ހަނގުރާމަ ހުއްޓާލުމަށް ވި އެއްބަސްވުމާ އެއްގޮތަށް، ފަލަސްތީނުގެ 183 އަސީރުން މިނިވަންކޮށް ޣައްޒާގެ ނެޓްޒާރިމް ކޯރިޑޯ ސަރަހައްދުން ނިރުބަވެރި އިސްރާއީލު ސިފައިން ފައިބަން ފަށައިފިއެވެ.

ބޭރުގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި އިސްރާއީލުގެ ސިފައިން ޣައްޒާގެ ސަރަހައްދު ދެ ބަޔަކަށް ކަނޑާލާފައިވާ ނެޓްޒާރިމް ކޯރިޑޯގެ އަސްކަރީ ސަރަހައްދުން މިހާރު އަންނަނީ ވަކިވަމުންނެވެ. އަދި މި ހަފްތާގެ ހުކުރު ދުވަހުގެ ހެނދުނުގެ ނިޔަލަށް އިސްރާއީލުގެ ސިފައިން މި ސަރަހައްދުން އެއްކޮށް ފައިބާ ނިންމާނެ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެ އެވެ.

މި ސަރަހައްދުން އިސްރާއީލު ސިފައިން ފައިބަނީ ހަމާސް ޖަމާއަތުން އިސްރާއީލުގެ ތިން އަސީރުން މިނިވަން ކުރުމާ ގުޅިގެންނެވެ. މިއީ އަސީރުން މިނިވަން ކުރުމަށް ހިންގި ފަސްވަނަ ބަދަލުކުރުންކަން ފާހަގަ ކުރެވެއެވެ.

ފަލަސްތީނުގެ ބައެއް ބިންތަކުން އިސްރާއީލުން ފޭބި ނަމަވެސް އެ ގައުމުގެ ނިރުބަވެރި ސިފައިން ދަނީ ލުބުނާނާއި ސީރިއާއަށް ވަރުގަދަ ހަމަލާތައް ދެމުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެންމެ ފަހުން މި ދެ ގައުމަށް ދިން ހަމަލާތަކުގައިވެސް ލުބުނާނުގެ ހަ މީހަކު ވަނީ މަރުވެފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި 48،181 މީހުން މަރުވެ 111،638 މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފަލަސްތީނުގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާގޮތުގައި އިމާރާތްތަކުގެ ދަށުވެފައިވާ މީހުންގެ ތެރެއިން އަދި ހޯދިފައި ނުވާ މީހުންނާއި އިސްރާއީލުން މަރާލާފައި ބޮޑެތި އާއިލާތަކުގެ އެންމެން ހިމެނޭ ގޮތަށް މި ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ބެލެވޭ މީހުންގެ އަދަދު މަދުވެގެން 61،709 އަށް އިތުރުވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން