މާލޭ ސިޓީގެ މޭޔަރ ސިފާ
މާލޭ ސިޓީގެ މޭޔަރ ސިފާ
މާލެ ސިޓީގެ މޭޔަރު ސިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު އަންގައިފި އެވެ.

މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ފަޒީނު ހުޅައެޅުއްވި ސިފާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައި އޮތީ މިއަދު މެންދުރު 3 ޖަހާއިރަށެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން 10 ދުވަސް ދިނަސް އެ މުއްދަތު ހަމަވިއިރު ޖަވާބުދާރީވެވަޑައިގެންފައެއްނުވެ އެވެ.

އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ ކައުންސިލްގެ އަށް ކައުންސިލަރަކު ވަނީ ސިފާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހެޅި މައްސަލައިގައި ތާއީދުކުރައްވައިފަ އެވެ. ވޯޓު ނަގަން ތާއީދު ނުކުރައްވަނީ ދެ ކައުންސިލަރެކެވެ.

އެލްޖީއޭއިން ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ އޮތޯރިޓީން އިންކުއަރީއެއް ކުރިއަށްގެންދާ ދަނޑިވަޅެއްގައި މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަކަށް ނުގެންދެވޭނެ ކަމަށް މިއަދު ބޭއްވި ކުއްލި ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ. އެ އިންކުއަރީ އަކީ ކައުންސިލް މެމްބަރު ފަޒީން އާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މަނިކާ ގުޅޭގޮތުން އެލްޖީއޭ އަށް ސިފާ ހުށަހެޅުއްވި މައްސަލައެކެވެ.

ސިފާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފަޒީން ހުށަހެޅުއްވީ 39 މައްސަލައެއް ފާހަގަކޮށެވެ. އޭނާގެ ތުހުމަތަކީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މޭޔަރު ބޭނުންވާ ގޮތަށް ކައުންސިލް ހިންގުމެވެ.

ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު ޢަލީ ނިޔާޒް ވިދާޅުވީ، ޒާތީ މައްސަލަތައް އިސްކޮށް ކައުންސިލްތައް ހިންގަން ތިބޭ ފަރާތްތަކާމެދު އިތުބާރުނެތްކަމަށް ވޯޓް ނެގުން ބަލައި ނުގަންނަ ކަމަށެވެ. އަދި ލޯކަލް ކައުންސިލްގެ ޤާނޫނަށް ގެންނަ 8 ވަނަ އިސްލާހާއެކު އެކަމަށް ނިމުން އަންްނާނެ ކަމަށާއި، ކޯވިޑް-19ގެ އުނދަގޫ ދުވަސްވަރު މާލޭ ސިޓީ ކައުންސިލް ފެނުނީ ވަރަށް ޙަރަކާތްތެރިކޮށް ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން ޢަލީ ނިޔާޒް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން