މާބަނޑު އަންހެނެއް- ގޫގުލް އިމޭޖެސް
މާބަނޑު އަންހެނެއް- ގޫގުލް އިމޭޖެސް
ދުވަސްނުފުރައި ކުދިން ވިހެއުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިކަން މިހެން ދިމާވުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. އެހެންކަމުން ދުވަސްނުފުރި ވިހެއުމަށް މެދުވެރިވާ ސަބަބުތަކާއި، އޭގެ އަލާމާތްތައް ދެނެގަތުމަކީ މިމައްސަލައިގެ ޝިކާރައަކަށް ވުމުން ދުރުވުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

"ޕްރީޓާމް ލޭބާ" އަކީ ބަނޑުގައި އޮތް ދަރިފުޅަށް 37 ހަފްތާ ވުމުގެ ކުރިން ވިހެއުމަށް ކިޔާ އުޅޭ ނަމެކެވެ. މި މައްސަލަ ދިމާވުމަށް މެދުވެރިވާ ބައެއް ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމުގެ ވައްޓްފާޅި ބައްޓަން ވެފައިވާ ގޮތާއި، ތަފާތު އެކި ސިއްހީ މައްސަލަތަކާއި، އަދި މާބަނޑު ދުވަސްވަރު ދިމާވާ ބައެއް ނުރައްކާތައް ހިމެނެއެވެ.

ތިރީގައި މި ހިމަނާލަނީ ދުވަސް ނުފުރި ވިހެއުމުގެ ފުރުސަތު ބޮޑުވާ ބައެއް ސަބަބުތަކެވެ.

- މާބަނޑު ދުވަސްވަރު ދޭންޖެހޭ ފަރުވާ ނުދިނުން

- މާ ބަރުވުން ނުވަތަ މާ ބޮޑަށް ލުއިވުން

- ސިނގިރޭޓު ބުއިން

- މާބަނޑު ދުވަސްވަރު ބަރުދަން އިތުރު ނުވުން

- އަވަސް އަވަހަށް ދަރިން ވިހެއުން

- އައިވީއެފް ގެ ޒަރިއްޔާއިން މާބަނޑުވުން

- ޔޫރިން އިންފެކްޝަންތައް ޖެހޭ ވަރު ގިނަވުން

- އެމްނިއޮޓިކު ފްލުއިޑު ގިނަވުން

- ސާވިކްސް ކުޑަވުން

- ހަކުރު ބަލި ޖެހިފައިވުން

މިކަން ދެނެގަތުމަށްޓަކައި ޑޮކްޓަރުން ތަފާތު އެކި ޓެސްޓުތަކާއި ސްކޭންތައް ހަދައެވެ. އަދި ބައެއް ހާލަތްތަކުގައި ޓޮކޮލައިޓިސް ކިޔާ ބޭހެއް ބޭނުން ކޮށްގެން މިކަން ހުއްޓުވަންވެސް މަސައްކަތް ކުރެއެވެ. ނަމަވެސް ބައެއް ފަހަރު ޑޮކްޓަރުންގެ އެތައް މަސައްކަތަކަށް ފަހުވެސް ދުވަސް ނުފުރި ދަރިން އުފަންވެއެވެ. އަދި އޭގެ ތެރެއިން ބައެއް ކުދިންގެ ކިބައިގައި ތަފާތު އެކި ނުކުޅެދުންތެރިކަން ހުންނަ އިރު، ބައެއް ކުދިން މަރުވެސް ވެއެވެ.

ވީމާ މިކަމުން ދުރުވުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ބަދަލު ގެންނަން ޖެހެއެވެ. އެގޮތުން ކުރަންޖެހޭ ބައެއް ކަންކަމުގެ ތެރޭގައި ދަރިއެއް ހޯދަން މަސައްކަތް ކުރުމުގެ ކުރިން ބަރުދަން ލުއިކުރުން ނުވަތަ އިތުރު ކުރުމާއި، ސިނގިރޭޓު ބުއިން ހުއްޓާލުން ހިމެނެއެވެ. އަދި މާބަނޑު ދުވަސްވަރު ސިއްހަތަށް ބަލައިގެން އުޅެ، ފައިދާހުރި ކާނާގެ ބާވަތްތައްވެސް ބޭނުން ކުރަން ޖެހެއެވެ. އަދި ސްޓްރެސް އާ ދުރުވާން މަސައްކަތް ކުރަންވެސް ޖެހެއެވެ.

މަސްދަރު: އީޓައިމްސް


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން