ޝާން މުހައްމަދު   3 ފެބްރުއަރީ 2025 - 8:10
ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސީރިޔާ އާރާސްތުކުރުމަށް ސައުދީއިން އެހީވުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައި ވަނީ ސީރިއާގެ އާ ރައީސް، އަހުމަދު އަލް ޝަރާއާ ސައުދީ އަރަބިއްޔާއަށް ވަޑައިގެން އެގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ކުރެއްވި ބައްދަލުކުރެއްވުމުގަ އެވެ.

ރިޔާދުގައި ބޭއްވި މި މަޝްވަރާތަކަށް ރައީސް އަލް ޝަރާއާ އެކު ސީރިއާގެ ފޮރިން މިނިސްޓަރު އަސަދު އަލް ޝައިބާނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ވަލީއަހުދާ އެކު ބޭއްވި މި ބައްދަލުވުމަށްފަހު އަލްޝަރާ ވިދާޅުވީ ސައުދީ އަރަބިއްޔާއިން ސީރިއާގެ މުސްތަގުބަލު ބިނާކުރުމުގައި އެހީވުމުގެ ޝައުގުވެރިކަން އޮތްކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. ސީރިއާގެ ރައީސް އިތުރަށް ވިދާޅުވީ ރިޔާޟްގައި ބޭއްވި ބައްދަލުވުންތަކުގައި ހަކަތައާއި ޓެކްނޮލޮޖީއާއި ތައުލީމާއި ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ޕްލޭންތައްވެސް ކޮށްފައިވާ ކަމަށެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާގޮތުގައި ރައީސް އަލްޝަރާ އޭނާގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ރިޔާޒު އިހްތިޔާރުކުރެއްވީ ސައުދީ އަރަބިއްޔާއަށް ސީރިޔާއާއެކު ބާއްވާނެ މުހިންމު ގުޅުން އެނގިވަޑައިގަންނަވާތީ ކަމަށެވެ.

ގިނަ އަހަރުތަކެއް ވަންދެން ސީރިޔާގެ ރައީސްކަން ކުރެއްވި ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށްފަހު އަލްޝަރާ ސީރިޔާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވީ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހު އެވެ. އޭގެ ފަހުން ސީރިއާގެ އާ ވެރިކަމުން ވަނީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ އިތުބާރު ހޯދައި، ސީރިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލުމަށް މަސައްކަތް ފައްޓަވާފަ އެވެ.

މިދިޔަ ހަފްތާގައި ދިމިޝްގަށް ކުރެއްވި ދަތުރުފުޅުގައި ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން ވަނީ ސީރިއާއަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެހީތެރިވުމަށް ޔޫރަޕާއި އެމެރިކާއާ އެކު މަޝްވަރާތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ސީރިޔާގެ މިހާރުގެ ސަރުކާރުން އެ ގައުމު އަލުން އާރާސްތުކޮށް އެ ގައުމު ދުނިޔެއަށް އަލުން ހުޅުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން