ސިކުނޑީގައިވެސް މައިކްރޯޕްލާސްޓިކު ހުރޭ- ގޫގުލް އިމޭޖެސް
ސިކުނޑީގައިވެސް މައިކްރޯޕްލާސްޓިކު ހުރޭ- ގޫގުލް އިމޭޖެސް
ދިރިއުޅުމުގެ އެކި ކަންކަމުގައި ޕްލާސްޓިކު ބޭނުން ކުރުމުގެ ސަބަބުން މީހާ ދިރިއުޅޭ މާހައުލާއި، ވަށައިގެންވާހާ އެއްޗެއްގައި ކޮންމެވެސް ވަރަކަށް މައިކްރޯޕްލާސްޓިކު ހުރެއެވެ. އަދި މީގެ ތެރެއިން ބައެއް މައިކްރޯޕްލާސްޓިކުތައް މީހާގެ ހަށިގަނޑުގެ ތެރެއަށްވެސް ވަދެއެވެ. ނަމަވެސް މުޅި ހަށިގަނޑަށް ބަލާއިރުވެސް އެންމެ ގިނައިން މައިކްރޯ ޕްލާސްޓިކު ހަރުލާފައި ހުންނަނީ މީހާގެ ސިކުނޑީގައި ކަން ދާދި ފަހުން ހެދި ދިރާސާއަކުން ވަނީ ހޯދިފައެވެ.

އިންސާނާގެ ސިކުނޑީގައި މައިކްރޯޕްލާސްޓިކު ހުރޭތޯ ދެނެގަތުމަށްޓަކައި ޔުނިވާރސިޓީ އޮފް ނިއު މެކްސިކޯގެ ދިރާސާވެރިން ވަނީ ދާދި ފަހުން ދިރާސާއެއް ކޮށްފައެވެ. ނޭޗަރ މެޑިސިން ގައި ޝާއިއު ކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި އިންސާނުންގެ ސިކުނޑީގައި ސަމުސަލެއްގެ މައިކްރޯޕްލާސްޓިކު ހުރެއެވެ.

އަދި ޑިމެންޝިއާ (ހަނދާން ނެތޭ ބަލި) ހުންނަ މީހުންގެ ސިކުނޑީގައި މައިކްރޯޕްލާސްޓިކު ހުންނަ މިންވަރު އާދައިގެ މީހުންނާ އަޅާކިޔާއިރު ބޮޑު ކަމަށްވެސް މި ދިރާސާއިން ވަނީ ހޯދިފައެވެ. އެގޮތުން ބަލާއިރު ޑިމެންޝިއާ ހުންނަ މީހުންގެ ސިކުނޑީގައި ފަސް ގުނަ އިތުރަށް މައިކްރޯޕްލާސްޓިކު ހުންނަ ކަމަށް މި ދިރާސާއިން ވަނީ ހޯދިފައެވެ.

އެހެންކަމުން މި ދިރާސާގެ ނަތީޖާ ތަކަށް ބަލާއިރު މައިކްރޯޕްލާސްޓިކު އާއި ސިކުނޑީގެ ތަފާތު އެކި ބަލިތަކާ ކޮންމެވެސް ވަރެއްގެ ގުޅުމެއް ވާކަން މިވަނީ ދެނެގަނެވިފައެވެ.

މީގެ އިތުރުން މި ދިރާސާގެ ހޯދުންތަކުން އެނގޭ ގޮތުގައި އަހަރެެއް ފާއިތުވާއިރު، މީހުންގެ ސިކުނޑީގައި މައިކްރޯޕްލާސްޓިކު ހުންނަ ވަރު ދަނީ އިތުރު ވަމުންނެވެ. އަދި މިގޮތަށް ސިކުނޑީގައި މައިކްރޯޕްލާސްޓިކު ހުންނަ ވަރު އިތުރުވަނީ މީހުން ޕްލާސްޓިކު ބޭނުން ކުރާ ވަރު ދުވަހުން ދުވަހަށް އިތުރުވާތީ ކަމަށް ދިރާސާވެރިން ވަނީ ބުނެފައެވެ.

މައިކްރޯޕްލާސްޓިކަކީ އިންސާނާގެ ހަށިގަނޑަށް ނުރައްކާތެރި އެއްޗެއްކަން މީގެ ކުރިންވެސް ވަނީ ވަރަށް ގިނަ ހޯދުންތަކުން އެނގިފައެވެ. އެގޮތުން ބަލާއިރު މީގެ ސަބަބުން ދިމާވާ ބައެއް މައްސަލަތަކުގެ ތެރޭގައި ހަށިގަނޑު އިންފްލެމޭޓު ވުމާއި، ހަށިގަނޑުގެ ސެލްތައް ހަލާކުވުމާއި، ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތްތަކަށް ބުރޫ އަރައި، މީހާގެ ދިފާއީ ނިޒާމަށް ބުރޫ އެރުން ހިމެނެއެވެ.

މީގެ އިތުރުން ޕްލާސްޓިކުގެ ސަބަބުން ހިތުގެ ބަލިތަކާއި، ސްޓްރޯކު ޖެހުމާއި ބައެއް ކަހަލަ ކެންސަރުތައް ޖެހުމުގެ ރިސްކު އިތުރުވާ ކަމަށްވެސް ދިރާސާތަކުން ވަނީ ހޯދިފައެވެ.

ދިރާސާވެރިން ބުނެފައިވަނީ މި ދިރާސާގެ ނަތީޖާތަކުން ދައްކައިދެނީ މައިކްރޯޕްލާސްޓިކް އިންސާނުންގެ ހަށިގަނޑަށް ވަންނަ މިންވަރު މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމެވެ. އޭގެ ތެރޭގައި ޕްލާސްޓިކް އުފެއްދުމާއި ބޭނުންކުރުން މަދުކުރުމާއި، ޕްލާސްޓިކް ރީސައިކަލްކުރުން އިތުރުކުރުން ހިމެނެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން