image ގައްދޫ ރަޝީދު   28 އޯގަސްޓު 2020 - 9:28
ވަރަށް އުނދަގުލުން ބޭރަށް ދިއުމުގެ ޕްރޮގްރާމު ހެރަލްޑް ހަމަޖައްސައިފިއެވެ. ޖަޔާ ރުއްސައިފިއެވެ.

[އަހަރެންގެ ހިތްހަމައެއް ނުޖެހެއެވެ. ބޭރަށް ގޮސްގެން ކުރާނީ ކޮންކަމެއް ހެއްޔެވެ؟]

[ހިތްހަމަ ޖެހިދާނެއެވެ.]

[ނުޖެހޭނެއެވެ.]

[ނާޖިޔާއެވެ!] އެނބުރި ރަށަށް ދިއުމާމެދު ދުވަސްކޮޅެއް ވާނެއެވެ. ހުރިހާ އިންތިޒާމެއް ސައްވީސް ގަޑިއިރު ތެރޭގައި ހަމައެއް ނުޖެހޭނެއެވެ. ވީމާ މިދުވަސްކޮޅު ކޮންމެވެސް ގޮތަކަށް ހޭދަކޮށްލަން ޖެހޭނެއެވެ.]

[ކިހާ ދުވަހެއް ވާނެހެއްޔެވެ؟]

[އެއްހަފުތާވެސް ވެދާނެއެވެ. ދެހަފްތާ ތިން ހަފްތާވެސް ވެދާނެއެވެ!]

[އެއަށްވުރެ އަވަހެއް ނުވާނެ ހެއްޔެވެ؟]

[ތިޔައީ ނުވިސްނޭ ކުއްޖެއްނޫނެވެ. ސަރުކާރުގެ ކަމެކެވެ. ޖަލާލީއަށް އެކަނި ކުރެއްވޭނެ ކަމަކަށްވާނަމަ ހަމަވަގުތުން ހަމަޖެހުނީހެވެ.......]

ޖަލާލީގެ ނަން އިވުމުން ޖަޔާ މޫނުކުނި ކޮށްލިއެވެ. މި މަންޒަރު ފެނިފައި ހެރަލްޑް ވާހަކަ ބަދަލުކޮށްލައިފިއެވެ.

[މިއަދަކީ ވަރަށް ސާފު ރީތި ދުވަހެކެވެ. އަޅުގަނޑުމެން އެންމެ ފުރަތަމަ ދާނީ ޑިއުންޓައުނަށެވެ. އެތަނުން މެޑޯނާ ޕްލާޒާއަށެވެ. ދެންދާނީ މެންދުރުގެ ކެއުމަށް ރަނގަޅު ހޮޓަލަކަށެވެ. އެއަށްފަހު ފިލްމަކަށެވެ.]

[ދުވާލު ހަތަރުދަމު ގޭން ބޭރުގައި ހެއްޔެވެ؟] ނާޖިޔާ ސުވާލުކުރިއެވެ.

މިސިޒް ހެރަލްޑް ހީނލާފައި ބުންޏެވެ. [ގޭގައި އޮތީ ކޮންކަމެއްތޯއެވެ. ބޭރުގައި އުޅުމާ ގޭތެރޭގައި އުޅުމާ އޮތީ ކޮންތަފާތެއް ތޯއެވެ.]

ޖަޔާގެ ހިތަށް ތަދުވެއްޖެއެވެ. ޙަޤީޤަތުގައިވެސް މިއީ އޭނާގެ ގެއެއްނޫނެވެ. އޭނާ މިގެ ދޫކޮށްފައި ދަނީއެވެ. މިގެއަކީ އޭނާގެ ނިމުމުގެ އަސްލެވެ..... ވިސްނުމާ ފިކުރު އޭނާ ހާސްކުރުވައިފިއެވެ.

[ދެން ތައްޔާރު ވެލައްވާށެވެ. އަޅުގަނޑު ބަލިގެ ސާފުކޮށްލާނަމެވެ. ޖަލާލީއަށް ކެއުންވެސް ތައްޔާރު ކޮށްލާނަމެވެ.]

[އަހަރެންގެ އަތަކު އެހެން ހެދުމެއް ނެތެވެ.] ޖަޔާ ބުންޏެވެ. [ދިހުންއަރާ ފާޑުގެ ހެދުން ލައިގެން ބޭރަށް ދިއުމަކީ އަހަރެންގެ ހިތްރުހޭކަމެއް ނޫނެވެ. މީހުން ފާޑު ކިޔާނެތީއެވެ.]

[އެކަމަކުންލިބޭނެ އުނިކަމަކީ ކޮބައިތޯއެވެ. މިގައުމުގެ އެއްވެސް މީހަކު އަނެކެއްގެ މިނިވަންކަމަކާ ނުބެހޭނެއެވެ. ބޭނުން ވައްތަރެއްގެ ހެދުމެއް އަޅަންވީއެވެ.]

[ނޫނެކެވެ.]

[އެހެންވިއްޔާ ބްލައުޒަކާއެކު ޖީންސެއް ލާންވީ ނޫންތޯއެވެ.]

[އެ އެއްޗެހީގައި އަތްވެސް ނުލާނަމެވެ.]

[ދެންއެންމެ ރަނގަޅެވެ. ތިޔަ ހެދުން ރަނގަޅެވެ. ހީވަނީ ހެނދުނު ބަދަލުކުރެއްވި ހެދުމެއް ހެންނެވެ.]

[އާނއެކެވެ.]

[އަޅުގަނޑު ދިހަވަރަކަށް މިނެޓްއިރު ތެރޭގައި އެބައަންނަމެވެ.

މިސިޒް ހެރަލްޑް ފައިވާނުން އަޑުގޮއްވަމުން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

ޖަޔާ ޑްރެސިންގރޫމްގެ ފާރުގައި ހުރި ލޯގަނޑުން އަމިއްލަ ހިޔަނި ހުރިހާގޮތަކަށް ބަލައިފިއެވެ. އެނދުގައި އޮށޯވެ އޮތުމުގެ ސަބަބުން އޭނާގެ ހުދުމުގައި ރޫޖެހިފައިވެއެވެ. ދޯޕައްޓާވެސް އޮތީ ރޫބޮނޑިއެއް ހެންނެވެ.

އިސްތިރިކުރާ މޭޒާއި ކަރަންޓް އިސްތިރި އެއްފަރާތުގައި ހުއްޓެވެ. ހެދުން އިސްތިރި ކޮށްލުމަށް ޖަޔާގެ ހިތަށް އަރައިފިއެވެ. އެއާއެކު އެދިމާއަށް ހިނގައިގަތެވެ. އިސްތިރީގެ ވާގަނޑުވެސް ކަރަންޓަށް ޖަހައިފިއެވެ.

އެކަމަކު އޭނާގެ ހިތަށްއެރީ ކޮން އެއްޗެއްކަމެއް ނޭގެއެވެ.

ކުރިއަށް ޖެހިލާފައި ހެދުން އަލަމާރި ހުޅުވާލައިފިއެވެ. އަދި ކޮނޑުތަކުގައި އަޅުވާފައިހުރި ހެދުންތައް ވަކިވަކިން ބަލަން ފަށައިފިއެވެ.

މިސިޒް ހެރަލްޑްގެ ތަޤްރީރު އޭނާގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. އޭނާއަށް މިއޮތީ އެމެރިކާއަށް އާދެވިފައެވެ. އަދި އޭނާއާއެކު ޑްރާމާއެއްވެސް ކުޅެވިއްޖެއެވެ. ދެން އެންމެ ރަނގަޅުވާނީ އެކަންތައްތަކާމެދު ހިތްހަމަ ޖައްސާލުމެވެ. މީހުންނާ އެކަހެރިވެގެން ދިރިއުޅުމުގެ އެންމެ ވަގުތު ކޮޅެއްވެސް ހޭދައެއް ނުކުރެވޭނެއެވެ.

އޭނާ ހެދުންތައް ބަލަމުން ގެންދިޔައެވެ. އަދި ހަމައެއާއެކު ބަދަލުހިފުމުގެ ހިއްސުވެސް މޯޅިއަށް ދެމެމުން ދިޔައެވެ. އޭނާ މިހެދުންތައް ލާނެއެވެ. ބުރުޖަހާނެއެވެ. ރެޔާދުވާލު ބޭރުގައި އުޅޭނެއެވެ. ޖަލާލީ ރުޅި އަރުވާނެއެވެ.

އާއެކެވެ. ރުޅި އަރުވާނެއެވެ.

އޭނާއަށް ކެހިދިން މީހާ ރުޅި އަރުވާނެއެވެ.

އެޖަލާލީގެ އެތައް އާދޭހަކާ އެކުގައިވެސް އެއީ ދޮގުވެރިއެއް ނޫންކަމުގެ ޔަޤީންކަމެއް އޭނާއަކަށް ނުލިބެއެވެ.

ނާޖިޔާ އަލަމާރިން ރަތްކުލައިގެ ފަޓުލޫނަކާ ރީނދޫކުލައިގެ މަތީބުރިއެއް ނަގައިފިއެވެ. އެއާއެކު ހެއަރ ބޭންޑެއްވެސް އޮތެވެ. ތިރީގައި ރަތް ފައިވާނެއްވެސް ހުއްޓެވެ.

ކުޑަ އިރުކޮޅަކަށްފަހު އެހެދުން ލައިގެން އޭނާ ލޯގަނޑު ކުރިމައްޗަށް ހުއްޓިއްޖެއެވެ. އަމިއްލަ ސިފަ ފެނިފައި އޭނާ ޙައިރާން ވެއްޖެއެވެ. ކިހާރީތި ހެއްޔެވެ. އެހެދުމުގައި ހުންނައިރު އޭނާ ކިހާ ތަފާތު ހެއްޔެވެ. އޭނާ އިސްތަށިގަނޑުވެސް ހެދުމާގުޅޭ ގޮތަކަށް އޮމާން ކޮށްފިއެވެ. ރަތްކުލައިގެ ރިބަންފަށެއް ބޭންޑެއް ފަދައިން ބޮލުގައި އައްސާލިއެވެ. އެއަށްފަހު މޭކަޕްވެސް ކޮށްފިއެވެ. ސެންޓް ޖަހާލިއެވެ. މޭކަޕްގެ އަގުބޮޑު ސަމާނުތަކުން އެއްވެސް ބެލުމެއްނެތި ބޭނުންކުރިއެވެ. ލިޕްސްޓިކް ޗޯކު ބިންދާލިއެވެ. ހޭންޑް ލޯޝަންފުޅީގެ ދެބައިކުޅަ އެއްބައި ބަންޑުން ޖަހާލިއެވެ. އަދި އެލޯޝަންތައް ފޮހެލުމަށްޓަކައި އެތައް ޓިޝޫ ޕޭޕަރެއްގެ ބޭނުންކުރިއެވެ. ސެންޓްފުޅިވެސް ސްޕްރޭކުރީ ވަކިގޮތެއް ބަލައިގެނެއް ނޫނެވެ. މުޅި ކޮޓަރީގައި އޭގެ ވަސް ހިފައިފިއެވެ.

މިހުރިހާ ކަމެއްކޮށް ނިންމުމަށްފަހު އޭނާގެ އެތެރެހަށީގައި ދަންނަވަން ނޭގޭ ޒާތެއްގެ އުފާވެރި ކަމެއްގެ އިޙްސާސް އާލާވެގަތެވެ. އެހުރިހާ އެއްޗެއް އެފުށް މިފުށަށް ޖެހުމަށްފަހު ފިސާރި ގޮތުގައި ލޯގަނޑު ކުރިމަތިން ދުރަށް ޖެހިލައިފިއެވެ. ބޮޑުދަބަހެއް ނަގާ ކޮނޑުގައި އަޅުވާލިއެވެ. ދެން އަނެއްކާވެސް ލޯގަނޑުން ބަލާލިއެވެ.

އެއަށްފަހު ހަލުއިކަމާއެކު ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ އެދިޔައީ މިސިޒް ހެރަލްޑް ކައިރިއަށް ބަދިގެއަށެވެ. އެދިޔަ ގޮތަށްގޮސް ލިވިނގްރޫމަށް ވަދެވުމާއެކު އަނެއް ފަރާތު ދޮރުން ޖަލާލީ އެތެރެއަށް ވަދެއްޖެއެވެ.

ދެމީހުން އެކަކު އެނަކަކަށް ބަލާލިއެވެ.

ޖަލާލީ ސިހިފައި ފަހަތަށް ޖެހިލަން އުޅުނެވެ. އެކަމަކު އޭގެ ކުރީގައި ޖަޔާ ފަޔަށް ބާރުލާފައި ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. އޭނާ ހީކުރީ ޖަލާލީ ހަމަގަސްތުގައި އޭނާގެ ކުރިމައްޗަށް އެރީ ކަމުގައެވެ. އޭނާ އަންނަކަން އެނގުމުން ކޮޓަރިއަށް ވަނީކަމުގައެވެ.

އެކަމަކު................

އޭނާ ރުޅިއައިސްފައި ވިސްނާލިއެވެ. [އަހަރެންވެސް ކުޅިގަނޑެއް ކުޅެލާނަމެވެ. އަހަންނަށް ދިން ކަހަލަ ކެއްސެއް ދޭނަމެވެ. ހަނދާން ހުންނަވަރުގެ ކަމެއް ކޮށްލާނަމެވެ.]

[މިސިޒް ހެރަލްޑެވެ!] އޭނާ ބަދިގެއަށް ވަދެފައި ބުންޏެވެ..... ކިހާ ރީތި ބަދިގެއެއް ހެއްޔެވެ. ދުވާލުގެ ހަމަ އަލީގައި ބަދިގެ ރަނގަޅަށް ބަލާލެވުނު މިއީ ފުރަތަމަ ފަހަރުކަމުގައި ވެދާނެއެވެ. ކޮންމެ އެއްޗެއް އޭނާއާ ކުރިމަތިލާފައިވާ ކަހަލައެވެ.

[މިހާރު މިނިމުނީއެވެ.] އޭނާ ތުވާލުން އަތްފޮހެލަމުން ބުންޏެވެ. ދެން އޭނާ ދަބަސް ނަގައިފިއެވެ. އަދި އައިނު އަޅާލުމާއެކު ހިނިތުން ވެލާފައި ބުންޏެވެ. [ހިންގަވާށެވެ.]

ދެމީހުން ބަދިގޭން ނުކުމެއްޖެއެވެ. ލިވިންގރޫމުން ކޮރިޑޯއަށް އަތުވެއްޖެއެވެ. ކަނާތް ފަރާތުގައި ހުރީ ޖަލާލީގެ ނިދާ ކޮޓަރިއެވެ..... މިސިޒް ހެރަލްޑް ބުންޏެވެ. [ކުޑައިރުކޮޅަކު އިންތިޒާރު ކޮށްލައްވާށެވެ. އަޅުގަނޑު އެބައަންނަމެވެ.]

ޖަޔާ ކޮރިޑޯގައި ހަރުކޮށްފައިވާ ކުރެހުންތަކަށް ބަލަން ފަށައިފިއެވެ. އެތާނގައިވެސް ރަތް ދޫލަ އަޅާފައިވެއެވެ. ހިނގާއިރު ފައިތިލަ ގަނބައިގެން ދާވަރުގެ މަޑު ދޫލައެކެވެ. ފާރުތަކުގައިވެސް ހުރީ ކުރެހުން އަޅާފައެވެ. ތަންތަން ކޮޅުގައި ކުރެހުން ހަރުކޮށްފައިވެއެވެ. ފޮޓޯތަކާއި މަސްނޫޢީ މަލުން ވަރަށް ރީތިކޮށް އެތަން ޒީނަތްތެރި ކޮށްފާވެއެވެ.

މިސިޒް ހެރަލްޑް ކަނާތް ފަރާތުން އައިސް ޖަލާލީގެ ކޮޓަރީގެ ދޮރުކައިރިއަށް ހުއްޓިއްޖެއެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް އަތުވެއްޖެއެވެ.

[މިސްޓަރ ޖަލާލީއެވެ. އަޅުގަނޑުމެން ބޭރަށް ދަނީއެވެ. އާދެވޭނީ މިރޭ ކަންނޭގެއެވެ.]

[އެންމެ ރަނގަޅެވެ.....!]

[ފައިސާ ކޮޅެއް ދެއްވާނަންތޯއެވެ؟]

[ހަމަގައިމެއް ނޫން ހެއްޔެވެ. ހެރަލްޑެވެ. ޖަޔާ ގާތުގައި އަހާލިން ހެއްޔެވެ؟]

[ކޮން ވާހަކައެއް ތޯއެވެ؟]

[އެނާ ބޭނުންވަނީ ކިހާ ފައިސާއެއް ކަމެވެ.]

[ނޫން..... ނޫނެކެވެ..... އޭނާގެ ކުރިމަތީގައި އެކަހަލަ ވާހަކައެއް ދެއްކުން ރަނގަޅެއް ނޫނެވެ. އެކަހަލަ ކޮންމެ ވާހަކައަކާމެދު އޭނާ ނަފްރަތު ކުރެއެވެ. ރުޅިއާދެއެވެ.]

[އެހެންދޯއެވެ!]

މިސިޒް ހެރަލްޑް ހިސާބު ހަދާފައި ބޭނުންވާ ވަރަށް ފައިސާ އަތުލައިފިއެވެ.

[އިތުރަށް އެތިކޮޅެއް ގެންދަން ވާނެއެވެ. ފަހަރެއްގައި ނާޖިޔާ އެއްޗެއް ގަނެލަން ބޭނުން ވެދާނެއެވެ. އެހެން ވެއްޖެނަމަ އެ އެއްޗެއް ގަނެދޭން ޖެހޭނެއެވެ.]

ޖަލާލީ އެތައް ސަތޭކަ ޑޮލަރެއް މިސިޒް ހެރަލްޑް އަތަށްދީފިއެވެ.

[ޝުކުރިއްޔާ!........] މިސިޒް ހެރަލްޑް ދަބަހަށް ޑޮލަރުކޮޅު ލަމުން ބުންޏެވެ. އަދި ބާއިބާއި ކިޔަމުން ކޮޓަރިން ނުކުމެއްޖެއެވެ.

[ހިންގަވާށެވެ! އޭނާ ޖަޔާއާއެކު ގޭން ނުކުމެއްޖެއެވެ.

ބޭރުގެ މަންޒަރުތައްކިހާ ރީތި ހެއްޔެވެ. ޖަޔާއަށް ހީވީ ހަމަ ޙަޤީޤަތުގައިވެސް ސުވަރުގޭގެ ބައެއްގައި ހުރެވުނު ހެންނެވެ. ފެހިގަސްތަކާ އެކިވައްތަރުގެ މާމަލުން މުޅި ހިސާބުގަނޑު ފަޅުފިލާފައި ވެއެވެ. އެއްފަރާތުގައި ފަރުބަދަތަކުގެ ސިލްސިލާއެވެ. ދުރަށް ދިޔަވަރަކަށް ފަރުބަދަތައް އުސްވަމުން ގޮސްފައިވެއެވެ. އެއިން ކޮންމެ ފަރުބަދައެއްގެ ކައިރީގައި ރީތި ގެއެއްހުއްޓެވެ. ކޮންމެގެއެއްގެ ފުރާޅުގައި ރަތްކުލަ ލާފައިވާއިރު ރީތިކަމުން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ފެހިގަސްތަކުގެ ގޮޅިގޮޅި އެގެތަކުގެ ވަށައިގެންވެއެވެ.

މިސިޒް ހެރަލްޑް އޭނާ ގޮވައިގެން ގަރާޖާ ދިމާއަށް އަތުވެއްޖެއެވެ. ފައްޗަކަށް ތިންކާރު އެތާނގައި އޮތެވެ.

ހެރަލްޑް އޭނާގެ ކާރުގެ ދޮރުފަތް ހުޅުވާލިއެވެ.

[އިށީންނަވާށެވެ.] އޭނާ ޖަޔާ ގާތުގައި ބުންޏެވެ. ޖަޔާ ދެން އޮތް ދެކާރަށް ބަލަހައްޓައިގެން ހުއްޓެވެ. ރަތްކޮށް އޮތީ ޖަލާލީގެ ކާރެވެ. އަދި މުޅިން އާކޮށް ނޫކުލައިގައި އޮތީ ޖަޔާއަށް ގަނެދީފައިވާ ކާރެވެ.

[ކާރު ދުއްވަން ދަސްކޮށްދޭން މިސިޒް ހެޑްސަން ހުންނާނެއެވެ. ބޭނުމިއްޔާ ދެތިން ދުވަހެއްގެ ތެރޭގައި އޭނާ ދަސްކޮށް ދީފާނެއެވެ. ޖަލާލީ ނިންމާފައި އޮތީ އެގޮތަށެވެ. އެކަމަކު މިހާރު ދެންއޮތީ ޖަޔާއަށް ފެނިލައްވާ ގޮތެކެވެ.] ހެރަލްޑް ޖަޔާ ގާތުގައި ބުންޏެވެ.

އޭނާ އެއްވެސް ޖަވާބެއް ދިނުމަކާނުލައި ކާރަށްއަރާ އިށީނދެއްޖެއެވެ. މިސިޒް ހެރަލްޑް އޭނާއާ ޖެހިގެންހުރި ސީޓުގައި އިށީނދެއްޖެއެވެ. އަދި ކާރު ސްޓާޓް ކުރަމުން ހިނިތުން ވެލާފައި ބުންޏެވެ.

[ނާޖިޔާއެވެ. މޫޑުމުޅިން ބަދަލު ކޮށްލައްވާށެވެ. ހިތާ ސިކުނޑިއަށް އުފާވެރި ގޮތް ގެންނަވާށެވެ. ވަގުތު ހަމަ އެދާވަރަކަށް ފާއިތުވަމުން ދާނެއެވެ. އޭގެ ކޮންމެ ހިނދުކޮޅަކުން އަރާމާ އުފާ ހޯއްދަވާށެވެ.]

ޖަޔާ ހާސްވެފައިވާ ކަހަލަ ގޮތަކަށް ބަލާލިއެވެ. ހަމައެކަނި ތުންފަތުގައި ދަތްއަޅާލައިގެން އިނީއެވެ. މިސިޒް ހެރަލްޑްގެ ވާހަކައިން އޭނާގެ ހިތް ނުތަނަވަސް ވެފައިވެއެވެ.

މިސިޒް ހެރަލްޑަކީ ދަނޑިވަޅުގެ ބޭނުން ހިފަން ފިސާރި ރަނގަޅަށް ދަންނަ އަންހެނެކެވެ. މިގޮތަށް ޖަޔާގެ މޫނުގެ ކުލަވަރު ތަޣައްޔަރުވެގެން ދިއުމުން ކުއްލިއަކަށް ވާހަކަ ބަދަލުކޮށްލައިފިއެވެ. [ފުރަތަމަ ދާނީ ޑައުންޓައުނަށެވެ. ޖަޔާއަށް ފެނިލައްވަނީ ކިހިނެއްތޯއެވެ.]

[އަހަންނަށް އެކައްޗެއްވެސް ނޭގެއެވެ. މިތަނުގެ އެއްވެސްކަމެއް އަހަންނަކަށް ނޭގެއެވެ. މިއައީވެސް ހެރަލްޑްގެ އެދިލެއްވުމުގެ މަތިންނެވެ. ގޮވައިގެން ދިޔަ ތާކަށް އަހަރެން ދާނަމެވެ.]

[ސާބަހެވެ. ހިތްވަރުގަދަ ކުއްޖަކަށް ވެލައްވާށެވެ.]

[ދުވާލުގެ ވަގުތުގައި ތަރި ފެންނަ ވަރަށް ހިތްވަރުގަދަ ކޮށްލާނަމެވެ.]

އޭނާގެ ވާހަކައާމެދު ހެރަލްޑް ކުޑަކޮށް ހީނލިއެވެ. ޖަޔާގެ ހިތުގައިވާ ބަދަލުހިފުމުގެ ޖަޒުބާތުތަކުގެ ޚަބަރު އޭނާއަށް އެނގެނީ ކަންނޭގެއެވެ.

އޭނާ ޖަޔާއާ ވާހަކަދައްކަމުން ކާރު ގަރާޖުން ނެރެފިއެވެ. ފިސާރި ރީތިކޮށް އަޑި އުސްތަންތަނާއެކު ތިރިއަށް ދާން މަގެއް ހެދިފައިވެއެވެ. އެމަގު ގުޅިފައިވަނީ ތިރީގައި އޮތް ބޮޑު މަގާއެވެ. މަގުގެ ދެފަރާތުގައި ބޮޑެތި ގަސްތައް ހައްދާފައިވެއެވެ. އޭގެ ފުރަގަހުން ލޮލުކޮޅަށް ނުފެންނަ ހިސާބަށް މަލުގެ ވާދީ ދެމިފައިވެއެވެ. ބައެއް ތަންތަނުން ގޭގެވެސް ފެނެއެވެ.

ކާރު ހައިވޭއަށް އަތުވެއްޖެއެވެ. މިހާ ތަނަވަސް ރީތިމަގެއް އެންމެ ފުރަތަމަ ފަހަރަށް އޭނާއަށް މިފެނުނީއެވެ. އެތައްކާރެއް އެއްފަހަރާ އެއްފަރާތަކުން ބާރު ސްޕީޑްގައި ދަތުރުކުރަމުން ދަނީއެވެ. ކާރުތަކުގެ ޢަދަދު ޙައިރާންވާހާ ގިނައެވެ. މިސިޒް ހެރަލްޑް މަގުތަކާ އެކިއެކި ތަންތަނާ ބެހޭގޮތުން ޖަޔާއަށް އޮޅުން ފިލުވައިދެމުން ދެއެވެ.

ތިރީގައާ މަތީގައި ހަދާފައިވާ ފުޅާމަގުތައް ފެނިފައި އިންސާނުން ކުޅަދާނަކަމުގެ މައްޗަށް ޖަޔާ ހިތުން ތަޢުރީފު ކުރިއެވެ. އެތާނގައި ކޯރަކުން ފެންދެމޭހެން ޓްރެފިކް ކޮޅުކޮޅަށް ދެމިފައިވެއެވެ. ހުއްޓުމެއްނެތި ދަތުރު ކުރަމުންދެއެވެ. އެމީހުން ދަނީ ޑައުންޓައުން އަށެވެ. މިސިޒް ހެރަލްޑް ކާރު ހަނިމަގަކަށް އަޅުވާލިއެވެ. މި މަގުވެސް އެހާމެ ފުޅަލެވެ. ދިހަވަރަކަށް ކާރު ހަލުއިކަމާއެކު އެއްފަހަރާ ދަތުރު ކޮށްލެވޭހާ ފުޅަލެވެ.

މިއީ ތަރައްޤީ ހިސާބުގަނޑެކެވެ. ކޮޅުކޮޅަށް މީހުން ހިނގާތަންފެނެއެވެ. ފިހާރަތައް ހުޅުވި ވިޔަފާރި ކުރެވެމުން ދެއެވެ. އަންހެނުންނާ ފިރިހެނުން އަދި ކުދިންވެސް ފިހާރަތަކުން ފެނެއެވެ. އެންމެންވެސް ތިބީ ސާފު ފޭރާމުގައެވެ. މުސްކުޅި އަޖޫޒު އަންހެނުންވެސް އަޅާފައިވާ ހެދުން ރީތިވެފައި ސާފެވެ. ޒުވާން އަންހެން ކުދިންގެ ސިއްޙަތު ވަރަށް ރަނގަޅެވެ. ގިނަ ކުދިން ފެންނަނީ ބްލައުޒާއެކު ޖީންސް ލައިގެން ތިއްބައެވެ. މުޅިންވެސް ދޮން ކުދިންނެވެ. ގިނަމީހުންގެ އިސްތަށިގަނޑު ހުންނަނީ އަޅި ކުލައަކަށެވެ. ބައެއްމީހުންގެ އިސްތަށިގަނޑު ކަޅެވެ. އަދި ބުރައުން ކުލައިގެ އިސްތަށިގަނޑު ހުންނަ މީހުންވެސް މަދެއްނޫނެވެ. ކަޅުމީހުންވެސް ހިސާބަކަށް ފެނެއެވެ.

މިސިޒް ހެރަލްޑް ހުރިހާތަނެއް ޖަޔާއަށް ދައްކައިފިއެވެ. ރީތި ފިހާރަތައް ޖަޔާ ބެލިއެވެ.

ހެރަލްޑް މިތަންތަން ދެއްކުމަށްފަހު ޖަޔާ ގޮވައިގެން މެޑޯނާ ސްޓޯރަށް ހިނގައްޖެއެވެ.

ސްޓޯރެއް ހެއްޔެވެ. ނުވަތަ ކުޑަވަރެއްގެ ޝަހަރެއް ހެއްޔެވެ. މޫނުބަލާ ލޮޔާ ބިއްލޫރީގެ ދުނިޔެއެކެވެ. ސްޓޯރުގެ އެތައް ބައެއްވެއެވެ. އެތައް ބުރިއެއް ހުއްޓެވެ. ދުނިޔޭގައި ލެއްވި ހުރިހާ އެއްޗެއް އެތަނުން ލިބިދާނެކަން ނޭނގެއެވެ. ޖަޔާ މިސިޒް ހެރަލްޑާއެކު ވަރަށް ޝައުގުވެރި ކަމާއެކު ސްޓޯރު ބަލަމުން ގެންދިޔައެވެ. މިބަޔަކީ އިންތިހާއަށް ސާފު ތާހިރު ބައެކެވެ. އަލަމާރީތައް ހުރީ ބިއްލޫރިންނެވެ. ކައުންޓަރ ވިދާ ބަބުޅައެވެ. ތަންތަނުން އެއްޗެހި އުފުލުމަށް ފަސޭހަކުރުމުގެ ގޮތުން ވަށިގަނޑުތައް ބަހައްޓާލެވިފާ ހުއްޓެވެ.

ކޮންމެ އެއްޗެއްގައި އެ އެއްޗެއްގެ އަގު ހަރުކޮށްފާވެއެވެ. އެއްވެސް މީހަކާއެކު ސޭލްމޭނަކު ނުހުރެއެވެ. އެމީހަކު ބޭނުން އެއްޗެއް އެމީހަކު އަމިއްލައަށް ނަގާ ވަށިގަނޑުތަކުގައި ބަހައްޓަމުންދެއެވެ. އެމީހުން ފައިސާގެ ހިސާބުކުރަނީ ކައުންޓަރު ކައިރިއަށް ގޮހެވެ. ޓީވީ ކެމެރާ ހުރިހާދިމާއަކަށް އަޅުވާލާފައި ހުރެއެވެ. މީހުންގެ ޙަރަކާތްތައް މެނޭޖަރުގެ ކޮޓަރިއާ ހަމައަށް ފަސޭހަކަމާއެކު ފެންނަމުން ދެއެވެ. މި ސިސްޓަމަކީވެސް ޖަޔާ ޚާއްޞަގޮތަކަށް ޙަރިއާން ކުރުވި ސިސްޓަމެކެވެ.

ދެމީހުން ހިނގަމުން ހިނގަމުންގޮސް ކުޑަކުދިންގެ ރެޑީމޭޑް ހެދުން ހުރި ހިސާބަށް އަތުވެއްޖެއެވެ. ފިސާރި ރީތި ގަމީހާއި ފަޓޫލުނު އަދި އެހެނިހެން އެއްޗެހި ހުއްޓެވެ. ޖުމްލަކޮށް ބަލާއިރު ކުޑަކުދިންނާބެހޭ ހުރިހާ އެއްޗެއް އެތާނގައި ހުއްޓެވެ. އަންހެން ކުދިންގެ އެއްޗެހި ވަކިންނެވެ. ފިރިހެން ކުދިންގެ އެއްޗެހި ވަކިންނެވެ.

ޖަޔާއަށް ތާނޫ ދައްތަގެ ގުއްޑޫއާއި ރަބޫގެ މަތިން ހަނދާން ވެއްޖެއެވެ. ބޭއިޚްތިޔާރުގައި އޭނާ ތިން ހަތަރު އަންހެން ހެދުމާ ފިރިހެން ހެދުން ނަގާފައި ބަލަން ފަށައިފިއެވެ.

[އަހަރެންގެ ދައްތަގެ ދެކުދިން ތިބެއެވެ.] އޭނާ ހެރެލްޑް ގާތުގައި ބުންޏެވެ.

]އެކުދިންނަށް އެއްޗެއް ގަނެލަން ބޭނުންތޯއެވެ.] ހެރަލްޑް ބުންޏެވެ.

މިތާނގައި ހުރި ހުރިހާ ހެދުމެއް ގަނެލަން ޖަޔާގެ ހިތަށް އެރިއެވެ. އެކަމަކު މި އެއްޗެހި ގަންނާނެ ފައިސާއެއް އޭނާގެ އަތަކު ނެތެވެ. ދަތުރު މަތީގައި މިސިޒް ފައުޒިއްޔާ ރަފީޤު ދިން ޑޮލަރު ކޮޅެއް ދަބަހުގައި ހުއްޓެވެ.

[އަޅުގަނޑުގެ އަތުގައި ފައިސާ އެބަހުއްޓެވެ. ރަނގަޅު އެއްޗެހި ބައްލަވާފައި ނަންގަވާށެވެ.] ހެރަލްޑް ބުންޏެވެ.

[ނޫނެކެވެ. އަޅާ ނުލާށެވެ.] ޖަޔާ ދެރަވެލާފައި ބުންޏެވެ.

[ނާޖިޔާއެވެ. ހެދުންކޮޅެއް ގަނެލުން ކޮންމެހެން ބޭނުމެވެ. ނާޖިޔާގެ ދައްތައާ ކުދިންނަށް އެހީވުމަކީ ނާޖިޔާގެ ޙައްޤެކެވެ.]

[އަހަރެންގެ ޙައްޤު އަހަންނަށް ލިބިގެނެއް ނުވެއެވެ. ވީއިރު އެމީހުނާމެދު އަހަންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ.] ޖަޔާ ހިތާމަ އެކުލެވޭ އަޑަކުން މިހެން ބުނަމުން ކުރިއަށް ހިނގައިގަތެވެ.

ޖަޔާ ނަގައިގެން އުޅުނު ހުރިހާ ހެދުމެއް މިސިޒް ހެރަލްޑް ނަގައިފިއެވެ.

ދެން ދެމީހުން އެކުގައި މޭކަޕް ސާމާނު ހުރިބަޔަށް އަތުވެއްޖެއެވެ. ވަރަށްބޮޑު ސެންޓް ފުޅިއެއް ނަގާފައި ޖަޔާ ބަލާލިއެވެ. ދެން ބަހައްޓައިފިއެވެ.... އޭނާ ކުރިއަށް ހިނގައިގަތުމުން އެފުޅިވެސް ހެރަލްޑް ނަގައިފިއެވެ.

ދެމީހުން އެތަނުން ނުކުތުމަށްޓަކައި ކައުންޓަރު ކައިރިއަށް ދިޔައިރު މިސިޒް ހެރަލްޑްގެ ވަށިގަނޑުގައި ވަރަށްގިނަ ސާމާނު ހުއްޓެވެ. އޭގެ ތެރޭގައި މުޅިންވެސް ހުރީ ޖަޔާގެ ސާމާނެވެ. ޚިޔާލުގެ ތެރޭގައި ހުރެގެން އޭނާ އަތްޖައްސާލި ކޮންމެ އެއްޗެއް އޭގެ ތެރޭގައި ހުއްޓެވެ. އަދި ޝައުޤުވެރި ނަޒަރަކުން ބަލާލި އެއްޗެއް ކަމުގައިވިޔަސް އެ އެއްޗެއް އޭގެ ތެރޭގައި ހުއްޓެވެ.

[ތިޔަކުރީ ވަރަށް ދެރަކެމެކެވެ.] އެއްޗެހިތައް ކާރަށް އެރުވިތަން ދެކެފައި ޖަޔާ ބުންޏެވެ.

[މިއީ އެހާވަރުގެ ކަމެއްނޫނެވެ.]

[އެމީހާގެ އެއްވެސް އިޙްސާންތެރިކަމެއް އަހަރެން ޤަބޫލެއްނޫނެވެ. ތިޔަހުރިހާ އެއްޗެއް ހެރަލްޑް ގެންދާށެވެ. ތިޔައިގައި އަތްލާންވެސް އަހަރެން ނޭދެމެވެ.]

ޖަޔާގެ ސީރިއަސް މޫނު ހެރަލްޑް ބަލާލިއެވެ.

އެކަމަކު އެމީހުން އެދަނީ މެންދުރުގެ ކެއުމަށެވެ. ތަންކޮޅެއް މަތީގައިހަދާފައިވާ މިރެސްޓޯރެންޓަކީ މިސާލެއްނެތް ފަދަ ތަނެކެވެ. ތިރީގައި ހައިވޭއެވެ. އެތަނުގެ ބިއްލޫރި ދޮރުތަކުގެ ކައިރީގައި އަރާމު ގޮނޑިގޮނޑީގައި ތިބޭއިރު ތިރީގައި ދެމެމުންދާ ކާރުތަކުގެ ސައިލާބު ފެންނަނީ ފިސާރި ހިތްގައިމު ގޮތަކަށެވެ.

[ކޭން ބައްލަވާނީ ކޮން އެއްޗެއްތޯއެވެ.] މިސިޒް ހެރަލްޑް ސުވާލުކުރިއެވެ.

[ގެނައި ކޮންމެ އެއްޗެކެވެ.]

[މިއަދު ގެންނާނީ އަޅުގަނޑަށް ފެންނަ އެއްޗެކެވެ.]

[ކެއުމުގެ މާބޮޑު ފޯރިއެއް ނެތެވެ.]

[ފޯރި ޖެހިދާނެއެވެ.]

މިސިޒް ހެރަލްޑް ވަރަށްގިނަ ސާމާނު ގެނުވައިފިއެވެ. އަގުބޮޑު އެހާމެ މީރު ތަކެއްޗެވެ. ފައިސާގެ ސުވާލެއް އެއްގޮތަކަށްވެސް ނެތެވެ. ބޭނުންވަނީ ޖަޔާ ހިތްހަމަޖައްސާ ދިނުމެވެ. އެކަމަކު ހިތްހަމަ ޖެހުމުގެ ބަދަލުގައި ފޫހިކަން އިތުރުވަމުން ދަނީއެވެ.

ޖަޔާ ފިލްމު ބެލީވެސް ހިތާ ދެކޮޅަށެވެ. އަބަދުވެސް ސިކުނޑީގެ ހާސްކަން އޭނާއަށް އުނދަގޫ ކުރަމުން ދެއެވެ. މައިންބަފައިންގެ މަތިން ގަދައަށް ހަނދާންވެއެވެ. ސިއްރުން ރޮއިވެސް ހަދައެވެ.

ފިލްމުނިމުމުން ދެމީހުން ކާރުގައި އެތައްތަނަކަށް ބުރުއެޅިއެވެ. މިސިޒް ހެރަލްޑް ގެންދިޔަތަކާށް އޭނާ ދިޔައެވެ. ގެއަށް އައިސްގެންވެސް ކުރާނެކަމެއް ނެތެވެ. މިގޮތުން ތަންކޮޅެއް ހިތްހަމަ ޖެހިގެން ވަގުތު ހޭދަކޮށްލެވި ދާނެއެވެ.

ދެމީހުން އެނބުރި ގެއަށް އައިއިރު ރޭގަނޑު ބާރަ ޖަހަނީއެވެ. ޑައުންޓައުންގައި ހަމަ ދުވާލެވެ. އެކަމަކު އެމީހުންގެ ހިސާބުގަނޑަށް ކަޅު އަނދިރި ރެކެވެ. ގޭގޭގެ މީހުން ނިދާ ނިމިއްޖެއެވެ. ފާރަވެރި ކުއްތާތައް ހޭރޭ އަޑުވެސް ބައެއް ފަހަރު އިވެއެވެ.

**********************

[އުފާވެރި ފަތިހެކެވެ.] މިސިޒް ހެރަލްޑްގެ އުނަގަނޑުގައި އޮތް ހަންކަމަރު ކުޑަކޮށް ދޫކޮށްލަމުން ހިނިތުން ވެލާފައި ޖަޔާއާ ދިމާއަށް ބުންޏެވެ.

[ޝުކުރިއްޔާ!] ޖަޔާ ޖަވާބު ދިނެވެ.

[އިއްޔެގެ ވަރުބަލީގެ ސަބަބުން މާގަދައަށް ނިދުނީތޯއެވެ. އަޅުގަނޑު އެނދުކޮފީ ހިފައިގެން އައިމެވެ.]

[އެހާ ހެނދުނާ ކޮފީބުއިމުގެ އާދަ އަހަންނަށް ހިފިފައެއް ނުވެއެވެ.] ޖަޔާ ބޮލަށް ޙަރަކާތެއް ގެނައުމާއެކު މޫނު މައްޗަށް ވެއްޓެމުންދާ އިސްތަށިތައް ފުރަގަހަށް ލައިފިއެވެ. އަދި ފުރަގަހަށް ދެއަތް ގެންގޮސް އިސްތަށިތައް އެއްކޮށްލާފައި އެއްފަރާތުން ކުރިމައްޗަށް ގެނައެވެ.

އޭނާ އެނުކުތީ ފެން ވަރައިގެންނެވެ. މިއަދުވެސް މޫނުމަތީގެ ކުލަވަރު ހުރީ ތަޣައްޔަރު ވެފައެވެ. ތުއްފަތުގައި ލިޕްސްޓިކްގެ އަސަރެއް ނެތެވެ. ލޯ ރަތްވެފައެވެ. އޭނާ ރޭގައިވެސް ރުއީ ކަންނޭގެއެވެ. ނުވަތަ ރަނގަޅަށް ނުނިދުނީއެވެ.

[ނާސްތާ، ކާގޭގައި ބަހައްޓާނީ ތޯއެވެ. ނޫނީ ބަދިގެއަށް ދާނީތޯއެވެ.] މިސިޒް ހެރަލްޑް ސުވާލު ކުރިއެވެ.

މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުރި ޖަޔާ އެނބުރި ބަލާލިއެވެ. އެވަގުތު އޭނާގެ ލޮލުގައިވާ ސުވާލު މިސިޒް ހެރަލްޑަށް އެނގިއްޖެއެވެ. އޭނާ ހަމައަވަހަށް ބުންޏެވެ.

[ޖަލާލީ ނާސްތާ ކުރައްވައިފިއެވެ. މިއަދު އޭނާއާ ކުރިމަތިލާކަށް ނުޖެހޭނެއެވެ.]

[އެހެންވިއްޔާ ބަދިގެއަށް ދާނީއެވެ.] ޖަޔާ ފުރަގަހަށް އިސްތަށިގަނޑު އެއްލާލަމުން ބުންޏެވެ. އޭނާ މިއަދުވެސް ހުރީ އިއްޔެލައިގެން ހުރި ކަހަލަ ހެދުމެއްގައެވެ.

[ނާސްތާއާއެކު އެއްވެސް ވައްތަރެއްގެ ޖޫހެއް ބޭނުންވާނެތޯއެވެ.]

[މިސިޒް ހެރަލްޑެވެ. އަހަންނަށް ކަމުދާ އެއްޗެއްސާ އަދި ކަމުނުދާނެ އެއްޗެހި ބަލަން ނޫޅޭށެވެ. އެކަމަށް އަހްމިއްޔަތުކަން ދިނުމުގެ ބޭނުމެއްނެތެވެ. ހުރި އެއްޗެއް ތައްޔާރު ކުރާށެވެ. އަހަރެން ވަކި އެއްޗެއް ކާކަށް ބޭނުމެއްނޫނެވެ.]

މިސިޒް ހެރަލްޑް ބޯޖަހާލަމުން ވަކި އެއްޗެކޭ ނުބުނެ ކޮޓަރިން ނުކުމެއްޖެއެވެ.

[ޙަޤީޤަތުގައިވެސް މިއަންހެން ކުއްޖާގެ މައްސަލަ ވަރަށްބޮޑެވެ.] އޭނާ ހިތާހިތުން ވިސްނާލިއެވެ. ދެން ބައިގެއާ ދިމާއަށް ހިނގައްޖެއެވެ.

ހެރަލްޑް ޖަޔާއަށް ވަރަށް އާދައިގެ ނާސްތާއެއް ތައްޔާރުކުރިއެވެ. އަދި ޖަޔާއަށް އިންތިޒާރުކުރަން ފަށައިފިއެވެ.

ޖަޔާ އިސްއޮބާލައިގެން މަޑުފިޔަވަޅުގައި ހިނގާފައި ބަދިގެއަށް އަތުވެއްޖެއެވެ. އިއްޔެގެ ބުރުޖެހުމުން ތާޒާވުމުގެ ބަދަލުގައި މާބޮޑަށް ފިކުރުބޮޑުވެފައި ހުންނަ ކަހަލަ ގޮތަކަށް މިއަދު ފެނުނެވެ...... މިގެއަކީ ޤައިދުޚާނާއެއް ކަމުގައި އޭނާ ދެކެން ފަށައިފިއެވެ. މަންމައާ ބައްޕަގެ މަތިން ހަނދާންވާ ވަރުން އުދުހިލާފައި ދެވޭނެ ނަމައޭ ކިތަންމެ ފަހަރަކު އޭނާގެ ހިތަށް އަރައެވެ.

މިސިޒް ހެރަލްޑް ދެކެވެސް މިހާރު ރުޅިއަންނަން ފަށައިފިއެވެ. އޭނާގެ އޯގާވެރިކަމާ ލޯތްބަށް ފުރަގަސްދޭން ފަށައިފިއެވެ. އެ ހަމްދަރުދީގެ ސަބަބުން އޭނާއަށް އެއްވެސް އަސަރެއް ނުކުރިއެވެ..... އެކަނިވެރި ހައްޔަރުވުން ހިތުގައި އަލިފާން ޖަހަމުން ދިޔައެވެ..... ނާސްތާ ކޮށްލައިގެން އޭނާ އެކައްޗެކޭވެސް ނުބުނެ ނުކުމެގެން އަތުވެއްޖެއެވެ. މިސިޒް ހެރަލްޑްވެސް މަސްލަޙަތަށްޓަކައި އެކައްޗެއްވެސް ނުބުނެއެވެ.

ދެންވާނީ ކިހިނެއްބާވައޭ ޖަޔާގެ ހިތަށް އަރައެވެ..... ބާކީ އޮތްދުވަސްކޮޅު ހޭދަކޮށްލާނީ ކިހިނެއް ބާވައެވެ.

ވަރަށް އުނދަގުލުން އޭނާއަށް ވިސްނެން ފަށައިފިއެވެ. ކޮންމެވެސް ގޮތަކުން ވަގުތު ކަޑައްތު ކުރާނީއެވެ. ޙަޤީޤަތުގައިވެސް ކުއްލިގޮތަކަށް ރަށަށް ދިއުމަކީ ފަސޭހަކަމެއް ނޫނެވެ. ޖަލާލީއަކީ ޖާދޫގަރެއްނަމަ ޖާދޫގެ ދަނޑިބުރި އަނބުރާލާފައި ލޯމަރާލާށޭ ބުނުމުން ލޯމަރާފައި ލޯހުޅުވާށޭ ބުނުމުން ލޯހުޅުވާއިރު މައިންބަފައިންގެ ގާތުގައި ހުއްޓާ ފެނުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް އޭނާއަކީ އެކަހަލަ ބާރެއް ލިބިފައިވާ މީހެއްވެސް ނޫނެވެ.

ވަގުތު ހޭދަކުރުމަށްޓަކައި ޖަޔާ ގޭތެރޭގައި ޙަރަކާތްތެރިވާން ފަށައިފިއެވެ. އެކި ކޮޓަރިއަށް ވަކިވަކިންގޮސް ބެލިއެވެ. ކޮޓަރި ތައްޔާރުކޮށްފައިވާ ގޮތް ބަލާ ވިސްނިއެވެ. ޖަލާލީގެ މުއްސަނދިކަން އިޙްސާސް ކުރިއެވެ. އެކަމަކު އެއްގޮތަކަށްވެސް މިއިޙްސާސް ފޮންޏެއް ނޫނެވެ. އެސިފަ ހުތުރު މީހާއާއެކު އުޅޭކަށް އޭނާ ގަސްތެއް ނުކުރެއެވެ.

އޭނާ އެތައް އިރެއްވަންދެން ސިޓިންގރޫމުގައި އިނެވެ. ސްޓީރިއޯ ސެޓަށް ބަލަމުން ގެންދިޔައެވެ. ދެން ކެސެޓްތަކަށް ބެލިއެވެ. ޕާކިސްތާނު ލަވައާއި ހިންދީލަވަ، ޢަރަބި ލަވައާއި ފާރިސީ ލަވަ އަދި އިނގިރޭސި ލަވައިގެ ކެސެޓްތައް ހުއްޓެވެ. އެ އެއްޗެހި ތަފާތު ހަރުތަކުގައި ބަހައްޓާފައި ހުއްޓެވެ.

ބަލާލުމަކާނުލައި އެތަނުން ކެސެޓްރޯލެއް ނަގައިފިއެވެ. އަދި ރޭޑިއޯ އޯން ކުރިއެވެ. ކުއްލިއަކަށް އަޑު ގުގުމައި ގަތެވެ. އެއާއެކު އަވަސް އަވަހަށް ވޮލިއުމަށް އަނބުރާލިއެވެ. ދެން ކޮޓަރި ތެރެއަށް މަޑު މިއުޒިކެއްގެ އަޑު ފެތުރިއްޖެއެވެ. ކޮންމެވެސް ކަހަލަ އިންޑިއަން ރާގެކެވެ...... ޖަޔާ ގޮނޑީގައި ލެނގިލާފައި ލޯމަރާލިއެވެ.

ރިހުމުގެ އޮއިވަރު ދެމެމުން ދިޔައެވެ. އަދި ޖަޔާ އޭގެ ތެރެއަށް ގެނބެމުން ދިޔައެވެ. ހިތުގެ ހިމަނާރުތަކަށް އަސަރުކުރަމުން ދިޔައެވެ. އޭނާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ކަންފަތުގެ ފޫޅުގައި ފިރުމާލަމުން ސޯފާގެ ފޮތިގަނޑުގެ ތެރެއަށް ހިނދެމުން ދިޔައެވެ.

ވޭތުވެގެން ދިޔައީ ކިހާއިރެއް ކަމެއް ނޭގެއެވެ. ޖަޔާ ޓޭޕް އޮފް ކޮށްލިއެވެ. ފޫހިވީ ކަންނޭގެއެވެ. ނޫނީ އިތުރަށް ކަރުނަ އޮހޮރުވުމުގެ ހިތްވަރު ނެތީއެވެ. ދޯޕައްޓާއިން ކަރުނަ ފޮހެމުން ތެދުވެއްޖެއެވެ. ނޭފަތް ފޮޅާ ސާފުކޮށްލިއެވެ. ދެން ކުޑަދޮރުގެ ފަރުދާ ކަހާލާފައި ބޭރު ބަލަން ފަށައިފިއެވެ. ބޭރުގެ މަންޒަރު ވަރަށް ރީއްޗެވެ. އަވި ދިއްލާފައިވާއިރު ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ދެން އޭނާ ބޭރަށް ނުކުތުމަށް ގަސްތުކުރިއެވެ.

ތަންކޮޅަކަށް ހިނގާލާފައި ދަމާދޮރު ކައިރިއަށް އަތުވެއްޖެއެވެ. އަތްގަނޑުގައި ހިފާ އަނބުރާލަން ހިފާލުމާއެކު އަމިއްލައަށް އެނބުރިއްޖެއެވެ. އަދި އެތެރެއަށް ވަދެގެން އައި ޖަލާލީގެ ގައިގާ އޭނާ ނުޖެހުނީ ހަމަކިރިޔާއެވެ.

[ސޮރީއެވެ!] ޖަލާލީއަށް ބުނެލެވުނެވެ.

ޖަޔާ ފުންނަޒަރަކުން ބަލާލިއެވެ. އެބެލުމުގައި ރުޅިވެރިކަމާއި ބީރައްޓެހިކަން އެކުލެވިފައިވެއެވެ. އަދި ހާސްކަން އެކުލެވިފައިވެއެވެ. ޖަލާލީ އަރިއަކަށް ހުރެގެން ކަހަލަގޮތަކަށް ޖަޔާގެ ކަރިންލާފައި އެތެރެއަށް އަތުވެއްޖެއެވެ. އޭނާ ޖަހާފައިހުރީ ކޮންކަހަލަ ފިރިހެން ސެންޓެއް ކަމެއް ނޭނގެއެވެ. އެސެންޓްގައި ޖަޒްބާތުގެ ދިލަ އެކުލެވެއެވެ. އަދި އެސެންޓަކީ އެކަކު އެނަކަކާ ގައިގޯޅިވާ ވަގުތުގައި އަންހެނުންގެ ގަނޑުވެފައިވާ ވުޖޫދު ފެނަށް ހަދާލާފަދަ ފިރިހެން ސެންޓެކެވެ. އޭނާ ހަލުއި ފިޔަވަޅުގައި އެތެރެއަށް ވަދެގެން ދިޔަމަންޒަރު ބަލަހައްޓައިގެން ޖަޔާ ހުއްޓެވެ. އަދި ހަމަ އެ ހަލުއިކަމުގައި ޖަޔާވެސް ބޭރަށް ނުކުމެއްޖެއެވެ.

އޭނާ ކުޑަކޮށް ތުރުތުރު އަޅައެވެ. އަދި ނޭވާގެ ހިނގުންވެސް އަވަސްވެފައިވެއެވެ. މިވަނީ ކީއްކަމެއް އޭނާއަކަށް ނޭނގެއެވެ........ އޭނާ ފަނޑުއަވީގައި ހިނގަމުން ދިޔައެވެ. ފިނި މޫސުމެކެވެ. އެކަމަކު އޭނާއަށް އިޙްސާސް ކުރެވެމުން ދަނީ ހޫނު ކަމެކެވެ. ހިނގަމުންގޮސް ބޮޑުގަހެއްގެ ހިޔަލަށް ވަދެއްޖެއެވެ. އަދި ވެއްޓިފާ އޮތް ފަލަ ގޮފިގަނޑެއްގެ މަތީގައި އިށީނދެލައިގެން އިނދެ ވިސްނަން ފަށައިފިއެވެ.

މިތަނުގައި އިނދެގެންވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. އެންމެފަހުން ތެދުވެގެން އެތެރެއަށް ވަދެއްޖެއެވެ. އެއްކޮޓަރިން އަނެއް ކޮޓަރިއަށް އަދި ތިންވަނަ ކޮޓަރިއަށް ހިނގައްޖެއެވެ. ބޭކާރު ވަގުތުތައް ހޭދަކޮށްލުމަކީ ކިހާ ދަތިކަމެއްކަން މިހާރު އޭނާއަށް އިޙްސާސް ކުރެވިއްޖެއެވެ. ފައުޒިއްޔާއަށް ފޯނުކުރުމަށް ހިތަށް އަރައިފިއެވެ. މިސިޒް ހެރަލްޑް ކައިރިއަށް އަތުވެއްޖެއެވެ.

[ފައުޒިއްޔާ ރަފީޤުގެ ގޭގެ ފޯނު ނަންބަރު އެނގޭހެއްޔެވެ؟]

[ލައްބައެވެ!]

[ނިކަން އޭނާއާ ގުޅާލަ ދީބަލާށެވެ.]

[ކީއްކުރައްވަން ތޯއެވެ؟]

]އޭނާއާ ވާހަކަ ދައްކާލަން ވެގެންނެވެ.]

]ވާހަކައެއް ނަންގަންނަން ތޯއެވެ.]

[ބުނެބަލާށެވެ.]

[ތިޔަ ދެމަފިރިން އުފާ ކޮށްލުމަށްޓަކައި ދެތިން ހަފްތާއަށް ބޭރަށްދުރުވި ވާހަކަ ޖަލާލީ އޮތީ ފައުޒިއްޔާ ގާތުގައި ނަންގަނެފައެވެ.]

[އެއީ ކީއްކުރަންހެއްޔެވެ؟] ޖަޔާ ޙައިރާންވެފައި ސުވާލުކުރިއެވެ. އޭނާ ރުޅިއައިސް ރަތްވެއްޖެއެވެ. ސިކުނޑި ބާރަށް ބުރުޖަހަން ފަށައިފިއެވެ. ތުންފަތުގައި ދަތް އެޅުމާއެކު ދެއަތުގެ އިނގިލިތައް މުށްކަވާލިއެވެ.

[ނުރުހުން ވެލެއްވީތޯއެވެ.] ހެރަލްޑް މަޑުމައިތިރި ކަމާއެކު ސުވާލުކުރިއެވެ.

[ކޮންމެ ކަމެއްގައި މަކަރެވެ. ކެހިވެރިކަމެވެ.] ޖަޔާ ހަރުއަޑުން ބުންޏެވެ.

[ނޫނެކެވެ. ނާޖިޔާއެވެ! މިސްޓަރ ޖަލާލީއާމެދު ތިޔަ ފާޅުކުރައްވަނީ މުޅިންވެސް ދޮގު ވާހަކަ ތަކެކެވެ.]

[ދިފާޢުގައި ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. އެމައްކާރު މީހާ ވަރަށް ރަނގަޅަށް މިހާރު އެނގިއްޖެއެވެ.]

ޖަޔާގެ މޮޔަކަމާއިމެދު މިސިޒް ހެރަލްޑް ހީނގަތެވެ. ދެން ލޯތްބާއެކު އޭނާގެ ކޮނޑުމަތީގައި އަތްބާއްވާލަމުން މަޑުމައިތިރިކަމާއެކު ބުންޏެވެ. ފިރިހެނަކު ދެނެގަތުމަށްޓަކައި އަންހެނެއްގެ މުޅި ޢުމުރު ހޭދަވެގެންދެއެވެ. ނާޖިޔާއަށް ހަމައެކަނި ދެތިން ދުވަހެއްގެ ތެރޭގައި އެހާރަނގަޅަށް ޖަލާލީގެ ޙަޤީޤަތް އެނގިލެއްވީ ކިހިނެއްތޯއެވެ؟

[އެއީ ދޮގުވެރިއެކެވެ......]

[ނާޖިޔާއެވެ. އަޅުގަނޑުގެ ތަޖްރިބާ މިކަމުގައި ބާބޮޑެވެ. އަޅުގަނޑު މިސްޓަރ ޖަލާލީގެ ޚިދުމަތުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އޭނާ ކަހަލަ ތެދުވެރިއަކު އަދި އިންސާފަށް ލޯބިކުރާ މީހަކު ނުހުންނާނެ ކަންނޭގެއެވެ.]

[ހެރަލްޑްގެ އަމިއްލަ ތަޖްރިބާ އަމިއްލައަށް ބޭނުން ކުރާށެވެ. ޖަލާލީގެ އިޙްސާންތެރިކަމުގެ ބަދަލުގައި އަހަރެން އިތުރަށް ދަލުގައި ޖައްސަން ނޫޅޭށެވެ.]

[ނާޖިޔާއަކީ އަމިއްލަ ޚިޔާލުތަކުގެ އަމިއްލަ ވެރިއެކެވެ. މީހަކަށް ކުރެވޭނެކަމެއް ނެތެވެ.]

[ފައުޒިއްޔާއާއި ގުޅާލަ ދީބަލާށެވެ.]

]ސޮރީއެވެ! ނާޖިޔާ މިސްޓަރ ޖަލާލީއާ ސުވާލު ކުރައްވާށެވެ. އޭނާގެ އަމުރާ ޚިލާފުވާކަށް އަޅުގަނޑަކަށް ނުކެރޭނެއެވެ.]

[ހެރަލްޑްވެސް އޭނާގެ ރޭވުމުގައި ބައިވެރިވަނީ ހެއްޔެވެ.]

ޖަޔާ ރުޅިއައިސް ކެކެމުން އެނބުރި ބެޑްރޫމަށް އަތުވެއްޖެއެވެ. މިސިޒް ހެރަލްޑާއި ޖަލާލީ ކޮންމެވެސް ކަހަލަ ބޮޑު ރޭވުންގަނޑެއް ރާވާފައިވާ ކަމުގައި އޭނާއަށް ހީވާ ކަހަލައެވެ. އެމީހުން އޭނާއަށް އޮޅުވާލައިގެން ހީލަތުގެ ދަލުގައި ޖައްސަނީއެވެ.

ޖަޔާ ހާސްވެފައި އިނދެގެން މިކަންތައްތަކާ ބެހޭގޮތުން ވިސްނަމުން ދިޔައެވެ. ކޮޓަރީގެ ހަތަރުފާރު ކައިރިވަމުން އަންނަ ކަމުގައި އޭނާއަށް ހީކުރެވުނެވެ. އަދި މަތީ ފަންގިފިލާ ތިރިވަމުން އަންނަނީ ކަމުގައި ހީވިއެވެ. އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ.

ބަނޑުން އޭނާއޮތީ ކިހާއިރެއް ވަންދެން ކަމެއްވެސް ނޭގެއެވެ. މިސިޒް ހެރަލްޑް ކޮފީތަށްޓަކާއެކު ސޭންޑްވިޗެއް ހިފައިގެން އަތުވެއްޖެއެވެ.

[ނާޖިޔާއެވެ!] އޭނާ ގޮވާލިއެވެ. ޖަވާބެއް ނުލިބިމުން އަނެއްކާވެސް ގޮވާލިއެވެ. ދެން ގުދުވެލާފައި އޭނާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ބުންޏެވެ. [ނިދިކުރެއްވީ ތޯއެވެ......؟]

ނާޖިޔާ ބޯއުފުލާލިއެވެ. އޭނާގެ ލޯވަނީ ރަތްވެފައެވެ. މޫނުވެސް ވަނީ މޯޅިވެފައެވެ. އޭނާ ބުންޏެވެ. [މިސިޒް ހެރަލްޑެވެ! އަހަންނަށް ހީވަނީ ބޮޑުބިރުވެރި ކަމެއްގެ ތެރޭގައި އުޅެވޭ ހެންނެވެ.]

[ނާޖިޔާއެވެ!] މިސިޒް ހެރަލްޑް އޭނާގެ ކައިރީގައި އެނދުގައި އިށީދެއްޖެއެވެ. އަދި ކޮފީތައްޓާއި ސޭންޑްވިޗް ކުޑަ މޭޒުމަތީގައި ބަހައްޓައިފިއެވެ. ނާޖިޔާގެ ޙާލާމެދު މިހާރު އޭނާވެސް ހުންނަނީ ގޮތް ހުސްވެފައެވެ.

[ނާޖިޔާ ތިޔައޮންނަވަނީ ބިރުންތޯއެވެ؟ އޭނާ ބުންޏެވެ.

[އާނއެކެވެ..... ބިރުގަނެއެވެ.]

]ބިރު ހީވާންޖެހޭ އެއްވެސްކަމެއް ނެތެވެ.]

[އެއީ ...... ޖަލާލީ.......]

[ބުނުއްވާށެވެ.]

[އޭނާ އަބަދު ގޭގައި އުޅެނީ ކީއްވެގެން ހެއްޔެވެ؟]

[ނާޖިޔާއެވެ. މިއީ އޭނާގެ އަމިއްލަ ގެއެވެ........ އެހެން ނޫނަސް ޖަޔާއަށް ތިޔަވެލައްވަނީ ކުށް ހީއެކެވެ. އޭނާ ދުވާލު ހަތަރުދަމު ގޭގައި އުޅުއްވާނީ ކިހިނެއްތޯއެވެ. އޭނާއަކީ ވަރަށް މަސައްކަތްބޮޑު މީހެކެވެ. ނާޖިޔާގެ ކަންތަކުގައި އެމްބަސީއަށް ދުރުވެފައި ގެއަށް ދުރުވީ ހަމަދެންމެއަކުއެވެ. ހުރިހާކަމެއް ހުއްޓާލާފައި މިހާރު އެއުޅުއްވަނީ ނާޖިޔާގެ ފުރުމުގެ ކަންތައް ހަމަޖައްސޭތޯއެވެ.]

ޖަޔާ ފުންނޭވާއެއް ލިއެވެ. އިސްޖަހާލައިގެން ކުޑައިރުކޮޅަކު އިނެވެ.

މިސިޒް ހެރަލްޑް ކޮފީތަށްޓާއި ސޭންޑްވިޗް ނަގާ އޭނާއަށް ދީފިއެވެ.

[ޝުކުރިއްޔާއެވެ!] އޭނާ ބުންޏެވެ.

[އެއްގޮތަކަށްވެސް ތިޔަކަހަލަ ކަންތައްތަކާ ނުވިސްނާށެވެ.] މިސިޒް ހެރަލްޑް ބުންޏެވެ. [ގޭތެރޭގައި ޙަރަކާތްތެރިވެ އުޅުއްވާށޭ އަޅުގަނޑު ނަންގަތީ އެހެން ވެގެންނެވެ. ހަނދާންތައް އުނިކޮށްލުމަށްޓަކައި ކޮންމެވެސް މަސައްކަތެއްގައި އުޅުއްވާށެވެ. އެއްގޮތަކަށްވެސް މިސްޓަރ ޖަލާލީއާމެދު ބިރުން ނޫޅުއްވާށެވެ. އޭނާ ބުނުއްވި ގޮތަށް ހުރިހާކަމެއްވެސް ހަމަޖައްސަވާ ދެއްވާނެއެވެ. އޭނާގެ ފަރާތުން ޖަޔާއަކަށް އެއްވެސް ބިރެއްނެތެވެ.] މިހެން ބުނަމުން މިސިޒް ހެރަލްޑް އުފާވެރިކަމާއެކު ހިނިތުންވެލިއެވެ. މިހިނިތުންވުމުން ޖަޔާ ލަދުގަތީ ކީއްވެގެން ކަމެއް ނޭގެނެވެ.

ޖަޔާ ލޯބިވެތި ގޮތަކަށް ބަލާލިއެވެ. އޭނާ ހީވަނީ އެއްޗެއް ނުވިސްނޭ ކުޑަކުއްޖެއް ހެންނެވެ. ބިރުން އެކަނި ނީދެވިގެން އުޅޭ ކުއްޖަކު ހެންނެވެ.

[ކޮފީތަށި ބައްލަވައިގެން ތައްޔާރު ވެލައްވާށެވެ. އަޅުގަނޑު މިއުޅެނީ ބޭރަށް ނުކުމެލާށެވެ. ނާޖިޔާވެސް ދުރުވަން ވާނެއެވެ. ތައްޔާރު ވެލައްވަން ދުރުވާށެވެ. އިއްޔެ ލައިގެން ހުންނެވި ހެދުން ވަރަށް ސްމާޓެވެ. މިއަދުވެސް އެކަހަލަ ކޮންމެވެސް ހެދުމެއް ޚިޔާރު ކުރައްވާށެވެ. މިއަދު އަޅުގަނޑުގެ ރައްޓެހި މިސް މޭރީ ޖޯން އާވެސް ބައްދަލު ކުރުވާނަމެވެ. އޭނާއަކީ ވަރަށް މަޖާ އުފާވެރި މިޒާޖެއްގެ އަންހެނެކެވެ. އޭނާއާ ބައްދަލު ވެވިއްޖެއްޔާ ނާޖިޔާ ވަރަށް އުފާ ވެލައްވާނެއެވެ.]

މިސިޒް ހެރަލްޑްގެ ވާހަކައިން ޒަޔާއަށް ކުޑަ ހަމަޖެހުމެއް ލިބިއްޖެއެވެ. އަނެއްކާވެސް އެބިރުވެރިކަން ހިތުން ފުހެލިއެވެ. އަދި ކޮޅުކޮޅަށް ޙަރަކާތްތެރިވެ އުޅުމަށް ޢަޒުމް ކަނޑައަޅަމުން އެކަމަށް ތައްޔާރު ވެއްޖެއެވެ.

މި އާދުނިޔެ ރަނގަޅަށް ނުބަލަންވީ ކީއްވެގެން ހެއްޔެވެ. އޭނާ ވިސްނާލިއެވެ. ދެން ހެދުން ބަދަލުކުރުމަށްޓަކައި އެތެރެއަށް ވަދެއްޖެއެވެ.

މިއަދުވެސް ރީތި ހެދުމެއް އަޅާލިއެވެ. މޭކަޕްވެސް ކުރިއެވެ. އަދި ރީތި ޑިޒައިނަކަށް އިސްތަށިގަނޑު ހަދާލުމަށްފަހު ދަބަސް ހިފައިގެން ބޭރަށް ނުކުމެއްޖެއެވެ.

މިސިޒް ހެރަލްޑާއެކު އޭނާ ދެގަނޑިއިރު ވަންދެން ބުރުއެޅިއެވެ. މިސް ޖޯން މޭރީއާވެސް ބައްދަލުކުރިއެވެ. ހުނުމާ ހެއްވުމަށް ކުޅަދާނަ މިސް ޖޯން އޭނާއަށް ވަރަށް ކަމުދިޔައެވެ. އެއީ ހަމަ މިސިޒް ހެރަލްޑްގެ ޢުމުރުގެ އަންހެނެކެވެ. ޅަދުވަހުގައި ދެމީހަކާ ލޯބީގެ ގޮތުން ގުޅުނެވެ. އެ ދެކަންތައްވެސްވީ ނާކާމިޔާބެވެ..... ނަތީޖާއެއްގެ ގޮތުން ހުސްހަށިބައިގައި އިންނަނީއެވެ. ޙަޔާތުގެ ދުވަސްތައް ގުނާނެ ގޮތްގަނޑު އޭނާ ދަސްކޮށްފައިވެއެވެ. އޭނާ މަސައްކަތް ކުރަނީ ނޫހެއްނެރޭ ތަނެއްގައެވެ. އަވަދިނެތި އުޅުމާއެކު އުފަލުގައި އޭނާ ދުވަސްތައް ކަޑައްތު ކުރަމުންދެއެވެ.

މިސިޒް ހެރަލްޑް އޭނާއާބެހޭ ވާހަކަތައް ތަފްޞީލްކޮށް ކިޔާދިނުމުން ޖަޔާއަށް އަސަރު ކޮށްފިއެވެ.

[ނާޖިޔާއެވެ! ޙަޔާތުގައި ދިމާވާ ކަންތައްތަކާމެދު ނުވިސްނާށެވެ. އުޅެން ބޭނުން ކޮންމެގޮތަކަށް އުޅުން ބަދަލު ކޮށްލެވި ދާނެއެވެ.]

މިސިޒް ހެރަލްޑްގެ ވާހަކަ އަޑުނިވޭކަމަށް ހަދާފައި ޖަޔާ އައިސް ކާރަށްއަރާ އިށީނދެއްޖެއެވެ.

މިސިޒް ހެރަލްޑް އޭނާ ގޮވައިގެން ޝޮޕަކަށް ދިޔައެވެ. އަދި ގެއަށް ބޭނުން ސާމާނު ގަނެލައިގެން ކުޑަ ވަގުތު ކޮޅަކު ބުރުއަޅާލާފައި އެނބުރި ގެއަށް ހިނގައްޖެއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން