ސައުދީ އިން ހަދިޔާ ކުރި ކަދުރު ބަހަނީ
ސައުދީ އިން ހަދިޔާ ކުރި ކަދުރު ބަހަނީ
މިއަހަރު ސައުދީއިން ހަދިޔާކުރި ކަދުރު ހޯދުމަށް ނަންނޯޓު ކުރި އެއްވެސް ޖަމިއްޔާއަކަށް އަދި ކަދުރު ދޫކޮށްފައިނުވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.

މިނިސްޓްރީން މިއަދު ވަނީ 1446 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންނަށް ސައުދީ އަރަބިއާއިން ހަދިޔާކުރި ކަދުރުތަކާ ގުޅޭ ތަފާސް ހިސާބުތައް ހާމަކޮށްފައެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 19 ޖަމިއްޔާއަކުން ކަދުރު ހޯދުމަށް ނަންނޯޓު ކޮށްފައިވެއެވެ. ނަމަވެސް އެއްވެސް ޖަމިއްޔާއަކަށް ކަދުރު ދޫކުރެވިފައި ނުވާކަމަށް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މިއަހަރު މިނިސްޓްރީން ވަނީ މުޅިއެކު 22163 ޕެކެޓު ކަދުރު ދޫކޮށްފައެވެ. އަދި ކަދުރުތައް ދޫކުރެވުނު ގޭބިސީތަކުގެ އަދަދު 102712 އަށް އަރާކަމަށް މިއަދު ހާމަކުރި ތަފާސް ހިސާބުތަކުން އެނގެއެވެ.

އޭގެ ތެރެއިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 46251 ގޭބިސީއަކަށް ކަދުރު ދޫކުރެވިފައި ވެއެވެ. އެއީ 11375 ޕެކެޓު ކަދުރެވެ.

އަދި ކައުންސިލްތަކުގެ 56461 ގޭބިސީއަކަށް ކަދުރު ދޫކުރެވިފައި ވެއެވެ. އެއީ 10788 ޕެކެޓު ކަދުރެވެ.

ގޭބިިސީތަކަށް ކަދުރު ބަހަނީ، އެ ގޭބިސީއެއްގެ ކަރަންޓު މީޓަރުގެ ނަންބަރަށާއި، ކަދުރާ ހަވާލުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުއެވެ.

ސައުދީ އަރަބިއްޔާ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާންމަހާ ދިމާކޮށް ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ. އެގޮތުން މިއަހަރު ސައުދީއިން ރާއްޖެއަށް ހަދިޔާ ކުރީ 50 ޓަނުގެ ކަދުރު ކަމަށް މީގެ ކުރިން މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން