މަރްޔަމް ނަހްދާ ވަޙީދު   28 ޖެނުއަރީ 2025 - 3:19
ކެންސަރު ބައްޔަށް ފަރުވާ ކުރަނީ- ގޫގުލް އިމޭޖެސް
ކެންސަރު ބައްޔަށް ފަރުވާ ކުރަނީ- ގޫގުލް އިމޭޖެސް
ކެންސަރު ބައްޔަކީ މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ މީހުންގެ ފުރާނައަށް ނުރައްކާވާން މެދުވެރިވާ އެއް ބައްޔެވެ. މި ބަލި ޖެހިފައިވާކަން ވީހާވެސް އަވަހަށް ދެނެގަނެވުމަކީ ބައްޔަށް ފަރުވާ ހޯދައި ބަލިން ރައްކާތެރި ވުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ.

ކަން މިހެން އޮތް ނަމަވެސް ކެންސަރު ބަލީގެ އަލާމާތްތައް ފާހަގަ ކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އަދި ބައެއް ހާލަަތްތަކުގައި އެ އަލާމާތްތަކާއި އިންޒާރުތައް ފެނުނު ނަމަވެސް އެއަށް އެހާ ބޮޑު ސަމާލުކަމެއް ނުދީ ދޫކޮށްލެވޭ ފަހަރުވެސް އާދެއެވެ. މިފަހަރު މި ހިމަނާލަނީ މި ބަލީގެ ސަބަބުން ފެންނަ އަޅައިނުލާ ދޫކޮށްގެން ނުވާނެ ބައެއް އިންޒާރުތައް ނުވަތަ އަލާމާތްތަކެވެ.

ހަށިގަނޑުގައި ހުންނަ އާދަޔާ ހިލާފު ގޮށްތައް

ހަށިގަނޑުގެ ކޮންމެ ތަނެއްގައިވެސް އާދަޔާ ހިލާފު ގޮށްތަކެއް އުފެދުމަކީ ކެންސަރު ބަލީގެ އަލާމާތަކަށް ވެދާނެއެވެ. ހާއްސަކޮށް ކަރުން، ބަނޑުން، ހަށިގަނޑުގެ މަތީ ބައިން ނުވަތަ އުރަމަތިން މިފަދަ ގޮށްތަކެއް ފެނިއްޖެނަމަ އަޅާނުލާ ދޫކޮށްލުމުގެ ބަދަލުގައި ވަގުތުން ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

ކެއްސުން ނުވަތަ އަޑު ބަދަލުވުން

ދެ ހަފްތާއަށް ވުރެ ގިނަ މުއްދަތަކަށް ދެމިގެންދާ ކެއްސުމެއް ނުވަތަ އަޑަށް ބަދަލު އައުމަކީ ކަރުގެ ކެންސަރު ނުވަތަ ފުއްޕާމޭގެ ކެންސަރުގެ އަލާމާތްތަކަކަށް ވެދާނެއެވެ. އެހެންކަމުން މިފަދަ އަލާމާތްތަކެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހަންގަނޑަށް ބަދަލު އައުން

ހަންގަނޑަށް ބަދަލު އައުމަކީ ހަމުގެ ކެންސަރުގެ އަލާމާތަކަށް ވެދާނެއެވެ. އެގޮތުން ދިމާވެދާނެ ބައެއް މައްސަލަތަކުގެ ތެރޭގައި ހަމުގެ ކުލަ ބަދަލުވުން ނުވަތަ ހަން ބޯވުން ހިމެނެއެވެ. އެހެންކަމުން މިފަދަ ބަދަލުތަކެއް ފާހަގަ ކުރެވޭނަމަ ޑޮކްޓަރަށް ދައްކައި ޗެކް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އާދަޔާ ހިލާފަށް ލޭ އައުން

ހަށިގަނޑުން އާދަޔާ ހިލާފަށް ލޭ އައުން ނުވަގަ ބުރަކަށީގައި ރިއްސުމަކީ ކެންސަރުގެ އަލާމާތަކަށް ވެދާނެއެވެ. މިސާލަކަށް ބަލާނަމަ ކެއްސާއިރު ލޭއައުން، ހޮޑުލެވޭއިރު އޭގައި ލޭ ހުރުން، ނުވަތަ އަންހެނުންގެ އުރަމަތިން ލޭއައުން ފަދަ ކަންކަން ހިމެނެއެވެ. އެހެންކަމުން މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހަށިގަނޑުން ދޭ މިފަދަ އިންޒާރުތަކަށް ސަމާލުވެ ތިބުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. މި އަލާމާތްތައް ފެންނަ ކޮންމެ ފަހަރަކު އެއީ ކެންސަރު ޖެހިފައިވުމުން ވާކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް މިއިން އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ ކެންސަރު ބަލި އަވަހަށް ދެނެގަތުމަކީ ފަރުވާގެ ކާމިޔާބީއަށް ވަރަށް މުހިންމު ކަމަކަށްވާތީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން