ރައީސް އަރިއަތޮޅު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސް އަރިއަތޮޅު ދެކުނުބުރިއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ

މި ދަތުރުފުޅުގައި ރައީސް ވަނީ އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަން އިއުލާނު ކުރަށްވާފއެވެ. މީގެ އިތުރުން، ބުދަ ދުވަހު ތަސްދީޤުކުރެއްވި ބޭރު ފައިސާގެ ބިލު ރަނގަޅަށް ތަންފީޒުކުރެވެން ފަށާތާ ހަމަސް ދުވަހާ ބާރަ މަސް ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޑޮލަރުގެ ދަތިކަމަށް ޙައްލު ލިބޭނޭކަމަށް އެމަނިކުފާނު ވިދާޅުވީ، ދަނގެތީގައި ދެއްކެވި ވާހަކަފުޅުގައެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ލޯކަލް ޓޫރިޒަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރަންޖެހޭ ގޮތަށް ޤާނޫނަށް އިސްލާޙު ގެނައުމަށް ކުރަމުންދާ ފަންނީ މަސައްކަތް ނިމުނުހާ އަވަހަކަށް މަޖިލީހަށް ހުށަހަޅުއްވައި، ފަތުރުވެރިކަމުން ލިބޭ ޓެކްސް، ސީދާ ކައުންސިލްތަކަށް ލިބޭނޭ މަގު ފަހިވެ، ކައުންސިލްތަކަށް މާލީ ބާރުވެރިކަން އިތުރަށް ލިބޭނޭ މަގު ފަހިކޮށް ދެއްވާނޭކަމަށްވެސް ވިދާޅުވެފައެވެ.

ހަމައެއާއެކު ސަރުކާރުގެ ތިން ވުޒާރާއެއް އަނދާހުލިވި އަލިފާނުގެ ހާދިސާއަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން ކުރިއަށްދާނީ، ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުން ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް މި އަހަރު ފެއްޓެވި ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެންމެ ފަހު ދަތުރުފުޅު ކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ. މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ، 2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ގަސްދުކުރައްވާކަން އިޢުލާންކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު ދެކުނުބުރިއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން