ނިރުބަވެރި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ބައްދަލުކުރަމުން ދަނިކޮށް އެމެރިކާގެ ރައްޔިތުން ވައިޓް ހައުސް ދޮށަށް އެއްވެ އެކަމާ ދެކޮޅަށް މުޒާހަރާ ކޮށްފިއެވެ.

ޓްރަމްޕާ ބައްދަލުކުރަން ނަތަންޔާހޫ އައުމުން އެމެރިކާ ރައްޔިތުން ވަނީ އެއީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ބުނެ ނަތަންޔާހޫ ހައްޔަރުކުރުމަށް ގޮވާލާފައެވެ. މީގެ ކުރިންވެސް އެމެރިކާގެ އެކި ހިސާބުތަކުގައި އެގައުމުގެ ރައްޔިތުން ވަނީ އެމެރިކާއިން އިސްރާއީލަށް ތާއީދުކޮށް އެހީދޭތީ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކޮށްފައެވެ.

އަންގާރަ ދުވަހު ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގެ ކުރިން ޓްރަމްޕް ވަނީ ބައެއް އެގްޒެކެޓިވް އަމުރުތަކާއި އިރުޝާދުތަކުގައި ވެސް ސޮއި ކުރައްވާފައެވެ. އޭގެ ތެރެއިން ބައެއް އަމުރުތަކަކީ ނަތަންޔާހޫއާ ހިއްސާކުރާ ލަނޑުދަނޑިތަކާ ގުޅޭ އަމުރުތަކެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އދ.ގެ ތަޖުރިބާކާރުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުންވެސް ވަނީ އިސްރާއީލުން ފަލަސްތީނުގައި ހިންގަނީ އަސްކަރީ ކެމްޕޭނެއް ކަމަށާއި ނަސްލު ނައްތާލުމުގެ ހަރަކާތެއް ކަމަށް ބުނެފައެވެ. ނަމަވެސް އެމެރިކާ އަދިވެސް އޮތީ އިސްރާއީލުގެ އަދި ނަތަންޔާހޫގެ ސަރުކާރުގެ ވަރުގަދަ އެކުވެރިއެއްގެ ގޮތުގައެވެ.

ޣައްޒާގައި ކުރިއަށް ދިޔަ ހަނގުރާމަތައް މިހާރު ހުއްޓުމަކަށް އައިސްފައިވާއިރު، ފާއިތުވި 15 މަސް ދުވަހު އިސްރާއީލުން ވަނީ ފަލަސްތީނުގެ ބިންތަކުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަންތަކެއް ހިންގައި 61،700 އަށްވުރެ ގިނަ މީހުން މަރާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން