވަޒީފާއަށް ދާ މީހުން ކެއުމުގައި ޕްރޮޓީން ގިނައިން ހިމެނޭ ބާވަތްތައް ކެއުމަށް އެންމެ ރަނގަޅު ގަޑިއަކީ ހެނދުނުގެ ނާސްތާ ގަޑީގައެވެ. ހެނދުނުގެ ނާސްތާއަށް ޕްރޮޓީން ހިމެނޭ މާއްދާތައް ކެއުމުން ލިބޭ އެންމެ ބޮޑު ފައިދާއަކީ މުޅި ދުވަހު ބަނޑުހައިވާ މިންވަރު މަދުވުމެވެ. އަދި އޭގެ ސަބަބުން މަސައްކަތަށް ސަމާލުކަން ދެވޭ މިންވަރު އިތުރުވެ، ދުވަހާއިގެން ކުރިއަށްދާން ފަސޭހަވެއެވެ.

ކަސްރަތު ކުރުމުގެ ކުރިން

ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރަން ބޭނުންވާ މީހުން ޕްރޮޓީން ކެއުން އެންމެ ރަނގަޅު ވަގުތަކީ ކަސްރަތު ކުރުމުގެ ކުރިންނެވެ. ކަސްރަތު ކުރުމުގެ ކުރިން ޕްރޮޓީން ބޭނުން ކުރުމުން ހަށިގަނޑަށް ބޭނުންވާ ވަރަށް އެމިނޯ އެސިޑު ލިބި، ކަސްރަތު ކުރާ ވަގުތު މަސްތަކަށް ބޭނުންވާ ވަރަށް އެމިނޯއެސިޑު ލިބެއެވެ. އަދި އޭގެ ސަބަބުން ކަސްރަތު ކުރުމަށްފަހު މަސްތައް ރިކަވާ ވާވަރު އަވަސްވެ، އޭގެ ސަބަބުން މަސްތައް ވަރުގަދަ ވެގެންދިއުމަށް އެހީވެއެވެ.

ކަސްރަތު ކުރުމަށްފަހު

ކަސްރަތު ކުރާއިރު މަސްތަކަށް ލިބޭ ގެއްލުން ފަސޭހަކަމާއެކު ރަނގަޅު ކުރަން ބޭނުންވާނަމަ ކަސްރަތު ކޮށް ނިންމާފައި ޕްރޮޓީން ހިމެނޭ އެއްޗެއް ބޭނުން ކުރަން މުހިންމެވެ. ކަސްރަތު ކުރުމަށްފަހު ޕްރޮޓީން ބޭނުން ކުރުމުން ހަށިގަނޑުގެ މަސްތަކަށް ބޭނުންވާ އެމިނޯ އެސިޑު ލިބި، މަސްތައް ފަސޭހައިން ރަނގަޅުވެއެވެ.

ރޭގަނޑު

އުމުރުން ދޮށީ މީހުން އަދި އެތުލީޓުން ޕްރޮޓީން ހިމެނޭ މާއްދާތައް ކެއުން އެންމެ ރަނގަޅީ ރޭގަނޑު ނިދުމުގެ ކުރިންނެވެ. ރޭގަނޑު ނިދުމުގެ ކުރިން ޕްރޮޓީން ހިމެނޭ މާއްދާތައް ކެއުމުން މީހާ ނިދާފަ އޮންނަ ވަގުތު ހަށިގަނޑުގެ މަސްތަކާއި، ޓިޝޫތަކަށް ލިބިފައިވާ ގެއްލުންތައް ރަނގަޅުވާން އެހީވެދޭކަމަށް ކަމާ ބެހޭ މާހިރުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން