ނިރުބަވެރި އިސްރާއީލުގެ ލާއިންސާނީ ސިފައިން ޣައްޒާގެ މެދުތެރޭގައި ކުޑަކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

ބޭރުގެ މީޑިޔާއެއް ކަމަށްވާ އަނަޑޯލޫ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ޣައްޒާގެ މެޑިކަލް އޮފިޝަލަކު ވިދާޅުވީ ޣައްޒާގެ މެދުތެރޭގައި ހިނގި މި ހާދިސާގައި ކުޑަކުއްޖަކާއެކު ފަލަސްތީނުގެ ދެ މީހަކުވެސް ޝަހީދުވެފައިވާ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ސްނައިޕަރުން ބަޑިޖަހައި ފަލަސްތީނުގެ މީހަކު ޝަހީދުކޮށްލާފައިވާއިރު، އޭނާގެ ހަށިގަނޑު ފެނިފައިވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހްގައި ހުންނަ ބުރެއިޖް ރެފިއުޖީ ކޭމްޕުންނެވެ.

މި ހާދިސާގެ އިތުރުން ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި އިސްރާއީލު ސިފައިން ދޫކޮށްލި ހަތިޔާރެއް ގޮވުމުގެ ސަބަބުން ކުޑަކުއްޖަކުވެސް ޝަހީދުވެފައިވާ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސުލްހައިގެ އެއްބަސްވުމަށް ފަހު ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ބިންތަކުން ފައިބަމުން ދިޔަ ނަމަވެސް އެމީހުން ދަނީ ބައެއް ކަހަލަ ގޮވާތަކެތި ފަލަސްތީނުގެ ބިންތަކަށް ދޫކޮށްލާފައެވެ. މީގެ ސަބަބުން ބައެއް މީހުންގެ ފުރާނަތައް ދަނީ ގެއްލެމުންނެވެ.

މިދިޔަ މަހު އދ.ގެ މައިން އެކްޝަން ސާވިސް (ޔޫއެންއެމްއޭއެސް)ގެ ޑިރެކްޓަރު ލޫކް އިރްވިންގް ވަނީ ޣައްޒާ އާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ގިނަ އަދަދެއްގެ ނުގޮވާ އޯޑަނަންސްގެ ނުރައްކާ އޮތް ކަމުގެ އިންޒާރު ދެއްވާފައެވެ.

މިފަދަ ގޮވުންތަކުގައި ޝަހީދުވި ނުވަތަ ޒަހަމްވި މީހުންގެ ސީދާ އަދަދު އަދިވެސް ސާފެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން