ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުމާ ގުޅިގެން އެއްވެސް ވަރަކަށް ސާފު ބޯފެން ނުލިބުމުން ޣައްޒާގެ ރައްޔިތުން އެންމެ ފަހުން ކެއްކުމަށް އައިވީ ފްލުއިޑް ބޭނުންކުރަން ފަށައިފިއެވެ.

މިހާރު މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކަށް ބަލާއިރު ޣައްޒާގެ ރައްޔިތުން ދަނީ މަދު ކާއެތިކޮޅަކުން އެންމެންގެ ބަނޑުހައިހޫނުކަން ފިލުވުމަށް ކެއްކުމަށް ސާފު ބޯފެން ނުލިބުމުން އައިވީ ފުލުއިޑް އަޅައިގެން ކައްކަން ފަށާފައެވެ. ކާނާ ނުލިބޭ ހާލަތްތަކުގައި އެކި ކަހަލަ ގަސްގަހުން ފަތްތައް ބޭނުންކޮށްގެން އެ ރައްޔިތުން ދަނީ ކެއުންތައް ތައްޔާރުކުރަމުންނެވެ.

ހުއްޓުމެއްނެތި އިސްރާއީލުގެ ލާއިންސާނީ ސިފައިން ޣައްޒާގެ އެކި ހިސާބުތައް ސުންނާފަތިކުރަމުންދާއިރު މިހާރު ޣައްޒާގައި ސޭފް ޒޯންގެ ގޮތުގައި ކުރިން ކަނޑައެޅި އެއްވެސް ސަރަހައްދެއް ނެތްކަން ފާހަގަ ކުރެވެއެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގިނަ ރައްޔިތުން މިހާރު ބޯހިޔާވަހިކަން ހޯދަމުންދާއިރު ހަމަލާތަކުގައި ޒަހަމްވާ ފަރާތްތަކަށް މިހާރު ސިއްހީ އެއްވެސް ފަރުވާއެއް ނުލިބޭ ކަމަށްވެސް ރިޕޯޓްތައް ދަނީ ބުނަމުންނެވެ.

ހަނގުރާމައިގައި އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިތިބި މީހުން ހޯދުމަށް ހަނގުރާމަ ހުއްޓާލުމަށްވެސް ދެގައުމުން ދަނީ މަޝްވަރާކުރަމުންނެވެ. އެގޮތުން އިސްރާއީލާއި ހަމާސް ހަނގުރާމަ ހުއްޓާލުމާއި އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމާ "ވަރަށް ވަރަށް ގާތް" ކަމަށް އެމެރިކާގެ ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ ނަސްލު ނައްތާލުމުގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން ފަލަސްތީނުގެ 46،565 މީހުން މަރުވެ 109،660 މީހުން ވަނީ ޒަޚަމްވެފައެވެ. އެ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން