ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާ (ކ)
ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާ (ކ)
މއ. އެދުރުގޭ ހަސަން ޝާހިދު މަރާލި މައްސަލާގައި ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާގެ މައްޗަށް އިއްވާފައިވާ އުމުރު ދުވަހުގެ ޖަލު ހުކުމް ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

މި މައްސަލާގައި ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓަށް މައިގަނޑު 5 ނުކުތާއެއް ހުށައެޅިއެވެ. އޭގެއިތުރުން ނަޒާހާ ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ޝާހިދަށް ހަމަލާދިނީ ފެށުނީންސުރެ ޝާހިދުގެ ފަރާތުން ނަޒާހާއަށް ލިބެމުންދިޔަ ގެވެށި އަނިޔާއާއި ޖިންސީ އަނިޔާތަކުގެ ސަބަބުން ކޮށްފައިވާ އަސަރުގެ ސަބަބުން ކަމަށެވެ. އަދި އެއީ ގަސްދުގައި ނަޒާހާ ޝާހިދަށް ދިން ހަމަލާއެއް ނޫން ކަމަށް ނަޒާހާގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށްދިޔަ މައްސަލައިގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާންގެ ރަޢުޔަކީ ހައިކޯޓާއި ދަށު ކޯޓުގެ ހުކުމަށް ބަދަލު ނުގެނައުމެވެ. އެ ރައުޔަށް، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ވަނީ ތާއީދު ކުރަށްވާފައެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރު އިއްވި ޙުކުމްގައި ބުނެފައިވަނީ ނަޒާހާ ޝާހިދަށް ހަމަލާދިނީ ބުއްދިއަށް އުނިކަން އައިސްފައިވާ ހާލަތެއްގައި ނުވަތަ ނަފްސުގެ ދިފާއުގައި ކަމަށް ނަޒާހާ ބުނި ނަމަވެސް އެކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް އޭނާގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އެ މައްސަލައިގެ ހުކުމް އިއްވި ފަހުން ގާނޫނަށް އައިސްފައިވާ އިސްލާހުތަކުގެ ސަބަބުން ނަޒާހާގެ އަދަބަށް ލުޔެއް ލިބޭތޯ ބަލާއިރު އެފަދަ ލުޔެއް ލިބިދެވޭނެ ތަނެއްވެސް ނެތް ކަމަށެވެ.

ހަމައެއާއެކު ނަޒާހާގެ ފަރާތުން ނަގާ ދިފާއަކީ އޭނާއަކީ 'ބެޓާޑް ވިމެން ސިންޑްރޮމް' ތަހަންމަލު ކުރަމުންދާ މީހެއް ކަމަށާއި ޝާހިދަށް ހަމަލާދެވުނީ އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ބުނި ނަމަވެސް ނަފްސު ދިފާއުވުމުގެ ހައްގު އުފަންވަނީ ހަމަލާދޭ ވަގުތު ކަމަށާއި ހަމަލާދޭތާ އެތައް އިރެއް ފަހުން ދޭ ހަމަލާއަކީ ދިފާއުގައި ދޭ ހަމަލާއަކަށް ނުވާނެ ކަމަށް އެ ޙުކުމްގައި ވެއެވެ. އަދި އޭރުން އެ ދޭ ހަމަލާއަކަށް އެ މީހަކު ޖިނާއީ ޒިންމާ އުފުލަންޖެހޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ނިންމާފައިވެއެވެ.

އޭގެއިތުން އިސްލާމީ ޝަރީއަތުގައި ކިތަންމެ ބޮޑު މަޖުބޫރު ކަމެއް ކުރިމަތިވިޔަސް މީހަކު މަރާނުލެވޭނެ ކަމަށް 3 ފަޑިޔާރުންގެ އަޣުލަބިއްޔަތުން އިއްވި ޙުކުމްގައިވެއެވެ.

ނަމަވެސް މިމައްސަލާގައި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ޑރ. މުހައްމަދު އިބްރާހީމްގެ ރަޢުޔުގައިވަނީ އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށެވެ.

22 ޖޫން 2010ގައި ޝާހިދު މަރުވީ އޭނާގެ ބުރަކައްޓަށް ވަޅިއެއް ބޭނުންކޮށްގެން ނަޒާހާ ދިން ޙަމަލާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވެ، ނަޒާހާ 25 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމްކުރީ 2011 ގައެވެ.

ނަޒާހާގެ މައްޗަށް މަރުގެ ކުށް ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް ދަށު ކޯޓުން މަރުގެ ހުކުމް އިއްވާފައި ނުވަނީ ޝާހިދުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން މީހުން އެކަމަށް އިއުތިރާޒު ކުރުމުންނެެވެ. އެމީހުން ބުނެފައި ވަނީ މަރަށް މަރު ހިފަން ވެސް އަދި ނަޒާހާގެ ފަރާތުން މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންވެ ތައުޒީރީ އަދަބެއްގެ ގޮތުން އޭނާގެ މައްޗަށް އިއްވާފައިވަނީ 25 އަހަރުގެ ޖަލު ޙުކުމެކެވެ.

އެމައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. ހައިކޯޓުން ނަޒާހާގެ މައްސަލަ ނިންމީ މޭ 31، 2015 ގައެވެ. ޖިނާއީ ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައިވަނީ އޭގެ ހަ އަހަރު ފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން