[ނާޖިޔާ ބޭގަމްއެވެ. ވިސްނަނީ ކޮންގޮތަކަށް ހެއްޔެވެ؟]
[އަހަންނަށް އެކައްޗެއްވެސް ނުވިސްނެއެވެ.]
[އެނބުރިދިއުމުގެ ޚިޔާލު ދޫކޮށްލާށެވެ. ގޮސްގެންކުރާނީ ކީއްހެއްޔެވެ. ތާނޫ ދައްތަގެ ޙާލު ދެކެބަލާށެވެ..... ސައްވީސް ގަޑިއިރު މަސައްކަތުގައި އުޅެން ކަލޭ ރުހޭނަން ހެއްޔެވެ؟]
[އާއެކެވެ!]
[ރަނގަޅަށް ވިސްނާށެވެ. މިހާރު އެގޭގައި ނާޖިޔާއަކީ އަންހެން ދަރިއެއްނޫނެވެ. އެގެއަށް ދެންދެވޭނީ މީހަކާ އިނދެގެން ވަރިކުރި އަންހެނެއްގެ ގޮތުގައެވެ. އަންހެން ކުއްޖަކު މީހަކާ ނީންނަހާ ހިނދަކު މައިންބަފައިންގެ ގޭގައި ހުރިހާ ގޮތަކުން ބާރު ހިނގާނެއެވެ. އެކަމަކު މީހަކާ އިނުމަށްފަހު ހިލޭމީހަކަށް ވެދެއެވެ. ހިލޭ މީހަކު އަނބުރާ ގެއަށް އައުމުން ދެވަނަ ފަހަރަކަށް ގޭގެމީހުންގެ ފިހުރިސްތަކު ނުހިމެނޭނެއެވެ. އެމީހަކަށް އެގޭގައި އެއްވެސް ޙައްޤެއްނެތެވެ. ކުރީގެ ހެޔޮކަމެއް ނުލިބޭނެއެވެ. އެއީ އެމީހުންގެ ބޮލުގައި އެޅޭ ބުރައެކެވެ. ޖަޔާ ނިކަން ވިސްނާލަ ބަލާށެވެ. ބޮލުގައި އޮތް ބޮޑު ބުރައެއް ބޭލުމަށްފަހު އަލުން އެބުރަ ނަގާ ބޮލަށްލުމަށްވާނީ ކިހިނެއް ހެއްޔެވެ. ކޮން ޙާލެއް ޖެހޭނެ ހެއްޔެވެ.... ނާޖިޔާ ބޭގަމްގެ ކުރިމަތީގައި އޮތީ ތާނޫގެ މިސާލެވެ. އެތައް ފަހަރަކު އޭނާ ޖަޔާގެ ކުރިމަތީގައި ހިތުގެ އުދާސް ހާމަކުރިއެވެ. ހަނދާނެއް ނެތް ހެއްޔެވެ. އޭނާ ބުނެއެއް ނޫން ހެއްޔެވެ. މިޙާލުގައި އުޅުމަށްވުރެ ފިރިމީހާގެ ގޭގައި އަނިޔާތަކަށް ކެތްކޮށްގެން އިނދެ މަރުވުންވެސް މާހެވެވެ.]
[އާނއެކެވެ. ހަނދާން އެބަހުއްޓެވެ.]
[އެހެންވީއިރު...... ކާވެނިވުމަށްފަހު އަންހެން ކުއްޖާގެ ގެއަކީ ފިރިމީހާގެ ގެއެވެ. ނާޖިޔާއެވެ. ރަށަށް ގޮސްގެން އެކައްޗެއްވެސް ނުލިބޭނެއެވެ. ލިބޭނީ މަލާމާތެވެ. ކުރީގައިވެސް މަލާމާތް ލިބިފައިވޭ ނޫން ހެއްޔެވެ. މިއީ ދޮގެއް ހެއްޔެވެ؟]
[ނޫނެކެވެ!]
[ނަވީދުގެ މައިންބަފައިން ނާޖިޔާ އެއްފަރާތްކޮށްލީ ކިހާ ނިކަމެތި ގޮތެއްގައި ހެއްޔެވެ. ޚުދް ނަވީން ކަންތައްކުރީ ކިހިނެއް ހެއްޔެވެ. ނާޖިޔާއާ ނާޖިޔާގެ މައިންބަފައިން ނިކަމެތި ކޮށްލުމުގައި އޭނާ ކޮށްފައި ނުކުރަނީ ކޮންކަމެއް ހެއްޔެވެ. މިކަން ހަނދާން ނެތުނީ ހެއްޔެވެ؟]
[ނޫނެކެވެ.......... ނޫނެކެވެ......!]
[އެހެންވީއިރު އެތަނަށް ދާން ގަދަހަދަނީ ކީއްވެގެން ހެއްޔެވެ. ޖަޔާގެ ކާވެނީގެ ސަބަބުން ޖަޔާއާ ޖަޔާގެ މައިން ބަފައިން ތިމާގެ މީހުންގެ ފުށުން ލިބެން އުޅުނު ނިކަމެތިކަމުން ސަލާމަތް ވެއްޖެއެވެ. ޖަޔާގެ މައިން ބަފައިންގެ އިސް އުފުލިއްޖެއެވެ. ތިމާގެ މީހުންގެ މޫނުތައް ހުދު ވެއްޖެއެވެ. ފަހަރީގެ ހިތްވަރު އެލިއްޖެއެވެ. އޭނާއަށް ފަހުން އެކައްޗެކޭވެސް ބުނެވުނު ހެއްޔެވެ..... ހަންދާން އެބަހުރި ހެއްޔެވެ؟]
[އާނއެކެވެ. ހުރިހާކަމެއް ހަނދާން އެބަހުއްޓެވެ.]
[އޭނާކުރި މަލާމާތް ހަނދާން އެބަހުރި ހެއްޔެވެ. މީހަކާ އިނދެގެން އުޅެވިދާނެހެއްޔޭ ބުނެ ނިކަމެތި ކޮށްލިވަރު އިޙްސާސް ކޮށްލަ ބަލާށެވެ. ނާޖިޔާ ތިޔައުޅެނީ އޭނާ ބުނިގޮތް ހަދަން ހެއްޔެވެ. މޮޔަ އަންހެން ކުއްޖާއެވެ. ވިސްނާލަ ބަލާށެވެ. ޖަޔާގެ ސަބަބުން ޖަޔާގެ މައިންބަފައިންގެ މޭގައި އެމީހުން ލޯވަޅު އަޅާލާނެއެވެ. މަލާމާތާ ފުރައްސާރަކޮށް މަންމަމެންގެ ހިތްތައް ފުރޭންޏަކަށް ހަދާލަފާނެއެވެ.]
[ދެން............؟]
[ތިޔައީ ކުޑަކުއްޖެއްނޫނެވެ. ވިސްނާށެވެ.... އަޅާފިޔަވަޅެއް ބަލައިގެން އަޅާށެވެ. ޖަޔާގެ ހަގަށް ފަސް އަންހެން ކުދިން ގޭގައި އަދި އެބަތިއްބެވެ. ތާނޫއާއިމެދު ހިތްދަތި ޑްރާމާއެއް ކުޅެވިގެން ހިނގައްޖެއެވެ. އެންމެންވެސް ކުށްވެރިކުރަނީ ތާނޫއެވެ. ޖަޔާ މިއަދު ޖަލާލީގެ ގާތުން ވަރިވެގެން ހިނގައްޖެއްޔާ ބާކީ ތިބި އަންހެން ކުދިންނާ އިންނަން އަންނާނީ ކާކު ހެއްޔެވެ. މުޅި ދުނިޔެ ތިޔަ ޢާއިލާއާމެދު ބިރުވެތި ވާނެއެވެ. އެއްވެސް މީހަކު ތިޔަގޭގައި ހޭހުރެގެން ފައެއް ނާޅާނެއެވެ!]
[އާނއެކެވެ. ތިޔަބުނަނީ ތެދެއްކަން ނޭނގެއެވެ.]
[ކަންނޭގެއެއް ނޫނެވެ. ތެދެކެވެ. މިއީ ރަނގަޅު ވާހަކައެކެވެ. ޖަޔާގެ ކާވެނީގެ ފުރިހަމަކަމާއި މީސްތަކުންނަށް ފެނުނު މަންޒަރުތަކާއި މިހުރިހާ ކަންތައްތަކުން ޖަޔާގެ މައިންބަފައިންގެ ޤަދަރު އުފުލިފައިވެއެވެ. ހަނދާން ނެތުނީ ހެއްޔެވެ. ޖަޔާގެ ކާވެނީގެ ރޭގައި ޕާޓީގެ ތެރޭގައި ޝަހަރުގެ ބޮޑެތި މީސްމީހުންގެ ނަޒަރު ޖަޔާގެ ހަގަށް ތިބި އަންހެން ކުދިންނާ ދިމާއަށް ދިޔަ މަންޒަރު ހަނދާން ނެތުނީ ހެއްޔެވެ. އެމީހުން ކިހާ ޝައުގުވެރި ކަމާއިއެކު ބެލި ހެއްޔެވެ. އެކަކުގެ ދަރިފުޅަކީ އިންޖިނިއަރެކެވެ. ހަނދާން ހުންނާނެއެވެ. އަނެކެއްގެ ދަރިއަކީ ޑޮކްޓަރެކެވެ. ޖަޔާގެ ކާވެނީގެ ސަބަބުން އެކުދިންގެ ކާވެންޏަށް މަގު ހުޅުވިފައިވެއެވެ.
[އާނއެކެވެ......]
[އެހެންވީއިރު ކަލޭ ބޭނުންވަނީ އެމީހުންގެ މަގަށް ހުރަސްއަޅަން ހެއްޔެވެ. ބަރުދަން ހުރި ފަރުބަދަ ފަޅިއެއް ފަދައިން އެމީހުންގެ ކުރިމައްޗަށް ޖެހިގަންނަން ހެއްޔެވެ. ނާޖިޔާއެވެ. މިހާރު ހިނގައި ގަންނަން ތިޔައުޅެނީ ގެއްލުމާއި ހަލާކުގެ މަގުންނެވެ.]
[އަހަރެން ހަލާކުވެ ވީރާނާ ވެއްޖެއެވެ.]
[ތިޔައީ އަމިއްލަ ރުޅިއެވެ. ރުޅި މަޑުކުރާށެވެ. އަމިއްލަ ނަފްސަށް ތިހާވަރަށް އަނިޔާ ނުދޭށެވެ. ތިޔައީ އަނިޔާ ލިބިފައިވާ މީހެއް ނޫނެވެ. އަނިޔާވެރިއެކެވެ. އަނިޔާކުރަމުން ތިޔަގެންދަނީ ތިމާގެ ހަށިގަނޑަށެވެ. މައިން ބަފައިންނަށެވެ. އެއްބަނޑު މީހުންނަށެވެ. މަންމަގެ މޫނުގައި ހުރި އުޖާލާކަމާއި އުފާވެރިކަން ހަނދާން ނެތުނީ ހެއްޔެވެ. ބައްޕަގެ އުފާވެރިކަން ހަނދާން ނެތުނީ ހެއްޔެވެ. ގޮތްކުޑަ އަންހެން ކުއްޖާއެވެ. ޖަޔާގެ މުޅި ޢުމުރުގައިވެސް އެމީހުންގެ މޫނުމަތިން ހިތްދަތިކަމާ ހާސްކަން ހިތާމައާ މޮޅިވެރިކަން ފިޔަވާ އެހެން އެއްވެސް މަންޒަރެއް ދުށިން ހެއްޔެވެ؟]
[އަހަރެން ޤަބޫލުކުރަމެވެ. ތިޔަވާހަކައާމެދު އެއްބަސްވަމެވެ.]
[އެހެންވީއިރު އެމީހުންނަށް މިހާރު ލިބިފައިވާ އުފާވެރިކަން ވަގުތުން ފޭރިގަންނަން ތިޔައުޅެނީ ކީއްވެގެން ހެއްޔެވެ. ފޭރިގަނެވެނީ ހަމައެކަނި އެމީހުންގެ އުފަލެއް ނޫނެވެ. އެމީހުންގެ ފުރާނަވެސް އެކަމުގައި ވަކިވެގެން ހިނގައި ދާނެއެވެ.]
[ނޫނެކެވެ....... ނޫނެކެވެ.......... ތިޔަހެން ނުބުނާށެވެ.]
[ބުނުމާ ނުބުމުގައި އޮތީ ކޮންތަފާތެއް ހެއްޔެވެ..... މިއީ ޙަޤީޤަތެވެ. ޙަޤީޤަތާ ދުރަށް ވާހަކަ ގެންދިޔަކަމުގައި ވިޔަސް ޙަޤީޤަތް އޮންނާނީ ހަމަ އޭގެ މަޤާމުގައެވެ. ޖަޔާ ކޮންމެ އެއްޗެކޭ ބުނިކަމުގައި ވިޔަސް އެއަކަށް ބަދަލެއް ނާންނާނެއެވެ.]
[އެހެންވީއިރު އަހަރެން ހަދަންވީ ކިހިނެއް ހެއްޔެވެ؟ ކުރަންވީ ކޮންކަމެއް ހެއްޔެވެ؟]
[ބުއްދީގެ ބޭނުން ހިފާށެވެ. ޖަޒްބާތުގެ އޮއިވަރުގައި ނުޖެހޭށެވެ.]
[ބުއްދިއޭ ހެއްޔެވެ؟]
[އާނއެކެވެ......]
[ކިހިނެއް ހެއްޔެވެ؟]
[ނާޖިޔާއެވެ. ނާޖިޔާ ޖަލާލީ ބޭނުންނުކުރަނީ ހަމައެކަނި އޭނާއަކީ ހުތުރު މީހަކަށްވީތީ ހެއްޔެވެ؟]
[އާނއެކެވެ!]
[ރީތިކަމަކީ ފިރިއެއްގައި ހުންނަންވީ ޝަރުޠެއް ހެއްޔެވެ. ނަވީދަކީވެސް ރީތި މީހެކެވެ. ވީކަމެއް އެބައޮތް ހެއްޔެވެ؟]
[އޭނާގެ ވާހަކަ ނުދައްކާށެވެ.]
[ހުތުރު ކަން ފިޔަވާ އެހެން އެއްވެސް އައިބެއް ޖަލާލީގެ ފުށުން ފެނުނު ހެއްޔެވެ؟]
[އާނއެކެވެ.]
[އެއީ ކޮންކަމެއް ހެއްޔެވެ؟]
[އޭނާ އަހަންނަށް މަކަރު ހެދީއެވެ.]
[ކޮންމަކަރެއް ހެއްޔެވެ؟]
[އޭނާގެ ހުތުރުކަން ފޮރުވުމަށްޓަކައި އެހެން މީހެއްގެ ފޮޓޯ ފޮނުވީއެވެ.]
[އެއީ އޭނާ ކުރިކަމެއްކަން ނާޖިޔާއަށް ޔަޤީންކުރެވޭ ހެއްޔެވެ؟
[ޔަޤީން ނުކުރެވޭނެ ސަބަބެއްވެސް ނެތެވެ.]
]އޭނާ އޮތީ އެވާހަކަ ރަނގަޅަށް އޮޅުން ފިލުވާދީފައި ނޫން ހެއްޔެވެ؟]
[އެދައްކަނީ ހައްތާވެސް ދޮގު ވާހަކައެވެ.]
[އޭނާއަކީ ދޮގުހަދާމީހެއް ނޫނެވެ. މިސިޒް ހެރަލްޑް އޭނާގެ ކައިރީގައި މަސައްކަތްކުރަން އުޅޭތާ ލައްކަ ދުވަސް ވެއްޖެއެވެ. އޭނާ ކިތައް ފަހަރު ނާޖިޔާއަށް ވިސްނައިދެވޭތޯ އުޅުނު ހެއްޔެވެ؟]
[އަހަންނަށް ޔަޤީނެއް ނުކުރެވެއެވެ.]
[ޖަލާލީ ކެހިދިންނަމަ ނުވަތަ އޭނާ ޖަޔާއަށް ދޮގުހެދިނަމަ މިގޮތަށް ޖަޔާއާ އެހާދުރުގައި އޭނާ އުޅުނީސް ހެއްޔެވެ. އޭނާއަށް ފިރިއެއްގެ ހައިޘިއްޔަތުން ހުރިހާ ޙައްޤެއް އަތުލެވިދާނެއެވެ. ފޭރި ގަނެވިދާނެއެވެ..... އޭނާ އެފަދަ ޢަމަލެއް ކުރި ހެއްޔެވެ؟]
[ނުކުރެއެވެ....!]
[އެފަދަ ޙަރަކާތްތަކެއް އޭނާނުހިންގީ ކީއްވެގެންކަން ޖަޔާ ވިސްނިން ހެއްޔެވެ.]
[އަހަންނަށް ނޭނގެއެވެ.]
[އޭނާއަކީ މާތް އިންސާނަކަށް ވީތީއެވެ. ބުނާބަހުގެ ހަރުދަނާކަން ހުންނާތީއެވެ. ދުލުން ބޭރުކޮށްލާ ކޮންމެ ޖުމްލައެއްގެ އަގު އޭނާ ހިފަހައްޓައެވެ. މިހާ ދުވަސްވީއިރު މިކަމުގައި އެއްވެސް ތަޖުރިބާއެއް ކުރެވުނު ހެއްޔެވެ؟]
[ތިޔަކަން އަހަންނަށް އެނގުނެވެ!]
]އެހެންވިއްޔާ ވިސްނާށެވެ! ބުނާބަހުގެ ތެދުވެރިކަން ބަހައްޓާ މީހަކު އަދި ތެދުވެރި އުޞޫލުތަކެއްގެ ވެރިއަކު ދޮގެއް ބުނެފާނެ ހެއްޔެވެ؟]
ޖަޔާ ހިމޭނުން އިނެވެ.
[ބުނެބަލާށެވެ. ތިޔަބުނާ ޖަލާލީއަކީ ޖަޔާ ހަމަބިމުންނަގާ އާސްމާނަށް އެރުވިމީހާއެވެ. ހިސާބެއްނެތް ރުފިޔާތަކެއް ޚަދަރުކޮށް ޖަޔާގެ މުޅި ޢާއިލާއަށް ޢިއްޒަތްދިން އިންސާނާއެވެ. އޭނާ ބޭނުމިއްޔާ މިކަންތައްތަކުގެ ބަދަލުގައި ޙައްޤު އަތުލެވި ދާނެއެވެ. އޭނާ އެހެން ހެދި ހެއްޔެވެ؟]
[ނޫނެކެވެ!]
[އެހެންވީއިރު ޖަޔާ އޭނާއާ ދިމާއަށް ދޮގުވެރިއެކޭ ކެހިވެރިއެކޭ ބުނަންވީ ހެއްޔެވެ؟]
]އަހަރެން.......... އަހަރެން..........]
[ނާޖިޔާ އެވެ. ޖަޔާ ތިޔައުޅެނީ އޭނާއާއެކު އެއްގެއެއްގައި ހެއްޔެވެ؟]
[އާނއެކެވެ......]
]އެކަނި ހެއްޔެވެ..........؟
[އާނއެކެވެ........]
[އަންހެނަކާ ފިރިހެނަކު މިނިވަން ގޮތެއްގައި އެއްތަނެއްގައި ތިބެން ޖެހިއްޖެއްޔާ ވާނޭގޮތަކާމެދު ޖަޔާއަށް ނުވިސްނެނީ ހެއްޔެވެ؟]
[ނޫނެކެވެ....... ނޫނެކެވެ...........]
[ނާޖިޔާއެވެ. އޭނާއަކީ ކެތްތެރިއެކެވެ..... އެހެން ނޫންނަމަ އޭނާއަކީވެސް ޒުވާން ފިރިހެނެކެވެ. އޭނާގެ ޒުވާން ކަމުގައިވެސް ކޮންމެވެސް ވަރެއްގެ ބޭނުންތަކެއް އޮންނާނެއެވެ. އަދި އެބޭނުންތައް މާތް ގޮތުގައި ފުރިހަމަ ކުރުމަށްޓަކައި އޭނާ މީހަކާ އިނީއެވެ.]
[އެކަމަކު.........]
[ޖަޔާގެ ކޮންމެ ދަލީލަކީ މާނައެއްނެތް އެއްޗެކެވެ..... ނާޖިޔާއެވެ! ޒުވާން ރީތި އަންހެނުންނަކީ ފިރިހެނުންނަށް ޓަކައި ޗެލެންޖަކަށް ވެދެއެވެ. އަންހެނުންގެ މައްސަލާގައި ކަންތައްތަކެއް ނުހިނގާ ހެއްޔެވެ. އަންހެނުން ވަގަށް ނެގުމާއި ޢިއްފަތް ފޭރިގަތުން ކަހަލަ ކަންތައްތައް ހިނގަމުންދާ ޚަބަރުތަކެއް ނާހަމު ހެއްޔެވެ. އެކަހަލަ ކިތަންމެ ވާހަކައެއް އަހާފައިވާނެ ކަންނޭގެއެވެ. ޖަލާލީއަކީ ޖަޔާގެ ފިރިމީހާއެވެ. ޤާނޫނީ ގޮތުންނާއި މަޒްހަބީގޮތުން އޭނާއަށް ޖަޔާއާމެދު ޙައްޤު ލިބިގެންވެއެވެ. އެކަމަކު އޭނާގެ މާތްކަން ދެކެބަލާށެވެ. އޭނާ ޖަޔާގެ ގައިގައި ބީހިވެސް ނުލައެވެ.... ޖަޔާ ރޭގަނޑު ނިދަން އޮންނަނީ އެކަނި ކޮޓަރިއެއްގައެވެ. އޭނާ ބޭނުންނަމަ........]
[ދެން ހުއްޓާލާށެވެ.]
[ހުއްޓައެއް ނުލާނަމެވެ. އަހަރެން މިވާހަކަ ހުއްޓާލާނީ ޖަލާލީގެ މާތްކަމާއި ކެތްތެރިކަން ޖަޔާއަށް ހާމަ ކޮށްދީފައެވެ.]
[މާތް ކަލާކޯއެވެ.]
[މޮޔަނުވާށެވެ. ސިކުނޑީގެ ބޭނުން ކުރާށެވެ.]
[ކުރާނީ ކީއްހެއްޔެވެ. އަހަންނަށް އެކައްޗެއްވެސް ނުވިސްނުނެވެ.]
[ވިސްނާށެވެ. ކޮންމެ ކަމަކާއިމެދު ކޮންމެ ޙަރަކާތަކާއިމެދު ވިސްނާށެވެ. އޭރުން ގޮތެއް ނިންމާކަށް އުނދަގުލެއް ނުވާނެއެވެ. އެހާ މާތް އިންސާނަކު ފިރިއެއްގެ ގޮތުން ލިބުމަކީ ހަމައެކަނި ޖަޔާގެ ނަސީބެއްނޫނެވެ. ނަސީބުގެ މިޢުރާޖެވެ. ޖަޔާ އޭނާއާއި ފުރަގަސްދޭން ތިޔައުޅެނީ ހަމައެކަނި ހުތުރު މީހަކަށް ވީމައެވެ. އެކަމުގައި އޭނާގެ ކުށެއްވެސްނެތެވެ. ނާޖިޔާއެވެ. ބޭރުފުށުން ފެންނަ އެއްޗަކަށް ނުވިސްނާށެވެ. ހުތުރުމީހާގެ މޭގައި އިންތިހާ ދަރަޖައިގެ ރީތިހިތެއް އެބަވެއެވެ. އެއަށް ބަލާބަލާށެވެ. އެހިތަށް ޤަދަރު ކުރާށެވެ......]
[ނޫނެކެވެ....]
[ވިސްނުމުގެ ގޮތް ބަދަލުކޮށްލާށެވެ. އެހެންނޫނީ މުޅި ޢުމުރުގައި ހިތާމަކުރުން ފިޔަވާ އެހެން އެކައްޗެއްވެސް ނުލިބޭނެއެވެ. ފިނިހިތަކާއިއެކު ވިސްނާށެވެ. ސިކުނޑީގެ މަޝްވަރާއާއިއެކު ކުރިއަށް ދާށެވެ. ހިތްހަމަޖެހުމާއި އަރާމުގެ ދިރިއުޅުން އޮތީ ޖަޔާގެ އިންތިޒާރުގައެވެ. ކުރީގައި ޖަޔާއަކީ ކާކު ހެއްޔެވެ. މިހާރު ޖަޔާއަކީ ކާކު ހެއްޔެވެ. ވިސްނާލަ ބަލާށެވެ. މިހުރިހާ ދުވަސް ވަންދެން ޖަޔާ އުޅުނުގެއާއި އަދި އަބަދަށް އުޅެން ލިބިފައިވާ މިގެއާއި ހުރި ތަފާތު ދެކެބަލާށެވެ. ދެކޮޅު ވަޒަންކޮށް ބަލާށެވެ.]
[އުފަލަކީ ހަމައެކަނި ފައިސާއެއް ނޫނެވެ.]
[ތެދެކެވެ. އެކަމަކު އުފަލާ އަރާމު ޖަޔާއަށް ލިބިފައިވެއެވެ. މިޙަޤީޤަތާއިމެދު ދެކޮޅު ނަހަދާށެވެ. ނާޖިޔާއެވެ! އަނިޔާ ނުދޭށެވެ. އަމިއްލަ ނަފްސަށް އަނިޔާ ނުދޭށެވެ. އެއެންމެނަށްޓަކައި ވަރަށްގިނަ ކަންތައްތައް ޖަޔާއަށް ކުރެވިދާނެއެވެ. ތާނޫގެ ނިކަމެތި ކުދިންނަށް ޖަޔާގެ އެހީ ބޭނުންވޭ ހެއްޔެވެ..... ނުވަތަ ނޫން ހެއްޔެވެ؟]
[ބޭނުންވެއެވެ.......]
[ޖަޔާއަށް ދައްތަގެ ޒިއްމާ އުފުލިދާނެއެވެ. އޭނާގެ ދަރިންކޮޅު ނަޖިސް މާޙައުލުން ސަލާމަތް ކުރެވިދާނެއެވެ.]
[އާނއެކެވެ!]
[މޮޔަ އަންހެން ކުއްޖާއެވެ. އެހެންވީއިރު ތިޔަ އަނދޮޅު ޚިޔާލުތައް ކުރަނީ ކޮންސަބަބަކާހުރެ ހެއްޔެވެ. މާތް އިންސާނެއްގެ ލޯބިން ފުރިފައިވާ ހިތެއް ޖަޔާ ކުދިކުދި ކޮށްލައިފީމުއެވެ. ހިތަކަށް އަނިޔާ ދިނުމަކީ ކިހާބޮޑު ފާފައެއް ހެއްޔެވެ. މާތްރަސްކަލާނގެ ތިޔަ ކަމުގައި މާފު ނުދެއްވާނެއެވެ.]
[......... ﷲ ..........!]
[ޖަލާލީއަކީ އިންސާނެކެވެ. ޙައިވާނެއްނޫނެވެ. އޭނާވެސް އެއުޅެނީ އެހެނިހެން މީހުނެކޭ އެއްފަދައިން ހަމަ ޖަމާޢަތުގެ ތެރޭގައެވެ. މިސިޒް ހެރަލްޑް އޭނާގެ ކައިރީގައި ޚިދުމަތުގައިއުޅޭތާ ކިތައް އަހަރު ވެއްޖެ ހެއްޔެވެ. އޭނާގެ އޮފީހުގައި މީހުން މަސައްކަތް ކުރަން އުޅެއެވެ. އެމީހުން އޭނާއާ ބައްދަލުވެ އުޅެއެވެ. މަސައްކަތްތެރިން އޭނާއާ ގުޅުން ބަހައްޓައެވެ. އެއީވެސް ހަމަ މީހުންނެވެ. އަދި އޭނާގެ ހުރިހާ ރަޙްމަތްތެރިންނަކީ ޕާކިސްތާނާ ހިންދުސްތާނު އަދި އެމެރިކާގެ މީހުންނެވެ. އެމީހުންވެސް އޭނާއާއެކު ވަގުތުތައް ހޭދަކުރެއެވެ. އެމީހުން ފަހަރެއްގައިވެސް ޖަލާލީ ދެކެ ބިރެން ނުގަނެއެވެ. އެމީހުން ދެކޭގޮތުގައި ޖަލާލީގެ އެތެރެފުށުގެ ރީތިކަން މަތިފުށުން ފެންނަ ހުރިހާ ހުތުރު ސިފައެއް ފަނާކޮށްފިއެވެ.
[ތެދެއް ހެއްޔެވެ؟]
[ތެދެކެވެ...... ފައުޒިއްޔާގެ ޚިޔާލު ޖަޔާއަށް މިހާރު އޮންނާނީ އެނގިފައެވެ.]
[އާނއެކެވެ.....!]
[ޖަޔާ އެމެރިކާއަށް އައިދުވަހު ގާތްގަނޑަކަށް ޖަލާލީގެ ހުރިހާ ރައްޓެހި ރަޙްމަތްތެރިން ޖަމާވެފައިވެއެވެ.]
[އާނއެކެވެ.........!]
[އެމީހުން ޖަލާލީގެ ވާހަކަ ދެއްކީ ކޮންކަހަލަ ރާގެއްގައި ހެއްޔެވެ؟]
[ހީވަނީ...... ހީވަނީ އެމީހުންގެ ވަރަށް ގާތް ރަޙްމަތްތެރިއެއް ހެންނެވެ.]
[ޤަބޫލުކުރަމު ހެއްޔެވެ؟]
[އާނއެކެވެ.......!]
[އެހެންވީއިރު ޖަޔާއަށް އޭނާއާމެދު ޢިއްޒަތްތެރިކޮށް ނުހިތެންވީ ކީއްވެގެން ހެއްޔެވެ. އޭނާއަށް ލޯބި ނުދެވެންވީ ކީއްވެގެން ހެއްޔެވެ؟]
[އަހަރެން........ އަހަރެން........!]
[އާނއެކެވެ...... ނާޖިޔާއެވެ. ހަނދާން ނައްތާލުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު ތިމާއަށްކުރެވޭ ކަމަކުން ފަހުން ހިތާމަކުރަން ޖެހުމަކީ ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެބޮޑު އަނިޔާއެވެ.]
[ތިޔަކަން އަހަންނަށް އެނގެއެވެ......!]
[އެހެންވީއިރު..... ޖަޔާއެވެ. ދެކޮޅުނުޖެހޭ ކަންތައްތައް ދޫކޮށްލާށެވެ. ޖަލާލީގެ ކައިރިއަށް އަންނާށެވެ. އޭނާ ދެނެގަންނާށެވެ. އޭނާ ލިބިގަންނާށެވެ. މުޅި ޢުމުރުގައި އޭނާއަށް ލިބިފައިވާ ހިތާމަތައް ހަނދާން ނެތޭވަރަށް އޭނާއަށް ލޯބި ދޭށެވެ. ނާޖިޔާއެވެ. އޭނާ އެހުންނަނީ ވަރަށްބޮޑަށް ހިތާމަވެރި ވެފައެވެ. އެކަހަލަ މީހުންގެ އެތެރެހަށީގައި ހިނގަމުންދާ ޠޫފާންތައް އިޙްސާސް ކުރެވޭނީ ވަރަށްމަދު ބަޔަކަށެވެ. އޭނާގެ ހިތާމަތައް ބަހާލާށެވެ. އެހިތާމަތައް ހަމަޖެހުން ތަކަކަށް ބަދަލުކޮށްލާށެވެ.]
]މާތްކަލާކޯއެވެ..... އަހަރެން ހަދަންވީ ކިހިނެއްހެއްޔެވެ....... ކިހިނެއްހެއްޔެވެ......؟]
ނާޖިޔާ ބާލީހުގައި ބޯތަޅަތަޅާފައި ބޭއިޚްތިރާޔާރުގައި ބުންޏެވެ. އޭނާ އެނދުގައި އޮށޯތީއްސުރެ އަމިއްލަ ނަފުސާ ހަނގުރާމަ ކުރަނީއެވެ. އެކަމަކު އޭނާގެ އެތެރެހަށީގެ އިންސާނާ ހޭލައިފިއެވެ. އޭނާ ނާޖިޔާއަށް ވިސްނާދެނީއެވެ. ޙަޤީޤަތް ހާމަކޮށްދެނީއެވެ.
ޖަޔާގެ ބޭރުފުށުގެ ސިފައާ އޭނާގެ ވިސްނުމާ ސިކުނޑި އެތެރެހަށީގެ އިންސާނާ އަނިޔާވެރި ގޮތުގައި ފުނޑުފުނޑު ކޮށްލައިފިއެވެ. އަދި އެ އިންސާނާގެ ގޮތް ޖަޔާގެ ހަށިގަނޑުގައި އެކުލަވައިފިއެވެ.
ބައެއް ވަގުތު ތަކުގައި ކޮންމެވެސް ނުކުތާއެއްގެ މައްޗަށް ވިސްނަމުން ނުވަތަ ކޮންމެވެސް ޚިޔާލެއް ބަދަލު ކޮށްލުމަށް މަސައްކަތްކޮށް އެކަމުގައި ހަފްތާއާއި މަސް އަހަރު އަދި ކިތަންމެ ފަހަރަކު ޤަރުނު ފާއިތުވެގެން ދެއެވެ.
އެކަމަކު........ ބައެއް ފަހަރު.......
ހަފްތާއާއި މަސް އަހަރުތަކާއި ޤަރުނުތަކުގެ ދަތުރު އެންމެ ހިނދުކޮޅެއްގެ ތެރޭގައި ނިމިގެން ދެއެވެ. މިއީވެސް އިންސާނީ ސިކުނޑީގެ އަޖައިބެވެ.
ޖަޔާ ޚިޔާލުގެ ތެރެއަށް ގެއްލިފާ އިނެވެ. އަދި މުޅިން އާވިސްނުންތަކެއް އޭނާގެ ސިކުނޑީގައި އެނބުރެމެން ދިޔައެވެ. ބުރުއަޅަމުން ދިޔައެވެ. އެކަމަކު ދިމާވި އެންމެ ނުކުތާއެއްގެ މައްޗަށް އޭނާގެ ޚިޔާލު އަމާޒު ކޮށްލިއެވެ. މުޅި މީހާ ބަދަލު ވެއްޖެއެވެ.
އޭނާގެ ވިސްނުމެވެ.
އޭނާގެ ފިކުރެވެ.
އޭނާގެ ސިކުނޑިއެވެ.
އޭނާގެ ޚިޔާލުގެ ގޮތެވެ.
ހުރިހާކަމެއް ބަދަލުވެއްޖެއެވެ.
**********************
[މިހިރީ ހުރިހާ ލިޔުމެވެ.] ޖަލާލީ ކަރުދާސްތައް މޭޒު މައްޗަށް އުކާލިއެވެ. ޖަޔާގެ ކުރިމައްޗަށެވެ. [އަދި މިއޮތީ ވަރީގެ ސެޓްފިކެޓެވެ. މީގައި ޖަޔާވެސް ސޮއިކުރަން ޖެހޭނެއެވެ. އަހަރެން ރަތް ފާހަގަލާފައި ހުރި ތަންތަނުގައި ސޮއި ކުރާށެވެ. އޭރުން ހަވީރުވާން ވާއިރަށް ހުރިހާކަމެއް ނިންމައިގެން ގެނެސް ދޭނަމެވެ.]
ޖަޔާގެ ލޯބޮޑުވެއްޖެއެވެ...... ވަރި...... ވަރީގެ އަޑުން އޭނާގެ ސިކުނޑި ގުގުމާލައިފިއެވެ.
[އަދި މިއޮތީ ޖަޔާގެ ޓިކެޓެވެ. ސީޓްކޮމްފޯމް ވެއްޖެއެވެ. މާދަމާނޫން އަނެއް ދުވަހުގެ ހަވީރު ފްލައިޓުން އަމިއްލަ ވަޒަނަށް ދެވޭނެއެވެ.]
ޖަޔާގެ ތުންފަތް ހުދުވެއްޖެއެވެ. އޭނާގެ މުޅި ވުޖާދު ވީރާނާވާން ފަށައިފިއެވެ.
ޖަޔާ ބިރުން ކުހަލަ ގޮތަކަށް ޖަލާލީއަށް ބަލާލިއެވެ.
[އަދި މިހިރީ ޑޮލަރު ކޮޅެކެވެ. ޖަޔާއަށް މިއިން ބޭނުން ހިފިދާނެއެވެ. ބޭނުމިއްޔާ އެއްބަނޑު މީހުނަށް ހަދިޔާ ގަނެވިދާނެއެވެ.]
ޖަޔާ ކަޅި ޖަހާނުލާ ނޫޓްތަކުގެ އާ ބޮޑިވަރުތަކަށް ބަލަމުން ދިޔައެވެ.
[މިސިޒް ހެރަލްޑަށް އަހަރެން ހުރިހާ ވާހަކައެއް ކިޔައިދީފީމެވެ. ދަތުރަށް އެއަރޕޯޓަށް ދާނީވެސް އޭނާއެވެ. އަހަންނާ ޖަޔާއާ ގުޅުން ކެނޑުނީއެވެ. ޖަޔާ މިނިވަންވީއެވެ. މަރްޙަބާއެވެ.]
ޖަލާލީގެ ލަފްޒުތަކުން ޖަޔާގެ ހިތް ވީދައިގެން ހިނގައްޖެއެވެ. އެކަމަކު އޭނާ އިނީ ހިމޭންވެފައެވެ. ރުޅިވެސް އައިސްފައެވެ. އެއްވެސް ގުޅުމެއްނެތް ގޮތަކަށެވެ. ނުވެސް ދަންނަ މީހެއް ފަދައިންނެވެ.
ޖަޔާގެ ދުލުގައި ވަނީ ތަޅުލެވިފައެވެ. އޭނާއަށް އެކައްޗެކޭވެސް ނުބުނެވުނެވެ. އޭނާއަށް ކަރުނަ އަކުންވެސް ޖަޒްބާތުގެ އަސަރު ފާޅުކޮށްދެވޭ ގޮތެއްނުވިއެވެ. އޭނާގެ ކަރުނަތައް ހިކިގެން ދިޔައީ ކީއްވެގެން ކަމެއް ނޭގުނެވެ. އުފާވެރިކަމާ ހިތާމައިގެ ދަނޑިވަޅުގައި މިކަރުނަ ކިހާ ދީލަތި ކަމާއެކު ފާޅުވެގެންދޭ ހެއްޔެވެ.
ޖަޔާ ޖެހި ބުދެއްހެން ކުރިމަތީގައި ހުރި ކަރުދާސްތަކާ ނޫޓްތަކަށް ބަލަހައްޓައިގެން އިނެވެ.
[ޚުދާ ޙާފިޡެވެ.] ޖަލާލީ ބުންޏެވެ. އެއާއެކު ކޮޓަރިން ނުކުމެއްޖެއެވެ.
އޭނާ ހަމަދިއުމާއިއެކު މިސިޒް ހެރަލްޑް އެތެރެއަށް ވަދެއްޖެއެވެ. އޭނާ ހުރިހާ އިންތިޒާމެއް ފުރިހަމަ ކޮށްފާވެއެވެ.
[ނާޖިޔާ ބާޒާރުކުރަން ދުރުވާނަން ތޯއެވެ.] މިސިޒް ހެރަލްޑް އޭނާއާ ސުވާލުކުރިއެވެ.
ކޮންމެހެންވެސް ދުރުވަން ޖެހޭނެއެވެ. މިތަނުން ރަށަށް ދުރުވާއިރު މައިން ބަފައިންނަށް ތިމާގެ މީހުންނަށް ކޮންމެވެސް އެއްޗެއް ގެންދަވަން ޖެހޭނެއެވެ.]
ޖަޔާ ގާވެފައި އިންކަހަލައެވެ.
މިސިޒް ހެރަލްޑް ގަދަކަމުން ކަހަލަގޮތަކަށް އޭނާ ގޮވައިގެން ޑައުންޓައުނަށް ހިނގައްޖެއެވެ. ޖަލާލީ ދިން ފައިސާގެ ތެރެއިން ކޮންމެވެސް ވަރަކަށް ޖަޔާގެ ދަބަހަށް ލައިދިނެވެ. އަނެއްބައި ކޮޓަރިއަށް ގެންގޮސް ފޮށްޓަށްލިއެވެ.
ވިޔަފާރި ކުރީވެސް ހެރަލްޑެވެ. ތާނޫ ދައްތަގެ ކުދިންނަށް އޭނާ އެތައް ވައްތަރެއްގެ ހެދުން ގަތެވެ. ބޫޓްގަތެވެ. ފައިވާން ގަތެވެ. މިހެންގޮސް ނުގަންނަ އެއްޗެއް ނެތެވެ. ޖަޔާގެ ބައްޕައަށް ގަޑިއެއް ގަތެވެ. އަގުބޮޑު މޮޅު ގަޑިއެކެވެ. އޭނާގެ މައްމައަށް އަގުބޮޑު އަނގޮޓިއެކެވެ. މިގޮތަށް ހުރިހާ ކުދިންނަށްވެސް އަގުބޮޑު ހެދުންތަކާއި ހަދިޔާތައް ގަތެވެ.
ތިންވަނައަށް ވީދުވަހު ހަވީރު ފްލައިޓުން ޖަޔާ އެނބުރި ވަޒަނަށް ދަނީއެވެ. އެއަރޕޯޓަށް އައީ ހަމައެކަނި މިސިޒް ހެރަލްޑެވެ. ޖަލާލީއެއް ނާދެއެވެ. ޖަލާލީއާ ގެއަކުންވެސް ބައްދަލެއް ނުވެއެވެ. ޓިކެޓް ގެނެސްދިން ދުވަހުން ފެށިގެން އޭނާ ދިޔަތަނެއް ނޭގެއެވެ. ޖަޔާ މިސިޒް ހެރަލްޑް ގައިގައި އޮޅުލައި ގަތުމާއެކު ކަރުނަ ހުސްވަންދެން ރުޔެވެ. އެ އަސަރުގައި ހެރަލްޑަށްވެސް ރޮވިއްޖެއެވެ.
އެތައް ގަޑިއިރަކު އުދުހުމަށްފަހު އޭނާ ލާހޯރު އެއަރޕޯޓަށް ފޭބިއިރު އެއްވެސް މީހަކު ޖަޔާ ބަދަލައެއް ނާދެއެވެ. އަންނާނީވެސް ކާކު ހެއްޔެވެ. އޭނާ ޚަބަރު ދިނީ ކާކަށް ހެއްޔެވެ.
މަންމަމެންނަށް އަންގާލަން އޭނާ ގަސްތުކުރިއެވެ. އެކަމަކު މާކަ ބޭނުންހުރި ކަމަކަށްނުވާތީ އެކަން ހުއްޓާލީއެވެ.
އޭނާ އެއަރޕޯޓުން ބޭރަށް އަތުވެއްޖެއެވެ. ދެތިން ފްލައިޓް މީގެ ކުޑައިރުކޮޅެއްގެ ކުރީގައި ޑުބާއީންނާއި ކަރާޗީން އައިސްފައިވެއެވެ. އެހެންކަމުން އެއަރޕޯޓް ތެރެ ފުދޭވަރަކަށް ބާރު ބޮޑެވެ.
އެކަމަކު މިއެންމެންގެ ތެރޭގައިވެސް ޖަޔާ ހުރީ އެކަންޏެވެ.
ބޭރަށް ނުކުމެފައިއޭނާ ޓެކްސީ ނެގިއެވެ. އެއަށްފަހު ގެއަށް އަތުވެއްޖެއެވެ.
ގޯތި ތެރޭގައި އޭނާ ހަގަށްތިބި އަންހެން ކުދިން ތިއްބެވެ. މަންމަވެސް ގޮނޑިއެއްގައި އިނެވެ. ތާނޫއާއި މާނޫ ތިބީ ވަރަށް ނަލަ ހެދުމުގައެވެ. މަންމަ ލައިގެން އިނީ ހުދު ފަށުއި ހެދުމެކެވެ. ގެއަށްވެސް ހުރީ ފުދޭވަރަކަށް ބަދަލު އައިސްފައެވެ. ފާރުތަކުގައި ކުލަ ލާފައިވެއެވެ. ދިގު ގޮނޑީގައި ދޫލައަޅާފައިވެއެވެ. ގޯތިތެރެއަށް ހުޅުވެންހުރި ދޮރުތަކުގައިވެސް ފަށުވިފޮތި ދަމާފައިވެއެވެ. މިހެންގޮސް ވަރަށްބޮޑު ބަދަލު ގެއަށް އައިސްފައިވެއެވެ.
ޖަޔާ މަޑު ފިޔަވަޅު އަޅަމުންގޮސް ގޯތި ތެރެއަށް ވަދެއްޖެއެވެ.
[ކާކު....؟] މާނޫ ހަޅޭއްލަވައި ގަތެވެ.
[ޖަޔާ ދައްތާއެވެ!] ތާނޫގެ ކަރުތެރޭގައި އަޑު ބެދިއްޖެއެވެ.
[ކަލޭމެން މޮޔަވީ ހެއްޔެވެ؟] މަންމަ ގޮނޑީގައި އިނދެފައި ބުންޏެވެ. [އަނެއްކާ ހުވަފެނެއް ފެންނަނީ ނޫން ބާވައެވެ. ޖަޔާ އެއުޅެނީ އެމެރިކާގައެވެ....... އަދި......]
އެކަމަކު މަންމަގެ ބަސް ހުއްޓިއްޖެއެވެ.
[ޖަޔާއެވެ......!] ކުރިމަތީގައި ހުރީ ޖަޔާކަން އެނގުމާއިއެކު މޭގައި އަތް ޖައްސާލާފައި ހާސްކަމާއެކު ކޮޅަށް ތެދުވެއްޖެއެވެ.
[ޖަޔާ...... ދަރިފުޅު........... އެކަނި ހެއްޔެވެ............ ނުވަތަ ޖަލާލީ..........]
މަންމަ ނާޖިޔާގެ ކޮނޑުގައި ހިފާ ތަޅުވައި ގަތުމާއިއެކު މޮޔައެއް ފަދައިން ސުވާލުކުރިއެވެ.
ޖަޔާ މަންމަގެ މޭގައި ބޯޖައްސާލައިގެން ހުރެ ރޯން ފަށައިފިއެވެ.
[ކިހިނެއްވީ ހެއްޔެވެ.... ކިހިނެއްވީ ހެއްޔެވެ.....] ކުރިމަތީގައި ހުރި ދޮރުން ބައްޕަ ނުކުމެގެން އަތުވެއްޖެއެވެ.
[މަންމާއެވެ. ކާކު ހެއްޔެވެ؟] ތާނޫ ބަދިގެ ތެރޭގައި އަލުއިކޮށަން ހުރެފައި ބޭރަށް ނުކުމެއްޖެއެވެ.
[ޖަޔާއެވެ....... ޖަޔާއެވެ........] މަންމަންގެ މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ.
[ޖަޔާއެވެ.....!] ތާނޫ އެހުރިތަނަށް ވަޅި ދޫކޮށްލާފައި ދުވެފައި ނުކުމެއްޖެއެވެ. [ތިޔައައީ ކިހިނެއް ހެއްޔެވެ.... ޖަޔާއެވެ....... ތިޔަހުރީ ކޮން ސިފައަކަށް ހެއްޔެވެ. އެއްޗެކޭ ބުނެބަލާށެވެ.]
ހަމަ ކުޑައިރު ކޮޅެއްގެ ތެރޭގައި ގޭގެ އެންމެން އެތަނަށް ޖަމާވެއްޖެއެވެ. އަދި އޭނާ ރޮއިރޮއިފައި ވާހަކަ ކިޔައި ދެމުން ދިޔައެވެ.
މަންމަ ބިންމަތީގައި އިށީނދެއްޖެއެވެ. މުޅި މީހާ ރޫރޫ އަޅައެވެ. ބައްޕައަށް އަނގައިވެސް ނުބުނެވުނެވެ.
ޖަޔާ މަންމަ ކައިރީގައި އިނދެގެން ރޮއިރޮއިފައި ބުންޏެވެ. އެއީ ވަރަށް ހުތުރު މީހެކެވެ. މަންމާއެވެ!]
[ތިޔަވާހަކަ އަހަރެމެން ގާތުގައި ފައުޒިއްޔާ ބުންޏެވެ.] ތާނޫ އޮޅުން ފިލުވާދިނެވެ.
[އެކަމަކު ފޮޓޯ އޮޅުވާލުމުގައި އޮތީ ކޮންބޭނުމެއް ހެއްޔެވެ؟] ނާޖިޔާ ބުންޏެވެ.
[ފޮޓޯ އޮޅުވާލީ ހެއްޔެވެ؟] މަންމަ ބުންޏެވެ.
[އާނއެކެވެ!]
[އެއީ އޮޅުވާލުމެއް ނޫނެވެ. ފައުޒިއްޔާ އެފޮޓޯގަނޑު ދިނީ ޖަލާލީއާ ދާދި އެއްސިފައެއްގެ މީހެކޭ ބުނަމުންނެވެ. އަދި ޖަލާލީގެ ފޮޓޯއެއް ގެނައިކަމާ އެފޮޓޯގަނޑު ވީތަނެއް ނޭގިފައިވާ ކަންވެސް އޭނާ ހާމަކޮށްދިނެވެ.] ތާނޫ ބުންޏެވެ.
ޖަޔާ ޙައިރާން ކަމާއެކު އޭނާގެ މޫނަށް ބަލަން ފަށައިފިއެވެ.
[ޖަލާލީ ފޯނުން އަހަންނާ ވާހަކަވެސް ދެއްކިއެވެ......] ތާނޫ ބުންޏެވެ. [އޭނާގެ ސިފަ ހުތުރުކަމުގެ ވާހަކަ ވަރަށް ރަނގަޅަށް އަހަންނަށް ކިޔާދިނެވެ.]
[އެމީހާއާ އަހަރެންގެ ކާވެނިކުރުވީ ދައްތަމެންނަށް ތިޔަ ހުރިހާކަމެއް އެނގިތިބެގެން ހެއްޔެވެ؟] ޖަޔާ ހަޅޭއްލަވައި ގަންނަމުން ބުންޏެވެ.
[ހަމައެކަނި މީހާގެ ސިފައަށްޓަކައި އެހާރަނގަޅު ނަސީބަކަށް ފުރަގަސްދޭންވީ ހެއްޔެވެ؟] ތާނޫ ރުޅިއައިސްފައި ބުންޏެވެ. [ހުތުރީ ހަމައެކަނި އޭނާގެ ސިފައެއް ނޫން ހެއްޔެވެ. އެހެނިހެން ރަނގަޅު ކަންތައްތައްވެސް އެބަހުއްޓެއް ނޫން ހެއްޔެވެ؟ އަހަރެންގެ ފިރިމީހާއަކީ ރީތި މީހެކެވެ. އަހަންނަށް ލިބުނީ ކޮން ހަމަޖެހުމެއް ހެއްޔެވެ؟]
[އަހަރެން......... އަހަރެން ވަރިވެއްޖައީމެވެ......] ނާޖިޔާ އިސްޖަހާލަމުން ބުންޏެވެ.
]ވަރި.... ވަރި....] ބައްޕަ ޑަންލާފައި ވެއްޓިއްޖެއެވެ. ދެންތިބި އެންމެންވެސް ޙައިރާން ވެގެންގޮސް ތުނބަށް އިނގިލި އަރައިފިއެވެ. ރުއިމުގެ އަޑުން މުޅި މާޙައުލު ގުގުމައިގަތެވެ.
ތަންގަނޑު އެންމެން އެތަނަށް ޖަމާވެއްޖެއެވެ. އަންހެނުންނާ ކުދިން ފިރިހެނުންނާއި މުސްކުޅިން އެކަކު އަނެކަކު ކޮއްޕަމުން އެތެރެއަށް އަތުވެއްޖެއެވެ. ގޯތިތެރެ ފުރިއްޖެއެވެ. ޙައިރާންވެގެންގޮސް ކޮންމެ މީހަކުވެސް އަނެކަކާ ސުވާލުކުރަނީއެވެ.
[ކިހިނެއްވީ ހެއްޔެވެ؟] ޖަޔާ ކީއްވެގެން ހެއްޔެވެ؟
[ކޮންމެވެސް އެއްޗެކޭ ބުނެބަލާށެވެ!]
[އެފަކީރު އެއައީ ކިހިނެއް ހަދާފައި ހެއްޔެވެ؟]
އެކިމީހުން އެކި ސުވާލުކުރަމުން ގެންދިޔައެވެ. ޖަޔާ އެންމެންގެ މެދުގައި ޖަޔާބެއް ދޭނެގޮތެއް ނޭނގިފައި ހުއްޓެވެ.
[އެހާވަރުގެ ކަމަކާހެދި ކަލޭ ވަރިވެގެން އައީ ހެއްޔެވެ. ތާނޫ ޖަޔާގެ އަރިކަށީގައި ބާރަށް ވިކައިގަތެވެ. އެއާއެކު ޖަޔާ ތެޅިގަތެވެ......] ތިމާގެ ފެންވަރު ނުވިސްނެނީ ހެއްޔެވެ. ކަލެއަށް އިންތިޒާރުކުރާ ޝަހެޒާދާއަކު އެބަހުރި ހެއްޔެވެ. ސިފަގަނޑު ރީތި ރަސްދަރިކަލަކު ކަލެއަށްޓަކައި ފައިނަގައިގެން ހުރީދޯއެވެ. ނަސީބެއްނެތް ކުއްޖާއެވެ. ތިޔަކުރީ ކޮންފަދަ ވިޔާނުދާކަމެއް ހެއްޔެވެ......] ތާނޫ ރޮމުން ބުންޏެވެ.
[ކަލޭވެސް ހެދިގޮތަށް ހެދީއެވެ.] ބޮޑުބޭބެގެ އަންހެނުން މަލާމާތުގެ ގޮތުގައި ބުންޏެވެ. [އެކަކު ކަންކުރިގޮތަށް ދެވަނަ ކުއްޖާވެސް ޢަމަލު ނުކުރާނެއޭ އަހަރެން ނުބުނަމު ހެއްޔެވެ؟ ތިޔައީ ގޭގެ އާބާދުކުރާ ވައްތަރުގެ ބައެއްނޫނެވެ. ހަލާކުކުރާ ވައްތަރެވެ. ފެނިއްޖެއެއްނޫން ހެއްޔެވެ. އަހަރެމެންގެ ނަވީދާ ނުދެވީވެސް ހަމަ އެހެންވެގެންނެވެ. ތިޔަ މުޞީބާތުން މާތްރަސްކަލާނގެ އަހަރެން ސަލާމަތް ކުރައްވައިފިއެވެ. ކުދި ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަކަށެވެ.]
ހަމައެވަގުތު ނަވީދުގެ ދައްތަ ހިތްކުދިކުދިވާ ފަދަ އަޑަކުން ބުންޏެވެ. [ފުރަތަމަ އަންހެން ކުއްޖާ އައީ ފިރިމީހާ ގާތުން ވަރިވެގެނެއް ނޫނެވެ. ޖެހިގެންހުރި އަންހެން ކުއްޖާ އޭނާއަށްވުރެ ޒީލަގަދައެވެ. އެއައީ ގަދަކަމުން ވަރިވެގެންނެވެ. އެ ފިރިހެންމީހާ އެއްވެސް ޙައްޤަކާނުލައި ވާރޭވެހޭހެން ރުފިޔާ ޚަދަރުކުރީއެވެ.]
[އެއީ ހަމަ ކެހިވެރިކަމެވެ.] ފަހަރި ބުންޏެވެ. [ވަރަށްގިނަ ތަކެތި ގެންނާނެ ކަންނޭގެއެވެ. މިތަނުންވެސް އެހާވަރަށް ޚަދަރު ކޮށްލައިފިއެވެ.]
ފަހަރިއާއި އޭނާގެ ދަރިފުޅު ވިހަތީރުތައް ފޮނުވަމުން ދިޔައެވެ. އެހުރިހާ ވާހަކަތަކެއް ޖަޔާގެ މޭ ފޫއަޅުވަމުން ދިޔައެވެ.
ކުޑަ އިރުކޮޅަކަށްފަހު ޖަޔާއާ ބެހޭގޮތުން ހުރިހާ މަޢުލޫމާތެއް އޮޅުން ފިލުވިއިރު ކުށްވެރިއަކީ ޖަޔާއެވެ. އެތަނަށް އެއްވެފައި ތިބި އެންމެން ބޯހޫރަމުން އެނބުރި ހިނގައްޖެއެވެ.
[މާތް މީހެކެވެ. ފައިސާވެރި އެއްވެސް މެއެވެ. ވީއިރު ހަމައެކަނި މީހާގެ ސިފައަށް ބަލާފައި ވަރިވާން ވެދާނެ ހެއްޔެވެ؟]
[އެއީ ޤަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ.]
[ލޯފަން މީހުނާވެސް މީހުން އިނދެގެން އެބައުޅޭ ނޫން ހެއްޔެވެ. އެންމެންވެސް ވަޙީދާ ދަންނާނެއެވެ. އޭނާ އެ އުޅެނީ ލޯފަން ފިރިއެއްގެ އަސައަކަށް ވެގެންނެވެ.]
[އެއުޅޭ ފާތުމަވެސް ހަމަ އެޙާލުގައެވެ. އޭނާގެ ފިރިމީހާގެ ދެފައެއް ނެތެވެ. އެފަކީރު ދުވަސްތައް ހޭދަކުރަނީ ކޮންފަދަ ޙާލެއްގައި ހެއްޔެވެ. އަވަށްޓެރިން އެކަން ދަންނާނެއެވެ.]
[މިކަމުގައި ކުށްވެރިވަނީ ހަމަ އަންހެން ކުއްޖާއެވެ. ފިރިހެން ކުއްޖާ ހުތުރެއްކަމަކު އެއީ މާކަބޮޑުކަމެއް ނޫނެވެ. ވާބަލި ޖެހިފައިހުރި ކުއްޖެއް ނޫނެއްނޫން ހެއްޔެވެ. މަންމަނެއްވެސް ނޫނެވެ. ހަމައެކަނި ސިފަހުތުރު ކަމެވެ.]
[ވަރަށްބޮޑު މުދާވެރިއެކޭ ބުނާއަޑު އަހަމެވެ...... ދުނިޔޭގެ މުއްސަނދިންގެ ތެރޭގައި ހިމެނޭ މީހެކެވެ.]
[ތިޔަވާނީ ކޮންމެވެސް އެހެން ކަމަކަށެވެ. މިތާނގައި އޭނާ ހިތާވާ މީހަކުހުރީ ކަމުގައި ވެދާނެއެވެ.]
[ތިޔަބުނީ ހަމަ ރަނގަޅަށެވެ. އެހެންނޫންނަމަ ހަމައެކަނި ހުތުރުމީހެކޭ ކިޔާފައި އެހާބޮޑު ފިޔަވަޅެއް ނޭޅީހެވެ!]
ޖަންގައްޔެއްގައި ހުޅުޖެހީމާ އަނދައިގެން ދާގޮތަށް ޖަޔާގެ ވާހަކަވެސް މުޅި ހިސާބުގަނޑަށް ފެތުރިއްޖެއެވެ. ތަންގަނޑު މީހުން ފޮނިތޮށި ކާފޫރުތޮޅި ލައިގެން ވާހަކަ ހަދަހަދައިގެން ދައްކަން ފަށައިފިއެވެ.
ޖަޔާ ވަރަށް ކަންބޮޑު ވެއްޖެއެވެ. އެންމެންގޮސް ނިމުމުން ޖަޔާގެ މަންމަ އޭނާ ކޮއްޕާލާފައި ބުންޏެވެ.
[ގޮތްކުޑަ އަންހެނާއެވެ. ކަލޭގެ ސަބަބުން ހުރިހާކަމެއް ބޮއްސުން ލައިފިއެވެ. ކަލޭގެ ކައިވެނީގެ ފަހުގައި އަހަރެންގެ ނަސީބު އޮތީ ކުރިއަށް ޖަހާފައެވެ. ތާނޫއާއި މާނޫގެ ކައިވަންޏަށް އެދިގެން ދެމީހަކު ކުރިމަތި ލާފައިވެއެވެ. އެ ދެމީހުންނަކީވެސް ފެންވަރު މަތީ ޢާއިލާއިން އައިސް ތިބި ދެމީހުންނެވެ. ކަލޭގެ އެއްބަނޑު އެއްބަފާ ދެބޭބެއަށް މުސްތަޤްބަލް ފެންނަމުން އައިސްފައިވެއެވެ. ޖަލާލީ ލަންޑަނުގައި ހުރި ފެކްޓަރީން އެމީހުނަށް ވަޒީފާދޭން ބުނެފައިވެއެވެ. މިހާރު އޭނާ އެއުޅެނީ ޕާސްޕޯޓާއި ވިސާގެ ކަންތަކުގައެވެ........... އެކަމަކު ކަލޭގެ ތިޔަފިޔަވަޅުގެ ސަބަބުން ހުރިހާކަމެއް ފެނަށްވެގެން ދިޔައީއެވެ.]
[އަހަރެން ދުނިޔެއަށް ދައްކާނީ ކޮންމޫނެއް ހެއްޔެވެ......] ބައްޕަ ކުކުރަމުން ބުންޏެވެ. [މިހާރު މަލާމާތުގެ އަޑު އެހުމަކީ އަހަންނަށް ކުޅަދާނަ ކަމެއްނޫނެވެ. އަދިވެސް ފަސް އަންހެން ކުދިން ކަލޭގެ ހަގަށް އެބަތިއްބެވެ. އެމީހުން އަހަރެން ގެންގުޅޭނީ ކިހިނެއް ހެއްޔެވެ؟]
[އަހަރެމެންގެ ޢާއިލާގެ އެއްވެސްމީހަކު ތިޔަކަހަލަކަމެއް ނުކުރެއެވެ. ވަރި އެއީ އެމީހުން ދަންނަ އެއްޗެއްވެސް ނޫނެވެ. ތާނޫގެ ޙާލު އެހާދަށަށް ގޮސްފައި ވާއިރުވެސް އޭނާ ވަރިއެއް ނުވެއެވެ.] މަންމަ ކަރުނަ އޮހޮރުވަމުން ބުންޏެވެ.
[މަންމާއެވެ. ދެންތިބި އަންހެން ކުދިންގެ ކަރުގައި ހިފާ މަރާލާށެވެ.] ދޮށީ ބޭބެ ރުޅި އައިސްފައި ބުންޏެވެ. އޭނާގެ އަޑު ކަރުތެރޭގައި ތާށިވެއްޖެއެވެ. އަދި އަނެއް ފަރާތަށް މޫނު އަނބުރާލުމާއެކު ރޯން ފަށައިފިއެވެ. [އަހަރެމެން އަވަށްޓެރިންނަށް ދައްކާނީ ކޮންމޫނެއް ހެއްޔެވެ. ތާނޫ ދައްތަގެ ސަބަބުން މިހާރުވެސް މިއުޅެނީ އުޅެން ދަތިވެގެންނެވެ. މީހުންގެ މަލާމާތާ ފުރައްސާރަ އެހާބޮޑެވެ. އެކަމަކު މިގޮތްކުޑަ އަންހެނާ އެ އައީ ވަރިވެގެންނެވެ.]
[ވަރިވުމަށްވުރެ ހުތުރުކަމެއް އަންހެނަކު ނުކުރާނެއެވެ.] ތާނޫ ރުޅިއައސްފައި ބަލާލިއެވެ. އަނެއްކާވެސް ބުންޏެވެ. [ފިރިމީހާ ގާތުން ވަރިވުމަށްވުރެ ކަނޑަށްއެރި މަރުވިޔަސް މާރީތިވާނެއެވެ.]
ވަރީގެ ލަފްޒުން ޖަޔާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާ ލޯމަރާލުމާއިއެކު ދެކަންފަތަށް އިނގިލި ޖަހައިފިއެވެ. އަދި ބާރަށް ހަޅޭލަވައިގަތެވެ.
[ނާޖިޔާއެވެ! ނާޖިޔާއެވެ!] ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.
ޖަޔާ ލޯހުޅުވާފައި ބަލާލިއެވެ.
މިސިޒް ހެރަލްޑް އޭނާއަށް ގޮވަނީއެވެ. އޭނާ ދެލޯ ބޮޑުކޮށްފައި ބަލަން ފަށައިފިއެވެ.
[ނާޖިޔާއެވެ. މާބޮޑަށް ފިކުރު ކުރައްވަނީތޯއެވެ. މިސިޒް ހެރަލްޑް އޭނާ ތެދުކޮށް ސޯފާގައި ބައިންދަމުން ބުންޏެވެ.
ޖަޔާ އަދިވެސް އިނީ ގަބުވެފައެވެ. ވަރަށް ފަރުވާތެރި ކަމާއިއެކު އޭނާ މިސިޒް ހެރަލްޑަށް ބަލާލިއެވެ. ހެރަލްޑް ލައިގެންހުރީ ނޫކުލައިގެ ސްކާރޓަކާއި އޮފްވައިޓް ސުއިޓަރެކެވެ.
ޖަޔާ ވަށައިގެން ބަލާލިއެވެ. އޭނާއަށް މިއިދެވުނީ ލިވިންގރޫމްގައެވެ. ކޮޓަރި މަޑުމަޑުން އެނބުރެއެވެ. ގަޑީގެ މަޑު މިއުޒިކްގެ އަޑު އިވިއިވި ހުއްޓެވެ. ބޭރުގެ މަންޒަރުތައް މަޑުމަޑުން ބަދަލުވަމުން ދިޔައެވެ.
ޖަޔާގެ ނިތްކުރިން އޮއްދާ ހިއްލާފައިވެއެވެ. ތުންފަތް ތުރުތުރު އަޅައެވެ. އޭނާގެ ހާސްކަން އިންތިހާއަށް ގޮސްފައިވެއެވެ.
ޖަޔާ ކުއްލިއަކަށް މޫނުގައި ދެއަތްއަޅާ ފޮރުވައިފިއެވެ. އަދި ޔަޤީންކަމެއްނެތް ކަހަލަ ގޮތަކަށް ބުންޏެވެ.
[އަހަރެން މިއިނީ ކޮންތާކު ހެއްޔެވެ.؟]
[ނާޖިޔާއެވެ! ތިޔަ އިންނެވީ ލިވިންގރޫމުގައި ނޫންތޯއެވެ.] ޖަޔާގެ ޙާލު މިވަގުތު ހުރިގޮތެއް ހެރަލްޑަކަށް ނޭނގެއެވެ. [ނާޖިޔާއަށް ނިދިކުރެއްވުނީ ކަމުގައި ވެދާނެއެވެ. އަދި އަޅުގަނޑަށް ހީވަނީ ބިރުވެރި ހުވަފެނެއް ފެނިލެއްވީ ހެންނެވެ. ތެދުވަންނަވާށެވެ. އަޅުގަނޑު މިއައީ ނާޖިޔާ ގޮވައިގެން ބޭރަށް ދާންވެގެންނެވެ. މިއަދު ދާން މިއުޅެނީ އަޅުގަނޑގެ އަވަށްޓެރިންނާ ޖަޔާއާ ބައްދަލުކުރުވަން ވެގެންނެވެ.
ނާޖިޔާ ތެދުވަން އުޅުނެވެ. އެކަމަކު އަރިއަޅާލާ ކަހަލަ ގޮތެއް ވެއްޖެއެވެ.
[އަސްތާ! ނާޖިޔާ! އެވެ.] ހެރަލްޑް ޖަޔާގެ އަތުގައި ހިފަހައްޓާލިއެވެ. އަދި ފިކުރު ބޮޑުވެފައި ޖަޔާގެ ނިތްކުރީގައި އަތްޖައްސާލަމުން ބުންޏެވެ. [ނާޖިޔާގެ ތަބީޢަތް ރަނގަޅެއް ނޫނެވެ. ކުޑައިރުކޮޅަކު ކޮޓަރިއަށް ދުރުވެ އަރާމު ކޮށްލައްވަންވީ ނޫންތޯއެވެ؟]
އޭނާ ޖަޔާ ގޮވައިގެން ކޮޓަރިއަށް އަތުވެއްޖެއެވެ.
[އޮށޯންނަވާށެވެ. އަޅުގަނޑު ކޮފީތައްޓެއް ތައްޔާރު ކޮށްލައިގެން އެބަ އަންނަމެވެ. ގެންނާނީ ކޮފީތޯއެވެ. ނުވަތަ ސައިތޯއެވެ؟.....]
ޖަޔާ އެއްވެސް ޖަވާބެއް ނުދިނެވެ. އަދި މޫނުމަތީގައި ބަލީސްއަޅާ ފޮރުވައިފިއެވެ. ހަމައެއާއެކު ރޯންވެސް ފަށައިފިއެވެ.
އޭނާގެ ޙާލު ކޮށްޓެއްގައި ހައްޔަރު ކުރެވިފައިވާ ދޫންޏެއް ކަހަލައެވެ. އެކަމަކު ކޮށިން ދޫކޮށްލެވުނު ކަމުގައި ވިޔަސް މިނިވަންކަމެއް ނުލިބެއެވެ. އޭނާގެ ނަސީބުގައިވަނީ ހައްޔަރުވުމެވެ. އޭނާއަކީ ކޮށްޓެއްގައިވާ ގައިދީއެއް ނޫނެވެ. އަމިއްލަ ޒާތުގެ ގައިދީއެކެވެ..... މިނިވަން ފަޟާގެ ތެރެއަށް ދޫކޮށްލެވުނު ކަމުގައިވިޔަސް އަމިއްލަ ޒާތުގެ ގައިދީއަކަށް މިނިވަންކަމެއް ނުލިބޭނެއެވެ. ގައިދުގެ ހިލިހިލާ ދުވަހަކުވެސް ކެނޑިގެނެއް ނުދާނެއެވެ.
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު