ޞާދިރު ޢަލީދީދީ   29 އޯގަސްޓު 2020 - 13:7
ސަންޑޭ
ސަންޑޭ
އެޕިސޯޑް 06

...............

[އަފޫ އެހުރީ މަންމަ.....] ޝިޒްނާ އޭނާގެ ބައްޕައާއެކު ޓަރމިނަލް ތެރެއިން ނުކުތް މަންމަ، ލޯބިވެރިޔާއަށް ދައްކާލިއެވެ. އެވަގުތު ޝިޒްނާ، އޭނާގެ މަންމަ ފަރީދާއަށާއި ބައްޕަ ޒުބޭރަށް ތަޢާރަފްކޮށްދިނެވެ. ޝިޒްނާގެ މަންމައާއި ބައްޕަވީ އަފްޒަލް ހީކުރިވަރަށްވުރެން ހިތްހެޔޮ އޯގާތެރި ބަޔަކަށެވެ. އެމީހުން އަފްޒަލަށް ނުހަނު އިޙްތިރާމް ކުރިއެވެ. ކައިވެންޏާ ބެހޭގޮތުން އެމީހުން ވާހަކަ ދެއްކީ އެރެއެވެ. ޝިޒްނާއާއި އަފްޒަލްގެވެސް ޙާޒިރުގައެވެ.

[ކައިވެނީގެ ކުރީން ބައްޕަ ބޭނުން އަފްޒަލްގެ ބައްޕައާއި މަންމައާވެސް ބައްދަލުކޮށް ޚިޔާލު ބަދަލުކޮށްލަން.] ޒުބޭރު ބުންޏެވެ.

[މަންމަ މާދަމާ އަންނާނެ. ބައްޕަ....ބައްޕަ މަރުވެފައިވާ ކަމަށް މަންމަ ބުނީ.] އަފްޒަލް އިސްޖަހާލިއެވެ. ޙަޤީޤަތުގައި ބައްޕަގެ ވާހަކަ ދެއްކުން އެއީ އޭނާ ވަރަށް ދެރަވާ ކަމެކެވެ. އޭނާ އެވަރުވެފައި އެހުރީ ބައްޕައެއްގެ އެއްވެސް އެހީތެރިކަމެއްނެތި މަންމައެއްގެ މިންނެތް މަސައްކަތުންނެވެ.

[އެހެންތަ، އަފްޒަލް ވަރަށް ކުޑައިރު ބައްޕަ މަރުވެއްޖެދޯ؟] ޒުބޭރު އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.

[އަހަރެން ނުވިހަނީސްކަންނޭނގެ.] އަފްޒަލް އެއިންގޮތަށް އިސްޖަހާލައިގެން އިނދެ ބުންޏެވެ. [މާދަމާ ދަރިފުޅުގެ މަންމަ އައީމަ ގޮވައިގެން މިގެއަށް އަންނާތި....ކައިވެނި ޕާޓީގެ ކަންތައް ހަމަޖައްސާނީ ދަރިފުޅުގެ މަންމައާވެސް މަޝްވަރާކޮށްފައި.] ފަރީދާ އަފްޒަލްގެ ބޮލުގައި އަތް ކާއްތާލަމުން ބުންޏެވެ. އަފްޒަލް ލުއި ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ.

މިހާރު ނަދުހާގެ ގެ ތައްޔާރުވަމުން އެދަނީ އާކައިވެނީގެ ޙަފްލާއަކަށް ނޫނެވެ. ނަދުހާގެ އަށާރަވަނަ އުފަން ދުވަހަށެވެ. އެޙަފްލާއަށްޓަކައި މުޅި އެގެވަނީ ކުލަކުލައިގެ ބޮކިތަކުން ޒީނަތްތެރި ކުރެވިފައެވެ. ނަޞީބު ދިމާކުރިގޮތުން އެއީވެސް އާދީއްތަ ދުވަހެކެވެ. އެއީ ނަދުހާ އުފަންވީ ކަމަށް އޭނާގެ މަންމަ ޒުހުރާއާއި ބައްޕަ ޝަކީބް ޤަބޫލުކުރާ ދުވަހެވެ. އެދުވަހު އެގޭތެރެއިން އެންމެބޮޑު އުފާވެރިކަމެއް ޙިއްޞާކުރާ މީހަކީ ދަލޭކައެވެ. އެދުވަހު ހީވަނީ ދަލޭކަގެ ޙަރަކާތްތައްވެސް އެހެން ދުވަސްތަކާ ތަފާތުހެންނެވެ. ހީވަނީ އޭނާގެ އުފަން ދަރިއެއްގެ އުފަންދުވަސް ފާހަގަކުރާހެންނެވެ.

[މަންމާ އަހަރެންމީ އަޞްލު ތިމަންމަގެ ދަރިއެއް ނޫންދޯ؟ ނަދުހާ މަންމަ ޒުހުރާގެ މޫނަށް ބަލަން ހުރެފައި އެންމެންގެ (ޙަފްލާއަށް ޙާޟިރުވެތިބި) ސަމާލުކަން ހޯދިއެވެ. ނަދުހާގެ އެޖުމްލައާއެކު ޒުހުރާއާއި ޝަކީބަށް ތެޅިގަނެވުނެވެ. ޒުހުރާގެ މޫނުމަތިން ކުލަވަރުވެސް ވަގުތުން ބަދަލުވެއްޖެއެވެ.

[ކީކޭ ދަރިފުޅާ.....] ޒުހުރާގެ ދެލޯ ފެންކަޅިވިއެވެ. އޭރު ލުއި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެން ދަލޭކަ ދުރުގައި ހުއްޓެވެ. ނަދުހާ ހުރީ މަންމަގެ މޫނަށްއަރާ ފައިބަމުންދިޔަ ކުލަވަރަށް ބަލަހައްޓައިގެނެވެ.

[މަންމަ....ހާދަ ހާސްވީ. އެއީ އަހަރެން މަޖަލަކަށް ބުނި އެއްޗެކޭ. އެހެންނޫނަސް އަހަރެން މަންމައާ އެއްވެސް ވައްތަރެއްވެސް ނޫނިއްޔަ....އެހެން ބުނެވޭނެއެއްނު.....] ނަދުހާ ހީނގަންނަމުން މަންމަގެ ކަރުގައި އެލިގަތެވެ.

[ދަރިފުޅު ވައްތަރީ ދަރިފުޅުގެ މުންނާޔާ (ބައްޕަ ފަރާތު މާމަ)] ޒުހުރާ ހަމަޖެހިލިއެވެ.

[މުންނާއޭ! އަޅެ ބައްޕާ...ބައްޕަގެ އަތުގައި މުންނާގެ ފޮޓޯއެއް ނެތްތަ؟] ނަދުހާ މުންނާ ބަލައިލަން ބޭނުންވިއެވެ. މަންމަ އޭނަޔާ މުންނާ ވައްތަރޭ ބުނީމައެވެ.

ބައްޕަގެ އަތުގައިވެސް ނޯންނާނެ މުންނާގެ ފޮޓޯއެއް. ދަރިފުޅުގެ މަންމަ އެބުނީ ހަމަ ތެދެއް. ދަރިފުޅު ވައްތަރީ މުންނާޔާ....] ބައްޕަ ޝަކީބް ނަދުހާގެ ކޮލުގައި ނިކަން ލޯތްބާއެކު ފިރުމާލިއެވެ. އޭރުވެސް އެމަންޒަރު ބަލަން ދުރުގައި ދަލޭކަ ހުއްޓެވެ.

[ނަދުހާ ފެނުނީމަ މުންނާ މަތިން ވަރަށް ހަނދާންވޭދޯ؟] ނަދުހާ ހީނގަންނަމުން މިހެން ބުނެފައި ހިނގައިގަތީ ގޯތިތެރޭގައިވާ ބަގީޗާއާ ދިމާއަށެވެ. ހީވާގޮތުން އެތާނގައި ހުރެގެން ކޮންމެވެސް މީހަކު އޭނާއަށް އިންތިޒާރު ކުރަނީއެވެ. ނަމަވެސް އެއީ އެހެން ބަޔަކު ވިސްނާ ކަމަކަށްނުވާތީ، އެއްވެސް މީހަކު ނަދުހާދިޔަ ދިމާއަކަށް ސަމާލުކަމެއް ނުދެއެވެ. ނަދުހާ ގޮސް ހުއްޓުނީ އެހެން މީހުންނަށް ނުފެންނާނޭ ގޮތަށް ގަސްތަކުގެ ތެރެޔަށެވެ. މުނާޒް އެތަނަށް އައިސް ހުއްޓުނީ ނަދުހާގެ ފަހަތުންކަހަލަ ގޮތަކަށެވެ.

[ނަދޫ......] ފަހަތުން އައިސް ނަދުހާގެ ކޮނޑަށް އަތް ވައްޓާލަމުން މުނާޒް ނަދުހާއަށް ގޮވާލިއެވެ. ނަދުހާ ސިހިފައި އެނބުރުނެވެ. އެހިނދު ނަދުހާގެ ނޭފަތާއި މުނާޒްގެ ނޭފަތް، މުނާޒްގެ ތުންފަތާއި ނަދުހާގެ ތުންފަތް ހީވީ ގުޅުނުހެންނެވެ. ނަދުހާ ކުއްލިއަކަށް މުނާޒާ ދުރަށް ޖެހިލީ، މާޙައުލާ ދޭތެރޭ ވިސްނާލެވުނީމައެވެ. މުނާޒް ނުވިސްނިޔަސް، އޭނާ ވިސްނަންޖެހެއެވެ.

[މުނާޒް...އަޅެ މީހަކު އަތުވެދާނެ. ބައްޕަމެނަށް ފެނިއްޖެއްޔާ ރަނގަޅެއް ނުވާނެ...އެހެނަސް މިފަދަ އުފާވެރި ޙަފްލާއެއްގައި އެކަހެރިވުމަކީ މާރީތި ކަމެއްވެސް ނޫނިއްޔަ.] ނަދުހާ ވަށައިގެން ހޯދާލިއެވެ. އެހިނދު އޭނާގެ ބައްޕަ އެދިމާއަށް އަންނަތަން ނަދުހާއަށް ފެނުނެވެ.

[މުނާޒް، ބައްޕަ އެބައާދޭ. އަހަރެމެން ދެމީހުން މިތާ ތިއްބާ ފެނިއްޖެއްޔާ ކަންތައް ވަރަށް ގޯސްވާނެ.] ނަދުހާ އުޅުނީ ކުރިއަށްވުރެންވެސް މުނާޒާ ދުރަށް ޖެހިލާށެވެ. ނަމަވެސް އެއީ މުނާޒަށް ރައްކާތެރި ކަމަކަށްނުވާތީ، މުނާޒް ނަދުހާގެ އަތުގައި ހިފައި އޭނަޔާ ގާތަށް ގެނެސް، ނަދުހާގެ އުނަގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ.

[އަޅެ...މުނާޒް ތިއުޅެނީ އަހަރެން ބަދުނާމް ކުރަންތަ؟ ހެޔޮނުވާނެ އަހަރެންގެ ގައިން ދޫކުރޭ. އާދޭސް ކުރަން ދޫކުރޭ.] ނަދުހާ މުނާޒްގެ އަތުތެރޭން ސަލާމަތްވުމަށް ތެޅިފޮޅެން ފަށައިފިއެވެ. އިސާހިތަކު ޝަކީބް އައިސް އެމީހުން ތިބިތަނާ އަރާހަމަކޮށްފިއެވެ.

[ނަދޫ....މަޑުން ހުރެބަލަ، ބައްޕައަކަށް އަހަރެމެންނެއް ނުފެންނާނޭ.] މުނާޒް އޭނާގެ ދެއަތް ކުރިއަށްވުރެންވެސް ބާރުކޮށްލިއެވެ. އޭރު ޝަކީބް ނަދުހާ ފެނޭތޯ ވަށައިގެން އެނބުރި ހޯދަނީއެވެ. އޭރު އޭނާ ހުރީ ނަދުހާމެންނާ ފަސްފޫޓެއްހާ ގާތުގައެވެ. ނަމަވެސް އޭނާއަކަށް މޭރުމެއްނުވިއެވެ. އެހެންކަމުން، އޭނާ އެނބުރި އައިކޮޅަށް ހިނގައިގަތީ ދެތިންފަހަރު ނަދުހާއަށް ގޮވާލުމަށްފަހުގައެވެ. އޭރު ނަދުހާ ހުރީ މުނާޒްގެ މޭގައި ބޯއަޅައިގެން ބައްޕައަށް ނުފެންނާތީ ހިތްހަމަޖެހިފައެވެ. އޭނާގެ ހިތުގައި ސުވާލުތައް އުފެދުނީ، ބައްޕަ ގޮސް ލޯމަތިން ގެއްލުނީމައެވެ.

[ކީއްވެތަ ބައްޕައަށް އަހަރުމެން ނުފެނުނީ!؟] ނަދުހާ މުނާޒްގެ މޫނަށް ބަލައިލިއެވެ.

[އެއީ ޖާދޫއެއް....ބުނެދީފިއްޔާ، ނަދޫ އުޅޭނީ އަބަދުވެސް ޖާދޫ ހަދަން.] މުނާޒް ހީގަންނަމުން ބުންޏެވެ.

[ދެން ސަމާސާނުކޮށް ބުނެބަލަ. ކާކު މުނާޒަށް ދަސްކޮށްދިނީ.] ނަދުހާ ހުރީ ޢަޖައިބުވެފައެވެ.

[މިހާރަކު ނޫން...އެހެންފަހަރަކުން ބުނެދޭނަން. މިވަގުތު ދެން ނަދޫ ދޭ....ނަދޫ ނެތީމަ ޙަފްލާގެ އުފާވެރިކަން ގެއްލިދާނެ.] މުނާޒް ނަދުހާގެ ގައިން ދޫކޮށްލިއެވެ.

[ފަހުން އަހަންނަށް ދަސްކޮށްދޭންވާނެ.] ނަދުހާ ހިނގައިގަތެވެ. މުނާޒް ހީލަމުން ބޯޖަހާލިއެވެ. ނަދުހާ ބަގީޗާތެރޭން ނުކުމެގެން އަންނަތަން، އެންމެ ފުރަތަމަވެސް ފެނުނީ ޝަކީބަށެވެ. އެހެންކަމުން، ބުނާނެ އެއްޗެއް ނޭނގި (ބަސް ހުއްޓިފައި) އެދިމާއަށް ނަޒަރު ހުއްޓައިގެން އޭނާއަށް ހުރެވުނީއެވެ.

[ކޮންތާކުން ދަރިފުޅު ތިއައީ؟] ނަދުހާ އައިސްހުއްޓުމުން ޝަކީބް އެއްސެވެ. [ބަގީޗާއިން..ބައްޕަ ދިޔައީމަ އަހަރެން ފިލީއޭ.] ނަދުހާއަށް ހީގަނެވުނެވެ.

[ބައްޕަ ހާދަވަރަކަށް ހޯދީމޭ އެކަމަކު.....] ޝަކީބް ބުންޏެވެ. ނަދުހާއަށް އެނބުރި ބަގީޗާއަށް ދިމާއަށް ބަލައިލެވުނެވެ. އެހިނދު މުނާޒް ގޮސް ދޮރާށިން ބޭރަށް ނުކުތްތަން ނަދުހާއަށް ފެނުނެވެ. ނަމަވެސް، ބައްޕަމެނަށް އޭނާ ނުފެންނާނެކަން އެނގޭތީ، އޭނާހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

އަފްޒަލްގެ ކައިވެންޏަށް، އޭނާގެ މަންމަ ޢަޒީޒާ މާލެއައީ، ކުރިން މާލެ އަންނަން ހަމަޖެހިފައި އޮތް ދުވަހަށްވުރެ ދެދުވަސް ފަހުންނެވެ. އެހެންކަމުން، ކައިވެނިވެސް ޖެހުނީ ދެދުވަހަށް ފަސްކުރާށެވެ.

[މަންމާ....މިރޭވާނެ ޝިޒްނާމެން ގެއަށްދާން. ޝިޒްނާގެ ބައްޕަ ބުނީ މަންމައާ މަޝްވަރާކޮށްފައި ނޫނީ ކައިވެނީގެ ޙަފްލާ ކުރިއަށް ގެންދާނެ ގޮތެއް ނުރާވާނަމޭ.....] އަފްޒަލް ވާހަކަ ދެއްކީ، އޭނާގެ މަންމައާއެވެ.

[އެންމެ ރަނގަޅު...މިހާރު މާލެ ވަރަށް ބޮޑަށް ބަދަލުވެއްޖެދޯ؟] ޢަޒީޒާއަށް ބުނެވުނެވެ. ތެދެކެވެ. މީގެ އެތައް އަހަރު ކުރިން ޢަޒީޒާ މާލޭގައި އުޅުނުއިރާ މިހާރު ވަރަށް ތަފާތެވެ. މާލެއަށް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ.

[އަހަރެންގެ ކައިވެންޏަށްފަހު މަންމަ އުޅެންވާނީވެސް މިރަށުގައި އަހަރެމެންގެ ގާތުގައި....] އަފްޒަލް ބުންޏެވެ.

[ވަރިހަމަ މަންމައަށް....މިހާރު ދަރިފުޅުގެ ވާންއުޅޭ އަނބިމީހާ ދެކޭހިތުން މަންމަގެ ކެތްތެރިކަން ކުޑަވާން ފަށައިފި.....] ޢަޒީޒާ ދަބަސް ހުޅުވާފައި ހަދިޔާތައް ނަގައި މޭޒުމައްޗަށް އަރުވަމުން ވާހަކަ ދެއްކިއެވެ.

[މަންމަ ކެތްމަދުވެގެން އުޅެންޏާ ފޮޓޯއެއް ދައްކަފާނަން.] އަފްޒަލް އަލަމާރި ހުޅުވާލިއެވެ.

[ފޮޓޯއަކުން ނޫން، މަންމަ ބޭނުންވަނީ އެމަންޖެއާ ބައްދަލުކޮށްލާ ވާހަކަ ދައްކާލަން.] ޢަޒީޒާ ބުންޏެވެ.

[މިހާރު އެގެއަށްދާންވީތަ؟] އަފްޒަލް ފޮޓޯ އަލްބަމް ނަގަން އުޅެފައި، އަލަމާރި ލައްޕަމުން މަންމައާ ދިމާއަށް އެނބުރުނެވެ. ޢަޒީޒާ ބޯޖަހާލިއެވެ.

[މަންމަ ގޮވައިގެންދާ ވާހަކަ ގުޅާފައި ބުނަންވީނު....] ޢަޒީޒާ ބުންޏެވެ. ނަމަވެސް އެއީ އަފްޒަލް ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ބޭނުންވަނީ ޝިޒްނާއަށާއި އޭނާގެ މައިންބަފައިންނަށްވެސް ސަޕްރައިޒެއްދޭށެވެ. އެހެންވެ ޝިޒްނާއަށް ގުޅުމުގެ ބަދަލުގައި އޭނާ ގުޅީ ޓެކްސީއަކަށެވެ.

މަރީނާއާއި ފާއިޒު މިހާރު ދިރިއުޅުން މަތިން ފޫހިވެފައިވާ ކަހަލައެވެ. އެމީހުންގެ ހުރިހާ އުންމީދުތަކާ ގުޅިފައިވާ ދަރިފުޅުގެ ސަބަބުން އެމީހުންގެ ހިތް މިއަދުވަނީ ބަލިކަށިވެފައެވެ. ނަވާލްގެ ޙާލަތު މިހާރު ކުރިއަށްވުރެ ގޯހެވެ. މިހާރު އޭނާ ހަމަޖެހޭ އެއްވެސް ވާހަކައެއް ނުދައްކައެވެ. ހިލިހިލާޖަހައި ބަނދެފައި ނުބާއްވާނަމަ، އޭނާ މައިތިރި ކުރެވޭނެ އެއްގޮތެއްވެސް ނޯވެއެވެ. މިހާރު އޭނާގެ ކުރީގެ ރައްޓެހިންނަކަށްވެސް އޭނާއެއް ނުފެނެއެވެ. ކިރިޔާވެސް ގާތްކަމެއް ބާއްވާ މީހަކީ އަފްޒަލެވެ. މިހާރު އަފްޒަލަށްވެސް ނަވާލް ދެކިލަން އެގެއަށް އާދެވެނީ ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ.

[ފާއިޒު، އަހަރުމެން މުޅިން ނިކަމެތިވެއްޖެ.] ދަރިފުޅުގެ ޙާލަތާމެދު ވިސްނޭތީ، މަރީނާގެ ލޮލުން ކަރުނަހިކޭ ވަގުތެއް މަދެވެ.]

[ހިތްވަރުކުރޭ...މަރީނާ....މާތްރަސްކަލާނގެ އިރާދަފުޅުން އަދި އެސޮރު ރަނގަޅުވާނެ.] ފާއިޒް މަރީނާއަށް ހިތްވަރުދިން ނަމަވެސް، އޭނާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. މަރީނާ ރޮމުން ފާއިޒްގެ ކޮނޑުގައި ބޯއަޅާލިއެވެ.

ޝިޒްނާގެ ގޭ ދޮރުމައްޗަށް ޓެކްސީ މަޑުކުރުމާއެކު، އަފްޒަލްއާއި އޭނާގެ މަންމަ ޢަޒީޒާ ކާރުން ފައިބައިފިއެވެ.

[އާދޭ މަންމާ....] އަފްޒަލް ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަނެވެ. ފަހަތުން ޢަޒީީޒާވެސް ވަނެވެ. އޭރު ބޮޑުކޮޓަރީގައި ޝިޒްނާގެ މަންމަ ފަރީދާ ކޮންމެވެސް މަޖައްލާއެއް ކިޔަން އިނެވެ. އަފްޒަލްމެން ފެނުމާއެކު ފަރީދާ ތެދުވިއެވެ. ޢަޒީޒާ ފެނުމުން، އޭނާގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ.

[އަފްޒަލް މަންމަދޯ.....އަވަހަށް އިށީނދޭ....ދަރިފުޅާ ޝިޒްނާ އައިސްބަލަ، މިތިބީ ކޮންބައެއް....ޒުބޭރު އަފްޒަލްގެ މަންމަ އަތުވެއްޖެ.] ފަރީދާ އަފްޒަލްމެން އިށީންނަން ތަން ދެއްކުމަށްފަހު، ޝިޒްނާއާއި ޒުބޭރަށް ގޮވިއެވެ. ޝިޒްނާގެ މަންމަގެ އަޑަށް ވަރަށް ހަލުވިކޮށް ނުކުތެވެ. ޒުބޭރު ކޮޓަރިން ނުކުމެގެން އައިސް، އެތަނަށް ހުއްޓުނީ ޝިޒްނާގެ ފަހަތުންކަހަލަ ގޮތަކަށެވެ. އެއާއެކު ސޯފާގައި އިން ޢަޒީޒާ ފެނުމާއެކު، ޒުބޭރުގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތްހެނެވެ. ޢަޒީޒާގެ ދެލޯވެސް ތަންމިނަށް ހުޅުވުމާއެކު ތެދުވެވުނެވެ. އިސާހިތަކު އޭނާގެ ދެލޮލުން ކަރުނައައެވެ.

[ޢަ....ޢަޒީޒާ....ޢަ......] ޒުބޭރުގެ ދޫއޮޅޭގޮތްވިއެވެ. ދެން އޭނާއަށް ބަލައިލެވުނީ އަފްޒަލްގެ މޫނަށެވެ. އޭރު އަފްޒަލާއި ފަރީދާއާއި ޝިޒްނާ ތިބީ ޙައިރާންވެފައެވެ. ދިމާވާން މިއުޅެނީ ކޮންކަމެއްކަން ވަޒަންކޮށްލާކަށް އެކަކަށްވެސް ނޭނގެއެވެ.

[ދަރިފުޅާ....އަފްޒަލް ހިނގާ ދާން.....] ޢަޒީޒާ އަފްޒަލްގެ އަތުގައި އަތުގައި ހިފައިގެން ހިނގައިގަތެވެ. އޭރު ޒުބޭރު ހުރީ ބަސް ހުއްޓިފައެވެ.

[ޢަޒީޒާ މަޑުކުރޭ ޢަޒީޒާ.....] ޢަޒީޒާ ހިނގައިގަތުމުން، ޒުބޭރު ޢަޒީޒާ ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް، އޭނާ އެއަޑު އިވޭ ކަމަށްވެސް ނަހަދައެވެ. ޢަޒީޒާ އަފްޒަލްގެ އަތުގައި ހިފައިގެންގޮސް އެގެއިން ނުކުތުމުން، ޙައިރާންވެ ބަސް ހުއްޓިފައި ތިބީ ފަރީދާއާއި ޝިޒްނާގެ ސުވާލުތަކާ ޒުބޭރަށް ކުރިމަތިލާން ޖެހުނެވެ.

[ކީއްވެ! ޢަޒީޒާ އެދިޔައީ. ކިހިނެއްތަ ޒުބޭރު ޢަޒީޒާ ދަންނަނީ؟] ފަރީދާ އެހިއެވެ. ފަރީދާ ހުރީ ހިތްހަމަނުޖެހިފައެވެ.

[ފަރީދާ....މިވަގުތު ތިސުވާލު އަހަންނާ ނުކުރޭ. މިވަގުތު އަހަންނަކަށް ތިސުވާލަކަށް ޖަވާބެއް ނުދެވޭނެ.] ޒުބޭރު ގޮސް ކޮޓަރިއަށް ވަނެވެ.

ހަމައެފަދައެވެ. އަފްޒަލްވެސް އޭނާގެ މަންމަ ޢަޒީޒާއާ ތަފާތު އެކިއެކި ގޮތްގޮތަށް ސުވާލުތައް ކުރަމުން ދަނީއެވެ. ނަމަވެސް، އެމަންމަ އޭނާގެ ދުލުން ޙަޤީޤަތް ހާމަކުރަން ބޭނުންވާހެނެއް ހިއެއްނުވެއެވެ.

[ދަރިފުޅާ އިހަށް މަންމައާ ތިސުވާލު ނުކުރޭ....] ޢަޒީޒާ ކެތްތެރިވެވޭތޯ ލޯ މަރާލިއެވެ. އޭނާވަނީ ކުރިންވެސް ކެތްތެރިވެފައެވެ. އޭނާ އެހީއަށް އެންމެ ބޭނުންވި ދުވަހު އޭނާއަށް އެހީވި އެކަކުވެސް ނެތެވެ. އޭނާގެ ޢާއިލާގައިވެސް އޭނާއާ ދޭތެރޭ ވިސްނި މީހަކު ނެތެވެ. އެހެންނަމަވެސް، އެހުރިހާ ކަމެއް ބަރުދާސްތުކޮށް، ދަރިފުޅު އުފަންވުމާއި ތަރުބިއްޔަތު ކުރުމާ ހަމައަށްވެސް ސާބިތުވެ ހުއްޓެވެ. ވީމާ، މިއަދު ހަތިޔާރު ބަހައްޓާކަށް އޭނާ ބޭނުމެއް ނޫނެވެ.

ހިލިހިލާޖަހައި ހައްޔަރު ކޮށްފައިވާ ނަވާލް ތެޅިފޮޅެމުން އެދަނީ ހިލިހިލާ ކަނޑާލެވޭތޯއެވެ. ނަމަވެސް ކަނޑައިގެންދަނީ ހިލިހިލާއެއް ނޫނެވެ. ހިލިހިލާއަށް ބާރުކޮށް ކުއްލި ޖެހުމުގެ ސަބަބުން އަތުން ތަންގަނޑެއް ކަނޑައިގެން ގޮސް ލޭ އަންނަން ފެށިއެވެ. ލޭފެނުމާއެކު ނަވާލް ބާރުބާރަށް ހޭން ފެށުމާއެކު، ލޭތަކުގައި ދޫހާކަން ފެށިއެވެ. އެމަންޒަރު ބަލަންހުރި ފާއިޒަށް ކެތް ނުކުރެވިގެންގޮސް ނަވާލް ހިފެހެއްޓޭތޯ މަސައްކަތްކުރި ނަމަވެސް، އޭނާއަކަށް ނަވާލެއް ނުހިފެހެއްޓެއެވެ. ނަވާލް ހީވަނީ މީރު ކާއެއްޗެއްގައި ދޫލާހެންނެވެ. އެހިނދު ދަރިފުޅުގެ އެޙަރަކާތްތައް ފެނި ރޮވިފައި މަރީނާ އިނެވެ.

[ދަރިފުޅާ މަޑުން ހުރެބަލަ. ދަރިފުޅު ތިހެން ހެދީމަ މިބައްޕައާއި މަންމައަށް ކިހިނެއްވާނެތަ؟] ފާއިޒުގެ ލޮލުންވެސް ކަރުނަ އަންނަން ފަށައިފިއެވެ. އޭރު ނަވާލަށް އައިސްފައިވާ ބާރު، މަޑުމަޑުން ކެނޑެން ފަށައިފިއެވެ. އެހެންކަމުން، މަރީނާވެސް އޭނާގެ ގާތަށްޖެހި ފޮތިގަނޑަކުން އޭނާގެ މޫނާއި އަތުގައި ހުރި ލޭތައް ސާފުކުރަން ފަށައިފިއެވެ. އޭރު ނަވާލް ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ދެރަކަމަކީ ހަމައިގައި ހުންނަ ވަގުތުކޮޅު، އޭނާ އެއްވެސް މީހަކާ އަނގައިންވެސް ނުބުނާކަމެވެ. ކިތަންމެ ވާހަކައެއް ދެއްކިޔަސް، އޭނާ އެކަކާ ދިމާއަށްވެސް ބަލާނުލާނެއެވެ. ނަމަވެސް، ފާއިޒާއި މަރީނާ އަދިވެސް އެދަރިފުޅާމެދު އުއްމީދު ކަނޑާލާކަށް ބޭނުމެއް ނޫނެވެ. އެދަރިފުޅު ރަނގަޅުވެ، އެމީހުންގެ އުއްމީދުތައް ފުރިހަމަކޮށްދޭނެ ކަމަށް އެމީހުން ޤަބޫލު ކުރެއެވެ.

ނަދުހާ ޓެރަސްމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެފައި ގަޑިއަށް ބަލައިލިއެވެ. މިހާރު އޭނާ އެގޮތަށް އިންތިޒާރު ކުރާތާ ބައިގަޑިއެއްހާއިރުވީއެވެ. އަދިވެސް މުނާޒެއް ނާދެއެވެ. ނަދުހާ މަގުމައްޗަށް ކަޅިހިންގާލިއެވެ. ނަމަވެސް، މުނާޒް އަންނަތަނެއް ނުފެނެއެވެ.

[ނަދުހާ......] ނަދުހާ ސިހުނީ ކުއްލިއަކަށް އޭނާއާ ދާދިގާތުން އިވުނު މުނާޒްގެ އަޑުންނެވެ. ނަދުހާ އެނބުރުނެވެ. ވަށައިގެން ހޯދަން ފެށިއެވެ. މުނާޒެއް ފެންނާކަށް ނެތެވެ.

[އަހަރެން މިއިނީ ނަދުހާއާ ވަރަށް ގާތުގައި.....] ދެންވެސް އިވުނީ މުނާޒްގެ އަޑެވެ. ކުރިއަށްވުރެވެސް ގާތުންނެވެ.

[އަޅެ މުނާޒް ސަމާސާނުކޮށް ފިލާ އޮތް ތަނަކުން ނުކުމެބަލަ.] އެހެން ނޫނީ އަހަރެން ދަނީ.] ނަދުހާ ކުސްތަޅަމުން ހިނގައިގަތީ ޓެރަސްއިން އަރާ ފައިބާ ސިޑިއާ ދިމާއަށެވެ. އެވަގުތު ފަހަތުން އޭނާގެ އަތުގައި މީހަކު ހިފަހައްޓާލިއެވެ. އޭނާ އެނބުރުނެވެ. ހިނިއައިސްފައި ހުރީ މުނާޒެވެ.

[ކޮންތާކު ފިލާހުރީ؟] އެތަނުގައި ހުރި ދިގު ގޮނޑިއާ ދިމާއަށް ހިނގައިގަންނަމުން ނަދުހާ އެއްސެވެ.

[މިއޮއްހާއިރުވަންދެން އަހަރެން މިގޮނޑީގައި އިނިން.] ގޮނޑީގެ އެއްކޮޅުގައި އިށީންނަމުން މުނާޒް ބުންޏެވެ.

[ދެން ކީއްވެ އަހަންނަށް ނުފެނުނީ؟] ނަދުހާ އެހިއެވެ. މުނާޒްގެ ގާތަށް ހިނިއައެވެ.

[ނުފެންނަނީދޯ؟ ހަނދާނެއް ނެތްދޯ؟ އެއްކަލަ ޖާދޫގެ މަތިން.] މުނާޒް ހަނދާންކޮށްލަދިނެވެ. [އަހަރެންވެސް ބޭނުން ޖާދޫހަދަން. އަހަންނަށް ދަސްކޮށްދީ.] ނަދުހާ މުނާޒްގެ ކޮނޑުގައި ބޯއަޅާލިއެވެ.

[ނަދޫއަށް ބުނެދިނަކަސް ދަހެއްނުވާނެ.] މުނާޒް ނަދުހާގެ ރަންކުލައިގެ ފަން އިސްތަށިގަނޑުގައި މޫނު ޖައްސާލިއެވެ.

[އަހަންނަށް ދަސްކޮށްދޭން މުނާޒް ވަނީ ވަޢުދުވެފައި. މިރޭ ޖެހޭނެ ދަސްކޮށްދޭން.] ނަދުހާ މުނާޒާ ކުޑަކޮށް ދުރަށް ޖެހިލިއެވެ.

[އެންމެ ރަނގަޅު. އަހަރެން މިނޫން ސިފައެއްގައި ފެނިއްޖެއްޔާ، ނަދޫ އަހަރެންދެކެ ބިރުގަންނާނެތަ؟] މުނާޒް ގޮނޑިން ތެދުވިއެވެ.

[އެހެން ސިފައެއްގައޭ! ތީ ކިހިނެއްވާނެ ކަމެއް. ސިފަ ބަދަލުކުރަން ތީ ޖިންނިއެއް ނޫނީ ހަންޑިއެއްތަ؟] މުނާޒްގެ ވާހަކަ ނަދުހާއަށްވީ މަޖަލަކަށެވެ. އެހެން ނަމަވެސް، މުނާޒް ވަނީ ވަރަށް [ސީރިއަސް] ވެފައެވެ. [ވެދާނެއެއްނު، އަހަންނަކީ ހަންޑިއަކަށްވެސް.] މުނާޒް ހީގަތެވެ.

[ތީ ދެން ކޮން ވާހަކައެއް. ޖާދޫ ހަދަން ދަސްކޮށްދޭށޭ ބުނީމަ، ކޮންވާހަކަތަކެއް ދައްކާކަށް.] ނަދުހާ ތުންދިގުކޮށްލިއެވެ.

[އެންމެ ރަނގަޅު، ޤަބޫލު ކުރަންތަ ޖިންނިންނަށް (ރޫޙާނީ ބާރު ލިބިގެންވާ އެއްޗެއްސަށް) ބޭނުން ވަގުތަކު އިންސާނުންގެ ލޯތަކަށް ނުފެނި އުޅެވިދާނެކަން.] މުނާޒް ކުރިއަށްވުރެންވެސް ނަދުހާއާ ދުރަށް ޖެހިލިއެވެ. އާއެކޭ ބުނާފަދަ ގޮތަކަށް ނަދުހާ ބޯޖަހާލިއެވެ. ހަމައެއާއެކު، ނަދުހާގެ ލޯމަތިން މުނާޒް ގެއްލިއްޖެއެވެ. އަޑެއް ލެއްވުމާއެކު، ނަދުހާއަށް ފަހަތަށް ޖެހިލެވުނެވެ. މާގިނައިރުތަކެއްނުވެ، އަނެއްކާވެސް ނަދުހާގެ ލޯމައްޗަށް މުނާޒް ފާޅުވެއްޖެއެވެ.

[ނަދޫ ޤަބޫލު.....ކުރޭ.....އަހަންނަކީ އިންސާނެއް ނޫން....ޖިންނިއެއް. އެކަމަކުވެސް އަހަރެން ނަދޫދެކެ ވަރަށް ލޯބިވޭ. އަހަރެންގެ ޙަޔާތުގެ ބައިވެރިޔަކަށް ނަދުހާ ހަދަން ބޭނުން.] މުނާޒްގެ މިޖުމްލައާއެކު، އޭނާގެ ސިފަވެސް ބަދަލުވެއްޖެއެވެ. މިހާރު ނަދުހާގެ ކުރިމަތީގައި އެހުރީ ވަރަށް ބިރުވެރި ސިފައެއްގައިވާ ރޫޙާނީ އެއްޗެކެވެ. ނަދުހާ އުޅުނީ ހަޅޭއްލަވައިގަންނަމުން ދުއްވައިގަންނާށެވެ.

[ނުދުވޭ ނަދުހާ....އަހަރެން ނަދޫދެކެވަނީ ތެދުވެރި ލޯތްބެއް. ނަދޫ ބޭނުމިއްޔާ އަބަދުވެސް އަހަރެން ކުރީގެ ސިފައިގައި އުޅެފާނަން.] މުނާޒް އެއްލިއަތުން ހިފުނީ ނަދުހާގެ ހެދުމުގައެވެ. ނަދުހާ އަނެއްކާވެސް ހުއްޓުނެވެ. [އަހަރެންވެސް މުނާޒްދެކެ ލޯބިވޭ. އެކަމަކުވެސް އަހަރެން ދެން މުނާޒާ ވާހަކަ ދައްކާކަށް ބޭނުމެއްނޫން.] ނަދުހާ މުނާޒް ފޮޅުވާލިއެވެ. މުނާޒް ދެންވެސް އުޅުނީ ނަދުހާ ހިފަހައްޓާށެވެ. އޭރު އޭނާގެ ކުރީގެ ސިފައަށް ބަދަލުވެއްޖެއެވެ.

[ނަދޫ...އާދޭސްކޮށްފައި ބުނަން...މަޑުކުރޭ....] މުނާޒް އަތް ދިއްކުރިއެވެ. ނަމަވެސް ނަދުހާ ފަސްއެނބުރި ބަލައިވެސްނުލައެވެ. އޭނާ އެދިޔަ ގޮތަށްގޮސް ސިޑިން ފޭބިއެވެ. އޭރު ސިޑި ކައިރީގައި، ނަދުހާ ރޮމުން ރޮމުން ތިރިއަށް ފޭބި މަންޒަރު ބަލަހައްޓައިގެން ދަލޭކަ ހުއްޓެވެ. ނަމަވެސް، އެހިނދު އޭނާ ނަދުހާއަށް ނުފެންނާނޭހެން ނިވާވެލިއެވެ. ނަދުހާ ސިޑިން ތިރިއަށް ފޭބިގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އޭރުވެސް މާޔޫސްވެފައި ޓެރަސްމަތީގައި މުނާޒް ހުއްޓެވެ.

ކޮޓަރިއަށް ވަދެވުމާއެކު، ނަދުހާގެ ބަޑި ފަޅައިގެންދިޔައެވެ. އޭނާ ބޮޑަށް ދެރަވީ، އޭނާ ކިތަންމެ ލޯބިވިޔަސް، މުނާޒާ ގުޅިގެން ނޫޅެވޭނެ ކަމަށް ވިސްނޭތީއެވެ.

[މުނާޒް އަހަންނަށް އޮޅުވާލީ....އޮޅުވާލީ....އަހަރެން އޭނާއަށް ދުވަހަކުވެސް މަޢާފެއް ނުކުރާނަން.] ނަދުހާއަށް ހިތާހިތާ ކުދިކިޔެން ފެށުނެވެ. އެރޭ މެންދަންވީއިރުވެސް ނަދުހާގެ ޙާލަތު ބަދަލެއް ނުވެއެވެ. އޭނާ ހަމަ ވިސްނަ ވިސްނާފައި ރޮނީއެވެ. ރޮއިރޮއި އޮތް ނަދުހާއަށް ސިހުން ގެނުވީ، މެންދަމުގެ ވަގުތު ފަހަނައަޅައި ދާން އުޅެނިކޮށް ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ. ނަދުހާ ތެދުވާން އުޅެފައި ކޮޓަރިއަށް ވަދެގެން އަންނަ ދަލޭކަ ފެނުނީމާ އޮށޯވެއްޖެއެވެ. ދަލޭކަ އައިގޮތަށް އައިސް އެނދުގެ މަގަތުގައި އިށީނދެއްޖެއެވެ.

[ދަރިފުޅާ...ރުއިން ހުއްޓާލާ، ކިހިނެއްތަވީ؟ ދައްތަ ގާތު ވެގެންއުޅޭ ގޮތެއް ނިކަން ބުނެބަލަ؟] ދަލޭކަ ނަދުހާގެ އަތުގައި ހިފަހައްޓާލިއެވެ. ނަދުހާ ދަލޭކަގެ މޫނަށް ބަލައިލިއެވެ. ހީވީ އޭނާގެ މޫނުމަތިން ކަންތަކެއް އުނގެނިގަންނަން އުޅުނުހެންނެވެ.

[އަހަރެން ގާތު އިހަށް ސުވާލު ނުކޮށްބަލަ. އަހަރެން ބިރުގަނެއޭ....ބިރުގަނެއޭ....] ނަދުހާއަށް ގިސްލެވެން ފެށުނެވެ.

[ދަރިފުޅު ނުފޮރުވާ ބުނެބަލަ، ކޮންކަމަކާތަ ބިރުގަންނަނީ؟ ހިތްވަރުކޮށްފައި ބުނެބަލަ.] ދަލޭކަ ނަދުހާގެ އަތުގައި ހިފައިގެން ނެގިއެވެ.

[އާދޭސްކުރަން..އަހަންނަށް އުނދަގޫނުކޮށް މިތަނުންދޭބަލަ....] ނަދުހާ މޫނުމަތީގައި ބާލީސް އަޅައި މޫނު ފޮރުވިއެވެ.

[މުނާޒް ދަރިފުޅާ ރުޅިވީތަ؟ ނޫނީ އެއްޗެކޭ ބުނީތަ؟] ދަލޭކަ އެއްސެވެ. ނަމަވެސް، ދެންވެސް ނަދުހާ އެއްވެސް ޖަވާބެއް ނުދެއެވެ. ހީވެއެވެ. އެމަޥްޟޫޢަށް ވާހަކަ ދައްކައި، އިތުރު މީހަކަށް އެޙަޤީޤަތް ހާމަކޮށް، އެމީހުންގެ ހިތުތެރޭގައި ބިރުވެރިކަން އުފައްދަން އޭނާ ބޭނުންނުވަނީއެވެ. ނަމަވެސް، ދަލޭކައަކީ އޭނާއަށް ރައްޓެއްސެއްގެ ގޮތުގައިވެސް ފުދޭ މީހެކެވެ. ޙަޤީޤަތުގައި އޭނާގެ އަޞްލު މަންމައަކަށްވުރެ ދަލޭކަ އޭނާއާމެދު މާބޮޑަށް ވިސްނާކަން ޚުދު އޭނާއަށްވެސް ޤަބޫލު ކުރެވެއެވެ. އެހެންކަމުން، ކަންތައްވީގޮތް ދަލޭކައަށް ކިޔައިދޭން އޭނާގެ ހިތަށް އެބައަރާވެސްމެއެވެ. ނަމަވެސް، އޭނާއަކީ އެންމެ ވިސްނުމަކުން އެފަދަ ކަންތަކަށް ޢަމަލުކުރާ މީހެއް ނޫނެވެ.

[ފަހުން އަހަރެން ދަލޭކަދައްތައަށް ހުރިހާ ވާހަކައެއްވެސް ކިޔައިދޭނަން. މިވަގުތު އިހަށް ދައްތަ މިތަނުންދޭ....] ނަދުހާ ކަރުނަތައް، އަތުގެ ނުފުށުންނާއި ބާލީހުން ފޮހެލުމަށްފަހު ބުންޏެވެ. ދަލޭކަ އެންމެ ރަނގަޅޭ ބުނެފައި ގޮސް އެކޮޓަރިން ނުކުތެވެ. ނަދުހާ ގޮސް ކޮޓަރީގެ އެތެރެއިން ތަންޑު އެޅުވިއެވެ.

އެވަގުތު ދަލޭކަގެ ހެޔޮކަމާއި އޯގާތެރިކަމާމެދު ނަދުހާއަށް ވަރަށް ވިސްނުނެވެ. އެހެންކަމުން، ނަދުހާ ނިންމީ، މުނާޒްގެ ޙަޤީޤަތް މުނާޒްގެ ކުރިމަތީ ފާޅުކޮށް، އޭނާގެ ކިބައިން ސަލާމަތްވާނެ ގޮތަކާ ދޭތެރޭ ވިސްނުމަށެވެ. ދެވަނަފަހަރަށް ދޮރު ހުޅުވުނީ އޭގެ ބައިގަޑިއެއްހާއިރު ފަހުންނެވެ. ނަދުހާ ސިހުމާއެކު ދޮރާ ދިމާއަށް ބަލައިލިއެވެ. ދޮރުމަތީގައި ހުއްޓިހުރީ މުނާޒެވެ. އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ ނުތަނަވަސްކަމާއި މާޔޫސްކަމެވެ.

[އަހަންނަށް މަޢާފްކުރޭ ނަދޫ....ލޯބިވުން އެއީ ކުށަކަށްވާނަމަ، އަހަންނަށް ވަނީ އެކުށް ކުރެވިފައި...އެކަމަކު ވަރަށް ޔަޤީންކަމާއެކު ބުނަންކެރޭ، ނަދޫގެ ޙަޔާތާ ގުޅެން އެންމެ އެކަށީގެންވާ މީހަކީ އަހަރެން.] މުނާޒް ކުރިއަށް ހިނގައިގެންފިއެވެ. ނަދުހާ އޮތް އެނދާ ދިމާއަށެވެ. ނަދުހާ އެކައްޗެކޭވެސް ނުބުނެ ހިމޭނުން އޮތީއެވެ. މުނާޒް އައިސް ނަދުހާ އޮތް އެނދާ އަރާހަމަކުރިއެވެ. އޭރުވެސް ނަދުހާއަށް ރޮވެނީއެވެ.

[މިތަނުންދޭ...އަހަރެންގެ ކުރިމަތިންދޭ......] ނަދުހާ ބަންޑުންވެލިއެވެ. މުނާޒް އެނދުގެ މަގަތުގައި އިށީނެވެ. އެއަށްފަހު ނަދުހާގެ އަތުގައި ހިފަހައްޓާލިއެވެ.

[ގައިގައި އަތްނުލާތި....] ނަދުހާ އަތްދަމައިގަތުމަށްފަހު ބާލީސްދަށަށްލިއެވެ.

[އައި ރުޅީގައި މިވަގުތު އަހަރެން ފޮނުވާލިޔަސް، ފަހުން ނަދޫ ދެރަވެސްވާނެ. އަހަރެންގެ މަތިން ހަނދާންވެސް ކުރާނެ.] މުނާޒް ތެދުވެގެންގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ނަދުހާ އޭނާއަށް ގޮވައި ހުއްޓުވާނެ ކަމަށް ހީކޮށްފައެވެ. ނަމަވެސް ނަދުހާ އަޅާވެސްނުލިއެވެ.

މިހާރު ޢަޒީޒާގެ ހުރިހާ ވިސްނުމަކާއި ޚިޔާލެއްވެސް ގުޅިފައިވަނީ، ދަރިފުޅު އަފްޒަލްގެ މުސްތަޤްބަލާ ދޭތެރޭގައެވެ. އޭނާގެ ހިތަށްއަރައެވެ. އަފްޒަލަށް ޙަޤީޤަތް ފާޅުކޮށްފިއްޔާ ވާނީ ކިހިނެއްބާއެވެ؟ އެމީހުންގެ ސަބަބުން ދަރިފުޅުގެ ދިރިއުޅުމަށް ހިޔަނި އެޅުމަކީ، ފަހަރެއްގައިވެސް އެދޭ ކަމެއް ނޫނެވެ. ނަމަވެސް، ސިއްރުކުރުން އެއީވެސް މާބޮޑު ނުރައްކަލެކެވެ. އެކަމަކުވެސް ދަރިފުޅާއޭ އެގެއަށް ގޮސްގެން ނުވާނެއޭ ބުނުން ފިޔަވައި، އިތުރު ޙަޤީޤަތެއް ޢަޒީޒާގެ ދުލަކުން ބޭރެއްނުވެއެވެ. [ދަރިފުޅު ތިކަން ކުރަން އުޅޭ ކައިވެނިކޮށްގެން ނުވާނެ. ދަރިފުޅުގެ ޙަޔާތަށް ޝިޒްނާ ނޫން އެހެން ކުއްޖަކު ހޯދާ....] އެއީ ޢަޒީޒާގެ ފަހުގެ ނިންމުމެވެ. އިތުރަށް އަފްޒަލަށް އެކަމާ ވާހަކަ ދައްކަން ފުރްޞަތެއްވެސް ނުދީ ޢަޒީޒާ ފާޚާނާއަށް ވަނެވެ.

އަފްޒަލަށް ބޮލުގައި ހިފަހައްޓާލުމާއެކު ބޯހޫރާލެވުނެވެ. އޭނާ އެންމެ ކަންބޮޑުވެ ހާސްވަނީ، އިތުރު ތަފްޞީލެއް މަންމަގެ ދުލުން ބޭރުނުކުރާތީއެވެ. ގައިމުވެސް އޭނާއަށް އެއްކަމެއް ޔަޤީނެވެ. ސަބަބެއްނެތި މަންމަ އެފަދަ ގޮތަކަށް ނިންމާކަށް ބާރެއްނާޅާނެއެވެ. އެހެންކަމުން، މަންމަގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް ކުރުމަކީ، އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ޝިޒްނާދެކެ ކިތަންމެ ލޯބިވިޔަސްވެހެވެ. ޙަޤީޤަތުގައި އޭނާ ޝިޒްނާދެކެ ވަރަށް ލޯބިވެއެވެ. އޭނާގެ ހިތުން ޝިޒްނާގެ ހަނދާންތައް ފޮހެވިގެން ނުދާނޭވަރަށް، އޭނާގެ ހިތާއި ސިކުނޑީގައި ވަނީ ޝިޒްނާގެ ތަޞްވީރު ކުރެހިފައެވެ. އެހެންކަމުން، މަންމަ ފާޚާނާއިން ނުކުތީމަ، އެވާހަކަ މަންމަ ގާތު ބުނަންވެސް އޭނާ ބޭނުންވިއެވެ. އޭނާ މަންމައަށް އިންތިޒާރު ކުރަމުން އެނދުގައި އޮށޯވެލިއެވެ. އެހިނދު ފާޚާނާތެރެއިން މަންމަގެ ގިސްލުމުގެ އަޑު އިވުމުން، އަފްޒަލް ފުންމައިގެން ތެދުވެއްޖެއެވެ.

[މަންމާ....ދޮރު ހުޅުވަބަލަ މަންމާ....] އަފްޒަލް ގޮސް ދޮރުގައި ތަޅަން ފެށިއެވެ. ނަމަވެސް، ޢަޒީޒާ ދޮރެއް ނުހުޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން