ޞާދިރު ޢަލީދީދީ   28 އޯގަސްޓު 2020 - 13:38
ސަންޑޭ
ސަންޑޭ
އެޕިސޯޑް 05

...............

[ތިބުނީ!؟ މުނާޒާ އިނަސް، އަހަންނަށް މިގޭގައި އުޅެވިދާނެއެއްނު. އަދި މުނާޒްމެން ގޭގައި އުޅުނަސް، އަހަންނަށް މަންމަމެނާ ބައްދަލުކުރެވޭނެއެއްނު.] ނަދުހާ ބުންޏެވެ.

[ތިހެން ތިބުނަނީ ނަދޫއަށް އަހަރެންގެ އަޞްލު ނޭނގޭތީ. އަހަރެމެންގެ ކައިވެންޏަށްފަހު، ނަދޫގެ މައިންބަފައިންގެ ތެރޭގައި އަހަރުމެންނަށް ނުވެސް އުޅެވޭނެ.] ނަދުހާ ދެއްކި ވާހަކައާހެދި މުނާޒަށް ޙަޤީޤަތް ފާޅުކުރަން ބޭނުންނުވާވަރަށް ފާޅުކުރެވުނެވެ. އެހެން ނަމަވެސް، ފަހުން އޭނާ އެ މަޥްޟޫޢަށް އެކައްޗެކޭވެސް ނުކިޔައެވެ. އޭނާގެ ޙަޤީޤަތް އެނގި، އޭނާގެ ލޯބީގައި ނަދުހާ ކޮޅުފައިން ޖަހާފާނެ ކަމަށް އޭނާ ހީކުރިއެވެ. ނަމަވެސް، އެއީ އޭނާދެކެ ލޯބިވާ މިންވަރު ތަޞައްވަރު ކުރެވޭނަމަ، އޭނާ އެގޮތަށް ހިތަށްވެސް އަރުވައިގެން ނުވާނެއެވެ.

މުނާޒަކީ ނަދުހާގެ ލޯބި ހޯދަން މަޅިފަތިޖެހި އެތައް ބައެއްގެ ތެރޭން ފުރޭނިގެން އައިސް ކާމިޔާބު ލިބުނު މީހެކެވެ. ފުރާވަރަށް އެރީއްސުރެން ނަދުހާގެ ލޯތްބަށް އެދުނު މީހުން ގުނާ ޢަދަދު ކުރެވޭ ވަރަށްވުރެން ގިނައެވެ. އެތައް ބަޔަކު ނަދުހާގެ ލޯބި ލިބޭތޯ ނަދުރު ބުނެވެސް ހެދިއެވެ. އައްޑޫ ކަނޑުގައި އުސްބިނާއެއް ނެގުމާއި، ހުވަދޫ ކަނޑުގައި މަލުގެ ބަގީޗާއެއް ހެދުންފަދަ ނުވާވަރުގެ ކަންތައްތައް ކުރަން ނަދުރުބުރި މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް، މުނާޒަށް ނަދުހާގެ ހިތުން ޖާގައެއް ކަށަވަރު ކުރެވުނީ އެފަދަ އެއްވެސް ނަދުރު ބުނުމަކާނުލައެވެ. އެހެންކަމުން، އެންމެ ފަޚްރުވެރި މީހަކީ މުނާޒެވެ. މުނާޒްދެކެ ނަދުހާ ލޯބިވީ މުނާޒްގެ މާބޮޑު އިޝާރާތެއް ލިބިގެނެއް ނޫނެވެ.

[ކިހިނެއްތަ ކުރީ ދުވަހުވީ؟ ޙައްޤު ތެދެއް މިބުނީ، ކިރިޔާ އަހަރެން ބިރުން ހަލާކުނުވީ.] އަފްޒަލް ވާހަކަ ދެއްކީ ނަވާލާއެވެ. އެދެމީހުން ތިބީ އޮފީސް ކެންޓީނުގައެވެ.

[ނޭނގެ ވީގޮތެއްވެސް. އަހަންނަށް ހީވަނީ މާބޮޑަށް ބޮލުގައި ރިއްސުމުގެ ސަބަބުން ބޯ ބުރާންތިވީހެން.] ތެދެކެވެ. ޙަޤީޤަތުގައި އެދުވަހު ވީގޮތެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭނާ ބުނި އެއްޗެއް ބުނީކީ އޭނަގެ އެއްވެސް ބާރެއްގައެއް ނޫނެވެ.

[މިހާރު ކައިވެނި އަވަސްކުރީ! އެންމެ ރަނގަޅު، ތިކައިވެންޏާ ދޭތެރޭ ސީދާ ނަދުހާގެ ޚިޔާލު ނަވާލަށް އެނގޭތަ؟] އަފްޒަލް އެއްސެވެ.

[އާނ، އޭނަ އަހަންނާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ހީވަނީ ނަދޫ އަހަރެންދެކެ ވަރަށް ލޯބިވެސްވާހެން.] އެއީ ނަދުހާގެ ޙަރަކާތްތަކުން އޭނާއަށް ވިސްނުނު ގޮތެވެ.

އޭނާ ޔަޤީން ކުރިއެވެ. ނަދުހާ އޭނާދެކެ އިންތިހާއަށް ލޯބިވާނެއެވެ. އޭނާއަށް ނަދުހާއާއެކު ފިސާރި އުފަލުގައި އުޅެވިދާނެއެވެ.

[އަހަރެން އެކަނި ބައިވެރިޔަކު ހޯދައިގެން އުފާކުރިޔަސް ކަމަކުނުދާނެޔޭ. އަފްޒަލްވެސް ބައިވެރިޔަކު ހޯދަންވާނެއެއްނު. ކޮބައިތަ އެއްކަލަ މަންޖެ މިބުނީ، ޝިޒްނާގެ ވާހަކަ.] ނަވާލް ބުންޏެވެ.

އޭނާ ޝިޒްނާއަށް މަޅިފަތި ޖަހާތާ މިހާރު ވަރަށްދުވަސް ވެއްޖެއެވެ. ނަމަވެސް އަދި އަދަށްދާންދެންވެސް އޭނާ ބުނަމުން އަންނަނީ އޭނާ އަދި ވިސްނަނީ ކަމަށެވެ. ހީވެއެވެ. އޭނާ އަފްޒަލް އިމްތިޙާނު ކުރަނީއެވެ. އެއީ ބައެއް އަންހެން ކުދިންގެ އާދައެކެވެ. ފިރިހެން ކުއްޖަކު ލޯބި ހުށަހަޅައިފިއްޔާ އެއީ ކިހާފެންވަރެއްގެ ލޯތްބެއްތޯ ބެލުމަށް މަސައްކަތްކޮށް އިމްތިޙާން ކުރުމަކީ، ބައެއް ކުދިންގެ އާދައެކެވެ.

[މިހާރު ދެން ވިސްނަންވާވަރަށް ވިސްނިދާނެ، ހަނދާންކޮށް މިއަދު ގުޅާތި.] ނަވާލް އަފްޒަލަށް ހިތްވަރުދިނެވެ. އަފްޒަލް ބޯޖަހާލިއެވެ.

[މިއަދު ގޮސް ގުޅާނަން. އުއްމީދު އެބައޮތް އާނ ބަސް ބުނާނެ ކަމަށް.] އަފްޒަލް ބުންޏެވެ. އެދުވަހު ހަވީރު އަފްޒަލް ގެއަށް ގޮސް ޝިޒްނާއަށް ގުޅިއެވެ. އޭނާ އުއްމީދުކުރިގޮތަށް ޝަޒްނާ ހުރީ އެފޯންކޯލްގެ އިންތިޒާރުގައެވެ.

[އަހަރެން އަފޫ އިމްތިޙާންކުރީ. މިހާރު އަހަރެންނަށް ޔަޤީން ކުރެވިއްޖެ، އަފޫ އަހަރެންދެކެވަނީ ޙަޤީޤީ ލޯބިކަން.] އަފްޒަލާއި ޝިޒްނާ ވާހަކަ ދައްކަން ތިބީ ޝިޒްނާމެން ގޭގެ ބޮޑުކޮޓަރި ތެރޭގައެވެ. އެދެލޯބިވެރިން ނޫނީ އެކަކުވެސް ނެތް އެ ބޮޑުކޮޓަރި މިހާރު ހީވަނީ އެދެލޯބިވެރިންނަށް ޚާއްޞަ ކުރެވިފައިވާ ލޯބީގެ މައިދާނެއްހެންނެވެ.

[ވަރަށް...ވަރަށް އުފާވެއްޖެ. މިދުވަހަށް އަހަރެން އިންތިޒާރު ކުރާތާ ލައްކަ ދުވަސް ވެއްޖެ.] އަފްޒަލް ޢިޝްޤީ ނަޒަރަކުން ޝިޒްނާއަށް ބަލައިލުމަށްފަހު، ޝިޒްނާގެ އަތުގައި ހިފަހައްޓާލިއެވެ.

[އިމްތިޙާންކުރީކީ އަހަރެންވެސް ލޯބިނުވާތީއެއް ނޫން...އަފޫގެ ފުރަތަމަ ހުށަހެޅުމާއެކުވެސް އަހަންނަށް އާއެކޭ ބުނެވެން އުޅުނު.....ނަމަވެސް، ވަރަށް މަސައްކަތުން އަހަރެން ކެތްތެރިކަން ޚިޔާރުކުރިން.] ޝިޒްނާއަށް ބޭއިޚްތިޔާރުގައި އަފްޒަލްގެ މޭގައި ބޯއަޅާލެވުނެވެ.

[އަނެއްކާ އަހަރެން މިގެއަށް އައީމަ، ޝިޒޫގެ ބައްޕަމެން ހިތްހަމަޖެހޭނެތަ؟] ވަށައިގެން ކަޅިއުކަމުން އަފްޒަލް އެއްސެވެ.

[މަންމައާއި ބައްޕަވީ ބޭސްފަރުވާއަކަށް އިންޑިޔާއަށް ގޮސް. އެހެން ނޫނަސް މަންމައާއި ބައްޕަ ނިކަން ކޫލްވާނެ.] ޝިޒްްނާ، އޭނާގެ މައިންބަފައިންނަށް ކުރާ އިތުބާރު ބޮޑެވެ.

[ވަރަށް އަވަހަށް އަންނާނެތަ؟] އަފްޒަލްގެ ހިތްއަވަސްވިއެވެ.

[އާނ، މާލަހެއްނުވާނެ. ހީވަނީ ހަފްތާއެއްހާ ދުވަސްތެރޭ އަންނާނެހެން.] ޝިޒްނާ ބުންޏެވެ. އަފްޒަލް ޝިޒްނާ ގެނެސް، އޭނާގެ ހަށިގަނޑާ ކައިރިކޮށްލިއެވެ. ޝިޒްނާ ނުހަނު ހިތްހަމަޖެހުމާއެކު އަފްޒަލްގެ މޭގެތެރޭގައި ބޮނޑިވެލިއެވެ.

އެދުވަހަށްފަހު ދެން ފާއިތުވާންފެށީ އަފްޒަލްގެ ޙަޔާތަށް އައި އުފާވެރި ދުވަސްތަކެކެވެ. އެދުވަސްތަކުގައި އޭނާއަށް ޝިޒްނާގެ ކިބައިން ލޯތްބާއ،ި އޭގެ ލައްޒަތު އެންމެ ފުރިހަމަ ގޮތުގައި ލިބުނެވެ. އެހަނދާންތައް ދުވަހަކުވެސް ހިތުން ފިލައިގެންނުދާ ވަރަށެވެ. ނަމަވެސް ޝިޒްނާއަކީ ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އޭނާ އަބަދުވެސް އެންމެފަހު ވަގުތު އޭނާގެ ޢިއްފަތްތެރިކަން ފަރުދާކުރެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ޢިއްފަތްތެރިކަމަކީ އަގުމާތް ޖަވާހިރެކެވެ. ކައިވެނީގެ އިމުން ބޭރުގައި ކުރެވޭ ޒާތުގެ ކަންތަކާއި ނުކުރެވޭ ކަންތައްތައް އޭނާ ވަރަށް ރަނގަޅަށް ދަނެއެވެ. ނޫނީ އޭނާގެ މައިންބަފައިން ވަނީ އޭނާއަށް އެކަން ނިކަން ރަނގަޅަށް ވިސްނައިދީފައެވެ. އެއީ އޭނާގެ މަންމަގެ ތަރުބިއްޔަތެވެ. މަންމަކުރިފަދަ ހިތި ތަޖްރިބާއެއް ދަރިއަކު ކުރާތަން ދުށުމަކީ، މަޔަކު ދުވަހަކުވެސް އެދޭނެ ކަމެއް ނޫނެވެ.

[ދަރިފުޅާ ހަނދާންކޮށް ޢިއްފަތް ނަގާނުލާތި. އެއީ އަންހެން ކުއްޖެއްގެ މުޅި ދިރިއުޅުން....] ޝިޒްނާގެ މަންމަ ފަރީދާ ދުވަސްތަކެއް ކުރިން ބުނެފައިވާ އެޖުމްލަ އަބަދުވެސް އޭނާ ހަނދާންހުރެއެވެ. އަފްޒަލްގެ ބީހުންތަކާއި ފިރުމުންތަކާ އެކުވެ، އޭނާ އޮޔާނުދަނީ އެހެންވެގެނެވެ.

[ނަވާލް ބުނަން ޝިޒޫއަކީ ވަރަށް ކެތްތެރި، މާތް އަޚްލާޤެއްގެ ވެރި އަންހެން ކުއްޖެއް....އަހަރެންވެސް މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް ޝިޒޫއާ ކައިވެނިކުރަން.] ޔަޤީނެވެ. އެގުޅުން ކައިވެންޏާ ހިސާބަށް ގެންދަން އެހާ އަވަހަށް އަފްޒަލް އެބޭނުންވީ ޝިޒްނާގެ ކެތްތެރިކަމުގެ ސަބަބުންނެވެ. އެގުޅުމުގެ ފުރަތަމަ ދުވަހުން ފެށިގެން އަފްޒަލް އެދޭ ކޮންމެ ފިޔަވަޅެއް ޝިޒްނާ އަޅަމުން އައިނަމަ، އަފްޒަލް ކީއްކުރަން، އެއްވެސް ފިރިހެނަކު ކައިވެންޏާ ދޭތެރެއަކު ނުވިސްނާނެއެވެ. ކައިވެނީގެ އުފަލުން މަޙްރޫމްވެފައި ތިބޭ ގިނަ އަންހެނުންގެ ބަލިފަޔަކީ ކައިވެނީގެ އިމުން ބޭރުގައި ގުޅުން ބަދަހި ނުކުރަންވާ ވަރަށް ފިރިހެނުންނާ ގުޅުން ބަދަހިކުރުމެވެ. ގިނަފަހަރަށް ކައިވެނީގެ ފޮނި މީރު ނުލިބެެނީ އެފަދަ އަންހެނުންނަށެވެ.

އަފްޒަލް އެހުންނަނީ ޝިޒްނާގެ ތެދުވެރިކަމަށްޓަކައި ވަރަށް އުފާވެ، އިންތިހާއަށް ހިތްހަމަޖެހިފައެވެ. ޝިޒްނާގެ ކިބައިގައިވާ ތެދުވެރި ސިފައަކީ، މިހާރުގެ އަންހެން ކުދިންގެ ކިބައިން މަދުން ނޫނީ ނުފެންނަ ސިފައެކެވެ.

ނަމަވެސް، ޙަޔާތުގައި ވެއަތުވި ދުވަސްތަކުގައި އަފްޒަލް އިންތިޒާރު ކުރަމުން އައީ އެފަދަ ޢިއްފަތްތެރި އަބުރުވެރި އަންހެން ކުއްޖަކަށެވެ.

[ކީއްވެތަ ރައްޓެހިވިތާ މާގިނަ ދުވަހެއްނުވެ ކައިވެންޏާ ދޭތެރޭ ވިސްނާންފެށީ؟] ނަވާލް އެއްސެވެ. އަފްޒަލް ހީގަތެވެ.

[ނަވާލް އަހަރެން ނުބުންޏަސް އެނގެއެއްނު. އަހަރެންނަށް އަބުރުވެރި ކުއްޖަކު ލިބޭއިރަށް އިންނާނެކަން.] އަފްޒަލް އޭނާ ބުނަން ބޭނުންވާ ވަރަށް ބުންޏެވެ.

[ތިހެންވީއިރު ދެކައިވެނި އެކުއެކީގައިތާ ކުރެވޭނީ.] ނަވާލް ބުންޏެވެ.

[ނަވާލްމެންވެސް އިންނަން އިންނަން ކިޔަނީއޭ. އިންނަ ދުވަހެއްނުވޭ.] އަފްޒަލް ދިމާކުރާފަދަ ގޮތަކަށް ބުންޏެވެ.

[އަފްޒަލް ޤަޞްދުކުރަނީ ކޮން ދުވަހެއްގައިތަ ކައިވެނިކުރަން؟] ނަވާލް އެއްސެވެ. [ޝިޒޫގެ މަންމައާއި ބައްޕަ އައިހާ އަވަހަކަށް ކައިވެނި ކުރަންވީ. ޝިޒޫ މިހާރު އޭނާގެ މަންމަ ގުޅީމާ، ކައިވެނީގެ ވާހަކަ ބުނެވެސްފި. އެމީހުން ވަރަށް އޯކޭ.] އަފްޒަލް އޮޅުންފިލުވައިދިނެވެ.

[ތިހާ ފަސޭހައިން މައިންބަފައިންގެ ރުހުން ލިބުންތީ ވަރަށްބޮޑު ނަޞީބެއް. އަފްޒަލް މަންމަ މިކޮޅަށް ނުގެންނާނަންތަ؟] ނަވާލް ވެއިޓަރު ގެނެސް ދިން ބިލަށް ފައިސާ ދައްކާލަމުން ވާހަކަ ދެއްކިއެވެ.

[އަހަރެންގެ މަންމަދޯ؟ ހިއެއްނުވޭ އަހަރެން ކިތަންމެވަރަކަށް ބުންޏަސް މާލެ އަންނަން މަންމަ އެއްބަސްވާނެހެނެއް. މަންމަގެ މުޅި ޙަޔާތުގައިވެސް މާލެއައީ އެންމެފަހަރަކު. އެއީ އަހަރެން އަދި މިދުނިޔެއަށް އައުމުގެ މާކުރިން.....] އަފްޒަލް ފުރަތަމަފަހަރަށް އޭނާގެ މަންމަގެ ޙަޔާތުގެ ހިތުގެ ސިއްރު، ރަޙްމަތްތެރިޔާއަށް ފާޅުކުރަން އުޅުނެވެ. ހަމައެއާއެކު، އޭނާގެ އަޑާއި ރާގުވެސް ބަދަލުވިއެވެ. ނަމަވެސް، އޭނާ ހިތްވަރުކޮށްފައި، އޭނާގެ މަންމަ ބަރުދާސްތުކުރި ހިތްދަތި ދިރިއުޅުން، އޭނާއަށް އެނގިފައިވާ ވަރަށް ނަވާލަށް ސިފަކޮށްދިނެވެ.

[އެކަމަކު...އަފްޒަލް....ތި ކައިވެންޏަކީ އަފްޒަލްގެ މަންމަގެ އުފާތަކާ ގުޅިފައިވާ ކައިވެންޏެއް. އެފަދަ ހިތްދަތި ޙާލަތެއް ބަރުދާސްތު ކުރަމުން ބަލާ ބޮޑުކޮށްފައިވާ ދަރިއަކު ޒަވާޖެއް ފަށާތަން ދެކެން އަފޫގެ މަންމަ ވަރަށް ބޭނުންވާނެ.] ނަވާލް ބުންޏެވެ. އެއީ ތެދެކެވެ. އަފްޒަލްގެ މަންމަ ގދ.ގައްދޫގައި ދިރިއުޅޭ ޢަޒީޒާ މިހާރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ، އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އަފްޒަލް ބައިވެރިއަކު ޚިޔާރުކޮށް، މަންމަގެ ގާތަށް އަންނާނެ ދުވަހެކެވެ.

[ހީވަނީ މިފަހަރު މަންމަ މާލެ އަތުވެދާނެހެން. އަހަރެން ވަރަށް ކިޔާނަން.] އަފްޒަލް އުއްމީދު ފާޅުކުރިއެވެ.

މިހާރު ނަވާލާއި ނަދުހާގެވެސް ކައިވެނީގެ އެންމެފަހު ތައްޔާރީތައް ދެޢާއިލާއިން ވަމުންދަނީއެވެ. ކައިވެނީގެ އުފާވެރި ޙަފްލާއަށްޓަކައި ގެވެސް ޒީނަތްތެރި ކުރަން އެއްބަޔަކު ފަށައިފިއެވެ. ކައިވެނީގެ ޙަފްލާގެ ހުރިހާ ކަމެއްވެސް ބޭއްވުމަށް ރާވާފައިވަނީ ޖާގައިގެ ގޮތުން ދަތިނޫން ނަދުހާގެ ގޭގައެވެ. އެހެންކަމުން، އެކައިވެންޏާމެދު ބައްޕަމެން ކުރާ ފޮނި އުއްމީދުތައް އެންމެ ރަނގަޅަށް ދޭހަވަނީ އެކަނި ސީދާ ނަދުހާއަށެވެ. އެހެންކަމުން، ނަދުހާ އެކަމާ ވަރަށް ހިތާމަކުރެއެވެ.

[ހިތާމަނުކުރޭ ދަރިފުޅާ، ދަރިފުޅު ތިކައިވެންޏެއް ނުކުރާނެ.] ނަދުހާއަށް ހިތްވަރުދިނީ އެގޭގައި ގެންގުޅޭ މީހާ ދަލޭކައެވެ. އަބަދުވެސް ދަލޭކަ އެގޮތަށް ހިތްވަރުދެއެވެ.

[ދައްތާ އަހަންނަށް ހިތްވަރެއް ނުކުރެވޭނެ. އެ ނަވާލްގެ ކިބަޔަކު ނެތް އަހަރެން ރުހޭ އެއްވެސް ސިފައެއް.] ނަދުހާ ރޮމުން ދަލޭކަގެ ކޮނޑުގައި ބޯއަޅާލިއެވެ. ދަލޭކަ މަޔަކު ފަދައިން ނަދުހާގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. [މުނާޒް ބުންޏެއްނު، ނަވާލެއް ނަދުހާއަކާ ނީންނާނެޔޭ. ދެން ކީއްވެތަ ދަރިފުޅު ހާސްވެ ކަންބޮޑުވާންވީ.] ދަލޭކަ މިހެން ބުނީމާ ނަދުހާއަށް ސިހުންއައެވެ. މުނާޒް ހަމައެކަނި އޭނާ ގާތު ބުނި ވާހަކައެއް ދަލޭކައަށް އަޑުއިވުނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ.

[ކިހިނެއް ދައްތައަށް މުނާޒް ހަމައެކަނި އަހަރެން ގާތު ބުނި ވާހަކައެއް އަޑުއިވުނީ؟] ނަދުހާ ކުޑަކޮށް ޙައިރާންވެ ހުއްޓުން އަރާފައި ހުރެ އެއްސެވެ.

[ދައްތަ ކޮޓަރި ދޮރުމަތީގައި ހުއްޓާ އަޑުއިވުނީ.] ދަލޭކަ ކުޑަކޮށް ވިސްނާލާފައި ބުންޏެވެ. [އެހެންތަ؟] ނަދުހާ ހަމަޖެހުނެވެ. ދަލޭކަ އަބަދުވެސް އޭނާގެ ކަންތަކުގައި ވިސްނައި ފަރުވާބަހައްޓާތީ އޭނާ ޙައިރާންވެއެވެ. ބައެއްފަހަރު ދަލޭކަގެ ފިރުމުންތަކުން މައެއްގެ ފަރާތުން ދަރިއަކަށް ކުރެވޭފަދަ އިޙްސާސްތައްވެސް އޭނާއަށް ކުރެވޭމެއެވެ.

[ދައްތަ އަހަންނާ ދޭތެރޭ ވިސްނާވަރަށް އެކަކުވެސް ދަރިފުޅާ ދޭތެރެއަކު ނުވިސްނާނެ.] ދަލޭކަ ނަދުހާ ގެނެސް، އޭނާގެ މޭގައި ލައްކޮށްލިއެވެ. އެހިނދުވެސް ނަދުހާއަށް އިޙްސާސް ކުރެވުނީ، މަންމަގެ މޭގައި ބޯއަޅާލެވޭހިނދު ކުރެވޭފަދަ އިޙްސާސެކެވެ.

މިހާރު ނަދުހާގެ ކައިވެނީގެ ދުވަސްވެސް ކުޑަތަންވީއެވެ. ކައިވެންޏަށް ދެން އޮތީ އެންމެ ދުވަހެކެވެ. އެކަމަށްޓަކައި ނަދުހާގެ މުޅި ގެވެސްވަނީ މަލުގެ ގުލްދަސްތާއެއްހެން ޒީނަތްތެރި ކުރެވިފައެވެ. ނަމަވެސް، ގޭގައި ކުރެވިފައިވާ ޒީނަތަކުން ހިތްހަމަޖެހުމުގެ ބަދަލުގައި ނަދުހާ ޙިއްޞާ ކުރަމުންދަނީ ހިތާމައާއި ހިތްދަތިކަމެވެ.

[ދަރިފުޅާ، ދަރިފުޅު ތިހިރީ މާދަމާރެޔަށް ތައްޔާރުވެގެންތަ؟] ނަވާލްގެ ބައްޕަ ފާއިޒު ވާހަކަ ދެއްކީ ނަވާލާއެވެ. އޭރު ނަވާލް ހުރީ ޓީ.ވީން ފޮނުވަމުންދިޔަ އަށެއްގެ ޚަބަރުގެ ތެރެއަށް ގެއްލިފައެވެ. އެހެންކަމުން، އޭނާއަށް ބައްޕަގެ އަޑު ރޭކާލީހެނެއް ހިއެއްނުވެއެވެ. ނަވާލަކީ ވަރަށް ކުޑައިރުއްސުރެވެސް ޚަބަރާއި މަޢްލޫމާތުގެ މުއްސަނދިކަމަށް ލޯބިކުރާ ކުއްޖެކެވެ. މިހާރުވެސް އޭނަގެ ކިބައިގައި އެ އާދަ ހަރުލާފައިވެއެވެ. އޭނާ ނުގަންނަ ނޫސް މަޖައްލާއެއް ރާއްޖެއަކު ނުނިކުންނާނެއެވެ.

[ދަރިފުޅާ.....ޓީ.ވީ.ގެ އަޑު މަޑުކޮށްފަ ބައްޕަ މިދައްކާ ވާހަކައަށް ސަމާލުވެބަލަ.] ނަވާލަށް މިފަހަރު މޭރުންވިއެވެ. ނަމަވެސް، ބައްޕަ ބުނީ ކީކޭކަމެއް ނޭނގުނެވެ.

[އޭނ.....ކީކޭ؟ ނަވާލް ބައްޕައާ ދިމާއަށް އެނބުރިލިއެވެ.

[ބައްޕަ މިބުނީ މާދަމާރެއަށް ދަރިފުޅު ތިޔަހުރީ ކައިވެންޏަށް ތައްޔާރުވެގެންހޭ.] ފާއިޒް ތަކުރާރު ކުރިއެވެ. ނަވާލް ބޯޖަހާލިއެވެ. އެވަގުތު އޭނާއާ ދާދި ގާތުގައި މީހަކު އިށީންކަމުގެ އިޙްސާސް ކުރެވުމާއެކު އޭނާއަށް އަތްހޫރާލެވުނެވެ.

[ކިހިނެއްވީ ދަރިފުޅާ.] ނަވާލްގެ ޙަރަކާތްތަކަށް ބަލަން ހުރެފައި ބައްޕަ އެއްސެވެ.

[ކަމެއްނުވޭ، ކުއްލިއަކަށް ތަދެއްއެރީ، މިހާރު ރަނގަޅުވެއްޖެ.] ނަވާލް އަނެއްކާވެސް ޓީ.ވީއާ ދިމާއަށް އެނބުރުނެވެ. އޭރުވެސް އޭނާއާ ދާދި ގާތުގައި މީހަކު އިންކަމުގެ އިޙްސާސް އޭނާއަށް ކުރެވެމުންދެއެވެ. އެހެން ނަމަވެސް، ބައްޕަ އެތާނގައި ހުރުމުން، ޙަރަކާތެއްވެސް ކުރަން ނޭނގިފައި އޭނާ ހުރީއެވެ. ބައެއްފަހަރު އެމީހަކު އޭނާގެ ފައިގައި ކޮށްޓާލާހެންވެސް ހީވެއެވެ. އެހެންކަމުން، އޭނާއަކަށް މާގިނައިރު ވަންދެނެއް އެތާކު ނުހުރެވުނެވެ. އޭނާ ބައްޕަ ގާތު ދަނީއޭ ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ. ވަންގޮތަށް ދޮރުލައްޕާ އެތެރެއިން ތަންޑު އެޅުވިއެވެ. ހީވީ އެމީހަކު ވަދެފާނެތީ، ވަނަނުދިނުމަށްޓަކައި ދޮރު ބަންދުކުރީހެންނެވެ. ނަމަވެސް، އޭނާއަށް ވަށައިގެން ހޯދާލެވުނެވެ. ކުރެވޭ އިޙްސާސެއްގެ ސަބަބުންނެވެ.

[ނަވާލް ދޮރު ހުޅުވަބަލަ....] ދޮރުމަތިން އިވުނީ ނަދުހާގެ އަޑެވެ. ދެން އިވުނީ ނަދުހާ ދޮރުގައި ޓަކިޖަހަން ފެށި އަޑެވެ.

[ކާކު...؟] ނަދުހާކަން ޔަޤީން ކުރުމުގެ ގޮތުން ނަވާލް އެއްސެވެ.

[ނަދުހާއޭ މީ. އަވަހަށް ދޮރު ހުޅުވަބަލަ.] ވައިއަޑުން ނަދުހާ ޖަވާބުދިން އަޑު އިވުނެވެ. ނަވާލް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހިނިއައިސްފައި ހުރީ ނަދުހާއެވެ.

[ވަންނަންތަ އެތެރެއަށް؟] ނަދުހާ ސީދާ ނަވާލްގެ ލޮލަށް ބަލަން ހުރެފައި އެއްސެވެ. ނަވާލް ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި، ނަދުހާ ވަންނަން ތަން ދެއްކިއެވެ. ނަދުހާ އެތެރެއަށް ވަދެ ދޮރުލައްޕާ އެތެރެއިން ތަންޑުއެޅުވިއެވެ. ނަވާލް އެނދުގައި އިށީނެވެ. ނަދުހާ އެބެލިގޮތަށް ނަވާލަށް ބަލަން ހުރެފައި އައިސް ނަވާލާޖެހި ފިތިގެން އިށީނދެއްޖެއެވެ. ނަވާލް ތެޅިގެންފައި ކުޑަކޮށް އެއްފަރާތަށް ޖެހިލިއެވެ. ހީވީ ކަރަންޓްގައި ޖެހުނުހެންނެވެ.

[ކިހިނެއްވީ؟] ނަވާލަށް ވީގޮތުން ނަދުހާ އެއްސެވެ.

[ކަމެއްނުވޭ...ނަދޫ....ކީއްކުރަން ތިއައީ....؟] ނަވާލް އަނެއްކާވެސް ނަދުހާއާ ދުރަށް ޖެހިލިއެވެ.

[އަހަރެން މިގެއަށް އައިސްގެން ނުވަނީތަ؟ ނޫނީ އަހަރެން މިގެއަށް އައީމާ ނަވާލް ހިތްހަމަނުޖެހެނީތަ؟] ނަދުހާ ހިތްހަމަނުޖެހޭގޮތް ދައްކަމުން ތެދުވެއްޖެއެވެ.

[ނޫނޭ، ނޫނޭ، ނަދޫ އިށީނދޭ....] ނަވާލް ނަދުހާ ލައިގެންހުރި ހެދުމުގެ ފަސްބައިގައި ހިފެހެއްޓިއެވެ.

[ކީއްކުރަން އަހަރެން އިށީންނަނީ؟ ނަވާލް ތިހުންނަނީ އަހަރެން ފެނުނީމާވެސް ބިރުގެންފައި.] ނަދުހާ އަނެއްކާވެސް ނަވާލްގެ ގާތުގައި (ޖެހިފިތިގެން) އިށީނެވެ. މިފަހަރުވެސް ނަވާލަށް ނަދުހާއާ ދުރަށް ޖެހިލެވުނީ އާދަޔާ ޚިލާފު އިޙްސާސްތަކެއް ކުރެވިގެންނެވެ. ނަދުހާގެ ގައިން އޭނާއަށް ދުވަނީވެސް ތަފާތު ވަހެކެވެ. އެވަހުން އުނދަގޫވެ، ނޭވާކުރުވާ ޒާތެއްގެ އިޙްސާސެއް އޭނާއަށް ކުރެވުނެވެ. ނަދުހާ އަނެއްކާވެސް ނަވާލާ ގާތަށް ޖެހެން ފަށައިފިއެވެ. ހީވަނީ އޭނާ އެދެހަށިގަނޑު އެއްކޮށްލަން އުޅޭހެންނެވެ. ވީވެސް އެހެންނެވެ. ކުއްލިއަކަށް ނަދުހާ ނަވާލްގެ ހަށިގަނޑުގައި ނިކަން ބާރަށް ހިފަހައްޓާލިއެވެ. ނަވާލް، އޭނާގެ އަތުގެ ތެރެއިން ވީއްލިގަންނަން މަސައްކަތް ކުރަން ފެށިއެވެ. ދެން ފެނުނީ އާދަޔާ ޚިލާފް މަންޒަރެކެވެ. ނަވާލްގެ ހަށިގަނޑުގެ ތެރެއަށް ގޮސް ނަދުހާ ގެއްލުނެވެ. ހަމައެއާއެކު ނަވާލް ކޮޓަރިން ނުކުމެގެން ދުއްވައިގަތީ އޭނާގެ އަމިއްލަ ބާރެއްގައެއް ނޫނެވެ. އެހަށިގަނޑުގައި މިހާރުވަނީ މުޅިން އެހެން ބާރެކެވެ.

[ދަރިފުޅާ؟] ނަވާލް ބޮޑުކޮޓަރީގެ ވަށައިގެން ދުވެ އެނބުރެން ފެށުމުން، ފާއިޒް ނަވާލްގެ އަތުގައި ހިފެހެއްޓިއެވެ.

[ގައިގަ އަތްނުލާތި....ބުނަން ވާހަކައެއް، ބައްޕަ ނަދުހާޔާ އިނދޭ.....އަހަންނެއް ނީންނާނަން....] ފާއިޒަށް ނަވާލްގެ އަޑު ތަފާތު ކަމުގައި އިޙްސާސްނުވި ކަމުގައިވިޔަސް، އޭނާގެ އަޑުވެސްވަނީ ބަދަލުވެފައެވެ. ހީވަނީ އަންހެން އަޑަކާއި ފިރިހެން އަޑެއް އެކުވެގެން އަންނަހެންނެވެ.

[ދަރިފުޅާ! މިއޮތްހާއިރު ވަންދެން ރަނގަޅަށް ހުރެފައި، މިހާރު ކޮންކަހަލަ ވާހަކަތަކެއްތަ ތިދައްކަނީ؟] ފާއިޒް ނަވާލްގެ އަތުގައި ހިފެހެއްޓިއެވެ.

[ދޫކުރޭ، އަހަރެންގެ އަތުން ދޫކުރޭ. މިބުނީނު އަހަރެން ނަދުހާޔާ ނީންނާނަމޭ...] ނަވާލް ބައްޕަ ފޮޅުވާލުމަށްފަހު ދުއްވައިގަތީ ގެއިން ނިކުންނާށެވެ. އެއީ އަފްޒަލް އެގެއަށް ވަންނަން ދިމާކުރި ވަގުތު ކަމަށްވުމުން، ނަވާލަށް ނުކުމެވުނީ އަފްޒަލްގެ ކުރިމައްޗަށެވެ. އެހެންކަމުން، ނަވާލް ހުއްޓުނެވެ. ވަގުތުން އަފްޒަލަށް ނަވާލްގެ ޙާލަތު ރަނގަޅު ނޫންކަން ވިސްނި، އޭނާ ނަވާލްގެ އަތުގައި ހިފެހެއްޓިއެވެ.

[ކާކުތީ....ދޫކުރޭ....އަހަރެން ބޭނުމީ މިގެއިންވެސް ދާން...ކިތައްފަހަރު ބުނެފިން، އަހަރެން ނަދުހާއާ ނީންނާނަމޭ.] ނަވާލް މޮޔައެކޭ އެއްފަދައިން ހަޅޭއްލަވައިގަތެވެ.

[ނަވާލް، ނަވާލް ނަދުހާޔާ ނުއިނަސް، މިގެއިން ނުކުންނާކަށް ނުޖެހޭނެ. މިއީ ނަވާލްގެ ގެއޭ....] އަފްޒަލް އުޅުނީ ނަވާލަށް ވިސްނަވައިދެވޭތޯއެވެ. ނަމަވެސް، އެކަހަލަ ނަޞޭޙަތަކުން ވިސްނޭވަރަށްވުރެން ނަވާލްގެ ސިކުނޑިވަނީ ގޯސްވެފައެވެ. [މިބުނީނު ނުއިންނާނަމޭ. ކަލޭމެން އޭނަޔާ އިނދޭ. ހަމަ މިހާރު އަހަރެންގެ ގައިން ދޫކުރޭ.] ނަވާލް އާދަޔާ ޚިލާފް ބާރަކާއެކު ތެޅިފޮޅެން ފަށައިފިއެވެ. އިއްތިފާޤުން އެވަގުތު އެގެއަށް ނަދުހާގެ ބައްޕަ ޝަކީބަށްވެސް އާދެވިއްޖެއެވެ.

[މިއައީނު ޝަކީބް، ޝަކީބް ގޮސް ނަދުހާޔާ އިނދެބަލަ....ކީއްކުރަން ކަލޭމެން އަހަރެންނާ ބެހެނީ.] ނަވާލް ނިކަން ހުތުރު ރާގަކަށް ހީގަތެވެ. ޝަކީބް ހުރީ ބުނާނެ އެއްޗެއް ނޭނގި އާގަމަވެފައެވެ.

[ފާޑަކަށް ތިބަލަނީ ކީއްވެ؟ ތިހެން ބެއްޔަސް އަހަރެން ބިރެއްނުގަންނާނެ.] ނަވާލް ޝަކީބާ ދިމާއަށް ލޯއަޅާލިއެވެ.

[ދަރިފުޅާ...ކީކޭތަ ތިކިޔަނީ؟] ފާއިޒު ފެންކަޅިވިއެވެ.

[މިބުނީނު ނީންނާނަމޭ. ކަލޭމެންގޮސް އިނދޭ...] ނަވާލް އަފްޒަލާއި ބައްޕަ ފޮޅުވާލިއެވެ. މިފަހަރު ނަވާލް ހޫރާލި އަތުންޖެހި ބައްޕަގެ އަނގަމަތި ފަޅައިގެންވެސްދިޔައެވެ. ބައްޕަގެ އަނގައިން ލޭއަންނަތަން ފެނުމުންވެސް ނަވާލަށްވީ މަޖަލަކަށެވެ. އޭނާ ބައްޕައާ ދިމާއަށް އިނގިލި ދިއްކޮށް ބާރަށް ހޭން ފަށައިފިއެވެ. ނަވާލްގެ ބުއްދި ގޯސްވެފައިވާކަން ޝަކީބަށް ޤަބޫލު ކުރެވުނީވެސް އެހާހިސާބުންނެވެ.

[ދަރިފުޅާ.....ހަމަޖެހިބަލަ....] މިފަހަރު ނަވާލް ހަމަޖެއްސޭތޯ އުޅުނީ ޝަކީބެވެ. ޝަކީބް ނަވާލްގެ އަތުގައި ހިފެހެއްޓިވެސްމެއެވެ. ނަމަވެސް، ލިބިފައިވާ ބާރާއެކު، ނަވާލް އޭނާވެސް ފޮޅުވާލިއެވެ. އެބާރުމިނުގައި ފާރުގައިޖެހި އޭނާގެ އުޅަނބޮށިން ތަންގަނޑެއް މަށައިގެންދިޔައެވެ.

[ދަރިފުޅާ....ދަރިފުޅުގެ ވާންއުޅޭ ބަފާބެޔަށޭ ތިޔަ އަނިޔާކުރީ....] ފާއިޒްގެ ލޮލުން ކަރުނައައެވެ.

[ބަފާބެޔޭ...ޗީ...ޗީ....ނަދުހާއެއް ނޫޅޭ އަހަންނާ އިންނާކަށް. ނަދުހާ އިންނަން ބޭނުމީ އޭނަޔާ. އަހަރެންވެސް އިންނަން ބޭނުމީ އޭނަޔާ....] ހުސްފާރާ ދިމާއަށް އިޝާރާތް ކޮށްފައި ނަވާލް ބުންޏެވެ.

ނަވާލް ހޮސްޕިޓަލަށް ގެންދިޔައީ ދެނެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު، އޭނާ އޮތީ ތެޅިފޮޅުނުވަރުން ވަރުބަލިވެފައެވެ. އޭނާއަށް ފަރުވާދޭން ފެށި ޑޮކްޓަރ ފުރަތަމަ ނިދާ އިންޖެކްޝަނެއްގެ އެހީގައި އޭނާ ނިންދަވާލީއެވެ.

ނަދުހާގެ ބައްޕަ ޝަކީބް ހުރީ ނަވާލްގެ ބައްޔާމެދު ނިކަން ފިކުރުބޮޑުވެ ހާސްވެފައެވެ.

ގެއަށް އައިސްވެސް އޭނާހުރީ އެވާހަކަ އަންހެނުން ގާތު ބުނަން ނުކެރިފައެވެ. އެއީ އަންހެނުންވެސް ނިކަން އުންމީދުކުރާ ކައިވެންޏަކަށްވީމައެވެ.

[ޒުހުރާ...އަހަރެންގެ ސިކުނޑި ސުމަކަށް ގޮއްސި. ބޯހަލާކުވެއްޖެ.] ޝަކީބް ދަތްދޮޅީގައި ދެއަތް ވިއްދައިގެންހުރެ ބޯހޫރާލިއެވެ. ޒުހުރާ އައިސް ޝަކީބާ ޖެހިގެންހުރި ގޮނޑީގައި އިށީނދެއްޖެއެވެ.

[ކިހިނެއްވީ؟] ޒުހުރާ އެއްސެވެ.

[ކަމެއްނުވޭ....] ކިޔައިދޭން އުޅެފައި ޝަކީބް ހުއްޓާލިއެވެ.

[އުނހު...ކޮންމެވެސް ކަމެއްވެއްޖެ. ބުނެބަލަ ކިހިނެއްވީތަ؟] ޒުހުރާ އެއްސެވެ. ނަދުހާގެ ކައިވެނި ފަސްކުރަން ޖެހިއްޖެ.] ޝަކީބަށް މިހެން ބުނެވުނު ވަގުތަކީ ނަދުހާ ބޭރުގައި އުޅެފައި އައިސް ގެއަށް ވަން ވަގުތެވެ. ނަދުހާއަށް ބައްޕަގެ އަޑު ރަނގަޅަށް އިވުނެވެ. އެހެންކަމުން ޝަކީބަށް މަޖުބޫރުވީ ކަންވީގޮތް ރަނގަޅަށް ނަދުހާއަށް ކިޔައިދިނުމަށެވެ. ބައްޕަގެ ވާހަކަތައް ނަދުހާ އަޑުއެހީ ނުހަނު އުފާވެ ހިތްހަމަޖެހިފައި ހުރެއެވެ.

[އޭނާ ރަނގަޅުވާނެތަ؟] ބޭއިޚްތިޔާރުގައި ނަދުހާއަށް އަހާލެވުނެވެ. ޙަޤީޤަތުގައި އޭނާ ރަނގަޅުވާކަށް ފަހަރެއްގައިވެސް ނަދުހާއެއް ބޭނުމެއް ނޫނެވެ.

[ރަނގަޅުވިޔަސް....ބައްޕަ މިހާރު މާހިތްހަމަޖެހޭ ކަމެއް ނޫނޭ އެއީކީ.] އެއީ ނަދުހާ ބޭނުންވި ގޮތެވެ. މިއޮއްހާ ދުވަހު އޭނާ އިންތިޒާރު ކުރަމުން އައީވެސް މިދުވަހަށެވެ. މިހާރު އޭނާއާއި މުނާޒްގެ ލޯބީގެ ވާހަކަ، މަންމައާއި ބައްޕައަށް ކިޔައިދިނުމަށް އޭނާއަށް ވަނީ ފުރްޞަތު ހުޅުވިފައެވެ. އެކަމަކު އޭނާގެ ހިތަށްއަރައެވެ. ބައްޕަމެން މުނާޒާމެދު ހިތްހަމަޖެހިދާނެބާއެވެ.

[ހިތްހަމަޖެހޭނެ. ކުރިންވެސް އަހަރެން ބުނީމެއްނު، ބައްޕަމެން ވަރަށް ކޫލްވާނެޔޭ.] ޝިޒްނާއާއި އަފްޒަލް ވާހަކަ ދައްކަން ތިބީ ޝިޒްނާމެންގޭގެ މެދުގޭތެރޭގައެވެ. މިހާރު ޝިޒްނާ އިންތިޒާރު ކުރަމުން އެދަނީ، އޭނާގެ ބައްޕަމެން އަންނާނެ ވަގުތަކަށެވެ.

[މާދަމާ މެންދުރު ބާރަގަޑިވިހީގަޔޯ މިކޮޅަށް ފްލައިޓް ޖައްސަނީ.] ޝިޒްނާ އޮޅުންފިލުވައިދިނެވެ. އެދުވަހު އިންޑިޔާގައި ތިބި ޝިޒްނާގެ ބައްޕަމެން ޝިޒްނާއަށް ގުޅިއެވެ. އެމީހުން ޝިޒްނާ އެދޭފަދައިން، އަފްޒަލްގެ ކައިވެންޏާ ރުހި ޤަބޫލު ކަމަށް ބުނެ، އެމީހުން އަންނަންވާއިރަށް ކައިވެނީގެ ތައްޔާރީތައްވުމުގެ ހުއްދަ އަފްޒަލަށްދިނެވެ. އެހެންކަމުން، ލިބުނު އުފަލާއެކު އަފްޒަލް ފުރަތަމަ ޤަޞްދުކުރީ ރަށުގައި ހުރި އޭނާގެ މަންމަ މާލެ ގެނައުމަށެވެ.

އޭނާ ގެއަށްގޮސް އޭނާގެ އުފަން ރަށުގައި ހުރި މަންމަ ޢަޒީޒާއަށް ގުޅައިގެން، މާލެ އަންނަން އެއްބަސްކުރުވިއެވެ.

[މަންމަ މާލެ އަންނަން އެއްބަސްވެއްޖެ.] އުފާވެފައި ހުރި އަފްޒަލް އެޚަބަރު އެންމެ ފުރަތަމަ ދިނީ ޝިޒްނާއަށެވެ.

[ކޮންދުވަހަކުންތަ ގެންނަނީ....އަހަރެން މިހާރު މިހުންނަނީ އަފޫގެ މަންމަ ދެކޭހިތުން.] ޝިޒްނާ އަފްޒަލްގެ ކޮނޑުގައި ބޯއަޅާލިއެވެ.

[މާދަމާ ނޫން އަނެއް ދުވަހަށް ޓިކެޓް ލިބޭނެގޮތްވެސް ހަދައިފިން.] އަފްޒަލް ބުންޏެވެ. [އަފޫ....އަދިވެސް...ނަވާލްގެ ބަލި ރަނގަޅެއް ނުވޭތަ. ހޮސްޕިޓަލުން ނުބައި އިންޖެކްޝަނެއްޖެހީޔޯ. ތެދެއްތަ އެއީ؟] ނަވާލްގެ މަތިން ކުއްލިއަކަށް ޝިޒްނާ ހަނދާންވެއްޖެއެވެ.

[އާނ، އެއީ ވަރަށްބޮޑު ތެދެއް. އެމީހުން އެފަކީރު ހަލާކުކޮށްލައިފި. އޭނާގެ ސިކުނޑީގައި މިހާރު ކުޑަކޮށްވެސް ތެތްކަމެއް ނުހުންނަކަހަލަ.] އަފްޒަލް ބުންޏެވެ. އެއީ ތެދެކެވެ. ބައްޔާ ނުގުޅޭ ފަރުވާއެއް އޭނާއަށް ދެވުމުގެ ސަބަބުން، ނަވާލްގެ ސިކުނޑި މިހާރުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ބައެއް ވަގުތުތަކުގައި ރަނގަޅަށް ހުރި ކަމުގައިވިޔަސް، ގިނަ ވަގުތުގައި އޭނާ ހުންނަނީ އެއްވެސް ހަމައެއްގައެއް ނޫނެވެ. ބައެއްފަހަރު ވަރުގަނޑު އަރައިގެން އަންނައިރު، ގޭގައި ހުންނަ ބައެއް ތަކެތި ހަލާކުކޮށްލައެވެ. އަނެއްބައިފަހަރު ހަރުއަޑުން ހަޅޭއްލަވާ، ހިސާބުގަނޑު މީހުން އެއްކުރެއެވެ. އެކަމަކު ހަމައިގައި ހުންނަ ވަގުތު، އޭނާ އެއްވެސް މީހަކަށް ފެންނާކަށް ބޭނުމެއް ނުވެއެވެ. ވެދާނެއެވެ. ސިކުނޑި ހަމައިން ނެއްޓޭ ވަގުތު އުޅެވޭގޮތުން އޭނާ ލަދުގަންނަނީއެވެ.

މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް އިންޑިއަން އެއަރލައިންސް ޖެއްސުމާއެކު، ޓަރމިނަލް ކުރިމަތީގައި ތިބި މީހުންތައް ހޭލަމޭލަވާން ފަށައިފިއެވެ. މީހުންތަކުގެ ތެރޭގައި، ޝިޒްނާއާއި އަފްޒަލްވެސް ޝިޒްނާގެ މައިންބަފައިންގެ އިންތިޒާރުގައި ތިއްބެވެ.

[އަފޫ އެހުރީ މަންމަ.....] ޝިޒްނާ އޭނާގެ ބައްޕައާއެކު ޓަރމިނަލް ތެރެއިން ނުކުތް މަންމަ، ލޯބިވެރިޔާއަށް ދައްކާލިއެވެ. އެވަގުތު ޝިޒްނާ، އޭނާގެ މަންމަ ފަރީދާއަށާއި ބައްޕަ ޒުބޭރަށް ތަޢާރަފްކޮށްދިނެވެ. ޝިޒްނާގެ މަންމައާއި ބައްޕަވީ އަފްޒަލް ހީކުރިވަރަށްވުރެން ހިތްހެޔޮ އޯގާތެރި ބަޔަކަށެވެ. އެމީހުން އަފްޒަލަށް ނުހަނު އިޙްތިރާމް ކުރިއެވެ. ކައިވެންޏާ ބެހޭގޮތުން އެމީހުން ވާހަކަ ދެއްކީ އެރެއެވެ. ޝިޒްނާއާއި އަފްޒަލްގެވެސް ޙާޒިރުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން