ޞާދިރު ޢަލީދީދީ   31 އޯގަސްޓު 2020 - 14:29
ސަންޑޭ
ސަންޑޭ
އެޕިސޯޑް 08

...............

ހިނދުކޮޅަކަށް ނަދުހާއަށް މުނާޒްގެ މޭގައި މޫނު ޖައްސާލެވުނު ކަމުގައިވިޔަސް، މުނާޒް ނުވިސްނައި ހުއްޓާ އޭނާ މުނާޒްގެ އަތުތެރޭން ސަލާމަތްވީ ވަރަށް ފަސޭހައިންނެވެ.

[ނަދޫ....ކިހިނެއް ތިހެދީ.....ތިހެން ނަހަދާ ނިކަން އައިސްބަލަ.....] މުނާޒް ނަދުހާއާ ދިމާއަށް އަތްދިއްކުރިއެވެ. ނަދުހާ ތުންދިއްކޮށްލުމަށްފަހު މޫނުވެސް އަނބުރާލިއެވެ. މުނާޒް އަނެއްކާވެސް އައިސް ނަދުހާއާ ދާދި ގާތަށް ހުއްޓިއްޖެއެވެ.

[ކިހާ ބޮޑުވެއްޖެ ކަމެއް. ހަމަ މިހާރު މިކޮޓަރިން ނުކުމޭ. ތިހެން ކިތަންމެވަރަކަށް އުނދަގޫކުރިޔަސް، ކަލެއަކަށް ކާމިޔާބެއް ނުލިބޭނެ.] ނަދުހާ ކުރިއަށްވުރެންވެސް ބާރަށް ހަޅޭއްލަވައިގަތެވެ. ލިބުނު ސިހުމާއެކު، މުނާޒް ކުޑަކޮށް ފަހަތަށް ޖެހިލިއެވެ.

[ތިހެންވީއިރު އަހަރެން ދެން ދަނީ....އަހަރެން ދިޔައީމަ، ފަހުން ނަދުހާ އަހަރެން ހޯދަން އުޅޭނެ.....] މުނާޒް ކުރިއަށް ހިނގައިގެންފިއެވެ.

[ހީވާގޮތްތީ....އަހަންނެއް ނޫޅޭނަން.] ނަދުހާ މޫނު ކުނިކޮށްލިއެވެ. މުނާޒް ގެއްލުނެވެ. ނަމަވެސް، ނަދުހާ ހިތަށް ބިރުވެރިކަމުގެ ކަންފުޅެއްވެސް ނުވަދެއެވެ.

ދަލޭކަ އައިސް އެކޮޓަރިއަށް ވަނީ އެވަގުތުއެވެ. ދަލޭކަ އައިގޮތަށް އައިސް ނަދުހާއާ ދާދި ގާތަށް ހުއްޓިއްޖެއެވެ.

[ދަރިފުޅާ....ހާދަ މާޔޫސްވެފައި. އަނެއްކާ......ކަމެއް ގޯސްވީތަ؟] ދަލޭކަ ނަދުހާގެ ބުރަކަށީގައި ފިރުމާލިއެވެ.

[ކަމެއްނުވޭ. އެ މުނާޒްގެ މަތިން އަހަރެން ވަރަށް ފޫހިވެއްޖެ.] އަހަރެން ބޭނުންވަނީ ދާއިމަށް އޭނާއާ ވަކިވާން.] ނަދުހާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

[ތީ ރަނގަޅު ވިސްނުމެއް ނޫން ދަރިފުޅާ....ދަރިފުޅުގެ ޚިޔާލު ތިގޮތަށް ބަދަލުވެއްޖެއްޔާ، ދަރިފުޅުގެ ބައްޕަމެން އަނެއްކާވެސް ނަވާލާ ދަރިފުޅު ގުޅުވަން މަސައްކަތް ކޮށްފާނެ.] ދަލޭކަ ހީވަނީ މުނާޒްގެ ދިފާޢުގައި ވާހަކަ ދައްކަން މުނާޒް ފޮނުވައިގެން އުޅޭ މީހެއްހެނެވެ.

[އެގޮތްވެސް މާރަނގަޅު. އަހަރެންގެ ޙަޔާތަށް ނަވާލް ގެންނަންޖެހުނަސް އަހަންނެއް މުނާޒަކާ ނުގުޅޭނަން. އެއީ މަކަރުވެރި ރޭވުންތެރިއެއް. ދަލޭކަދައްތަވެސް އޭނާގެ ދިފާޢުގައި އަހަންނާ ވާހަކަ ދެއްކުމަކީ، އަހަރެން މާ ރުހޭ ކަމެއް ނޫން.] ނަދުހާ ދަލޭކައާ ދޭތެރޭވެސް ހިތްހަމަނުޖެހުނެވެ. އެހެންކަމުން، އިތުރަށް އެ މަޥްޟޫޢަށް ވާހަކަ ދައްކަން ބޭނުންނުވާތީ އޭނާ ކޮޓަރިން ނުކުތެވެ. އެއީ ނަވާލްގެ ކައިވެނީގެ ރުހުން ހޯދަން ނަވާލްގެ ބައްޕަ އެގެއަށް އައިސްވަން ވަގުތެވެ. އޭރު ސިޓިންގރޫމްގައި ނަދުހާގެ ބައްޕައާއި މަންމައާ ދެމީހުންވެސް ތިއްބެވެ. ފާއިޒް އައިގޮތަށް އައިސް، ޝަކީބް ތަން ދެއްކީމާ އިށީނެވެ.

[ހާދަ ދުވަހެއްކޮށްލާފައި، ކޮންދަތުރެއް.....؟] ޝަކީބް އެއްސެވެ. ފާއިޒު ފުރަތަމަ ކުޑަކޮށް ފަސްޖެހުނެވެ. އެހެން ނަމަވެސް، ނަދުހާގެ މޫނަށްވެސް ދެފަހަރު ބަލައިލުމަށްފަހު، އޭނާ ފުން ނޭވާއެއްލުމަށްފަހު، އޭނާ އައި މަޤްޞަދު ޙާޞިލު ކުރުމަށް އަވަސްވެގަތެވެ.

[ދަރިފުޅާ ނަދުހާ...ނަވާލްގެ ކައިވެންޏާ ނަދުހާ ޤަބޫލުތަ؟] އުއްމީދު ގެއްލި މާޔޫސްވެފައިވާ ރާގެއްގައި ފާއިޒު އެއްސެވެ.

[ޝަކީބް، ނަވާލް މިހާރު މުޅިން ރަނގަޅުވެއްޖެ. އެސޮރު މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް ނަދުހާއާ ކައިވެނި ކުރަން.] ފާއިޒު މިހެން ބުނީމާ، ޝަކީބް ބަލައިލީ ނަދުހާގެ މޫނަށެވެ. ހީވަނީ އެމޫނުމަތިން އޭނާގެ ހިތުގައިވާ ސުވާލެއްގެ ޖަވާބު ލިބިގަންނަން އުޅުނުހެންނެވެ.

[ފާއިޒު، މިހާރު އަހަރެންވާނީ އެމަންޖެގެ ޙަޔާތަށް ގެންނާނެ މީހަކު އިޚްތިޔާރު ކުރުމުގެ ފުރިހަމަ ބާރު، އެމަންޖެއަށްދީފައި. އަހަރެމެން ތިކަމަށް އެއްވެސް ބާރެއް ފޯރުވާކަށްނެތިން. ފާއިޒުވެސް ދެން އެމަންޖެއާ މަޝްވަރާކުރޭ.] ޝަކީބް އަނެއްކާވެސް ނަދުހާގެ މޫނަށް ބަލައިލިއެވެ. އޭރު ނަދުހާ ހުރީ އިސްޖަހާލައިގެން އެކަމާ ދޭތެރޭ ވިސްނާށެވެ.

ޝަކީބް، އޭނާގެ ނިންމުން ހާމަކުރިއިރު، ފާއިޒު ވަރަށް މާޔޫސްވެ ދެރަވެއްޖެއެވެ. އޭނާ އުއްމީދުކުރިގޮތާއި ރަޙްމަތްތެރިޔާގެ ޚިޔާލު މުޅިން ތަފާތުކަން ކަށަވަރުވުމުން، އޭނާގެ ކަރު އެލުނުކަހަލައެވެ. ނަމަވެސް، ނަދުހާއާ މަޝްވަރާކޮށްފައި ނޫނީ ދާކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ. އެހެންކަމުން، އެހިނދު އޭނާ ތެދުވެގެންގޮސް ނަދުހާއާ ދާދި ގާތަށް ހުއްޓިއްޖެއެވެ. އޭރުވެސް ނަދުހާ ހުރީ ޚިޔާލީ ފުންކަނޑެއްގައިކަމުން، ފާއިޒު އޭނާއާ ދާދިގާތަށް ހުއްޓުމުން އޭނާ ސިހިއްޖެއެވެ. ފާއިޒު ނަދުހާއަށް ހިނިތުންވެލިއެވެ.

[ދަރިފުޅާ ނަދުހާ...މި ބޭބެގެ ދަރިފުޅު ނަވާލްގެ ކައިވެންޏާ ދަރިފުޅު ރުހި ޤަބޫލުތަ؟ ބޭބެ ވަރަށް އުއްމީދު ކުރަން، ދަރިފުޅު ރުހޭނެ ކަމަށް....] ފާއިޒު އުއްމީދު ގެއްލި މާޔޫސްވެފައިވާފަދަ ގޮތަކަށް އެއްސެވެ. ނަދުހާ މައްޗަށް (ސީލިންގއާ ދިމާއަށް) ބަލައިލިއެވެ. ކޮންމެ ގޮތެއްވިޔަސް، މުނާޒް، އޭނާގެ ޙަޔާތަށް ގެންނާކަށް މިހާރަކު އޭނާ ބޭނުމެއް ނޫނެވެ. ޙަޤީޤަތުގައި ނަވާލަކީވެސް އޭނާގެ ދިރިއުޅުމަށް ގެންނަން ބޭނުންވާ މީހެއް ނޫނެވެ. ނަމަވެސް، މި ކުޑަވަގުތުކޮޅުތެރޭ ކޮންމެވެސް އެއްގޮތެއް އޭނާ ނިންމަން އެބަޖެހެއެވެ. އެހެންކަމުން، އޭނާގެ ސިކުނޑިއަށް ތަފާތު ޚިޔާލުތައް ފުނިޖެހެން ފަށައިފިއެވެ.

[ނަދުހާ....ނަދުހާ....އާދޭސްކުރަން ނަދުހާ....ނަވާލަށް ރުހޭބަސް ނުބުނާތި.....] ކުއްލިއަކަށް ނަދުހާއާ ދާދިގަތުން އިވުނީ ސީދާ މުނާޒްގެ އަޑެވެ. ހީވީ ކަންފަތްބުޑުން އިވުނުހެނެވެ. ނަމަވެސް، އެ އަޑު އޭނާ ނޫން މީހަކަށް އިވުނުހެނެއް ހިއެއްނުވެއެވެ. ވުމާއެކު އޭނާގެ ސިހުން ކުޑަވިއެވެ.

[ކަލޭ ތިހެން ބުނީތީވެސް ބުނާނަން....] ނަދުހާއަށް ހިތާހިތާ ބުނެލެވުނެވެ. ދެން އޭނާ ބަލައިލީ ގާތުގައި ހުރި ނަވާލްގެ ބައްޕަގެ މޫނަށެވެ.

[އަހަރެން ނަވާލްގެ ކައިވެންޏާ ރުހި ޤަބޫލު.....] ނަދުހާގެ މިޖުމްލައިން ފާއިޒަށް އުފަލާއި ހިތްހަމަޖެހުން ލިބުނު ކަމުގައިވިޔަސް، ޝަކީބްމެންގެ މޫނުމަތިން ފާޅުވެގެންދިޔައީ ޙައިރާންކަމުގެ ކުލަވަރެވެ. ހީވީ އެމީހުންވެސް އެދޭގޮތް ނޫންގޮތަށް ކަމެއް ނިމުނީހެންނެވެ. ޙަޤީޤަތަކީވެސް އެއީއެވެ. މިހާރު ނަވާލް ނަދުހާއާ އިންނާކަށް އެމީހުން ޤަބޫލެއް ނޫނެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި، ނަވާލަކީ ބަލި މީހެކެވެ. ދުވަސްކޮޅަކަށް ބަލި ރަނގަޅު ކަމަށް ފެނުނު ކަމުގައިވިޔަސް، ފަހުންވެސް އެބައްޔާ ކުރިމަތިލާން ޖެހުމަކީ ގާތްކަމެއް ކަމުގައި އެމީހުން ޤަބޫލުކުރެއެވެ.

ކައިވެންޏާ އެމީހުން ނުރުހުނު ކަމުގައިވިޔަސް، އެކަން ފާއިޒް ކުރިމަތީގައި ފާޅުކުރާކަށް އެމީހުން ބޭނުމެއްނުވެއެވެ. އެހެންނޫނަސް، ހީކުރިގޮތާ ޚިލާފަށް ނަދުހާވެސް މިހާރުވަނީ ކައިވެންޏާ ރުހޭބަސް ބުނެފައެވެ.

[އަހަރެން ވަރަށް އުފާވެއްޖެ. ދެތިން ދުވަސްތެރޭ ކައިވެނީގެ ކަންތައް ހަމަޖެހޭނެ.] ހިތްހަމަޖެހިފައި ހުރި ފާއިޒު، ދެން ދަނީއޭ ބުނެފައި ހިނގައިގަތެވެ. ނަދުހާގެ މަންމައާއި ބައްޕައާ ދެމީހުން ތިބީ ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓި އާގަމަވެފައެވެ.

[މަންމަމެން ނިކަން ޙައިރާންވެއްޖެދޯ. އަހަރެން ނަވާލްގެ ކައިވެންޏަށް އާނ ބަސް ބުނީމަ.] ނަދުހާ ހިނިތުންވެލަމުން، މަލާމާތްކުރާފަދަ ގޮތަކަށް އޭނާއަށް އެކަނި ފެންނަ ގޮތަށް ކުރިމަތީގައި ހުރި މުނާޒަށް ބަލައިލިއެވެ. މުނާޒް ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

[ބައްޕަމެން މިތިބީ ބުނާނެ އެއްޗެއް ނޭނގިފައި....] ޝަކީބް ބުންޏެވެ.

[ބައްޕާ...ނަވާލްގެ ބައްޕަ މިގެއަށް އައީ ކިހާ ފޮނި އުއްމީދެއްކޮށްފައި. އެއްވެސް މީހެއްގެ އުއްމީދުތައް އަހަރެންގެ ސަބަބުން ނެތިކޮށްލުމަކީ، އަހަރެންގެ ހޮބީއެއް ނޫން. އަހަރެން ނަވާލާ އިންނާނަން. އަދި އެންމެ ތެދުވެރި މީހަކަށް އަހަންނަށް ފެނިފައިވަނީވެސް ނަވާލް.....] މިހެން ބުނެފައިވެސް، އޭނާ ބަލައިލީ ކުރިމަތީގައި ހުރި މުނާޒަށެވެ. އެހެން ހުރިއިރު މުނާޒް ހީވަނީ ގޮތް ހުސްވެ މާޔޫސްވެފައިވާ އިންސާނެއްހެންނެވެ. ނަމަވެސް، އެމޫނު ފެނި، ނަދުހާގެ ހިތުގައި ރަޙުމެއް ނުއުފެދެއެވެ.

މުނާޒާ ދިމާއަށް ލޯއަޅާލުމަށްފަހު، ނަދުހާ ގޮސް ކޮޓަރިއަށް ވަނީ އިތުރަށް އެމަޥްޟޫޢަށް ވާހަކަ ދައްކަން ބޭނުންނުވާތީއެވެ.

[ދަރިފުޅަށް އުފަލާއި ހިތްހަމަޖެހުންހުރި....މާތްރަސްކަލާނގެ އިރާދަފުޅުން ނަދުހާ ވަރަށް އުފަލާއެކު ކައިވެންޏާ ރުހިއްޖެ.] އުފާވެރި ޚަބަރު ވަރަށް ހިތްހަމަޖެހުމާއެކު ފާއިޒް ނަވާލަށްދިނެވެ.

[ފިސާރި ތެދެއް.....އަލްޙަމްދުﷲ ޝުކުރު.] މަރީނާ ފުން ނޭވާއެއްލިއެވެ. އުފަލާއި ހިތްހަމަޖެހުމާ އެކުގައެވެ. ނަވާލްގެ މޫނުމަތި އަލިވެ އުޖާލާވެގެންދިޔަ ކަހަލައެވެ. ދުވަސްތަކާއި ޙާލަތު ކޮންމެ ގޮތަކަށްދިޔަ ކަމުގައިވިޔަސް، ނަދުހާދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ދުވަސްތަކެއް ކުރިން އޭނާ ބަލިމީހަކަށްވީ، ނަދުހާގެ ލޯތްބަށް އޭނާ ވަރަށް ބޭނުންވެފައި ވަނިކޮށެވެ. ވީމާ، އަދިވެސް އޭނާގެ ހިތުގައި ނަދުހާގެ ލޯބިވަނީ ބިންވަޅު ނެގިފައެވެ.

[ބައްޕަ ސީދާ ނަދުހާއާ ވާހަކަ ދެއްކިންތަ؟] ޤަބޫލު ކުރަން ދަތިވެފައި ހުރި ނަވާލް އެހިއެވެ.

[އާނ، ދަރިފުޅާ...ބައްޕަ ވާހަކަ ދެއްކީ ސީދާ އެމަންޖެއާ. އެމަންޖެ ވަރަށް ޤަބޫލު.....] ފާއިޒު ޔަޤީންކަންދިނެވެ. އެދުވަހު ފާއިޒް ނަވާލާ މަޝްވަރާ ކުރުމަށްފަހު، ކައިވެނި ކުރާނެ ތާރީޚެއްވެސް ކަނޑައެޅިއެވެ.

ކަންތައް ދިމާވިގޮތުން އަފްޒަލްގެ މަންމަ ޢަޒީޒާ މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް މާލެދޫކޮށް، އުފަން ރަށަށްދާށެވެ. ނަމަވެސް، އެގޮތެއް ޤަބޫލުކުރާކަށް އަފްޒަލް ބޭނުމެއް ނޫނެވެ. އަފްޒަލް ބޭނުންވަނީ، މަންމަ އޭނާގެ ގާތުގައި މާލޭގައި ބޭންދުމަށެވެ.

[ދަރިފުޅާ....މަންމަ ދެން ޢަމުދުންވެސް މިރަށުގައި ހުންނާކަށް ބޭނުމެއް ނޫން.] ޢަޒީޒާ ބުންޏެވެ.

[ނޫން...މަންމާ...މަންމަ ދެން ހުންނަންވާނީ އަހަރެން ގާތުގައި މިރަށުގައި. މަންމަ އަހަރެން ގާތުގައި ހުރުމަކީ އަހަންނަށްވެސް ލިބޭނެ ވަރަށްބޮޑު ހިތްހަމަޖެހުމެއް....އަދި އަހަރެން ބޭނުން، މަންމަ ނިކަމެތިކޮށްލި އެނުލަފާ މީހާ ފަޟީޙަތްކޮށްލަންވެސް......] އަފްޒަލް ހުރީ އޭނާގެ ބައްޕައާމެދު ވަރަށް ނުރުހިފައެވެ. އެއީ ވާނެވެސް ގޮތެވެ. އޭނާގެ ޢުމުރުން މިހާތަނާ ޖެހެންދެންވެސް އެބައްޕައެއްގެ ލޯތްބެއް އޭނާއަކަށް ނުލިބެއެވެ. އޭނާއަށް ކުރިން އެނގިފައިވާ ގޮތުގައި، އޭނާގެ ބައްޕަވަނީ އޭނާ ވަރަށް ތުއްތުއިރުގައި ނިޔާވެފައެވެ. ނަމަވެސް، އިއްތިފާޤެއްގެ ސަބަބުން އެރާގު މިއަދު ވަނީ ބަދަލުވެފައެވެ. ބަދަލުވިއިރު އޭނާއަށްވަނީ ހިތުން ފިލައިގެންނުދާނޭފަދަ ލައްގަނޑެއްވެސް ޖެހިފައެވެ. އެއްބަފާ ކޮއްކޮއަކުދެކެ އޭނާއަށް ވަނީ ޢިޝްޤީ ނަޒަރަކުން ލޯބިވެވި، އެކޮއްކޮ އޭނާގެ ޙަޔާތަށް ގެންނަން މަސައްކަތް ކުރެވިފައެވެ. އެކަމަކު އެކަމުގައި އޭނާއާއި ޝިޒްނާގެ އެއްވެސް ކުށެއް ނެތެވެ. ކުށްކުރީ ދެފަރާތުގެވެސް ބެލެނިވެރިންނެވެ. ޢަޒީޒާވެސް، އަފްޒަލްގެ ބައްޕަ ދުނިޔޭގައި ހުއްޓާ މަރުވެއްޖޭ ބުނެގެން ނުވާނެއެވެ. ހަމައެފަދައިން، ޒުބޭރުވެސް އޭނާގެ އިތުރު ކުއްޖަކު ހުރިކަން ސިއްރު ކުރުން އެއީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. އަފްޒަލާއި ޝިޒްނާ ބައްދަލުވެ ގުޅުން ބަދަލުވުމުގެ ކުރިން ޒުބޭރު ނުވަތަ ޢަޒީޒާ ދުނިޔެ ދޫކޮށްދިޔަނަމަ، ދެން ކަންތައް ވެގެންދާނީ ކިހިނެއްބާއެވެ؟ ހަމަގައިމުވެސް އެއްބަފާ ދެބެން ކައިވެނީގެ ގުޅުމަކުން ބަނދެވޭނެއެވެ. އޭގެ ހުރިހާ ފާފައެއްވެސް ޙައްޤުވެ ލިބޭނީ ޢަޒީޒާއަށާއި ޒުބޭރަށެވެ. މިއީވެސް މިހާރަކަށްއައިސް މަދުން ނަމަވެސް، މި ކުޑަކުޑަ ރާއްޖޭގައިވެސް ހިނގަމުންދާ ކަންތަކެވެ.

[ކީއްވެތަ ކުރިން ބައްޕަ އަހަރެންގެ ބޭބެއަކު ހުންނަ ވާހަކަ ނުބުނީ....ކިހިނެއްތަ އަހަރެން ދެން ބޭބެއާ ކުރިމަތިލާނީ....މަންމާ.....] ބާރުބާރަށް ރޮމުން ޝިޒްނާ، އޭނާގެ މަންމަގެ ކޮނޑުގައި ބޯއަޅާލިއެވެ. އެވަގުތު ޒުބޭރުވެސް ކޮޓަރިން ނުކުމެގެން އައިސް އެތަނަށް ހުއްޓިއްޖެއެވެ.

]ހިތްވަރުކުރޭ ދަރިފުޅާ.....ނުރޮއޭ ހުއްޓާލާ.....] ފަރީދާ ޝިޒްނާއަށް ހިތްވަރުދިނެވެ.

[މަންމާ......ކިހިނެއްތަ އަހަރެން ހިތްވަރު ކުރާނީ....ބޭބެއެއްގެ ގޮތުގައި ކިހިނެއްތަ އަހަރެން އަފޫ ބަލާނީ.] ޝިޒްނާ ކުރިއަށްވުރެންވެސް ބާރަށް ރޮއިގަތެވެ.

[ހިތްވަރު ކޮށްފިއްޔާ، ހުރިހާ ކަމެއްވެސް ރަނގަޅުވާނެ....ބައްޕަ މިއަދު އަފްޒަލް މިގެއަށް ގެންނާނަން.....] މިފަހަރު ޝިޒްނާއަށް ހިތްވަރުދިނީ އޭނާގެ ބައްޕައެވެ. ނަމަވެސް، މިއަދު އެބައްޕަގެ ހިތްވަރުގެ ބަސްތަކަކުން އޭނާއަށް މާބޮޑު ހިތްހަމަޖެހުމެއް ނުލިބުނެވެ. އެބައްޕައާމެދު އޭނާވަނީ ވަރަށް ބޮޑަށް ނުރުހިފައެވެ.

[ބައްޕަ އަހަންނަށް ހިތްވަރުނުދީ....ބައްޕަގެ ސަބަބުން އަހަރެންގެ އުފާތައް ވެއްޔާ މޮޑެވިއްޖެ. ބައްޕަ މިތަނުންދޭ.....] ޝިޒްނާ މަންމަގެ މޭގެތެރޭގައި މޫނު ފޮރުވާލިއެވެ. ޙަޤީޤަތުގައި ފަރީދާވެސް ވަނީ ޝިޒްނާއަށް ކަންތައްތަކެއް ސިއްރުކޮށްފައެވެ. ނަމަވެސް، ސިއްރު ހާމަކޮށް، އިތުރަށް ޝިޒްނާ ދެރަކޮށްލުމަކީ ފަރީދާއަށް ކުޅަދާނަވާވަރުގެ ކަމެއްވެސް ނޫނެވެ.

[ބައްޕާ އަފޫ.....މިގެއަށް ނުގެންނާތި....ބޭބެއެއްގެ ނަޒަރުން އަފޫއަށް ބެލުމަކީ، އަހަންނަށް ކުޅަދާނަވާވަރުގެ ކަމެއް ނޫން.....އަހަރެން މަރުވި ދުވަހަކުން އަފޫ ގެނޭ.....] ގިސްލަމުން ޝިޒްނާ ވާހަކަ ދެއްކިއެވެ.

[ނުރޮއޭ....ދަރިފުޅާ....އަފްޒަލަކީ ދަރިފުޅުގެ ބޭބެއެއް ނޫން....ދަރިފުޅުތީ އަފްޒަލްގެ ކޮއްކޮއެއްވެސް ނޫން.] ޒުބޭރު ގޮސް ޝިޒްނާގެ ކޮނޑަށް އަތް ވައްޓާލިއެވެ. ޒުބޭރުގެ މިޖުމްލައާއެކު ޝިޒްނާއާއި ފަރީދާއަށް ވަރަށްބޮޑު ސިހުމެއް ލިބުނެވެ.

[ޒުބޭރު ކީކޭތަ ތިބުނީ؟ ތިބުނެވުނު އެއްޗެއް ނުވިސްނޭތަ؟] ފަރީދާ ހިތްހަމަނުޖެހުނީ، ޒުބޭރުގެ އެޖުމްލައިން ޝިޒްނާއަށް އިތުރު ހިތްދަތިކަމެއް ލިބިދާނެތީއެވެ.

[ފަރީދާ މިކަން ސިއްރުކޮށްގެން ތިބެ، އެމަންޖެއަށް ދެވޭ ހިތްދަތިކަން މާ ބޮޑުވާނެ. ހަމަގައިމުވެސް ޝިޒްނާގެ ހިތް ނޭދޭނެ، އަފްޒަލަކީ އޭނާގެ ބޭބެ ކަމުގައި ޤަބޫލުކުރާކަށް....] ޒުބޭރު ބުންޏެވެ. އޭރުވެސް ޝިޒްނާ ހުރީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ.

[މަންމާ...ބައްޕަ އެކިޔަނީ ކީކޭތަ؟] ޙައިރާންވެފައި ހުރި ޝިޒްނާ އެއްސެވެ.

[ދަރިފުޅާ ބައްޕަ އެބުނަނީ ރަނގަޅަށް. އަފްޒަލަކީ ދަރިފުޅުގެ ބޭބެއެއް ނޫން.] ފަރީދާ ބުންޏެވެ.

[ދެން ކިހިނެއްތަ އަފޫ ބައްޕަގެ ދަރިއަކަށްވީ؟ އެއީ ބައްޕަގެ ދަރިއެއް ނޫންދޯ.] ޝިޒްނާއަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ލިބުނުކަހަލައެވެ.

[އަފްޒަލަކީ މިބައްޕަގެ ދަރިއެއް...ދަރިފުޅުގެ ބައްޕައަކީ.....] ޒުބޭރު ކުރިއަށް ނުގެންގޮސް ހުއްޓާލީ، ޝިޒްނާގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރު ފެނިފައެވެ. ނަމަވެސް، ޝިޒްނާއަށް ޒުބޭރު އެބުނަން އުޅުނީ ކީކޭކަން ވިސްނުނުކަހަލައެވެ. އޭނާ ކުރިއަށްވުރެންވެސް ބާރަށް ރޮއިގަތެވެ.

[ނޫން...ނޫން....ތިހެން ނުބުނޭ ބައްޕާ....] ޝިޒްނާ މަންމަގެ ގައިން ދޫކޮށްލުމަށްފަހު، ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޝިޒްނާގެ ފަހަތުން ފަރީދާއާއި ޒުބޭރުވެސް އެކޮޓަރިއަށް ވަދެއްޖެއެވެ.

[ދަރިފުޅާ.....މަންމައަށް މަޢާފްކުރޭ. ދަރިފުޅުގެ ބައްޕައަކީ ޒުބޭރެއް ނޫން....ފަހުން މަންމަ ދަރިފުޅުގެ ޙަޤީޤީ ބައްޕަ ދަރިފުޅަށް ދައްކާނަން. މިހާރު މިވާހަކަ ދަރިފުޅު ގާތު ބުނަން މިޖެހުނީވެސް ދަރިފުޅުގެ އުފަލަށްޓަކައި، ދަރިފުޅާއި އަފްޒަލްގެ ކައިވެންޏަށް ހުރަހެއް ނެތްކަން ހާމަކުރުމުގެ ގޮތުން.] ފަރީދާގެ ދެލޮލުންވެސް ކަރުނަ އޮހެމުންދިޔައެވެ. އޭރު ޒުބޭރުގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.

[އަހަރެންގެ ބައްޕައަކީ ކާކުތަ؟].....ޝިޒްނާ ރޮމުން ގިސްލަމުން ވާހަކަ ދެއްކިއެވެ. ނަމަވެސް، ފަހުން ބައްޕައާ ބައްދަލުކޮށްދޭނެ ކަމަށް ބުނެ، އެވަގުތު ފަރީދާ ޝިޒްނާ ހަމައަކަށް އެޅުވިއެވެ.

އުފަލަކަށްފަހު ހިތާމައެއް، ހިތާމައަކަށްފަހު އުފަލެއް ލިބޭނޭ ބުނާ ބީދައިން، މިއީ މިހާރު އަނެއްކާވެސް ނަވާލްގެ ދިރިއުޅުމުގައި ދިމާވެފައިވާ އެންމެ އުފާވެރި ދުވަސްވަރެވެ. އޭނާގެ ހިތުގައި، އެކުއްޖެއްގެ ނަން ބިންވަޅު ނެގިފައިވާ ބައިވެރިޔާ، އޭނާގެ ކައިވެންޏަށް ރުހި ޤަބޫލުވުން އެއީ އޭނާއަށް ލިބޭ ކުޑަ އުފަލެއް ނޫނެވެ. އެ އުފާވެރި ޚަބަރު ދިނުމަށްޓަކައި މިހާރު އޭނާ އެތައްފަހަރަކު އަފްޒަލަށްވެސް ގުޅަން މަސައްކަތް ކޮށްފިއެވެ. ނަމަވެސް، އަފްޒަލްގެ ފޯނު އޮން ކޮށްފައި އޮންނަ ވަގުތެއް ނުދެއެވެ.

[އަނެއްކާ އަފްޒަލް މާލޭގައި ނޫޅެނީބާ؟] ނަވާލް ވާހަކަ ދެއްކީ، އޭނާގެ މަންމައާއެވެ.

[މިހާރު ގުޅާބަލަ. ފަހަރެއްގައި ގުޅިދާނެއެއްނު. ކައިވެނި ކޮށްގެން މާމުއިހަނދުގެ ދުވަސްތައް ހޭދަކުރަން ރަށަށް ދިޔައީކީނޫންބާ؟] މަރީނާ ބުންޏެވެ. ނަވާލް ފޯނު ކައިރިއަށް ގޮސް، އަފްޒަލްގެ ނަމްބަރަށް ގުޅާލިއެވެ. ކުރީފަހަރުތަކާ ޚިލާފަށް، މިފަހަރު ފޯނު ރިންގްވާން ފެށިއެވެ. މާގިނައިރުތަކެއްނުވެ އަފްޒަލް ފޯން ނެގިވެސްމެއެވެ.

[އަފްޒަލް...ވަރަށް އަވަހަށް މިގެއަށް އައިސްބަލަ. އަފްޒަލަށް ގުޅަން އުޅޭތާ ދެދުވަސްމިވީ...އަބަދުވެސް ފޯން އޮފްކޮށްފައި އޮންނަނީ. މެރީކޮށްފިންތަ މިހާރު.....؟] އޭނާގެ އުފާވެރި ޚަބަރު ދިނުމަށްޓަކައި ނަވާލްގެ ހިތްވަނީ އަވަސްވެފައެވެ. ނަވާލް މާ ރީތިކޮށް ވާހަކަ ދެއްކީމާ ފުރަތަމަ އަފްޒަލަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ.

[ތީ ހަމަ ނަވާލްތަ؟ ތީ ނަވާލަށް ވެއްޖިއްޔާ، އަހަރެން ވަރަށް އުފާވެއްޖެ. ލިބިފައިވާ ހިތްދަތިކަންވެސް ފިލައިފި ކަހަލަ.] އަފްޒަލް ބުންޏެވެ.

[އަހަރެން ރަނގަޅުވީ ކަމަށް ޤަބޫލު ނުކުރެވޭދޯ؟ ދެންމެ ބުނީމެއްނު، ލިބިފައިވާ ހިތްދަތިކަންވެސް ފިލައިފި ކަހަލައޭ....ޝިޒްނާޔާ މައްސަލަ ޖެހުނީތަ؟] ނަވާލް އެއްސެވެ. ހުރިހާ ވާހަކައެއް ކިޔައިދޭން އެބަ އަންނަމޭ ބުނެފައި އަފްޒަލް ފޯނު ބާއްވާލިއެވެ. ޙަޤީޤަތުގައިވެސް ނަވާލް ރަނގަޅު ޞިއްޙަތަކަށް އިޢާދަވުމުން އަފްޒަލަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެއެވެ.

ހިތުގައިވާ ހިތާމަތައް އެހެން މީހަކަށް (ރަޙްމަތްތެރިޔާއަށް) ކިޔައިދިނުމަކީ ހިތަށް ލިބޭ ފަރުވާއެއް ކަމަށް ޤަބޫލު ކުރެވޭތީ، ފޯނު ކަނޑާލުމަށްފަހު، އޭނާ މިޞްރާބުޖެހީ ނަވާލްމެންގެ ގެޔަށް ދިޔުމަށެވެ. ފަހަކަށްއައިސް އޭނާއަށް ނަވާލްމެންގެއަށް ނުދެވޭތާ މިހާރު ދެހަފްތާއެއްހާ ދުވަސް ވެދާނެއެވެ.

[އަފްޒަލަށް އަހަރެން ރަނގަޅުވީކަމަށް ޤަބޫލެއްވެސް ނުކުރެވުނު. މިހާރު މިއަންނަނީއޭ ބުނީ....] ފޯނު ބޭއްވުމަށްފަހު ނަވާލް މަންމަ ގާތު ބުންޏެވެ.

[މަންމަ އަންނާނަން އަފްޒަލް އަންނަންވާއިރަށް ދެކުދީންނަށް ސައިހަދާފައި....] އަފްޒަލް އައިސް އެގެއަށްވަނީ މަރީނާ ބަދިގެއަށް ދިޔަތަނާހެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން