ލަމްހާ އާއި މާވިން
ލަމްހާ އާއި މާވިން
އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލަން ނިންމި މައްސަލަ ދަޢުލަތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި ލަމްހާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލަން ދަށު ކޯޓުން އަމުރު ނެރުނީ މިދިޔަ އަންގާރަ ދުވަހުއެވެ. ނަމަވެސް ދަޢުލަތުން ވަނީ ލަމްހާ ބަންދުން ދޫކޮށްލުމަށް ދެކޮޅު ހަދާފައެވެ.

ލަމްހާ ތިން މަހަށް ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި އިތުރު ކުށަކަށް އަރައިނުގަތުމާއި، ކޯޓަށް ހާޒިރުވާން އަމުރެއް ލިބިއްޖެ ނަމަ އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވުމާއި، މާލޭން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ނުދިއުމާއި، މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ގަބޫލުކުރެވޭ ހުރިހާ މީހުންނާ މުއާމަލާތް ނުކުރުމަށާއި ބައްދަލުކޮށްނުހެދުމާއި، އެއްވެސް ހާލަތެއްގައި ގެއިން ބޭރަށް ދާން ޖެހިއްޖެނަމަ ފުލުހުންގެ ހުއްދަ ހޯދުމާއި، ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި ރާއްޖޭން ބޭރަށް ނުދިޔުމެވެ.

އޭގެފަހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ކަމަށް ހައިކޯޓުގެ ރަޖިސްޓްރީން ދައްކައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން ވަކިގޮތެއް ނުނިންމަ އެވެ.

ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި 24 އަހަރުގެ ލަމްހާ ހައްޔަރުކުރީ 2021 ވަަނަ އަަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ.

ދަންޖެހިގެން ޚަބަރު ހުސްވެފައިވާކަމަށް ބުނެ މޭރީގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް އެ މަހުގެ 27 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފައެެވެ. އަދި މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށްބުނާ ލަމްހާ ހައްޔަރު ކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ލަމްހާގެ މައްޗަށް ދައުވާ ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީއާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން