ރާއްޖޭގައި ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއުތައް އަވަސްކޮށްދޭނެކަމުގެ ޔަގީންކަން އެ ގައުމުގެ ހާރިޖީ ވަޒީރު ވާންގް ޔެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދެއްވައިފިއެވެ.

އެ ޔަގީންކަން ދެއްވީ ރައީސް އޮފީހުގައި މިއަދު ދެ ބޭފުޅުން ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޗައިނާގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގެން އުޅުއްވަނީ އަމިއްލަ ދަތުރުފުޅެއްގައެވެ. ނަމަވެސް، ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ޗައިނާއަށް ވަޑައިގެންނެވުމުގެ ކުރިން މިއަދު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ޒިޔާރަތުގައި ރައީސް ޑރ. މުޢިއްޒު ވަނީ ޗައިނާއާއި ރާއްޖެއާދެމެދު އޮންނަ ގާތް ގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން، ސޯޝަލް ހައުސިން އާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ދިވެހި ރައްޔިތުންނަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަތައްކަން ފާހަގަ ކުރައްވައި، އެކަން ހައްލު ކުރުމަށް ޗައިނާގެ އެހީ ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އިގުތިސާދީ ހާލަތު ރަނގަޅު ކުރުމަށް މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީ ކުރުމަށް ވެސް ޗައިނާގެ އެހީތެރިކަން ބޭނުންވާކަމަށް ރައީސްވަނީ ވާންގް ގެ އަރިހުން އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ވާންގު ވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަދި ރައީސް މުޢިއްޒަކީ ޗައިނާއަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި، "ވަން ޗައިނާ" ޕޮލިސީއަށް ރާއްޖޭން ކުރާ ތާއީދު ފާހަގަ ކުރައްވާފައިވެއެވެ.

އަދި ރައީސް އެދިވަޑައިގެންނެވިގޮތަށް ރާއްޖޭގައި ޗައިނާއިން ހިންގާ މަޝްރޫއުތައް އަވަސް ކޮށްދެއްވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެކަމުގެ ޔަގީންކަން ވާންގް ވަނީ ރައީސަށް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން