އެއްގަމު އުޅަނދު ފަހަރު ދުއްވާއިރު ހެލްމެޓް އަޅަން ލާޒިމްނުވާ ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އުޅޭ ފަރާތްތައް ބަލައި ފާސްކުރާނެ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެލްމެޓް އެޅުން ގާނޫނުތަކުން ލާޒިމުކޮށްފައިނުވާ ސަރަހައްދުތަކުގައި، ކާކުކަން ވަންހަނާކޮށްގެން ކުށްކުށަށް އަރައިގަތުމުގެ ނިޔަތުގައި ހެލްމެތް އަޅައިގެން ބައެއް މީހުން އުޅޭކަމަށާއި އަދި ހިދުމަތް ދޭ ތަންތަނަށާއި ވިޔަފާރިކުރާ ތަންތަނަށް ވަދެހަދާކަން އަނެއްކާވެސް ފާހަގަކުރެވިފައިވާ ކަމަަށެވެ. އެހެންކަމުން ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރާނެ ކަމުގައި ފުލުހުން ބުންޏެވެެ.

ފުލުހުން ބުނީ ސައިކަލު ފަދަ އުޅަނދު ދުއްވާއިރު، އުޅަނދު ދުއްވަން އިންނަ މީހާ އާއި އުޅަނދުގެ ފަހަތުގައި އިންނަ މީހާ ހެލްމެޓް އެލުން ލާޒިމްކޮށްފައި ވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް އެއްގަމު އުޅަނދު ދުއްވަން ހުއްދަކޮށްފައިވާ ސަރަހައްދުތަކުގައި ކަމަށެވެ.

އެގޮތުން، އެ ސަރަހައްދުތަކުގައި އުޅަނދު ދުއްވޭ ބާރުމިން އަންގައިދޭ ބޯޑެއް ހަރުކޮށްފައި ހުންނާނެ ކަމަށްވެސް ފުލުހުން ބުނެއެވެ. ފުލުހުން ބުނިގޮތުގައި މީގެފަހުން ހެލްމެޓް އެޅުން ލާޒިމުކުރާ ސަރަހައްދުތައް ފިޔަވައި އެހެނިހެން ސަރަހައްދުތަކުގައި ހެލްމެޓް އަޅައިގެން އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ފާރަވެރިވެ ތުހުމަތުކުރެވޭ މީހުން ހުއްޓުވައި ބަލައި ފާސްކުރާނެއެެވެ.

"މިއީ، އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާން ވެއްޓެއް ގާއިމުކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް.،" ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން