ޞާދިރު ޢަލީދީދީ   30 އޯގަސްޓު 2020 - 14:33
ސަންޑޭ
ސަންޑޭ
އެޕިސޯޑް 07

...............

އަފްޒަލަށް ބޮލުގައި ހިފަހައްޓާލުމާއެކު ބޯހޫރާލެވުނެވެ. އޭނާ އެންމެ ކަންބޮޑުވެ ހާސްވަނީ، އިތުރު ތަފްޞީލެއް މަންމަގެ ދުލުން ބޭރުނުކުރާތީއެވެ. ގައިމުވެސް އޭނާއަށް އެއްކަމެއް ޔަޤީނެވެ. ސަބަބެއްނެތި މަންމަ އެފަދަ ގޮތަކަށް ނިންމާކަށް ބާރެއްނާޅާނެއެވެ. އެހެންކަމުން، މަންމަގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް ކުރުމަކީ، އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ޝިޒްނާދެކެ ކިތަންމެ ލޯބިވިޔަސްވެހެވެ. ޙަޤީޤަތުގައި އޭނާ ޝިޒްނާދެކެ ވަރަށް ލޯބިވެއެވެ. އޭނާގެ ހިތުން ޝިޒްނާގެ ހަނދާންތައް ފޮހެވިގެން ނުދާނޭވަރަށް، އޭނާގެ ހިތާއި ސިކުނޑީގައި ވަނީ ޝިޒްނާގެ ތަޞްވީރު ކުރެހިފައެވެ. އެހެންކަމުން، މަންމަ ފާޚާނާއިން ނުކުތީމަ، އެވާހަކަ މަންމަ ގާތު ބުނަންވެސް އޭނާ ބޭނުންވިއެވެ. އޭނާ މަންމައަށް އިންތިޒާރު ކުރަމުން އެނދުގައި އޮށޯވެލިއެވެ. އެހިނދު ފާޚާނާތެރެއިން މަންމަގެ ގިސްލުމުގެ އަޑު އިވުމުން، އަފްޒަލް ފުންމައިގެން ތެދުވެއްޖެއެވެ.

[މަންމާ....ދޮރު ހުޅުވަބަލަ މަންމާ....] އަފްޒަލް ގޮސް ދޮރުގައި ތަޅަން ފެށިއެވެ. ނަމަވެސް، ޢަޒީޒާ ދޮރެއް ނުހުޅުވިއެވެ.

[މަންމާ....ހުޅުވަބަލަ.] އަފްޒަލް ތަޅުގައި ހިފާލިއެވެ. ޢަޒީޒާ ދެލޯ ފޮހެމުން ދޮރު ހުޅުވައި ނުކުތެވެ.

[މަންމާ އަހަރެން ގާތު ބުނެބަލަ ކިހިނެއްތަވީ؟ އަހަރެން ޝިޒޫއާ ކައިވެނި ނުކުރާށޭ ބުނީ ކީއްވެތަ؟....އަހަރެން ޝިޒޫދެކެ ހާދަ ލޯތްބެއްވެޔޭ މަންމާ....] އަފްޒަލް މަންމަ އަތުލަފިކޮށްގެން ގޮސް އެނދުގައި ބޭންދިއެވެ.

[ތިބުނާ ލޯބި، އެހެން ގޮތަކަށް ބަދަލުކުރޭ....ދުވަހަކުވެސް ތިކައިވެންޏެއް ނުކުރެވޭނެ....؟ ޢަޒީޒާ އެނދުގައި އޮށޯވެލިއެވެ.

[މަންމާ....] ޢަޒީޒާ، އަފްޒަލްގެ އަނގަމަތީގައި އަތްއެޅީ އިތުރަށް އެވާހަކަ ނުދައްކާށޭ ބުނާފަދަ ގޮތަކަށެވެ. އެހެންކަމުން، އަފްޒަލަށް މަޖްބޫރުވީ އެވަގުތަށް އެވާހަކަ ހުއްޓާލާށެވެ. މަންމަގެ ޙައްޤުގައެވެ. މަންމަގެ ޙައްޤުގައި ލޯތްބެއް ޤުރްބާން ކޮށްލުމަކީ، ޙަޤީޤަތުގައި އޭނާ ފަސްޖެހޭނެ ކަމެއް ނޫނެވެ. އެމަންމަގެ މުޅި ޢުމުރު ހޭދަކޮށްފައިވަނީ އޭނަގެ ޙައްޤުގައެވެ. ބައްޕައެއްގެ ލޯތްބާނުލާ އެމަންމަވަނީ އޭނާއަށް ފުރިހަމަ ތަރުބިއްޔަތަކާއި ތަޢްލީމެއް ހޯދައި ތަނަވަސްމަގެއް މުސްތަޤްބަލަށްޓަކައި ކޮށައިދީފައެވެ. ވީމާ، މިއަދު އެމަންމަގެ ބޮލުގައި ފައިން ޖަހާފައި ދިޔުމަކީ ބޭއިންޞާފަކަށްވުމުގެ އިތުރުން އޭނާއަށް ކެތްކުރެވޭނެ ކަމެއްވެސް ނޫނެވެ.

[އަހަރެން ޝިޒޫއާ އިންނާކަށް ބޭނުމެއް ނޫން.] ބޭރަށް ނުކުމެ މޯބައިލުން ޝިޒްނާއަށް ގުޅާފައި އަފްޒަލް ބުންޏެވެ. އެޖުމްލައަށްފަހު، އޭނާ އިތުރަށް ޝިޒްނާއަށް އެއްޗެކޭ ބުނުމަށް ފުރްޞަތު ދިނުމެއްނެތި ފޯނު ކަނޑާލައިފިއެވެ. ޝިޒްނާ އާދޭހާއެކު ގޮވަމުންދަނިކޮށެވެ. މަންމަގެ ޙައްޤުގައި އޭނާ ލޯބި ޤުރްބާންކޮށްލިއެވެ. މަންމައަށްވުރެ އެއްވެސް ފަރާތަކަށް އިސްކަންދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެއީ އޭނާ ނުވެސްކުރާނެ ކަމެކެވެ.

[ބައްޕާ.....މަންމާ...ކިހިނެއްތަ ވެގެން މިއުޅެނީ؟ ކީއްވެތަ ކުއްލިއަކަށް އަފްޒަލްގެ ޚިޔާލު ބަދަލުވީ.] ޝިޒްނާ ރޮއިރޮއިފައި، އޭނާގެ މަންމައާއި ބައްޕަކުރެން އެއްސެވެ.

ދަރިފުޅާ، ބައްޕައާ ތިޔަސުވާލު ނުކުރޭ. ބައްޕަ މޮޔަވެދާނެ. ފަހުން ބައްޕަ، ހުރިހާ ކަމެއްވެސް ދަރިފުޅަށް އޮޅުންފިލުވައިދޭނަން.] ޒުބޭރު ޙަޤީޤަތް ހާމަކުރަން ކިތަންމެ ބޭނުންވިނަމަވެސް އޭނާ ފަސްޖެހެއެވެ. ހީވާކަހަލައެވެ. ޙަޤީޤަތް ހާމަކުރުމަށް ހިތްއެދި، އަނގަ ހުޅުވާލާއިރަށް ދޫބަންދުވަނީއެވެ. ނޫނީ ޙަޤީޤަތް ހާމަކުރުމަށް އޭނާ ޖެހިލުންވެ ނުކެރޭންޖެހޭ ސަބަބެއްވާތީ އޭނާ މަޑުޖެހެނީއެވެ.

[އެކަމަކު...މަންމާ އަހަރެން އަފްޒަލް ނޫން މީހަކާ ނީންނާނަން. އަފްޒަލް ނެތް ދުނިޔެއެއްގައި ހުންނާކަށްވެސް އަހަރެން ބޭނުމެއް ނޫން.] ޝިޒްނާ ބާރުބާރަށް ރޮއިގަންނަމުން ބުންޏެވެ.

[ހިތްވަރުކުރޭ ދަރިފުޅާ، ކުއްލިއަކަށް ކަންތައްތައް ބަދަލުވާންޖެހުނު ސަބަބު އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ދަރިފުޅުގެ ބައްޕަ. އެކަމަކު އަދި އެބައްޕަގެ ފުށަކުން އެކައްޗެއްވެސް މަންމައަކަށް ނޭނގެ.] މަންމަ ޝިޒްނާއަށް ހިތްވަރުދިނެވެ. ނަމަވެސް، އެހިތްވަރުގެ ބަސްތަކުން ހިތްހަމަޖައްސާލައިގެން ހުރެވޭވަރަށްވުރެ ޝިޒްނާ އަފްޒަލްދެކެ ލޯބިވެއެވެ. ހީވާކަހަލައެވެ. އޭނާއަށް އަފްޒަލްގެ ލޯތްބާނުލައި އެންމެ ފިޔަވަޅެއްވެސް ނޭޅޭނެއެވެ. އޭނާގެ ލޮލުގެ ފެނުމާއި ހިތުގެ ހިނގުމުގެ އިތުރުން، އޭނާގެ މުޅި ފުރާނަޔާވެސް ގުޅިފައިވަނީ އަފްޒަލްއެވެ. އޭނާއަށް އަފްޒަލްދެކެ ވެވެނީ ތެދުވެރި ޙަޤީޤީ ލޯތްބެވެ. ހަމައެފަދައިން، އަފްޒަލްގެ ޙާލަކީވެސް އެއީއެވެ. އޭނާވެސް ޝިޒްނާދެކެ އިންތިހާއަށް ލޯބިވެއެވެ. މަންމަގެ ޙައްޤުގައި ލޯބި ޤުރްބާން ކުރަން ނިންމި ކަމުގައިވިޔަސް، ޝިޒްނާގެ ހަނދާންތަކާ ދުރުގައި އޭނާއަށް އެންމެ ހިނދުކޮޅަކަށްވެސް ހުރެވޭނެކަމާމެދު ޝައްކެވެ.

[މަންމާ....އާދޭސްކޮށްފައި ބުނަން، އަހަންނަށް ޝިޒޫގެ ލޯބި ޤުރްބާން ކޮށްލުމަށް މަންމަ ބާރުއަޅާ ސަބަބަކީ ކޮބައިތަ....ޖަވާބުދީބަލަ މަންމާ....] އަފްޒަލްގެ ދެލޯ ފެންކަޅިވެއްޖެއެވެ.

[ދަރިފުޅާ، އެލޯބި ޤުރްބާން ކުރަން އެކަނި ބާރުއަޅަނީކީވެސް ނޫން. މަންމަ ކުރަނީ މަޖްބޫރު....ދަރިފުޅު ކިތަންމެ ލޯބިވި ކަމުގައިވިޔަސް، ތިލޯބީގެ ޙައިޘިއްޔަތު ބަދަލުކޮށްގެން ނޫނީ ތިގުޅުން ދާއިމެއް ނުކުރެވޭނެ.] ޢަޒީޒާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.

[މަންމަ ތިބުނި އެއްޗެއް އެއްގޮތަކަށްވެސް އަހަންނަކަށް ނުވިސްނުނު....ޝިޒްނާގެ މަންމަމެނާ ދޭތެރޭ މަންމަ ހިތްހަމަނުޖެހުނީތަ؟] މަންމަގެ މަޥްޟޫޢު ނުވިސްނުނީމާ އަފްޒަލް އިތުރު ތަފްޞީލަށް އެދުނެވެ.

[ތިކަހަލަ ސުވާލުތައް ގިނަނުކުރޭ ދަރިފުޅާ. ދެން މާގިނަ ދުވަހެއްނުވެ ހުރިހާ ކަމެއްވެސް ހާމަވެދާނެ.] ޢަޒީޒާ މިހެން ބުނެފައި ގޮސް ބަދިގެއަށް ވަނެވެ. އަފްޒަލް އެނދުގައި އޮށޯވެއްޖެއެވެ. އޭނާ މިހާރު އެވަނީ ހިތްވަރުއެލި ވަރުބަލިވެފައެވެ. އަފްޒަލް ބޮޑަށް ދެރަވަނީ މަންމަ އޭނާއަށް ބޮޑު ކަންތައްގަނޑެއް ސިއްރު ކުރާކަން އެނގޭތީއެވެ. މަންމަ ވެގެން އުޅޭގޮތް ކިޔާދިންނަމަ، އެހިނދުކޮޅު ހިތާމަކޮށް ވިސްނިޔަސް، މީހާ ހަމައަކަށް އެޅިދާނެއެވެ.

ނަދުހާ އަދިވެސް ވިސްނަމުން އެދަނީ މުނާޒްގެ ޙަޤީޤަތާ ދޭތެރޭގައެވެ. މުނާޒްފަދަ ޖިންނިއަކާއެކު ޒަވާޖީ ޙަޔާތެއް ފަށާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ. ކިތަންމެ ލޯބިވިޔަސްވެހެވެ.

[ދަލޭކަދައްތާ އަހަރެން އޭނަދެކެ ވަރަށް ލޯބިވޭ. އެކަމަކު އޭނައާ ގުޅޭކަށް އަހަރެން ބޭނުމެއް ނޫން.] ނަދުހާ ރޮއިރޮއިފައި ވާހަކަ ދެއްކީ ދަލޭކައާއެވެ. އެވެރިން ވާހަކަ ދައްކަން ތިބީ ނަދުހާގެ ކޮޓަރީގައެވެ.

[ކިހިނެއްތަވީ؟ މުނާޒް ގޯހީތަ، މުނާޒަކީ ނުލާހިކު ރަނގަޅު ކުއްޖެއްނު.] ދަލޭކަ ނަދުހާގެ ބޮލުގައި ނިކަން ލޯތްބާއެކު ފިރުމާލިއެވެ. އެހިނދު ނަދުހާއަށް ކުރެވުނީ މަޔެއްގެ ބީހުމުން ދަރިއަކަށް ކުރެވޭފަދަ އިޙްސާސެކެވެ. އެހެންކަމުން، އޭނާއަށް ސިހިފައި ދަލޭކަގެ މޫނަށް ބަލައިވެސްލެވުނެވެ.

[މަންމަ...ހެން....ހީވީ ކުއްލިއަކަށް.] ދަލޭކަގެ މޫނަށް ކަޅި ހުއްޓައިގެންހުރެ ނަދުހާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

[މިއީވެސް މައެއްވިއްޔަ....ދަރިފުޅަށް އެއިޙްސާސް ކުރެވޭނެއެއްނު.] ދަލޭކަ މައިވަންތަ ކުލުނާއެކު ނަދުހާ، އޭނާގެ ގާތަށް ލަފާލިއެވެ.

[ދަލޭކަދައްތާ...މުނާޒް އަހަންނަށް އޮޅުވާލީ.] ނަދުހާ ގިސްލަމުން ދަލޭކަގެ މޭގައި ބޯއަޅާލިއެވެ.

[ދަރިފުޅާ...އޭނަ އޮޅުވައެއްނުލާނެ. ދަރިފުޅުގެ ޙަޔާތަށް އެންމެ އެކަށީގެންވާ މީހަކީ ސީދާ މުނާޒް......އަހަރެމެންގެ ލޯތަކަށް މިފެންނަ ޒުވާނަކާއެކު ދަރިފުޅުގެ ދިރިއުޅުން ބައްޓަމެއް ނުކުރެވޭނެ.] ދަލޭކަ ހީވަނީ ޙަޤީޤަތް އެނގިހުރެ ވާހަކަ ދައްކާހެނެވެ. ޙަޤީޤަތަކީވެސް އެއީއެވެ. އޭނާއަށް ހުރިހާ ޙަޤީޤަތެއްވެސް އެނގެއެވެ. މުނާޒްވެސް އޭނާ ނިކަން ރަނގަޅަށް ދަނެއެވެ. ފަހަރެއްގައި އެއީ އިންސާނެއް ނޫންކަން ނޭނގިދާނެއެވެ. އޭނާއަށްވެސް މުނާޒްގެ ޙަޤީޤަތް ފޮރުވާފައި ވެދާނެއެވެ.

[ވަރިހަމަ، އަހަރެން އޭނަގެ ސޫރަ ދެކޭކަށްވެސް ބޭނުމެއް ނޫން. އޭނަ އެއުޅެނީ ދައްތަގެ ލޮލަށްވެސް އޮޅުވާލައިގެން. އަހަރެން އޭނައަށް މަޢާފްކުރާކަށްވެސް ބޭނުމެއް ނޫން.] ނަދުހާގެ ހިތުގައި މިހާރު މުނާޒަށްޓަކައި އަނދަމުންދަނީ ނަފްރަތުގެ އަލިފާނެވެ.

[ތިހެން ނުބުނޭ ދަރިފުޅާ، ޙަޤީޤަތުގައި ދަރިފުޅަށް ދަރިފުޅުވެސް ނޭނގޭނެ. އެއީ ދަރިފުޅުގެ މުސްތަޤްބަލް.] ދަލޭކަ ބޭނުންވަނީ މުނާޒްގެ ކޮޅަށް ނަދުހާގެ ހިތް ލަންބާލާށެވެ.

[ދެން ތިވާހަކަ ހުއްޓާލާ....އަހަރެން ވަރަށް ފޫހިވެއްޖެ މިހާރު.] ދަލޭކަ ކޮޓަރިން ނުކުތީ ދެން އިތުރަށް އޭނާ އެމަޥްޟޫޢަށް ވާހަކަ ދައްކަން ބޭނުންނުވާތީއެވެ. ދަލޭކަ ހިނިތުންވެލިއެވެ. ހީވާގޮތުން އޭނާ ކޮންމެވެސް ކަމެއް އެބަ ރާވައެވެ. ނަދުހާގެ ދިރިއުޅުން ބައްޓަން ކުރުމަށް ނަދުހާގެ މަންމަމެނަށްވުރެ ބޮޑަށް އޭނާ ވިސްނައެވެ. ނަދުހާއާއި ނަވާލް، ދެޢާއިލާ ގުޅިގެން ކުރަން އުޅުނު ކައިވެންޏަށްވެސް އޭނާ ފާޅުގައި ދެކޮޅުހެދިއެވެ. މުސްތަޤްބަލަށްޓަކައި އޭނާ ޚިޔާރުކުރާ މީހަކަށްޓަކައެވެ. މިހާރު ޤަބޫލުކުރެވޭ ގޮތުގައި އޭނާ ނަދުހާގެ މުސްތަޤްބަލަށް ޚިޔާރުކުރި ބައިވެރިޔަކީ މުނާޒެވެ. މުނާޒްވެސް އަދި ސީދާ ނަދުހާއާވެސް އޭނާއާ ކޮންމެވެސް ގުޅުމެއްވަނީއެވެ.

މިއާދައިގައި ދުވަސްތައް ފާއިތުވަމުންގޮސް ހަފްތާއެއް ފާއިތުވެދިޔައިރުވެސް ޢަޒީޒާގެ ދުލަކުން ޙަޤީޤަތެއް ހާމައެއް ނުކުރެއެވެ. އެފަދައިން އޭނާ ޝިޒްނާއާ ބައްދަލުވުމަށް އަފްޒަލަށް ހުއްދައެއްވެސް ނުދެއެވެ. އެކަމާ އަފްޒަލް ކަރުނައަޅާ ނުރުއި ކަމުގައިވިޔަސް، މިހާރު އޭނާ ބަރުދާސްތު ކުރަމުން އެދަނީ ވަރަށް ނުތަނަވަސްކަމާއި ހިތްދަތިކަމެކެވެ.

[މަންމާ....މަންމަ ބޭނުންވަނީ ޙަޤީޤަތް ފޮރުވައިގެންހުރެ އަހަރެންގެ ހިތް ކުދިކުދިކޮށްލަންތަ؟] އަފްޒަލް ނުހަނު ގިލަންވެރި އަޑަކުން ވަރަށް އާދޭހާއެކު ބުންޏެވެ. ޢަޒީޒާ އިސްއުފުލައި، ދެރަވެފައި ހުރި ދަރިފުޅާ ހަތަރުކަޅި ހަމަކޮށްލިއެވެ.

[ދަރިފުޅާ ދަރިފުޅަށް ޙަޤީޤަތް ހާމަކޮށްދެވޭތޯ މަންމަ ވަރަށް މަސައްކަތް ކޮށްފިން. އެކަމަކު މަންމައަކަށް އެހިތްވަރެއް ނުލިބޭ.] ޢަޒީޒާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ.

[އެކަމަކު އާދޭސްކުރަން މަންމާ، ހިތްވަރުކޮށްލާފައި، ވެގެން އުޅޭގޮތް ކިޔައިދީބަލަ....] އަފްޒަލްގެ އަޑުވެސް ތެތްކަމެއް އުފެދިފައިވާ ކަހަލައެވެ. ޢަޒީޒާ ހިތްވަރު ލިބޭތޯ ވިސްނާލުމަށް ކުޑަކޮށް ކުރިއަށް ހިނގައިގެންފިއެވެ.

[ދަރިފުޅާ....ޒުބޭރަކީ......ދަރިފުޅުގެ ބައްޕަ.....] ޢަޒީޒާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ. އަފްޒަލްގެ ދެލޯ ބޮޑުވުމާއެކު، މުޅި މީހާ ގަނޑުވިކަހަލައެވެ. އޭނާއަށް ހުރެވުނީ، މަންމަގެ ލޮލަށް ބަލަހައްޓައިގެން އާގަމަވެފައެވެ. އެފުރްޞަތުގައި، އަފްޒަލް އުފަންވާން ދިމާވި އޭނާ ބަރުދާސްތުކުރި ހިތްދަތި ޙާދިސާ، އޭނާ ފެށުނީއްސުރެ ދަރިފުޅަށް ކިޔައިދިނެވެ. ނުހަނު އަސަރާ އެކުގައެވެ. މަންމަގެ ވާހަކަ ނިމުނުއިރު، އަފްޒަލަށްވެސް ރަނގަޅަށް ރޮވިއްޖެއެވެ. ނަމަވެސް، އެހިނދު އަމިއްލައަށް ހިތްވަރުނެރެ، ޢަޒީޒާ ދަރިފުޅަށް ހިތްވަރުދީ ވިސްނައިވެސްދިނެވެ.

[މަންމާ...މަންމަ ކުރިން ކީއްވެތަ އަހަރެންގެ ބައްޕަ އަހަންނަށް ދަސްކޮށްނުދިނީ.] އަސަރުން ފުރިފައިވާ އަޑަކުން އަފްޒަލް އެއްސެވެ. އޭރުވެސް އަފްޒަލްގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހިއޮހި ހުއްޓެވެ. [ދަރިފުޅާ...އޭނާ މިއޮއްހާ ދުވަސް ވަންދެން އުޅުނީ މަންމައަށް ފިލައިގެންނޭ.] ޢަޒީޒާ ބުންޏެވެ.

[ޝިޒްނާ އެއީ އަހަރެންގެ ކޮއްކޮތާދޯ.] އަހަރެން ވަރަށް ލަދުގަނެއްޖެ. ނިކަން ދެރަވެއްޖެ.] އަފްޒަލް ކުޑަކުއްޖަކު ފަދައިން، މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ. ކުޑައިރުގެ އާދަޔާ އެއްގޮތަށް އަފްޒަލް، އޭނާގެ މެޔާލާ ބޮނޑިކޮށްލައި، ލޯބިކޮށްލުމަށް އެހިނދު ޢަޒީޒާގެ ހިތް އެދުނެވެ.

[އާނ، ދަރިފުޅާ ޝިޒްނާ އެއީ ހަމަ ދަރިފުޅާ އެއްލެއެއް.] ޢަޒީޒާ އިތުރަށް ޔަޤީންކޮށްދިނެވެ.

[މަންމާ...ދެން ކިހިނެއްތަ އަހަރެން ޝިޒްނާއާ ކުރިމަތިލާނީ.....ކޮއްކޮއެއް ކަމަށް ޤަބޫލު ކުރާނެ ގޮތެއްވެސް އަހަންނަކަށް ނުވިސްނޭ.....] އަފްޒަލްގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ. ވީދެރައިންނާއި ކޮށްފައިވާ އަސަރުން އަފްޒަލް ކޮޓަރިއަށްވަދެ އެތެރޭން ތަންޑުއެޅިއެވެ.

މިހާރު މުނާޒް މަސައްކަތް ކުރަމުންދަނީ ނަދުހާގެ ލޯބި އަލުން ހޯދުމަށްޓަކައި އިތުރު ކަންތައްތަކެއް ރާވައި ހިންގުމަށެވެ. ބައެއްފަހަރަށް ނަދުހާއަށް އަޞްލު ހާމަކުރުމަށްވެސް ހިތަށްއަރައެވެ. އޭރުން ނަދުހާގެ ދިރިއުޅުމަށް އެންމެ އެކަށީގެންވާ މީހަކީ މުނާޒް ކަމުގައި ޤަބޫލުކުރެވި، ނަދުހާ މުނާޒާ އަލުން ގުޅޭނެއެވެ. ޙަޤީޤަތުގައި ނަދުހާއަށް މުނާޒް ނޫން މީހަކާ ގުޅިގެން ޙަޔާތެއް ފެށުމަކީ ވުމަށްވުރެ ނުވުން ގާތްކަމެވެ.

[ނަދޫ....އަދިވެސް އަހަންނަށް މަޢާފްކުރާކަށް ނުވޭތަ؟] ކުއްލިއަކަށް ކޮޓަރިތެރެއަށް ފާޅުވެ، މުނާޒް ނަދުހާ ގާތު ބުންޏެވެ. ނަދުހާ ސިއްސައިގެން ގޮސްފައި އެނބުރުނެވެ. އޭރު މުނާޒް ހުރީ ހިނިއައިސްފައި ނަދުހާއާ ދިމާއަށް ބަލަހައްޓައިގެންނެވެ.

[ދުވަހަކުވެސް މަޢާފެއް ނުކުރާނަމޭ ނުބުނަންތަ؟] ނަދުހާ ހަޅޭއްލަވައިގަތީ ނިކަން ބާރަށެވެ. މުނާޒް އަތުގެ އިޝާރާތުން އަޑު މަޑުކުރުމަށް ބުންޏެވެ. ނަމަވެސް، ނަދުހާއަށް ހިލަންވީހެނެއް ހިއެއްނުވެއެވެ. ނަދުހާ ބޭނުންވަނީ ހަޅޭއްލަވައިގެންވެސް މުނާޒް އެތަނުން ނެރެލާށެވެ.

[އަޑު މަޑެއް ނުވާނެ....ހަމަ މިހާރު މިތަނުން ނުކުމޭ. އަހަރެން މިހާރު މުނާޒް މަތިން ވަރަށް ފޫހިވެއްޖެ.] ނަދުހާގެ އަޑު ކުރިއަށްވުރެވެސް ބާރުވިއެވެ.

[ތިހެން ނުބުނޭ ނަދުހާ. އަހަންނަށް ނަދުހާޔާ ވަކިންނެއް ނޫޅެވޭނެ. އަހަރެން ބޭނުމީ ހަމަ މިހާރުވެސް ނަދުހާ އަހަރެންގެ ދިރިއުޅުމަށް ގެންނަން.] މުނާޒް ނަދުހާޔާ ކުރިއަށްވުރެ ގާތަށް ޖެހިލިއެވެ.

[ދުވަހަކުވެސް ތިކަމެއް ނުވާނެ. މުނާޒް، މުނާޒްގެ ޙަޔާތަށް އެހެން މީހަކު ހޯދާ....މިބުނީ މުނާޒްގެ ނަސްލުން ކުއްޖަކު ހޯދާށޭ. ނަވާލްގެ ޙަޔާތާ ގުޅެން ޖެހުނަސް، އަހަންނެއް މުނާޒަކާ ނުގުޅޭނަން....] ނަދުހާގެ އަޑު ކުރިއަށްވުރެންވެސް ބާރުވެއްޖެއެވެ. މުނާޒްގެ ގާތަށް އައީ ނުލަފާ ޒާތެއްގެ ހިންޏެކެވެ. އައި ރުޅީގައި ނަދުހާ އެތާނގައި ނުހުރެ ހިނގައިގަތެވެ. މުނާޒް އެއްލިއަތުން ހިފުނީ ނަދުހާގެ އަތުގެ މުލައްދަނޑީގައެވެ.

[ޚަބަރުދާރު....ގައިގަ އަތްލުމުގެ ޙައްޤެއް މުނާޒަކަށް ނޯންނާނެ. ދޫކުރޭ އަތުން. ހަޅޭއްލަވާ މީހުން އެއްކޮށްފާނަން.] ނަދުހާ މުނާޒްގެ އަތުން ވީއްލިގަންނަން މަސައްކަތް ކުރަމުން ބުންޏެވެ. ނަމަވެސް، މުނާޒް ނަދުހާގެ އަތުގައި ހިފަހައްޓައިގެން ހުރީ، އެހެން ޖަހާލާ ކުއްލިއަކުން ދޫވާވަރަށްވުރެ މާބާރަށެވެ. އެހެންކަމުން، ނަދުހާގެ އަތަށް ކޮންމެވެސްވަރަކަށް ތަދުވެސްވިއެވެ.

[އައްދިއްޔޯއި...ތަދުވެސްވެއްޖެ....އަހަންނަކީ ހިލައިން ހައްދަވާފައި ހުރި މީހެއް ނޫނޭ....] ނަދުހާގެ ލޮލުން ކަރުނަ އައެވެ. މުނާޒް ނަދުހާގެ ލޮލަށް ބަލައިލިއެވެ. އެހިނދު ނަދުހާގެ ލޮލުން ކަރުނަ ފޭދިގެން ކޯތާފަތް ތެމެން ފަށައިފިއެވެ. އެހެންކަމުން، އެމަންޒަރު ފެނި، މުނާޒްގެ ހިތަށްވެސް ރަޙުމްވަދެ، މަޑުމަޑުން ނަދުހާގެ އަތުން ދޫކޮށްލެވިއްޖެއެވެ. ނަދުހާ ރޮމުން ރޮމުން ތިރިއަށް ފޭބިއެވެ. އެމަންޒަރު ބަލަން ބަސްހުއްޓިފައި މުނާޒަށް ހުރެވުނީއެވެ.

އޭނާއަށް ނަވާލާމެދު ވިސްނާލެވުނީ އެވަގުތުއެވެ. އޭނާ ނަވާލް މަތިން ހަނދާން ނައްތާލާފައި ހުންނަތާ މިހާރު އެއްދުވަސްވީއެވެ. ހަމަގައިމުވެސް އޭނާއާ ނަވާލް ބައްދަލުނުވެ ފާއިތުވި ވަގުތު ނަވާލް ހުންނާނީ އޭނާގެ އަމިއްލަ އިޚްތިޔާރުގައެވެ. ހަމަ ބުއްދީގައެވެ. ސުވާލުކޮށްފިނަމަ، އޭނާގެ ފުށުން ކޮންމެވެސްވަރަކަށް ޙަޤީޤަތް ހާމަވުމަކީވެސްވުން ކައިރި ކަމެކެވެ.

އެހެން ކަމަށްވެސް ވެދާނެއެވެ. އެހަނދާންތައް އާވުމާއެކު، މުނާޒް ދުމެއް ޖެހިހެން އެތަނުން ގެއްލިއްޖެއެވެ. އޭނާ ދިޔައީ ނަވާލްގެ ވާހަކައާއި ރާގު ބަދަލުކުރުވާށެވެ. އޭނާއަށް އުފާވެރިކަން އޮތީ ނަވާލް އެހާލުގައި އުޅޭހާ ދުވަހެއްގައެވެ. ވުމާއެކު، ނަވާލް އެޙާލަތުން މިންޖުވުމަށް އޭނައަކަށް ފުރްޞަތެއް ނުދެވޭނެއެވެ. އެކަމަށް އަބަދުވެސް އޭނަ މަސައްކަތް ކުރަން އެބަޖެހެއެވެ.

މުނާޒް ދެން ފާޅުވީ ސީދާ ނަވާލްގެ ގޭގެ ދޮރުމަތިންނެވެ. އޭނާ އެތެރެއަށް ބޯދިއްކޮށް ކަޅިއުކާލިއެވެ. އެހިނދު ފެނުނު މަންޒަރާއެކު އޭނާއަށް ފަހަތަށް ޖެހިލެވުނީއެވެ. ކޮންމެވެސް ފަންޑިތަވެރިޔަކު ނަވާލްގެ އަތުގައި ތަވީދެއް އަޅުވަނީއެވެ. އޭރު ނަވާލްގެ މޫނުމަތިންވެސް ސިކުނޑި ހަމަނުޖެހޭ މީހެއްގެ އެއްވެސް އަސަރެއް ނެތްކަހަލައެވެ. އޭނާ އެފަންޑިތަވެރިޔާ އާދެ، ރަޝީދާ ކޮންމެވެސްވަރަކަށް ވާހަކަ ދައްކައިހަދާތަންވެސް އެބަފެނެއެވެ. މުނާޒް މާޔޫސްވި ކަހަލައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ދެފަރާތަކަށް ބޯހޫރާލެވުނެވެ.

[އަދި ވަރަށް މަސައްކަތް ކުރަންޖެހޭނެ. މިހާރުވެސް އޭއްޗަކަށް ނަވާލަކާ ގާތެއް ނުވެވޭނެ...އެކަމަކު އެންމެ ފުރިހަމައަށް މިކަމުން މިންޖުކުރަން ދުވަސްތަކެއް ނަގާނެ.] ރަޝީދު ތަވީދު އަޅުވައިދިނުމަށްފަހު، ނަވާލްގެ ބައްޕަ ފާއިޒު ގާތު ބުންޏެވެ. އޭރުވެސް މާދުރު ނޫން ހިސާބެއްގައި މުނާޒް ވާނުވާ ބަލަން ހުއްޓެވެ. މާޔޫސްވެ ގޮތް ހުސްވެފައެވެ. ރުޅިވެސް އައިސްފައެވެ. އޭނާ ރަޝީދާ ދިމާއަށް ވިހަ ނަޒަރަކުން ބަލައިލުމަށްފަހު، ހިނގައިގަތީ ކަންތައްތަކެއް ހިތުގައި ރާވަމުންނެވެ.

ނަވާލްގެ ބުއްދި ގޯސް ނޫން ނަމަވެސް، އޭނާ ހުންނަނީ އިންތިހާއަށް ބަސްމަދުވެ މަޑުމޮޅިވެފައެވެ.

މޮޔައިރު ކުރެވިފައިވާ ކަންތައްތައް، ސިކުނޑިއަށް ފައިދާވާތީ، ލަދުގެންފައި ހުންނަހެންވެސް ބައެއްފަހަރު ހީވެއެވެ. ކުރާ ސުވާލުތަކަށް ޖަވާބުދެނީވެސް އެތައްފަހަރަކު އެސުވާލެއް ތަކުރާރުކުރީމައެވެ. ނަމަވެސް، މިހާރު އޭނާ ބުއްދި ގޯސް އެއްވެސް ވާހަކަ ނުދައްކައެވެ.

[ދަރިފުޅާ...ދަރިފުޅު މާޔޫސްނުވާތި....ދަރިފުޅު ބޭނުމިއްޔާ އަދިވެސް ދަރިފުޅުގެ ޙަޔާތަށް ނަދުހާ ގެނެވިދާނެ. ނަދުހާ އަދި ކައިވެންޏެއް ނުކުރޭ.] ނަވާލްގެ މަންމަ މަރީނާ، ނަވާލްގެ ކޮނޑަށް އަތްވައްޓާލިއެވެ. ނަވާލް މޫނަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.

[ދަރިފުޅު ބޭނުންތަ؟ ވާހަކަ ދައްކަބަލަ...ދަރިފުޅާ....] މަރީނާގެ ވާހަކައާ ގުޅުވާލުމަށްފަހު، ފާއިޒުވެސް ނަވާލާ ވާހަކަ ދެއްކިއެވެ. ނަވާލް ބޯޖަހާލީ އާއެކޭ ބުނާ އިޝާރާތުންނެވެ. ނަމަވެސް، ފާއިޒު ބޭނުންވަނީ އިޝާރާތެއް ނޫނެވެ.

[ދަރިފުޅު ބޭނުންވާގޮތް ދުލުން ހާމަކޮށްބަލަ ދަރިފުޅާ....] ފާއިޒުވެސް ނަވާލްގެ ކޮނޑަށް އަތް ވައްޓާލިއެވެ. ނަމަވެސް، ނަވާލް އަނގަޔަކުން ނުބުންޏެވެ. އޭނާ އިސްޖަހާލިއެވެ.

[ދަރިފުޅު ތިގޮތަށް ވާހަކަ ނުދައްކާ ހުރުމުން މަންމަމެންގެ ހިތަށް ހާދަ އަސަރެއް ކުރެޔޭ ދަރިފުޅާ....އަނގައިން ބުނެބަލަ ދަރިފުޅާ.....] މަރީނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާން ފެށިއެވެ. ނަވާލް އިސްއުފުލައި މަންމައާއި ބައްޕަގެ މޫނަށް ބަލައިލިއެވެ.

[އާނ....ބައްޕާ....މަންމާ.....އަހަރެން ނަދުހާ ބޭނުން....ވަރަށް ބޭނުން....އެކަމަކު ނަދުހާގެ މައިންބަފައިން އަހަރެންނާ ރުހޭނެބާ؟] ނަވާލް ފެންކަޅިވިއެވެ.

[ދަރިފުޅު އެކަމާ ނުވިސްނާ. އެމީހުން މިހާރުވެސް ދަރިފުޅަށް ވާނުވާބަލާ. މިގެއަށް ނާދެވުނަސް، ކޮންމެ ދުވަހަކުވެސް ގުޅާފައި ޙާލު އޮޅުންފިލުވާ.....] ފާއިޒު ބުންޏެވެ. ނަވާލަށް ހިތްވަރު ލިބުނެވެ.

[އެކަމަކު ބައްޕާ، އަހަރެން ރަނގަޅުވީކަމަށް އެމީހުން ޤަބޫލުކުރާނެތަ؟] ނަވާލް މަންމަގެ މޫނަށް ބަލައިލިއެވެ. އޭރު މަރީނާގެ ލޮލުން ކަރުނަ އޮހިއޮހި ހުއްޓެވެ. އެކަމަކު އޭނާގެ ލޮލުން އެފައިބާ ކަރުނައަކީ އުފާވެރިކަމުގެ ކަރުނައެވެ. އެމީހުން ދެން ބޭނުންވަނީ އަލުން ނަވާލާއި ނަދުހާގެ ކައިވެނީގެ ވާހަކަ، ނަދުހާގެ ބައްޕައާއި މަންމަ ގާތު ދައްކާށެވެ.

[ދަރިފުޅާ ރަނގަޅަށް ކައިގެން އަވަހަށް ހަށިގަނޑުގައި ވަރުޖައްސަންވީ. މިހާރު ތިހުރީ މުޅިމީހާ ހިކި އަނަރޫފަވެފައި.] މަރީނާ ބުންޏެވެ.

[މަރީނާ ދޭބަލަ، ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްގެން ގެންނަން. އަދި ޖެހޭނެ މިއަދު އަހަރެން ރަޝީދުގެ ގާތަށްވެސް ދާން.] ފާއިޒު ބުންޏެވެ. މަރީނާ އެތަނުން ނުކުމެގެން ގޮސް ބަދިގެއަށް ވަނެވެ.

[އަހަރެން އެއްވެސް އެއްޗެއް ކާކަށް ބޭނުމެއް ނޫން. އަހަންނަށް ކާންދޭން ބޭނުމިއްޔާ، އަހަރެންގެ އުފާތަކަށް ހުރަސްއަޅާ ސަބަބު އޮޅުންފިލުވައިދީ.....] ޝިޒްނާ ރޮއިރޮއިފައި ވާހަކަ ދެއްކީ، އޭނާގެ މަންމައާއެވެ. އެމީހުން ވާހަކަ ދައްކަން ތިބީ ޝިޒްނާގެ ކޮޓަރީގައެވެ. ޝިޒްނާގެ މަންމަ އެކޮޓަރިއަށް އައިސް ހުރީ ޝިޒްނާއަށް ޖޫސް ތަށްޓެއް ހިފައިގެންނެވެ.

[ދަރިފުޅާ، ދެން މި ޖޫސްތަށި ބޯލާ.....] ފަރީދާ އަނެއްކާވެސް ޖޫސްތަށި ޝިޒްނާއަށް ދިއްކުރިއެވެ. ޝިޒްނާ މޫނު އަނބުރާލީ އަނެއްފަރާތަށެވެ. ވީދެރައިންނާއި ކުރި އަސަރުން ފަރީދާ ނުކުމެގެންގޮސްވަނީ ޒުބޭރު ހުރި ކޮޓަރިއަށެވެ. އޭރު ޒުބޭރު ފެންވަރައިގެން ފާޚާނާއިން ނުކުންނަނީއެވެ.

[ޒުބޭރު އެމަންޖެ ކަނީކީ ނޫން. ބޮނީކީ ނޫން...ދެންވެސް ވެގެން އުޅޭ ގޮތެއް ކިޔައިދޭން ވެއްޖެއެއްނު.] ފަރީދާ ޖޫސްތަށި މޭޒުމަތީގައި ބެހެއްޓިއެވެ. ޒުބޭރު ފަރީދާގެ މޫނަށް ބަލައިލިއެވެ. ޙަޤީޤަތް ހާމަކުރަން ހިތްއެދުނު ނަމަވެސް، ފަރީދާއާމެދު ވިސްނާލުމަށްފަހު އޭނާ އިސްޖަހާލިއެވެ.

[ކީއްވެތަ ޒުބޭރަށް ނުކެރިގެން ތިއުޅެނީ. ޢަޒީޒާ އެއީ ކާކުތަ؟ ޒުބޭރުގެ ސަބަބުން އެމަންޖެ އެއޮއް ހަލާކުވަނީ.....] ފަރީދާގެ އަޑު ބާރުވިއެވެ.

[ނުކެރިގެނެއް ނޫން...ފަރީދާ....ޢަޒީޒާ އެއީ އަފްޒަލްގެ މަންމަ. އަފްޒަލަކީ....އަފްޒަލަކީ އަހަރެންގެ ދަރިއެއް.....] ޒުބޭރު ބުނަން ނުބުނަން ހުރެފައި ބުންޏެވެ.

[އޭނ....އަފްޒަލަކީ ޒުބޭރުގެ ދަރިއެކޭ!] ފަރީދާ ކޮށިއެރިއެވެ. ޒުބޭރު އެނދުގައި އިށީނދެއްޖެއެވެ. ފަރީދާ އިތުރަކަށް އަނގަޔަކުން ނުބުންޏެވެ. ކޮޓަރިން ނުކުމެގެންދިޔައީ ހިތްހަމަޖެހިގެންހުރެ ކަމެއް، ހިތްހަމަނުޖެހިއެއް ކަމެއް ނޭނގެއެވެ. ބޮޑަށް ބުރަވެވެނީ ހިތްހަމަނުޖެހިވާ ކޮޅަށެވެ. އެހެންނޫންނަމަ، އޭނާގެ ޙަރަކާތްތައް އެހާ އަވަހެއްނުވީހެވެ.

[އަވަސްނުވާންވީ ކީއްވެ؟ ވީހާވެސް އަވަހަކަށް ކައިވެނީގެ ހުރިހާ ކަމެއްވެސް ހަމަޖައްސަން އަހަންނަށް ފެންނަނީ.] ނަވާލްގެ މަންމަ މަރީނާ ވާހަކަ ދެއްކީ ނަވާލްގެ ބައްޕަ ފާއިޒާއެވެ.

[އަދި މުޅިން އެސޮރުގެ ޞިއްޙަތުވެސް ރަނގަޅެއް ނުވެއެއްނު. މުޅިން ހަމައަކަށް އެޅުނީމާ ނޫނީ، އަލުން ކައިވެނީގެ ވާހަކަ ދައްކާކަށް އަހަންނަކަށް ލާހިކެއް ނޫން.] ފާއިޒް ބުނީވެސް ރަނގަޅު ވާހަކައެކެވެ. މިހާރު ނަދުހާގެ މައިންބަފައިންގެ ޚިޔާލު ހުރިގޮތެއްވެސް އެނގެނީކީ ނޫނެވެ. އެމީހުންގެ ވިސްނުން މިހާރު އެހެން ގޮތަކަށް ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ގައިމެވެ. ނަވާލަކީ ނަދުހާގެ މައިންބަފައިންވެސް ވަރަށް ފޮނި އުންމީދުތަކެއްކޮށް، ވަރަށް ފޮނި ހުވަފެންތަކެއް ދެކެފައިވާ ކުއްޖެކެވެ. ނަމަވެސް، ކައިވެނި ކުރަން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް، އެމީހުން ކުރި އުންމީދުތަކާއި، ދެކެމުން އައި ފޮނި ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔައީއެވެ. އެހެންކަމުން، އަލުން ނަވާލް، އެމީހުންގެ އުންމީދުތަކާ ގުޅުވާކަށް ފަހަރެއްގައިވެސް އެމީހުން ބޭނުމެއް ނުވާނެއެވެ.

ފުރިހަމަ ޞިއްޙަތަކަށް އަލުން ނަވާލް އިޢާދަވެދާނެ ކަމަކަށް އެމީހުން ޤަބޫލެއް ނުކުރާނެއެވެ. އެހެންވެ ޚުދު ނަވާލްވެސް އޭނާ ނަދުހާދެކެ ކިތަންމެ ލޯބިވިނަމަވެސް، އެކަމަކަށް އުންމީދެއް ނުކުރެއެވެ. އޭނާގެ މަންމައާއި ބައްޕަ ކިތަންމެ ހިތްވަރެއްދީ ހެދިޔަސް، އޭނާ އުފާނުވަނީ އެހެންވެއެވެ.

[އުފާކޮށްބަލަ ދަރިފުޅާ، ދަރިފުޅުގެ ޙަޔާތަށް ނަދުހާ އަންނާނޭ. ބައްޕަ މިއަދު ގޮސް ނަދުހާގެ ބައްޕަ ޝަކީބާ މަޝްވަރާ ކުރާނަން. ދަރިފުޅު ރަނގަޅުވެ ފުރިހަމަ ޞިއްޙަތަކަށް އިޢާދަވީކަން އެނގުމުން، އޭނާ ވަރަށް އުފާވާނެ.] ފާއިޒު ނަވާލްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ނަވާލް ގަދަކަމުން ހިނިތުންވުމުގެ އަސަރު ތުންފަތްމައްޗަށް ވެރިކުރުވިއެވެ. ނަމަވެސް، އެއީ ޙަޤީޤީ އުފަލެއް ޙިއްޞާކުރާ ހިނިތުންވުމެއް ނޫނެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ ސުވާލުމާކްތަކެކެވެ. މަންމައާއި ބައްޕަ ދެކޭގޮތަށް ނަދުހާގެ މަންމައާއި ބައްޕަމެން ދެކޭނެބާވައެވެ. ނަދުހާގެ ބައްޕަމެން އެކަމަށް ނުރުހިއްޖެއްޔާ، އޭނާގެ މަންމައާއި ބައްޕަމެންނަށް ބަރުދާސްތު ކުރަން ދަތި ހިތްދަތި ކަމެއް ލިބޭނެއެވެ. މިހާރު އޭނާއާހުރެ މަންމައާއި ބައްޕަގެ ހިތް އެވަނީ ފާރުވެ ކުދިކުދިވާ ޙާލުގައެވެ. އެހެންކަމުން، އެމަންމައާއި ބައްޕަގެ ޙާލާމެދު އޭނާ ވަރަށް ވިސްނައެވެ.

[ބައްޕާ....ބައްޕައާއި މަންމަ އަހަރެންގެ ދިރިއުޅުމާ ދޭތެރޭ ތިވަރަށް ނުވިސްނަބަލަ. އަހަރެންގެ ޙަޔާތަށް ނަދުހާ ނޫން ކުއްޖަކުވެސް ގެނެވިދާނެ....] ނަވާލް މަންމަގެ މޫނަށް ބަލައިލިއެވެ.

[ދަރިފުޅު ތިހެން ތިބުނަނީ، ދަރިފުޅަށް ހީވަނީތަ، ނަދުހާ ދަރިފުޅާ ނީންނާނޭ. ނަދުހާ މިހާރުވެސް ހުރީ ދަރިފުޅަށްޓަކައި އިތުރު އެއްވެސް ބައިވެރިޔަކު ޚިޔާރުނުކޮށް.] ފާއިޒަށް ލިބިފައިވާ ޔަޤީންކަން ވަރަށް ބޮޑެވެ. އެހެންނަމަވެސް، އެޔަޤީންކަމެއް ނަވާލަކަށް ނެތެވެ.

[ބައްޕަ މިދަނީ ނަދުހާގެ ބައްޕަމެންގެ ޚިޔާލުހުރިގޮތް ބަލަން އެގެއަށް ދާން.] ފާއިޒު ތެދުވިއެވެ.

[އަދި ފަހުންވެސް ދެވިދާނެއެއްނު. އިހަށް ބައްޕަ މަޑުކޮށްބަލަ.] ނަވާލް ހުއްޓުވީ ބައްޕަ އެގެއަށް ފޮނުވަން އޭނާ ބޭނުންނުވާތީއެއް ނޫނެވެ. ކާމިޔާބު ލިބިދާނެ ކަމަށް ޔަޤީން ނުވާތީއެވެ.

[ދަރިފުޅާ.....ރީތިކޮށް ހަމަޖެހިގެން ހުރެބަލަ. ބައްޕަ އަންނާނަން.] ފާއިޒު ހިނގައިގެންފިއެވެ. ނަމަވެސް، ނަވާލް އިތުރަކަށް ބައްޕަ ހުއްޓުވާކަށް މަސައްކަތެއް ނުކުރިއެވެ.

މުނާޒް ބޭނުންވަނީ ނަދުހާގެ ޙަޤީޤަތް ހާމަނުކޮށް ނަދުހާގެ ރުހުން ހޯދައި، އޭނާގެ ދިރިއުޅުމަށް ނަދުހާ ގެންނަންކަމުން އަދިވެސް އޭނާ ނަދުހާއަށް އާދޭސް ކުރަމުން ދަނީއެވެ. ނަދުހާގެ ދިރިއުޅުމަށް އެންމެ އެކަށީގެންވާ މީހަކީ އޭނާ ކަމުގައި ޤަބޫލު ކުރުމަށް އެދިއެވެ. އެއީ ވަރަށްބޮޑު ތެދެކެވެ. މިދުނިޔޭން މުނާޒް ނޫނީ ނަދުހާގެ ހިތުން ޖާގައެއް ހޯދުނު މީހަކު ނެތެވެ. މިހާރު ކިތަންމެ ދެކޮޅުހެދި ނަމަވެސް، ނަދުހާ މުނާޒްދެކެ ވަރަށް ލޯބިވެއެވެ. މުނާޒްގެ ލޯބި ޙިއްޞާނުކޮށް ދިރިއުޅުން ވޭތުކުރުމަކީ، މިހާރު އޭނާއަށް މާފަސޭހަ ކަމެއް ނޫނެވެ. ޙަޤީޤަތުގައި އޭނާ މުނާޒްދެކެ އިންތިހާއަށް ލޯބިވެއެވެ.

[ލޯބިވޭ....ވަރަށް ލޯބިވޭ.....އެކަމަކުވެސް ހެޔޮ.....މާފެއް ނުކުރާނަން. ތިސޫރަ ދެކޭކަށްވެސް ބޭނުމެއް ނޫން.] ނަދުހާ ރޮމުން ވާހަކަ ދެއްކީ މުނާޒާއެވެ. އެމީހުން ވާހަކަ ދައްކަން ތިބީ ނަދުހާގެ ކޮޓަރިތެރޭގައެވެ.

[ލޯބިވަންޏާ...މަޢާފް ކުރާނެ. އަދި ބުނަން، ނަދޫ ބޭނުމިއްޔާ، މިނޫން ސިފައެއްގައިވެސް އަހަރެން ނަދުހާއާ ކުރިމަތިލާފާނަމޭ.] މުނާޒް ނަދުހާއާ ގާތަށް ޖެހެން ފެށިއެވެ.

]ބޭނުމެއް ނޫން....އަހަރެން ކުރިމަތިން ދުރަށްދޭ. އަހަރެންގެ ހުއްދަ ނުލިބި ކޮޓަރިއަށް ވަނީ ކީއްކުރަން.] ނަދުހާ ހަޅޭއްލަވައިގަންނަން އުޅުނެވެ. ނަމަވެސް، އެހިނދު މުނާޒް ނަދުހާގެ އަނގަމަތީގައި އަތްއެޅިއެވެ. ނަދުހާ މުނާޒް ފޮޅުވާލަން ކިތަންމެ މަސައްކަތްކުރި ނަމަވެސް، މިހާރު ނަދުހާ އެހުރީ މުނާޒްގެ ބާރުގަދަ ދެއަތުގެތެރޭގައި ހައްޔަރުވެފައެވެ.

[ނަދޫ އަހަރެންގެ ބީހުންތަކުގެ އިޙްސާސްތައް ހަނދާނެއްނުވޭތަ. އަދިވެސް އެފަދަ އިޙްސާސްތަކަށް މިހާރު ހިތް ނޭދެނީތަ؟] މުނާޒް ނަދުހާ އިތުރަށް އޭނާގެ މޭގެތެރެއަށް ބޮނޑިކޮށްލިއެވެ. ހިނދުކޮޅަކަށް ނަދުހާއަށް މުނާޒްގެ މޭގައި މޫނު ޖައްސާލެވުނު ކަމުގައިވިޔަސް، މުނާޒް ނުވިސްނައި ހުއްޓާ އޭނާ މުނާޒްގެ އަތުތެރޭން ސަލާމަތްވީ ވަރަށް ފަސޭހައިންނެވެ.

[ނަދޫ....ކިހިނެއް ތިހެދީ.....ތިހެން ނަހަދާ ނިކަން އައިސްބަލަ.....] މުނާޒް ނަދުހާއާ ދިމާއަށް އަތްދިއްކުރިއެވެ. ނަދުހާ ތުންދިއްކޮށްލުމަށްފަހު މޫނުވެސް އަނބުރާލިއެވެ. މުނާޒް އަނެއްކާވެސް އައިސް ނަދުހާއާ ދާދި ގާތަށް ހުއްޓިއްޖެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން