ބަރުދަން ލުއިކުރަން ބޭނުން ކުރާ ބޭސް އޮޒެމްޕިކް- ގޫގުލް އިމޭޖެސް
ބަރުދަން ލުއިކުރަން ބޭނުން ކުރާ ބޭސް އޮޒެމްޕިކް- ގޫގުލް އިމޭޖެސް
އޮޒެމްޕިކް އަދި މޮންޖާރޯފަދަ ބޭސްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ބަރުދަން ލުއި ކުރުމަށްޓަަކައި ބޭނުން ކުރަމުންދާ ބޭސްތަކެކެވެ. މި ބޭސްތަކުގެ ސަބަބުން އެމީހުންގެ ބަރުދަނަށް ބޮޑެތި ބަދަލުތަކެއް އައިސް، ބޭނުންވާ ގޮތަށް ހަށިގަނޑު ބައްޓަން ކުރެވުނު ކަމުގައި ވީނަމަވެސް، މީގެ ސަބަބުން ހަށިގަނޑަށް ގެއްލުންވާ ފަހަރުވެސް އާދެއެވެ.

ބަރުދަން ލުއިކުރަން ބޭނުންކުރާ ބޭސްތަކުގެ ސަބަބުން މީހާގެ ލޮލުގެ ފެނުމަށް އަސަރު ކުރާކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން ވަނީ ދައްކައިފައެވެ. ޖާމާ އޮޕްތެލްމޮލޮޖީ ގައި ޝާއިއު ކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި މި ބޭސްތަކުގައި ހިމެނޭ ބައެއް މާއްދާތަކުގެ ސަބަބުން ލޮލުގެ މައްސަލަތަކެއް ދިމާވެ، އޭގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރު ކުރެއެވެ.

މި މައްސަލަތައް ދިމާވަނީ މި ބޭސްތަކުގައި ހިމެނޭ މާއްދާތަކެއް ކަމަށްވާ ސެމަގްްލޫޓައިޑު އަދި ޓާޒެޕްޓައިޑުގެ ސަބަބުންނެވެ. އެގޮތުން މި ދިރާސާއިން ހޯދިފައިވާ ގޮތުގައި މި މާއްދާތަކުގެ ސަބަބުން ދިމާވާ އެންމެ ބޮޑު މައްސަލައަކީ ނަންއާޓެރިޓިކް އެންޓީރިއާ އިސްކީމިކް އޮޕްޓިކް ނިއުރޯޕަތީ (އެންއޭއައިއޯއެން) އެވެ.

އެންއޭއައިއޯއެން އަކީ ލޮލުގެ ސްޓްރޯކުގެ ވައްތަރެކެވެ. މި މައްސަލަ ދިމާވަނީ ލޮލުގެ އޮޕްޓިކް ނާރަށް ލިބެންވާ މިންވަރަށް ލޭ ނުލިބުމުގެ ސަބަބުންނެވެ. އަދި މިކަމުގެ ސަބަބުން ބައެއް ފަހަރު ލޮލުގެ ފެނުން އެއްކޮށް ދާކަމަށް ދިރާސާވެރިން ބުނެއެވެ.

މި ދިރާސާގެ ހޯދުންތަކުން ފެނިފައިވާ ގޮތުގައި މި ބޭސްތައް ބޭނުން ކުރާނަމަ ލޮލުގެ ރެޓިނާއަށްވެސް ސްޓްރޯކު ޖެހެއެވެ. މި ހާލަތުގެ ސަބަބުން އެއް ލޮލުން ދާއިމީ ގޮތަކަށް ފެނުން ދިއުމަށް މެދުވެރިވާ ކަމަށް ދިރާސާ ވެރިން ބުނެފައި ވެއެވެ.

މީގެ އިތުރުން މި ބޭސްތައް ބޭނުން ކުރާނަމަ މީހާގެ އޮޕްޓިކް ނާރު ދުޅަވާ ކަމަށްވެސް ދިރާސާއިން ވަނީ ހޯދިފައެވެ. ނަމަވެސް މި މައްސަލަ ދިމާވާ މީހުންގެ ލޮލުގެ ފެނުމަށް އަސަރު ނުކުރާކަމަށް ދިރާސާވެރިން ބުނެއެވެ.

ދިރާސާވެރިން ބުނާ ގޮތުގައި މި މައްސަލަތައް ދިމާވަނީ ބޭސް ބޭނުން ކުރުމުގެ ސަބަބުން ކުއްލި ގޮތަކަށް ލޭގެ ޕްރެޝަރު ދައްވާތީއެވެ. އަދި މިކަމުގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވާ މިންވަރަށް އަސަރުކޮށް، ސިއްހީ މައްސަލަތައް ދިމާވެއެވެ.

މި ދިރާސާއިން ހާމަވެގެންދަނީ ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބޭސްތަކުގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރުކޮށްފާނެކަމެވެ. ނަމަވެސް މި ބޭސްތަކުގެ ފައިދާ އޭގެ ގެއްލުމަށްވުރެ މާ ބޮޑުކަމަށް ޑޮކްޓަރުން ދެކެއެވެ. އެހެންކަމުން، މި ބޭސްތައް ބޭނުންކުރާއިރު ޑޮކްޓަރުގެ ލަފަޔާ އެއްގޮތަށް އަމަލުކުރުމަކީ މުހިންމުކަމެކެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން