އިކޮނަމިކް މިނިސްޓްރީން ޚިދުމަތް ހޯދަން ގޮސްތިބި ބަޔަކު
އިކޮނަމިކް މިނިސްޓްރީން ޚިދުމަތް ހޯދަން ގޮސްތިބި ބަޔަކު
ކޯވިޑް-19 ގެ ސަބަބުން ސަރުކާރުގެ އޮފީސްތައް ބަންދު ކޮށްފައި ވީ ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް ދިނުމަށް ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު ނުވަޔަކުން މެންދުރު އެކެއް ޖަހަންދެން ވިޔަފާރި ރަޖިސްޓްރީކުރުމާ ގުޅޭ ޚިދުމަތްތައް ދޭނެ ކަމަށެވެ. އޭގެ ތެރޭގައި ވިޔަފާރި ނަން ފާސްކުރުމާއި، ރަޖިސްޓްރީކުރުމާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުމާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތި ކުރުމާއި، ލޯގޯއާއި ސީލް ރެޖިސްޓްރީކުރުމުގެ އިތުރުން ޓްރޭޑްމާކް ރަޖިސްޓްރީއާއި، ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ޚިދުމަތް ހިމެނެއެވެ.

މި ޚިދުމަތްތަކުގެ އިތުރުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް، މިނިސްޓްރީގެ ލައިވް ޗެޓް މެދުވެރިކޮށްވެސް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީގެ އިޢުލާންގައި ވަނީ ބުނެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދު ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމި ނަމަވެސް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ދިނުމަށް ހުޅުވަން ޖެހޭ އޮފީސްތައް ހުޅުވައިގެން ޚިދުމަތް ދެވޭނެ ކަމަށް ވަޒީރުންވަނީ ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން